ކުޅުންތެރީންނަށް ޚާއްޞަ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން މިއަދު ފައްޓަވައިފިކަން ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ، މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަން ހާމަކުރައްވާފައިވެއެވެ. އަދި މިއީ ދިވެހި ކުޅިވަރުގެ ޢާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ކުޅުންތެރީންނަށް ޚާއްޞަ މި ހެލްތު އިންޝުއަރެންސްގެ ތެރެއިން، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ހޯދައިދީ، ދިވެހި އެތުލީޓުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.