بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ! ކަސްޓަމްސް ދުވަހުގެ މުނާސަބަތުގައި، މިރޭ އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބެއްކަމަށް ދެކެނީ، ކަސްޓަމްސްގެ ހިންގުންތެރި ވެރިންނަށާއި، ޚިދްމަތްތެރި މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކީގައި ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން.
ކަސްޓަމްސް ދުވަހަކީ ކަސްޓަމްސްގެ ވެރިންނާއި މުވައްޒަފުން ދެކެވަޑައިގަންނަވާ ގޮތުގައި އަދި ސަރުކާރުން ދެކޭގޮތުގައިވެސް ވަރަށް މުހިންމު ދުވަހެއް. ސަރުކާރުގެ ވަރަށް ޚާއްޞަ ދާއިރާއަކަށް ޚާއްޞަ ކުރެވިފައިވާ ދުވަހެއް. އެހެންކަމުން، މިރޭ އަޅުގަނޑު މިތަނަށް މިއައީ ވަރަށް ޚާއްޞަ އުފަލަކާއެކީގައި ކަމަށް ދަންނަވަންޖެހޭ. އާދެ، މިރޭގެ މިޖަލްސާ މި ބާއްވަވަނީ ކަސްޓަމްސްގެ މުވައްޒަފުން އަމިއްލަފުޅުގޮތުން ނުރަސްމީ ސިފައެއްގައި ކަމުގައިވިޔަސް، އަޅުގަނޑަށް މިތަނަށް ޙާޟިރުވުމަށް ދަޢުވަތު ދެއްވީތީ، ވަރަށް އުފަލާއެކު އަޅުގަނޑު އެ ދަޢުވަތު ޤަބޫލުކުރީ. ކަސްޓަމްސްއަކީ ސަރުކާރުގެ ދާއިރާތަކުގެ ތެރެއިން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ އަދި ވަރަށް ޚިދްމަތްތެރި ދާއިރާއެއް ކަމަށްވާތީ.
އާދެ! ކަސްޓަމްސް ދުވަހުގެ މުނާސަބަތުގައި މުބާރަކްބާދީ ދަންނަވަންޖެހޭ، ވަރަށް ގިނަ ފަރާތްތަކެއް އެބަ ތިއްބެވި. އޭގެތެރޭގައި، ކުރިން ކަސްޓަމްސްގެ ކަންތައްތައް ހިންގަވައިދެއްވި ފަރާތްތައްވެސް ހިމެނޭ. އާދެ، ތިޔަބޭފުޅުންވެސް އައްސަވާފައިވާ ފަދައިން ނުވަތަ ދެނެވަޑައިގަންނަވާނެ ފަދައިން، ކަސްޓަމްސްގެ ކަންތައްތައް ފެށުނީއްސުރެ ކަސްޓަމްސްގެ ދާއިރާއާ ޙަވާލުވެވަޑައިގެން ތިއްބެވީ ސަރުކާރުގެ އެންމެ އިސްވެރިން. ނުވަތަ އެންމެ އިސްވެރިންގެ ބެއްލެވުމުގެ ދަށުން އެތަންތަނާ ޙަވާލުކުރައްވާފައި ތިއްބެވި ބޭފުޅުން. އޭގެތެރޭގައި، މިޖަލްސާގައިވެސް އަޅުގަނޑުމެންނަށް އެބޭފުޅުން ފެނުމުގެ އުފާ ލިބޭ ބޭފުޅުން އެބަ ތިއްބެވި. އަދި މިޖަލްސާގައި ވަޑައިގެން ނެތްކަމުގައިވިޔަސް، ދުނިޔޭގައި ތިއްބެވި ބޭފުޅުންވެސް އެބަ ތިއްބެވި. އާދެ، އެބޭފުޅުންގެ ނަންފުޅުތައް ދަންނަވާލުމަކީވެސް އަޅުގަނޑަށް ލިބޭ، ވަރަށް ޚާއްޞަ އުފަލެއް. އާދެ، އެއްބޭފުޅަކީ އަލްފާޟިލް އަޙްމަދު ޒަކީ. އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖްލިސްގެ ރައީސް. އެ މަނިކުފާނަކީވެސް ކުރިން ކަސްޓަމްސް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއް. އަލްފާޟިލް ފާރޫޤް އިސްމާޢީލް. ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ މަތީ މަޤާމްތަކެއް ފުރުއްވާފައިވާ ޚިދްމަތްތެރިއެއް. އަލްފާޟިލް ޙުސައިން ޢަލީދީދީ. އާދެ، އައްނަބީލް ޙުސައިން ޢަލީދީދީ. އެ މަނިކުފާނަކީވެސް ސަރުކާރުގެ މުހިންމު ދާއިރާތަކެއްގައި ގިނަދުވަސްތަކެއް ވަންދެން އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ އަދި އަޅުގަނޑުވެސް އެ މަނިކުފާނުގެ އަރިހުގައި ޚިދްމަތްކުރުމުގެ އުފާ އަޅުގަނޑަށް ލިބިފައިވާ ބޭފުޅެއް. އައްޝައިޚް އަޙްމަދު ޝާޠިރު. މި ޖަލްސާގައި ވަޑައިގެން ނެތް ކަމުގައިވިޔަސް، ކަސްޓަމްސް ހިންގެވުމާ ޙަވާލުވެ އެތައް ދުވަހެއް ވަންދެން ހުންނެވި ބޭފުޅެއް. އަލްފާޟިލް މުޙަންމަދު ޒާހިރު. އާދެ، 1979ން ފެށިގެން ވަރަށްގިނަ އަހަރުތަކެއް ވަންދެން ކަސްޓަމްސް ހިންގަވައިދެއްވި ހީވާގި އިޚްލާޞްތެރި ވެރިއެއް. އެ ހުރިހާ ބޭފުޅުންނަށް މި މުނާސަބަތުގައި ޝުކުރާއި ތަޢުރީފް ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. އަދި ރާއްޖޭގެ ރައީސްކަން ކުރެއްވި، މިހާތަނަށް ކުރެއްވި ބޭފުޅުންގެ ތެރެއިންވެސް ދެބޭފުޅަކު ކަސްޓަމްސްގެ ވެރިކަމާ ޙަވާލުވެވަޑައިގެން ތިއްބެވިކަން ފާހަގަކޮށްލަންޖެހޭ. އާދެ، އެއީ އެބޭފުޅުންގެ ރައީސްކަމުގެ ދުވަސްވަރުގައި ނޫންކަމުގައިވިޔަސް، އެބޭފުޅުންގެ ޚިދްމަތްވަނީ ކަސްޓަމްސްއަށް ލިބިފައި. އެއްބޭފުޅަކީ ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު. އަނެއްބޭފުޅަކީ އަލްފާޟިލް އިބްރާހީމް ނާޞިރު. މި ދެބޭފުޅުންނަކީވެސް އެކިދުވަސްވަރުގައި ކަސްޓަމްސް ހިންގަވައިދެއްވި ބޭފުޅުން. އެކަމުންވެސް އަޅުގަނޑުމެންނަށް އެބަ ދޭހަވޭ، ކަސްޓަމްސްގެ މުހިންމުކަމާއި، ކަސްޓަމްސްއިން ސަރުކާރަށާއި ރައްޔިތުންނަށް އެ ކޮށްދޭ ޚިދްމަތުގެ ބޮޑުކަން. އާދެ، އެހެންކަމުން، އަޅުގަނޑު މިދެންނެވި ހުރިހާ ބޭފުޅުންނަށް އަދި އޭގެކުރިންވެސް ކަސްޓަމްސްގެ ކަންތައްތައް ހިންގެވުމާ ޙަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންގެ ނަންފުޅު ކޮންމެހެން ނުދެންނެވި ކަމުގައިވިޔަސް، އެ ބޭފުޅުން އެ އަދާކޮށްދެއްވި ޚިދްމަތުގެ އަގުވަޒަންކުރާކަން މިޖަލްސާގައި ހާމަކުރުމަކީ، އަޅުގަނޑުހިތުން ވަރަށް މުހިންމު ކަމެއް. އެގޮތުން، އެ ހުރިހާ ބޭފުޅުންނަށް އެކަށީގެންވާ ސާބަހާއި ތާރީފު އަޅުގަނޑު ރައްދުކުރަން.
