ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ޖަޕާނުގެ އެމްޕަރާ ހިޒް މެޖެސްޓީ ނަރުހީތޯ އަދި ބޮޑުވަޒީރު ހަރ އެކްސެލެންސީ ސަނާނޭ ތަކައިޗީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ޖަޕާނުގެ އެމްޕަރާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައި ވެއެވެ. އަދި ފާއިތުވެ ދިޔަ ފަންސާސް އަހަރުގެ ތެރޭގައި، ދެޤައުމުގެ މެދުގައި، އޮތް ގާތްގުޅުން ބިނާވެފައި ވަނީ އެއްޤައުމު އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ މައްޗަށްކަމުގައި ވިދާޅުވެފައި ވެއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް، ޖަޕާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ދެޤައުމުގެ މެދުގައިވާ ގާތްގުޅުން، ކުރިޔަށް އޮތް ތާގައިވެސް އިތުރަށް ބަދަހިވެގެން ދިޔުމަށާ، އަދި މިގުޅުމުގެ ޒަރީއާއިން ދެޤައުމަށާ، ރައްޔިތުންނަށް އިތުރު ތަރައްޤީއާ ކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ބޮޑުވަޒީރު ހަރ އެކްސެލެންސީ ސަނާނޭ ތަކައިޗީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދެޤައުމުގެ މެދުގައި އުފެދިފައިވާ، ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިގުޅުން ބިނާވެފައިވަނީ، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގާތްގުޅުމުގެ ތެރެއިންކަން ފާހަގަކުރައްވާފައި ވެއެވެ. ހަމަމިޔާއެކު، ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރާ ދަތުރުގައި، ޖަޕާނުން ވެދެއްވާފައިވާ، އަގުނުކުރެވޭފަދަ އެހީތެރިކަން ފާހަގަ ކުރައްވާފައި ވެއެވެ. އަދި މިގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ކުރިއަރައި، ހަރުދަނާވެގެން ދިޔުމަށާ، މި ރަޙްމަތްތެރިކަމުގެ އެހީގައި، ދެޤައުމުގެ ކުރިއެރުމަށް އިތުރުދޮރުތައް ހުޅުވިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.

ސިޓީފުޅު ނިންމަވާލައްވަމުން، ޖަޕާނުގެ އެމްޕަރާއާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމާއި، ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.

ޖަޕާނުގެ ޤައުމީދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ 23 ފެބުރުވަރީއެވެ.