بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّهُ تَبَارَكَ وَتَعَالَى އަށް ޙަމްދާއި ޝުކުރުކުރަން. މި އުއްމަތަށް ކައުކުރެއްވި މާތް ސާހިބާ مُحَمَّد نبي صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި، ސަލާމާއި، ބަރަކާތުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދަޢުލަތުގެ ވަޒީރު، ޑޮކްޓަރ އަބްދުﷲ މުއްޠަލިބު، މި ދާއިރާގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޝްރަފް ރަޝީދު، އަތޮޅު ކައުންސިލްގެ ރައީސް ފައިޙަތު ޤުދްރަތުﷲ، އަދި ފިޔޯރީ ކައުންސިލްގެ ރައީސް، ފައިޒަރު ރަޝީދު، އަދި ޖަމުޢިއްޔާގެ ރައީސް އަދި ޖަމުޢިއްޔާގައި މީގެ ކުރިން ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނާއި އަދި ކައުންސިލް މެންބަރުން އަދި މިރޭ ވާދަވެރި ރޫޙެއްގައި ކުޅެން ތައްޔާރަށް ތިބި ދެ ޓީމުގެ ހުނަރުވެރި ތަޖުރިބާކާރު ކުޅުންތެރިންނާއި، ދެ ޓީމުގެ ސަޕޯޓަރުން އަދި މި ރަށުގެ ލޮބުވެތި ރައްޔިތުން؛

السّـلام عليـكم ورحـمة اللّـه وبـركاتـه.

އާދެ، އަޅުގަނޑާއި މިނިސްޓަރާއި ޓީމު މި ރަށަށް އައުމުން، މި ރަށުން ދެއްވި އިޙްތިރާމާއި، ދެއްވި އެއްބާރުލެއްވުމަށްޓަކައި އެންމެ ފުރަތަމަވެސް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން ބޭނުން. އެއަށްފަހު، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ "ބީފާން 2026" މި މުބާރާތުން ވަރަށް ގިނަ ކަންތައްތަކެއް އެބަ ހާސިލުވެގެންދާކަން. އެއީ، އިޖްތިމާޢީ ގޮތުން ވަރަށް ގިނަގުނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް އެބަ ދަސްވޭ. މިސާލަކަށް ދަންނަވާ ކަމުގައިވާނަމަ، ކުޑަކުޑަ މިސާލެއް، އަޅުގަނޑުމެންގެ ދިރިއުޅުމުގައި މި ހުންނަ ކުދިކުދި ކަންތައްތަކާ ހުރެ އަޅުގަނޑުމެންގެ ރަށްތަކުގައި ދޭދޭ ފަރުދުންގެ މެދުގައި މި ހުންނަ ކުދިކުދި ހިތްހަމަނުޖެހުން، މިފަދަ މުބާރާތްތަކުން އަޅުގަނޑުމެންނަށް އެބަ ބީރައްޓެހި ކުރުވާ. އަޅުގަނޑުމެން މި މުބާރާތަށް ތައްޔާރުވާ ތައްޔާރުވުންތަކުގެ ތެރޭގައި، ރަށުގައި އެ އޮންނަ ރޫޙާއި، އެއްބައިވަންތަކަމާއި، އެކުވެރިކަން، އެކަންކަން އަޅުގަނޑުމެންނާ އެބަ ދުރުކުރުވާ. އެއީ، އަޅުގަނޑުމެން މިއަދު އުފާކުރަންޖެހޭނެ ކަމެއް. ހަމަ އެގޮތަށް މި މުބާރާތްތަކުގެ ސަބަބުން، އަޅުގަނޑުމެންނަށް ފެނިގެންދަނީ، މިސާލަކަށް ދަންނަވާލާ ކަމުގައިވާނަމަ، ރާއްޖޭގެ ޤައުމީ ލެވެލްގައި ކުޅެމުން އަންނަ، އެންމެ މަތީ ފަންތީގެ ކުޅުންތެރިން އެބަ ހިމެނޭކަން. އަދި އޭގެ އިތުރަށް، ރަށު ފެންވަރުގައިވެސް ކުޅެމުން އަންނަ ހުނަރުވެރި ކުޅުންތެރިން އެބަ ހިމެނޭ. ތަޖުރިބާއާއި ހުނަރާ، މި ހުރިހާ ކަމެއްވެސް އެކުލެވިގެން މިފަދަ މި މުބާރާތްތައް ކުރިއަށް މިދަނީ. އޭގެ ސަބަބުން އަޅުގަނޑުމެންގެ އަންނަން އޮތް ޖީލަށް، މިކަންކަމުގައި އެ ހިތް އަޅުގަނޑުމެންނަށް އެބަ ޖައްސައިދެވޭ. އެކަމަށްޓަކައި މިފަދަ މުބާރާތެއް އިންތިޒާމު ކުރަމުން މި އަންނަ ރަށު ކައުންސިލަށާއި އަދި ފޭސް ޖަމުޢިއްޔާއަށް އަޅުގަނޑު ހަމަ ޝުކުރުގެ ބަހެއް ދަންނަވާލަން ބޭނުން.

