އަދުގެ ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަނީ ދިވެހި ރައްޔިތުންނަށް ވާރުތަކުރުވި ބުރަބޮޑު ދަރަނީގެ ދަންތުރައިން މިންޖުކޮށް، އެކަމަށް ތަސައްލީއެއް ހޯއްދަވައި، މާލީ ގޮތުން އަދަށްވުރެ ފަހި މާދަމާއެއް ދިވެހި ޤައުމަށް ހޯއްދަވައިދެއްވުމަށް ކަމަށާ، މި މޭރުމުން ކުރެވެމުންދާ މަސައްކަތްތަކާއެކު، މިވަގުތު ޤައުމުގެ ރަސްމީ ގްރޮސް ރިޒާވްގެ މިންވަރު 1.13 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައިވާއިރު، މިއީ، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މި ޢަދަދު އެންމެ މައްޗަށް ދިޔަ ފަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން މިކަން ފާހަގަކުރެއްވީ 20 ވަނަ ރައްޔިތުންގެ މަޖިލީސް، މި ހިނގާ 2026 ވަނަ އަހަރަށް ހުޅުވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 2025 ވަނަ އަހަރު ލިބިފައިވާ ފައިސާގެ މިންވަރު، 2024 ވަނަ އަހަރާ އަޅާބަލާއިރު 12 އިންސައްތަ ކުރިއަރާފައިވާކަމަށާ، މި ބަދަލުތަކާއި، އިޤްތިޞާދީ ކުރިއެރުމުގެ ދުވެއްޔަށް އަންނަ ބަދަލުތަކާއެކު، މިހިނގާ 2026 ވަނަ އަހަރު، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވާރުތަވި ދަރަނީގެ ދަންތުރައިން ޤައުމު ސަލާމަތްކުރުމަށްޓަކައި އަދުގެ ސަރުކާރުން މިހާތަނަށް ކުރައްވާފައިވާ މުހިންމު މަސައްކަތްތަކަށް ތަފްސީލީ ގޮތެއްގައި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަލިއަޅުވާލެއްވިއެވެ. އެގޮތުން ދަރަނި ރީސްޓްރަކްޗަރ ކުރުމާއި ލޯނު އަދާކުރުމުގައި ލުއި ގޮތްތައް ހޯއްދަވައި، ބޭރުގެ އިންވެސްޓަރުންނާއި ކްރެޑިޓް އޭޖެންސީތަކުގެ އިތުބާރު ކަށަވަރުކުރުމަށް އަދުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ އަދި މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކަށް ނަޒަރު ހިންގަވާ، ބައެއް ތަފްސީލުތައް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.
އާމްދަނީއަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއެކު، ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 1.2 ބިލިއަން އެމެރިކާ ޑޮލަރު، 2025 ވަނަ އަހަރު ލިބިފައިވާކަމަށާ، އެކަމުގެ ނަތީޖާއަކަށްވީ، ދަރަނި އަދާކުރުމަށް އުފައްދާފައިވާ ސޮވްރިން ޑިވަލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް) އަށް ޖަމާކުރާ ޑޮލަރު އިތުރުވެ، ރަސްމީ ރިޒާވަށް ހެޔޮ ބަދަލުއައުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ބޭރު ފައިސާގެ ޤާނޫނު ތަންފީޒުކުރަން ފެށިފަހުން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޑިސެމްބަރާއި ހަމައަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އަށް 492 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެގޮތުން 2025 ވަނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓަކީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ފުރަތަމަ ބަޖެޓު ކަމަށާ، ހަމަމިއާއެކު އަހަރު ނިންމާލީ ސަޕްލިމެންޓްރީ ބަޖެޓަކާ ނުލާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއީ ފާއިތުވީ 5 އަހަރުދުވަހުގެ ތެރޭގައި މިކަން މިގޮތަށް ނިމުނު ފުރަތަމަ ފަހަރުކަންވެސް ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ހަމަ މި މޭރުމުން އެމަނިކުފާނު ވަނީ ބަޖެޓް ޑެފިސިޓްގެ ތަފާސް ހިސާބުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން، މިދިޔަ 5 އަހަރު ދުވަހުގެ މުއްދަތުގައި އަހަރެއްގެ މައްޗަށް އެވަރޭޖު ޑެފިސިޓް 9 ޕަސެންޓަށް ވުރެ މަތީގައި ހުރި ނަމަވެސް މިހާރު އެ ޢަދަދު ދަށް ކުރެވި، 2025 ވަނަ އަހަރު، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 5 ޕަސެންޓަށް އެ މިންވަރު ދަށްކުރެވުނުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އަހަރުގެ ފުރަތަމަ 40 ހަފުތާ، ބަޖެޓް ސަރޕްލަސް ނުވަތަ އަރަނި ބަޖެޓެއްގެ ގޮތުގައި ވަނީ ހިފެހެއްޓިފައިކަންވެސް ފާހަގަކުރެއްވިއެވެ.
މި ހިނގާ 2026 ވަނަ އަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީގެ އިތުރުން، ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 100 މިލިއަން ޑޮލަރު ވަންނާނެކަން މިހާރު ކަށަވަރުވެފައިވާކަމަށާ، މިޢަދަދު، ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ޖަމާވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ވިލުންތެރި ޤައުމަކަށް ދިވެހިރާއްޖެ ވެގެން ދިއުމަކީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމަށްވެސް ނުހަނު ފައިދާކުރާނެ ކަމެއް ކަމަށާ، ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދާއި މާލިއްޔަތު އޮތް ނާޒުކު ހާލަތުން ސަލާމަތްކުރުމަށް އަދުގެ ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތްތަކާއި އެކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދާއި މާލިއްޔަތަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތަކަށް، ތަފްސީލީ ގޮތެއްގައި ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލެއްވިއެވެ.