بســم اللّـه الرّحمـن الرّحيــم

الحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين. سيِّدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އަޅުގަނޑު މިއަދު އަރިއަތޮޅު އުތުރުގޮފީގެ، ވަރަށް ފާހަގަކޮށްލެވޭ ރަށެއް ކަމަށްވާ ތޮއްޑުއަށް މިއައީ، އަޅުގަނޑު އިއްޔެއާއި މިއަދު ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް ކުރާ ދަތުރެއްގައި. އެ ދަތުރު އަޅުގަނޑު ފެށީ އިއްޔެ. އިއްޔެ ތިލަދުންމަތީ އުތުރުބުރީގެ ދެ ރަށަކަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ރަށަކަށްދިޔައިން. އޭގެފަހުގައި މިއަދު އަޅުގަނޑު ދަތުރު ފަށައިގެން އެންމެ ފުރަތަމަ ދިޔައީ، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށްޓަށް. އެ ރަށުގައި ހިނގާ ކަންތައްތައް ބަލާލައި، އަދި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށްފަހުގައި އަޅުގަނޑު މިއައީ، ތިޔަބޭފުޅުންގެ ލޮބުވެތި ރަށް، ތޮއްޑުއަށް.

އާދެ، ތޮއްޑުއަށް އައުމަކީ އަޅުގަނޑަށް ވަރަށްވެސް މަތިވެރި އުފަލެއް ލިބިދޭ ކަމެއް. ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެފަދައިން، މީގެ އަހަރުތަކެއް ކުރިން، އާދެ، 1982 ވަނަ އަހަރު ދެ ފަހަރެއްގެމަތިން އަޅުގަނޑު ވަނީ ތޮއްޑުއަށް ޒިޔާރަތްކޮށްފައި. އޭގެފަހުން، އަޅުގަނޑުގެ މަސައްކަތް ހުރިގޮތުންނާއި އަދި ރާއްޖެތެރެއަށް ދަތުރުފަތުރު ކުރުމުގައި ދިމާވާ ބައެއް ކަންތައްތައް ހުރިގޮތުން، އަޅުގަނޑަށް މި ރަށަށް ނާދެވި ދުވަސްތަކެއް ވޭތުވެގެން މިދިޔައީ. އެކަން އެހެން ދިމާވިނަމަވެސް، ތިޔަބޭފުޅުން ކުރައްވާ މަސައްކަތާއި، ތިޔަބޭފުޅުންގެ ޙާލު އަޙްވާލު އަޅުގަނޑު ގެންދިޔައީ ބަލަމުން. ރާއްޖެތެރެއަށް އަޅުގަނޑު ނޫނަސް، ސަރުކާރުގެ މިނިސްޓަރުން އަދި އެކިއެކި އޮފީސްއޮފީސް ހިންގަވަން ތިއްބަވާ ވެރިން އަދި އޭގެއިތުރުން، އެކި އޮފީސް އޮފީހުން ފޮނުއްވާ ވަފްދުތައް ވަރަށް ގިނައިން ޒިޔާރަތްކުރައްވާ. ރާއްޖެތެރޭގައި ކަންތައްތައް ހުރިނެތްގޮތް އެބޭފުޅުން ބައްލަވާ. އަދި ރާއްޖެތެރެއާބެހޭ މަޢުލޫމާތު އެބޭފުޅުން އަޅުގަނޑަށް ދެއްވަމުން ގެންދަވާ. އެގޮތުން ލިބޭ މަޢުލޫމާތުގެ އަލީގައި ރާއްޖެތެރެއަށް ސަރުކާރުން ތަފާތު ކަންތައްތައް ކޮށްދެމުން ގެންދާކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ.

އާދެ، ތޮއްޑުއަށް އައުމުން އަޅުގަނޑަށް ފެނިގެންދިޔައީ ވަރަށްވެސް އުފާވެރި މަންޒަރުތަކެއް. އާދެ، ތޮއްޑޫގެ ވެރިންނާއި ރައްޔިތުން، އަޅުގަނޑުގެ އިސްތިޤްބާލުގައި ތިއްބެވީ ވަރަށްވެސް ފާހަގަކޮށްލެވޭ ގޮތެއްގައޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. މި ރަށުން އަޅުގަނޑަށް ވިދާޅުވީ ވަރަށްވެސް ހޫނު މަރްޙަބާއެއް. މި ރަށުގެ ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަން ހާމަކޮށްދޭ މަރްޙަބާއެއް. އެހެންކަމުން، އަޅުގަނޑު އަވަސްވެގަންނަނީ، ތޮއްޑޫގެ ވެރިންނަށާއި، ތޮއްޑޫގެ ކޮމިޓީތަކުގެ މެންބަރުންނަށާއި، ޢާންމު ރައްޔިތުންނަށް ތިޔަބޭފުޅުން އަޅުގަނޑާ ދޭތެރޭގައި ތިޔަ ބެހެއްޓެވި އިޚްލާޞްތެރި ތެދުވެރިގޮތަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުމަށް. ތޮއްޑުއަށް އައުމުން އަޅުގަނޑަށް މި ލިބުނީ ހަމައެކަނި ތޮއްޑޫގެ ވެރިންނާއި ރައްޔިތުންނާ ބައްދަލުކޮށްލުމުގެ އުފަލެއްނޫން. އޭގެ އިތުރުން، އަރިއަތޮޅު އުތުރުގޮފީގެ އެހެން ރަށްރަށުގެ ވެރިންނާ ބައްދަލުވުމުގެ އުފާވެސް އަޅުގަނޑަށް ލިބިގެން ހިނގައްޖެ. އެހެންކަމުން، އެ ބޭފުޅުންނަށްވެސް އަޅުގަނޑުގެ އިޚްލާޞްތެރި މަރްޙަބާ ދަންނަވަމުން، އެ ބޭފުޅުން މެދުވެރިކޮށް، އަރިއަތޮޅުގެ އުތުރުގޮފީގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުވަން.

އާދެ، އަޅުގަނޑު މިކުރާ ދަތުރަކީ ޙަޤީޤަތުގައި އަރިއަތޮޅުގެ އުތުރުގޮތްޕަށް ކުރާ ދަތުރެއް. އެހެންނަމަވެސް، ވަގުތުގެ ދަތިކަމުން މި އަތޮޅުގެ އެހެން ރަށަކަށް ދެވޭގޮތްނުވީ. އެކަން މި އަތޮޅުގެ ރައްޔިތުން ޤަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން. އާދެ، ތޮއްޑުއާ ދޭތެރޭގައި ވިސްނާލާއިރު، ތޮއްޑުއަކީ ރާއްޖޭގައި ހިމެނޭ ރަށްތަކުގެ ތެރެއިން ވަރަށް ޚާއްޞަ ރަށެއްކަމުގައި އެންމެންވެސް ޤަބޫލުކުރޭ. ތޮއްޑުއަކީ ބިމުގެ މުއްސަނދިކަން ލިބިފައިވާ ރަށެއް. ތޮއްޑުއަކީ ފަސްގަނޑު މޮޅު އަދި މިރަށުގެ ރައްޔިތުންގެ ހިންމަތްތެރި މަސައްކަތުން ވަރަށް ރަނގަޅު އާމްދަނީއެއް ކޮންމެ އަހަރަކުވެސް ހޯއްދަވާ ރައްޔިތަކު ދިރިއުޅެމުންގެންދާ ރަށެއް.

އާދެ، ތޮއްޑޫ ކަރާއަކީ މުޅި ރާއްޖެއަށް މަޝްހޫރު އެއްޗެއް. އަދި ޚާއްޞަކޮށް، ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކުގައި އެ މަޝްހޫރުކަން އިތުރުވެގެންދޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ރަށުގައި ކަރާ ހައްދަވައިގެން، މި ރަށުގެ ރައްޔިތުން ވަރަށްބޮޑު އާމްދަނީއެއް ކޮންމެ އަހަރަކުވެސް ހޯއްދަވާ. މި ދިޔަ އަހަރުވެސް ދެލައްކަ ތިރީސް ހަތަރުހާހަށްވުރެ ގިނަ އަދަދަކަށް ކަރާ ލިބުނުކަމަށް އަޅުގަނޑަށް އެނގިފައިވޭ. ޝައްކެއްނެތް، ބިމުގެ މުއްސަނދިކަން ލިބިފައިވާ ރަށެއްގައި ކުރުން އެންމެ ރަނގަޅު މަސައްކަތަކީ، ދަނޑުވެރިކަމުގެ މަސައްކަތް. ގަސް އިންދައި، އެތަކެތިން އަޅުގަނޑުމެން ކައިބޮއިއުޅުމަށް، އަދި އެތަކެތި ވިއްކައިގެން އަޅުގަނޑުމެން އާމްދަނީ ހޯދުމަށް ތަކެތި ހެއްދުން. އާދެ، ކަރާ ނޫނަސް މި ރަށުގެ ރައްޔިތުން ދަނޑުވެރިކަމުގެ ގޮތުން ކުރައްވާ އެހެން މަސައްކަތްތަކެއްވެސް އެބަހުރި. އެ ހުރިހާ މަސައްކަތެއް އެ ކުރައްވަނީ ވަރަށް އިޚްލާޞްތެރިކަމާއި ވަރަށް މުރާލިކަމާއެކުގައިކަން އަޅުގަނޑަށް އެނގޭ. އެހެންކަމުން، މި ރަށުގެ ރައްޔިތުން އެ ކުރައްވާ ދަނޑުވެރިކަމުގެ އަގުހުރި މަސައްކަތްތައް ސަރުކާރުން ފާހަގަކޮށް، މި ރަށުގެ ރައްޔިތުންނަށް އަޅުގަނޑުގެ އެންމެ އިޚްލާޞްތެރި ތަޢުރީފާއި ސާބަސް ރައްދުކުރަން.

އާދެ، މި ރަށުގެ ރައްޔިތުންނަކީ ވަރަށް އެކުވެރި އުޚުއްވަތްތެރި ބައެއް. އަދި މި ރަށުގެ ރައްޔިތުން ޖަމާޢަތުގެ އެކިއެކި މުހިންމު މަސައްކަތްތަކުގައި ޙިއްޞާކުރައްވާކަންވެސް ފާހަގަކޮށްލަންޖެހޭ. އާދެ، ޖަމާޢަތުގެ މަސައްކަތްތަކުގައި ބައިވެރިވުމަކީ ޝައްކެއްނެތްގޮތުގައި، ކޮންމެ ޤައުމެއްވެސް ކުރިއަށްދިޔުމަށްޓަކައި ވަރަށް މުހިންމު ކަމެއް. ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައިވެސް މި ދެންނެވި ގޮތުގެމަތިން، ޖަމާޢަތުގެ މަސައްކަތްތަކުގައި ރައްޔިތުން ބައިވެރިވާ ރަށްރަށް އެބަހުރި. އަދި މާލޭގައިވެސް އެކަން ފާހަގަކުރެވޭ. މާލޭގެ އަވަށްތަކުންވެސް މާލޭގެ ރައްޔިތުންނަށް ތަފާތު ޚިދުމަތްތައް ކޮށްދެއްވަމުން ގެންދަވާ. ޖަމާޢަތުގެ އެކިއެކި މަސައްކަތްތަކުގައި، އަވަށްއަވަށުގެ ރައްޔިތުން ވަރަށްބޮޑަށް ޙިއްޞާކުރައްވާ.

އާދެ، އެގޮތުން ބަލާއިރު، ތޮއްޑޫގައި އުފެދި ހިނގަމުންދާ ދެ ކްލަބުގެ ޚިދުމަތް ތޮއްޑޫގެ ރައްޔިތުންނަށް ލިބެމުންދާކަން އެއީ، އަޅުގަނޑުހިތުން މި ރަށުގެ ރައްޔިތުން ވަރަށް އުފާކުރައްވާ ކަމެއް. އާދެ، ތޮއްޑޫ ސޯސަން ކްލަބާއި، ބްރައިޓް ކްލަބު، އެ ދެ ކްލަބުގެ ފަރާތުން ރަށުގެ ރައްޔިތުންގެ ފައިދާއަށްޓަކައި ތަފާތު މަސައްކަތްތައް ކުރައްވަމުން ގެންދަވާ. އެއީ، ވަރަށް މަތިވެރި އިޖްތިމާޢީ ރޫޙެއްގައި، ޖަމާޢަތުގެ އެކިއެކި މުހިންމު މަސައްކަތްތަކުގައި އެ ކްލަބުތަކުން ޙިއްޞާކުރައްވާ ޙިއްޞާކުރެއްވުމުގެ ގޮތުގައި. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، އެ ދެ ކްލަބުންކުރެ ކޮންމެ ކްލަބެއްވެސް އެ ކްލަބު އުފެދިފައިވާ އަވަށުގެ ރައްޔިތުންނާ ގުޅިގެން، އެ އަވަށެއްގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދެއްވާކަން. އާދެ، ކަރަންޓުގެ ޚިދުމަތަކީ އަޅުގަނޑުމެން ނުހަނުބޮޑަށް ބޭނުންވެފައިވާ ޚިދުމަތެއް. ތަރައްޤީގެ ހުރިހާ ކަމެއްވެސް އޭގެމައްޗަށް ބިނާވެފައިވާ ކަމެއް. އެހެންކަމުން ތޮއްޑޫގައި މި ހިނގާ ދެ ކްލަބް، އެ ދެ ކްލަބުގެ އިޖްތިމާޢީ ރޫޙު އޮތްގޮތުން، ރައްޔިތުންނާ ގުޅިގެން އެބާވަތުގެ މުހިންމު ކަމެއް ރައްޔިތުންގެ ފައިދާއަށްޓަކައި ކުރައްވާކަން އެއީ، އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކޮށް، އެ ދެ ކްލަބަށްވެސް ޝުކުރު ދަންނަވާ ކަމެއް. އާދެ، އެ ދެ ކްލަބުގެ ކަންތައްތައް ހުރީ ވަރަށް ރަނގަޅަށް ކަމަށް އަޅުގަނޑު އުފަލާއެކު ދަންނަވަން. ހަމަ އެއާއެކީގައި، ބައެއްފަހަރު ބައެއް ކުދިކުދި މައްސަލަވެސް ދިމާވޭކަންނޭނގެ. އެހެންނަމަވެސް، އެކަހަލަ ކަންތައް އެހެން ދިމާވެއްޖެނަމަ، އެކަން އެ ދެ ކްލަބުގެ ފަރާތުންވެސް އަދި ރަށުގެ ވެރިންގެ ފަރާތުންވެސް ވަރަށް އަވަހަށް ޙައްލުކުރައްވާ ކަމަށް އަޅުގަނޑަށް އެނގިފައިވޭ.

އަޅުގަނޑުގެ އިލްތިމާސަކީ، އަދި ނަޞޭޙަތަކީ އެއްވެސްކަހަލަ ބައިބައިވުމަކަށް ތަން ނުދެއްވުން. އެއްވެސްކަހަލަ މައްސަލައެއް ދިމާވެއްޖެނަމަ، ތިޔަބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނަށް ފެނިފައި މިވާ މަތިވެރި އިޖްތިމާޢީ ރޫޙުގައި އަދި އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫޙުގައި އެ މައްސަލައެއް ޙައްލުކުރައްވައި، އެކަމުގެ ސަބަބުން ރަށަށް އެއްވެސްކަހަލަ އުނިކަމެއް ނުވަތަ ގެއްލުމެއް ނުލިބޭނެ ގޮތެއްގެމަތިން، ދެ ކްލަބުގެ މަސްއޫލުވެރިންވެސް އަދި މެންބަރުންވެސް އަދި ރަށުގެ ވެރިންވެސް ޢަމަލުކުރައްވަމުން ގެންދެވުން.

އާދެ، ރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުގެ ފަރާތުންވެސް ބައެއް ކަންތައްތައް ކޮށްދީފައިވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިހާރު އަޅުގަނޑުމެން މި ޖަލްސާ ކުރަމުންދާ ތޮއްޑޫ މަދަރުސާއަކީވެސް ސަރުކާރުގެ އެހީގައި ޢިމާރާތް ކުރެވިފައިވާ ތަނެއް. އަދި އޭގެ އިތުރުން، މިރަށުގެ ރަށުއޮފީހާއި، ރަށުކޯޓާއި ރަށްވެހިގެ އެކުލެވޭ ޢިމާރާތް ކުރެވިފައި އެވަނީ ވަރަށްފަހުން. އެންމެފަހުގެ ނިޒާމާ އެއްގޮތްވާގޮތުގެ މަތިން. ހަމަ އެއާއެކު، މި ރަށުގެ އެހެން ކަންތައްތަކުގައިވެސް ސަރުކާރުން އެވަގުތަކަށް ބައިވެރިވެވެން އޮތްވަރަކަށް ބައިވެރިވެ، އެ ކަންތައްތައް ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދޭކަން ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކުރަން.

އާދެ، ކުރިންވެސް ދެންނެވިފަދައިން، ކަރަންޓުގެ ޚިދުމަތަކީ ރާއްޖޭގެ ރައްޔިތުން ވަރަށްބޮޑަށް ބޭނުންވެފައިވާ ޚިދުމަތެއް. ސަރުކާރުންވެސް އެ ޚިދުމަތް ރާއްޖެތެރޭގެ ރައްޔިތުންނަށް ދެވޭތޯ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އޭގެތެރޭގައި، ސަރުކާރުގެ ޚަރަދުގައި ބައެއް ރަށްރަށުގައި އިންޖީނު ބަހައްޓައި ދިނުމާއި، އަދި ސަރުކާރުގެ ކަމާބެހޭ ފަރާތް ކަމުގައިވާ، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ފަރާތުން އެ އިންޖީނުތައް ހިންގަވައި، އެ އިންޖީނުތަކުން އުފެދޭ ކަރަންޓް ރައްޔިތުންނަށް ފޯރުވައިދެއްވަމުން ގެންދަވާ. އާދެ، ރާއްޖެތެރޭގައި ކަރަންޓުގެ ޚިދުމަތް ދިނުމަކީ ވިޔަފާރީގެ އުޞޫލުން ބަލާއިރު، ޙަޤީޤަތުގައި ސަރުކާރަށް ކުރެވޭވަރުވެސް ކަމެއްނޫން. އެހެން މިދެންނެވީ، އެއީ އެއްވެސް ފައިދާއެއް ނެތް ތާނގައި، ސަރުކާރަށް ގެއްލުންވަމުންދާ ކަމަކަށްވާތީ. ކަރަންޓް ވިއްކައިގެން ނުވަތަ ދޫކޮށްގެން ސަރުކާރަށް ފައިދާވަނީ ހަމައެކަނި މާލެއިން. މާލޭގެ މީހުން ގިނަކަމާއެކީގައި، އެ ބޭނުންކުރާ މީހުންވެސް ގިނަވެ، އެއަށް ކުރެވޭ ޚަރަދަށްވުރެ، ލިބޭ އެއްޗެއް އިތުރުވޭ. އެހެންނަމަވެސް، ރާއްޖެތެރޭގައި މިހާރު ސަރުކާރުގެ ފަރާތުން ކަރަންޓްލައިދީފައިވާ ރަށްރަށުންވެސް ސަރުކާރަށް ވަނީ ގެއްލުން. ނުވަތަ އެއަށްވުރެ ޙަޤީޤަތާ އެއްގޮތަށް ދަންނަވާ ކަމަށްވަންޏާ، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑަށް ވަނީ ގެއްލުން. މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑަށް އެވާ ގެއްލުން ސަރުކާރުން ޖެހެނީ ފޫބައްދައިދޭން. ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އެތަނަށް އެފައިސާ ހަމަކޮށްދެނީ. އެއީ، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑަކީ ކެޕިޓަލް ވަކިކޮށްގެން ހިންގާ ވިޔަފާރި ތަނަކަށްވާތީ. ސަރުކާރަށް ގެއްލުންވިޔަސް، މި މަސައްކަތް ކުރަމުން މިގެންދަނީ ރައްޔިތުންގެ ފައިދާއަށްޓަކައި. އާދެ، ސަރުކާރެއް ޤާއިމުވެފައި އޮންނަނީ ރައްޔިތުންނަށް ޚިދުމަތްކުރުމަށް.

ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ނާއިބު ޑޮކްޓަރ މުޙަންމަދު ލަޠީފް އެ ވިދާޅުވިފަދައިން، ސަރުކާރާއި ރައްޔިތުންނާ ދޭތެރޭގައި އޮންނަންޖެހެނީ ވަރަށް ގާތް އެކުވެރި ގުޅުމެއް. ސަރުކާރުން ވެރިންނަށް، ރައްޔިތުން ވެރިންނަށް، އިޙްތިރާމުކުރައްވައި، ޤަދަރުކުރައްވާ ފަދައިން، ނުވަތަ އެއަށްވުރެވެސް ބޮޑަށް ސަރުކާރުން ރައްޔިތުންނަށް އިޙުތިރާމުކޮށް ޤަދަރުކުރަންޖެހޭނެ. އާދެ، އެ އުޞޫލު ހިފެހެއްޓޭތޯ އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ. ސަރުކާރުން ރައްޔިތުން އެދޭ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެ ކަންތައްތައް ފަހިކޮށްދީ، އަދި ރައްޔިތުންނަކީވެސް ސަރުކާރުގެ ޤަދަރާއި އިޙްތިރާމު ލިބިގެންވާ ބަޔަކު ކަމުގައި އެންމެންވެސް ދެކޭތޯ. އެ އުޞޫލުގެމަތިން ސަރުކާރުގެ ހުރިހާ އޮފީސްތަކަކުންވެސް ޢަމަލުކުރައްވަމުން ގެންދަވާތޯ ބެލުމުގެ މަސައްކަތް އަޅުގަނޑު ވަރަށްބޮޑަށް ކުރަމުން އެބަގެންދަން.

އާދެ، ޝައްކެއްނެތް، ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުން ކަމަށްވާނަމަ، އެ ސަރުކާރުން އެ ކޮށްދޭ ޚިދުމަތަކީ އިޚްލާޞްތެރިކަމާއި، ހިތްހެޔޮކަމާއެކީގައި ކޮށްދޭ ޚިދުމަތަކަށްވާންޖެހޭނެ. އެހެން އެއްވެސްކަހަލަ ފައިދާއެއް އެކަމުގައި އެކުލެވިގެންނުވޭ. ހަމައެކަނި ޤައުމީ މަޞްލަޙަތަށްޓަކައި ޤައުމީ ފައިދާއަށްޓަކައި އަދި ރައްޔިތުންގެ ފައިދާއަށްޓަކައި ކޮށްދޭ ޚިދުމަތަކަށްވާންޖެހޭނެ.

އާދެ، ރާއްޖެ ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުން އެބަގެންދޭ. އެއީ، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައްވެސް އެއްދުވަހުން އަނެއްދުވަހަށް ހަރުދަނާވެ، އެއްދުވަހުން އަނެއްދުވަހަށް އެ މަސައްކަތް ކުރިއަރަމުންދާތީ. ރާއްޖޭގެ އެންމެ ޚާއްޞަ މަސައްކަތަކީ މަސްވެރިކަން. އެ މަސައްކަތަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ކާބަފައިންވެސް ކުރަމުންއައި މަސައްކަތް. އަދި މިހާރު އަޅުގަނޑުމެންވެސް ކުރަމުންގެންދާ މަސައްކަތް. ތޮއްޑުއަކީ މަސްވެރިކަމުގެ ގޮތުން މާ ފާހަގަކޮށްލެވޭ ރަށަކަށްނުވިޔަސް، މުޅި ރާއްޖޭގެ ނިސްބަތުގައި މަސްވެރިކަމަކީ އަދިވެސް އެ މަސައްކަތެއްގެ ސަބަބުން އެންމެ ގިނަ ޢާންމުންނަށް އޭގެ ފައިދާ ލިބެމުންދާ މަސައްކަތް. އެހެންވީމާ، އެ މަސައްކަތް ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަކީ ރައްޔިތުންނަށް ބޭނުންވާ ކަމެއް. އެކަމަށް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދީގެން އެކަން ކުރިއަށްގެންދާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.

