ރާއްޖޭގެ ތަރައްޤީއަށް ހުރަސްއެޅޭ ބާވަތުގެ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ރާއްޖޭގެ ރައްޔިތުންނަށް ފޯރުވިޔަ ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހިންގުން، ޖީ.އެމް.އައި.އޭ.އެލް ކުންފުންޏާ ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. "އަޅުގަނޑުމެން މި ރާއްޖެ ތަރައްޤީ ކުރާނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ރާއްޖެ، އެހެން ދިވެހިރާއްޖެއަކަށް ހަދާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރު އެކުލަވައިލުމަށްޓަކައި ބިނާކުރެވުނު މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ފާހަގަވެގެންދިޔަ އެންމެ މުހިންމު އެއްކަމަކީ، ރާއްޖެއަށް ޙަޤީޤީ ތަރައްޤީ ގެނައުން ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަށް އިޤްތިޞާދީ ބަދަލެއް ގެންނާން އެދެނީނަމަ، މި ރާއްޖޭގެ މައި ދޮރާށި ކަމުގައިވާ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، މިހާރު މިހުރި ފެންވަރުން މުޅިން އެހެން ފެންވަރަކަށް ބަދަލުވާންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު މިހާރު ދެވަނައެއް ނެތްފަދަ މިންވަރަކަށް ތަރައްޤީވެފައިވާއިރު، މި ރާއްޖެއަށް މިހާރު މިއަންނަ މިލިއަނެއްހާ ފަސިންޖަރުން އައިސް ގޮސްއުޅޭ، ވައިގެ ބަނދަރަކީ ދުނިޔޭގެ ފެންވަރުގައި ތަރައްޤީވެފައި ނެތް ބަނދަރެއް ކަމަށްވަނީވިއްޔާ، ދެން ނުކުންނަ އިޤްތިޞާދީވެސް އަދި މާލީވެސް، ނުހަމަކަން ވަރަށްބޮޑުވެގެންދާ ކަމުގައި ރައީސް ވިދާޅުވިއެވެ. "ރާއްޖެއަށް ފުރިހަމަ ތަރައްޤީ ހޯދުމަށްޓަކައި، ރާއްޖޭގެ އެއަރޕޯޓް، މިހާރަށްވުރެ މާ ފުޅާކޮށް، މާ ބޮޑުކޮށް، މާ ފުރިހަމައަށް ތަރައްޤީކުރަން ޖެހިފައި އޮތްކަމީ އަޅުގަނޑުމެން އެންމެންނަށް އެނގޭ ޙަޤީޤަތެއް"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެއަރޕޯޓް ތަރައްޤީ ކުރުމަށް ތިންސަތޭކަ މިލިއަނަށްވުރެ ގިނަ ޑޮލަރު ބޭނުންވާކަން ފާހަގަކުރައްވަމުން، މި ތިންސަތޭކަ މިލިއަން ޑޮލަރަކީ، މިވަގުތު ސަރުކާރުގެ ނަމުގައި ދަރަންޏަށް ނަގައިގެން ހޭދަކުރާން ރަނގަޅު ޢަދަދެއް ނޫންކަން ސަރުކާރަށް ޤަބޫލުފުޅުކުރެއްވުނު ކަމުގައި ރައީސް ވިދާޅުވިއެވެ.

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް ހިންގުން މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގއާއި ޖީ.އެމް.އާރ. ގްރޫޕާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެފަރާތާއެކު ސަރުކާރުން ސޮއިކުރައްވާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 28ވަނަ ދުވަހުއެވެ.

މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގ އާއި ޖީ.އެމް.އާރ. ގްރޫޕާ އެއަރޕޯޓު ތަރައްޤީކޮށް ހިންގުން ޙަވާލުކުރައްވާފައިވަނީ ވާރލްޑް ބޭންކްގެ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ބެއްލެވުމާއި ލަފާގެ މަތިން ކުރިއަށް ގެންދެވުނު ބައިނަލްއަޤްވާމީ ޓެންޑަރެއްގައި ވާދަކޮށްގެންނެވެ.

މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގއިން ޖުމްލަ 59 އެއަރޕޯޓެއް ހިންގައެވެ. މީގެތެރޭގައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއް އެއަރޕޯޓު ކަމުގައި އޭވިއޭޝަން އިންޑަސްޓްރީގެ މާހިރުން ބަލައިގެންފައިވާ މެލޭޝިޔާގެ ކުއާލަލަމްޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓްވެސް ހިމެނެއެވެ.

މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގއިން އިންޑިޔާގެ ޖީ.އެމް.އާރ.އާއެކު ހަތްއަހަރު މަސައްކަތް ކޮށްފައިވެއެވެ. މި ދެކުންފުނި ގުޅިގެންވަނީ އިންޑިޔާގެ ހައިދަރުއާބާދުގެ ބައިނަލްއަޤްވާމީ އެއަރޕޯޓް ފަރުމާކޮށް، ޢިމާރާތްކޮށް ހިންގަން ފަށާފައެވެ. މީގެއިތުރުން، ތުރުކީގެ އިސްތަންބޫލް އިންޓަރނޭޝަލަން އެއަރޕޯޓާއި، އަންނަ މަހު ހުޅުވުމަށް ހަމަޖެހިފައިވާ ދިއްލީގެ އާ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ މަސައްކަތްވެސް ހިންގަމުންދަނީ މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގއާއި ޖީ.އެމް.އާރު ގުޅިގެންނެވެ.

މި އެއަރޕޯޓުގެ ސަބަބުން ރާއްޖެ އަންނަ ފްލައިޓްތަކުގެ ޢަދަދު އިތުރުވެ، އެއަރޕޯޓް ތޮއްޖެހުން ކުޑަވެ، އެއަރޕޯޓް ޗެކް-އިންއަށް ހިނގާ ވަގުތު ކުޑަވެގެންދާނެއެވެ. މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގ އާއި ޖީ.އެމް.އާރ.އިން އެއަރޕޯޓް ތަރައްޤީ ކުރުމަށް 400 މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މި އެއަރޕޯޓް ތަރައްޤީކޮށް 2014 ވަނަ އަހަރު ނިންމުމަށްވަނީ ހަމަޖެހިފައެވެ.