މާލޭގެ އަތޮޅު ފިހާރަ ބަރި ހުރި ސަރަހައްދު ޒަމާނީ ކޮމާޝަލް ފްރަންޓެއްގެ ގޮތުގައި ތަރައްގީކުރުމަށް، ސަރުކާރާ ގުޅިގެން އިންވެސްޓްކުރުމުގެ ފުރުސަތު މިއަހަރުގެ މެދުތެރޭގައި ހުޅުވާލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އަތޮޅު ފިހާރަބަރިއަކީ މާލޭގެ މަލަމަތީގެ ރަމްޒެއްގެ ގޮތުގައި އެތައް ޒަމާނެއްވީ ތަރިކައެއް ކަމަށާއި އަތޮޅު ފިހާރައިގެ ޢިމާރާތުގެ ބޭރު ފާރު ދިގު މުއްދަތަށް ރައްކާތެރިކޮށް ހުންނާނޭގޮތަށް އަލުން ތަރައްޤީކުރެވޭއިރު ކުރިޔަށް ގެންދިއުމަށް ގަސްދުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންނާ ގުޅުން ހުރި ހުރިހާ ކަންކަން ކުރިޔަށް ގެންދިޔުމުގައި ޝާމިލް އެއް ސިޔާސަތަކީ، ލާ މަރުކަޒީ އުސޫލުކަން ފާހަގަކުރައްވާ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް މާލީ ތަނަވަސްކަން ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި 27 ފަޅުރަށެއް ޚާއްޞަކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެތެރެއިން މިހާތަނަށް 6 ކައުންސިލަކަށް 7 ރަށް ދޫކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ޤާއިމްކޮށް އެ ޚިދުމަތް ލާމަރުކަޒުކުރުމުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ ލުއިފަސޭހަތަކަށް އިޝާރާތްކުރައްވާ އެމަނިކުފާނު ވަނީ، މުޅިން އަލަށް 7 ރަށެއްގައި ޑޮލަރު އޭޓީއެމް ހުޅުވި، އިތުރު 70 ރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ފަށާފައިވާކަމުގައި ވިދާޅުވިއެވެ. މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް މި އޭޓީއެމްތަކުން ރައްޔިތުންނަށް ޚިދުމަތް ލިބޭނެކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންގެ ވޯޓާއެކު އަލަށް އުފެދިގެންދާ 2 ކައުންސިލް ކަމުގައިވާ، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ ކައުންސިލް ހިންގުމަށް ބޭނުންވާ ޖާގަ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި މަހު ފެށޭނެކަން ފާހަގަކުރެއްވިއެވެ. އަދި 2 ކައުންސިލަށް ބޭނުންވާ އިދާރީ މުވައްޒަފުންނާއި މުނިސިޕަލް ޚިދުމަތް ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ މުއައްޒަފުން ހަމަކުރުމަށްޓަކައި ކައުންސިލްގެ މުވައްޒަފުންގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެވި، މުވައްޒަފުން އިތުރު ކުރެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވިއެވެ.

މީގެ އިތުރުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ޢިމާރާތްކުރާ 50 ކައުންސިލް އިދާރާ ޕްރޮޖެކްޓްގެ ފީޒިބިލިޓީ ދިރާސާ ނިމިފައިވާކަމަށާއި މިހާރު ކުރިއަށް ދަނީ ކައުންސިލް އިދާރާ އަޅާނެ ބިން ހޯދުމާއި އެނޫން ވެސް އިދާރީ މަސައްކަތްތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.