ދިވެހި އިޤްތިޞާދު ހަރުދަނާކޮށް ކުރިއެރުވުމުގައި ދިވެހި އިޤްތިޞާދުގެ ލޭނާރު ކަމުގައިވާ، މަސްވެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށާ، އެތައް އަހަރެއް ވަންދެން އަޅާނުލާ ނިކަމެތިކޮށްލާފައި އޮތް މަސްވެރިކަމުގެ ސިނާޢަތަކީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދިން އެންމެ ވަރުގަދަ ޞިނާޢަތް ކަމުގައިވީހިނދު، މި އަޅާ ނުލުމާއި ބާކީ ކުރުން ނިމުމަކަށް ގެނައީ އަދުގެ ސަރުކާރުންކަމަށާއި، މަސްވެރިންނާ ގާތުން، މަސްވެރިންގެ އަޑު އަހައިގެން، މަސްވެރިކަމުގެ ސިނާޢަތަށް އުޖާލާކަން ގެނެސްދިނުމުގައި މި ސަރުކާރުން ސާބިތުކަމާއެކު ކުރިޔަށްދާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ޔަޤީންކަންދެއްވާ ވާހަކަފުޅުދައްކަވާފައިވަނީ މި ފެށުނު 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރޯމަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ކުޑަވުންކަމުގައިވާއިރު، މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖޭގެ 8 ސަރަޙައްދެއްގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުތައް، ކުރިޔަށް އޮތް 15 މަސް ދުވަސް ތެރޭގައި ނިންމާ ޙަވާލު ކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އަނެއް ދައްޗަކީ، ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ހެޔޮ އަގުގައި ތެޔޮ ލިބުމުގައި ހުރި ދަތިކަންކަމަށާ، މިކަން ޙައްލު ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެސް.ޓީ.އޯ ރޭޓުގައި ތެޔޮ ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ޕަބްލިކް ލިމިޓަޑް ކޮމްޕެނީ (އެސް.ޓީ.އޯ) ގެ ފުރަތަމަ ފިއުލް ސްކިޑް، ރ. ދުވާފަރުގައި 13 ޑިސެމްބަރު 2025 ގައި ހުޅުވައި، ޚިދުމަތްދޭން ފެށުނުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކުރިޔަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެސް.ޓީ.އޯގެ ފިއުލް ސްކިޑްތައް ހުޅުވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ، 2024 ޑިސެމްބަރ 10 އިން ފެށިގެން، 48 ގަޑިއިރު ތެރޭގައި ދެވެމުންދާކަމަށާއި، މިގޮތުން 2024 ޑިސެމްބަރ 10 އިން ފެށިގެން މެދު ނުކެނޑި، 3 ފެބްރުއަރީ 2026 ގެ ނިޔަލަށް 1,016,329,376 ރުފިޔާ ވަނީ ދޫކުރެވިފައިކަމުގައި އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރެވެމުންދާ ބައެއް މަސައްކަތްތަކަށްވެސް އެމަނިކުފާނުގެ ބަޔާނުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. ކަޅުބިލަމަހުގެ މަސްވެރިންނެކޭ އެއްގޮތަށް، ބޮޑު ކަންނެލި މަސްވެރިންނަށްވެސް، އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާކަމަށާ، ބޮޑު ކަންނެލި މަސްވެރިންނަށް ރަނގަޅު މަންފާއެއް ލިބޭނީ ކަންނެލި އެކްސްޕޯޓުކުރާ ކުންފުނިތަކަށް ބޭނުންވާ ޒަމާނީ ޕެކިންގް ފެސިލިޓީއެއް ގާއިމުކޮށްގެން ކަމަށް ވާތީ، ހުޅުމާލޭގައި މިފަދަ ފެސިލިޓީއެއް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރުތެރޭގައި ފައްޓަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން ބޮޑު ކަންނެލި ގަތުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް ބާރު ދުވެލީގައި ކުރިއަށްދާކަމަށާ، ސަރުކާރުގެ އަމާޒަކީ ބޮޑު ކަންނެލި މަސްވެރިކަން ތަރައްގީކޮށް، ބޮޑުކަންނެލި