ވަކިވަކި ފަރުދުންނަށް ސީދާގޮތުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ މަންފާކުރާނޭ ގޮތަށް ފަރުމާކުރައްވާފައިވާ ނިޒާމު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ދިވެހިރާއްޖޭގެ ޤުދުރަތީ އެސެޓްތަކުގެ ޙަޤީޤީ ވެރިންކަމުގައިވާ ދިވެހި ރައްޔިތުންނަށް، ސީދާ އާމްދަނީއެއް ލިބޭނޭ މަގެއް، ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިޔުމަކީ އެންމެ ޢަދުލުވެރި ގޮތްކަމުގައި ދެކިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، ހަމަހަމަ ކަމާއެކު، އަހަރަކު އެއްފަހަރު، ބޭރު ފައިސާއިން ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ، މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއްކަމުގައި، ޤާނޫނަކުން ކަނޑައަޅުއްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ތާރީޚީ މަސައްކަތުގެ ފައިދާ ލިބެންފަށާނޭކަމަށް އެމަނިކުފާނު އަންދާޒާކުރައްވަނީ، 2030 ވަނަ އަހަރުގެ ތެރޭގައެވެ.
މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ، ރާއްޖެ އިޝްތިހާރުކުރުމަކީ ޝާމިލު، ޤައުމީ މަސައްކަތެއްގެ ގޮތުގައި ހެދުމަށްޓަކައި، 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިއަރ" ގެ ގޮތުގައި ކަނޑައަޅުއްވައި، އެކަންވެސް އިޢުލާންކުރައްވާފައެވެ. އަދި މި ހިނގާ 2026 ވަނަ އަހަރު، ފަތުރުވެރިކަމުން، 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަންދާޒާކުރައްވާކަމަށް ވިދާޅުވެ، ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް އިތުރުކުރެއްވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ފަތުރުވެރިކަން އެދެވޭ ގޮތެއްގައި ތަރައްޤީވެފައި ނެތް 6 އަތޮޅެއްގައި، ޙަލާލު ޓޫރިޒަމް ހިމެނޭހެން ފަތުރުވެރިކަން ފުޅާކުރުމަށް، ޚާއްޞަ އިނާޔަތްތަކާއެކު ވުނަކުރުމަށް ހުޅުވާލައި، މިހާތަނަށް މީގެ ތެރެއިން 8 ތަނެއް އެވޯޑުކޮށް، 6 ތަނެއް ކުއްޔަށް ދޫކުރާ އެއްބަސްވުމުގައި ސޮއިކޮށް، ޙަލާލު ޓޫރިޒަމްގެ 1 ރަށް ކުއްޔަށްދީފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި، އައްޑޫ އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން، ޝަންގްރީލާ ރިސޯޓު އަލުން ހުޅުވައި، ކުރިއަށްނުގޮސް ހުއްޓިފައި އޮތް އައްޑޫ ހަންކެޑެ މަޝްރޫޢު، އިންޓެގްރޭޓަޑް ޓޫރިޒަމް ތަރައްޤީކުރުމަށްޓަކައި އަލުން އެވޯޑް ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.