ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ކުރިއަށްގެންދަވާ "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގައި ހިމެނިގެން ހުޅުމާލޭގައި ތަރައްޤީކުރާ 1224 ހައުސިންގް ޔުނިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މަޝްރޫޢުގެ ކޮންޓްރެކްޓަރ، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓުގައި މިރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ދަޢުލަތުގެ ވަޒީރުންނާއި އިސްވެރީން، އަދި ބީ.އެމް.އެލްއާއި ސީ.އެމް.އީ.ސީގެ އިސް އޮފިޝަލުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ބީ.އެމް.އެލްގެ 1224 ހައުސިން ޔުނިޓް ހިމެނޭ އެފޯޑަބަލް ހައުސިންގް މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބް، އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާގެ އިތުރުން ބީ.އެމް.އެލްއާއި ސީ.އެމް.ސީގެ އިސް އޮފިޝަލުންނެވެ. ބިންގާ އަޅުއްވައިދެއްވި ބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.
"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި 3،000 އަށްވުރެ ގިނަ ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.
2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ފެބުރުވަރީ މަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ތެރޭގައި، އަތްމަތި ތަނަވަސް ޢާއިލާތަކަށް ރިއަލް އެސްޓޭޓް އުޞޫލުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުޞަތު އިތުރުކުރުމާއި، މެދުފަންތީގެ ޢާއިލާތަކަށް ބޭންކް މޯގޭޖްގެ ތެރެއިން އެފޯޑަބަލް ހޯމް ގަތުމުގެ ފުރުޞަތު ހޯދައިދިނުމާއި، އަމިއްލައަށް ތަނެއް ނުގަނެވޭ ފަދަ ޢާއިލާތަކަށް ސޯޝަލް ހައުސިންގ ޢިމާރާތްކޮށް ދިނުން ހިމެނޭކަމުގައި ވިދާޅުވެފައެވެ. ހަމަ މިއާއެކު، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ރާއްޖޭގެ ބޭންކިންގ ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަށްވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލެއްވިއެވެ.