بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف الأنبياء والمرسلين، سيّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ސީ.އީ.އޯ. އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު، ބޯޑު މެންބަރުން، ކުންފުނީގެ މެނޭޖްމަންޓްގެ އިސްބޭފުޅުންނާއި، ހީވާގި މުވައްޒަފުން، ދައުލަތުގެ ވަޒީރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން؛

السّـلام عليـكم

އާދެ، މިއަދަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިންމު ދުވަހެއް. އިންޓަރނޭޝަނަލް އާ ޓަރމިނަލް ހުޅުވި، މިވީ ކުރު މުއްދަތުގެ ތެރޭގައި، އަޅުގަނޑުމެންގެ ޑޮމެސްޓިކްގެ ޚިދުމަތްތައްވެސް ބޮޑު އަދި ޒަމާނީ ޓަރމިނަލަކަށް މިއަދު ބަދަލުވެގެން މި ދިޔައީ. މިއީ މި އެއަރޕޯޓު ދެމުންގެންދާ ޚިދުމަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. މި ގެނެވުނު ބަދަލާއެކު، ދިވެހި ރައްޔިތުންނަށާއި، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ހެޔޮ އަދި ފައިދާހުރި ބަދަލުތަކެއް އަންނާނެކަމީ ކަށަވަރު ކަމެއް. މިއީ އަޅުގަނޑުމެން ދިވެހީން އެދިއެދި ހުރި ކަންކަން. ގިނަ ދުވަސްތަކެއް ވަންދެން އަޅައިނުލެވި އޮތް ޑޮމެސްޓިކް ޓަރމިނަލަކީ، ގިނަ ދިވެހި ރައްޔިތުންނަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ މައި ދޮރާށި.

މި ޓަރމިނަލް އިތުރަށް ތަރައްޤީކުރުމަށް، މީގެ ކުރިން މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނެތްކަން އަޅުގަނޑު ހިތާމައާއެކީ ފާހަގަކުރަން. މި ޓަރމިނަލް މި ވެފައިވަނީ، މި ޓަރމިނަލް ބޭނުންކުރާ ފަރާތްތަކަށް ބޮޑު ތަކުލީފަކަށް. އަދި އިޤްތިޞާދީ ގޮތުން މި ޓަރމިނަލްއަށް ލިބެންޖެހޭ ނަފާ ގިނަ ދުވަސްތަކެއް ވަންދެން ނުލިބޭކަން އަޅުގަނޑު ފާހަގަކޮށްލަން. މިކަންކަން ދެނެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ މަނިކުފާނުގެ ދައުރު ފެށުމާއެކު، އެންމެ ބޮޑު އިސްކަމެއް ދެއްވީ، ރައްޔިތުންނަށް އުފުލަން ޖެހިފައިވާ މިފަދަ ތަކުލީފުތަކަށް އަވަސް އަދި ފުރިހަމަ ޖުމްލަ ޙައްލުތަކެއް ހޯއްދަވައިދެއްވުމަށް. އެ މަސައްކަތްޕުޅުގެ ތެރެއިން، މިއަދު ޑޮމެސްޓިކް އާ ޓަރމިނަލް ނިމި، ޖާގައިގެ ގޮތުން ކުރިއަށްވުރެ ތަނަވަސްވެ، އެހާމެ ހިތްފަސޭހަ އަދި އިތުރު ޚިދުމަތްތަކާއެކު މިވަނީ ހުޅުވައިލެވިފައި. މިއީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޤްތިޞާދީ ގޮތުން ގެންގުޅުއްވާ ދުރު ވިސްނުންފުޅާއި، ޙިކްމަތާއި އަދި ސިޔާސަތުތަކާއި، ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރެއްވުމަށް ދެއްވާ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން، ފެންނަމުންދާ ހެޔޮ ބަދަލެއްކަން އަޅުގަނޑު ފާހަގަކޮށްލަން. މިކަމަށްޓަކައި އެ މަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރާއި މަރުޙަބާ ދަންނަވަން.

ހަމައެއާއެކު، ދެންމެ ތިޔަބޭފުޅުންގެ ސީ.އީ.އޯ. އެމް.ޑީ. ފާހަގަކުރެއްވި ފަދައިން، މި ޓަރމިނަލް މަރާމާތްކޮށް، މިހާ ކުރު މުއްދަތެއްގެ ތެރޭގައި ޚިދުމަތް ފެށިގެން މިއައީ، އެމް.އޭ.ސީ.އެލް.ގެ މެނޭޖްމަންޓާއި، ހީވާގި މުވައްޒަފުން ތިޔަ ކުރެއްވި ބުރަ މަސައްކަތުންކަން ޔަޤީން. ރެޔާއި ދުވާލު ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ތިޔަ ކޮށްދެއްވި ބުރަ މަސައްކަތްތަކަކީ، ވަކި ދިވެއްސެއް އުނި ނުވާނެހެން، އެންމެހައި ދިވެހިންނަށް އެކަމުގެ ފައިދާ ލިބިގެންދާނެ މުހިންމު މަސައްކަތްތަކެއް.  އެހެންކަމުން، މި ފުރުޞަތުގައި، ކުންފުނީގެ މެނޭޖްމަންޓަށާއި، މި މަސައްކަތުގައި އުޅުއްވި އެންމެހައި މުވައްޒަފުން ޝާމިލުވާނެ ގޮތުގައި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ އުންމީދަކީ، މި ޓަރމިނަލްގެ އޮޕަރޭޝަންސް ފެށިގެން ދިޔުމުން، ދަތުރުވެރިންނަށް ލިބޭ ޚިދުމަތްތައް އެތައް ގޮތަކުން އަވަސްވެ، ފަސޭހަވެގެން ދިޔުން. އަދި ޒަމާނީ ފެންވަރުގެ ޚިދުމަތް، ޑޮމެސްޓިކް ޓަރމިނަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބި، މި އެއަރޕޯޓުގެ ކުރިމަގަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމުގައި ވެގެންދިޔުން. ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތުގައި اللّـه سبحـانـه وتعـالى ބަރަކާތްލައްވާށި! އަދި އަދަށްވުރެ ފަހި، އުޖާލާ މާދާމާއެއް އަޅުގަނޑުމެންނަށް މިންވަރުކުރައްވާށި! 

وَالسَّلَامُ عَلَيْكُمْ.