އިޖުތިމާޢީ ތަރައްޤީ އާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެވިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެއްވުމަކީ، ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެތެރޭގައި ހިމެނޭ، "ޢާއިލީ ބޯހިޔާވަހިކަމުގެ" ޕްރޮގުރާމުގެ ދަށުން ހުޅުވާލެވިފައިވާ ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ތެރޭގައި، އަތްމަތި ތަނަވަސް ޢާއިލާތަކަށް ރިއަލް އެސްޓޭޓް އުޞޫލުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުޞަތު އިތުރުކުރުމާއި، މެދުފަންތީގެ ޢާއިލާތަކަށް ބޭންކް މޯގޭޖްގެ ތެރެއިން އެފޯޑަބަލް ހޯމް ގަތުމުގެ ފުރުޞަތު ހޯދައިދިނުމާއި، އަމިއްލައަށް ތަނެއް ނުގަނެވޭ ފަދަ ޢާއިލާތަކަށް ސޯޝަލް ހައުސިންގ ޢިމާރާތްކޮށް ދިނުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުން އަމާޒު ހިފާފައިވަނީ، 15000 ގޯތި ދޫކުރެވޭ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް، މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ނިންމުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ބޯހިޔާވަހިކަމުގެ ދާއިރާއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގަން ފެށި "ހިޔާވެހި ފައިނޭންސިންގ ސްކީމް"ގެ ކާމިޔާބީއާ ގުޅޭ ތަފާސްހިސާބުތައް ހިއްސާކުރައްވައި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ރާއްޖޭގެ ބޭންކިންގ ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އެމް.އެމް.އޭ އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ އުޞޫލު ޤާއިމުކޮށް، ގެއެއް ނުވަތަ ފްލެޓެއް ގަތުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނަގާލޯނުގެ އިކިއުޓީ 20 އިންސައްތައިން 5 އިންސައްތައަށް ދަށްކޮށް، ގެދޮރު އިމާރާތްކުރުމަށް ނުވަތަ މަރާމާތުކުރުމަށް އިތުރު ރަހުނަކާ ނުލައި ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ފަށައި، އަމިއްލަ ގެދޮރު އިމާރާތް ކުރުމަށް އިތުރު ރަހުނު ހުށަހަޅަން ޖެހޭޖެހުން ނިމުމަކަށް ގެނެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ގެދޮރު ގަތުމަށާއި، އިމާރާތްކުރުމަށާއި، މަރާމާތުކުރަން ޕެންޝަން ފަންޑުގެ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނޭ ޙާލަތްތައް ކަނޑައެޅުމަށްޓަކައި ސަރުކާރުން ވަނީ، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިސްލާޙު ހުށަހަޅުއްވާފައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުން ހުށަހަޅުއްވާފައިވާ "ބޯހިޔާވަހިކަމުގެ ބިލު"ގެ ބަހުސުތައް ކޮމިޓީ މަރުޙަލާގައި ކުރިޔަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.