ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ސިންދަފާތުކުރުމުގައި ތަޢުލީމީ ޤާބިލް ދިވެހި ޒުވާނުންނާއި، އެކި އުމުރު ފުރާގެ ދިވެހިން އިތުރު ކުރުމަކީ ދިވެހީންގެ ތަރައްޤީ އާ ތަމައްދުނާ ގުޅިފައިވާ، ވަރަށް މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީސް، މި ހިނގާ 2026 ވަނަ އަހަރަށް ހުޅުވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ދިވެހީންނަށް އިސްކަންދީގެން، އެންމެން ޝާމިލުވާގޮތަށް ވަޒީފާގެ ސިޔާސަތު އެކުލަވާލައި، ފުރަތަމަފަހަރަށް ރާއްޖޭގައި ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެނަލިސިސްއެއް ހަދައި، ޝާއިޢު ކޮށްފައިވާނެކަމަށާ، ދިވެހީންނަށް ޚާއްޞަ ދާއިރާތަކެއްގެ ގޮތުގައި، ސަރުކާރުން ކަނޑައެޅި ދާއިރާތަކުންނާއި، އަދިވެސް ގިނަ ފަންނީ ދާއިރާތައް ހިމެނޭހެން، ފާއިތުވެދިޔަ އަހަރު، މޯލްޑިވްސް ޕޮލިޓެކްނިކުން ތަމްރީނު ޕްރޮގްރާމުތައް ހިންގާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރަށް، ޤައުމީ ތަރައްޤީގެ އެކިއެކި ދާއިރާތަކަށް އަމާޒުކޮށް، 852 ސްކޮލަރޝިޕް ފުރުސަތު ދީ، 880 ދަރިވަރުންނަށް ލޯނުދެވިފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަމިޔާއެކު، ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމްތައް މުރާޖަޢާކޮށް ރާއްޖޭގެ އިޤްތިޞާދީ ދާއިރާތަކަށް ބޭނުންވާ މަސައްކަތްތެރިން ބިނާކުރުމުގެ މަސައްކަތް ފެށިފައިވާކަމަށްވެސް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، މަތީ ސާނަވީ ފިޔަވަހި ފުޅާކޮށް، މަސައްކަތުގެ މާހައުލުގައި ޙަރަކާތްތެރިވާ ޒުވާނުންނަކީ، އުފެއްދުންތެރި ބަޔަކަށް ހެދުމުގެ ގޮތުން، ވޮކޭޝަނަލް އެޑިޔުކޭޝަން ސްޓްރީމް ތަޢާރަފުކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ވޮކޭޝަނަލް ހައި ސްކޫލެއް ގާއިމު ކުރައްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، މަތީ ތަޢުލީމާއި ތަމްރީނުދޭ ސަރުކާރުގެ މުއައްސަސާއެއް، މިވަގުތު ނެތް ހުރިހާ އަތޮޅެއްގައި، މަތީ ތަޢުލީމު ދެވޭނެ ތަނެއް ޤާއިމުކުރުމުގެ މަޝްރޫޢެއް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފަށާފައިވާ ކަމަށާ، އެގޮތުން، 16 އަތޮޅެއްގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ 26 މަޝްރޫޢާއި، 10 އަތޮޅެއްގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 12 މަޝްރޫޢު ކުރިއަށް ދާކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފަންނީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކުރުމަށް 10 އަތޮޅެއްގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރު ޢިމާރާތްކުރުމުގެ މަޝްރޫޢާއި، ދަނާލު ޤާއިމްކުރުމުގެ 14 މަޝްރޫޢެއް ކުރިއަށް ދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ އެއާއެކު، ފުރަތަމަ ޑިގްރީ ސްކީމުން ވޭތުވެދިޔަ އަހަރު އިތުރު 2728 ދަރިވަރަކަށް ފުރުޞަތުދީ، ޖުމުލަ 11252 ދަރިވަރަކަށް، މާލީއެހީގެ ގޮތުގައި 92،636،657 ރުފިޔާ ދޫކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރުން މިހާތަނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތަކުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އެޑްމިނިސްޓްރޭޓިވް ފީ ނެގުން މުޅިން ހުއްޓާލާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ދިމާވެފައިވާ ޑޮލަރު ހޯދުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހަކު 1200 ޑޮލަރު ނެގޭނެހެން، ކާޑު ލިމިޓް އިތުރު ކޮށްދީފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ދަރިވަރުންނަށް ސަރުކާރުގެ އިދާރާތަކުން ލިބެންޖެހޭ ޚިދުމަތް ހޯދުމުގައި ހުރި ކަންބޮޑުވުންތަކަށް ޙައްލެއް ގެނައުމުގެ ގޮތުން މި މަހުގެ 3 ވަނަ ދުވަހު ތަޢާރަފުކުރި "ކުރި" ނިޒާމުގެ ސަބަބުން ކުރިން، މެނުއަލްކޮށް ކުރަމުން އައި މަސައްކަތްތައް، ޒަމާނީ އޮޓޮމޭޝަނަށް ބަދަލުވެގެންދާ ނިޒާމެއް ގާއިމު ކުރެވިފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތުން، "ކުރި" ނިޒާމުގެ ސަބަބުން ދަރިވަރުންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހަޔަކީ، ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ލިބިގެންދާ ދާއިމީ ޙައްލުކަމަށާ، މިހާތަނަށް ގެންގުޅުނު މެނުއަލް ޕޭމަންޓް ވައުޗަރުގެ އުސޫލު ދޫކޮށްލައި، ސަރުކާރުގެ މާލީނިޒާމާ، ސީދާ ގުޅާލެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން، ލިޔެކިޔުންތައް ފުރިހަމަވުމާއެކު، ލަސްވުމެއް ނެތި ވަގުތުން ފައިސާ ޖަމާވުމަށް، މަގުފަހިވެގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ މިޔާއެކު، މީގެކުރިން މެނުއަލްކޮށް އިވެލުއޭޓް ކުރުމަށް ކުރަމުންއައި މަސައްކަތް ދޫކޮށްލައި، ސްކޮލަރޝިޕަށް ހުށަހަޅާ ހިސާބުން، އޮޓޮމޭޓެޑް އިވަލުއޭޝަން ކުރިޔަށް ގޮސް 'ވަން-ކްލިކް އެވޯޑިންގ' މެދުވެރިކޮށް، އެންމެ މަތިން މާކްސް ހޯދާ ދަރިވަރުން ވަގުތުން ހޮވައި، ކޯހަށް ހޮވުނުކަމުގެ ސިޓީ ދަރިވަރަށް ލިބޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.