بســم اللّـه الرّحمـن الرّحيــم
އަޅުގަނޑު މިއަދު ތިޔަ އެންމެހައި ބޭފުޅުންނާ މި ބައްދަލުކޮށްލީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެހެން، ރޭޑިއޯއާއި ޓީ.ވީ.އަކީ ވަރަށް މުހިންމު ދެ ވަސީލަތް. މިހާރު ޢަމަލީގޮތުން ބަލާއިރުވެސް ވަރަށް މުހިންމު މަސްއޫލިއްޔަތުތަކެއް އުފުލަން ޖެހިފައިވާ ދެފަރާތް. ކުރިއާ ކުޑަކޮށް ތަފާތުކޮށް މިހާރު ހުރިހާ ކަމެއްވެސް މިދަނީ. ސަރުކާރުން އަހަންމިއްޔަތުދޭ ކަންތައްތައްވެސް މިހާރު ކުރިއާ ތަފާތު. ރޭޑިއޯއާއި ޓީ.ވީ. އެއީ، އަޅުގަނޑަށް ހީވަނީ ކޮންމެ ޤައުމެއްގެވެސް ވަރަށް މުހިންމު އެއްޗެއްހެން. ޤައުމުގެ މޫނުބަލާ ލޯގަނޑޭވެސް ބުނެވިދާނެ. އެއިން އެ ފެންނަނީ ޤައުމުގެ އެކިއެކި ކަންތައްތައް ވަމުންދާގޮތް. އެހެންވީމާ، އަޅުގަނޑުމެންވެސް މިހާރު ރޭޑިއޯއަށާއި ޓީ.ވީ. އަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދޭން ޖެހިފައިވަނީ، އަޅުގަނޑުމެންގެ ޤައުމުގެ މޫނުބަލާ ލޯގަނޑު ކަމަށްވާތީ. ޚާއްޞަކޮށް، މިހާރު ދިވެހިރާއްޖެއަކީ ބޭރު ދުނިޔެއަށްވެސް ހިސާބަކަށްނަމަވެސް ތަޢާރުފްވަމުންދާ ޤައުމެއް. އަދި ބޭރު ޤައުމުގެ އެކިއެކި ފެންވަރުގެ ބޭފުޅުން އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެބައުޅުއްވާ. އަދި ވަރަށް ގިނަގިނައިން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވަމުންވެސް ގެންދަވަނީ.
އެހެންވީމާ، އަޅުގަނޑުމެން ރޭޑިއޯއާއި ޓީ.ވީ.ގެ ކަންތައް އިހަށްވުރެ، ވަރަށް ބޮޑުތަން މިހާރުވަނީ ރަނގަޅުކުރަން ޖެހިފައި. އެއީ އަޅުގަނޑު ދެކޭގޮތުގައި އެންމެންގެވެސް މަސްއޫލިއްޔަތެއް. މިދެންނެވީ މި ދާއިރާގައި އުޅޭ އެންމެންގެވެސް މަސްއޫލިއްޔަތެއް، ރޭޑިއޯއާއި ޓީ.ވީ.ގެ ޚިދްމަތްތައް މިހާރަށްވުރެ ރަނގަޅުކުރެވޭތޯ ބެލުން. ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގެވެސް އަދި ދިވެހިރާއްޖޭގެ އަޑުގެވެސް އަދި ޓީ.ވީ.ގެވެސް، މިހުރިހާ ތަނެއްގައި އުޅުއްވާ ހުރިހާ މުވައްޒަފުންގެ ވަރަށްބޮޑު މަސްއޫލިއްޔަތަކަށްވޭ. ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެއް އެބައޮތް މިތާނގައި. ހަމައެކަނި އެކަމަކީ އެ ތަންތާނގެ ވެރިންގެ މަސްއޫލިއްޔަތެއް ކަމުގައި ބަލައިގެން އަޅުގަނޑުމެންނަށް ކަންތައްތައް ރަނގަޅުކުރެވޭކަށް ނޯންނާނެ. ކޮންމެ މުވައްޒަފަކުވެސް އެމީހެއްގެ ވާޖިބުތައް ރަނގަޅަށް ދަނެގެން، އެމީހެއްގެ މަސްއޫލިއްޔަތަކީ ކޮބައިކަން އެމީހަކަށް ރަނގަޅަށް ވަޒަންކުރެވިގެން، އަޅުގަނޑުމެންނަށް މި ރޭޑިއޯއާއި ޓީ.ވީ.ގެ ކަންތައްވެސް މިހާރަށްވުރެ ރަނގަޅުކުރެވޭނީ. މިހާރުވެސް ހުރިހާ ބޭފުޅުންވެސް ވަރަށް ބޮޑަށް އެގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އަޅުގަނޑު ދެކެން. އެގޮތް އަޅުގަނޑު ގަބޫލުކުރަން.
އެހެންވީމާ، ރޭޑިއޯއާއި ނުވަތަ ދިވެހިރާއްޖޭގެ އަޑާއި ޓީ.ވީ.ގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެކަމުގެ މުހިންމުކަން ހުރިހާ މުވައްޒަފުންނަށް އެނގޭކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް ވަޒަންކުރެވޭ. އަދި ކަންތައްތައް އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރެއްވޭތޯ ބައްލަވަމުން ގެންދަވާކަންވެސް އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، އަޅުގަނޑުމެން އަދިވެސް މިއަށްވުރެވެސް ބޮޑަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް އަޅުގަނޑު ދެކެން. ވަރަށްގިނަ ނުކުތާތަކެއް އެބަހުރި، އަޅުގަނޑު ނޯޓްކޮށްލާފައި، ތިޔަބޭފުޅުންނަށް ދަންނަވަން. އެހެންނަމަވެސް، ވަގުތު ހީއެއްނުވޭ، ތަންދޭނެހެންނެއް. އެހެންނަމަވެސް، ކޮންމެވެސްވަރެއް ކުރެވޭތޯ އަޅުގަނޑު ބަލާނަން.
އެންމެ ފުރަތަމަ އަޅުގަނޑު މުހިންމުކަން ދޭން މިއަދު ބޭނުންވަނީ ޚަބަރާ ދޭތެރޭގައި. އެއީ ޚަބަރަކީ ކޮންމެ ތަނެއްގެވެސް، ރޭޑިއޯއާއި ޓީ.ވީ.އާއި ނޫސްތަކަށް، ނޫނީ އެހެން ޢިބާރާތަކުން ދަންނަވަންޏާ، މާސް މީޑިއާ. މާސް މީޑިއާގެ އެންމެ މުހިންމު ބައި. އެހެންވީމާ، ޚަބަރު އެއީ އެހެން ހުރިހާ ޕްރޮގްރާމަކަށްވުރެ ރަނގަޅުވާންޖެހޭނެ ޕްރޮގްރާމެއް. މިދެންނެވީ އެހެން ޕްރޮގްރާމްތައް އިހުމާލުކުރާ ވާހަކައެއް ނޫން. އެހެން ޕްރޮގްރާމްތަކަށް ސަމާލުކަންދޭން ނުޖެހޭނެ ވާހަކައެއް ނޫން. އެ ހުރިހާ ޕްރޮގްރާމަކަށްވެސް ދޭ ސަމާލުކަމަށްވުރެ އިތުރު ސަމާލުކަމެއް ޚަބަރަށް ދޭންޖެހޭނެ ވާހަކަ. އެއީ ޤައުމުގެ އެންމެ މުހިންމު ކަންތައްތައް ދައްކައިދޭ އެއްޗަކީ ޚަބަރު. ކޮންމެ ދުވަހެއްގެވެސް ޚަބަރު އަހަން ވަރަށްގިނަ މީހުން އެގަޑީގައި ރޭޑިއޯތައް ހުޅުވާނެ. ޓީ.ވީ.ތައްވެސް ހުޅުވާނެ. އެގަޑިއަށް އިންތިޒާރުކޮށްގެން ތިބޭނީ. ހަމައެކަނި ރާއްޖެއަކު ނޫން، ބޭރު ދުނިޔޭގައިވެސް. އަޅުގަނޑުމެންގެ ރާއްޖޭގެ އަޑު މިހާރު ބޭރު ދުނިޔެއަށްވެސް ދަނީ އިވެމުން. ބޭރު ދުނިޔޭގެ މީސްމީހުންވެސް އެ އަޑު އަހާ. އަދި އަޅުގަނޑުމެން ދިވެހީންގެ ތެރެއިންވެސް ބޭރު ޤައުމުތަކުގައި މަސައްކަތްކުރާ މީސްމީހުންވެސް ދިވެހިރާއްޖޭގެ އަޑު އަހާ. އެކަން އަޅުގަނޑު ދެނެހުރިން. ދާދިފަހުންވެސް ރާއްޖެއަށް އައި މީހަކު، ދިވެއްސަކު އަޅުގަނޑު ގާތުގައި ބުނި، "އެންމެ ބޮޑަށް ތިމަންނާމެން ބޭނުންވަނީ ރޭޑިއޯ ވަރުގަދަކޮށްދިނުމޭ. އެއީ، ތިމަންނާމެން ދިވެހި ބޯޓުފަހަރުގައި އުޅޭއިރު ވަރަށް ބޮޑަށް ރޭޑިއޯ އަހާހިތްވެއޭ. އަދި ރޭޑިއޯ ޚަބަރުގަޑިއަށް ވަރަށް ބޮޑަށް ސަމާލުކަންދީގެން، އެގަޑީގައި ރޭޑިއޯ ހުޅުވައިގެން އެބަ ތިބެމޭ. އެހެންވީމާ، އެ އިވޭ ދުވަހަކުވިއްޔާ ވަރަށް ބޮޑަށް އުފާވެއޭ. ނުއިވޭ ދުވަހަކުވިއްޔާ ވަރަށް ބޮޑަށް ދެރަވާންޖެހެއޭ. އެހެންވީމާ، އެކަން ވަރަށް އަވަހަށް ރަނގަޅުކޮށްދެވޭތޯ ބަލާށޭ." ދެން އެހެންވީމާ، އެއިންވެސް ދައްކާ އެއްޗަކީ މިހާރު އަޅުގަނޑުމެންގެ ރޭޑިއޯ، ހަމައެކަނި ރާއްޖެއަކަށް ނޫންކަން އިވެނީ. ރާއްޖެއިން ބޭރު ޤައުމުތަކަށްވެސް އިވެއޭ. އެކަންއޮތީ އެހެންކަމަށްވުމާއެކު، އަޅުގަނޑުމެންގެ ޚަބަރުތައްވެސް އަދި އެހެން ޚަބަރުތައްވެސް ވަނީ މިހާރަށްވުރެ ރަނގަޅުކުރަން ޖެހިފައި.
ދެން ޚަބަރާ ދޭތެރޭގައި ވާހަކަ ދައްކާއިރު، އެންމެ ފުރަތަމަ، ޚަބަރަކީ އެއީ ކޮންއެއްޗެއްތޯ އެއީ، އަޅުގަނޑުމެން އޮޅުންފިލުވައިލަން ޖެހޭނެ އެއްޗެއް. އެއީ ވަރަށް އާދައިގެ ސުވާލެއްކަންނޭނގެ. އެހެންނަމަވެސް، މިކަންކަން ރަނގަޅަށް އެނގިގެން ނޫނީ ރަނގަޅެއްވެސް ނުކުރެވޭނެ. މިސާލަކަށް، "ރަށުގެ އެންމެން އެއްބައިވެގެން މަކްތަބެއް ހުޅުވަމާތޯއޭ." އެހެން ބުނެފިއްޔާ އެއީ ޚަބަރެއްތޯއޭ، ނޫނީ ޚަބަރެއް ނޫންތޯއޭ. އެހެން މިސާލެއް ދަންނަވަންޏާ، ދުންފަތުގެ ބޭނުންކުރުމަކީ، ބަދުރު މިހާރު ވަރަށް ގިނައިން މިވާހަކަ ދައްކަވާ. ވީމާ، އަޅުގަނޑު އެ މިސާލު މިގެނައީ. "ދުންފަތުގެ ބޭނުންކުރުމަކީ ޞިއްޙަތަށް ގެއްލުންހުރި ކަމެކޭ." މިހެން ބުނާ ބުނުން އެއީ ޚަބަރެއްތޯއޭ، ނޫނީ ޚަބަރެއް ނޫންތޯއޭ. އާދެ، އަޅުގަނޑު ހިތުން ޤަވާޢިދު ދަންނަވާކަށް ނުޖެހޭނެ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއިން އެއްވެސް ޢިބާރާތަކީ ޚަބަރެއް ނޫންކަން. ޚަބަރަކީ ކަމެއް ވެއްޖެކަން، ނޫނީ ކަމެއް ހިނގައިފިކަން، ނޫނީ ކަމެއްވާނެކަން، ނޫނީ ކަމެއް އެބަ ހިނގަމުންދާކަން އަންގައިދޭން ބޭނުންކުރާ ޢިބާރާތެއް.
އެހެންވީމާ، އަޅުގަނޑު މިދެންނެވި ދެ ޢިބާރާތްވެސް ޚަބަރަށް ހެދިދާނެ، އެއާ އެހެން އެއްޗެއް ގުޅުވައިލައިފިއްޔާ. މިސާލަކަށް، "ރަށުގެ އެންމެން އެއްބައިވެގެން މަކްތަބެއް ހުޅުވަމާތޯއޭ، ރ. އުނގޫފާރު ކަތީބު ބުނުއްވިއޭ." އެހެން ބުނެފީވިއްޔާ، އެ ޚަބަރަކަށްވީ. އެ މީހަކު ބުނި އެއްޗެއް އަޅުގަނޑުމެން މި ޢިބާރާތުން އަންގައިދިނީ. "ދުންފަތުގެ ބޭނުންކުރުމަކީ ޞިއްޙަތަށް ގެއްލުންހުރި ކަމެއް ކަމުގައި މިނިސްޓަރ އޮފް ހެލްތު ވިދާޅުވެއްޖެއޭ." އެހެން ބުނެފީވިއްޔާ އެ ޚަބަރަކަށްވީ. އެކަމަކު ކުރިން އޮތްގޮތް، "ރަށުގެ އެންމެން އެއްބައިވެގެން މަކްތަބެއް ހުޅުވަމާތޯއޭ"، ނޫނީ "ދުންފަތުގެ ބޭނުންކުރުމަކީ ޞިއްޙަތަށް ގެއްލުންހުރި ކަމެކޭ." އެހެން އަދި ބުންޏަކަސް އެއީ ޚަބަރަކަށް ނުވާނެ. އެހެންނަމަވެސް، ދެން ނުކުންނަ ސުވާލަކީ، ކޮންމެ ކަމަކީ ޚަބަރެއްހޭ؟ އަޅުގަނޑު ކުރިން މިދެންނެވީ، ޚަބަރަކީ ކަމެއްވެއްޖެ ވާހަކަ ނުވަތަ ކަމެއް ހިނގައިފި ވާހަކަ ބުނާ ބުނުމޭ. ނޫނީ ކަމެއް ހިނގާނެ ވާހަކަ، ނޫނީ ކަމެއް ހިނގަމުންދާ ވާހަކަ ބުނާ ބުނުމޭ.
އެހެންވީމާ، ހިނގި ކޮންމެ ކަމެއް އެއީ ޚަބަރެއްތޯއޭ؟ ހިނގާނެ ކޮންމެ ކަމެއް އެއީ ޚަބަރެއްތޯއޭ؟ ނޫނީ މިހާރު ހިނގަމުންދާ ކޮންމެ ކަމެއް އެއީ ޚަބަރެއްތޯއޭ؟ އެއީވެސް ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ކޮންމެ ކަމަކީ ޚަބަރެއް ނޫންކަން. މިސާލަކަށް، އަޅުގަނޑު ބުނީ، "ރާއްޖޭގެ ހުރިހާ މިނިސްޓަރުން މިއަދު އެބޭބޭފުޅުންގެ އޮފީސްތަކަށް ވަޑައިގެންނެވިއޭ." އެ ނުވާނެ ޚަބަރަކަށް. އެބޭފުޅުން ކޮންމެ ދުވަހަކުވެސް ވަޑައިގަންނަވާ. ނޫނީ ހަމަޖެހިފައި އޮންނަނީ ވަޑައިގަންނަވަން. އެހެންވީމާ، އެއީ އަދި ހިނގި ކަމެއް ކަމުގައިވިޔަސް އެއީ އަދި ޚަބަރެއް ނޫން. "ރ. އަތޮޅުވެރިޔާ ނުވަތަ ޅ. އަތޮޅުވެރިޔާ އިއްޔެ ހިންނަވަރަށް ވަޑައިގެންފި." އެއީވެސް ޚަބަރެއް ނޫން. އެއީ، ހިންނަވަރަކީ ޅ.އަތޮޅުގައި އޮންނަ ރަށެއް. އަތޮޅުވެރިންގެ މަސްއޫލިއްޔަތުގެ ތެރެއިން ހިމެނޭ ކަމެއް، އެ އަތޮޅެއްގެ ރަށްރަށަށް ވަޑައިގަތުން، ރަށްރަށުގެ ޙާލު އަޙުވާލު ބެއްލެވުން، ނުވަތަ ރަށްރަށުގެ ކަންތައް ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރެއްވުން. އެހެންވީމާ، އޭނާ އަދި ވަޑައިގަތޭ ބުންޏަކަސް އެއީކީ ޚަބަރެއް ނޫން. އެއާ ޚިލާފަށް "ޅ. އަތޮޅުވެރިޔާ ހިންނަވަރަށް ވަޑައިގަންނަވަނިކޮށް ދޯނި ބަންޑުންވެއްޖެއޭ." އެހެން ބުނެފިއްޔާ އެ ޚަބަރަކަށްވާނީ. އެއީ، މީހުން އިންތިޒާރު ކުރާނެ ކަމެއް ނޫން. މުޅިން އާދަޔާ ޚިލާފު ކަމެއް. ދެން ކުޑަކުޑަ މިސާލެއް އަޅުގަނޑު މިދެންނެވީ.
މި ނުކުތާއާ ދޭތެރޭގައި އަދިވެސް އެހެން މިސާލެއް ދަންނަވާފާނަން. ތިޔަ ހުރިހާ ބޭފުޅުންވެސް ދެނެވަޑައިގަންނަވާނެ، މި ވިންސްޓަން ޗާރޗިލް، އިނގިރޭސިވިލާތުގެ ވަރަށް މަޝްހޫރު ޒަޢީމެއް. ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރެއްވި، އިނގިރޭސިވިލާތުގެ ވަރަށް މަޝްހޫރު ޕްރޮފެސަރެއް އެއީ. ދެން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، އޭނާ ކޮންމެ ދުވަހަކުވެސް ނާނޭފުޅުފިއްލަވައި، މިހެން ހައްދަވާނެކަން. އެހެންވީމާ، ޗާރޗިލް ކޮންމެ ދުވަހަކު ނާނޭފުޅުފިއްލަވާ ވާހަކަ އެއީ ޚަބަރަކަށްވާނެތޯއޭ؟ އެ ނުވާނެ ޚަބަރަކަށް. އެއީ އާދައިގެ ގޮތުގެމަތީން ކޮންމެ ދުވަހަކުވެސް އޭނާ ކުރައްވާ ކަމެއް. އެހެންނަމަވެސް، ޗާރޗިލް ނާނޭފުޅުފިއްލެވުމާ ގުޅިގެން ހިނގި ކަމެއް ޚަބަރަކަށްވެގެންދިޔަ އިނގޭތޯ. ވަރަށްގިނަ ނޫސްތަކުގައި އެ ޖަހައި، ރޭޑިއޯއިންވެސް ކިޔައި ހެދި. އެ ވީގޮތަކީ، ނާނޭފުޅުފިއްލަވަން ފެންވަރާ ކޮޓަރިކޮޅުގައި އުޅުއްވަނިކޮށް، ފައިންޕުޅު ކައްސައިލައިގެން ވެއްޓިވަޑައިގަތީ. އަނެއްކާ ފައިންޕުޅު ބިންދައިގެންވެސް ދިޔައީ. އެހެންވީމާ، އެ ވެއްޖެ ޚަބަރަކަށް. އެހެންވީމާ، މި ދަންނަވާ އެއްޗަކީ، ހިނގި ކޮންމެ ކަމެއް ނުވަތަ ހިނގާނެ ކޮންމެ ކަމެއް އެއީ ޚަބަރެއް ނޫނޭ. ޚަބަރުގައި އެބަ ހުންނަންޖެހޭ ވަކި ކަންތައްތަކެއް. ވަކިކަހަލަ މާނައެއް ދޭހަކޮށްދޭ ޢިބާރާތެއް ޚަބަރަކީ. އެހެންވީމާ، އެ ޚަބަރުގައި އެބަ ހުންނަންޖެހޭ ޚާއްޞަ ޝަރުޠުތަކެއް. އެހެންނަމަވެސް، އެއީ ތަންކޮޅެއް ދިގު ވާހަކައެއް. އެހެންވީމާ، މިއަދު ވަގުތު އޮތީވިއްޔާ ތަންކޮޅެއްފަހުން އަޅުގަނޑު އެވާހަކަ ދަންނަވައިލާނަން.
ދެން ޚަބަރާއިގެން ކުރިއަށްދަނީ. ދެން މިހާރު އެންމެބޮޑަށް އަޅައިގަންނަ އެއްކަމަކީ، މިހާރޭ ދެންނެވިޔަސް ކުރިންވެސް އެކަން އެހެން އޮންނާނެކަން އަޅުގަނޑަށް އެނގޭ. ޚަބަރުގައި ހުންނަ ކުށް. ވަރަށްގިނަފަހަރަށް ޚަބަރުގައި ކުށް ހުރޭ. އެކި ބާވަތް ބާވަތުގެ ކުށް. އަޅުގަނޑު ފާހަގަކޮށްލާފައި އެބައޮތް. މަޢުލޫމާތުގެ ކުށް، އެއީ އެއްބާވަތެއްގެ ކުށް. ދެން ޤަވާޢިދުގެ ކުށް. ދިވެހިބަހުގެ ޤަވާޢިދަށް ބަލާއިރު ކިޔޭ ކުށް. ދެން ޢިބާރާތް ކުރުމުގެ ކުށް. ނޫނީ ޢިބާރާތް ކުރުމުގެ ހަމަނުޖެހުން. އަދި މާގިނައިން ބޭރު ބަސްބަސް ބޭނުންކުރުން. އެއީވެސް ދެން މާރީތިގޮތެއް ނޫންހެން ހީވަނީ. އޭގެއިތުރަށް އަދި ކިޔުމުގެ ކުށް ޚަބަރުގައި އެބަހުރި. މަޢުލޫމާތުގެ ކުށޭ މިދެންނެވީ، ޚަބަރެއް ކިޔާއިރު، އޭގައި އެ ބުނާ އެއްޗެއް އެއީ ސާފު މަޢުލޫމާތަކަށްނުވެ އެބަދޭ ބައެއްފަހަރަށް.
މިސާލަކަށް، ދާދިފަހުން އެއްދުވަހަކު ޚަބަރެއްގައި ކީ، "މިނިސްޓްރީ އޮފް ފިޝަރީޒްގެ މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަންގެ މެނެޖިންގ ޑިރެކްޓަރ މިވެނި ތަނަކަށް ވަޑައިގެންފިއޭ." ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަން އެއީ، މިނިސްޓްރީ އޮފް ފިޝަރީޒްގެ ދަށުގައި ހުންނަ ތަނެއް ނޫންކަން. އެއީ، ސަރުކާރުގެ އޮފީހެއް. ނުވަތަ ސަރުކާރުގެ ކޯޕަރޭޝަނެއް. އެތަން ހިނގަމުންދަނީ ރައީސް އޮފީހުގެ ދަށުން. އެހެންވީމާ، ޚަބަރުގައި "މިނިސްޓްރީ އޮފް ފިޝަރީޒްގެ މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަނޭ"، އެހެން ބުނީމާ، އެވަނީ މަޢުލޫމާތުގެ ކުށަކަށް. ރަނގަޅު މަޢުލޫމާތަކަށް ނުވޭ. ދެން ބައެއްފަހަރަށް، އިހަކަށްރެޔަކު އިވުނު ޚަބަރެއްގައި ކިޔުނީ، "މާލެއިން އުތުރުގެ 8 އަތޮޅަށް މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒް ވަޑައިގަތެވެ." ދެން އަޅުގަނޑު ވިސްނާވިސްނާވެސް މާލެއިން އުތުރުގެ 8 އަތޮޅެއް ނުފެނުނު. 7 އަތޮޅު ފެންނަނީ. މާލެއަތޮޅު މީ 8 ވަނަ އަތޮޅަށްވަނީ. އެހެންވީމާ، މާލެއިން އުތުރުގެ ދެން ނޯންނާނެ 8 އަތޮޅެއް. އެކަމަކު ޚަބަރުގައި ކީ އެހެން. އެހެންވީމާ، އެއީވެސް އަޅުގަނޑަށް ހީވަނީ މަޢުލޫމާތުގެ ކުށެއްހެން. ނޫނީ މުޅިން ރަނގަޅަކަށް ނޫންހެން ކިޔިފައި އޮތީކީ. އަދި އެނޫން ގޮތްގޮތަށްވެސް ހުރޭ ބައެއް ކުށް ކިޔިފައި. ބޭބޭފުޅުންގެ ނަން ނުބައިކޮށް ކިޔުން. ނޫނީ މަޤާމު ނުބައިކޮށް ކިޔުން. ތާރީޚު އެއްޗެތި ނުބައިކޮށް ކިޔުން. އަދި ޚާއްޞަކޮށް، ޢަދަދު އެއްޗެތި، ފައިސާގެ ޢަދަދު، ނޫނީ ތަކެތީގެ ޢަދަދު، ޖުމްލަތައް އެހެން ކިޔާއިރު، ކިޔޭ ކުށް ވަރަށްގިނައިން ހުރޭ. އެއީ، މަޢުލޫމާތުގެ ކުށޭ މި ދަންނަވާ އެއްޗަކީ.
ދެން ޤަވާޢިދުގެ ކުށް. ޤަވާޢިދުގެ ކުށްވެސް ވަރަށް ގިނައިން ހަމަ އިވެމުންދޭ. އަޅުގަނޑުމެން ދިވެހިބަހުގައި އެބަ ގެންގުޅެން ތަފާތު ގޮތްތަކެއް. މީހަކު އަތުވެއްޖެއޭ ބުނަނީ، ބޭކަލަކު ދުރުވެއްޖެއޭ ބުނަނީ، މިނިސްޓަރަކު ވަޑައިގެންފިއޭ ބުނަނީ. އެހެންވީމާ، އެގޮތަށް ބޭނުންކުރާ ޢިބާރާތްތައްވެސް ހަމަ ވަރަށް ބޮޑަށް ބައެއްފަހަރަށް އޮޅިގެންދޭ. މިއަދު ހެނދުނުވެސް އަޅުގަނޑު އެހިން އެކަހަލަ ޢިބާރާތެއް، ހެނދުނު 7ގެ ޚަބަރުގައި. ދިވެހިރާއްޖޭގެ އަޑުގެ ފުރަތަމަ ޚަބަރުކީއިރު، ކޮންމެވެސް މީހަކު ފުރި ވާހަކައެއް. ހަމަ "ފުރައިފި". މި ޢިބާރާތުން، ހަމަ އާދައިގެ ގޮތަށް ވާހަކަ ދައްކާފައި އޮތީ. މާތްކޮށެއް ނޫން. އެކަމަކު ޚަބަރުގެ ސުރުޚީތަކުގެ ނިމުންކީއިރު، "ފުރާވަޑައިގެންފި" އަށް ބަދަލުވެފައި އޮތީ. ކޮންމެވެސް އެއްގޮތަކަށް އެކަން އޮންނަންވާނީ، ދިވެހިބަހުގެ ޤަވާޢިދު ތަންދޭ ގޮތުގެމަތީން، މީހަކު ފުރައިފިއޭ ބުނަންވީތާކު އެމީހަކު ފުރައިފިއޭ. ފުރުއްވައިފިއޭ ބުނަންވީތާކު ފުރުއްވައިފިއޭ. ފުރާވަޑައިގެންފިއޭ ބުނަންވީތާކު ފުރާވަޑައިގެންފިއޭ. މިކަހަލަ ގޮތަކަށް އޮންނަންޖެހޭނީ. ދެން މިނޫނަސް ޤަވާޢިދާބެހޭ ވަރަށްގިނަ ކުށްތައްދޭ.
ދެން އޮތް އަނެއްކަމަކީ ޢިބާރާތް ކުރުމުގެ ކުށް ނުވަތަ ހަމަނުޖެހުން. އެހެން މިދެންނެވީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި. އެއީ، އަޅުގަނޑުމެން ޚަބަރު ޢިބާރާތްކުރާގޮތުން އެއިން އެކިކަހަލަ ތަފްސީރު، އެކިކަހަލަ ތަރުޖަމާ އެބަކުރެވޭ. ޚާއްޞަކޮށް، މިހާރު ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ކަންތައްތައް ހުންނަގޮތުންނާއި، ބައިނަލްއަޤްވާމީ ޚަބަރުގެ ދާއިރާގައި، އެއީ ރޭޑިއޯ ބްރޯޑްކާސްޓްތަކާއި، ނޫސްތަކާއި، ޓީ.ވީ.ތަކާ، އެ ތަންތާނގައި އެ ގެންގުޅޭ ޢިބާރާތްތަކަށް ބަލާއިރު، ވަކި ބާވަތެއްގެ ލަފްޒުތަކެއް ބޭނުންކުރީމާ، ވަކި މާނައެއް އެބަ ދޭހަވޭ. ނޫނީ، އެ ލަފްޒު އެ ބޭނުންކުރާ ފަރާތުގެ ސިޔާސަތު، އެއިން އެބަ ދޭހަވޭ. އޭގެ މިސާލެއްވެސް ދަންނަވައިލިއްޔާކަންނޭނގެ ފަސޭހަފުޅުވާނީ. ދާދިފަހުން އައި ޚަބަރެއްގައި އޮންނަނީ، އިޒްރޭލުގައި ޢަރަބީންގެ ޓެރަރިސްޓުންގެ ބަޔަކު ތިބި ވާހަކަ. ދެން އިޒްރޭލު މީހުންނާއި އެމީހުންނާ ހަނގުރާމައެއް ހިނގައިގެން، އެ ޓެރަރިސްޓުންގެ ބަޔަކު މަރުވި ވާހަކަވެސް އެބައާދޭ.
އެހެންވީމާ، އެންމެ ފުރަތަމަވެސް ބައިނަލްއަޤްވާމީ ދާއިރާގައި މިޚަބަރު އަހާމީހުން ހަމަ ޓަސްލާފައި ބުނާނެ، ދިވެހިރާއްޖޭގެ ސިޔާސަތަކީ ޢަރަބީންނާ އިދިކޮޅު ސިޔާސަތެކޭ. އެއީ ޢަރަބީންގެ މީހުންނަށް ޓެރަރިސްޓުންނޭ ކިޔުން. އެއްގޮތަކަށްވެސް ޢަރަބީންނަށް ތާއީދުކުރާ ޤައުމެއްގެ ރޭޑިއޯއަކުން، ޓީ.ވީ.އަކުން ނުވަތަ ނޫހެއްގައި، އެމީހުންނަކަށް ޓެރަރިސްޓުންނެކޭ ނުކިޔާނެ. އެހެންކީމާ އެ ދައްކަނީ އެއީ، އަޅުގަނޑުމެން ޤަބޫލުނޫން ބައެއްކަން. އަޅުގަނޑުމެން ދެކޮޅުހަދާ ބައެއްކަން. ދިވެހީން އެހެންކީމާ އެއިން މާބޮޑު ނަތީޖާއެއް ނުނިކުތަސް، އިނގިރޭސި ޚަބަރުގައި އެހެން ކިޔައިފީވިއްޔާ، އެތަންކޮޅު އަޅައިގަންނާނެ. އެގޮތުން މިތާ މި ތިއްބަވާ އެމްބަސީތަކުގެ ބޭފުޅުންވެސް ހަމަ ހިތްޕުޅަށްއަރާނެ. މާނައަކީ ދިވެހި ސަރުކާރުން މާބޮޑަށް ތާއީދު ނުކުރަނީތާއޭ، ޢަރަބީން އެ ކުރާ ޖިހާދަށް، ނޫނީ ހަނގުރާމައަށް. "ޓެރަރިސްޓުން" އެ ބަސް އެއީ، ވަރަށް އެހެންކަހަލަ ބަހެއް، އެ ބޭނުންކުރީ. ދެން އަދި އެބަހުރޭ، އަޅުގަނޑުމެން ދިވެހި ޚަބަރުގައި ކީނަމަވެސް، ކޮންމެވެސްވަރަކަށް، އެއީ މާބޮޑު މައްސަލައަކަށްނުވެ ހިނގައިދާނެ ކަންތައް. އެހެންނަމަވެސް، އިނގިރޭސި ޚަބަރުގައި ކީމާ، އެއިން މައްސަލަ ނުކުންނަ ކަހަލަ، ނޫނީ އެއިން އަޅުގަނޑު މިދެންނެވި ކަހަލަ މާނަތައް އެ އަހާ މީހުންނަށް ދޭހަވާކަހަލަ.
