بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّد نبي صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމާއި، ބަރަކާތުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް، މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޝްރަފް ރަޝީދު، އަދި ގެމަނަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، މި އަތޮޅު ކައުންސިލްގެ ރައީސް ފައިޙަތު ޤުދުރަތުﷲ އަދި ރަށު ކައުންސިލްގެ ރައީސް، ކައުންސިލްގެ މެންބަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ރަށުގެ އިސް ރަށްވެހިން، އެންމެހައި ލޮބުވެތި ރައްޔިތުން؛
السّـلام عليـكم ورحـمة اللّـه وبـركاتـه.
އާދެ، އެންމެ ފުރަތަމަވެސް، އަޅުގަނޑާއި ދައުލަތުގެ ވަޒީރުން މިރަށަށް އައުމުން، ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް އިޚްލާޞްތެރި ޝުކުރެއް ތިޔަބޭފުޅުންނަށް ދަންނަވަން. އާދެ، އަދި ހަމަ އެހެންމެ، މި ފިޔަވަޅުގައި އަޅުގަނޑާ ގުޅޭގޮތުން މިތަނުގައި ވާހަކަ ދެއްކެވި ދައުލަތުގެ ދެ ވަޒީރުން ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރަށްވެސް، އެ ދެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
ރާއްޖޭގެ ކަންކަން، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މީގެ ދެ އަހަރު ކުރިން، އަޅުގަނޑުމެން ތަޞައްވުރު ކުރަމުން އައިގޮތަކީ، ވަރަށް ތަފާތު ގޮތެއް. ރާއްޖެ ހަމަމަގަށް އެޅުވުމަށްޓަކައި އަޅުގަނޑުމެން އޭރު މަސައްކަތް ކުރަމުން އައިގޮތުގެ ވާހަކައަކީ، މިއަދު ދިވެހި ކޮންމެ ކުޑަކުއްޖަކަށްވެސް، ތުއްތުކުއްޖަކަށްވެސް އޮޅޭނެ ކަންކަމެއް ނޫން. ރާއްޖެ އޭރު ހަމަމަގަށް އެޅުވުމަށް، އަޅުގަނޑުމެން ކުރަމުން އައި މަސައްކަތުގެ ކަންކަން އޮތް ހިސާބަކީ، ރާއްޖެ ބަނގުރޫޓް ވެގެންދިޔުން ހުއްޓުވުމަކަށް ގެނައުން. އޮޔާދިޔަ އުޅަނދެއް، އަޅުގަނޑުމެން އަނބުރާ ގެނައުމަށްޓަކައި ކުރެވެމުން އައި މަސައްކަތް. އެ މަސައްކަތުގެ ހުންގާނުގައި، ދިވެހި ރައްޔިތުންނާ ގުޅިގެން ހިއްޕެވީ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ، ލޮބުވެތި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު. އެ މަނިކުފާނަށް ތިޔަބޭފުޅުން ފުރިހަމަ ތާއީދު ރިޔާސީ އިންތިޚާބުގައި ދެއްވައިގެން، އެ މަނިކުފާނު އިންތިޚާބު ކުރެއްވީ، ހަމަ ޔަޤީނުންވެސް ތިޔަބޭފުޅުންގެ ހިތްތަކުގައި އެ މަނިކުފާނާ ދޭތެރޭގައި ކުލުނާއި ލޯތްބެއް އުފެދުނީތީވެ. އެ މަނިކުފާނު ތިޔަބޭފުޅުންނާ ހަމައަށް ތިލަކުރެއްވި ވާހަކަފުޅުތަކުގައި، އޮއްޓަރެއް ހުރީތީވެ. އަދި އެ ވާހަކަތަކަކީ، އެއީ ހަމަ އެހެން ހުންނަވާފައި، އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުތަކެއް ނޫންކަން، ތިޔަބޭފުޅުން ޤަބޫލުކުރެއްވީތީވެ. އެކަމުގެ ހެކިތައް މިއަދު ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުން މިދަނީ.
އެ މަނިކުފާނުގެ ފަރާތްޕުޅުން މި ރަށުގައި، ކޯލްޑް ސްޓޯރޭޖެއްގެ ވާހަކަ އަޅުގަނޑު ފުރަތަމަ ދެއްކީ. އެހެންނަމަވެސް، އޭގެ ކުރިއަށް އަޅުގަނޑު ޖެހިލާނަން. މި ސަރަޙައްދުގެ، މި ފިޔޯރީ ކަނޑުން މަސްވެރިން އަބަދުމެ ދަތުރުކުރާ ވާހަކަ އަޅުގަނޑުމެންނަށް އަޑުއިވިގެން އެބަދޭ. މަސްވެރިންނަށް ހުރި ދަތިތަކުގެ ވާހަކަ އަޅުގަނޑާ އެކީގައި، ހަމަ އެއްސަފެއްގައި، އެއް ލެވެލެއްގައި، އެ ވާހަކަ އަޑުއައްސަވާ، މިއަދުގެ ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރު އަޝްރަފް ރަޝީދުވެސް. އެއީ އަޅުގަނޑާ އެކީގައި އޭރު އެ މަސައްކަތުގައި، ވަރަށް ބާރަށް މަސައްކަތް ކުރެއްވި ބޭފުޅަކަށްވާތީވެ. އެހެންކަމުން، އޭރުގެ މަސްވެރިން، މިހާރުވެސް މަސްވެރިން، އުފުއްލަމުން އައި ތަކުލީފުތައް ވަރަށް ކައިރިން އަޅުގަނޑުމެން ބަލަމުން އައިން. އަދި މަސްވެރިން އައީވެސް އަޅުގަނޑުމެންނާ ހަމަޔަށް އެ ވާހަކަތައް ޙިއްޞާކުރަމުން. އެ ވާހަކަތައް، އޭރުގެ އެ ބާރުމިނުގައި ގެންދިޔައިރު، އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އެ ޓޭބަލްތަކުގައި އިންނެވި. އެ މަނިކުފާނު އެ ވާހަކަ އަޑުއައްސަވަމުން ގެންދެވި. އަޅުގަނޑުމެން މި ސައްލާތައް، ރައްޔިތުންގެ މަޖިލީހާ ހަމައަށް ގެންދިޔުމަށްޓަކައި، އަޅުގަނޑުމެންގެ ޕާޓީ ލީޑަރޝިޕެއްގައި މަޝްވަރާ ކުރެވެމުންދިޔައިރު، އެ މަނިކުފާނު އެތަނުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވި. އެހެންކަމުން، މިކަމުގެ މުހިންމުކަން މަސްވެރިންނަށް ބޮޑުވެފައި އޮތް މިންވަރު، އެ މަނިކުފާނަށް ޤަބޫލުފުޅު ކުރެއްވިގެންދިޔަ. މި ވާހަކަ ރަސްމީކޮށް ރިޔާސީ ވަޢުދެއްގޮތުގައި ވިދާޅުވުމަށް، އަޅުގަނޑުމެން އެ މަނިކުފާނަށް ހުށަހެޅިން. އެކަމުން ދޭހަކޮށްދެނީ، ކަންކަން ބަލައި، ދިރާސާކޮށް، އެކަމުގައި ޙައްލު ހޯދޭނެ ގޮތްތައް ބަލައިގެން، އެ މަނިކުފާނަކީ ކަންކަން ވަރަށް ރަނގަޅަށް ޤަބޫލުފުޅުކުރައްވާ، އަޑުއައްސަވާ ބޭފުޅެއްކަން. އަދި ކަންކަން ކުރެއްވުމުގައި ވަގުތު ނެންގެވި ކަމުގައިވީނަމަވެސް، އެކަން އެ ކުރައްވަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށްކަން. އަދި ޙަޤީޤީ މަންފާ ރައްޔިތުންނާ އަރާހަމަކުރާނީ އެ މަޝްރޫޢު ފަށްޓަވައި ނިމުމުންކަން.
އެހެންކަމުން، މިއަދު މި މަޝްރޫޢު ފެށިގެން ދިޔުމުގެ ޙައްޤު ޝުކުރު އަދާކުރަންޖެހޭ އެއްބޭފުޅަކީ، މިކަން އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދެއްވި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު. އެހެންކަމުން، އެ މަނިކުފާނަށް ވަރަށް ބޮޑަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.
އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މި ވެރިކަމަށް އެ މަނިކުފާނު ވަޑައިގެންނެވިއިރު، މި ސަރަޙައްދު، މި އަތޮޅަށްވެސް ބޮޑެތި ވަޢުދުތަކެއް އެބަހުރި، އެމަނިކުފާނު ވެވަޑައިގެންފައި. އެހެންނަމަވެސް، އަޅުގަނޑުމެން އުންމީދުކުރިގޮތަކަށް ނޫން، ހީކުރިވަރަށްވުރެވެސް ވަރަށްދަތި އުނދަގޫކޮށް، އަޅުގަނޑުމެން މަސައްކަތްތައް ފަށަންޖެހުނީ. ހެދިފައި ހުރި ޤާނޫނުތަކާއި، ޤަވާއިދުތަކާ ޚިލާފަށް ވެރިކަމެއް ކޮށް ދޫކޮށްލުމަށްފަހުގައި، ދެން އަންނަ ބަޔަކަށް އެކަންކަން ތަރުތީބުކޮށް، އަލުން ހަމަމަގަށް އެޅުވުމަށްޓަކައި ވަރަށް ބޮޑެތި ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު.
މަސްވެރިކަމުގެ ދާއިރާގެ އެކަނި މަސައްކަތްތަކެއް ނޫން ހުރީކީ. ރާއްޖޭގެ އިޖުތިމާޢީ ފޭރާން އޮތީ ވީދާލާފައި. ރާއްޖޭގެ އިޤްތިޞާދަށް، އަޅުގަނޑުމެން ހީނުކުރާވަރުގެ ބޮޑެތި ލޮޅުންތަކެއް އައިސްފައި ހުރީ. އަޅުގަނޑުމެންގެ ވެރިކަމާ ރައީސް ޙަވާލުވެވަޑައިގަތުމުން، އަޅުގަނޑުމެންގެ މިއަދުގެ ވާދަވެރިން އެ ވާހަކަތައް ދައްކަމުން އައީ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، އެއީ ތެދެއްކަން ޤަބޫލުކުރެވޭ މިންވަރަށް. ރަނގަޅުމެ، އެ ވާހަކަތައް ހުރީ އެހެންނޭ. އެހެންނަމަވެސް، ޙިކްމަތްތެރިކަމާއި، ކަންކަމަށް ފިޔަވަޅު އެޅުއްވުމުގައި ވިސްނުންފުޅު އިސްކުރެއްވީ، ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތަށް. އެ ގޮތަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވައި، މިއަދާ ހަމައަށް އައިއިރު، މި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްޤީގައި އަތްލެވެން މިއަދު މިއޮތީ ފެށިފައި. އެއީ ދައްކަން ހުރި ދަރަނިތަކުގެ ވާހަކަ. އަޅުގަނޑު މިދަންނަވަނީ، އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ހަމައެކަނި ބަރޯސާ ވެފައި އޮތް ޓޫރިޒަމް ނޫން ދިމަދިމާއަށް، އަޅުގަނޑުމެން އިންވެސްޓް ކުރަންޖެހޭކަން އެ މަނިކުފާނު ޤަބޫލުފުޅު ކުރައްވައިގެން، އެއަށް ބޭނުންވާ ފައިސާތައް ހޯއްދަވައިގެން، މި މަސައްކަތްޕުޅު ފަށްޓަވައިގެން މި ގެންދަވަނީ. އެހެންވީމަކާ މިއީ އާދައިގެ ކަންކަމެއް ނޫން.
އަޅުގަނޑުމެންގެ ސްކޫލް ތުއްތުކުދިންގެ މުސްތަޤްބަލު އުޖާލާކުރުމަށް ކުރެވެންހުރި މަސައްކަތްތަކަށް އޮތީ ނުހަނު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި. އެހެންނަމަވެސް، މިކަންކަމަށްވެސް ޚާއްޞަ އިސްކަމެއް ދެއްވައިގެން، ޤާނޫނާއި، އުޞޫލުތައްވެސް ބަދަލުކޮށް، ގަވާއިދުތައްވެސް ބަދަލުކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވީ، އަޅުގަނޑުމެންގެ މުސްތަޤުބަލް އުޖާލާކުރުމަށްޓަކައި. އަޅުގަނޑުމެންގެ މައިންބަފައިން ހިނިތުންކުރުވުމަށްޓަކައި. މުޅި ޤައުމު އެކަމަށް ހެއްވާލުމަށްޓަކައި.
