ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން މަސްމާރުކޭޓު ސަރައްހައްދުގައި މަގު ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެން އެ މަނިކުފާނު ވަނީ އެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ.

ބޮޑުތަކުރުފާނު މަގުގެ ދެ ވަނަ ސެގްމެންޓުގައި ހަދާނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. އެ ސަރަހައްދުގެ ވެސް މަގު ފުޅާކޮށް، ތާރު އަޅާނެ އެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅުއްވާފައި ވަނީ ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމެވުމަށެވެ.

9 އޭޕްރިލް 2025 ގައި އެމް.ޓީ.ސީ.ސީ. އާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ، ބޮޑުތަކުރުފާނު މަގު، ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ، ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ނިޒާމުތައް ގާއިމުކުރެވި، މަގު ފުޅާކުރެވި، ޓްރެފިކަށް ލުއިފަސޭހަކަން ލިބި، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން އަލުން އެ މަގު ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގައި ހިމެނިގެން ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެން މަގުހަދައި، އެ ސަރަހައްދު ހުޅުވީ 2025 ޑިސެންބަރު މަހުއެވެ.