މިސަރުކާރަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިޔަށް ދިޔުމުގައި އަޅާ މުހިންމު އިތުރު ފިޔަވަޅެއްގެ ގޮތުން، ރައްޔިތުންގެ ކަންބޮޑުވުންތަކާ ޝަކުވާތައް ހުށަހަޅާ އޮފީސް ނުވަތަ ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯގެ ނަމުގައި 24 ގަޑި އިރު ޚިދުމަތް ދޭނޭ އޮފީހެއް ރައީސް އޮފީހުގައި ޤާއިމް ކުރަން ނިންމަވާފައިވާކަމާއި، ކުރިޔަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި، މި ބިޔުރޯގެ ޚިދުމަތް ދޭން ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ، މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ސިޓީ، އީމެއިލް، ރައްޔިތުންގެ އަޑު، ޖެމްސް މެސެޖިންގ ޕްލެޓްފޯމް، ފޯނު، ސޯޝަލް މީޑިއާގެ ވަސީލަތްތައްފަދަ، އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުން ކަމަށާއި، ޝަކުވާ މެނޭޖުކުރާނެ، އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭގޮތަށް ފަރުމާކޮށްފައިވާ، ސްޓޭޓް އޮފް ދި އާޓް-އޮޓޮމޭޓެޑް ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރެވިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނު ވަނީ ސަރުކާރުން ކުރިއަށްގެންދަވާ ޑިޖިޓަލައިޒޭޝަން މަޝްރޫޢު ކުރިއަށްދާ ގޮތާއި، މި ދާއިރާއިން ކުރިއަށް ރޭވިފައިހުރި ކަންކަމުގެ ތަފްސީލުތައްވެސް ހިއްސާކުރައްވާފައެވެ.

ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސަރުކާރުގެ އެފިޝެންސީ މަތިކޮށް، ގުޑް ގަވަރނަންސް ގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ޑިޖިޓަލައިޒޭޝަން ގެ ނިޒާމު ޤާއިމުކުރުމަކީ މި އަހަރު ވަރަށް ބޮޑު އިސްކަމެއްދިނުމަށް ނިންމާފައިވާ ކަމެއްކަމަށާއި، މިކަން ޙާސިލުވުމުން ނަތީޖާއަކަށް ވާނީ، ޚިދުމަތް ލިބިގަންނަ ރައްޔިތުންނަށް ފަސޭހަ، ޚިދުމަތްދޭން ތިބޭ ދައުލަތުގެ މުވައްޒަފުންނަށް ލުއި، އަވަސް، ދެފުށްފެންނަ، ކޮރަޕްޝަންގެ ވަކިތަކަށް ޖާގަ ނުލިބޭ، އިތުބާރު ހިފޭ ޚިދުމަތުގެ ނިޒާމެއް ޤާއިމްވެގެން ދިޔުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ މެއި މަހު އިފްތިތާޙް ކުރި މޯލްޑިވްސް 2.0 ގެ ދަށުން، ދިވެހިދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ސައިބަރ ސެކިއުރިޓީ ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައިޑީގެ ޒަރީޢާއިން އިތުބާރާއެކު ބަރޯސާވެވޭ ޑިޖިޓަލް މުޢާމަލާތްތަކަށް މަގުފަހިކޮށް، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޑޭޓާ، ރައްކާތެރި ކަމާއެކު ވަގުތުން ވަގުތަށް ފޮނުވޭނެ ގޮތް އިންތިޒާމްކޮށް، މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް ޤާއިމުކޮށް، ދައުލަތުގެ މުއައްސަސާތަކުގެ ހައްސާސް މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓައި، އާރކައިވްކުރުމަށް ސޮވަރިން ކްލައުޑް ޤާއިމުކޮށް، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ސިޓިޒެން-ސެންޓްރިކްކޮށް، އެއް ފުރާޅެއްގެ ދަށުން އެ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް މަގުފަހިކޮށް، ޑިޖިޓަލް ރޮނގުން މުސްތަޤްބަލަށް ފައްކާވެފައިވާ ޖީލެއް ބިނާކޮށް، ކުރިޔަށް އޮތް 3 އަހަރުގެ ތެރޭގައި ނިންމަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު، މި