ދާދިފަހުން ޑިޕާޓްމަންޓް އޮފް ޓުއަރިޒަމް އެންޑް ފޮރިން އިންވެސްޓްމަންޓްގެ ޑިރެކްޓަރ ފެލިވަރަށް ދަތުރުފުޅެއް ކުރެއްވީ. އެ ދަތުރުފުޅާ ބެހޭގޮތުން ކީ ޚަބަރުގައި، އޭނާ އެ ވަޑައިގެންނެވި ކަމަކީ، އެތާނގެ މޯލްޑިވް ނިޕޯން ކޯޕަރޭޝަންގެ އެކައުންޓްތަކާއި، އިންވެންޓްރީތައް ބައްލަވައި ޗެކް ކުރައްވައި ހެއްދެވުން ކަމަށް ޚަބަރުގައި ކިޔުނު. ދެން އަޅުގަނޑު ދެންނެވިހެން، ދިވެހިން އެ ކިޔަކަސް، އެ މާބޮޑު އެއްޗަކަށްނުވޭ. އެހެންނަމަވެސް، އިނގިރޭސިން އެ ޚަބަރު އެހެންކީމާ، ކުއްލިއަކަށް އަހާ މީހާގެ ހިތަށް ވަންނާނެ، ދިވެހި ސަރުކާރުން މޯލްޑިވް ނިޕޯން ކޯޕަރޭޝަންގެ މެނޭޖަރުންނަށް މާބޮޑު އިތުބާރެއްނޯވެއޭ، އެތާނގެ އެކައުންޓްތައް ބަލައި، އެތާނގެ އިންވެންޓްރީތައް ޗެކްކޮށް، އެހެން ހަދަންޖެހެނީ ކޮންމެވެސްކަހަލަ ކަމެއް އެނގިގެންނޭ. އެހެން އެކަހަލަ ޚިޔާލެއް، އެއްވެސް މީހެއްގެ ހިތަށްއެރުން އެއީ ރަނގަޅު ކަމަކަށް ނުވާނެ. އެއީ ދިވެހި ސަރުކާރާއި ޖަޕާނާވެސް އޮންނަ ގުޅުން ނުލާހިކު ރަނގަޅު. އަދި އެގޮތަށް ބާއްވަން ބޭނުންވަނީވެސް. މިކަހަލަ އެއްޗެއް މިހެންކީމާ، އެ ސަރުކާރުން ޝައްކުކުރަނިއްޔޭ، ޖަޕާން މީހުން ކަންތައްކުރާގޮތާ ދޭތެރޭގައި. އެހެންވެގެން ނޫންތޯ، އެކައުންޓްތައް ޗެކްކުރާނީ، ނޫނީ އިންވެންޓްރީ ޗެކްކޮށްހަދާނީ. އެއީ ކުރި ކަމެއް އިނގޭތޯ. ވީކަމެއް. އެކަމަކު ޚަބަރު އެހެންކީމާ، އަޅުގަނޑުމެން ބޭނުންވާވަރަށްވުރެ ފުޅާ ދާއިރާއަކަށް އެކަން ދަނީ. އަނެއްކާ މިދެންނެވި ކަހަލަ މާނަތައް ކުރެވެނީ.
ދެން އަނެއްކާ އަޅުގަނޑު ކުރިންވެސް ދެންނެވިހެން، ރާއްޖޭގައިވެސް މިހާރު އެބައުޅޭ، ވަރަށްގިނަ ބޭރުމީހުން. އެމް.އެން.ސީ.ގެ މީހުންވެސް އެބައުޅޭ. ބޭރުގެ އެމްބެސެޑަރުންވެސް އެބައުޅޭ. އަދި މިހާރު އިންފޮމޭޝަނުން އެ ނެރުއްވާ ނިއުސް ބްލެޓިން، އެއީވެސް ވަރަށްގިނަ ބަޔަކު ބަލާ އެއްޗެއް. ރާއްޖެއިން ބޭރަށްވެސް ދާ އެއްޗެއް. އޭގައިވެސް އެޚަބަރު އޮވެދާނެ. އެހެން އޮވެއްޖައީވިއްޔާ، އެއިން މިދެންނެވި ކަހަލަ މާނަތަކެއް މީހުންނަށް ދޭހަވެދާނެ. އެހެންވީމާ، ޚަބަރު ޢިބާރާތް ކުރެއްވުމުގައި އެކަހަލަ ކަންތައްތަކަށް ވިސްނެވުމާއި، އެއްގޮތަކަށްވެސް އެބާވަތުގެ މާނައެއް ނުނެގޭގޮތަށް ޚަބަރު ޢިބާރާތް ކުރެއްވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންޖެހޭނެ ކަމަށް އަޅުގަނޑަށް ހީވަނީ.
ދެން މާގިނައިން ބޭރުބަސް ބޭނުންކުރުން. އެއީ މިހާރު ވަމުންދާގޮތުން އިނގޭތޯ. ވަރަށްގިނައިން ވަމުންދާގޮތެއް. ވަރަށް އާދައިގެ ބަސްބަސް، ހަމަ އަޅުގަނޑުމެން ދިވެހިބަހުގައި ހުންނަ ކަހަލަ. އަޅުގަނޑުވެސް އެއްބަސް. ދިވެހިބަހުގައި ނެތް ބަހެއްވިއްޔާ ޖެހޭނީ ބޭރުބަހަކުން ބޭނުންކުރަންކަން. އޭރުން ބަސްވެސް މުއްސަނދިވާނެ. އެބަސް ގިނަދުވަހު އަޅުގަނޑުމެން ބޭނުންކުރަންވީ. ދިވެހިބަހުގެ ހަމަތަކަށް އެބަހެއް ފެތުނީމާ، އެ ދެން ދިވެހިބަހަކަށްވީ. އޭރުން އަޅުގަނޑުމެންގެ ބަހަށް އިތުރު މުއްސަނދިކަމެއް ލިބުނީ. މިސާލަކަށް، "ގަމީސް" އެއީވެސް ކުރިން ދިވެހިބަހެއް ނޫން. "ގަމީސް" އެނގިވަޑައިގަންނަވާނެ، ޢަރަބި ބަހެއްކަން. ނަމަވެސް މިހާރު އެއީ ދިވެހިބަހެއް. ޢަރަބިން ކިޔަނީ "قميص" "ق" އެއް ކިޔަނީ. ދެން އަނެއްކާ "ص" އެއް އޮންނަނީ. އެ ދިވެހިބަހަށް ބަދަލުވީމާ، ގަމީހަށްވީމާ، އެ މުޅީން ދިވެހިބަހަކަށްވީ. އެ އެގޮތަށް ބަދަލުވެގެންދާ ބަސްބަސް ދިވެހިބަހަށްވަދެ، ދިވެހިބަހުގެ އުޞޫލާ އެއްގޮތަށް ޢަމަލުކުރެވެމުން ދިޔައިމާ، އެ ދިވެހިބަހަށްވީ.
އެހެންވީމާ، އެ ބޭނުންކުރުމާ ދޭތެރޭގައި އެއްވެސް މައްސަލައެއް ނެތް. އަދި އެހެން ނުވާ ބަސްބަސްވެސް އެބަހުރި، އަޅުގަނޑުމެން ކޮންމެހެން ބޭނުންކުރަންޖެހޭ. އެ އަޅުގަނޑުމެންގެ ބަހުގައި ނެތް، އެކަހަލަ ބަސްބަސް ބޭރުބަސްބަހުން ގެނައުން، އިނގިރޭސިބަހުން ނަމަވެސް، ޢަރަބިބަހުން ނަމަވެސް، އަދި އެހެން ބަހަކުންނަމަވެސް ގެނެސްގެން ބޭނުންކުރުން އެއީ އެންމެ ރަނގަޅު ކަމެއް. ބޭނުންކުރަންވެސްޖެހޭނެ. އެއީ، މިހާތަނަށް އަޅުގަނޑުމެންގެ ބަސް އެހާ ފުރިހަމަ ބަހަކަށް ނުވާތީ. އެކަމަކު ދިވެހިބަހުގައިވެސް ބޭނުންކުރެވޭ ރީތި ދިވެހިބަސްބަސް ހުންނަ ކަހަލަ ތަންތާނގައި އިނގިރޭސިބަހެއް ބޭނުންކޮށްގެން، ނޫނީ ޢަރަބިބަހެއް ބޭނުންކުރުންވެސް އެއީ ރަނގަޅު ކަމެއް ނޫން. ޚާއްޞަކޮށް، އަޑުގެ ބޭފުޅުން، އެކަމަށް މާބޮޑަށް ވިސްނަވަންވާނެ. އެއީ އަޑަކީ މުޅި ރާއްޖެއަށް އިވޭ އަޑެއް. ރާއްޖޭގެ ވަރަށްގިނަ ތަންތާނގެ، ގިނަ ރަށްރަށުގެ ތަޢުލީމީ ފެންވަރު ހުންނަގޮތުން އަޅުގަނޑުމެން ޚަބަރުގައި އެހާގިނަ ބޭރުބަސް ބޭނުންކުރަންޏާ، އެމީހުންނަށް އެ ކިޔާނުކިޔާ އެއްޗެއްވެސް ނޭނގޭނެ. އަދި މާލޭގެ ކޮންމެވެސް ބަޔަކަށް އެނގުނަސްވެސް، ޢާއްމު ރައްޔިތުންނަކަށް ނޭނގޭނެ. ރާއްޖެތެރޭގެ މީހުންނަކަށް ނޭނގޭނެ. އެހެންވީމާ، އެގޮތުންވެސް އަޅުގަނޑުމެން ބަލަންޖެހޭނެ، ޚަބަރުގައި ގެންގުޅޭ ބޭރުބަސްބަސް ވީހާވެސް މަދުކުރެވޭތޯ. ވަރަށް މަދުން ނޫނީ ބޭރުބަސް ބޭނުންނުކޮށްވޭތޯ.
އަޅުގަނޑު ކުޑަކޮށް ލިސްޓެއްވެސް ހަދައިގެން އެބަ ގެންގުޅެން އިނގޭތޯ. މިއީ ދާދިފަހުން ބަލައިލިއިރު ވަރަށް ގިނައިން ދިމާވޭ، ސަރުކާރުގެ ބައެއް އޮފީސްތަކުން އަންނަ ރަސްމީ ސިޓީތަކުގައިވެސް އޮންނަނީ، "ބެޑްރޫމް." މިސާލަކަށް ބެޑްރޫމް، އެއްގޮތަކަށްވެސް އެހެން ބޭނުންކުރަންޖެހޭނެ ސަބަބެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. "ޕަރސަނަލް"- "ރޫމްރެންޓް"، ހަމަ "ކޮޓަރިކުލި" ދިވެހިބަހުން ބުނެވިދާނެ. "ރެސްޕޮންސިބިލިޓީ" އެ "ރެސްޕޮންސިބިލިޓީ" ދިވެހިބަހެއް ކަނޑައެޅިގެން ނެތަސް، "މަސްއޫލިއްޔަތު" އެއީ އަޅުގަނޑުމެން މާކުރިއްސުރެ ބޭނުންކުރަމުން އައި ޢަރަބި ދިވެހިބަހެއް. ދެން ގާތްގަނޑަކަށް ދިވެހިބަހަކަށްވާން ކައިރިވެފައި އޮތް ބަހެއް. އެބަސް ބޭނުންކުރެވިދާނެ. "ސަރވިސްތައް"، މިއަށް "ޚިދްމަތްތައް" ބޭނުންކުރެވިދާނެ. ދެން ބައެއް ރަށްރަށުގެ ނަންވެސް. "ކަލަމްބޯ"، ކަލަމްބޯއަށް ދާން ފުރައިފިއޭ. އަޅުގަނޑުމެން ކިޔަނީ "ކޮޅުނބު". ކޮޅުނބަށް ދާން ފުރައިފިއޭ ކިޔަންވާނީ. އަނެއްކާ އޭގެ އަޞްލު މީހުން، އަޅުގަނޑު ހިތުން ސިންގަޅަ، ސިންގަޅައިންވެސް ކޮލަމްބޯއެއް ނުކިޔާނެ. ކޮންމެވެސް އެހެން ގޮތަކަށްހެން ހީވަނީ ކިޔަނީ. އެހެންވީމާ، އެއީކީ އަޅުގަނޑުމެން ބޭނުންކުރަންޖެހޭނެ ބަހެއް ނޫން، "ކަލަމްބޯ" އެގޮތަކަށެއް. "ކަންފޯރމްކުރުން"، "އެޕްރޫވްކުރުން". މިވެނިކަމެއް، މިވެނި ފަރާތަކުން އެޕްރޫވްކޮށްފިއޭ. ނޫނީ، އެޕްރޫވް - މީޓިންގ. އަދި ދާދިފަހުން ހަމަ ސަރުކާރުގެ އޮފީހަކުން އައި ސިޓީއެއްގައި އޮންނަނީ، ބައެއް އެއްޗެތި ހައްދަވާފައި އޮތްއިރު، "ގްރީން" ކުލައިންނާއި، "ރެޑް" ކުލައިންނާ ހައްދަވާފައި. "ކްލޭޝްވުން"، މިވެނި ދެކަމެއް ކްލޭޝްވާނޭ، ދެގަޑިއެއް. އަޅުގަނޑުމެންނަށް ބުނެވިދާނެ ފުށުއަރާފާނޭ. ނޫނީ އެހެންވެސް ގޮތަކުން ގެނެވިދާނެ، އެ މާނަ. އެހެންވީމާ، ކްލޭޝްވާ ވާހަކަ އެހެން ނުގެނަޔަސް. "ސަޖެސްޓް ކުރުން" މިއީ މިވެނި ފަރާތެއްގެ، ނޫނީ މިވެނި ފަރާތަކުން ސަޖެސްޓް ކުރައްވާގޮތޭ. "ޕްރޮފިޓް" ޕްރޮފިޓް، އަޅުގަނޑުމެން ދިވެހިބަހުން "ފައިދާ"، ރީތިބަހެއް އެބައޮތް. "ކޮންސިޑަރ ކުރުން" ކަމަކާ ދޭތެރޭގައި ވިސްނުން، ޚިޔާލުކުރުން. އެވެސް އާދޭ. "ފެސިލިޓީޒް" - ފެސިލިޓީޒް، ދެން ކަނޑައެޅިގެން ވަކި ރީތި ދިވެހިބަހެއް ނެތްކަންނޭނގެ. އެހެންނަމަވެސް، "ފަސޭހަތައް" އެއީ މިހާރު ބޭނުންކުރެވިދާނެ ބަހެއްހެން ހީވަނީ. އޭގެ މާނައަކީވެސް ގާތްގަނޑަކަށް އެކަހަލަ އެއްޗެއްހެން އަޅުގަނޑަށް ހީވަނީ. ދެން "ގެސްޓުން"، "ފޯމެޓް" ކުރުން، މިވެނި ކަމަކަށް ބޭނުންވާ "ފިނޭންސް" ހޯދުން. އެހެން އެބަހުރޭ. "ފައިސާ" އެއީ ދިވެހިބަހެއް. އަނެއްކާ އަޅުގަނޑުމެން ހިތުން ހަމަ ކޮންމެ މީހަކުވެސް ހިސާބަކަށްނަމަވެސް ލޯބިކުރާނެ ފައިސާއަށް. އެހެންވީމާ، އެ ފައިސާ ބޭނުންކުރުމަކީ ގޯސްކަމެއް ނޫން. "ފަންޑް" ހޯދުންވެސް އެބައާދޭ އިނގޭތޯ. "ފަންޑް" ހޯދުން، "އެފިޝަންޓްކޮށް" ކަންތައް ނިންމުން. މިކަހަލަ ގޮތެއްވެސް އެބަހުރޭ.