އާދެ! ކަސްޓަމްސްއަކީ ސަރުކާރުގެ ވަރަށް މުހިންމު ދާއިރާއެއް. ހަމައެކަނި ރާއްޖޭގެ ސަރުކާރުގެ މުހިންމު ދާއިރާއެއްނޫން އެއީކީ. ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ ކަސްޓަމްސްއަކީ، އެ ޤައުމަކަށް ވަރަށް ގިނަ ޚިދްމަތްތަކެއް ކޮށްދޭ މުހިންމު ދާއިރާއެއް. އާދެ، މިކަން އަޅުގަނޑުމެންނަށް ދޭހަވޭ، ވަރަށް ގިނަ ގޮތްގޮތުން. އަޅުގަނޑުމެންގެ ރާއްޖެއަށް ނިސްބަތްކޮށް ދަންނަވަންޏާ، ސަރުކާރަށް އެންމެގިނަ އާމްދަނީ، އެއް ދާއިރާއަކުން ލިބޭ އަދި އަބަދުވެސް ލިބެމުންދާ ފަރާތަކީ ކަސްޓަމްސްކަން އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ. 1979 އިން ފެށިގެން މިހާތަނާ ޖެހެންދެން ސަރުކާރުގެ އެއްތަނަކުން އެންމެ ގިނަ ޢަދަދަކަށް ސަރުކާރަށް އާމްދަނީ ހޯދައިދީފައި ވަނީ ކަސްޓަމްސްއިން. މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ކަސްޓަމްސްއަށް ނުވަތަ ކަސްޓަމްސްގެ ފަރާތުން ދިވެހި ދައުލަތަށް ދުއިސައްތަ ހަތްދިހަ ހަތް މިލިޔަން ރުފިޔާ ލިބިފައިވާކަން، ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކުރަން. އާދެ، އެއީ މިދިޔަ އަހަރު ދައުލަތުގެ މުޅި އާމްދަނީއަށް ލިބުނު އެއްޗެއްގެ ސަތޭކައަކުން 38. އެހެންވީމާ، ކަސްޓަމްސްއިން ސަރުކާރަށް އެ ކޮށްދޭ ޚިދްމަތަކީ، ދިވެހި ރައްޔިތުންނަށް ކޮށްދޭ ޚިދްމަތެއް ކަމުގައިވާއިރު، އެ ޚިދްމަތް ފާހަގަކޮށްލުމަކީ، އަޅުގަނޑުހިތުން ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އަދި އަބަދުވެސް ކަސްޓަމްސް ގުޅިފައިވަނީ ރާއްޖޭގެ އިޤްތިޞާދާއި ވިޔަފާރިއާއި ރައްޔިތުންގެ ދިރިއުޅުމާއި އަދި ކުރިއެރުމާ.
ޝައްކެއްނެތް، ކަސްޓަމްސްއިން އެހާގިނަ ޢަދަދަކަށް ސަރުކާރަށް އާމްދަނީ ހޯދައިދޭތީ ސަރުކާރުން ތަފާތު މަޝްރޫޢުތައް ހިންގެނީ. ސަރުކާރަށް ލިބޭ އެއްޗެއް އިތުރުވެގެން، އަޅުގަނޑުމެންގެ ޚިދްމަތްތައް ކުރިއަށް ގެންދެވެނީ. ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދްމަތްތައް ފޯރުވައިދެވެނީ. އެ ޚިދްމަތަކީ ތަޢުލީމު ކަމުގައިވިޔަސް ނުވަތަ ޞިއްޙީ ޚިދްމަތް ކަމުގައިވިޔަސް ނުވަތަ ވިޔަފާރިއާ ބެހޭ ކަންތައްތައް ކަމުގައިވިޔަސް ނުވަތަ އިޤްތިޞާދީ އެކިއެކި ކަންތައްތައް ކަމުގައިވިޔަސް، ސަރުކާރުން އެކަމަށް ކުރަންޖެހޭ ހޭދަކުރުމަށްޓަކައި ވަރަށް ގިނަ ޢަދަދަކަށް ފައިސާ ބޭނުންވޭ. އެ ފައިސާގެ އެންމެބޮޑުބައެއް ސަރުކާރަށް ހޯދައިދޭ، ސަރުކާރުގެ ދާއިރާއަކީ ކަސްޓަމްސް ކަމަށްވާނަމަ، އެކަން އެއީ، އަޅުގަނޑުހިތުން އެކަމުގެ އަގު އަޅުގަނޑުމެން ފުރިހަމައަށް ވަޒަންކުރަންޖެހޭނެ ކަމެއް.
އާދެ! ރާއްޖޭގެ އިޤްތިޞާދު މިދަނީ ފުޅާވަމުން. ރާއްޖޭގެ ވިޔަފާރި މިދަނީ ފުޅާވަމުން. ރާއްޖޭގެ ތަރައްޤީ މިދަނީ އެއްދުވަހުން އަނެއްދުވަހަށް ހަލުވިކަމާއެކު ކުރިއަށް. މިދެންނެވި ޙަޤީޤަތުގެވެސް ދަލީލު އަޅުގަނޑުމެންނަށް ކަސްޓަމްސްއިން އެބަ ފެނޭ. 1979 ވަނަ އަހަރު ކަސްޓަމްސްއަށް ލިބިފައިވަނީ ހަމައެކަނި 5.6 މިލިޔަން ރުފިޔާ. އަޅުގަނޑު ކުރިން ދެންނެވި ފަދައިން، 1992 ވަނަ އަހަރު ކަސްޓަމްސްއަށް ލިބިފައިވަނީ 277 މިލިޔަން ރުފިޔާ، 1979 ވަނަ އަހަރު ސަރުކާރަށް ލިބުނު އެއްޗެއްގެ ގާތްގަނޑަކަށް 50 ގުނަ. އަދި އަޅުގަނޑުމެން އެކްސްޕޯޓްކުރާ މުދަލާއި، އިމްޕޯޓްކުރާ މުދަލަށް ބަލާއިރުވެސް، އެބައި ވަރަށްބޮޑަށް އިތުރުވެފައިވާ ކަމަށް ދައްކާ. ރާއްޖޭގެ އެކްސްޕޯޓް، މީގެ 9 އަހަރު ކުރިން، 1984 ވަނަ އަހަރު، އޭގެ ޖުމްލަ ޢަދަދެއް ކަމުގައި ބެލިފައިވަނީ، 125 މިލިޔަން ރުފިޔާ. 1991 ގައި އެ 500 މިލިޔަން ރުފިޔާއަށް އޮތީ އަރާފައި. 1992 ގައި ދިމާވި ބައެއް ސަބަބުތަކާހުރެ އެ ކުޑަތަންކޮޅެއް މަދުވިކަމުގައިވިޔަސް، 125 މިލިޔަން ރުފިޔާއިން 500 މިލިޔަން ރުފިޔާއަށް އަޅުގަނޑުމެންގެ އެކްސްޕޯޓް ބަދަލުވެގެންދިޔަކަން ދައްކައިދެނީ، އަޅުގަނޑުމެންގެ އިޤްތިޞާދަށް އައި ކުރިއެރުން. ހަމައެއާއެކީގައި، އަޅުގަނޑުމެންގެ ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޢަދަދުވެސް އިތުރުވެގެންދިޔަ މިންވަރު ދައްކައިދެނީ، ރާއްޖޭގެ ވިޔަފާރިއަށާއި، އިޤްތިޞާދަށާއި އަދި ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް އައިސްފައިވާ ކުރިއެރުން.