އެހެންވީމާ، މިހާ ބޮޑެތި މަސައްކަތްޕުޅުތަކެއް، ފުރަތަމަ ދުވަހުން ފެށިގެން އެ މަނިކުފާނު ފެށްޓެވި. އެއާއެކީގައި، މިއަދާ ހަމައަށް އިރާދަކުރެއްވީތީވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫޢުތައް، އެ މަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މިއަދު ވަނީ ފެށިފައި. އަޅުގަނޑު އުފާކުރަން، ރައީސް ވިދާޅުވިގޮތަށް އޭރު އަޅުގަނޑުމެންނަށް ވަޢުދުވެވުނީ، މި ރަށުގައި ކޯލްޑް ސްޓޯރޭޖެއް އެޅުމަށް. އެހެންނަމަވެސް، މި ރަށަށް ނިސްބަތްވެވަޑައިގަންނަވާ ތިޔަބޭފުޅުންގެ ފަޚްރު، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ހައުސިންގ މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް، އަޅުގަނޑާ މި މަޝްވަރާ ކުރެއްވި. ފިޝަރީޒް މިނިސްޓްރީން، ރައީސްގެ ވަޢުދާ އެއްގޮތަށް، މަސް ކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި މަސްދަޅު ރާއްޖޭގައި ބަންދުކުރުމަށް މި ކެޕޭސިޓީ އިތުރުކުރުމަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، މި ސަރަހައްދުގައި ދޮށީގެ މަސްވެރިކަން ނުހަނު ބޮޑަށް ފުޅާވެފައި އޮތުމާ ގުޅިގެން، ކޫއްޑޫއިން ހަމައެކަނި އެކަން ކުރެވެން ނެތުމުން، އެންމެ ރަނގަޅު ލޮކޭޝަނަކަށް މިތަން ވާނެތީވެ، މަސް ފެކްޓްރީއެއް އެޅުމަށް. އަޅުގަނޑު އުފަލާއެކީގައި އެކަން ފާހަގަކޮށް، އެ މަނިކުފާނު އެ ވިސްނުންފުޅު އިސްކުރެއްވީތީވެ، އެ މަނިކުފާނަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ.
އެހެންކަމުން، މިއަދާ ހަމަޔަށް އައިއިރު، ރައީސްގެ އިރުޝާދާ އެކީގައި، ފިޝަރީޒް މިނިސްޓަރު އެވަނީ ވަރަށް ބޮޑެތި މަސައްކަތްޕުޅުތަކެއް މަސްވެރިންނަށްޓަކައި ކޮށްދެއްވާފައި. އެ މަނިކުފާނު ވަރަށް ގާތުން މިނިސްޓްރީއަށް ލަފާ ދެއްވަމުން ގެންދެވި، މަސްވެރިންގެ އަޑުއައްސަވައިގެން، މަސްވެރިން ބޭނުންވާގޮތަށް ކަންކަން ބައްޓަން ކުރެއްވުމަށްޓަކައި. ރަނގަޅުމެ، އަޅުގަނޑުމެންނަށް މަހުގެ އަގު، ކުރީގެ ސަރުކާރުން 27 އަށް ބޮޑުކުރިގޮތަށް، އެހެން ބޮޑުކޮށްގެން ތިބެވިދާނެ. އެހެންނަމަވެސް، ޙަޤީޤަތާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭ ދުވަހެއް އަންނާނެކަން، އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ. އަބަދުމެ އޭގައި ހިފަހައްޓައިގެން އަޅުގަނޑުމެން ތިބިނަމަ، މިއަދުގެ މި ޙާލަތުގައި އަޅުގަނޑުމެންގެ މަސްވެރިންގެ ފައިސާތައް، އަޅުގަނޑުމެންނަށް ދެއްކޭނެ ގޮތެއް ނޯންނާނެ. އެ ފައިސާ ދޭނެ ނިޒާމެއް، އިންތިޒާމެއް އަޅުގަނޑުމެންނަކަށް ނޯންނާނެ. އެހެންނަމަވެސް، ވަރަށް ޙިކްމަތްތެރިކަމާއެކީގައި، ވަޒީރާއި، ރައީސުލްޖުމްހޫރިއްޔާ މިކަންކަން ނިންމެވީ، މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާދީގެން. ދެމެހެއްޓެނިވި ނިޒާމެއްގެ ތެރޭގައި އަޅުގަނޑުމެންގެ މަސްވެރިކަމުގެ ދާއިރާ، އަޅުގަނޑުމެން އެބަޖެހޭ އިޤްތިޞާދުގެ މުހިންމު އެއް ތަނބަށް ހަދަން. ހަމައެކަނި ޓޫރިޒަމަށް އަޅުގަނޑުމެން ބަރޯސާވެގެން އޮތް އޮތުން، ކޯވިޑް ތެރެއިން އަޅުގަނޑުމެންނަށް ވަރަށް ހިތި ތަޖުރިބާތަކެއް ކޮށްފީމު. އެހެންކަމުން، އަޅުގަނޑުމެންގެ މި އިކޮނޮމީ ޑައިވަރސިފައި ކުރުމަށްޓަކައިވެސް، ރާއްޖޭގެ އިޤްތިޞާދުގެ މަންފާކުރުވަނިވި މުހިންމު ދާއިރާއަކަށް މަސްވެރިންގެ ދާއިރާ ހެދުމަށް އެ މަނިކުފާނު ޢަޒުމް ކަނޑައެޅުއްވި. އޭގެ ނަތީޖާ އިރާދަކުރެއްވީތީ ފެންނަމުންދާ ކަމުގެ ވާހަކަ، ދެންމެ ވަޒީރު ވަރަށް ސާފުކޮށް އެ ވިދާޅުވީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، މި މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ގެންދެވޭނެ ކަމުގެ އުފާވެރި ޚަބަރުވެސް އަޅުގަނޑު ދެން.
އާދެ، މިރަށުގެ ތަރައްޤީއަށް ބަލާއިރު، މި ރަށަކީ، މިތަނުގައި ވާހަކަ ދެއްކެވި ދެ ބޭފުޅުން ފާހަގަކުރެއްވި ފަދައިން، ތަރައްޤީއަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅުއްވާ ރަށެއް. އަދި މި ރަށުގެ އިސް ރަށްވެހިންނަކީ ވަރަށް ޤަދަރުވެރި، އެކިއެކި ބޭބޭފުޅުންނަށް ވަރަށް އިޙްތިރާމްކުރުވަނިވި ޘަޤާފަތެއް އުފައްދައިގެން، ތަރައްޤީއަށް މަސައްކަތްކުރާ އަމިއްލަވަންތަ ރަށެއްގެ ގޮތުގައި، ދިރުވައި އާލާކުރި ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ރަށެއް. އެހެންކަމުން، މި ރަށުގައި މިހާރުވެސް ދަނޑުވެރިކަމުގެ އެކިއެކި މަސައްކަތް ކުރިއަށްދާކަން އަޅުގަނޑު ފާހަގަކުރަން. އެހެންނަމަވެސް، މި ފެކްޓްރީއާ ގުޅިގެން، ވަރަށް ގިނަ ވަޒީފާތައް މުޅި އަތޮޅަށް، ދެންމެ ތިޔަބޭފުޅުންގެ ވަޒީރު ފާހަގަކުރެއްވި ފަދައިން، އެބަ ލިބިގެންދޭ. ހަމައެކަނި، މި ދާއިރާގެ ތިން ރަށަށް އެކަންޏަކުން މިކަމެއް ފުދޭކަށްވެސް ނެތް. އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ އެހެން ކަމަކަށް. މިއީ ޚާއްޞަކޮށް އަޅުގަނޑު ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖެއް. މި ފެކްޓްރީގެ ވަޒީފާތަކަށް އެކަންޏެއް ނޫން އަޅުގަނޑުމެންގެ ވިސްނުން އިސްކުރަންޖެހޭނީކީ. މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި، އެ ދާއިރާއަށްވެސް ލިބިގެންދާ ހިތްވަރަކަށް މިކަން ވެގެންދާއިރުގައި، މި ދާއިރާއަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް، އާ ދޯނިތައް ގެނައުމާއި، އިތުރު އުޅަނދުތައް، މި ދެންނެވީ، އިތުރު އުޅަނދުތައް ގެނެސްގެން މަސްވެރި ދާއިރާއަށް ނެރުވުމަށް ކުރާ މަސައްކަތާއި، ހިތްވަރަކަށް ވެގެންދާއިރު، ވިސްނަންޖެހޭ ކަމަކީ، މި ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުން، މިފަދަ ކަންކަމުގެ ތެރޭގައި ޝާމިލުވެ، އުޅަނދުން ފޭބުމަށްފަހު، ވަޒީފާ އިޚްތިޔާރުކުރާ ކުރުމަށް ޖާގަ ނުދިނުން. އަޅުގަނޑުމެންގެ ތެރޭގައި ވިސްނުން ގެންގުޅެންޖެހޭ ތަފާތު ގޮތްތަކެއް ހޯދަން. އާ އީޖާދުތަކެއް ހޯދަންޖެހޭ. އެއީ، މަސްވެރިކަމުން މި ލިބޭ މަންފާ އިތުރުކުރުމަށް ސަރުކާރުން މިދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުން. ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުން. ދެކޮޅުޖެހޭ ނިޒާމެއްގެ ތެރޭގައި ހަމަމަގަށް އަޅުވައިގެން، އެކަށީގެންވާވަރުގެ މަންފާއެއް ލިބޭގޮތް ހެއްދެވުމަށް. މި މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑު މި ދެންނެވީ، މިއަދު ޒުވާނުން މަސްވެރިކަމުން ދުރަށްދާން މަސައްކަތްކުރާ އަޑުތަކުގެ ވާހަކަ އެބައިވޭ. މިހެން މިކަން މިވީ ކީއްވެތޯ؟ މިހެން މިވަނީ ކީއްވެގެންތޯ؟ އެއީ އަޅައިނުލެވުނީމަ ދޮގެއްތޯ؟ ވޭތުވެދިޔަ ތަނުގައި އެކަންކަމަށް ދޭންޖެހޭ އަހަންމިއްޔަތުކަން ނުދެވުމުގެ ސަބަބުން އެހިސާބަށް ކަންކަން މިދަނީ. އެ ޒުވާނުންނަށާއި، އެ ވަޒީފާތަކަށް ދިޔަ ފަރާތްތަކަށް ކޮންމެވެސްކަހަލަ އުނދަގޫތަކެއް ހުރި. އިތުބާރަށް ޝައްކުތަކެއް އޮތީ. އެހެންނަމަވެސް، މިކަންކަމާ ގުޅިގެން، އަޅުގަނޑު މި ދެންނެވީ، އޮޑިވެރިންގެ އިތުރު ޝައުޤުވެރިކަން އަންނާނެ އިތުރު އުޅަނދުތައް އުފެއްދުމަށް. މި ރަށުގައި ކުރީގެ މަސްވެރި އާއިލާތަކުން، ނޫނީ އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކުން މި ރަށުގައިވެސް އޮޑިދޯނިފަހަރަށް އިންވެސްޓް ކުރުމުގެ ޝައުޤުވެރިކަން، މިކަމާ ގުޅިގެން އުފެދިގެންދާނެކަން އެއީ ޝައްކެއްއޮތްކަމެއް ނޫން.