ދެން އަޅުގަނޑަށް އިހަކަށްދުވަހު އައި ސިޓީއެއް، އެ ސިޓީގެ ކުޑަކުޑަ ތަންކޮޅެއް ދަންނަވާލާނަން، އޭގައިވެސް މިދެންނެވި ކަންތައް މާ މައްޗަށް ގޮސްފައި އޮތީމާ. ސަރުކާރުގެ އޮފީހަކުން ރައީސް އޮފީހަށް އައިސްފައި އޮންނަ ސިޓީއެއްގައި އޮންނަނީ، "އެވްގޭސްއާ ގުޅޭގޮތުން ވިދާޅުވީ، ދިވެހިރާއްޖެއިން އާރޖެންޓް ގޮތެއްގައި ބޭނުންފުޅުވާތީ، 100 ޓަނުގެ އެވްގޭސް މިހާރު ލިބޭގޮތަށް ވަނީ ހަމަޖައްސަވާފައި ކަމުގައެވެ. އެ ގަތުމާއި ޝިޕިންގ ފެސިލިޓީޒް މައްސަލަ، ސީދާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން އިންޑިއަން އޮއިލް ކޯޕަރޭޝަނާ ގުޅުއްވައިގެން އަވަހަށް ނިންމެވުން ރަނގަޅުވާނެ ކަމަށް ލަފާދެއްވިއެވެ. އަދި 100 ޓަން އެވްގޭސް ބޮމްބޭއިން ނުވަތަ ކޮޗިންއިން ލިބޭގޮތަށް ހަމަޖެއްސިދާނެ ކަމުގައިވެސް ވިދާޅުވިއެވެ. ނަމަވެސް، ބޮމްބޭއިން ޝިޕްކުރާގޮތަށް ހަމަޖެއްސެވުން ރަނގަޅުވާނެ ކަމަށް ފެނެއެވެ. މިހެން މިދެންނެވީ އެހާ މަދު ޢަދަދަކަށް ވުމުން، ޓޭންކަރެއްގައި ގެނައުމަކީ، ރީޒަނަބްލް ކަމެއް ކަމަށް ނުފެންނާތީއާއި، ގެނައުމަށް އޮތްހާވެސް ޓްރައިސްއަކީ ބެރެލްގޮތުގައި ބޯޓެއްގެ ޑެކްމަތީގައި ބަހައްޓައިގެން ގެނައުން ކަމަށްވާތީ، ކޮޗިންއަށްވުރެ ބޮމްބޭގައި ބެރެލްއަށް އެޅުމުގެ ފެސިލިޓީޒް ފަސޭހައިން ލިބެން ހުންނާނެ ކަމަށް އެފަރާތުން ވިދާޅުވާތީއެވެ. އަދި ދަންނަވަމެވެ. ދިގު މުއްދަތަކަށް އިންޑިއާއިން އެވްގޭސް ދިވެހިރާއްޖެއިން ބޭނުންފުޅުނަމަ، އެއް އަހަރު ދުވަހަކަށް ބޭނުންފުޅުވާނެ މިންވަރެއް އަންގަވަނިކޮށް، ބޭނުންފުޅުވާ ޢަދަދެއް ލިބިވަޑައިގަންނަވާ ގޮތަށް ހަމަޖެއްސިދާނެ ކަމަށްވެސް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ." މީގައި ހަމަ އެބަހުރި ވަރަށްގިނަ ބަސްތައް ވަރަށް ރީތިކޮށް ދިވެހިން ބުނެވޭނެ. އަނެއްކާ މިހެން އެކީއެކައްޗަކަށް އޮތީމާ، އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށްވެސް ވަރަށް ހަމަނުޖެހޭ ކަމަކަށް ފެނިވަޑައިގަންނަވާނެ. ހެއްވާކަހަލަ ގޮތެއް އެއިން އެބަ ނުކުމޭ.
އެހެން ތަނަކުން އައިސް އޮންނަ ސިޓީއެއްގައި މިއޮންނަނީ، "މަތީގައި ދެންނެވުނު ރިޒޯޓްގައި މިޑިޕާޓްމަންޓްގެ ހުއްދައެއްނެތި ހަތަރު ހަޓް އިތުރުކުރެވިފައިވާ ކަމަށް، އެ ރިޒޯޓްގެ ސިޓީ ނަންބަރު، މިވެނި އެއްޗަކުން އެނގިފައިވެއެވެ. މި ހަޓްތައް އެޅުމުގެ ހުއްދައަށް އެ ރިޒޯޓްގެ ސިޓީ ނަންބަރު، މިވެނި ނަންބަރަކުން އެދިވަޑައިގަތުމުން، މި ޑިޕާޓްމަންޓްގެ ސިޓީއަކުން ޖަވާބު ދެވިފައިވަނީ ޕްލޭންތައް ފޮނުވުމަށެވެ. އެހެންނަމަވެސް، ޕްލޭންތައް ނުފޮނުއްވައި މިހާރު ގެތައްވަނީ އަޅައި ނިމިފައެވެ. އަދި އޮޕަރޭޓް ކުރަންވެސް ފެށިފައެވެ. މިހެން ދަންނަވަންޖެހުނީ، ކިހިނެއްވެތޯ އެ ރިޒޯޓާ ސުވާލުކުރުމުން ޖަވާބުދެއްވީ، މި ޑިޕާޓްމަންޓްގެ ކްލާރކަކު. އަޅުގަނޑުމެން ބޭނުން ނުވެސްކުރާ އެއްޗެއް އެއީ. "ކްލާރކުން". ކާތިބުން މިކިޔަނީ. މިޑިޕާޓްމަންޓްގެ ކްލާރކަކު، ސަރުކާރުގެ ތަނަކަށް ނުވުމާއެކު، ހަތަރު ހަޓް އިތުރުކުރުމުގެ ހުއްދަ ދީފައިވާތީ، މި ހަތަރު ހަޓް އިތުރުކުރެވިފައިވަނީ، މިޑިޕާޓްމަންޓްގެ ހުއްދައެއް ނުލިބި، ޤަވާޢިދުން ނޫންކަމަށް އެރިޒޯޓްގެ މެނެޖިންގ ޑިރެކްޓަރ ދެކެވަޑައިނުގަންނަވާ ކަމަށެވެ." ދެން މިދެންނެވީ މިކަހަލަ ގޮތަކަށް އެބަހުރޭ. ޚަބަރުގައިވެސް ބައެއްފަހަރަށް އެބަހުރޭ.
އިއްޔެ ކީ ޚަބަރެއްގައި، ޤަވާޢިދާ ޚިލާފަށް ވަން، އެއްކަލަ ޔޮޓްގެ ވާހަކަ، އެހެންނޫންތޯ؟ އޭގައި މިއޮންނަނީ "އެމީހުން އައިޑެންޓިފައިއެއްވެސް ނުކުރިއޭ." އައިޑެންޓިފައިގައި އަޅުގަނޑު އަޅައިގަތީ. އެއީ ހަމަ ދިވެހިބަހުން ބުނެވިދާނެ އެއްޗެއް. ދެން އެއީކީ އެ ޚަބަރު ލިޔުއްވި ފަރާތުގެ ކުށެއް ކަމަކަށް އަޅުގަނޑަކަށްވެސް ނުފެނޭ. އެ ރިޕޯޓް ނޫނީ އެ ޚަބަރު ދެއްވި ފަރާތުން އަޅުގަނޑު ހިތުން ދެއްވި ގޮތް އެއީ. އެކަމަކު ހިތަށްއަރަނީ، އެހިސާބުން އެކަން ނިންމާލައިގެން ނޯންނާނެއޭ ވާކަށް. އެއީ ޚަބަރު ދެއްވާ ފަރާތުން ދެއްވަފާނެ، މިކަހަލަ ގޮތަކަށް. މިއީވެސް ސަރުކާރުގެ އޮފީހުގެ ސިޓީތައް. އެހެންވީމާ، މިގޮތަށް ދެއްވަފާނެ. ދެން އެހެންވީމާ، އަޅުގަނޑުމެން ޖެހޭނެ އެޚަބަރު ދިވެހިކުރަން. ދިވެހި އެހުންތެރިންގެ މަޢުލޫމާތަށްޓަކައި، މިޚަބަރުތައް އަޅުގަނޑުމެން މިފޮނުވަނީ. އެހެންވީމާ، ޖެހޭނެ އެ ދިވެހިކުރަން. ހަމަ ތަނަކުން ފޮނުއްވާގޮތަށް ޚަބަރު ފޮނުއްވުމަކީ އެއްގޮތަކަށްވެސް ލާޒިމުކަމެއް ނޫން. އެ ޚަބަރު އެއީ ވަކި އުޞޫލަކުން ވަކިގޮތަކަށް ރޭވިފައި އޮންނަ އެއްޗެއް. ވަކިކަހަލަ ޢިބާރާތްތަކެއް ބޭނުންކުރެވެނީ. ވަކި ހެދުމެއްގައި ޚަބަރު އަޅުގަނޑުމެން މީހުންނަށް ދައްކަންޖެހެނީ. އޭގައި އޮވޭ ވަކިގޮތްތަކެއް.
އެހެންވީމާ، އެގޮތްތަކަށް ޚަބަރު ފައްތައިގެން، ޚަބަރުގެ ޢިބާރާތްތައް ބަދަލުކޮށްލަންޖެހޭނީ. ވަގުތު އޮތީވިއްޔާ އެވާހަކަވެސް އަޅުގަނޑު ކުޑަކޮށް ދައްކާލާނަން. ޚަބަރު އޮންނަންވާ ސިފަ. ދެން ކޮންމެއަކަސް މިއީ އަޅުގަނޑު ވަރަށް ބޮޑަށް އަޅައިގަންނަ އެއް ނުކުތާއެއް. މާގިނައިން ބޭރު ބަސްބަސް ބޭނުންކުރެއްވުން. ކުރައްވަންޖެހޭ ތަނެއްގައި ވިއްޔާ ބޭނުން އަދިވެސް ކުރައްވަންވީ. އޭގެ އެއްވެސް މައްސަލައެއް ނެތް. ދިވެހިބަހުން ބުނެވެން ނެތް އެއްޗެއްވިއްޔާ ޖެހޭނީ އެހެން ބަހަކުން ނަމަވެސް ބުނަން. އެކަމަކު ބުނެވެން އޮތް ތާނގައި ދިވެހިބަހެއް އޮތިއްޔާ ހަމަ ދިވެހިބަސް ބޭނުންކުރެއްވުން އެންމެމޮޅީ.
ޚަބަރުގައި ހުންނަންވާ ޝަރުޠު އިނގޭތޯ! ކުރިންވެސް އަޅުގަނޑު ދެންނެވިން، އެއީ ވަރަށްދިގު ވާހަކައެއް. ގާތްގަނޑަކަށް އަޅުގަނޑު ބާރަވަރަކަށް ކަމެއް ނޯޓްކޮށްލާފައި އެބައޮތް. ބައެއް ކަންތައްތައް ދަންނަވާލާނަން. އެއީ، ކުރިންވެސް ދެންނެވިހެން، ހަމަ ކޮންމެ ކަމަކީ ޚަބަރެކޭ ބުނެވޭކަށެއް ނޯވޭ. ހިނގި ކޮންމެ ކަމަކީ ޚަބަރެއް ނޫން. ނޫނީ ހިނގާނެ ކޮންމެ ކަމަކީ ޚަބަރެއް ނޫން. ވަކިކަހަލަ ކަންތައްތައް ޚަބަރަށްވަނީ. އެތަނުން އެއް ޝަރުޠަކީ، އާދަޔާޚިލާފު ކަމަކަށްވުން. ކުރިންވެސް އަޅުގަނޑު އިޝާރާތް ކުރިން، އެއީ އާދަވެގެން ހިނގާ ރޫޓިންގ ކަމަކަށް ޚަބަރެކޭ ނުކިޔަނީ. ދެން ޗާރޗިލްގެ މިސާލުވެސް އަޅުގަނޑު ޖަހައިދިނިން. އެހެންވީމާ، އެކަހަލަ ކަމަކަށް ވެއްޖިއްޔާ، އެ ޚަބަރަކަށް ވެދާނެ. އެއީ، އެއް ޝަރުޠު.
ދެން ދެވަނަ ކަމަކަށް މި އޮންނަނީ، އެ ޚަބަރުކިޔާ ވަގުތާ ގުޅޭ ކަމަކަށްވުން. އެކަމެއްގެ ވަގުތު ފާއިތުނުވަނީސް ކިޔުން. ހަމަ އެ ވަގުތު ފާއިތުވެއްޖިއްޔާ އެއިން ޚަބަރުގެ ސިފަ ގެއްލުނީ. ޚަބަރެއް ފާއިތުވާތާ ވަރަށްގިނަ ދުވަސްވެފައި ހުއްޓާ ޚަބަރު ކިޔޭގޮތްވޭ. އިއްޔެވެސް އަޅުގަނޑު ހިތުން ކީ. ކުރީ ދުވަހަކުވެސް ކީހެން އަޅުގަނޑަށް ހީވަނީ. ހިންނަވަރުގައި ކޮންމެވެސް މިސްކިތެއް، މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒް މި ވަޑައިގެންނެވި ދަތުރުފުޅުގައި ހުޅުއްވައިދެއްވި ވާހަކަ. ހުކުރުދުވަހު ކިޔަނީ، މިދިޔަ އަންގާރަ ދުވަހު ހުޅުއްވައިދެއްވިއޭ. އަދި އެންމެ ފުރަތަމައަށް އެޚަބަރު ކިޔަނީވެސް. ސުރުޚީގެ އެއްވަނައަށް މި ކިޔަނީ. ޅ. ހިންނަވަރުގައި އާ މިސްކިތެއް ހުޅުވިއްޖެ. އެ ޢިބާރާތް ބޭނުންކުރީމާވެސް އެނގޭ، ވަރަށްފަހުން ވީކަމެއްކަން. ދެން އަނެއްކާ ރޭގައި، އަޅުގަނޑު ހަނދާންވާގޮތުގައި ކީ، ދުނިޔޭގެ ޞިއްޙަތު ދުވަސް، ށ. އަތޮޅުގައި ފާހަގަކުރި ވާހަކަ. ދުނިޔޭގެ ޞިއްޙަތު ދުވަސް މިހާރު ދިޔަތާ ކިތަންމެ ޒަމާނެއް، ޚަބަރުގެ ގޮތުން ބަލާއިރު. އެއީ މި މަހުގެ 7 ގައި. މިއަދު މިއޮތީ މިއީ 12 އެހެންނޫންތޯ؟ އިއްޔެ ކީ ކަމަށްވަންޏާ އެއީ 11 ވަނަ ދުވަހު އެ ކިޔުނީ. 4 ދުވަސް ފާއިތުވެގޮސްފައި ވަނިކޮށް. ދެން ހަމަ ވަރަށް ގިނައިން ކިޔާ، ށ. އަތޮޅު މިވެނި ރަށެއްގައި މިހެންހެއްޖޭ، އަނެއް ރަށެއްގައި އެހެންހެއްޖޭ ކިޔާފައި. މާ މުހިންމުކަން ދީފައި ޚަބަރު ކީ. ދެން ތިޔަބޭފުޅުން ވިދާޅުވެދާނެކަންނޭނގެ، އަޅުގަނޑުމެން ރާއްޖޭގައި މުވާޞަލާތުގެ ކަންތައް ހުންނަގޮތުން އެހެންވާންޖެހެނީއޭ. ދުވަހުން ދުވަހަށް ރާއްޖެތެރެއަކުން ޚަބަރު ނުލިބޭ. އެހެންވީމާ، ތަންކޮޅެއް ފަސްވެފައި ކިޔެނިއްޔޭ. އަޅުގަނޑުވެސް އެއްބަސް، އެހެންކަން ދިމާވާނީ. އެކަމަކު އެހެން ދިމާވިޔަސްވެސް، ކޮންމެވެސް ވަގުތެއް އޮންނަންޖެހޭނެ.
އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގެ މި ގުޅުމުގެ ކަންތައް ހުންނަގޮތުން، އެދުވަހަކު ނުކިޔުނަސް، އޭގެ އަނެއްދުވަހު ކިޔޭކަހަލަ ގޮތަކަށް އޮންނަ ޚަބަރެއްވިއްޔާ ކިޔުން. އެއަށްވުރެ ބޮޑުތަން ލަސްވެއްޖިއްޔާ، ކޮންމެވެސް އެހެން ޕްރޮގްރާމެއްގައި އެ ޚަބަރު ގެނެވިދާނެ. މިހާރު ހަފްތާގެ ޚަބަރު އޮންނަ ކަމަށްވަންޏާ، މުހިންމު ޚަބަރުތައް އޮންނަންޏާ، އޭގެތެރެއަށް ލެވިދާނެ. ނޫނީ، ރާއްޖެތެރެއާބެހޭ ޚާއްޞަ ޕްރޮގްރާމްވެސް ހެދިދާނެ، އެހަފްތާގެ ތެރޭގައި ލިބޭ މުހިންމު ޚަބަރުތައް ކިޔާކަހަލަ. ނޫނީ އަޅުގަނޑުހިތުން މި "ރޭޑިއޯ ހަވީރު"ގެވެސް ޕްރޮގްރާމެއް އޮވޭ. ކޮންމެއަކަސް ކޮންމެވެސް އެހެން ޕްރޮގްރާމަކަށް ދެން ބޮޑަށް އެކަށީގެންވަނީ. ނޫނީ ހަމަ އެ ޚަބަރުފީތާވެސް އެންމެ ރަނގަޅުވާނެ ކިޔަން. އެކަމަކު ޚަބަރެއްގެ ގޮތުގައި ހަމަ ސުރުޚީގައި ކިޔާކަށް، އެހެން ކިޔޭނެހެނެއް ހިއެއްނުވޭ، ތިންހަތަރު ދުވަސްވެފައި ހުންނަ ޚަބަރެއް.