ހަމަ އެއާއެކީގައި، ޓޫރިޒަމްގެ މަސައްކަތަކީވެސް ވަރަށް މުހިންމު އިޤްތިޞާދީ މަސައްކަތަކަށް މިހާރުވަނީ ވެފައި. އެއްގޮތަކުން ބަލަންޏާ، މަސްވެރިކަމަށްވުރެވެސް އިސްކަމެއްދެވޭ މަސައްކަތަކަށް މިހާރުވެއްޖެ. އެއީ، މި ދެންނެވީ ރާއްޖެއަށް އެތެރެވާ ބޭރުފައިސާގެ އެންމެބޮޑު ބައެއް އެތެރެކޮށްދެނީ ޓޫރިޒަމް މަސައްކަތުން ކަމަށްވާތީ. އާދެ، ޓޫރިޒަމްގެ މަސައްކަތަކީ ބޭރުދުނިޔެއާ ގުޅިފައިވާ ކަމަކަށްވީމާ، އަޅުގަނޑުމެންނަށް އެ މަސައްކަތުގެ މައްޗަށް ހުރިހާ ކަމެއް ދޫކޮށްލައިގެން ތިބެވޭކަށެއް ނޯންނާނެ. އެހެން މި ދެންނެވީ، ބޭރުދުނިޔެއަށް އަންނަ ބަދަލެއްގެ ސަބަބުން، ޓޫރިޒަމަށް ހީނަރުކަމެއް އައިސްގެން ރާއްޖޭގެ އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެތީ. ދާދިފަހުން ހިނގި ގަލްފު ހަނގުރާމައިގެ ދުވަސްވަރު އަޅުގަނޑުމެންނަށް އެކަން ތަޖުރިބާވެގެންދިޔަ. އަދި އޭގެއިތުރުންވެސް، ދުނިޔޭގެ އިޤްތިޞާދީ ކަންތައްތަކަށް ހީނަރުކަން އަންނަ ދުވަސްވަރު ނުވަތަ ވިޔަފާރިއަށް، ބޭރު ދުނިޔޭގެ ވިޔަފާރިއަށް ހުއްޓުމެއް އަންނަ ދުވަސްވަރު، އޭގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ކުރަމުންދޭ. މިހާރުވެސް ކޮންމެވެސްވަރަކަށް އެ އަސަރު ރާއްޖެއަށްދަނީ ކުރަމުން. އެހެން މިދެންނެވީ، އެއް އަހަރުން އަނެއް އަހަރަށް ރާއްޖެއަށް ޓޫރިސްޓުން އަންނަ ޢަދަދު ގިނަވަމުންދާ ދިޔުމާ އަޅައިބަލާއިރު، ސަރުކާރުން އުންމީދުކުރާވަރަކަށް އަދި ޓޫރިސްޓް އިންޑަސްޓްރީޒްގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އުންމީދު ކުރައްވާވަރަކަށް މި އަހަރު ޓޫރިސްޓުން އައުން އިތުރުވަމަކުންނުދޭ. އެއީ ކުރިންވެސް މި ދެންނެވި ސަބަބުތައް އެހެން ހުރުމާއެކީގައި، ޔޫރަޕްގައި އިޤްތިޞާދީ ގޮތުން ކޮންމެވެސްވަރެއްގެ ހުއްޓުމެއް އައިސްފައިވާތީ، އެމީހުންނަށް ލިބޭ ފައިސާވެސް މަދުވީމާ އެ މީހުން އެ ޚަރަދުކުރުމުގައި އިތުރަށް ވިސްނަންޖެހޭގޮތް ދިމާވަނީ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ޓޫރިޒަމްގެ މަސައްކަތުގެ މައްޗަށް އެކަނި އަޅުގަނޑުމެންގެ އިޤްތިޞާދީ ފުދުންތެރިކަން، ނުވަތަ އިޤްތިޞާދީ ކުރިއެރުން ހުއްޓާލައިގެން ތިބޭކަށެއްނުވާނެއޭ. އޭގެ އިތުރުން، ނުވަތަ އެއަށްވުރެވެސް ކުރިން އަޅުގަނޑުމެން، އަބަދުވެސް ކުރަމުން މިއައި މަސްވެރިކަމުގެ މަސައްކަތަށް އަހަންމިއްޔަތު ދޭންޖެހޭނެ. އެއީ، ﷲގެ އިރާދަފުޅާއެކީގައި އަޅުގަނޑުމެންގެ ކަނޑުގެ މުއްސަނދިކަން ބޭނުންކުރާ ކުރުމެއް. މާތްﷲ އިރާދަކުރެއްވި މިންވަރަކަށް ކަނޑުގައި މަސް ހުންނާނެ. އަޅުގަނޑުމެންނަށް އޭގެ ފައިދާ ލިބެމުންދާނެ. އެއާ ޚިލާފަށް ޓޫރިޒަމަކީ، ބޭރުބަޔަކު ރަށަށް އައިސްގެން އެ މީހުންގެ އަތުން އެ މަސައްކަތްކުރާ ބަޔަކަށް ލިބޭ ފައިދާއެއް ހިމެނޭ މަސައްކަތެއް. ކުރިންވެސް ދެންނެވި ސަބަބުތަކަށްޓަކައި އެ ކަންތައްތަކަށް، ބައެއް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް.

