بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ  

ނިޢުމަތްތަކުގެވެރި  اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރުކުރަން. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު މާތް ނަބިއްޔާ  مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّم އަށް ޞަލަވާތާއި، ސަލާމުލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި، ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް، ޔޫ.އެން. ރެޒިޑެންޓް ކޯޑިނޭޓަރ ހާއޯ ޖޭންގް، ޔޫ.އެން.ޑީ.ޕީ.ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޢަދްނާން ޗީމާ، ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަންގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެކުލަވައިލާފައިވާ ކޮމިޓީގެ އެންމެހައި މެންބަރުން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.  

އާދެ! އަޅުގަނޑުމެންގެ މާތްވެގެންވާ ރަސޫލު مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمގެ ސުންނަތުން ސާބިތުވާގޮތުގައި، އެކަލޭގެފާނުގެ ޞަޙާބީންގެ ތެރެއިން، އެކަލޭގެފާނު ވަރަށް ލޯބިފުޅުވެވަޑައިގަންނަވާ ޞަޙާބީއެއްގެ ވާހަކަ އަޅުގަނޑު މިތަނުގައި ޙިއްޞާކޮށްލަން. އާދެ، އެ ޞަޙާބީއަކީ ލޯފަން ޞަޙާބީއެއް. އެ ޞަޙާބީއެއްގެ ނަންފުޅަކީ ޢަބްދުﷲ އިބްނު އުއްމުލް މަކްތޫމް. ރަސޫލު صَلَّى اللهُ عَلَيْهِ وَسَلَّم ވަނީ، ބައެއް ހަނގުރާމަތަކުގައި މި ޞަޙާބީ ބޭނުންކުރައްވާފައި. އަދި މަދީނާގެ ލީޑަރެއްގެ ގޮތުގައިވެސް މި ޞަޙާބީ ހަމަޖައްސަވައިފައިވޭ. މިއިން، އަޅުގަނޑުމެންނަށް ވަރަށް ގިނަގުނަ ކަންތައްތަކެއް ސާފުވެގެން އެބަދޭ. އަދި އަޅުގަނޑުމެންގެ ކީރިތި ޤުރްއާނުގެ، ޢަބަސަ ސޫރަތުގެ ކުރީކޮޅުގެ އާޔަތްތަކުގައި اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އަންގަވާފައިވޭ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަޑު އެއްސެވުމަށް. އެހެންކަމުން، މިކަމަށް އަޅުގަނޑުމެންގެ ދީން ބާރުއަޅުއްވައިފައިވާ މިންވަރު، މިއިން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް  ސާފުވެ، ދޭހަވެގެން މިދިޔައީ. ދީނުގައި އަންގަވާފައިވާ ގޮތަށް، އަދި ރަސޫލާގެ ސުންނަތުންވެސް ސާބިތުވެފައިވާ މިފަދަ ސިފަތައް، އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގައި އަށަގެންނެވުމަށްޓަކައި، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް އެބަ ދެއްވާ. އެފަދަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް، ރައްކާތެރިކޮށް، ބާރުވެރިކުރުވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެ މަނިކުފާނު ވަރަށް ކައިރިން ބައްލަވަމުން ގެންދަވާ މަސައްކަތްތަކެއް. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ވަޒީފާ ކަށަވަރުކޮށް، ފަހި ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި، އެ މަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން، މިހާތަނަށް 367 ފަރާތަކަށް ސަރުކާރުން ވަނީ ވަޒީފާ ހަމަޖައްސަވާފައި. ހަމައެއާއެކު، މިފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްރީނުކޮށް، ތަފާތު އެކިއެކި ޕްރޮގްރާމްސްތަކުގައި ބައިވެރިކޮށް، ފަހި ފުރުޞަތުތަކެއް، ފާއިތުވި ދެ އަހަރު ތެރޭގައި ހުޅުވިގެންދިޔަކަން އަޅުގަނޑު ނުހަނު އުފަލާއެކީ ފާހަގަކޮށްލަން.

މިއަދު މި އިފްތިތާޙް ކުރެވިގެންދިޔަ ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން މަގުޗާޓަކީ، މި ދެންނެވި މިސްރާބުން، މި ސަރުކާރު އިސްނަގައިގެން ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތް. އާދެ، މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމުގައި، ކުރިއަށްއެޅުނު ތާރީޚީ އެންމެ ވަރުގަދަ  އެއް ފިޔަވަޅުވެސްމެ. މި ފުރުޞަތުގައި، ނެޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން އެކުލަވައިލުމުގެ މަސައްކަތް މިހާ ފުރިހަމަކަމާއެކު ނިންމަވައި، މި އެކްޝަން ޕްލޭން އިފްތިތާޙުކުރުމާ ހަމަޔަށް ގެނެސްދެއްވައި، ބުރަކޮށް މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައްޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އާދެ، މި މަގުޗާޓު އެކުލަވައިލުމުގައި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، އާދެ، ޔޫ.އެން.ޑީ.ޕީ.ގެ މަސައްކަތް ފާހަގަކޮށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ދިވެހިރާއްޖޭގައި ކުރެވޭ މިފަދަ ގިނަ މަސައްކަތްތަކުގައި، ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުން މެދުކެނޑުމެއްނެތި ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން، ޝުކުރުވެރިކަމާއެކީގައި ފާހަގަކުރަން.

I would like to acknowledge the strong partnership between the Maldives and UNDP and sincerely thank Mr. Adnan Cheema for his leadership and commitment. For over 45 years, UNDP has been a trusted partner, standing with the Maldives through key moments of national development.

The launch of this National Action Plan reflects what is possible when national leadership is supported by a partner that listens, understands, and shares our vision. I am grateful for UNDP’s continued support and look forward to further strengthening this valued partnership.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމުގައި ހުރި، އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، اللّـه سبحـانـه وتعـالىގެ މަދަދާއި، ވާގިވެރިވުން އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ބަރަކާތްލައްވައި، އަދަށްވުރެ ފަހި މާދަމާއެއް އަޅުގަނޑުމެންނަށް މިންވަރުކުރެއްވުން.

وَالسَّلاَم عَلَيْكُمْ.