ދެން ޚަބަރަކަށްވާ އަނެއް ސިފައަކަށް މިއޮންނަނީ، އިންސާނުން ހޯދާ އެކިއެކި ކާމިޔާބީ ނުވަތަ ލިބޭ ނާކާމިޔާބީއާބެހޭ ކަންތައްތައް. މިސާލަކަށް، އެއްކަލަ މައުންޓް އެވަރެސްޓަށް ބަޔަކު އެރިކަން. ކުރިން، ދުވަހަކު ވެފައި އޮތް ކަމެއް ނޫން. އެހެން އެރީމާ އެއީ، ވަރަށްބޮޑު ކަމެއް އެ ކުރެވުނީ. ވަރަށްބޮޑު ކާމިޔާބީއެއް ހޯދުނީ. އެހެން ހޯދިއްޖިއްޔާ، އެ ޚަބަރަކަށް ވެދާނެ. ނޫނީ ނާކާމިޔާބީގެ، ކޮންމެވެސް ބަޔަކަށް ދިމާވި ވަރަށްބޮޑު ނާކާމިޔާބީއެއް، އެކަމުގެ ބާވަތުން އެ މުހިންމު އެއްޗަކަށްވަންޏާ އެއީވެސް އެ ޚަބަރަކަށް ބެލިދާނެ. ތަނުގެ މީހުން އަހަން ބޭނުންވާކަހަލަ ކަމަކަށްވުން، އެއީވެސް ޚަބަރުގެ ޝަރުޠެއް. އެހެން މިދެންނެވީ، އެކި ތަންތާނގެ މީހުން އެކިކަހަލަ ކަންކަމަށް ޝައުޤުވެރިވާނީ، އަހަން ބޭނުންވާނީ. އަޅުގަނޑުމެން ދިވެހިރާއްޖޭގެ މީހުން އަހަން ބޭނުންވާކަހަލަ ކަންތައްތައް ހުންނާނެ، މި ރާއްޖެއާ ކޮންމެވެސް ގުޅުމެއް ހުންނަ ކަހަލަ ކަންތައްތައް. އެހެނެއްނޫން، ދުނިޔޭގެ މާދުރު ތަނެއްގައި ވާކަމެއް. އެއާ އަޅުގަނޑުމެންނާ ދޭތެރޭގައި އެއްވެސް ކަހަލަ ގުޅުމެއް ނެތް. ހަމައެކަނި އެތަން، ޖޯގްރަފިކް ގޮތުން ދުރުވުމެއް ނޫން މިދެންނެވީ. ފަހަރެއްގައި ކިތަންމެ ދުރު ތަނެއްގައިވެސް އަޅުގަނޑުމެންނަށް މުހިންމު ކަމެއްވެދާނެ. މިހާރު އެޓޮމިކް ބޮމެއް، ކޮންމެ ތަނެއްގައި ގޮއްވާލިޔަސް އަޅުގަނޑުމެންވެސް ދުނިޔޭގައި އުޅޭ ބަޔަކަށްވާތީ، އަޅުގަނޑުމެންނަށް އޭގެ އަސަރުވެސް ފޯރާނެ. އެއީ، މުހިންމު ކަމަކަށްވެސްވާނެ. ބަލަންވެސް ބޭނުންވާނެ. އެހެނެއްނޫން، ހަމައެކަނި ދުރުވެގެނެއް ނޫން. ދުރުވެސްވެފައި، އަނެއްކާ އެ ވީކަންތައް އެއީވެސް އަޅުގަނޑުމެންނާ އެއްވެސްކަހަލަ ގުޅުމެއް ނުހުންނަ ކަހަލަ ކަންތައް، ދުނިޔޭގައި ހިނގާނެ. އެކަހަލަ ޚަބަރު ކޮންމެހެން ދިވެހިރާއްޖޭގެ އަޑުން ކިޔުން ނޫނީ ޓީ.ވީ. މޯލްޑިވްސްއިން ކިޔުން، އަޅުގަނޑަކަށް ހިއެއްނުވޭ، އެހާ މުހިންމު ކަމެއްހެނެއް. އެއީ އަޅުގަނޑުމެންގެ ތެރެއިން އެ އަހާ މީހަކު ނުހުންނާނެ. އެއަކަށް ނުހުންނާނެ ޝައުޤުވެރިކަމެއް.
ދެން މިއޮންނަނީ ގިނަބަޔަކަށް އަސަރުކުރާ ކަހަލަ ކަމަކަށްވުން. އެއީ އޭގެ ރަނގަޅު އަސަރެއް ކަމުގައިވިޔަސް، ނުބައި އަސަރެއް ކަމުގައިވިޔަސް، ގިނަމީހުން އުފާވާކަހަލަ ކަމެއް، ގިނަމީހުން ދެރަވާކަހަލަ ކަމެއް، ދެރަވާކަހަލަ ކަންތައް ކޮންމެހެން ކިޔަންޖެހޭތީކީ ނޫން. އެހެންނަމަވެސް، އެއީވެސް ޚަބަރަކަށްވަނީ، މީހުން އެއަށް އަހަންމިއްޔަތު ދޭނެތީ. އެކަހަލަ ކަމަކަށްވުންވެސް އެއީ ޚަބަރުގެ ސިފައެއް. އެހެންވެއްޖިއްޔާވެސް އެއީ ޚަބަރަކަށް ވެދާނެ.
ދެން ގިނަބަޔަކު ޝައުޤުވެރިވާ ކަހަލަ ކަމަކަށްވުން. ވީހާ ގިނަބަޔަކު ޝައުޤުވެރިވާ ކަމަށް ވެއްޖިއްޔާ އެއީ، އޭގެ އަހަންމިއްޔަތު މައްޗަށްދަނީ. މުޅި ރާއްޖޭގެ އެންމެން ޝައުޤުވެރިވާކަހަލަ ކަމެއްވިއްޔާ، އެ ވާނެ ވަރަށްމަތީ ޚަބަރަކަށް. މިސާލަކަށް، ދާދިފަހުން މި ރޯމަސްގަތުމުގެ އަގުބޮޑުވިކަން، އަޅުގަނޑު ހިތުން ވަރަށްގިނަ މީހުން ޝައުޤުވެރިވާނެ ކަމެއް އެއީ. ރާއްޖޭގެ ހަމަ ވަރަށްގިނަ މީހުން. އެހެންވީމާ، އެއީ ހަމަ ވަރަށް މުހިންމު ޚަބަރަކަށްވާނެ.
ދެން ބޮޑެތި މައްސަލަތައް. އެ މައްސަލައޭ މިދެންނެވީ، އެއީ މިސާލަކަށް، ހަމަ އެ ޤައުމުގައި، ޤައުމުގެ އެތެރޭގައި އުފެދޭ ބޮޑެތި މައްސަލަތައް. އެއް ޤައުމަކާ އަނެއް ޤައުމަކާ ދެމެދު ހިނގާ މައްސަލަތައް. މިސާލަކަށް، މިހާރު އީރާނާއި ޢިރާޤާ ދެމެދުގައި ވަރަށް ހަމަނުޖެހުން އެބައޮތް. އެކަހަލަ ކަންތައްތައް. ނޫނީވިއްޔާ، އީރާނުގައި މި ތިބޭ ހޮސްޓެޖުންގެ ވާހަކަ. އެމެރިކަން ހޮސްޓެޖަސް. އެއީވެސް ވަރަށް މުހިންމު ކަމެއް. އެކަހަލަ ކަންތައްތައް އެއީ ހަމަ ޚަބަރަށްވާނެ، އަބަދުވެސް. އެއަށް އަންނަ ބަދަލުތައް ކިޔުން. އެއީ ހަމަ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުރާނެ ކަމެއް.
ދެން އަނެއްކަމަކީ، ބޭރު ދުނިޔޭގެ ވަރަށް އަހަންމިއްޔަތުދޭ ކަމެއް މިދަންނަވަނީ. އަޅުގަނޑުމެން އަދި އެހާބޮޑު އަހަންމިއްޔަތެއް ނުދެން. އެކަމުގެ ސަބަބުވެސް އެބައޮތް. އެއީ އާދަޔާޚިލާފު ބޮޑެތި ކުށްކުރާ މީހުންގެ ވާހަކަ. ނޫނީ އެކުށުގެ ބާވަތް. އެއީ އެތަންތާނގެ ޚަބަރުގެ ވަރަށް މުހިންމު ބައެއް. ބޮޑެތި ކްރައިމްސް، ހަމަ ބައެއް ރޭޑިއޯތަކުން ފުރަތަމަވެސް ކިޔާނީ އެކަހަލަ ވާހަކައެއް. އެމެރިކާގައި ގިނައިން ކިޔާ. މީހަކު، މީހަކު މަރައިފީވިއްޔާ، ނޫނީ ބޭންކެއް ފަޅާލައިގެން ފައިސާތަކެއް ވަގަށް ނަގައިފިއްޔާ، އެކަހަލަ ބޮޑުކަމެއް ކޮށްފީވިއްޔާ އެއީ ހަމަ ވަރަށްބޮޑު އަހަންމިއްޔަތެއް، އެތަންތާނގައި ދީގެން ކިޔައިހަދާ. އަޅުގަނޑުމެން ރާއްޖޭގައި އެކަހަލަ ކަންތައްތަކެއް މާގިނައެއްކޮށް ނުވޭ. ދެން އަހަންމިއްޔަތު ދިނުންވެސް އެއީ ރަނގަޅު ކަމެއް.
އެހެންނަމަވެސް، މިދަންނަވަނީ ދެން، މިކަމާބެހޭ މީހުން ލިޔެފައި ހުންނަ ވާހަކަތަކުން ފެންނަ އެއްޗެއް. އެއީ އެކަހަލަ ކަންތައް އެއީވެސް ޚަބަރަށްވާނޭ. ނޫނީވިއްޔާ ބޮޑެތި ޤުދްރަތީ ޙާދިޘާތައް. ތަނަކަށް ޠޫފާނެއް އައުން. ބިންހެލުމުގެ ސަބަބުން އެތައް ގެތަކެއް ވެއްޓިގެންދިޔުން. އެތައް ބަޔަކު މަރުވުން. މިކަހަލަ ކަންތައްތައް. ވިއްސާރައިގެ ޙާދިޘާތައް. އެ ހުންނަނީވެސް ޚަބަރު. އެކަންތައް ބޮޑުވިވަރަކަށް އެޚަބަރުގެ އަހަންމިއްޔަތު ބޮޑުވާނެ. ގެއްލުން ބޮޑުވިވަރަކަށް. ދެން ވަރަށް އެހެންކަހަލަ ގޮތަކަށް އެކަން އެދަނީ. އެހެންނަމަވެސް، އެއީ އެކަންވާގޮތް.
ދެން މުޅިން އާ ވައްތަރެއްގެ ކަމަކަށްވުން. މީގެކުރިން ނުހިނގާ ޒާތުގެ، ނޫނީވިއްޔާ، މީހުން އެ އެހީމާ އެއީ ހާދަ ޢަޖާއިބުވާ ކަހަލަ ކަމެކޭ ހިތަށްއަރާގޮތްވުން. އަޅުގަނޑު ބެލި ފޮތެއްގައި، އޭގެ މިސާލެއްވެސް ލިޔެފައި އޮތް. އެ ބުނެފައި މިއޮންނަނީ، އެތަންތާނގައި ކުއްތާ އެއްޗެތި ގެންގުޅޭ ނޫންތޯ ވަރަށް ގިނައިން. މަގުމަތީން މީހަކު ހިނގާފައި ދަނިކޮށް، ކުއްތާއެއް މީހަކު ގައިގައި ދަތްއަޅައިފިއޭ، އެ ނުވާނޭ ޚަބަރަކަށް. އެއީ އާދައިގެ ކަމެއް. އެކަމަކު މަގުމަތީގައި ހިނގާފައިދިޔަ މީހަކު ކުއްތާއެއް ގައިގައި ދަތް އަޅައިފީވިއްޔާ، އެ ވާނޭ ޚަބަރަކަށް. އެއީ ދެން އާދައިގައިވާ ކަމެއް ނޫނެއްނޫންތޯ؟ އެހެންވީމާ، އެއީ އާ ވައްތަރެއްގެ ކަމަކަށް ވެއްޖިއްޔާ، އާދަވެގެން ހިނގާ ކަމަކާ ޚިލާފު އެކަހަލަ ކަމަކަށް ވެއްޖިއްޔާ ޚަބަރަކަށްވެދާނޭ. މިދެންނެވި ވާހަކައަކީ، ރޭޑިއޯއިން އެވާހަކަ ކިޔާ ވާހަކައެއް ނޫން. އެހެންނަމަވެސް، މިއީ ޚަބަރުގެ ޙައިޘިއްޔަތުން ބަލާއިރު، ޚަބަރަކަށް މިކަހަލަ ކަންތައްވާނޭ.
ދެން މި އޮންނަ އަނެއް ސިފައަކީ، މަޝްހޫރު މީހަކާ ނުވަތަ ބަޔަކާބެހޭ ކަމެއް. އެއީ ދުނިޔޭގެ ވަރަށް މަޝްހޫރު މީހުން އެބައުޅޭ އެކި ފަންނުގައި، އެކި ކަންތަކުގައި. އޭގެތެރޭގައި އެބައުޅޭ ސިޔާސީ ލީޑަރުން، ނޫނީވިއްޔާ ފިލްމްސްޓާރުން، ލަވަކިޔާ މީހުން، ނޫނީ ކުޅިވަރު ކުޅޭ މީހުން. މިކަހަލަ މީސްމީހުންނާބެހޭ ޚަބަރު އެއީވެސް ވަރަށްގިނަ ބަޔަކު އަހާހިތްވެދާނެ ޚަބަރަކަށްވެދާނެ. އެހެންވީމާ، އެކަހަލަ އެއްޗެތިވެސް އެންމެ ރަނގަޅު، ޚަބަރުގައި ކިޔުއްވުން. ނޫނީ އެ ޚަބަރަކަށް ވާކަމަށް ބެލިދާނެ.
ދެން އޮންނަ އަނެއްކަމަކީ، ފައިސާއާއި މުދަލާބެހޭ ކަންތައްތައް. އެއީވެސް ވަރަށްގިނަ މީހުން އަހާހިތްވާނެ ކަމެއް. އެއީ މިސާލަކަށް، ފައިސާގެ އަގު ދަށަށްދިޔުން. މުދަލުގެ އަގުބޮޑުވުން، މުސާރަ ބޮޑުވުން، ނޫނީ މުސާރަކުޑަވުން، މިކަހަލަ ކަންތައްތައް. އިތުރު އައު ޤާނޫނެއް ފާސްކުރުން. ނޫނީވިއްޔާ ކޮންމެވެސް އެކަހަލަ ކަމެއް ދިމާވުން. އެ ހުންނަނީ މީހުން ވަރަށް އަހާހިތްވާނެ ކަހަލަ ކަންތައް. މީހުން ބޭނުންވާނެ މަޢުލޫމާތު، އެނގެން ބޭނުންވާނެ ކަންތައްތައް.
އެހެންވީމާ، މިދެންނެވި ގާތްގަނޑަކަށް 12 ކަންތައް މިއީ، އަޅުގަނޑު ބެލި ބައެއް އެއްޗެތިން ފެންނަގޮތުގައި، މިއީ ޚަބަރުގައި ހުންނަންޖެހޭ ޝަރުޠުތައް. ނޫނީ، މިއިން ކަމެއް ހުރެއްޖިއްޔާ އެކަމެއް ޚަބަރަކަށްވެދާނެ. މިކަހަލަ އެއްވެސް ކަމެއްނެތްކަހަލަ އާދައިގެ، ކުރިންވެސް ދެންނެވިކަހަލަ ބައެއް ކަންތައް އެއީ ޚަބަރަކަށް ނުވާނެކަމަށް އެ ބުނަނީ.
ދެން ޚަބަރުގައި ހުންނަންޖެހޭ ކަންތައްތައް، އެހެން އެބަބުނޭ. އިނގިރޭސި ބަހުން ބުނަނީ "ފަސް ޑަބްލިޔޫ" އޭ ޚަބަރުގައި އޮންނަންވާނީ. އޭރުން އެންމެ ފުރިހަމަ ޚަބަރަކަށްވާނީ. "ފަސް ޑަބްލިޔޫ"އެކޭ ބުނެވެނީ، ޑަބްލިޔޫއިން ފެށޭ ފަސް ބަހެއް. މި ފަސް ކަންތައް. މި ފަސް ކަންތައް ހުރެއްޖައީވިއްޔާ، އެ ޚަބަރަކަށްވާނޭ. ހޫ، ވަޓް، ވެންޓް، ވެއަރ، ވައި، މީގެ މަޢުލޫމާތު ހުންނަ އެއްޗެއް ވެއްޖިއްޔާ، އެ ފުރިހަމަ ޚަބަރަކަށްވީ. އެ ޚަބަރެއްގައި ހުންނަންޖެހޭނޭ، މިކަންތައްތައް. ވާހަކައަކީ، އެއީ ކާކުތޯ އެކަމެއް ކުރީ، ނޫނީ އެ ވާހަކައެއް ދެއްކީ. އެބުނީ ކޮންކަމެއްތޯ އެމީހަކު ކުރީ، ކޮންއިރަކުތޯ، ކޮންތަނަކުތޯ، ކީއްވެގެންތޯ. ފުރިހަމަ ޚަބަރެއްގައި ވިއްޔާ، މި ފަސް ޑަބްލިޔޫ އޮންނަންވާނޭ. އަޅުގަނޑު ކީ ފޮތެއްގައި ބުނެފައި އޮންނަނީ، ފަސް ޑަބްލިޔޫ ކޮންމެހެން ހިމަނާކަށް މަޖުބޫރެއް ނޫނޭ. އެއީ ބައެއް ޚަބަރު ހުރެދާނޭ، އެ ފަސް ޑަބްލިޔޫ ނުލިބޭ ކަހަލަ ޚަބަރު. އެހެންވީމާ، ދެން އެ ގަދަކަމުން އެގޮތްމިގޮތް ހަދައިގެން، ހުރިހާ ޑަބްލިޔޫތައް ހަމަކުރަން އުޅެފީވިއްޔާ މާބޮޑަށް ގޯސްވެދާނެ. އެހެންވީމާ، ވީހާގިނަ ޑަބްލިޔޫތަކެއް ހުންނަ ގޮތަކަށް ޚަބަރު އޮވެއްޖިއްޔާ އޭގެ ފުރިހަމަކަން ބޮޑީ.