އާދެ! 1984 ވަނަ އަހަރު ރާއްޖެއަށް އިމްޕޯޓް ކުރެވިފައިވާ މުދަލުގެ ޖުމްލަ ޢަދަދަކީ 366 މިލިޔަން ރުފިޔާ. 1992 ވަނަ އަހަރު އާދެ، މިދިޔަ އަހަރު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ޖުމްލަ ޢަދަދަކީ 2000 މިލިޔަން. އެހެންވީމާ، 9 އަހަރު ދުވަހުގެ ތެރޭގައި، އެވެސް ގާތްގަނޑަކަށް ހަގުނައަށް އިތުރުވެގެން ހިނގައްޖެ. މި ހުރިހާ ކަމެއް ރާވައި ހިންގާ ފަރާތް ނުވަތަ އެ ބެލުންތައް ބަލަންޖެހޭ ފަރާތް، އެ އެކްސްޕޯޓް ކުރެވޭ މުދާތަކާއި، އިމްޕޯޓްކުރެވޭ މުދާތަކާ ދޭތެރޭގައި ބަލަންޖެހޭ ބެލުންތައް ބަލައި، އެ ޚިދްމަތް އަދާކޮށްދޭ ފަރާތަކީ، ކަސްޓަމްސް ކަމުގައިވީހިނދު، ކަސްޓަމްސްގެ މަސައްކަތަށް އައިސްފައިވާ ތަރައްޤީއާއި ބޮޑު ބަދަލު، އަޅުގަނޑުމެންނަށް އިޙްޞާސްކުރެވޭ. ކަސްޓަމްސްގެ ދާއިރާ ފުޅާވެގެންދިޔަ މިންވަރު އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. މިހާބޮޑު ބަދަލެއް ކަސްޓަމްސްގެ ދާއިރާއަށް އައިސްފައިވާއިރު، ކަސްޓަމްސްގެ މަސައްކަތަށް ބުރޫނާރާ ގޮތެއްގެމަތިން ކަސްޓަމްސްގެ ޚިދްމަތް ޢާންމު ރައްޔިތުންނަށާއި، ވިޔަފާރިވެރިންނަށް ލިބެމުންދާކަން އެއީ، އަޅުގަނޑު ހިތުން ކަސްޓަމްސްގެ ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑުމެން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަންޖެހޭނެ ކަމެއް.
އާދެ، ކަސްޓަމްސްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މިވަގުތު ހުންނެވި އަލްފާޟިލް ޙުސައިން މަނިކުފާނުގެ ވާހަކަފުޅުގައިވެސް ވިދާޅުވި ފަދައިން، މިފަދަ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ، މިހާގިނަ މުވައްޒަފުން ތިބި އަދި މިހާ މަސައްކަތް ބުރަ ތަނެއްގައި، ޢާންމު ރައްޔިތުންނާ ބެހޭގޮތުން ހިނގާ ބައެއް ކަންތައްތަކުގައި، އެ ޚިދްމަތް ލިބިގަތުމަށް އަންނަ ފަރާތްތައް ހިތްހަމަނުޖެހޭކަހަލަ ބައެއް ކަންތައްތައް ހުރުމަކީ އެކަށީގެންވާ ކަމެއް. އޭނާވެސް އެކަން ޤަބޫލުކުރައްވާ. އަޅުގަނޑު ހިތުން މިތާނގައި މި ތިއްބެވި ކަސްޓަމްސްގެ މުވައްޒަފުންވެސް އެކަން ޤަބޫލުކުރައްވާނެ. އެހެންނަމަވެސް، އެކަންކަން އިޞްލާޙުކުރެވޭތޯ މަސައްކަތްކުރުން އެއީ، އަޅުގަނޑު ހިތުން ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. މިހާރުވެސް ކަސްޓަމްސްއިން އެކަންތައްތައް އިޞްލާޙު ކުރެއްވޭތޯ ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑަށް އެނގިފައިވޭ. އަދި އެ މަސައްކަތަކީ ކާމިޔާބު މަސައްކަތެއް ކަމުގައިވެސް އަޅުގަނޑަށް ދެންނެވިދާނެ. އެހެންވީމާ، އަޅުގަނޑު އުންމީދުކުރާގޮތުގައި، މުސްތަޤްބަލުގައި ކަސްޓަމްސްގެ ޚިދްމަތް މިހާރަށްވުރެ މާފުރިހަމަކޮށް ދިވެހި ރައްޔިތުންނަށް ޢާންމުކޮށް އަދި ޚާއްޞަކޮށް، މުދާ އެތެރެކުރައްވާ އަދި ބޭރުކުރައްވާ ވިޔަފާރިވެރިންނަށް ލިބިވަޑައިގަންނަވާނެ.
ސަރުކާރުގެ ބޭނުމަކީވެސް އެއީ. ކަސްޓަމްސްގެ ބޭނުމަކީވެސް އެއީ. މި ޚިދްމަތް ތަރައްޤީކޮށް އަދި އެ ޚިދްމަތް ވީހާ ލުއިފަސޭހަގޮތެއްގައި ރައްޔިތުންނަށާއި، ވިޔަފާރިވެރިންނަށް ލިބިދެވޭތޯ ކަސްޓަމްސްއިން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ކަސްޓަމްސްގެ މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނު ހޯއްދަވައިދެއްވުން ހިމެނޭ. ކަސްޓަމްސްގެ އެކި ކަންތައްތައް ހިންގުމާ ބެހޭގޮތުންނާއި، މުދަލާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުންނާއި، ޑިއުޓީ ނެގުމާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުންނާއި އަދި އެނޫންވެސް ކަންތައްތަކާ ބެހޭގޮތުން މިހާރު ދަނީ ކަސްޓަމްސްގެ ވަރަށްގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ތަމްރީނު ދެވެމުން. އެ ތަމްރީނުތައް ދެއްވަނީ، އޭގެ ބޮޑުބައި ހިނގަނީ ހަމަ ރާއްޖޭގައި. މާލޭގައި. 1991 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 1 ވަނަ ދުވަހު ކަސްޓަމްސްގެ ދާއިރާގައި ހުޅުވުނު، މުވައްޒަފުން ތަމްރީނުކޮށްދޭ ގޮފީގެ ޚިދްމަތް، އެމުވައްޒަފުންނަށް ދަނީ އޭރުއްސުރެ ލިބެމުން. މިދެންނެވި ގޮފީގެ ޚިދްމަތް ކަސްޓަމްސްގެ މުވައްޒަފުންނަށް ލިބުމުގެ އިތުރަށް، އެކަށީގެންވާ ޢަދަދަކަށް ކަސްޓަމްސްގެ ވެރިންނާއި މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެންވެސް ދަނީ އެމީހުންގެ މަސައްކަތަށް ލުއިފަސޭހަކަމާއި، އިތުރު ތަރައްޤީ އަންނާނެ ރޮނގުރޮނގުން އެމީހުންނަށް ތަމްރީނު ދެވެމުން. ޝައްކެއްނެތް، އަޅުގަނޑުމެންނަށް އެކަށީގެންވާ ޚިދްމަތެއް ދެވޭނީ އެ ޚިދްމަތަކަށް އަޅުގަނޑުމެން ޤާބިލްވެގެން. އެ ޚިދްމަތެއް ކޮށްދޭންވީ ކިހިނަކުން، ކޮން އުޞޫލަކުންކަން އަޅުގަނޑުމެން ދަސްކޮށްގެން. އެއީ، އެންމެ ފުރަތަމަ ފިޔަވަޅު. އެ ފިޔަވަޅު އަޅައިގެން ނޫނީ، އަޅުގަނޑުމެން ބޭނުންވާ ޚިދްމަތަކާ ހަމަޔަކަށް ނުވަތަ ފެންވަރަކާ ހަމަޔަކަށް ނުގެންދެވޭނެ. އެހެންވީމާ، ކަސްޓަމްސްގެ ޚިދްމަތް ރަނގަޅު ކުރެއްވުމަށްޓަކައި ކަސްޓަމްސްގެ މުވައްޒަފުންނަށާއި އަދި ވެރިންނަށް އެ ދެއްވާ ތަމްރީނުތަކަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ތަމްރީނުތަކެއް. އޭގެ ފައިދާ އިރާދަކުރެއްވިއްޔާ، ޢާންމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް މުސްތަޤްބަލުގައި އިޙްސާސް ކުރެއްވޭނެ.
އާދެ! ކަސްޓަމްސްގެ މަސައްކަތަކީ ހަމައެކަނި ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ މަސައްކަތެއް ނޫން. ކަސްޓަމްސްގެ މަސައްކަތް ފުޅާވެގެންގޮސް މިހާރު އަޅުގަނޑުމެންގެ އިޖްތިމާޢީ ދާއިރާގެ ބައެއް ކަންތައްތަކާ ހަމަޔަށްވެސް ވަނީ އެ މަސައްކަތް ފޯރާފައި. އަޅުގަނޑު މިދެންނެވީ، ޑްރަގް ކޮންޓްރޯލް ކުރުން ކަހަލަ މުހިންމު ބައެއް ކަންތައްތަކުގެ ވާހަކަ. އާދެ، މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުމާއި، ރާއްޖޭގެ މީހުން އޭގެ ބޭނުންކުރުމާ، މިކަމަކީ މިހާރު ވަރަށް ޚާއްޞަގޮތެއްގައި ސަރުކާރުން ބަލަމުންގެންދާ ކަމެއް. އެކަން ހުއްޓުވުމަށް ވަރަށްބޮޑެތި މަސައްކަތްތަކެއް ސަރުކާރުން ކުރަމުންގެންދާ ކަމެއް. މިކަމުގައިވެސް ކަސްޓަމްގެ ޚިދްމަތަކީ ފާހަގަކޮށްލަންޖެހޭ ޚިދްމަތެއް. ކަސްޓަމްސްގެ މުވައްޒަފުންނަށް އެކަމުގެ ޓްރޭނިންގ ނުވަތަ ތަމްރީނު ލިބިގެން ކަސްޓަމްސްގެ މުވައްޒަފުން އެކަމުގައި ބައިވެރިވެލައްވަނީ. އެހެންވީމާ، ކަސްޓަމްސްގެ ޚިދްމަތަކީ ހަމައަކަނި ވިޔަފާރިއާ ގުޅޭ ޚިދްމަތަކަށް ވުމުގެ ބަދަލުގައި މިހާރު އަޅުގަނޑުމެންގެ ވަރަށް މުހިންމު އިޖްތިމާޢީ ބައެއް ކަންތައްތަކަށްވެސް ކަސްޓަމްސްގެ ޚިދްމަތް ފޯރަމުންދާކަން މިފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.
އާދެ! ކަސްޓަމްސްގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް މިގެންދެވެނީ އަދި އިރާދަކުރެއްވިއްޔާ މިހާރަށްވުރެވެސް ފުރިހަމަގޮތެއްގައި މުސްތަޤްބަލުގައި ކުރިއަށް ގެންދެވޭނީ، ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލެއްވުން ލިބިގެން. އޭގެތެރޭގައި، ސަރުކާރުގެ ވަރަށްގިނަ އޮފީސްތައްވެސް ހިމެނޭ. ހަމައެއާއެކީގައި، ޢާންމު ރައްޔިތުންނާއި ވިޔަފާރިވެރިންވެސް ހިމެނޭ. އަޅުގަނޑަށް ހަމަ މިރޭ މިޖަލްސާއަށް އައުމުގެ ތަންކޮޅެއް ކުރިން ޙުސައިން މަނިކުފާނުގެ ފަރާތްޕުޅުން ލިބުނު މަޢުލޫމާތުގައިވާ ގޮތުން، ޢާންމު ރައްޔިތުންގެ ފަރާތުންނާއި، ވިޔަފާރިވެރިންގެ ފަރާތުން ކަސްޓަމްސްއަށް މިހާރު ވަރަށްބޮޑު އެއްބާރުލެއްވުމެއް ލިބެމުން އެބަދޭ. އެކަން އޭނާ ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ. އެހެންކަމުން، އަޅުގަނޑުވެސް މި ފުރުޞަތުގައި ޢާންމު ރައްޔިތުންނަށް އަދި ޚާއްޞަކޮށް، ވިޔަފާރިވެރިންނަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން. އެއީ، އެބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުން ކަސްޓަމްސްގެ ބުރަ މަސައްކަތުގައި ލިބެމުންދާތީ. އަދި އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަކާއި، އެބޭފުޅުންނަށް ދިމާވާ ދަތިތައްވެސް ޞަރީޙަކޮށް ކަސްޓަމްސަށް އަންގަވަމުން ގެންދަވާތީ. އަޅުގަނޑު ބޭނުންވަނީ ނުވަތަ ސަރުކާރުން ބޭނުންވަނީ ކަސްޓަމްސް އެ އޮންނަ ގުޅުން، ޢާންމު ރައްޔިތުންނާ އޮންނަ ގުޅުން ނުވަތަ ވިޔަފާރިވެރިންނާ ދޭތެރޭގައި އޮންނަ ގުޅުން އެއީވެސް ދެފަރާތުން މަޝްވަރާ ކުރެވިގެން، އެއްފަރާތަކަށް ކުރިމަތިވާ ދަތިތައް އަނެއްފަރާތަކަށް ހާމަކޮށްދީގެން، އެންމެ ހަމަޖެހޭ، ރަނގަޅު އުޞޫލަކުން ދެވޭ ޚިދްމަތަކަށްވުން. އެހެންވީމާ، އަޅުގަނޑަށް ހީވަނީ ސަރުކާރުގެ އޮފީސްތަކުގެ އެއްބާރުލެއްވުމާއި އަދި ރައްޔިތުންގެ އެއްބާރުލެއްވުމާއި، ވިޔަފާރިވެރިންގެ އެއްބާރުލެއްވުން މިހާރު އެ ލިބެމުންދާ ގޮތަށް ކަސްޓަމްސްއަށް ލިބެމުންދާ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި ކަސްޓަމްސްގެ ޚިދްމަތް މިހާރަށްވުރެ މާފުރިހަމަކޮށް، މާ ލުއިފަސޭހަ ގޮތެއްގައި އެންމެންނަށް ލިބެމުންދާނެހެން.