އާދެ، މާގިނަ ވާހަކައެއް ދައްކާކަށް ނެތިން، އެހެންނަމަވެސް، ފާހަގަކޮށްލަން ބޭނުން، މިއަދުގެ ސަރުކާރުން ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންދަވަނީ މިފަދަ ކުޅިވަރުތައް ތަރައްޤީ ކުރެއްވުމަށްޓަކައި، އަޅުގަނޑުމެންގެ ހުނަރުވެރި ކުޅުންތެރިން، ތަޖުރިބާކާރު ކުޅުންތެރިން މި ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ، މުޅި އިންޓަރނޭޝަނަލް ލެވެލްގައި ޤައުމަށް ރީތި ނަން ހޯދައިދިނުމަށްޓަކައި މުޅިން އެހެން ލެވެލްއަކަށް ގެންދެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން. އޭގެ ބޭނުމަކީ މިފަދަ ދަނޑުތައް އިތުރަށް ތަރައްޤީ ކުރެވޭނެ ނިޒާމުތައް ޤާއިމުވެގެންދިޔުން. އެ ކުޅުންތެރިންނަށް ރާއްޖެއިން ބޭރުން ގިނަ ތަމްރީނު ހޯދައިދޭނެ ފުރުޞަތުތައް ހޯދައިދިނުން. އިރާދަކުރެއްވިއްޔާ އެކަންކަން ކުރިއަށް މިއޮތް ދެ އަހަރުތެރޭގައި ބޮޑުތަނުން ހާސިލުވެގެންދާނެ ކަމުގެ ޔަޤީންކަން، އަޅުގަނޑު މިރަށުގައި އަދި މި ކުޅިވަރު ޢާއިލާގެ އެންމެހައި ބޭފުޅުންނަށް ދަންނަވާލަން ބޭނުން.

އާދެ، މިރޭ އަޅުގަނޑު ބޭނުން، ވާދަވެރި، ފޯރިގަދަ ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔުމަށް. ކުޅިވަރުގެ ރޫޙާ އެއްގޮތަށް ކޮންމެވެސް އެއް ޓީމެއް މޮޅުވެގެންވެސްދާނެކަން ޔަޤީން. އެހެންނަމަވެސް، އުންމީދަކީ، މިހާރު އަޅުގަނޑުމެން މިކުރާ ތަޖުރިބާއަކީ، ކުޅިވަރުގެ ރޫޙާ އެއްގޮތަށް މުޅި މުބާރާތް ނިމިގެންދިޔުން. މިކަމަށް ޝައްކެއްނުކުރަން. ދެއްވި ފުރުޞަތަށްޓަކައި އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަމުން އަޅުގަނޑު އެދެނީ، ދިވެހި ޤައުމަށާއި ދިވެހި ކުޅިވަރަށްވެސް ފާގަތި، ތިޔާގި ދުވަސްތަކެއް.

وَالسَّلاَم عَلَيْكُمْ وَرَحْمَةُ اْللَّـهِ وَبَركَاتُهُ