ސަރުކާރުން ރާއްޖޭގެ ވިޔަފާރިތަކުގެ ބިލުތަކަށް މިދިޔަ އަހަރު 6.3 ބިލިއަން ރުފިޔާ ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އާމްދަނީއަށް ކުރިމަތިވެފައި އޮތް ގޮންޖެހުމެއްކަމަށްވާ، އެފަރާތްތަކުން ފޯރުކޮށްދީފައިވާ ތަކެއްޗާއި ޚިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވެފައި އޮތް މައްސަލައަށް ހައްލު ގެނެސްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް އިޝާރާތްކުރައްވާ އެމަނިކުފާނު ވިދާޅުވީ ގިނަ އަހަރުތަކެއް ވަންދެން ނުދައްކައި ހުރި "ލެގަސީ" ބިލުތަކަށް ފައިސާ ދެއްކުމުގެ ބޭނުމަށް ސަރުކާރު ކުންފުނިތަކަށް 882 މިލިއަން ރުފިޔާ ދޫކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބިލުތަކުގެ ތެރެއިން 1 ބިލިއަން ރުފިޔާގެ ބިލު ސީދާ ސަރުކާރުން ދައްކައިދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަމިއާއިއެކު މިވިޔަފާރިތައް ތަރައްޤީ ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި އިމްޕޯޓްކުރާ މުދާ އެއަރޕޯޓުން ކްލިއަރ ކުރުމަށް އޮތް 80 ގަޑިއިރުގެ ވަގުތު، 124 ގަޑިއިރަށް އިތުރުކުރުމާއި، ޑެމަރޭޖް ފީ ނާރާ، މާލެ އަދި ހުޅުމާލެ ޕޯޓުގައި ބެހެއްޓޭ މުއްދަތު 5 ދުވަހުން 10 ދުވަހަށް މިހާރު އިތުރުކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކުދި އަދި މެދު ފަންތީގެ ކެފޭ، ރެސްޓޯރަންޓްތައް ރަޖިސްޓަރީ ކުރުމަށް ނަގަމުންދިޔަ ފީ ކުރިއަށް އޮތް 2 އަހަރު ދުވަހަށް ފަންސާސް އިންސައްތަ އަށް ކުޑަކޮށްފައިވާ ކަންވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 20 ކޯޓާއަށްވުރެ މަދުން ބިދޭސީ ކޯޓާ ގެންގުޅޭ ކުންފުނި ތަކުން އަހަރީ ކޯޓާ ފީ މިއަހަރުގެ މާރޗް މަހުން ފެށިގެން ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށް ބޭނުންވާ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހަރުދަނާ އޮންލައިން ޕޭމަންޓް ނިޒާމެއް ރާއްޖޭގައި ނެތުމުންކަން ފާހަގަކުރައްވާ، އެކަން ހައްލުކުރެއްވުމަށް ޕޭޕަލް ރާއްޖޭގައި އޮޕަރޭޓްކުރަން ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދާދި އަވަހަށް އެކަން ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ، ސައްތައިން ސައްތަ ދިވެހި އުފެއްދުމެއް ކަމަށްވާ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" ބޭންކް އޮފް މޯލްޑިވްސް އިން ތަޢާރަފުކުރައްވާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާރސް ކުންފުނި ކަމަށްވާ އަލީބާބާ ގްރޫޕާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ދިވެހި އުފެއްދުންތައް، ބައިނަލްއަޤްވާމީ ބާޒާރުގައި ފުޅާ ދާއިރާއެއްގައި ވިއްކުމުގެ ފުރުސަތު މިހާރު ލިބިފައިވާ ކަމަށާއި އޮތެންޓިކް މޯލްޑިވްސްގެ 400 ވެންޑަރުން ހިމެނޭ ގޮތަށް އޮންލައިންކޮށް ވިޔަފާރިކުރެވޭނެ ގޮތަށް އަލީބާބާގައި ވަނީ ޕްލެޓްފޯމެއް ޤާއިމުކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ފައިނޭންސިންގ ފުރުސަތުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ އިސްލާމިކް ފައިނޭންސިންގ އުސޫލުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މިފަދަ ވިޔަފާރިތަކަށް އެހީވުމަށް "ތިޖާރާ ރަށު ފަތުރު" ތަޢާރަފްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ބޭނުންތަކަށް "ވެސަލް ފައިނޭންސިންގ" ގެ ނަމުގައި ފަސް ލައްކަ ރުފިޔާއާ ހަމައަށް ފައިނޭންސިންގ ޕްރޮޑަކްޓެއް ތަޢާރަފް ކުރުމާއި ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން ފަސް ލައްކަ ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ފެސިލިޓީ އެއް ތަޢާރަފް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.