އާދެ! ބައެއް ދާއިރާތަކަކީ އެ ދާއިރާތަކުގެ މަސައްކަތުގެ ބާވަތުންވެސް ޢާންމުންގެ ކުރިމަތީގައި ނުވަތަ ރައްޔިތުންގެ ކުރިމަތީގައި މާ މަޤްބޫލު ދާއިރާތަކަކަށްނުވޭ. މިސާލެއް ދަންނަވަންޏާ، ފުލުސްއޮފީސް ނުވަތަ ޑިފެންސް މިނިސްޓްރީ އެއީ ޢާންމުންގެ ކުރިމަތީގައި މާ މަޤްބޫލު ތަންތަނަކަށްނުވޭ. ނުވެސްވާނެ. އެއީ، ރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް އެތަންތަނުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން ބައެއް މީސްމީހުން ބަންދުކޮށް، ތަޙްޤީޤު ހިންގާ، މިކަހަލަ ކަންތައް ކުރަންޖެހޭތީ. ކަސްޓަމްސްއަކީވެސް އެފަދަ ފަރާތެކޭ އަޅުގަނޑަށް ދަންނަވަންޖެހޭ.
އާދެ! ކަސްޓަމްސްއިން ކުރައްވާ އެންމެ މުހިންމު މަސައްކަތަކީ ޑިއުޓީ ނެންގެވުން. ޑިއުޓީ ނެގުމަކީ ނުވަތަ އެ ޑިއުޓީ ދެއްކުމަކީ ބައެއް ފަރާތްތަކަށް މާ ހިތްހަމަޖެހުން ލިބޭނެ ކަމެއްނޫން. އެހެންވީމާ، ކަސްޓަމްސްގެ މުވައްޒަފުންގެ މަސައްކަތުގެ ބާވަތުންވެސް އެމީހުންނަކީ ބައެއް މީހުންގެ ކުރިމަތީގައި، މާ މަޤްބޫލު ބަޔަކަށްނުވާނެ. އެކަން އަޅުގަނޑު ހިތުން ސަރުކާރުންވެސް ވާނެ ފާހަގަކުރަން. އަދި ޢާންމު ރައްޔިތުންވެސް ފާހަގަކުރަން. އެހެން މިދެންނެވީ، މި ދެންނެވި ކަހަލަ ޝުޢޫރެއް ކަސްޓަމްސްއާ ދޭތެރޭގައި އޮންނަ ކަމަށްވަންޏާ، އެއީ ކަސްޓަމްސްގެ މުވައްޒަފުން އެ ކުރައްވާ މަސައްކަތަށް ކުރިމަތިވާ ވަރަށްބޮޑު ދައްޗަކަށްވާނެ. އަދި އެ ބޭފުޅުން އެ ކުރައްވާ ޚިދްމަތުގެ އަގު، އެތައް ގުނައަކަށް ބޮޑުވެގެންދާ ކަމަކަށްވެސް ވާންޖެހޭނެ. އެހެންކަމުން، މި ފުރުޞަތުގައި މި ދެންނެވި ކަހަލަ، ބައެއްފަހަރަށް ދަތި އިޙްސާސް ކުރައްވަންޖެހޭ މާޙައުލެއްގައި ކަސްޓަމްސްގެ މުވައްޒަފުން މަސައްކަތް ކުރައްވަންޖެހޭކަން އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޤަބޫލުކޮށް، އެކަހަލަ ކަންތައްތައް އެހެން ދިމާވިކަމުގައިވިޔަސް، އެ ބޭފުޅުންގެ ވާޖިބު އަދާކުރެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާކަން ވަރަށް އުފަލާއެކު ފާހަގަކޮށް، ކަސްޓަމްސްގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ! ސަރުކާރުގެ ހުރިހާ ދާއިރާއަކުންވެސް ޢާންމު ރައްޔިތުންނަށް ޚިދްމަތްތަކެއް ކޮށްދެމުން އެބަގެންދޭ. ސަރުކާރެއް އުފެދިފައި އޮތުމުގެ ބޭނުމަކީވެސް އެއީ. ރައްޔިތުންނަށް ޚިދްމަތްކުރުން. އެހެންކަމުން، ސަރުކާރުގެ އޮފީސްތަކާއި ރައްޔިތުންނާ ދޭތެރޭގައި އޮންނަ ގުޅުމަށްވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ. ސަރުކާރުގެ މުވައްޒަފުން، އެމީހުންގެ ވާޖިބު އަދާކުރުމުގައި، ހަމަޖެހޭ ރަނގަޅު އުޞޫލުތަކެއް ގެންގުޅެންޖެހޭނެ. އެމީހުންނަކީ، އެމީހުންގެ ފަރާތުން ރައްޔިތުންނަށް ބޭނުންވާ ޚިދްމަތެއް ލިބިދެވޭ ބަޔަކަށްވާންޖެހޭނެ. ސަރުކާރުގެ އޮފީސްތަކުގައި ތިބޭ މީހުންނަކީ ނުވަތަ މުވައްޒަފުންނަކީ، އެ ބަޔަކު ބޭނުންވާގޮތަކަށް ކަންތައް ކުރަން ސަރުކާރުން ހަމަޖައްސާފައި ތިބޭ ބައެއްނޫން. އެ މީހުން އެ ތިބެނީ އެކި ފެންވަރުގައި، އެކިކަހަލަ ޚިދްމަތް ރައްޔިތުންނަށް ފޯރުވައިދޭން.
