ޑެންމާކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ފްރެޑީ ސްވޭން، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑެންމާކްގެ އާ ސަފީރަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޑެންމާކާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަޙްމަތްތެރި ގުޅުމާއި، އެކި ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މިސްޓަރ ސްވޭން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށާއި، ވަކިން ޚާއްޞަކޮށް ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފް ކުރެއްވުމަށް ކުރެވުނު މަސައްކަތުގައި ޑެންމާކް ސަރުކާރުގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންފައިވާކަން ފާހަގަކުރައްވައި ޑެންމާކް ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށްއޮތްތާނގައިވެސް މި އެހީތެރިކަން އެ ޤައުމުން ރާއްޖެއަށް ލިބެމުންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަފީރު މިސްޓަރ ސްވޭން ދެއްކެވި ވާހަކަފުޅުގައި، މިދިޔަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވުނު އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ އަދާކުރެއްވި ދައުރު ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުގެ ސަބަބުން ދުނިޔޭގެ މޫސުމާބެހޭ ބަޙުޘްތަކުގެ އެޖެންޑާ ބަދަލު ކުރައްވައި، ދުނިޔެއިން މި މައްސަލައަށްދޭ ސަމާލުކަން އިތުރުވެފައިވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީއަށް ޑެންމާކު ސަރުކާރުގެ ފަރާތުން ވެދެއްވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުއްވައިދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެފެއާޒް އެޑްވައިޒަރ ޙަސަން ޢަފީފް ބައިވެރިވވަޑައިގެންނެވިއެވެ.