ކޮންމެއަކަސް މަސްވެރިކަމުގެ މަސައްކަތާއި، ޓޫރިޒަމްގެ މަސައްކަތަށް، އަދި އޭގެ އިތުރުންވެސް، ވިޔަފާރިއާއި އުފެއްދުންތެރިކަމުގެ ހުރިހާ ކަމެއް، ކުރިއަށްގެންދެވޭތޯ އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަންޖެހޭނެ. މި އަހަރަކީ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގައި އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ފާހަގަކުރެވޭ އަހަރު. އޭގެ މަޤްޞަދަކީ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުން. ރާއްޖޭގައި ކުރެވޭ މަސައްކަތްތައްވެސް އިތުރުކުރުން. އޭގެ ބާވަތްތައްވެސް އިތުރުކުރުން. ކުރިން އަޅުގަނޑުމެން ނުކޮށްތިބި، އެހެންނަމަވެސް، އެ މަސައްކަތްތައް، ރާއްޖޭގައި ކުރެވެންހުރި މަސައްކަތްތައް ކުރުމުގެ މައްޗަށް ބާރުއެޅުން. އަދި އަޅުގަނޑުމެން އުފައްދާ ތަކެތިވެސް އިތުރުކުރުން. އަޅުގަނޑުމެން ރާއްޖެއިން ބޭރުކުރާ މުދަލުގެ ޢަދަދުވެސް އިތުރުކުރުން. އެކަން އެހެން ކުރެވިއްޖެނަމަ، ރާއްޖެއަށް ލިބޭ ބޭރުފައިސާގެ ޢަދަދުވެސް އިތުރުވެގެންދާނެ. އަދި އެކަމުގެ ސަބަބުން މުޅި ޤައުމުގެ އިޤްތިޞާދަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާނެ. އާދެ، ރާއްޖޭގައި ކުރެވޭ ތަފާތު މަސައްކަތްތައް އިތުރުކޮށް، އެ މަސައްކަތްތަކުން ލިބޭ އާމްދަނީ އިތުރުކުރެވޭތޯ ބެލުމަކީ، މުޅި ޤައުމުގެ ތަރައްޤީގައި އެންމެންވެސް ކުރަންޖެހޭނެ ކަމެއް.

އާދެ، އޭގެއިތުރުން، ތަޢުލީމަށާއި، ޞިއްޙަތަށާއި އަދި އެނޫންވެސް ޚިދުމަތްތަކަށް އަޅުގަނޑުމެން ވަރަށްބޮޑު އަހަންމިއްޔަތެއްވަނީ ދޭންޖެހިފައި. ތަޢުލީމަކީ އޭގެމައްޗަށް ހުރިހާވެސް ތަރައްޤީއެއް ބިނާވެފައިވާ ޚިދުމަތް. އެހެންކަމުން، ރާއްޖޭގައި ތަޢުލީމު ފެތުރުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރޭ. އޭގެތެރޭގައި، އަތޮޅުތަކުގައި އިމާރާތްކޮށްދެވިފައިވާ އަތޮޅު ތަޢުލީމީ މަރުކަޒުތަކާއި އަދި އަތޮޅު މަދަރުސާތަކާއި އަދި އޭގެ އިތުރުންވެސް އަމިއްލަގޮތުން އެކި ރަށްރަށުގައި ހިންގާ މަކްތަބް، މަދަރުސާ، ސްކޫލްފަދަ ތަންތަނަށް ސަރުކާރުން ވެދޭ އެހީއާއި، މި ހުރިހާ ކަމެއް ހިމެނޭ. އާދެ، ތަޢުލީމުގެ އިތުރުން، ޞިއްޙީ ޚިދުމަތަށްވެސް ވަރަށް ބޮޑު އަހަންމިއްޔަތެއް އަޅުގަނޑުމެންވަނީ ދޭންޖެހިފައި. އެއީ، ޙަޤީޤަތުގައި އުފެއްދުންތެރި މަސައްކަތެއް ކުރެވޭނީ ޞިއްޙަތު ސަލާމަތުން ތިބޭ ބަޔަކަށް. އެހެންކަމުން، ޞިއްޙަތު ސަލާމަތުން ހުރުމަކީވެސް، އޭގެ އެންމެފަހު ތަޙުލީލުގައި އިޤްތިޞާދާ ގުޅޭ ކަމަކަށް އޮންނަނީވެފައި. އިޤްތިޞާދަކީ ތަރައްޤީގެ އެންމެ މުހިންމު ބިންގާ.

އާދެ، އިޖްތިމާޢީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ޚިދުމަތަކީ، ޞިއްޙީ ޚިދުމަތް ކަމަށްވާއިރު، އެ ޚިދުމަތްވެސް ރާއްޖެތެރެއިން ލިބެން ހުންނަ ފެންވަރު އެއްދުވަހުން އަނެއްދުވަހަށް މަތިކުރެވޭތޯ ސަރުކާރުން ބަލަމުންގެންދޭ. އޭގެތެރޭގައި، ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ސަރަޙައްދީ ހަސްފަތާލުތައް ހެދުމާއި، އަދި އެނޫން ތަންތާނގައި ޞިއްޙީ މަރުކަޒުތައް ޤާއިމުކޮށް ހިންގުމާއި، އަދި އެނޫން ގޮތްގޮތުންވެސް ރާއްޖޭގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފޯރުވައިދެވޭނެ ވަސީލަތްތައް ހޯދައި، އެ ކަންތައްތައް ޤާއިމުކޮށް، ހަރުދާނާކުރަމުން ގެންދިޔުމަކީ ސަރުކާރުން ކުރަމުންގެންދާ ކަމެއް.

އާދެ، މި ކަންތައްތައް މިގޮތަށް އަޅުގަނޑުމެން ކުރަމުން ގެންދާއިރު، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާ އެކުވެރިކަމާއި އެއްބާރުލުމާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންޖެހޭ. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އިސްލާމްދީނުގެ އަހުލުވެރިންނަކީ ﷲ އަންގަވާފައިވާގޮތުގައި އެއްބަނޑުއެއްބަފާ ބައެއް. އުޚުއްވަތްތެރި ބައެއް. އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވީހިނދު، މިއީ އަޅުގަނޑުމެން އެއްވެސްއިރެއްގައި ހަނދާންނައްތާލައިގެން ވާނެ ކަމެއްނޫން. އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއްކަމުގައި ﷲ ލައްވާފައިވާތީ އެކަމަށް ޙުރްމަތްތެރިކޮށްހިތައި، އަޅުގަނޑުމެންގެމެދުގައި އެކުވެރިކަމާއި އެއްބާރުލުމާއި އުޚުއްވަތްތެރިކަން އާލާކުރެވޭތޯ ބެލުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެއް. އެއީ ހަމައެކަނި ސަރުކާރުން ނުވަތަ ވެރިކަމުގެ ފަރާތުން ކުރަން އޮތް ކަމެއްނޫން.

އާދެ، އަޅުގަނޑުގެ ޕްރޮގްރާމް ހަމަޖެހިފައިވާ ގޮތުން، އަދި މިނޫން އެހެން ރަށަކަށްވެސް ދިޔުމަށް ހަމަޖެހިފައިވާތީ، މިތާނގައި ހުރެ މާދިގު ވާހަކަތަކެއް ދައްކާނެ ފުރުޞަތެއް މިއަދު އަޅުގަނޑަށް ލިބިފައެއްނުވޭ. އެހެންކަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން ގަސްތުކުރަނީ. ވާހަކަކޮޅު ނިންމާލުމުގެ ކުރިންވެސް، ތޮއްޑޫގެ ވެރިންނަށާއި ރައްޔިތުންނަށް އަދި ކޮމިޓީތަކުގެ މެންބަރުންނަށާއި، ސަރުކާރުގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށާއި، ޢާންމު ރައްޔިތުންނަށާއި އަދި ކިޔަވާކުދިންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމަ އެއާއެކީގައި، މި އަތޮޅުގެ އުތުރުގޮފި، އާދެ، އަރިއަތޮޅުގެ އުތުރުގޮފި ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލް އަޙްމަދު ކަލޭފާނަށްވެސް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވުން. އެކަލާނގެ އަޅުގަނޑުމެންނަށް ހިދާޔަތު ދެއްކެވުން. އަދި އިންސާނިއްޔަތަށް ހިދާޔަތު ދެއްކެވުމަށްޓަކައި އެކަލާނގެ ފޮނުއްވާފައިވާ މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. ދިވެހި ސަރުކާރާއި ރައްޔިތުން ތަރައްޤީގެ މަގުގައި ކުރަމުންގެންދާ ތަފާތު މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލައްވައި، ދިވެހިރާއްޖެއަށް އަމާންކަމާއި، ޞުލްޙަމަޞްލަޙަތާއި އަދި ކުރިއެރުން މިންވަރު ކުރެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.