އެހެންކަމުން، އޮޑިދޯނިފަހަރުގައި ތިބި ޒުވާނުންނަށް އެ ފުރުޞަތު އަބަދުވެސް އޮންނާނެ ކަމުގެ ޔަޤީންކަންދީ، އެ ދާއިރާ ކުރިއެރުވުމަށްޓަކައި އަޅުގަނޑުމެން އިތުރު މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އުތުރުގެ ބައެއް ރަށްތަކުން، އަޅުގަނޑުމެންގެ ދޯނިތައް ހުއްޓާލުމަށްފަހު، މަސްވެރިކަން ހުއްޓާލުމަށްފަހު، އެހެނިހެން މަސައްކަތްތަކަށް ޒުވާނުން ދިޔަ ވާހަކަ، އޭރުގައި އެންމެ ގަދަޔަށް ދެއްކި އެއް ބޭފުޅެއް، މިއަދު އަޅުގަނޑުމެންގެ ފިޝަރީޒް މިނިސްޓަރަކީވެސް. އެއީ އެއްކަލަ އިތުބާރު ގެއްލުނީ. ސަރުކާރާ ދޭތެރޭގައި އިތުބާރު ގެއްލިދިޔައިމަ، އެކަމުން އުޖާލާ މުސްތަޤްބަލެއް ނުފެންނަ ކަމުގައިވާނަމަ، އޭގެ ތެރޭގައި އަޅުގަނޑުމެން ދިރިތިބުމުގެ ބޭނުމެއް ނެތް. އެހެންވީމާ، އެހެން ދިމާއަކަށް ދާނެ ދޮގެއްތޯ؟
އެހެންނަމަވެސް، މިއަދު ޙަޤީޤަތަކީ މިކަންކަމާ ގުޅިގެން ރައްޔިތުންގެ ތެރޭގައި އިތުބާރު އުފެދި، ޒުވާނުންގެ ތެރޭގައި ތިމާމެންނަށް މީގެ ފިއުޗަރ އޮތްކަން ޤަބޫލުކުރެވޭ ހިނދު، އަޅުގަނޑު ޤަބޫލުކުރަނީ މީގެ ސަބަބުން އެކަށީގެންވާ މަންފާތަކެއް، މަސްވެރި ދާއިރާއަށް ލިބިގެންދާނެ ކަމަށް. މި ރަށުގައި މިނޫނަސް ބޮޑެތި މަޝްރޫޢުތަކެއް އިރާދަކުރެއްވީތީ ކުރިއަށް އެބަދޭ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، ބަނދަރުގެ މަޝްރޫޢު ބާރަށް ކުރިއަށް އެބަ ގެންދެވޭ. އަދި އެނޫނަސް، މަގު ހެދުމުގެ މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. އަދި ކުރިއަށް ހުރީ ބޮޑެތި މަޝްރޫޢު. މިކަންކަމާ ގުޅިގެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އަދާކުރަންޖެހޭ ރައްޔިތުންގެ ޒިންމާތަކެއް، އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކެއް އެބަހުއްޓޭ. ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅު ހަލުވިކޮށްދެއްވުމަށްޓަކައި، ތިޔަބޭފުޅުން މި ދާއިރާއަށް ހޮއްވަވައިދެއްވީ، އެ މަނިކުފާނާ ގުޅިގެން މަސައްކަތް ކުރާނެ ވިސްނުންހުރި، އެ ޚިޔާލާއި ފިކުރުގެ ބޭފުޅެއް. އެއީ، މިއަދު ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރު އަޝްރަފް ރަޝީދު. އެހެންކަމުން، އަބަދުވެސް ވިސްނުން ގެންދަވަންވީ މިގޮތަށް. މިގޮތަށް އަޅުގަނޑުމެންގެ ކުރިމަގު އަޅުގަނޑުމެން ތަރުތީބުކުރަންޖެހޭނީ. އިޚްލާޞްތެރި ވެރިޔަކަށް، އެބޭފުޅާ ކުރައްވާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދެވޭ ވިސްނުންތަކަށް އަޅުގަނޑުމެން އެބަ ޖާގަ ހޯދަންޖެހޭ. އެހެންނޫނީ އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި އުނދަގޫތަކެއް ހުންނާނެ. އެކަން ޤަބޫލުފުޅު ކުރައްވާނެ. ތިޔަބޭފުޅުންވެސް ތަޖުރިބާވެސް ކޮށްފައި ތިއްބަވާނެ. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަން، މި ނަސޭހަތުގައި ތިޔަބޭފުޅުން ހިއްޕަވާނެ ކަމަށް.
އަޅުގަނޑު ވާހަކަ މާދިގު ނުކުރާނަން. އަދިވެސް އެއްފަހަރު، އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް ތިޔަބޭފުޅުން ދެއްވި ހޫނު މަރްޙަބާއަށްޓަކައި ޝުކުރު ދަންނަވަމުން އަދި މި ފުރުޞަތު، ރައީސް އަޅުގަނޑަށް ފަހިކޮށްދެއްވީތީވެ، ރައީސުލްޖުމްހޫރިއްޔާއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއުކު ޝުކުރު ދަންނަވަން. މި ރާއްޖެއަށް، މި ފަސްގަނޑަށް ތިޔާގިކަމާއި، ތަނަވަސްކަން އަބަދުމެ ލަހައްޓަވާށި! އަދި ފިޔޯރީއަށް ފާގަތި މުސްތަޤްބަލެއް މިންވަރު ކުރައްވާށި!
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.