ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ޚާއްޞަ އިނާޔަތެއް ދެއްވަން މީގެ ކުރިން އެމަނިކުފާނު ނިންމަވާފައިވާ ނިންމެވުން ހިއްސާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި ހޯމަ ދުވަހު ހަވީރުއެވެ. ރައީސުލްޖުމްހޫރިއްޔާ މި އިނާޔަތް ދެއްވުމަށް ނިންމެވީ 2026 ޖަނަވަރީ 5 ވަނަ ދުވަހުއެވެ. އަދި މިއާއެކު އެމަނިކުފާނު ވަނީ މިކަންކަން ތަންފީޒުކުރެއްވުމަށް ކަމާގުޅޭ އެންމެހާ އިދާރާތަކުން ފުރިހަމަ ކުރައްވަންޖެހޭ އިޖްރާއަތުތައް ފުރިހަމަކުރެއްވުމަށް 2026 ޖަނަވަރީ 7 ވީ ދުވަހު އެ އިދާރާތަކަށް އަންގަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި، ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ނިންމަވާ، އެކަން ތަންފީޒުކުރުމަށް އަންގަވާފައިވާކަމުގައި ވިދާޅުވިއެވެ.

ބައްދަލުވުމުގެ ބައިވެރިންނާ މިކަމުގެ ތަފްސީލުތައް ހިއްސާކުރައްވަމުން، މި ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުމަށާއި ފްލެޓްތައް ބައުވެ، ސްޓްރަކްޗަރ ހަލާކުވެފައިވާތީއާއި، އެކަމަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000 (އެއްލައްކަ) ރުފިޔާ ދެއްވުމަށް ނިންމަވާފައިވާކަމުގައި ވިދާޅުވިއެވެ.

މި އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ ޢަދަދު 100،000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުވާނަމަ، 100،000 (އެއްލައްކަ) ރުފިޔާއާ ހަމައަށް އުނިކުރެވޭނެއެވެ. ފްލެޓަށް ދައްކަންޖެހޭ ޖުމުލަ ޢަދަދު 100،000 (އެއްލައްކަ) ރުފިޔާއަށް ވުރެ ކުޑަނަމަ، އެ މިންވަރެއް އުނިކުރެއްވުމަށްފަހު، މި އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރެވޭނެއެވެ. ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 100،000 (އެއްލައްކަ) ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ.