بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علٰـى خاتم الأنبياء والمرسلين، وعلى آلـه وأصـحابه أجمعـين.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
السّــلام عليكم ورحمـة اللّـه وبركاته.
اللّـه سبحـانـه وتعـالىގެ ޙަޟްރަތުން ވާގިއެދިހުރެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ، އަޅުގަނޑު ދެންމެ މިކުރީ، ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑާ ތިޔަ މަތިކުރެއްވި މަސްއޫލިއްޔަތުގެ ބޮޑުކަމާއި، އަމާނާތުގެ މަތިވެރިކަން އިޙްސާސްކުރަމުން. ރާއްޖޭގެ ރައްޔިތުން އުންމީދު ކުރައްވާ ކަންތައްތައް ޙާޞިލްކުރުމަށް މަސައްކަތްކުރުމުގެ ހެޔޮވިސްނުމާއި ތައުފީޤު ދެއްވުން އެދި، މާތް اللّـه ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.
ރާއްޖޭގެ ލޮބުވެތި ރައްޔިތުންވަނީ، ކުރިއަށް އޮތް ފަސްއަހަރު ދުވަހަށްވެސް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް، އަޅުގަނޑު އިންތިޚާބުކުރައްވާފައި، އަދި އޭގެކުރިން، ރައްޔިތުންގެ މަޖިލީހުގެ އިއްތިފާޤުން ވަނީ، ރައްޔިތުންގެ ޢާންމު ސިއްރު ވޯޓަށް އަޅުގަނޑުގެ ނަން ހުށަހަޅުއްވާފައި.
މިއީ، ދިވެހި ރައްޔިތުންނާއި، ރައްޔިތުންގެ މަޖިލީހުން އަޅުގަނޑަށް ދެއްވި ވަރަށްބޮޑު ޝަރަފެއް. އަދި އެހާމެ ބޮޑު އިތުބާރެއް. އެހެންކަމުން، ރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ތިޔަ ކުރެއްވި މަތިވެރި ތާއީދާއި، ދެއްވި ފުރިހަމަ އިތުބާރަށްޓަކައި، ހިތުގެ އެންމެ އިޚްލާޞްތެރިކަމާއެކު، ތިޔަބޭފުޅުންނަށް ޝުކުރު ދެންނެވުމަކީ، މިއަދު އަޅުގަނޑު އަދާކުރަންޖެހޭ ވަރަށް ބޮޑު ވާޖިބެއް. މި ޝުކުރު އަދާކުރުމުގައި، އަޅުގަނޑާއެކު، އަޅުގަނޑުގެ ޢާއިލާގެ ހުރިހާ މެންބަރުންވެސް ބައިވެރިވޭ.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން އަޅުގަނޑާ ތިޔަ މަތިކުރެއްވި ނުހަނު ބުރަ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، އަޅުގަނޑުގެ ލިޔާޤަތު ތަންދިން އެންމެ ރަނގަޅަކަށް، މާތް ﷲގެ ވާގިފުޅާއެކު، އަދާކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އަރުވަން.
މާތްވެގެންވާ އިސްލާމްދީނަށާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ޙުރްމަތްތެރިކޮށްހިތައި، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ރައްކާތެރިކޮށް، ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރުމުގެ ޢަޒުމް އާކުރަން.
މިއަދުގެ މި މުހިންމު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ރާއްޖެއާ ރަޙްމަތްތެރި ވަރަށްގިނަ ޤައުމުތަކުން، މަތީދަރަޖައިގެ ޢިއްޒަތްތެރިން ވަޑައިގެން އެބަ ތިއްބެވި. އެހުރިހާ އާނަންދަ މެހްމާނުންނަށް މަރްޙަބާ ދެންނެވުމަކީ، ދިވެހި ރައްޔިތުންނަށާއި، ސަރުކާރަށާއި، އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެއް. ތިޔަ ޢިއްޒަތްތެރިން އަޅުގަނޑުމެންގެ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންދެއްވިކަމީ، ދިވެހިރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނާމެދު، ތިޔަބޭފުޅުންގެ ޤައުމުތަކުން ބަހައްޓަވާ ގާތްކަމާއި، އެކުވެރިކަމާއި އެއްބާރުލެއްވުން ރަމްޒުކޮށްދޭ ކަމެއް. އެހެންކަމުން، ތިޔަ ޢިއްޒަތްތެރި މެހްމާނުންނަށާއި، ތިޔަބޭފުޅުންގެ ޤައުމުތަކަށް ޝުކުރު ދެންނެވުމަށްވެސް މިފުރުޞަތުގެ ބޭނުންކުރަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
މިއަހަރު ރާއްޖޭގައި ޢަމަލުކުރަން ފެށި، އާ ޤާނޫނުއަސާސީގައި ރާއްޖޭގައި ދީމިޤްރާޠީ އުޞޫލުތައް ހަރުދަނާކޮށް، ޖުމްހޫރީ ނިޒާމުގެ ތަނބުތައް ވަރުގަދަކުރުމުގެ މުހިންމު ބިންގާތަކެއްވަނީ އަޅައިދީފައި. އޭގެތެރޭގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަކީ، އެކަމުގެ ޝަރްޠު ފުރިހަމަވާ ކޮންމެ މީހަކަށްވެސް ކުރިމަތިލެވޭގޮތަށް އޮންނަ ކަމެއްކަމުގައި ވަނީ ކަނޑައަޅާފައި. މިކަމުގެ ބޭނުމަކީ، އަޅުގަނޑުމެންގެ ސިޔާސީ ނިޒާމު އިތުރަށް ހުޅުވާލައި، ޒަމާނާ އެކަށީގެންވާ ބަދަލުތަކެއް ގެނައުން. އެހެންކަމުން، މިއަހަރު މި ބޭއްވުނު ރިޔާސީ އިންތިޚާބަކީ، ވަރަށްގިނަ ގޮތްގޮތުން ބަލާއިރު، ތާރީޚީ އިންތިޚާބެއް.
މިއަދަކީ، ދިވެހިރާއްޖޭގެ މި ޖުމްހޫރިއްޔަތަށް 30 އަހަރު ފުރޭ ދުވަސް. މިއުފާވެރި މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް، ހެޔޮއެދުން ފޮނުވައި، ތަހުނިޔާ ދެންނެވުމަކީ، އަޅުގަނޑުގެ އުފަލެއް. ދިވެހި ޖުމްހޫރިއްޔަތަށް 30 އަހަރު ފުރޭއިރު، އަޅުގަނޑުމެންގެ މިއަދުގެ ޢަޒުމަކަށްވާންވާނީ، ޖުމްހޫރީ ރޫޙު ދިވެހިންގެ މެދުގައި ވަރުގަދަކުރުން. ޤައުމީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން. ކޮންމެ ރައްޔިތަކީވެސް، ޤައުމުގެ ތަރައްޤީގައި މުހިންމު ޙިއްޞާއެއް އަދާކުރެވޭނެ މީހެއްކަމުގެ ޝުޢޫރު ޢާންމުކުރުން.
ޖުމްހޫރީ ނިޒާމުގެ ތަނަވަސް ހިޔާވަހިކަމުގައި ރާއްޖެ މިދަނީ ތަރައްޤީގެ މަގުގައި، ހަލުވި ފިޔަވަޅުތަކެއް އަޅަމުން. ޚާއްޞަކޮށް، މިވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި، ތަފާތު ރޮނގުރޮނގުން، އެކަށީގެންވާ ކާމިޔާބީތަކެއް ޙާޞިލްކުރެވިއްޖެކަމާމެދަކު ޝައްކެއްނެތް. އަޅުގަނޑުމެންނަށް ހޯދިފައި މިވާ ހުރިހާ އަރުތައެއްގެ އަޞްލަކީ، ރައްޔިތުންގެ ހިންމަތާއި މިންނަތް. ރައްޔިތުންގެ ބުރަ މަސައްކަތާއި ވަރުގަދަ ޢަޒުމް، ރައްޔިތުންގެ މެދުގައި ޤާއިމުވެފައިވާ، އެއްބައިވަންތަކަމާއި އެކުވެރިކަމާއި ސުލްހަމަސަލަސްކަމާއި ހަމަޖެހުން. އާދެ! ރާއްޖެ ދެކެމުން މިދާ ތަރައްޤީގެ ޙަޤީޤީ ބާނީންނަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުން.
މި ވޭތުވެދިޔަ އަހަރުތަކުގައި ކުރިއެރުންތަކެއް ލިބިފައިވިޔަސް، އަޅުގަނޑުމެން މިކުރިމަތިލާ ފިޔަވައްސާމެދު ވިސްނާ ފިކުރުކޮށްލުމުގެ ފިޔަވަޅެއްގެ މަތީގައި ހުއްޓިލުމުގެ މުހިންމުކަން ބޮޑު. ޝައްކެއްނެތް. އަޅުގަނޑުމެން އިތުރަށް ކުރަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. ބައެއް ކަންތައްތަކަކީ، މިހާރު ފެށި، އިތުރަށް ފުރިހަމަކުރަންޖެހިފައިވާ ކަންތައްތައް. އަނެއްބައި ކަންތައްތަކަކީ، ޒަމާނާއި ތަރައްޤީއާއެކު ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، އަލަށް ފަށަންޖެހޭ ކަންތައްތައް.
ދިވެހިރާއްޖެއަކީ، މިނިވަން، ފުރިހަމަ ސިޔާދަތީ ބާރު ލިބިގެންވާ ޤައުމަކަށްވާއިރު، އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ބިނާވެފައިވަނީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތާއި ދިވެހިވަންތަކަމުގެ މައްޗަށްކަމަށް ޤަބޫލުކުރަންޖެހޭ. ދިވެހިންނަކީ އެއް ދީނެއްގެ އަހުލުވެރިން. އެއްބަހަކުން ވާހަކަދައްކާ، ޒަމާނުއްސުރެ އެއްޤައުމެއް ކަމުގައިވާ، އެކުވެރި، އެއްބަނޑުއެއްބަފާ ބައެއް.
އެހެންކަމުން، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު، ކުރިއަށް އޮތް ތާނގައިވެސް ރައްކާތެރިކުރެވޭނީ، ޝައްކެއްނެތްގޮތުގައި، މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާއާއި، ދިވެހިވަންތަކަމުގެ ޝުޢޫރު، އަޅުގަނޑުމެންގެ މެދުގައި ސާބިތުކަމާއެކު އޮވެގެން. ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯތްބާއި ޤަދަރު އިތުރުކޮށްގެން. ދިވެހިވަންތަކަމަށް އޮންނަ ކުލުނާއި އިޙްތިރާމު ވަރުގަދަކޮށްގެން.
އިސްލާމްދީނަކީ ތަރައްޤީއާއި ތަހުޒީބަށް ގޮވާލާ ދީނެއް. ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އެއްބައިވަންތަކަން ޤާއިމުކޮށްދޭ ދީނެއް. ދީމިޤްރާޠީ އުޞޫލުތަކުގެ މަތިން ކުރިއަށްދިޔުމުގެ މަގު ދައްކައިދޭ ދީނެއް. އަދި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ޙާޞިލްކޮށްދޭ، އަދި اللّـه سبحـانـه وتعـالى ރުހިވޮޑިގެންވާ ހަމައެކަނި ދީން. މިކަން މިހެން އޮތުމާއެކު، ކުރިއަށް އޮތް ތާނގައިވެސް، ސަރުކާރުގެ ސިޔާސަތުގެ އެންމެ ވަރުގަދަ ތަނބަކަށްވާންވާނީ، ރާއްޖޭގައި އިސްލާމީ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތުން އިތުރުކުރުން.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
މިއަދު މިފެށޭ އާ ރިޔާސީ ދައުރުގައިވެސް، ރައްޔިތުންގެ އުންމީދުތައް ޙާޞިލްކުރެވޭތޯ ސަރުކާރުން ވަރަށްބޮޑަށް މަސައްކަތްކުރާނެ ކަމުގައި ދަންނަވަން. އެހެންކަމުން، ކުރިއަށް އޮތް ފަސްއަހަރަކީ، މަސައްކަތުގެ ޚާއްޞަ ފަސްއަހަރު ކަމުގައި ހެދުމަށް އަޅުގަނޑު ގޮވާލަން. އާދެ، މިއަދު އަޅުގަނޑު މި އަޑު އުފުލާލަނީ، ކުރިއަށް އޮތް ފަސްއަހަރަކީ، ނަތީޖާ ހޯދާ، ކާމިޔާބީ ޙާޞިލްކުރާ، ޚާއްޞަ ފަސްއަހަރު ކަމުގައި ހެދުމަށް.
ހަމައެހެންމެ، ކުރިއަށް އޮތް ފަސްއަހަރަކީ، ޤައުމީ އެއްބައިވަންތަކަން އާލާކުރުމުގެ ފަސްއަހަރު ކަމުގައި ހެދުމަށްވެސް އަޅުގަނޑު އިލްތިމާސް ކުރަން. އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ފުރިހަމަ ނަތީޖާ ޙާޞިލްވަމުންދާނީ، މުޖްތަމަޢުގެ ތެރޭގައި، އެއްބައިވަންތަކަމާއި އެކުވެރިކަން ދެމެހެއްޓިގެންކަން ޔަޤީން.
އަޅުގަނޑުމެންގެ ރާއްޖެއަކީ، ވަސީލަތްތައް މަދު، ކުރިއެރުމުގެ ފުރުޞަތުތައްވެސް ގިނަނޫން، ކުޑަ ޤައުމެއް. އެހެންކަމުން، ކޮންމެ މީހަކަށް އެމީހަކު އެދޭ ހުރިހާ ކަމެއް ފުރިހަމަނުވެ ހިނގައިދާނެ. މިފަދަ ޙާލަތުތަކުގައި އެންމެ ހަމަޖެހޭގޮތަކީ، އަދި އިސްލާމީ އުޞޫލަކީ، ތިމާ އެދޭ ބައެއް ކަންތައްތައް، ޤައުމުގެ ޢާންމު މަޞްލަޙަތަށްޓަކައި ދޫކޮށްލުން. ލިބެންހުރި ވަސީލަތްތައް އެންމެން ޙިއްޞާކުރާ އުޞޫލަށް ތަރްޙީބު ދިނުން. ޤައުމީ އެއްބައިވަންތަކަން ބަދަހިކޮށް ދެމެހެއްޓޭނީ، މިފަދަ އިޖްތިމާޢީ އަދި އަޚްލާޤީ މާތް ހަމަތައް ހިފަހައްޓައިގެންކަން ކަށަވަރު.
ދިވެހި މުޖްތަމަޢުގައި ހަމަނުޖެހުމެއް ނުވަތަ ބައިބައިވުންތަކެއް ނެތްނަމަވެސް، ބައެއް ބާވަތުގެ މައްސަލަތަކުގައި ޚިޔާލު ތަފާތުވުންތަކެއް ހުރުން އެކަށީގެންވޭ. ޚިޔާލު ތަފާތުވުމަކީ އޭގެ ޒާތުގައި ނުރަނގަޅު ކަމެއް ނޫން. އެހެންނަމަވެސް، ޚިޔާލު ތަފާތުވުން ޤައުމުގެ ބައިބައިވުމަކަށް ވެއްޖެނަމަ، އެކަމުގެ ސަބަބުން ކުރިމަގުގައި، ދަތިތަކާއި ވޭންތަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެއް.
މި ޙަޤީޤަތް ގަބޫލުކުރުމާއެކުވެސް، ޤައުމުގެ ކަންތައްތައް އިޞްލާޙުކުރުމުގައި، ބިނާކުރަނިވި ފާޑުކިޔުމުގެ ފުރުޞަތު އޮންނަންވާނެ ކަމަށް އަޅުގަނޑު ދެކެން. ބިނާކުރަނިވި ފާޑުކިޔުމަކީ، ނުރަނގަޅުކޮށް ހުންނަ ކަންކަމުގެ ވާހަކަ ދައްކައި، އެކަންކަމުގެ އިލްޒާމު، އެކިފަރާތްފަރާތުގައި އެޅުވުމެއް ނޫން. ބިނާކުރަނިވި ފާޑުކިޔުމަކީ، ނުރަނގަޅު ކަންތައްތައް އިޞްލާޙުކުރެވޭނެ ގޮތްތަކާމެދު ވިސްނައި، އެފަދަ ޚިޔާލު ފާޅުކޮށް، މަގުދެއްކުން.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
ދިވެހިރާއްޖޭގެ ކުޑަކަމާއި، ރާއްޖެއިން ލިބެންހުރި ވަސީލަތްތައް މަދުކަމުން، ރާއްޖޭގެ އިޤްތިޞާދު އަދިވެސް ވަނީ، ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައި ހިފެހެއްޓިފައި. އެހެންވުމާއެކު، ކުރިއަށް އޮތް ފަސްއަހަރު، ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ އިޤްތިޞާދީ އާ މަޝްރޫޢުތަކާމެދު ވިސްނައި، ރާއްޖޭގެ އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާ ފުޅާކުރުމަށް، ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން.
މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ވަނީ، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކޮށްފައި. މި ދާއިރާއިން އިތުރަށް ކުރިއަށްދިޔުމުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީ، ދެމެހެއްޓެނިވި ގޮތެއްގައި މިކަންކަމުގެ ފައިދާ، ރާއްޖެއަށް ލިބެމުންދާނޭ ގޮތެއްގެ މަތިން މަސައްކަތްކުރުމަށް. ހަމައެއާއެކު، މަސައްކަތަށް ޤާބިލް މީހުން އުފައްދައި، ރާއްޖޭގެ ރައްޔިތުންނަށް މި މަސައްކަތްތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށް.
ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ދެ މަސައްކަތްވެސް ބިނާވެފައިވަނީ، އަޅުގަނޑުމެންގެ ތިމާވެށީގެ ދުޅަހެޔޮކަމުގެ މައްޗަށް. ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައިވަނީވެސް، އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމުގެ މައްޗަށް. އެހެންވުމާއެކު، ރާއްޖޭގައި ހިނގާ އިޖްތިމާޢީ އަދި އިޤްތިޞާދީ ކޮންމެ ޙަރަކާތެއްގައިވެސް، ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ މުހިންމުކަން ބޮޑު.
އިޤްތިޞާދީ ކުރިއެރުން، ޙަޤީޤީ ކުރިއެރުމަކަށް ވެގެންދާނީ، އެކަމުން އަފްރާދުންނަށް ލިބޭ ފައިދާ އިތުރުވަމުންދާ މިންވަރަކާއި، އެ ފައިދާ ޙިއްޞާކުރާ ދާއިރާ ފުޅާވަމުންދާ މިންވަރެއްގެ މައްޗަށްކަމީ، ޝައްކެއްއޮތްކަމެއް ނޫން. މިކަމަކީވެސް، ކުރިއަށް އޮތް ދައުރުގައި އަޅުގަނޑުމެން އިތުރަށް ވިސްނައި، ފިޔަވަޅުތަކެއް އަޅަން ބޭނުންވެފައިވާ ކަމެއް.
މިއަދު ދިވެހި ރައްޔިތުންނަށް އެންމެބޮޑަށް ދަތިވެފައިވާ އެއްކަމަކީ، ހިޔާވަހިކަމުގެ މައްސަލަ. މާލެއާއި ރާއްޖޭގެ ރަށްރަށުގެ ވަރަށްގިނަ ބަޔަކު ވަނީ، ގޯތިގެދޮރުގެ ދަތިކަން އިޙްސާސް ކުރަންޖެހިފައި. އެހެންކަމުން، ކުރިއަށް އޮތް ރިޔާސީ ދައުރުގެތެރޭގައި، މާލެއާއި ރާއްޖެތެރޭގައި ހިޔާވަހިކަމުގެ ޚާއްޞަ މަޝްރޫޢެއް ހިންގުމަށް، ސަރުކާރުން ޤަޞްދުކުރަން.
ހަމައެއާއެކު، ރާއްޖޭގެ އިތުރު ރަށްރަށަށް ކަރަންޓްލުމުގެ ޚާއްޞަ މަސައްކަތެއް ފެށުމަށްވެސް ޤަޞްދުކުރަން. އަދި ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންނަށް، ސާފު ބޯފެނާއި، ނަރުދަމާގެ ޚިދްމަތް ލިބިދިނުމުގެ މަޝްރޫޢުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ލަފާފުރަން ދަތި ރަށްރަށުގެ ފަޅުފުންކުރުމާއި، ނެރު ގޮއްވުމުގެ މަސައްކަތް އަވަސްކުރެވޭނެ މަގުތައް ހޯދުމަށްވެސް ޤަޞްދުކުރަން.
ސަރުކާރަކީ، ކޮންމެ ޤައުމެއްގައިވެސް، ރައްޔިތުންނަށް ޚިދްމަތް ކުރުމަށް އުފެދިފައިވާ އޮނިގަނޑަކަށްވާތީ، މި ދެންނެވި މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރުމަކީ، ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މިކަމަށް ބޭނުންވާ އިދާރީ އިޞްލާޙުތައް ގެނެސް، އަޅަންޖެހޭ ފިޔަވަޅުތައް، އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އަޅަމުން ގެންދާނަން.
ރައްޔިތުންނަށްދޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، އިޤްތިޞާދު ފުޅާކުރުމަށްޓަކައި މިޒަމާނުގެ ސައެންސާއި ޓެކްނޯލޮޖީގެ ވަސީލަތްތަކުގެ ބޭނުން ހިފުން އިތުރުކުރުމަކީވެސް، ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ މެދުގައި، ސައެންސާއި ޓެކްނޯލޮޖީއާމެދު އާ ހޭލުންތެރިކަމެއް އުފައްދައި، ތަފާތު ދާއިރާތަކުގައި ޓެކްނޯލޮޖީގެ ވަސީލަތް ބޭނުންކުރާނެގޮތް ދަސްކޮށްދިނުމަކީ، ޤައުމުގެ ކުރިމަގަށްޓަކައި އެޅޭ އަސާސީ ބިންގަލެއް ކަމުގައިވެސް އަޅުގަނޑު ދެކެން. އެހެންކަމުން، މިއަދު މިފެށޭ ރިޔާސީ އާ ދައުރުގައި އިރާދަކުރެއްވިއްޔާ، ސައެންސާއި ޓެކްނޯލޮޖީއާ ބެހޭ ޚާއްޞަ ވުޒާރާއެއް ޤާއިމުކުރުމަށް އަޅުގަނޑު ޤަޞްދުކުރާ ވާހަކަ ދަންނަވާލަން.
ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާއަކީ، މުޖްތަމަޢުގައި، ސުލްހަމަސަލަސްކަން ޤާއިމުކޮށް، ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އެއްދުވަހުން އަނެއްދުވަހަށް އިތުރަށް ހަރުދަނާކުރަމުން ގެންދަން ޖެހޭނެ ދާއިރާއެއް.
މިގޮތުން މިވަގުތު ކުރަން ޖެހިފައިވާ އެންމެބޮޑު އެއްކަމަކީ، ތަޙްޤީޤަށް ހޭދަވާ މުއްދަތާއި، ޝަރީޢަތްކުރުމަށް ހިނގާ މުއްދަތު ވީހާ ކުޑަކުރެވޭތޯ ބެލުން ކަމުގައި އަޅުގަނޑު ދެކެން. ޤާނޫނުއަސާސީއާއި ޤާނޫނުގައި، ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާމެދު ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އުޞޫލުތައް މިކަމަށް ވަރަށް ބޮޑަށް ބާރުއަޅާ. އަޅުގަނޑުމެންގެ ތެރޭގައި ކުށްކުރުން މަދުކުރުމަށާއި، ކުށްކުރާ މީހުން، މުޖްތަމަޢަށް ބޭނުންތެރި ފަރުދުންގެ ގޮތުގައި އަނބުރާ ގެނެވޭނެ ނިޒާމުތައް އިޞްލާޙުކުރުމުގެ މަސައްކަތްތައްވެސް، އިތުރަށް ވަރުގަދަކުރުމަށް އަޅުގަނޑު އުންމީދުކުރަން.
ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދަށް ޙުރްމަތްތެރިކޮށްހިތުމަށާއި، ކަންކަމަށް ކަނޑައެޅިފައިވާ އުޞޫލުތަކަށާއި ހަމަތަކަށް ބޯލަނބައި، އިޖްތިމާޢީ ރީތި އާދަކާދަތަކަށް އިޙްތިރާމްކުރުމުގެ އާ ރޫޙެއް އުފެއްދޭތޯއެސް، މިގެންދަނީ މަސައްކަތް ކުރަމުން. ރައްޔިތުންނަށް ލިބިފައިވާ ތަރައްޤީގެ ސިއްރަކީ، ރާއްޖޭގައި މިއޮތް ހަމަޖެހުމާއި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން. މިކަމަށް މަގުފަހިކޮށްދޭނެ އެންމެ މުހިންމު ވަސީލަތަކީ، މުޖްތަމަޢުގެ ފޭރާން ހެޔޮވުމާއި، އަޚްލާޤު ރަނގަޅުވުން. އެހެންކަމުން، ދިވެހި މުޖްތަމަޢަކީ، އިޖްތިމާޢީ، އަޚްލާޤީ ރީތި ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖްތަމަޢެއް ކަމުގައި ހެދޭތޯ، މި ފެށޭ އާ ދައުރުގައި އިތުރު މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑު ޤަޞްދުކުރަން.
ޤައުމު ބިނާކުރުމުގެ މަސައްކަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި، މުޖްތަމަޢުގައި އަންހެނުން އަދާކުރާ މުހިންމު ދައުރާމެދު، ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ކުރުމުގެ ބޭނުންތެރިކަން ވަރަށްބޮޑު. އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، މުޖްތަމަޢުގައި އެކަނބަލުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި، ޤާނޫނާއި ޤަވާޢިދަށް ގެނެވޭ ބަދަލުތަކާމެދު، މުޖްތަމަޢުގެތެރޭގައި ހޭލުންތެރިކަން ބޮޑުވުމުން، އެ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ސަބަބުން، މުޖްތަމަޢަށް އަންނަ ހެޔޮބަދަލުވެސް ބޮޑުވެގެންދާނެ.
އާ ސާސްކަފަށް ރާއްޖެ ކުރިމަތިލާއިރު، ރާއްޖޭގެ އާބާދީއަކީ، ވަރަށް ޒުވާން އާބާދީއެއް. އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅައެއްބަޔަކީ، 16 އަހަރުން ދަށުގެ ކުދިން. އެހެންވުމާއެކު، މިވަގުތު އަޅުގަނޑުމެން އެންމެބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ، ތުއްތުކުދިންނާއި، ޒުވާނުން އެކަށީގެންވާ ހެޔޮގޮތުގައި ތަރުބިޔަތު ކުރަމުން ގެންދިޔުމުގެ މައްޗަށް. ތަރުބިޔަތުގެ ފުރަތަމަ އެދުރުގެއަކީ، ޢާއިލާކަމާމެދަކު ދެބަހެއްނުވެވޭނެ. ޢާއިލާތައް ހަރުދަނާކުރުމަށާއި، މައިންބަފައިންގެ މަސްއޫލިއްޔަތާއި ޒިންމާގެ މައްޗަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ، ވަރަށް މުހިންމު ކަމެއް.
ހަމައެހެންމެ، ކުދިން ތަރުބިޔަތު ކުރުމުގައި އެންމެ މުހިންމު ދައުރެއް ކުޅޭ، ތަޢްލީމީ ދާއިރާގައި ކުދިންގެ އަޚްލާޤަށް އިސްކަން ދިނުމަކީ، އެހާމެ ބޭނުންތެރިކަމެއް. މާތްވެގެންވާ އިސްލާމްދީނާއި ރީތި އަޚްލާޤަށާއި، ދިވެހި ޘަޤާފަތާއި އާދަކާދަތަކަށް، ކުދިންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަކީ، ރާއްޖޭގެ ކުރިމަގު ބާއްޖަވެރިކުރުމަށް އޮތް އެންމެ ޔަޤީންކަން ބޮޑު، އެންމެ އަވަސް މަގު.
ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ޙިއްޞާ އިތުރުކުރުމުގެ ބޭނުންތެރިކަން ބޮޑުކަމާއެކު، ޒުވާނުންނަށް ކުރިއެރުމުގެ އާ ފުރުޞަތުތަކެއް ހޯދައިދިނުމަށް އިސްކަންދޭންޖެހޭ. އަދި ޒުވާނުންނަށް ދިމާވަމުންދާ މައްސަލަތަކާމެދު އިތުރަށް ވިސްނައި، އެކަންކަމަށް ޙައްލު ހޯދޭތޯ ކުރަމުންގެންދާ މަސައްކަތްތައް ހަރުދަނާކޮށް، އާ ކަންތައްތަކެއް ތަޢާރުފްކުރުމަށްވެސް ވަނީ ބޭނުންވެފައި.
ރާއްޖޭގައި މަތީ ތަޢްލީމު ދެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުމުގެ ބޭނުންތެރިކަން ބޮޑުކަމުން، ރާއްޖޭގައި ޤާއިމުކުރެވިފައިވާ މަތީ ތަޢްލީމުގެ މަރްކަޒުގެ ޢަމަލީ މަސައްކަތްތައް، އަންނަ އަހަރު ޖަނަވަރީމަހު ފެށުމަށް ވަނީ ހަމަޖެހިފައި.
ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ، ހުރިހާ ޤައުމުތަކާ ރަޙްމަތްތެރިކަން ބަދަހިކުރުން. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޢާހަދާތަކަށް ކަމޭހިތުން. އަޅުގަނޑުމެންގެ މި ސަރަޙައްދުގަޔާއި މުޅި ދުނިޔޭގައި ޞުލްޙަ ޤާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކެއްގައި އިޚްލާޞްތެރިކަމާއެކު ބައިވެރިވުން. ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ރައްކާތެރިކުރުމާއެކު، ބައިނަލްއަޤްވާމީ ދާއިރާގައި، ރާއްޖޭގެ މަޞްލަޙަތު ނިޔާކުރާ ގޮތެއްގެމަތިން ޙަރަކާތްތެރިވަމުން ގެންދިޔުން. ބޭރު ދުނިޔޭގައި ރާއްޖެއަށް ރީތިނަން ލިބިފައިވާ، މި ހަރުދަނާ ސިޔާސަތު، ކުރިއަށް އޮތް އަހަރުތަކުގައިވެސް، ދެމެހެއްޓުން ވަރަށް މުހިންމު.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
މި އަހަރުގެ ރިޔާސީ އިންތިޚާބު މި ބޭއްވުނީ، މި ހިނގާ ސާސްކަފް ނިމުމާ ވަރަށް ކައިރިވެފައިވަނިކޮށް. ރާއްޖޭގެ ރައްޔިތުންނާއެކު ކުރިއަށް އޮތް ސާސްކަފަށް ދިޔުމުގެ ޝަރަފް، ތިޔަ ލޮބުވެތި ރައްޔިތުން ދެއްވާފައިވަނީ އަޅުގަނޑަށް. އެކަމަށްޓަކައިވެސް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ޝުކުރު ތިޔަބޭފުޅުންނަށް ދަންނަވަން.
މާތް ﷲގެ ވާގިފުޅާއެކު، ރިޔާސީ އާ ދައުރަކަށް އަޅުގަނޑު މިއަދު މިފެށީ، ރާއްޖޭގެ ކުރިމަގާމެދު އާ އުންމީދުތަކެއް ކުރަމުން. އެއީ، ދިވެހިރައްޔިތުންގެ ހިންމަތާއި މިންނަތުން، ގިނަގުނަ ކާމިޔާބީތަކެއް ހޯދައި، ތަރައްޤީގެ އިތުރު ކުރިބޯށިތަކަކަށް ވާޞިލްވުމުގެ އުންމީދު. ރާއްޖެއަކީ، މުޅި މިސަރަޙައްދުގައިވާ އެންމެ އަމާން، އެންމެ ތަރައްޤީވެފައިވާ ޤައުމު ކަމުގައިވޭތޯ، ސަރުކާރާއި ރައްޔިތުންނާ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމުގެ އުންމީދު.
ކުރިއަށް އޮތް އަހަރުތަކުގައި، ރާއްޖެއަށް އިތުރު ކުރިއެރުމާއި ފަޚުރުވެރި ކާމިޔާބީތަކެއް ހޯދުމަށްޓަކައި، ބިނާކުރަނިވި އާ ވިސްނުންތަކެއްގެ އަލިކަމުގެ ތެރެއަށް ކެރިގެން ވަންނަމާތޯ؟
ދިވެހިންގެ އެއްބައިވަންތަ ސަފުތައް، އެކަތައިގެ ވަރުގަދަ ފާރުތަކަކަށް ހަދަމާތޯ؟
ރާއްޖޭގެ އުދަރެސް، އާ ކުލަތަކަކުން ޒީނަތްތެރިކުރަމާތޯ؟
ކުރިމަގާމެދު އަޅުގަނޑުމެންގެ ލޮބުވެތި ދަރިންގެ ހިތްތަކުގައި ނަށާ އުންމީދުތައް، ޙަޤީޤީ ބިނާތަކަކަށް ބަދަލުކޮށްލުމުގެ ކުޅަދާނަކަން ހޯދަމާތޯ؟
މާޒީވެދިޔަ ޤަރުނުތަކުގައި، މާސިންގާ ކަނޑެއްގެ ހަލަބޮލި ރާޅުތަކުގެތެރޭގައި، ނުހަނު ދަތިހާލެއްގައި ދިރިއުޅެމުންވެސް، މި ކުދިކުދި ޖަޒީރާތަކުގައި ދުނިޔެ ޤަބޫލުކުރާ މަދަނިއްޔަތެއް ޤާއިމުކޮށްފައިވާ ފަޚުރުވެރި ކާބަފައިންނެއްގެ ދަރިންކަމުގައި އަޅުގަނޑުމެންވާއިރު، ކުރިއަށް އޮތް ސާސްކަފްގައި އަދި ކުރިއަށް އޮތް އަހަރުތަކުގައި އަޅުގަނޑު މި އިޝާރާތްކުރިފަދަ ކާމިޔާބީތަކެއް ޙާޞިލްކުރުމަކީ، މިއަދުގެ ދިވެހި ދަރިންނަށް ނުކުރެވޭވަރުގެ ކަމެއްނޫން.
އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން އަބަދަށްޓަކައި ޙިމާޔަތްކުރެއްވުން. ރާއްޖޭގެ ރައްޔިތުންނަށް އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަމާއި އުފާވެރިކަން މިންވަރު ކުރެއްވުން. ރާއްޖޭގެ ކަންތައްތައް، އެންމެ ހެޔޮގޮތުގައި ކުރިއަށް ގެންދިޔުމުގެ ހެޔޮ ވިސްނުމާއި ތައުފީޤު، މާތް ﷲ ތިޔަ ލޮބުވެތި ރައްޔިތުންނަށާއި ދިވެހި ސަރުކާރަށާއި އަޅުގަނޑަށް ދެއްވުން. އާމީން.
والسّـلام عليـكم ورحـمة اللّـه وبـركاتـه.