ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުހައްމަދު ލަޠީފް، އެޗް.ޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލް މެޗާއި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ހުލުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައި، މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ، ހދ. ނައިވާދޫ އާއި ގއ. ދެއްވަދޫއާ ދެމެދު މިރޭ ކުޅުނު ފައިނަލް މެޗަށް ފަހުގައެވެ. މެޗު ފެށުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވާފައެވެ.

9 ލަނޑު 3 ލަނޑުގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، އެޗް.ޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހދ. ނައިވާދޫ އެވެ. އެ ޓީމަށް، ވާދައިގެ ތައްޓާއި، މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އެމަނިކުފާނު ވަނީ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ތާޖުވެސް ހަވާލުކޮށްދެއްވާފައެވެ.

މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ވަނީ، މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކޮށް، އެކި ގޮތްގޮތުން ފާހަގަކުރެވުނު ކުޅުންތެރިންނާއި ޓީމްތަކަށް ޓްރޮފީ ހަވާލުކުރައްވާފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ، ކުޅިވަރުގެ ތެރެއިން އެއްބައިވަންތަކަށް އުފެއްދުމުގެ މަޤްޞަދުގައި 2016 ވަނަ އަހަރު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބައިވެރިވެވޭގޮތަށް، ހުޅުވާލައިގެން ފެށި ފުޓްސަލް މުބާރާތެކެވެ.