އެހެންވީމާ، މި މުނާސަބަތުގައި ސަރުކާރުގެ ހުރިހާ މުވައްޒަފުންނާ މުޚާޠަބުކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ތިޔަ ހުރިހާ މުވައްޒަފުންވެސް ތިޔަބޭފުޅުންގެ ވާޖިބު އަދާކުރައްވަންވާނީ، ރައްޔިތުންނަށް ވީހާ ލުއިފަސޭހަ ގޮތެއްގައި، ރައްޔިތުން އެދޭ ޚިދްމަތްތައް ކޮށްދެވޭފަދަ ގޮތެއްގައޭ. ތިޔަބޭފުޅުންގެ ވާޖިބަކީ ރައްޔިތުންނަށް ޚިދްމަތް ކުރެއްވުންކަން، ފަހަރެއްގައިވެސް ހަނދާންނައްތައިނުލައްވާށޭ. އެހެންވީމާ، ޚިދްމަތަކަށް އެދިގެން އޮފީހަކަށް އަންނަ މީހަކު، އެތައްއިރަކު އޮފީހުގައި ބައިންދަވައި ނުވަތަ އެތައްފަހަރެއްގެ މަތިން އޮފީހަށް އަންނަންޖެހޭކަހަލަ ގޮތަކަށް ކަންތައް ނުކުރައްވާށޭ. ކޮންމެ މީހަކަށްވެސް، އެމީހަކަށް ދެވެންއޮތް ޚިދްމަތެއް، ޤަވާޢިދު ހަމަޖެހިފައިވާ ގޮތެއްގެ މަތިން، ވީހާ އަވަހަކަށް، ވީހާ ލުއިފަސޭހަކޮށް، ކޮށްދެއްވާށޭ. އަދި އެ މީހަކަށް އެ އާދެވުނީ ނުބައި މަގަކުން ކަމުގައިވަންޏާ، އެ މީހަކަށް މަގުދައްކަވައިދެއްވާށޭ. އެ މީހަކު އެ ބޭނުންވާ ކަމެއް ފުއްދުމަށް ހިނގަންޖެހެނީ ކޮން މަގެއްގައިކަން، ރަނގަޅަށް ޞަރީޙަކޮށް ތިޔަބޭފުޅުން އެ މީހަކަށް ވިދާޅުވެދެއްވާށޭ. އެހެން ހައްދަވައިފިނަމަ ޝައްކެއްނެތް، މިހާރު ޢާންމުންގެ ތެރޭގައި އުޅޭ، ވަރަށްގިނަ ޝަކުވާތައް ކެނޑިގެންދާނެ. ސަރުކާރުން ޚިދްމަތްތަކެއް ޢާންމުންނަށް ކޮށްދޭ. އެހެންނަމަވެސް، ވަރަށްގިނަފަހަރަށް ވަރަށްގިނަ އޮފީސްތަކުން ޚިދްމަތްތައް އަދާކޮށްދެއްވުމުގައި، މި ދެންނެވި ކަހަލަ ކަންތައްތައް މެދުވެރިވޭ. މީހުން އެކި ކަންކަމަށް ބޭނުންވެގެން އޮފީހަށް ދިޔައިމާ، އެކަން ނުވާގޮތް ދިމާވޭ. އެތައްފަހަރަކު ތަކުރާރުކޮށް އެތަނަށް ދާންޖެހޭގޮތް ދިމާވޭ. މައްސަލައެއް ހުށަހަޅައިގެން އަހަރު، ދެއަހަރު، ތިންއަހަރުވާއިރުވެސް، އެ މައްސަލައެއް ޙައްލަކަށް ނާންނަގޮތް ދިމާވޭ. އެކަމުގެ ޝަކުވާތައް އަޅުގަނޑަށް ވަރަށްބޮޑަށް، ވަރަށް ގިނައިން ލިބޭ. އެ ކޮންމެ ޝަކުވާއެއް ލިބުނުކަމުގައިވިޔަސް، އެ ޝަކުވާއެއް އަޅުގަނޑު ވަގުތުން ބަލަމުންވެސް ގެންދަން. ކަމާބެހޭ އޮފީހަކަށް އަންގައިގެން އެކަން އަވަސްކުރެވޭތޯ މަސައްކަތްކުރަމު. މުޅި ސަރުކާރުންވެސް އެގޮތަށް މަސައްކަތްކުރޭ. އެހެންނަމަވެސް، އޭގެ ނަތީޖާއެއް ފެންނާނީ، ކޮންމެ މުވައްޒަފަކަށްވެސް އެކަން އިޙްސާސް ކުރެއްވިގެން. ސަރުކާރުގައި އެމުވައްޒަފަކު އެ ހިމެނިވަޑައިގަންނަވަނީ އަދި އެ މުވައްޒަފަކަށް ސަރުކާރުން މުސާރައެއް އެ ދެނީ ވަކިބޭނުމަކުކަން، އެ ބޭނުމަކީ ރައްޔިތުންނަށް ޚިދްމަތް ކޮށްދެއްވުންކަން، ހަމަ ކޮންމެ މުވައްޒަފަކަށްވެސް ޤަބޫލުކުރެއްވިގެން، ސަރުކާރުން ރައްޔިތުންނަށް ދެވޭ ޚިދްމަތުގެ އަގު ރައްޔިތުންނަށް ވަޒަންކުރެވޭނީ.
އެހެންވީމާ، މި މުނާސަބަތުގައި ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު މި ދަންނަވަނީ، ތިޔަބޭފުޅުން ތިޔަ ކުރައްވާ ޚިދްމަތަކީ، ރައްޔިތުންނަށް ކޮށްދެއްވާ ޚިދްމަތެކޭ. އެހެންކަމުން، ރައްޔިތުންނަށް ފަސޭހަވާނެގޮތަށް ހުރިހާ ކަމެއްވެސް ކޮށްދެއްވާށޭ. އާދެ! އަޅުގަނޑު ނުދަންނަވަން، ކޮށްދެވެން ނެތް ކަމެއް ޤަވާޢިދާ ޚިލާފަށް ކޮށްދެއްވާށެކޭ. ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތައް ތަންދޭ ގޮތެއްގެ މަތިން، އެހެންނަމަވެސް، ޢާންމުން ބޭނުންވާ އެންމެ ލުއިފަސޭހަ ގޮތަކަށް، އެ މީހުންނަށް ބޭނުންވާ ޚިދްމަތްތައް ކޮށްދެއްވާށޭ އަޅުގަނޑު މިދަންނަވަނީ.
އާދެ! ހަމައެފަދައިން، ސަރުކާރުގެ މުވައްޒަފުން ރައްޔިތުންނަށް ޚިދްމަތް ކޮށްދެއްވުމުގައި، ވަކިމީހަކަށް ވަކިގޮތެއް ހައްދަވައިގެނެއް ނުވާނެ. އެންމެންނާ ދޭތެރޭގައިވެސް ގެންގުޅުއްވަންވާނީ ހަމަހަމަ އުޞޫލު. އެއީ، ރަޙްމަތްތެރިއަކަށްވީތީ ނުވަތަ ޢާއިލާގެ މެމްބަރަކަށްވީތީ ނުވަތަ ސަރުކާރުގެ ވަކި މަޤާމެއްގައި ހުންނެވި ބޭފުޅަކަށްވީތީ، ޚާއްޞަ ޚިދްމަތެއް އެ ބޭފުޅަކަށް ނުވަތަ އެ މީހަކަށް ކޮށްދެއްވައިގެނެއް ނުވާނެ. އެންމެންނަކީވެސް، މުވައްޒަފުންގެ ކުރިމަތީގައި ދިވެހި ރައްޔިތުން ކަމަށް ވާންޖެހޭނެ. އެންމެންނަކީވެސް މުވައްޒަފުންގެ ކުރިމަތީގައި ހަމަހަމަ ބަޔަކަށް ވާންޖެހޭނެ. އެ މީހަކު އެ އެދޭ ކަމަކީ ޤަވާޢިދުން ކޮށްދެވެން އޮތް ކަމެއް ކަމުގައިވަންޏާ، އެކަމަށް އެދޭ މީހަކީ ކޮންމެ ފެންވަރެއްގެ، ކޮންމެކަހަލަ މީހަކަށްވިޔަސް، އެ މީހަކަށް އެ ޚިދްމަތެއް ލަސްނުކުރައްވައި، ވީ އެންމެ އަވަހަކަށް، ވީ އެންމެ ފުރިހަމަގޮތެއްގައި ސަރުކާރުގެ މުވައްޒަފުން ފޯރުވައިދެއްވަން ވާނެ. ހަމައެފަދައިން، އެއްވެސް މުވައްޒަފަކު، އެ މުވައްޒަފެއްގެ މަޤާމުގެ ބޭނުން، ނޭދެވޭގޮތެއްގައި ކުރައްވައިގެނެއް ނުވާނެ. އެ މަޤާމުގެ ބޭނުން ނޭދެވޭގޮތެއްގައި ކުރައްވައިގެން، އެ މުވައްޒަފަކަށް ޙައްޤުނޫން ފައިދާއެއްވެސް ހޯއްދަވައިގެންނެއް ނުވާނެ. އާދެ، ވަރަށް ގިނައިން ޢާންމުންގެ ތެރޭގައި އިވޭ އަޑުތަކެއް، ސަރުކާރުގެ ބައެއް އޮފީސްތަކުގައި އެކަހަލަ ގޮތްގޮތަށް ކަންތައް ހުންނަ ވާހަކަ. މުވައްޒަފުން، އެ މީހުންގެ މަޤާމުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދާ ވާހަކަ. މީގައި ކޮންމެވެސްވަރެއްގެ ޙަޤީޤަތްތަކެއް އުޅޭނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ. އެއީ، ހަމައެކަނި ރާއްޖެއަކުނޫން. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިފަދަ ކަންތައްތައް އެހެން ހިނގާތީ. އެހެންނަމަވެސް، އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ އެފަދަ ކަންތައްތައް ހުއްޓުވުމަށް. އެފަދަ އެއްވެސް ކަމެއް އަޅުގަނޑުމެންގެ ދާއިރާގައި ހިނގިޔަނުދިނުމަށް. ކޮންމެ އޮފީހެއްގެ ވެރިޔަކުވެސް އަދި އެކި ފެންވަރުގެ ވެރިންވެސް އަދި ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކުރައްވަންޖެހޭނީ، އެ އޮފީހެއްގެ ރީތިނަން ހިފެހެއްޓެވޭތޯ. އެ އޮފީހަކީ އެ އޮފީހަކަށް މީހަކު ހިނގައްޖެނަމަ، މިދެންނެވި ކަހަލަ ނޭދެވޭ އެއްވެސް ޢަމަލެއް ނުހިނގާ، އެމީހަކަށް ބޭނުންވާ ޚިދްމަތް ލިބިދެވޭ އޮފީހެއްގެ ގޮތުގައި ފާހަގަވެގެންދޭތޯ. އޮފީހުގެ ނަން، މި ދެންނެވި ގޮތަށް ޢާންމުންގެ ކުރިމަތީގައި ފާހަގަވެގެންދާ ކަމުގައިވަންޏާ ޝައްކެއްނެތް، އެ އޮފީހަކީ ވަރަށް މަޤްބޫލު އަދި އެ އޮފީހެއްގެ ޚިދްމަތް އެކަށީގެންވާ ރަނގަޅުގޮތެއްގައި އެންމެންނަށް ލިބިދެވޭ އޮފީހެއް ކަމުގައި އެންމެންވެސް ޤަބޫލުކުރާނެ.
އާދެ! ސަރުކާރުގެ މަސައްކަތް ފުރިހަމައަށް ކުރެވޭނީ، ޙާޟިރީއަށްވެސް ފަރުވާބަހައްޓައިގެން. އެ މީހަކާ ޙަވާލުކުރެވޭ މަސައްކަތެއް ވީހާ ފަރުވާތެރިކަމާއެކީގައި ކޮށްގެން. އަދި އެ މީހަކަށް، އެ މީހެއްގެ އޮފީހުން އަންގަވާފައިވާ ޤަވާޢިދުތަކަކާ އެއްގޮތްވާގޮތުގެ މަތިން، އެ ކަންތައްތައް ކޮށްގެން. މި ހުރިހާ ކަމަކީ ސަރުކާރުގެ ހުރިހާ މުވައްޒަފުން އިތުރު ޢަޒުމަކާއެކު، އިޚްލާޞްތެރިކަމާއެކު ކުރައްވަން ވެއްޖެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.
އާދެ! އެހެންކަމުން، މި ފުރްޞަތުގެ ބޭނުން އަޅުގަނޑު މި ކުރަނީ، ކަސްޓަމްސްގެ މުވައްޒަފުންނާ މުޚާޠަބުކޮށް ދައްކާ ވާހަކައިގައިވެސް، ކަސްޓަމްސްގެ މުވައްޒަފުންނާއި އަދި ސަރުކާރުގެ އެހެން ހުރިހާ ދާއިރާއެއްގެ މުވައްޒަފުންވެސް ހިމަނައިގެން. ތިޔަ ހުރިހާ ބޭފުޅުން ޤައުމަށް ތިޔަ ކޮށްދެއްވާ އަގުބޮޑު ޚިދްމަތް، އެ ޚިދްމަތުގެ އަގު މިހާރަށްވުރެ ބޮޑަށް ރައްޔިތުން ވަޒަންކުރާނެ ގޮތެއްގެ މަތިން، އެ ޚިދްމަތް ކޮށްދެއްވުމަށް އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް މި އިލްތިމާސް ކުރަނީ.
އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ކަސްޓަމްސްގެ މުވައްޒަފުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ މައްޗަށްވެސް އެއްޗެއް ދަންނަވާލަންޖެހޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ކަސްޓަމްސް ދުވަސް ފާހަގަކުރެއްވުމަށްޓަކައި މި ކުރެވުނު ހުރިހާ މަސައްކަތްތަކެއްގައިވެސް ހުރިހާ މުވައްޒަފުންވެސް މަސައްކަތްކުރެއްވީ ވަރަށް ބޮޑު ޝައުޤުވެރިކަމަކާ އެކީގައި، ވަރުގަދަ ފޯރީއަކާ އެކީގައި، ވަރަށް އެކަށީގެންވާ އުޚުއްވަތްތެރި ގުޅުމެއް އެ ބޭފުޅުންގެ މެދުގައި އޮވެގެން. އަދި މި ކުރައްވާފައި ހުރި ކަންތައްތަކުގެ ފެންވަރަށް ބަލާއިރުވެސް، ކަސްޓަމްސްގެ މުވައްޒަފުންނަކީ ވަރަށް ގިނަ ކަންކަމުގެ ހުނަރުވެރިކަމާއި ޤާބިލްކަން ލިބިވަޑައިގެންފައިވާ ބޭފުޅުންކަން އަޅުގަނޑަށްވެސް ފާހަގަކުރެވޭ. އެހެންކަމުން، މި އިޙްތިފާލު މިހާ ފުރިހަމަގޮތަކަށް ކުރިއަށްދިޔުމަށްޓަކައި ކަންތައްތައް ކުރައްވާފައިވާލެއް ފުރިހަމަކަމަށާއި އަދި ކަސްޓަމްސްގެ މުވައްޒަފުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން.