މަޝްރޫޢު ހިންގުމަށްޓަކައި، ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢުގެ މަގުޗާޓު އެކުލަވާލެވި، ކެބިނެޓުން ފާސްކުރައްވާފައިވާއިރު، މި މަގުޗާޓު ތަންފީޒުކުރުމަށްޓަކައި، މި އަހަރުގެ ބަޖެޓުގައި ޚާއްޞަ އިސްކަމެއްދެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ޤައުމީ ފެންވަރުގައި ހިންގާ މި މަޝްރޫޢު ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމްކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޯމޭޝަނާބެހޭ ބިލާއި، ޑިޖިޓަލް އައިޑެންޓިޓީއާބެހޭ ބިލާއި، ސައިބަރ ސެކިއުރިޓީއާބެހޭ ބިލު މަޖިލީހުގެ މިއަހަރު ފުރަތަމަ ދައުރަށް ހުށަހަޅުއްވާނެކަމުގައިވެސް ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް 2.0 ގެ ދަށުން، މިއަހަރު ނިމޭއިރު ދިވެހިރާއްޖޭގައި ސިވިލް ރަޖިސްޓްރޭޝަންގެ ޚިދުމަތްތައް ދިނުމަށް އެއް ވިއުގައެއް ޤާއިމްކުރެވި، ދިވެހިރާއްޖެއަކީ ސަރަޙައްދީ ފެންވަރުގައި ސިވިލް ރަޖިސްޓްރޭޝަންގެ ޚިދުމަތް އެންމެ ފުރިހަމައަށް ދޭ ޤައުމުކަމަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި، މިއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފެންވަރު ރަނގަޅުކޮށް ބޮޑެތި ބަދަލުތަކަކާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ސްމާޓް ކާޑަކަށް ބަދަލުކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދައުލަތުގެ ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒް ކޮށް ނިމުމުން ކޮރަޕްޝަންގެ ވަބާ ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ވަރަށްބޮޑަށް ނެތިގެންދާނޭ ކަމަށް ޤަބޫލުކުރައްވާކަމަށާއި، މިސަރުކާރުން ދަނީ ކޮރަޕްޝަން ނައްތާލުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަން ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ތަކުރާރުކުރެއްވިއެވެ. އެ ގޮތުން ކަމާގުޅޭ ބިލުތައް، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށްޓަކައި ތައްޔާރުވަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ހުށައަޅުއްވާ ބިލްތަކުގެ ތެރޭގައި އެންޓި-ކޮރަޕްޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، އެސެޓް ރިކަވަރީއާބެހޭ ބިލާއި، ޖިނާއީ އިޖުރާތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހިމެނޭ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ބިލުތަކުގެ އިތުރުން، މަޖިލީހުގެ ކޮމިޓީ މަރުޙަލާގައިވާ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ނުޙައްޤު މުއްސަނދިކަމުގެ ކުށާގުޅޭ އިޞްލާޙު ގެނައުމުގެ ބިލާއި، ހެއްކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްވުމުން މިމައްސަލައަށް ޙައްލެއް ގެނައުމުގައި ގިނަގުނަ ކުރިއެރުންތައް ލިބޭނެކަމަށް ޔަޤީންކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު، ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ހިންގާ އެއްވެސް ފަރާތެއްގެ މައްސަލަ، އެ މައްސަލައިގެ ހެއްކާއެކު އެމަނިކުފާނާ ހަމަޔަށް ގެންދެވިއްޖެނަމަ، އެ ފަރާތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ކުޑަކޮށްވެސް ފަސްޖެހިވަޑައިނުގަންނަވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.