މަސްވެރިކަމުން ލިބޭ އިގްތިސާދީ ނަފާ އިހުނަށްވުރެ އިތުރުކުރުންކަމުގައިވެސް ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މަސްވެރިކަމުގެ ސިނާޢަތުގައި ކަނދުފައްޗަކީ މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެއްކަމުން، އެ ވިއުގަ އިތުރަށް ފުޅާ ކުރުމަކީ މިސަރުކާރުގެ ސިޔާސަތުކަން ފާހަގަކުރައްވާ، ރިޔާސީ ބަޔާން ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކަނދުފަތި ކެނޑޭ މިންވަރު މަދުކޮށް، ކަނދުފަތީގެ ޢުމުރު ދިގުކުރެވޭނެ ގޮތްތައް އިތުރަށް ބަލައި ހޯދުމަށް ޑިޒައިނަށް ބަދަލުގެނައުމުގެ މަސައްކަތް ކުރިއަށްދާކަމުގައެވެ. އަދި ވަދު ކަނދުފައްޗާއި ދޮށި ކަނދުފަތި އެޅުމުގެ މަޝްރޫޢުގެ ދަށުން މިދިޔަ އަހަރު 41 ކަނދުފަތި އަޅައި މިހާތަނަށް އެއް އަހަރެއްގައި އެންމެ ގިނަ ކަނދުފަތި ޤާއިމްކުރި އަހަރުގެ ގޮތުގައި 2025 ވަނަ އަހަރު ވެގެން ގޮސްފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސްވެރިންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަދުގެސަރުކާރުން ޤާއިމް ކުރި މަސްވެރިންގެ ޤައުމީ ދަފުތަރަކީ މި ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވާފައިވެއެވެ. މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިފަހަރުގެ ތެރެއިން ސައްތައިންސައްތަ ދޯނި މިހާރު މި ދަފުތަރުގައި ވަނީ ބައިވެރިވެފައެވެ.

ހަމަމިއާއެކު، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި "މަހާ މަންފާ"ގެ ނަމުގައި އައު ފައިނޭންސިންގ ސްކީމެއް މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ތައާރަފްކުރެވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މި ސްކީމުގެ ދަށުން، މަސް ކައްކައި ހިއްކުމާއި، އުފެއްދުންތައް ބަންދުކުރުމާއި މަސް ރައްކާކުރާނެ ނިޒާމުތައް ގާއިމުކުރުމަށް 50,000 އާއި 400,000 ރުފިޔާއާ ދެމެދުގެ ފައިނޭންސިންގ އެހީތެރިކަން ލިބޭ ކަމަށާ، 200 މޫދުކޮށްޓަށް ފައިނޭންސް ކޮށްދިނުމަށް ހަމަޖެހި، އިސްލާމީ އުސޫލުން 80,000 އާއި 640,000 ރުފިޔާއާ ދެމެދުގެ ލުއި ލޯނުތައް ފޯރުކޮށްދިނުމުގެ އިންތިޒާމްވެސް އޮތީ ހަމަޖެހިފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ އިތުރު ގޮފިތައް ފުޅާކުރުމުގެ ގޮތުން، މެރިކަލްޗަރ މަސައްކަތް ކުރާނެ ޚާއްޞަ ފަސް ޒޯނެއް ކަނޑައަޅާފައިވާކަމާއި، މަސްވެރިކަމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއެކު، ސްޕޯޓްސް ފިޝިންގ ކުރިއެރުވުމަށްޓަކައި ޚާއްޞަ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅައި އިޢުލާންކުރެވުނުކަންވެސް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ވިލުންތެރި އިޤްތިޞާދެއް ޤާއިމްކުރުމަށްޓަކައި ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން މައިގަނޑު ބާވަތްތައް ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ ވަރަށް އުފެއްދުމަށް މަސައްކަތްކޮށް، ފުޑް ސެކިޔުރިޓީ ޤާއިމްކުރުމަކީ، މި ސަރުކާރުގެ ސިޔާސަތުކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި އަމާޒަށް ވާސިލްވުމުގެ ގޮތުން، އެގްރިކަލްޗަރ އިންވެސްޓްމަންޓްތަކަށް ވަރަށް ފަހި މާޙައުލެއް މިހާރު ވަނީ ޤާއިމްކުރެވިފައިކަމުގައިވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.