ދިވެހީންގެ ބިމުން ވެލިފުކެއްގެ މިންވަރު ވެސް، އަދި ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރު ވެސް، ދޫކޮށްލެވިގެންނުވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ދިވެހިރާއްޖޭގެ ސިޔާދަތާ ގުޅިފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، އެ ނިންމުމަށް ދިވެހިރާއްޖޭން އިޢުތިރާޒުކޮށް އެ ކަމާ ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް، 8 ނޮވެމްބަރ 2024 ގައި އަދި 18 ޖެނުއަރީ 2026 ގައި ދިވެހި ސަރުކާރުގެ ފަރާތުން، އިނގިރޭސި ސަރުކާރަށް ލިޔުމުން ހުށަހަޅުއްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 15 ޑިސެންބަރު 2025 ގައި އިނގިރޭސިވިލާތުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ، ދަ ރައިޓް އޮނަރަބްލް ޑޭވިޑް ލެމީއާއެކު ކުރިއަށްގެންދެވި ފޯން ކޯލެއްގައިވެސް، މި ކަމުގައި ދިވެހި ސަރުކާރުން އިނގިރޭސި ވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންވާކަމަށް ދަންނަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފޯޅަވަހި ސަރަހައްދުގެ އިޤްތިޞާދީ ބޭނުން ހިފުމުގައި މޮރިޝަސް އިން ކަނޑައަޅާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ޞިނާޢަތަށް، ކޮށްފާނެ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެކަންތައްތަކަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅުހަދާކަން ވެސް މޮރިޝަސް ސަރުކާރަށާއި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ނޭޗަރ ކޮންޒަވޭޝަން (އައި.ޔޫ.ސީ.އެން) އަށް ހިއްސާކުރައްވާފައިވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ITLOS) އިން ނިންމި ނިންމުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ކަނޑުން ގެއްލުނު ސަރަޙައްދު އަނބުރާ ހޯދުމަށްޓަކައި ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހާރު ފައްޓަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭރުގެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 22 އޮގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ، އަނބުރާ ގެނައުމަށް ނިންމަވާފައިވާކަމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ޙަވާލާދީ، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ޤާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމަވާފައިވާކަން އެމަނިކުފާނު މިއަދު ވަނީ އިޢުލާންކުރައްވާފައެވެ. އަދި "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ޤާއިމުކުރައްވައި، ނިމިދިޔަ ސަރުކާރުން ނިންމަވާފައިވާ ބައެއް ނިންމެވުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މައްސަލައިގައި ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، އެ ނިންމެވުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް އެނިންމެވުންތައް ނިންމަވާފައިވާ ސަބަބުތައް ދެނެގަތުމަށާއި، އެކަންކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅަންޖެހޭނަމަ އެކަންކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެގޮތަކަށް ކަންކަން އެކަށައެޅުމަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން "ކޮމިޝަން އޮފް އެންކުއަރީ" އެއް އުފެއްދުމަށް ނިންމަވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިފާޢީ ރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ކޯސްޓްގާޑްގެ ޚިދުމަތް ދެ ގުނަކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، އިތުރު 17 އިންޓަސެޕްޓަރ ކްރާފްޓާއި އިތުރު މަނަވަރެއް، މި އަހަރު ޚިދުމަތަށް ނެރެވޭނެކަމަށާއި، ދެ ހާބަރ ކްރާފްޓް ޕެޓްރޯލް ވެސަލް ހޯދުމަށް ފައިސާގެ އެހީ ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ށ. ފުނަދޫގައި ޤާއިމުކުރާ، އެމް.އެން.ޑީ.އެފްގެ ދެވަނަ އެއަރ ސްޓޭޝަން މިއަހަރު ބޭނުން ކުރަން ފެއްޓޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފަޔަރ އެންޑް ރެސްކިޔު ޚިދުމަތާއި، އިމަރޖެންސީ އޮޕަރޭޝަންގެ ޚިދުމަތާއި، ސިފައިންގެ އޮޕަރޭޝަނަލް ލޮޖިސްޓިކްސްއާއި އެކޮމޮޑޭޝަނާއި، އިދާރީ ހިންގުމުގެ ކަންކަން ހަރުދަނާކުރުމަށް ޚާއްޞަ އިސްކަމެއްދެއްވައިގެން މި އަހަރު މަސައްކަތްތަކެއް ކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚާރިޖީ ސިޔާސަތު ބައްޓަންކުރެއްވުމުގައި މި ސަރުކާރުން އިސްކުރަނީ އަވަށްޓެރިންނާއި، އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުމުގެ ވިސްނުންކަމަށާއި، ބުރަވެވަޑައިގަންނަވަނީ ވިޔަފާރި އާއި އިޤްތިޞާދީ ފުރުޞަތުތައް ހޯދުމަށް، ބޭރުގެ ބައިވެރިންނާއެކު އެއްބާރުލުން އިތުރުކުރުމަށްކަމަށް ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެ މަނިކުފާނު ވަނީ، އދގެ އެކި މަންސަތަކުގައި ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކަށް އިޝާރާތްކުރައްވާފައެވެ. އަދި އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ ޙަރަކާތްތަކާ ގުޅިގެންނާއި، މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ގުޅިގެން ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ދިވެހިރާއްޖެއިން ކެނޑިނޭޅި ކުރާ މަސައްކަތްތަކަށް އެމަނކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި ފަލަސްތީނުގެ އަހުލުވެރީން އެބިމުގައި މިނިވަން މުސްތަޤިއްލު ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ އަބަދުވެސް އެންމެކުރީގައި އޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.