ދެމެހެއްޓެނިވި، ވަށާޖެހޭ ތަރައްޤީ ގެނެސްދިނުމަށްޓަކައި، އިޤްތިޞާދީ ތަރައްޤީ އާއިއެކު، އިޖްތިމާޢީ ތަރައްޤީ ޙާސިލް ކުރުމަކީ، ގުޅި ލާމެހިފައިވާ ދެ ކަންތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ދެމެހެއްޓެނިވި، މާނަހުރި، ވަށާޖެހޭ ތަރައްޤީއެއް ގައުމަށް ގެނެސްދެވޭނީ އިޤްތިޞާދީ ތަރައްޤީ އާއިއެކު އިޖްތިމާޢީ ތަރައްޤީ ޙާސިލް ކުރުމަކީ ގުޅި ލާމެހިފައިވާ ދެ ކަންތައްކަމުގައި ދެކިގެން، ސިޔާސަތު ބައްޓަންކޮށް، އެގޮތުގައި މަސައްކަތްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީސް، މި ހިނގާ 2026 ވަނަ އަހަރަށް ހުޅުވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އެމަނިކުފާނުގެ ސިޔާސަތަކީ ތަޢުލީމީ ގޮތުން ޤާބިލް، ސިއްޙީގޮތުން ދުޅަހެޔޮ، ޖިސްމާނީގޮތުން ހަށިހެޔޮ، ނަފްސާނީ ގޮތުން ވަރުގަދަ، ރައްޔިތެއް ދިރިއުޅޭ ޤައުމަކަށް، ދިވެހި ޤައުމު ހެދުންކަމުގައި ވިދާޅުވިއެވެ. އަދި ތަޢުލީމީ ގޮތުން ޤާބިލް ޖީލެއް ބިނާކުރެވޭނީ، ތަޢުލީމީ ނިޒާމަށް ދެމެހެއްޓެނިވި ހެޔޮ ބަދަލުތަކެއް ގެނެސްގެންކަމަށާ، އެ މަސައްކަތްތައް މިސަރުކާރުން ފަށާފައިވާ ކަމަށްވެސް، އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން، ފަށާ ތަޢުލީމުގެ މަރުހަލާ ނިންމާ ދަރިވަރުން، ޙާޞިލުކުރަން ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ބައިތައް ޙާޞިލުވަމުން އަންނަ މިންވަރު ދެނެގަތުމަށްޓަކައި، ގްރޭޑް 6 ނިންމާ ދަރިވަރުންނަށް އަމާޒުކޮށް "ޤައުމީ މަންހަޖުގެ އިމްތިހާނު" ގެ ނަމުގައި، ޚާއްޞަ އިމްތިހާނެއް، މިދިޔަ އަހަރު ދޭން ފަށާފައިވާކަމަށާ، ފަށާތަޢުލީމުގެ މަރުހަލާ ނިންމާ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށްޓަކައި، މިދިޔަ އަހަރު ކީ ސްޓޭޖް 1 އާއި، ކީ ސްޓޭޖް 2 ނިންމި ދަރިވަރުންނަށް، އެސެސްމަންޓް އޮފް މިނިމަމް ޕްރޮފިޝެންސީ ލެވެލް، ޕައިލެޓް ކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ފަށާތައުލީމުގެ މުޤައްރަރު މުރާޖަޢާކޮށް، ކަރިކިއުލަމް އިންޓަގްރޭޝަން މޮޑެލެއް ތައްޔާރުކުރުމާއެކު، ކީ-ސްޓޭޖް 1 ގެ ދަރިވަރުންގެ ފޮތްތައް ތީމެޓިކް ފޮތްތަކެއްގެ ގޮތުގައި އަލުން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާ، ނަތީޖާއަކަށް ވާނީ، އެކިއެކި މާއްދާތަކުގައި ކިޔަވާ ފިލާވަޅުތައް ގުޅުވާލެވި، ދަރިވަރުންނަށް ފިލާވަޅުތައް ދަސްކުރަން ފަސޭހަވާނޭހެން އުގަންނައިދިނުން ބައްޓަންވެގެން ދިޔުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދިރާސީ އާއަހަރުގައި، ތަޢުލީމީ ދާއިރާގެ މަޢުލޫމާތު ފަސޭހައިން ބެލެހެއްޓޭނެ، ޑިޖިޓަލައިޒްޑް ނިޒާމެއް ޤާއިމްކުރެވޭނެ ކަމަށާ، މީގެ ނަތީޖާއަކަށްވާނީ، ޞައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އުނގެނުމާއި އުނގަންނައި ދިނުމާގުޅޭ ނިންމުންތައް އެކަށައަޅައި، ތަންފީޒުކުރެވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމަށްޓަކައި، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުމުގެ މަސައްކަތް މިއަހަރު ކުރިޔަށް ގެންދާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ހަމަ އެފަދައިން، ސްކޫލުތަކުގައި ޢުމްރާނީ ވަސީލަތްތައް ޤާއިމްކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 142 ކުލާސްރޫމެއްގެ މަސައްކަތާއި، 9 މަލްޓިޕަރޕަސް ހޯލުގެ މަސައްކަތުގެ އިތުރުން، އެޑިޔުކޭޝަނަލް ސަޕޯޓް ފެސިލިޓީ ގެ 56 ތަނެއް، ބިނާކުރުމުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި، އަދި މި އަހަރުގެ ދިރާސީ އަހަރަށް އިތުރު 216 ކްލާސް ރޫމާއި 7 މަލްޓިޕަރޕަސް ހޯލު އަދި 250 އެޑިޔުކޭޝަނަލް ސަޕޯޓް ފެސިލިޓީ ނިންމާ ބޭނުން ކުރަން ފެށިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިވަގުތު އިތުރު 955 ކްލާސް ރޫމާއި 78 މަލްޓިޕަރޕަސް ހޯލް އަދި 2923 އެޑިޔުކޭޝަނަލް ސަޕޯޓް ފެސިލިޓީގެ މަސައްކަތް ކުރިޔަށްދާކަންވެސް، އެމަނިކުފާނު ހާމަ ކުރެއްވިއެވެ.

ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތު އޭގެ އެންމެ ފުޅާ ގޮތުގައި ތަންފީޒު ކުރުމުގެ ޚާއްސަ މަޝްރޫޢެއް މިއަހަރު ހިންގަން ފަށާނެ ކަމަށާ، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގަންނައިދޭނެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މި ދިޔަ އަހަރު ފަށާފައިވާތީ، އެޕްރޮގްރާމް މިއަހަރު އިތުރަށް ފުޅާކުރެވޭނެ ކަމަށްވެސް، އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ކްލާސްރޫމްތަކާއި، ޕްރައިވެސީ ލިބޭގޮތަށް ފަރުމާކުރެވޭ ޚާއްސަ ފާޚާނާއާ، ކަމާބެހޭ އެހެނިހެން ވަސީލަތްތައް ނެތް، ހުރިހާ ސްކޫލުތަކުގައި މި އަހަރު މިހުރިހާ ކަމެއް، ފުރިހަމަ ކޮށްދޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ފޮތްތައް ތައްޔާރު ކުރުމާއި، އެކަށީގެންވާ ގޮތެއްގައި އޯ ލެވެލަށް ތައްޔާރުވުމަށް ޚާއްސަ މަސައްކަތްތަކެއް ރާވާ ތަންފީޒުކުރަން، މިއަހަރު ފަށާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދަރިވަރުގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ރިޢާޔަތްކޮށް، ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ކަނޑައެޅޭ ޤަވާއިދަކާ އެއްގޮތްވާގޮތުގެ މަތިން، އެކުދިންނަށް ހޯމް ސްކޫލިންގެ ފުރުސަތު ފަހިކޮށްދިނުމަށް، ޤާނޫނަށް އިސްލާހު ގެނައުމަށް، މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެފަދައިން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން، ސިވިލް ސާރވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް، ވަޒީފާ އަދާކުރުން ވޯކް ފްރޮމް ހޯމް އަށް ބަދަލު ކުރުމުގެ ފުރުސަތު މިއަހަރުގެ މާރޗް މަހުގެ 1 އިން ފެށިގެން ލިބޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