އަންނަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ދައުލަތުގެ ބަޖެޓުގައި އިސްކަން ދެއްވުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތަފްޞީލު، މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވާނެއެވެ. އަދި މިފަހަރުގެ ބަޖެޓުގައި މީގެކުރީގައި ރާއްޖޭގެ ވަކިވަކި ރަށްރަށަށް ބަޖެޓު ކުރެވިފައިވާ ޢަދަދުތަކަށްވުރެ މާބޮޑު އަދަދެއް ހިމެނޭނެކަން ބަޔާންކުރައްވައި، އެކަމުގެ އިތުރު މަޢްލޫމާތުވެސް އެމަނިކުފާނު ރައްޔިތުންނާ ޙިއްޞާ ކުރައްވާނެއެވެ.

މާދަމާ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 74 ވަނަ ރޭޑިޔޯ ޚިޠާބުގައި އެމަނިކުފާނު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގެ މައްޗަށްވެސް ބައްލަވާލައްވައި އެކަމުގެ ތަފްޞީލު ދެއްވާނެއެވެ. އަދި މާދަމާއަކީ، ކުޑަކުދިންނަށް ކުރެވޭ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް މުޅި ދުނިޔޭގައި މަސައްކަތް ކުރާ ދުވަސްކަމަށްވުމާއި، އަދި މާދަމާ ނޫން އަނެއް ދުވަހަކީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް ކަމަށްވުމާއެކު، މި ދެ ދުވަހުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސް ވާހަކަފުޅު ދައްކަވާނެއެވެ.