ދެން ޚަބަރު ޢިބާރާތް ކުރާއިރު، ވަރަށް ސާފުކޮށޭ ޚަބަރު ޢިބާރާތް ކުރެވިފައި ހުންނަންޖެހޭނީ. ވީހާވެސް ސާދާ ޢިބާރާތުން. ވީހާވެސް ކުރުކޮށް. އަދި ކޮންމެ ޖުމްލައެއްގައި އެންމެ ޚިޔާލެއް. އެންމެ އެއްޗެއް ބުނާގޮތަށް. ބައެއްފަހަރަށް ހުރޭ ޖުމްލަ ދިގުވެގެން، އެ ޖުމްލައިގެ ތެރޭގައި ދެމާނަ، ތިންމާނަ، ހަތަރު މާނަ ބުނެވޭގޮތަކަށް. އެހެންހުރުން އެއީ ޚަބަރާ ވަރަށް ނުގުޅޭ ކަމެއް. ޚަބަރު ހުންނަންޖެހޭނީ ކުރުކޮށް. ކޮންމެ ޖުމްލައެއްވެސް ނިކަން ކުރުކޮށް، ނިކަން ސާދާކޮށް. ވީހާ ސާދާ ޢިބާރާތަކުން. ވީހާ ފަސޭހައިން އެ ބުނާ އެއްޗެއް، އެ އަހާ މީހާއަށް އެނގޭގޮތަކަށް. މިއީ، އަޅުގަނޑުމެން ޢިބާރާތްކުރާއިރު ވަރަށް ގިނައިން ވާގޮތެއް. ކޮންމެވެސް މީހަކު ދެއްކި ވާހަކައެއް ލިޔާކަމަށްވަންޏާ، އެބޭފުޅަކު މިހެން ވިދާޅުވިއޭ ބުނާއިރު، މިވެނިހެން ކަމަށާއި، އެވެނިހެން ކަމަށާއި، ވިދާޅުވިއޭ ކިޔާފައި، ތިން ހަތަރު އެއްޗެއް ގެނެސްފާނެ، އެއް ޖުމްލައެއްގައި. އެހެންވީމާ، އެހެން ގެނެސްގެން ނުވާނެ. އެއިން ކޮންމެ ކަމެއްވެސް ވާންޖެހޭނީ ވަކި ޖުމްލައަކަށް. ކުރުކޮށް، ސާފުކޮށް، އެ ބުނާ އެއްޗެއް އެނގޭގޮތަށޭ އޮންނަންވާނީ.
ދެން ބޭކާރު ބަސްބަސް ބޭނުންނުކުރުން. ބޭކާރު ލަފްޒުތައް، ބޭކާރު ޢިބާރާތްތައް ޚަބަރުގައި ބޭނުންނުކުރުން. އެއީވެސް އަޅުގަނޑުމެން ޢިބާރާތްކުރާއިރު، އަޅުގަނޑު ހިތުން އަހަންމިއްޔަތު ނުދެވޭ ކަމެއް. މާގިނައިން ހަމަ އެއްކަހަލަ ޢިބާރާތްތަކެއް، މިވެނިކަމަކާ ބެހޭގޮތުން ކިޔާފައި ހިނގައިދާނެ، ކިތަންމެ ކަމަކާ ބެހޭގޮތުން އޮތް ޚަބަރެއް. އެއީ ދެން އެއް ޖުމްލައެއްގައި، އެއްގޮތަކަށްވެސް އެހުރިހާ "ބެހޭގޮތުން" ތަކަކަށް ބޭނުމެއްނުވޭ. ދެން މާގިނައިން އަދި ބުނެވޭ އެއްޗެއް، "ޚަބަރު ލިބިފައިވާ ގޮތުގައި"، ނޫނީ މިވެނިގޮތަކަށް "ޚަބަރު ލިބިފައިވޭ"، ނޫނީ މިވެނިހެން "އެނގިފައިވޭ". މިއަދު މެންދުރު ކީ ޚަބަރެއްގައިވެސް އަޅުގަނޑު ހަނދާންވަނީ، ކިޔޭ، މިވެނި ޚަރަދުތަކެއް ކުރައްވާނީ، ސޭޝެލްސް ސަރުކާރުގެ ފަރާތުން ކަމަށް ޚަބަރު ލިބިފައިވޭ. އެހެންވީމާ، ސޭޝެލްސް ސަރުކާރުގެ ފަރާތުންނޭ، އެ ނިމުނީ. ޚަބަރު ނުލިބޭ އެއްޗެއް ނުބުނާނެ ނޫންތޯ. ޚަބަރުގައި ކިޔާނީ ޚަބަރު ލިބިފައި އޮތީމާ. އެހެންވީމާ، ކޮންމެހެން އެ ނިންމާލާއިރު، ޚަބަރު ލިބިފައިވޭ، ނޫނީ ޚަބަރު ލިބިފައިވާ ގޮތުގައި، ނޫނީ އެނގިފައިވޭ، އެނގިފައި ނެތް އެއްޗެއްވެސް ނުކިޔާނެ. އެހެންނޫންތޯ ވާނީ. އެނގިފައި އޮވެގެން އެ ޚަބަރު އެ ކިޔަނީ. އެހެންވީމާ، އެއީވެސް ބޭނުންކަމެއް ނޫނޭ މިދެންނެވީ. ދެން ފަހަރެއްގައި އެއީ ހުރިހާ ޢިބާރާތަކުން އެވާހަކަ ކަނޑައިލައްވާށެކޭ ނޫން. އެކަމަކު އެކަހަލަ ޢިބާރާތްތައް މަދުކުރެއްވިއްޔާ ބޮޑަށް ރަނގަޅުވާނެއޭ. ޚަބަރު ސާފުވެފައި، ކުރުވެފައި، އެބުނާ އެއްޗެއް ވީހާ ސާދާ ޢިބާރާތުން މީހުންނަށް ފަސޭހައިން ދޭހަވާނެ.
ދެން ޤަވާޢިދަށް ސަމާލުކަމެއް ދެއްވުން. އެއީ ކުރިންވެސް އަޅުގަނޑު ދެންނެވިހެން، ދިވެހިބަހުގެވެސް ޤަވާޢިދުތަކެއް ހުރޭ. އެ ޤަވާޢިދުތަކަށް އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނެ. އެއީ، ވަކި ދިވެހިބަސްވީމައެއް ނޫން. ކޮންމެ ބައެއްވެސް، އެބައެއްގެ ބަހަކަށް ރައްކާތެރިވާނެ. އިނގިރޭސި ބަހުން ޚަބަރުކިޔާއިރުވެސް، މިހާރު ބީ.ބީ.ސީ.އަކީ ހުރިހާގޮތަކުންވެސް ވަރަށްމޮޅު ތަނެއް ކަމަށް ބުނަނީ. އިނގިރޭސި ބަހަށްވެސް. ދެން އެމީހުން ޚަބަރު ކިޔާއިރު، އިނގިރޭސި ބަހުގެ އެއްވެސްކަހަލަ ކުށެއްވެސް ނުކިޔާނެ. ޕްރޮނައުންސިއޭޝަން ކިޔާނީ ހަމަ މުޅިން ރަނގަޅަށް. އެހެންވީމާ، އަޅުގަނޑުމެންގެ ބީ.ބީ.ސީ ކަހަލަ ތަނެއް ނެތް. އެހެންނަމަވެސް، އަޅުގަނޑުމެންގެ އަޑަކީ އަޅުގަނޑުމެންގެ ބީ.ބީ.ސީ އެހެންނޫންތޯ. އެހެންވީމާ، އެއިން ކިޔާ ޚަބަރުތައްވާންޖެހޭނެ، ވީހާ ބޮޑަކަށް އެއީ އަޅުގަނޑުމެންގެ ދިވެހިބަހުގެ ޤަވާޢިދުތަކަށް ފެތޭގޮތަށް، ޤަވާޢިދާ ޚިލާފުނުވާގޮތަކަށް ހުންނަން.
ދެން އޮތީ ވަރަށްބޮޑު ކަމެއް އިނގޭތޯ. ވަގުތުކޮޅުވެސް ވަރަށްކުޑަ. އެއީ، އަޅުގަނޑު ކުރިންވެސް ދަންނަވާލިން، އެ ޚަބަރު ކިޔުމުގެ ފާހަގަކުރެވޭ އެއްކަމަކީ، ބައެއް ނަންނަން ކިޔާގޮތް ގޯސްވުމޭ. ނޫނީ ކިޔަންވާގޮތަށް ނުކިޔުމޭ. ޚާއްޞަކޮށް، ބައެއް ޤައުމުތަކުގެ ނަންތައް. އެހެންވީމާ، އަޅުގަނޑު މިއަދު ލިސްޓެއް ހަދާލައިގެން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އިރުކޮޅަކުން އަރުވާނަން، ކޮންމެ ބޭފުޅަކަށް ކޮޕީއެއް. އޭގައި މިގެންނަނީ، ދެން ދުނިޔޭގެ ވަރަށްގިނަ ޤައުމު. ގާތްގަނޑަކަށް، ޔޫ.އެން.ގައި 152 ޤައުމު އޮންނަ ކަމަށްވަންޏާ، މީގައި އުޅޭނެ އެއާ ވަރަށް ގާތްކުރާ ޢަދަދެއް. ދެތިންހަތަރު ނަމެއް އަޅުގަނޑު ކަނޑާލިން. އެއްގޮތަކަށްވެސް ހީނުވަނީ ބޭނުންކުރަންޖެހޭނެހެން. އެހެންވީމާ، 140 އަށްވުރެ މަތީގައި އުޅޭނެ، އެހެންނޫންތޯ. ލިސްޓުގައި މިއޮތީ ލިޔެފައި، އިނގިރޭސި ތަރުތީބުން. މިއޮތީ އޭ.ބީ.ސީ.ޑީ ތަރުތީބުން ލިޔެފައި. ކޮންމެ ރަށެއްގެ، ޤައުމެއްގެ ނަމާއި، އޭގެ މިކޮޅުގައި ތާނައިން އެ ކިޔާގޮތް. ކިޔާގޮތް ލިޔަން ބެލިއިރު ވީގޮތަކީ، އަޅުގަނޑުމެންގެ ބަހުގައި ހުރި ފިލިތަކުން ހުރިހާ ފިއްޔެއް، ހުރިހާ އަޑެއް، އިނގިރޭސި ބަހުގެ ހުރިހާ އަޑެއް ރަނގަޅަށް އަންގައެއްނުދޭ. އެހެންވީމާ، ވަގުތީގޮތުން އަޅުގަނޑަށް ޖެހުނު ބައެއް ރަމްޒު ހަދަން. އެކަމަކު އެއީކީ ދިވެހިބަހަށް ގެނައި ބަދަލެއް ނޫން. ދިވެހިބަހުގެ ޤަވާޢިދުތަކަށް ބަދަލެއް ގެނައުމުގެ ގޮތަކުން ނޫން. އެހެންނަމަވެސް، އެގޮތަށް ބައެއް އެއްޗެތި އަލުން އީޖާދުކޮށްގެން، ނޫނީވިއްޔާ އެ ހުރިހާ އަޑުތައް ރަނގަޅަށް ދިވެހިބަހުން ބުނެވެން ނޯންނާނެހެން ހީވާތީ. އެއީ ދެން ހަދާލި އެއްޗެއް. ތިޔަބޭފުޅުންގެ މަޢުލޫމާތަށް، ތިޔަބޭފުޅުން ބޭނުންފުޅުކުރައްވަން އެކަނި. މިހާރު އޭގެ އެއް މިސާލު ދައްކާލީމާ ޙައިރާންފުޅުވެދާނެކަންނޭނގެ. އެއީ ކ.ގެ މަތީގައި މިއޮތީ އަދި އަޅުގަނޑުމެން ދަންނަ ފިއްޔެއް ނޫން. ނ.ގެ މަތީގައިވެސް މިއޮތީ އަޅުގަނޑުމެން ދަންނަ ފިއްޔެއް ނޫން. އެ ހަދާލާފައި މިއޮތީ. މިދެންނެވިހެން އޭގެ ސައުންޑް ގެނެސްދެވޭތޯ ބަލަން.
ކެނެޑާ، އެހެންނޫންތޯ. އެންމެންވެސް، އަޅުގަނޑުމެން އެންމެންވެސް ދަންނަ ޤައުމެއް. ކ. ގައި އެއީ އެބެފިލި ޖަހައިފީވިއްޔާ ކިޔޭނީ "ކެ" ކެނެޑާ އެހެންނޫންތޯ. އެހެނެއް ނޫން ކިޔަނީ. ކެ-ކެނެޑާ. އެހެންވީމާ، އެ ދޭހަކޮށްދޭ ފިއްޔެއް ދިވެހިބަހަކު ނޯވޭ. ކޮންމެހެން ބޭނުމެއްނުވޭ. ދިވެހިބަހުގައި އޮންނަ ފިއްޔެއް ނޫން. ދެން އެހެންވީމާ، އެ ދައްކައިދޭންވެގެން އަޅުގަނޑު ހަދާލި އެއްޗެއް މިއީ. އ. އެއްގެ މަތީގައި ކުޑަތަންކޮޅެއްލާފައި، ކުޑަކުޑަ ތަންކޮޅެއްލާފައި، ޅ. އެއްކަހަލަ ގޮތަކަށް މިއޮންނަނީ. އެއަށް ދެން ވަކިނަމެއް އަދި ކީކީނޫން. ޞާދިޤު އެބަ ބުނުއްވާ، އެއަށް "އެބަފިއްޔޭ" ކިޔާށޭ. ދެން އެހެންވެސް ކިޔިދާނެކަންނޭނގެ. ދެން އެހެންނަމަވެސް، "ޅ.ފިއްޔޭ"ވެސް ކިޔިދާނެ. ކޮންމެއަކަސް ނަމެއް ނޫން ބޭނުމަކީ. ބޭނުމަކީ އަޅުގަނޑު މިހާރު ތިޔަ ހުރިހާ ބޭފުޅުންނަށް އަރުވަން މިއުޅޭ ލިސްޓުގައި މި ބޭނުންކޮށްފައި އޮންނާނެ، އެ އަޑަށް. "ކެނެޑާ" އެހެން ކިއަންވީ ތަނަކަށް. މިސާލަކަށް، "ޕެރަގުވައި" ނޫނީ އެކަހަލަ އެއަޑު އޮންނާނެ. މި ބޭނުންކޮށްފައި އިނގޭތޯ. ދެން އަދި ބައެއް އެއްޗެތި އޮންނާނެ މިގޮތަށް. މިއީ މިހާރު ވަރަށް ގިނައިން އިވޭ ނަމެއް. "ޗޭޑް". ޗޭޑް އެބެފިލި ދެފިލި ޖަހައިފިއްޔާ ކިޔަނީ ޗޭޑް. އެއީއެއްނޫން ކިޔާގޮތަކީ. އަބަފިލި ދެފިލި ޖަހައިފިއްޔާ ކިޔަނީ "ޗާޑް". އެއީއެއްވެސް ނޫން އަޞްލު އެ ކިޔާގޮތަކީ. ކިޔަނީ "ޗާޑް".
އެހެންވީމާ، އެއްކަލަ ފިލި އަޅުގަނޑު ބޭނުންކުރީ. "އެބަފިލި"، ސޯދު ބުނުއްވާހެން. އެ ފިއްޔާ އެކުގައި އަބަފިއްޔެއް ބޭނުންކުރީ، ދަމާފިއްޔެއްކަން ދައްކަންވެގެން. އެހެންވީމާ، މިހެން ހުންނަ އެއްޗެހި މީގައި ހުންނާނެ، މި ލިސްޓުގައި. މާނައަކީ އެގޮތަށް އަޑުދާނީ، "ޗޭޑް". އިނގިރޭސިން "އަފްޣާނިސްތާނު" ކިޔާއިރު "އަފްގައި" ގައި އެކިޔަނީ، "ގެ" އެއްނޫން. "ގާ" އެއްނޫން. އެހެންވީމާ، އެކަހަލަ އެ އަޑު ދައްކައިދޭންވެގެން އެ އަޅުގަނޑު ބޭނުންކުރީ. ދެން އަދި "ކެނެޑާ"ގައި މި "ނ" ގައި މިއޮތް ފިއްޔާ ދޭތެރޭގައި އެއްޗެއް ނުދެންނެވޭ އިނގޭތޯ. "ނ" ގައި އެއޮތީ އިނގިރޭސި ބަހުގައި ވަރަށް ޚާއްޞަ ފިއްޔެއް. މިދެންނެވީ، ވަރަށްގިނަ ބަސްބަހުގައި ހުންނަ ފިއްޔެއް. އަޑެއް. ވަރަށް ކުރުކުރުކޮށް އިވޭ އަޑެއް. އެ "އަބަފިއްޔަކަށް" ނުވޭ. އަބަފިއްޔަށްވުރެވެސް މާކުޑަގޮތަކަށް ދަނީ. އެހެންވީމާ، އެއަށްވެސް ކޮންމެވެސްކަހަލަ ފިއްޔެއް ނަހަދައި، އެގޮތަކަށް ހިއެއްނުވޭ ކިޔޭނެހެނެއް. އެހެންވީމާ، އަޅުގަނޑު އެ ހެދީ. އޭގެ މިސާލެއް މިއޮތީ. "ޕޯރމަނަންޓް" - "ޕޯމަރ" - "މަރ" އެއަޑު - އަޅުގަނޑުމެން "އަބަފިއްޔެއް" ޖަހައިފީވިއްޔާ ކިޔާނީ "މަ" – "މަ"އެއް ނޫން ކިޔަންވީ "މޮރ". ދެން މިސާލަކަށް "ޑިޕާރޓްމަންޓް". މިހާރު ލިޔެއުޅެނީ އަބަފިއްޔެއް މ. ގައި. ޑިޕާރޓްމަންޓް ލިޔަނީ. އޭރުން ޑިޕާރޓްމަންޓެއް ނޫން ކިޔަނީކީ. "ޑިޕާރޓްމަންޓް" ކިޔާއިރު ތަންކޮޅެއް ކުރުކޮށް ކިޔާ، މިދެންނެވިހެން "މޮރ". އެގޮތަށް މި ކިޔަނީ. އެހެންވީމާ، އެ ފިލި ދައްކަންވެގެން އެހެން ހަދާފައި އެއޮތީ. އެކަހަލަ މީގެ ނަންތައް އަންނާނެތީއާ އެކުގައި. ދެން މިސާލަކަށް، މިވެސް އެހެން "ޕޮރ"އެއްގެ ނަމެއް. "ބްރެޒިލް". ރަ "ރަޒިލް". އެހެންކިޔާއިރު، ރ. ކިޔާ އަޑު، އެ ދައްކަންވެގެން ހަމަ އެފިލި ބޭނުންކުރަން މިއޮތީ. މިއަށް ކިޔަނީ ކީކޭތޯ، "އަބެފިލި". ދެން ކުރިއްސުރެ މިހާރު މިއޮތީ "އައިވަރީ ކޯސްޓް" - "އައިވަރ"، "ވޮރ" ކިޔާތީ. "ވަ" އެއް ނޫން. "ވޮރ". އެހެންވީމާ، "އައިވަރީ" "އައިވަރީ ކޯސްޓް". އެގޮތަށް ކިޔަންވެގެން، އެ ފިލީގެ ބޭނުންކޮށްފައި އެއޮތީ. "ނެދަރލެންޑްސް"، "ލަރ" އެއީ "ލެ" އެއް ނޫން. "ލަ" އެއް ނޫން. "ލޮރ". "ނެދަރލެންޑްސް". "އިންގްލެންޑް" ކިޔާހެން. އެފިލި އަނެއްކާ ބޭނުންކޮށްފައި މިއޮތީ. ދެން "ވ"ގެ މަތީގައި ޖަހާ ތިކި" އިނގޭތޯ. އެއީ މިހާރުވެސް އޮންނަ އެއްކަލަ، ރައީސް އޮފީހުން ނެރެފައި އޮތް ފޮތެއްގައި އޮންނާނެ، ވާވުގައި ތިކިޖަހާފައި. އެއީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެހެން، އަޅުގަނޑުމެން ދިވެހިބަހުން ވާވު ކިޔާގޮތަށް، ބޭރުގެ ބަހެއް، އިނގިރޭސި ބަހުގައި ދެގޮތަކަށް ކިޔާނޫންތޯ. "ޑަބްލިޔޫ" ކިޔާގޮތާ "ވީ" ކިޔާގޮތާ ތަފާތު ނޫންތޯ؟ އެހެންވީމާ، ޑަބްލިޔޫ ހުންނަ ތަންތަން ކިޔާގޮތަށް މި "ވ" މަތީގައި "ތިކި" ޖަހާފައި ހުންނަނީ. "ވީ" - ވީ އަކުރު ކިޔާގޮތަށް ހުންނަ އެއްޗެތީގައި ހަމަ ދިވެހި "ވ"، އާދައިގެ ތާނައިގެ ވާވު ތިއްކެއްނުޖަހާ. އެހެންވީމާ، "އިކްވޭޑޯ" - "އީކްވޭ". "ވޭ" އެއް ނޫން. "ޥޭއި". "އީކްޥޭޑޯ" އީކްޥޭޑޯ، އެހެން ކިޔަންވީމާ، މިއޮންނަނީ އެ "ތިކި" ޖަހާފައި. ދެން މި ބަހުން މާރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެ ދެ "ވާވު" މީގައި އެބައޮތް. މީގައި ދެ ވާވު އެބައޮތް. އެއް ވާވަކީ ހަމަ ދިވެހިގޮތަށް އިނގިރޭސި "V" އަކުރެކޭ އެއްގޮތަށް "ވެ" ކިޔާ އެއްޗެއް. ދެން އޮތް ވާވަކީ ލުއިކޮށް ކިޔާ ވާވެއް. "W" ކިޔާކަހަލަ ގޮތަކަށް، "ވެނެޒްވޭލާ". "ވެ" - ފަށާއިރު ވ. ދިވެހިގޮތަށް، "ވެނެޒްޥޭލާ" "ޥޭލާ"، އެގޮތަށް ކިޔަން މިހުންނަނީ. ދެން މިހާރު މިހިރީ މިސާލަކަށް، ދައްކަން މިއުޅެނީ، "އެލްބޭނިއާ". އެއްކަލަ ފިލި ޖަހާފައި މިއޮތީ އަލިފުމަތީ. "އެލްބޭނިއާ". "އެލްއެއް ނޫން. "އަލް" އެއްވެސްނޫން. ދެން މިދެންނެވީ، މި އުޞޫލުން ހުންނާނީ.
މީގެ، އަދި އޭގެކުރީގެ، އަދި އެ އެރުވުމުގެ ކުރިން، "ހުސް ރ" އާ ދޭތެރޭގައި އަޅުގަނޑު އެއްޗެއް ދަންނަވާލާނަން. ފަސް މިނިޓެއްހާއިރުން ދެން ނިންމާލަން ކަމަށް. "ހުސް ރ" އަޅުގަނޑުމެން ބޭނުންކުރާއިރު މިހާރު ވާގޮތަކީ، ވަކި ޤަވާޢިދެއް ނެތީމާ ކިޔާކަށް ނޭނގެ. ބައެއް މީހުން މިސާލަކަށް، "އަރޒް" ލިޔެފައި ހުންނައިރު، ބައެއް ތަންތަނުން ލިޔުއްވާނެ، އ.ގެ މަތީގައި އެއް އަބަފިލި، ދެން ހުސް ރ. އެއް، ދެން ޒ. ސުކުން، އެހެންނޫންތޯ؟ އަނެއްބައި ތަންތަނުން އެބަ ލިޔުއްވާ، އ. ގައި ދެ އަބަފިލި (އާބާފިލި) ޖަހާފައި، ހުސް ރ. އެއް، ދެން ޒ. ސުކުން. އެހެންވީމާ، އެތަނުން ކިޔަންވީ ކިހިނެއްކަން، އެ ދޭތީގެ ތަފާތެއް، އެތާ އޮންނަންވީ އެއް އަބަފިލިތޯ، ދެ އަބަފިލިތޯ. ދެންމެ އަޅުގަނޑު މިދެއްކި "ޕާރމަނަންޓް"ގެވެސް އެބައޮތް އެހެންނޫންތޯ؟ ފުރަތަމަ ޕަވިޔަނީގައި އޮންނަންވީ އެއް އަބަފިލިތޯ، ނޫނީ ދެ އަބަފިލިތޯ. އެއީ ދެމީހުން ދެގޮތަށް، ދެބައިމީހުން ދެގޮތަށް ލިޔާ އެއްޗެއް. މިހާރު މި "ޕާރމަނަންޓް". ބައެއް މީހުން ލިޔެފާނެ، ޕަވިޔަނީގައި އެންމެ އަބަފިއްޔެއް، އަނެއްބައި މީހުން ލިޔެފާނެ ދެ އަބަފިލި، ދެން ހުސް ރ. އެއްވެސް އޮވޭ. އެހެންނަމަވެސް، އޭގައިވެސް ގޮތެއް އޮންނަންޖެހޭނެ ނޫންތޯ؟ އެހެންވީމާ، އަޅުގަނޑު ދެން ވަގުތީގޮތުން ގޮތެއް ހަމަޖައްސައިފިން މިކަމަށް. މިހެން ދެ އަބަފިލި ޖަހަނީ އޭގެ ފިއްޔަށް ވިސްނާފައި، އަޑަށް ވިސްނާފައިތާ. ދަމާގޮތް ހުންނަންޏާ. "ޕާރމަނަންޓް" ކިޔާއިރު، "ޕާރ" އެބަ ދެމޭ. "ޕާރމަނަންޓް" އެހެންނޫންތޯ؟ އެބަ ދަމަންޖެހޭ. އެކަމަކު "ނެދަރލެންޑްސް" މި ކިޔާއިރު "ނެދާރލެންޑްސް" އެހެނެއްނޫން މިކިޔަނީކީ. "ދާރ" އެހެން ނުއެއްދަމާ. ކުރުކުރުކޮށް އެ ފިލި އެކިޔަނީ. "ނެދަރ". އެހެންދާކަހަލަ ތަންތާނގައި، އެއްފިލި މިޖަހަނީ. ދެން އަޅުގަނޑު ހުސް ރ. ނުޖަހަން، އެ ރ.ގެ އަޑު މާރަނގަޅަށް ފާޅުނުވަންޏަކާ. މިހާރު މިސާލަކަށް، މިތާނގެ އާދައިގެ ތާނަލިޔުމުގައި ރ.އެއް ޖަހައި އުޅޭ. "ޑިޕާރޓްމަންޓް". ޕަވިޔަނީގައި އަބަފިލި ދެފިލި ޖަހާފައި، ރ. (ހުސް ރ. އެއް) ޖަހައިއުޅެނީ. އެކަމަކު އަޅުގަނޑު ދެކޭގޮތުގައި، ބޭނުން ރ. އަކަށް ނުވޭ. އެއީ އޭގެ އަޑެއްނީވޭ. "ޑިޕާޓްމަންޓް" ކިޔަނީ. ރީތިކޮށް އަބަފިލި ދެފިލި ކިޔާހެން ކިޔަނީ. "ޕާރ". ސައުންޑް، އެ އެއްގޮތަކަށްވެސް ނުގެނެވޭ. "ޑިޕޯރޓްމެންޓް"އެއް ނޫން ކިޔަނީ. އެހެންވެ އެ ރ. އޮންނާކަށް ނުޖެހޭ. އެ ރ. އޮތީމާ، އަރަނީ އޮޅުން. ރ. އޮތީވިއްޔާ ކިޔަންޖެހޭނީ، އަޅުގަނޑު ކުރިންވެސް ދެންނެވިހެން، "ޕާރމަނަންޓް" އޮތީމާ ކިޔަންޖެހޭގޮތަށް. "ޕޯރމަނަންޓް".
އެހެންވީމާ، އެގޮތަށް ހުންނަ ހުސް ރ. ތައް ކަނޑާލީ. ފަސޭހަނޫންތޯ؟ އިތުރު އެއްޗެހިތައް ނުލިޔެ. ދެން އެހެންވީމާ، "ޕޯސްޓް ކާޑު". ޕޯސްޓް ކާޑު ލިޔާއިރު، މީގައި ލިޔެގެން އެބައުޅެން އަޅުގަނޑު މިހާރު، ޕޯސްޓްކާޑުގައި ނޯންނަގޮތަށް. އަނެއްކާ "ކޯޓް". މިވެނި ކޯޓަކުން މައްސަލަ ނިންމަވައިފިއޭ. އޭގައިވެސް ނޯންނަގޮތަކަށް. ދެން ކިޔުމުގައި އަދިވެސް އިތުރު ކުޑަކުޑަގޮތެއް އިނގޭތޯ، މިހާރު މިހިރީ. އަޅުގަނޑުމެން ލިޔާ ލިޔުމުގައި، ހުސް އަލިފެއް ބޭނުންކުރޭ، ބޭރު ބަހަކާ ގުޅިގެން. އިން، އަށް، އެއް. އެކަހަލަ އެއްޗެހި. މިހާރު މި ޑިޕާޓްމަންޓް އިން، މި ޑިޕާޓްމަންޓް އަށް، ސަރުކާރުގެ ޑިޕާޓްމަންޓް އެއް، އެހެން. އެހެން ލިޔެފައި އޮތީމާ، އެ އަލިފު ތިންގޮތަކަށް އެނައުންސަރުން އެބަކިޔާ. ބައެއް ކުދިން ކިޔަނީ، "މިޑިޕާޓްމަންޓް-އިން" މިހެން. އަޅުގަނޑު ޑޭޝް ޖަހާފައި އެއޮތީ މުޅިން ވަކިކޮށްލާފައި ކިޔާތީ. ޑިޕާރޓްމަންޓް-އިން މިވެނިކަމެއް ކުރެއޭ، އަންގައިފިއޭ. އަނެއްބައި ކުދިން ކިޔަނީ، "މިޑިޕާޓްމަންޓިން" މިގޮތަށް. ހަމަ އެހެންކިޔޭ އިނގޭތޯ. ދެން ޤަޞްދުގައި ކިޔަނީކީ ނޫން. އެކަމަކު އެހެން ކިޔެނީ، ޑިޕާޓްމަންޓިން. މިހެން ހަދައިގެން. އެކަމަކު މިދެގޮތުންކުރެ ގޮތެއްވެސް ރަނގަޅެއް ނޫން. ރަނގަޅުގޮތް އަޅުގަނޑު ފެހި އަކުރުން ލިޔެގެން މިއުޅެނީ. މީ ކިޔަންވީގޮތަކީ. "މިޑިޕާޓްމަންޓުން". "ޓުން". އެއީ ދިވެހިބަހުގައި ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ވާހަކަ ދައްކާއިރު، އެ އަލިފެއްގެ ބޭނުމެއްނުކުރަން. ލިޔުމުގައި އަދި ބޭނުންކުރި ކަމުގައިވިޔަސް، ކިޔާއިރު ކިޔަންޖެހޭނީ، އެ އަލިފު ނުލައި. ޑިޕާޓްމަންޓުން. ޑިޕާޓްމަންޓަށް ދަމޭ. އެހެން ބުނަންޖެހޭނީ.
އެހެންވީމާ، މި ޚަބަރު ކިޔާއިރުވެސް މިހެން ކިޔަންޖެހޭނީ. މި ޑިޕާޓްމަންޓުން. މި ޑިޕާޓްމަންޓަށް. ހަމައެގޮތަށް މީ - "އޮފީސް-އިން". އޮފީސް-އިން ކަމެއް ނިންމާ ވާހަކަ، ހަމަ ކިޔާފާނެ. އެހެންނޫންތޯ. ދެން އޮފީސްއިން - އެހެންވެސް ކިޔާ، އިނގޭތޯ. އިނގިރޭސިން އެހެން ކިޔޭ. އެކަމަކު ދެން ރަނގަޅު ގޮތަކީ މީ - ފެހި. "އޮފީހުން". "އޮފީހުން" ކިޔަންވާނީ. ދެން އެއްކަލަ "ހުސް ރ"ގެ ވާހަކަ އަޅުގަނޑު ދެންނެވީ. ޗާޓުތައް ފެނިއްޖެ، ކުރިން ނުފެނިގެން އުޅުނު. "ޓީޗަރ" މިހެން އޮންނައިރު، އެއްކަލަ އެންމެ އަބަފިއްޔެއް ބޭނުންކޮށްފައި މިއޮތީ. އޭގެ އަޑު ޓީޗަރ. - "ޓީޗާރ" އެހެން ނުކިޔާތީ، އެހެންނޫންތޯ؟ އެއާޚިލާފަށް "ވާރބްސް" - ވާރބްސް ކިޔަންޖެހޭނީ ދަމާފައި. އެހެންނަމަވެސް، އެ "ރ"ގެ އަޑު އެބައިވޭ. އެހެންވީމާ، ވާރބްސް - ދެފިލި ޖަހައިގެން، މިގޮތަށް ބޭނުންކުރަންޏާ، މި އުޞޫލުން ބޭނުންކުރަންޏާ، ދެން އަޅުގަނޑު ކުރިންވެސް ދެންނެވިހެން، "ޕޯސްޓްކާޑު"، މިހެން ބޭނުންކުރަންޏާ، ދެން އެ މައްސަލައެއް ނޯންނާނެ ނޫންތޯ. މިގޮތަށް ބޭނުންކުރަން ފަށައިފީވިއްޔާ، ހުރިހާ ކުދިންނަށްވެސް އެނގޭނެ، މިހާރު މިތާނގައި ކިޔަންވީ އަބަފިލި ދެފިލި ރީތިކޮށް ކިޔާގޮތަށްކަން. ހުސް ރ. އެއް އޮވެއްޖިއްޔާ، ދެފިލި އޮވެއްޖިއްޔާ އެ ހުސް ރ. އިވޭގޮތަށް އޭގެ އަޑުއިވޭގޮތަށް ދަމާފައިކަން ކިޔަންވީ. އެއްފިލި އޮވެފައި، ރ. އޮވެއްޖިއްޔާ ވަރަށް ކުރުކުރުކޮށް "ޓީޗަރ" އެހެން ކިޔާހެންކަން ކިޔަންވީ. އޭރުން ކިޔާ ކުދީންނަށްވެސް ވަރަށްބޮޑު ފަސޭހައަކަށްވެސް ވާނެހެން އަޅުގަނޑަށް ހީވަނީ.
އެއްގޮތަކަށް ހަދަން އަޅުގަނޑުމެން ހަމަޖައްސައިފީވިއްޔާ، ދެން ހުސް ރ. އަށް ނިމޭ ބައެއް ބަސް. މިހާރު، "ސެމިނާރ"، ވަރަށް ގިނައިން ކިޔޭ އެއްޗެއް އެހެންނޫންތޯ؟ ކުޅުދުއްފުށީގައި ދޭތެރެދޭތެރެއިން ސެމިނާރއެއް ބާއްވާ ވާހަކައެއް ކިޔާ. "ސެމިނާރ" ވަރަށް އާދައިގެ ބަހަކަށް ވެއްޖެ، މި ކިޔާގޮތް. އޭގެފަހަތަށް "އެއް" އަތުވެއްޖިއްޔާ ބައެއް ކުދީން ކިޔަނީ މިހެން، "ސެމިނާރއެއް". "ސެމިނާރއެއް". ދެން ރަތުން އޮތީމާ އެނގިވަޑައިގަންނަވާނެ، އެއީ ރަނގަޅުނޫންކަން - އެހެންވެގެންކަން ރަތުން ލިޔެފައި އެއޮތީ. "ސެމިނާރއެއް" ނޫން ކިޔަންވީކީ. ކިޔަންވީ "ސެމިނާރެއް". އެ "ރ" ފާޅުކޮށްފައި. އެއީ އިނގިރޭސި ބަހުގައިވެސް އިނގޭތޯ، އެ ހުސް ރ. އޮންނައިރު، ބަހެއް ނިމޭތަނަށް ރ. އައިސްފައި، ދެން އޮންނަ ބަހެއް ފެށެނީ ވަވޮލް އަކުރަކުން ކަމަށްވަންޏާ، ރީތިކޮށް ކިޔާމީހުން އެ ރ. ފާޅުކުރާނެ އިނގޭތޯ. އެހެންވީމާ، އޭގެ މިސާލެއް ދައްކަންވެގެން އިނގިރޭސިންވެސް އަނެއްކާ އަޅުގަނޑު ލިޔެފިން. އަޅުގަނޑުމެން ސަރުކާރުގެ ޑިޕާރޓްމަންޓެއް އޮވޭނޫންތޯ. "ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ". އެދޭތި އެއްކޮށް ކިޔާއިރު މިހާރު ފާޅުވާގޮތަށް ކިޔާނީ. ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ. އެހެންވީމާ، މި ޢަލާމަތް ޖަހާފައި މިއޮތީ. R (އާރު) އަކުރާއި A (އޭ) އަކުރާ ގުޅުވާލާފައި. އެއީ ރަނގަޅަށް ކިޔާއިރު، އެ R (އާރު) ފާޅުކުރާނެ.
ރޭގެ ބީ.ބީ.ސީ.އިންވެސް އަޅުގަނޑު އެހިން، "ނަމްބަރ އޮފް ޕީޕްލް ވަރ". "ނަމްބަރ އޮފް" - ނަމްބަރ އޮފް، އެކަމަކު އެއްކޮށްލާފައި ކިޔާއިރު، އެ "ރ" ކުޑަކޮށް ފާޅުވާގޮތަށް ކިޔަނީ. އެގޮތަށް "ސެމިނާރެއް" ކިޔަން މިޖެހެނީ. "ކާރެއް" ކިޔާހެން. "ސެމިނާއެއް." އެހެނެއްނޫން. "ސެމިނާރެއް." އެ ފާޅުވާގޮތަށް. މިދެންނެވީ އިނގިރޭސި ތަންކޮޅެއް މި އަންނަނީ. މި ކިޔާއިރުވެސް، އެ "ރ" ފާޅުވާގޮތަށް، އެ އިނގިރޭސިން ކިޔާ، ވާހަކަދައްކާ މީހުން ކިޔަނީ. އަޅުގަނޑުމެންނަށް ވާގޮތަކީ، ތަންކޮޅެއް ނުފަރިތަވީމާ އެހެން ނުކިޔެނީ. އެކަމަކު އަޞްލު އިނގިރޭސި ބަހުގައި، ވާހަކަ ދައްކާއިރު، އެ R (އާރު) އަކުރު އިވޭގޮތަކަށް ކިޔާނީ. އެ ފަހަތުން މިއަންނަނީ، I (އައި) އަކުރު. I (އައި) އަކުރު އައިމާ، އެއީ ވަވޮލް އަކުރެއް. ކުރިއަށް އޮންނަ R (އާރު) ފާޅުވަނީ. ކުރިން އަޅުގަނޑު ދެންނެވި، ވޯޓަރ އެންޑް ސެނިޓޭޝަންވެސް ވާގޮތަކީ، އެ R (އާރު) އަކުރާ ޖެހިގެން، A (އޭ) އަކުރު މިއަންނަނީ. A (އޭ) އަކުރަކީ ވަވޮލް އަކުރެއް. އެހެންވީމާ، އެ R (އާރު) ފާޅުވަނީ. އެހެންވީމާ، "ސެމިނާރެއް". އެއީ، އަޅުގަނޑު މިދަންނަވާ ރަނގަޅު ގޮތަކީ.
އާދެ، ދެން ޚަބަރުގެ ބައިތައް. އިރާދަކުރެއްވިއްޔާ، ދެން އަންނަ ފަހަރަކުން އަޅުގަނޑު މީގެ ތަފްޞީލު ދޭނަން. އެހެންވީމާ، އެހެން ދުވަހަކުވެސް ބައްދަލުކޮށްލާނީ އަދި. އެއީ ޚަބަރު ބެހިގެންވާގޮތް މިއޮންނަނީ އިނގޭތޯ. ޚަބަރު އޮންނަނީ ތިންބަޔަކަށް ބެހިފައި. އެމީހުން ބުނަނީ އިންވާރޓަޑް ޕިރަމިޑެއްގެ ގޮތުގައޭ. ޕިރަމިޑެއްހެން އެކޮޅުކޮޅުންހުރި، މައްޗަށް ފުޅާ ބައި. ކަން ތިރިއަށް އައިސްފައި. މީގެ އެންމެމަތީ ބަޔަށް އިނގިރޭސިން ކިޔަނީ ލީޑް. ޚަބަރުގެ ލީޑް. އެއީ ޚަބަރުގެ މައިގަނޑު. އެންމެ މުހިންމު ބައި. ޚަބަރުގައި ބުނާ އެންމެ މުހިންމު އެއްޗެއް. މިސާލަކަށް، "ރޭގައި ޖަމްޢިއްޔަތުލް އަމީންގެ ޖަލްސާއެއް އޮތޭ". އެ ނުވޭ ޚަބަރަކަށް. ޖަލްސާއެއް އޮތީމާ ކީއްތޯވީ؟ މީހުން ބޭނުންވާނެ، ޖަލްސާގައި ވީ ކީއްތޯ ބަލަން. ޖަލްސާއެއް އަދި އޮތަކަސް އެއީކީ ޚަބަރެއް ނޫން. އެހެންވީމާ، އެއީކީ ލީޑަކަށް ކަމަކުނުދޭ. ލީޑަކީ ޚަބަރު ފަށާ ޢިބާރާތް. ޚަބަރުގެ އެންމެ ފުރަތަމަ ޖުމްލަ. އޭގައި އެއްގޮތަކަށްވެސް، ރޭގައި ޖަމްޢިއްޔަތުލް އަމީންގައި ޖަލްސާއެއް އޮތޭ ބުނީމަކާ، އެ ނުވޭ ޚަބަރަކަށް. ކަމަކުނުދޭ. "މިއަދު ހަވީރު ފުޓްބޯޅަ މެޗެއް އެބައޮތޭ." އެހެން ބުންޏަކަސް ކަމަކުނުދޭ. ލީޑްގައި އޮންނަންޖެހޭނެ، އެންމެ މުހިންމު ބައި. އެ ދެން އަޅުގަނޑު ދިވެހިބަހުން އެއަށް މިކީ މައިގަނޑު. ޚަބަރުގެ މައިގަނޑު. ބޭނުން، އެ ބުނަން ބޭނުންވާ އެންމެ މުހިންމު ވާހަކަ އެއީ، ޚަބަރުގައި. އެ އޮންނަންޖެހޭނެ، ޚަބަރުގެ އެންމެ ފުރަތަމަ ޖުމްލައިގައި. މިވެނިހެން ވެއްޖެއޭ. މިހާރު މީހަކު ދިން ސްޕީޗެއްގައި ވަރަށްގިނަ ކަންތައްތައް ބުނެފައި، އެހެންނަމަވެސް، އެރިޕޯޓަރުގެ ނަޒަރުގައި، ނޫނީ އެ ޚަބަރު ތައްޔާރުކުރާ މީހާގެ ނަޒަރުގައި، އެމީހަކު އެބުނި އެންމެ މުހިންމު އެއްޗެއް އޮންނަންޖެހޭނީ، އެންމެ ފުރަތަމަ ޖުމްލައިގައި. މިވެނިހެން، މިވެނި މީހަކު ބުންޏޭ، ނޫނީ މިވެނި މިނިސްޓަރަކު ވިދާޅުވިއޭ. އެއީ ލީޑަކީ. އެއީ އެންމެ މުހިންމުކަން ބޮޑުވީމާ، އެންމެ ފުޅާކޮށް އެއޮތީ. ދެން އަންނަނީ ތަފްޞީލު، އޭގެފަހުން.
މިހާރު މިސާލަކަށް، އެންމެ ފުރަތަމަ މި ބުނަނީ، މިނިސްޓަރ މިހެން ވިދާޅުވިއޭ. އެ ވަރަށް މުހިންމު އެއްޗަކަށް ވަނީ، ވިދާޅުވި އެއްޗަކީ. އެހެންވީމާ، އެ އެންމެ ފުރަތަމަ އަންނަނީ. އައިސްފައި، ޚަބަރުގައި ދެން އޮންނަ ޕެރެގްރާފްތަކުގައި އަންނާނީ، އެ ވިދާޅުވީ މިވެނި މުނާސަބަތެއްގައޭ. މިވެނި ތަނެއްގައި ވާހަކަފުޅު ދައްކަވަމުންނޭ. މިވެނިކަހަލަ ޖަލްސާއެކޭ. މިވެނިހެނޭ ކިޔާފައި، އޭގެ ތަފްޞީލުތައް މި އަންނަނީ. އެއީ ދެވަނައަށް މިއޮތީ ތަފްޞީލެއް ލިޔެފައި، ދެވަނައަށް އޮތް ބައި. ދެން ތިންވަނައަށް މިއޮތްބައި ގުޅުވައިލުން. ތިންވަނައަށް އެންމެ ފުރަތަމައަށް މިއޮތީ، އެއީ ގުޅުވައިލުން. އެ ޚަބަރުގެ ކުރީގެ ކަންތައްތަކާ ގުޅުވައިލަންޖެހޭނެ. ޚަބަރު ނިމެންވާނީ، މީގެކުރިން މިކަންވެފައި އޮތީ މިހެނޭ ކިޔާފައި. މިވެނިހެން ކަމެއްވެއްޖެއޭ. އެންމެ ފުރަތަމަ، ދެން އޭގެ ތަފްޞީލުތައް. ދެން އޭގެކުރިން އޮތްގޮތް. ނޫނީ ކުރިން އެކަހަލަ ކަމެއްވެފައި އޮތީ ކޮންއިރަކުތޯ. މިހާރު މިސާލަކަށް، އިނގިރޭސި ރާނީ އަނެއްކާ ރާއްޖެއަށް ވަޑައިގަތިއްޔޯ. ދެން ވަޑައިގަންނަވައިގެން، އެ ޚަބަރު ކިޔާއިރު، ކިޔާފައި އެންމެފަހުން ނިންމާލާއިރު ކިޔާނީ، މީގެކުރިން، 1972 ވަނަ އަހަރު، ރާނީ ރާއްޖެއަށް ޒިޔާރަތް ކުރެއްވިއޭ. އެއީ އެ ގުޅުވައިލުމަކީ. އެ ޚަބަރާއި، ކުރިން އެހެން ވެފައި ހުންނަ ކަންތައްތަކާ ދޭތެރޭގައި އޮންނަ ގުޅުން ބަޔާންކޮށްދިނުން. އެ ޚަބަރު ނިމޭބައި. ފެށޭ ބަޔަކީ މައިގަނޑު. ދެން ތަފްޞީލު. ދެން ގުޅުވައިލުން.
އާދެ، މާގިނައިރުވެއްޖެ. އެހެންވީމާ، ދެން މިއަދަށް ނިންމާލަނީ. އިރާދަކުރެއްވިއްޔާ ދެހަފްތާއެއްހާ ދުވަސް ފަހުން އަދި އަޅުގަނޑު އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނާ ބައްދަލުކޮށްލައި، ޚަބަރާ ދޭތެރޭގައިވެސް އަދި ފެންނަންޏާ އެހެން ބައެއް ކަންތަކާ ދޭތެރޭގައިވެސް ވާހަކަ ދައްކާލާނަން. ދެން މިހާބޮޑަށް ލަސްވިކަމަށްޓަކައި ވަރަށް ބޮޑަށް މަޢާފް ކުރައްވާތި އިނގޭތޯ! މާބޮޑަށް އަދި މިދިޔައީ. އެއްގޮތަކަށްވެސް ހީފުޅުނުކުރައްވާތި، އަޅުގަނޑު ފިލާވަޅެއް ދިނިއްޔޭ އިނގޭތޯ. ފިލާވަޅެއް ދިނުމުގެ މަޤްޞަދެއްގައެއް ނޫން، އައިސްފައި މިވާހަކަ ދެއްކީކީ. އެހެންނަމަވެސް، ދެން މިކާޑުތަކާ އެއްޗެތި ޞާދިޤު މާ ފޯރީގައި ތައްޔާރުކުރެއްވީމާ، އެގޮތަށް ދެން ދިޔައީ ހިސާބަކަށް. އެ ބޭނުމަކީ ހަމަ މިކަންތައް އިޞްލާޙުކޮށް ރަނގަޅުކުރުމާއި، އަޅުގަނޑަށްވެސް ފެންނަ އެއްޗެއް މިކަމުގައި ދަންނަވާލުން.
ދެން މިދެއްކި ވާހަކަތަކާ ގުޅޭގޮތުން އެއްވެސް ބޭފުޅަކު އެއްވެސްކަހަލަ ވާހަކަފުޅެއް ވިދާޅުވާން ބޭނުންފުޅުވަންޏާ، މައްސަލައެއް ނެތް. ކުޑަކުޑައިރުކޮޅެއް ވަންދެން، ސުވާލެއް ނޫނީވިއްޔާ ޚިޔާލެއްނަމަވެސް.
والسّلام عليكم ورحمـة اللّـه.