ސަރުކާރުގެ އަމާޒަކީ، ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ފާހަގަކުރެއްވީ 20 ވަނަ ރައްޔިތުންގެ މަޖިލިސް، މި ހިނގާ 2026 ވަނަ އަހަރަށް ހުޅުވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެގޮތުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރުކޮށް ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި، ރާއްޖޭގައި ކަނޑައެޅޭ ވަކިސަރަހައްދު ތަކެއް، ކަނޑައެޅޭ ވަކިމުއްދަތަކަށް، ގިނަލުއިތަކާއެކު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމުގައި، ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނުގެ އަމާޒަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރުކޮށް ކުރިއެރުވުމަށް މިދިޔައަހަރު ކުރެވުނު ކަންތަކާ، ގާއިމު ކުރެވުނު ވަސީލަތްތަކުގެ ބޭނުންހިއްޕަވައިގެން، މިއަހަރު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކާ، ކުރައްވަން ނިންމަވާފައިވާ ކަންތައްތަކާއެކު، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުން ކަމުގައި ވިދާޅުވިއެވެ. އަދި 2040ވަނަ އަހަރާ ހަމަޔަށްދާއިރު ރާއްޖެއަކީ، ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމަކަށް ހެދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ލުއި ފަސޭހަ ލިބޭނެހެން، މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށްޓަކައި، ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ނިންމާ، 11 ނޮވެންބަރު 2027 ގައި ބަނދަރު ހުޅުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މިބަނދަރު ހުޅުވުމުން މިހާރު ހަތް ދުވަހުން ހުސްކުރެވޭ ބޯޓުފަހަރު، 48 ގަޑިއިރުން ހުސްކުރެވޭނެ ކަމަށާ، ނަތީޖާއެއްގެ ގޮތުން، މާލޭގައި މުދާ ގުދަން ކުރަންޖެހުމުގެ ސަބަބުން، އާންމުންނަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަމިއާއެކު އިޤްތިޞާދުގެ ހަރުދަނާކަން ދޭހަކޮށްދޭ މައިގަނޑު އެއް ކަމަކީ، ރައްޔިތުން ދިރިއުޅުމަށް ބޭނުންވާ އަސާސީ ބާވަތްތަކުގެ އަގުތައް އެއްހަމައެއްގައި ހިފެހެއްޓޭ މިންވަރުކަމަށްވާތީ، އަސާސީ ކާބޯތަކެތީގެ އަދަދު، 23 ބާވަތަށް އިތުރުކޮށް، އެބާވަތްތައް ހެޔޮއަގުގައި ލިބެން ހުންނާނެކަން، މިދިޔަ އަހަރުއްސުރެ ޔަގީން ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އާބާދީގައި ތިންހާސް މީހުން ހަމަވާ ރަށްރަށަށް، އެސް.ޓީ.އޯގެ އެޖެންޓުން މެދުވެރިކޮށް، އެސް.ޓީ.އޯ ރޭޓުގައި މި 23 ބާވަތް މިހާރުދަނީ ފޯރުކޮށްދެމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހެޔޮއަގުގައި އަސާސީ ކާބޯތަކެތި ލިބޭކަން ކަށަވަރު ކުރެއްވުމަށްޓަކައި، އެސް.ޓީ.އޯ މެދުވެރިކޮށް، ކުޅުދުއްފުއްޓާ އައްޑޫ ސިޓީއަށް، މިބާވަތްތައް ރާއްޖެއިން ބޭރުން އެތެރެ ކުރެވެމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، މާލެއެކޭ އެއް އަގުތަކެއްގައި މިބާވަތްތައް، އެސަރަޙައްދު ތަކުން ލިބެން ހުންނާނެކަން ފާހަގަކުރައްވައި، މާލޭގެ ބަނދަރު ސަރަހައްދުގައި އެސްޓީއޯގެ އައުޓްލެޓެއް ހުޅުވާފައިވާކަމަށާއި، ރަމަޟާންމަސް ފެށުމުގެ ކުރިން ހުޅުމާލޭގައިވެސް އެސްޓީއޯގެ އައުޓްލެޓެއް ގާއިމު ކުރެވޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުޅުދުއްފުށީ ބަނދަރުގައި ޑިއުޓީފްރީކޮށް މުދާ ބަހައްޓާނެ ޒޯނެއް 2025 ވަނަ އަހަރުގެ އޮގަސްޓު މަހު ގާއިމުކުރެވިފައިވާކަމަށާ، އެފަދަ ޑިއުޓީފްރީ ޒޯނެއް އައްޑޫސިޓީގައިވެސް، މި ފެބުރުވަރީ މަސް ތެރޭގައި ގާއިމުކޮށް ޚިދުމަތް ދޭން ފަށާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.