އާދެ! ސަރުކާރުގެ މުވައްޒަފުން ރައްޔިތުންނަށް ކޮށްދެއްވާ ޚިދްމަތް މިހާރަށްވުރެ އަވަސްގޮތެއްގައި، މިހާރަށްވުރެ ފުރިހަމަގޮތެއްގައި ކޮށްދެއްވުމަށް އެދި ދަންނަވާއިރު، މުވައްޒަފުންގެ ކަންތައްތަކާ ބެހޭގޮތުންވެސް ސަރުކާރުން އަބަދުވެސް އެޅެންހުރި ރަނގަޅު ފިޔަވަޅުތަކެއް އަޅަމުންދާ ވާހަކަ ދަންނަވާލަންޖެހޭ. އެންމެބޮޑު ކަމަކީ މުވައްޒަފުންގެ މުސާރައިގެ މައްސަލަ. އަޅުގަނޑުވެސް އެއްބަސް، ސަރުކާރުގެ މުވައްޒަފުންނަށް ލިބޭ މުސާރައަކީ މާބޮޑު އެއްޗެއްނޫން. އެހެންނަމަވެސް، ސަރުކާރުން މުސާރަދެވޭނީވެސް ސަރުކާރަށް އާމްދަނީ ލިބޭ މިންވަރެއްގެ މައްޗަށް ބަލާފައި. އެހެންކަމުން، އެ ވަގުތަކަށް މުވައްޒަފުންނަށް މުސާރަ އިތުރުކޮށްދެވެން އޮތްވަރަކަށް ސަރުކާރުން މިގެންދަނީ މުސާރަ އިތުރުކޮށްދެމުން. އަދި އޭގެއިތުރުން، އެކިއެކި ޢިނާޔަތްތައްވެސް ވެދެމުން. މިހާރު ޗުއްޓީގެ ޤަވާޢިދުވެސް ވަނީ ހަމަޖެހިފައި. އެއީ، ކުރިން އޮތް ކަމެއްނޫން. މުވައްޒަފުންނަށް ޗުއްޓީ ބޭނުންވީމާ، އެ މީހުންނަށް ޗުއްޓީ ދެވޭގޮތެއް ހަމަޖެހިފައި އޮވޭ. އަދި އެކިއެކި އެހެން ޢިނާޔަތްތައްވެސް މުވައްޒަފުންނަށް ލިބިދެވޭގޮތަށް ވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ، ސަރުކާރުން ޤަޞްދުކުރަނީ މި ހުރިހާ ޢިނާޔަތްތަކެއްވެސް މުޞްތަޤްބަލުގައި އިތުރުކުރަން. ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންގެ ޤާބިލްކަމާއި ތަނަވަސްކަން އިތުރުވަމުންދިޔަދިޔަހެން، ސަރުކާރުގެ މުވައްޒަފުންނަށް ލިބޭ މުސާރައާއި ޢިނާޔަތްތައްވެސް ދާނީ އިތުރުވަމުން.
އާދެ! އަދިވެސް ކުޑަކުޑަ އެއްވާހަކަ އަޅުގަނޑު ދަންނަވާލަން އެބަ ބޭނުންވޭ. އާދެ، އެއީ އަލްފާޟިލް ޙުސައިން މަނިކުފާނުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވި، މިދިޔަ ފަނަރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ތަރައްޤީގެ މައްޗަށް. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރާއްޖެއަށް މިދިޔަ ފަނަރަވަރަކަށް އަހަރުދުވަހުގެ ތެރޭގައި އައިނަމަ، އައިސްފައިވާ ތަރައްޤީގެ އެންމެ ބޮޑު ސިއްރަކީ ދިވެހި ރައްޔިތުންނޭ. ފަހަރެއްގައިވެސް އެއީ، އަޅުގަނޑެއް ނޫން. ރައްޔިތުން ކުރެއްވި އިޚްލާޞްތެރި ބުރަ މަސައްކަތްތަކެއްގެ ސަބަބުން ރާއްޖެ ކުރިއަށް ގޮސްފައިވަނީ. ޚާއްޞަކޮށް، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާގައި އުޅުއްވާ ފަރާތްތަކުގެ މުރާލިކަމާއި ހީވާގިކަމާއި އިޚްލާޞްތެރިކަމެއްގެ ސަބަބުން، އެ ކަންތައްތައް އެހާ އަވަސްގޮތަކަށް ކުރިއަށް އެދަނީ. ޓޫރިޒަމްގެ ކަންތައްތައްވެސް، ވިޔަފާރީގެ ކަންތައްތައްވެސް، މަސްވެރިކަމުގެ ކަންތައްވެސް އަދި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާގައި ހިމެނޭ އެހެން ކަންތައްތައްވެސް ކުރިއަށް އެދަނީ ރައްޔިތުންގެ ހިތުގައި، އުފެއްދުންތެރިކަން އިތުރުކޮށް، ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުން. ސަރުކާރުން ކޮށްދޭހާވެސް ކަމަކީ، ކަންތައްތައް ފަސޭހަކޮށްދިނުން. އެއްވެސް ކަމަކަށް ދަތިވާކަމަށްވަންޏާ، އެ ކަންތައް ފަސޭހަކޮށްދީ، ހަމަޖެހޭ ރަނގަޅު އުޞޫލެއް ޤާއިމުކުރުން. އުޞޫލެއް ޤާއިމުކުރަންޖެހޭ ސަބަބަކީ، ކުޑަކުޑަ ތަނެއްގައި އެތައްބަޔަކު ދިރިއުޅެމުންދާއިރު އަދި އެ މީހުންގެ ބޭނުންތަކަކީ ފުށުއަރާގޮތަށް ހުންނަ ބޭނުންތަކެއް ކަމަށްވާއިރު، އެ ކަންތައްތައް ހަމަޖެއްސުން. އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ބޭނުންވާ ހުރިހާ ކަމެއް އަޅުގަނޑުމެންގެ ތެރެއިން ފުދޭކަށެއްނެތް. އެހެންވީމާ، އަޅުގަނޑުމެންނަށް ބޭނުންވާ ކަންތައްތައް އިތުރުވެފައި، ބޭނުންތައް ފުއްދެންހުރި ވަސީލަތް މަދު. ނަތީޖާއަކަށްވަނީ ދޭދޭމީހުންގެ ދޭތެރޭގައި މައްސަލަޖެހުން. އެހެންވީމާ، އެ މައްސަލަތައް ޙައްލުކޮށްދީ، ހަމަޖެހޭ ރަނގަޅު އިންޞާފްވެރި ގޮތަކަށް ހުރިހާ ކަމެއްވެސް ކުރިއަށްދިޔުމުގެ މަގުފަހިކޮށްދިނުން އެއީ، ސަރުކާރުން ކުރާ ކަމަކީ. އެކަން އިރާދަކުރެއްވިއްޔާ ސަރުކާރުން މުސްތަޤްބަލުގައިވެސް ކުރަމުންގެންދާނެ. އެހެންނަމަވެސް، ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތުގެ ޝުކުރު ރައްދުވާ ފަރާތަކީ އަޅުގަނޑަށް ދަންނަވަންޖެހެނީ، ދިވެހި ރައްޔިތުންނޭ. އަދި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކޭ.
އާދެ، އެ ވާހަކަ މި ދަންނަވާލަނީ ވަރަށް ޚާއްޞަގޮތެއްގައި، މި އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރު ކަމުގައިވެސްވާތީ. ރާއްޖޭގެ އެންމެންވެސް އެދެނީ މިހާރަށްވުރެ ތަނަވަސް މުސްތަޤްބަލެއް ދުށުމަށް. މިހާރަށްވުރެ ހުރިހާ ކަމެއްވެސް ރަނގަޅު ދުވަސްތަކެއްގެ އުފާ ލިބިގަތުމަށް. އެހިސާބަށް އަޅުގަނޑުމެންނަށް ދެވޭނީ، އަޅުގަނޑުމެން ކުރާ އުފެއްދުންތެރި މަސައްކަތްތައް އިތުރުކޮށްގެން. މުޅި ރާއްޖެއަށް ލިބޭ އާމްދަނީވެސް އިތުރުކޮށްގެން. އަދި އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުމާއި އެއްބައިވަންތަކަންވެސް އޮވެގެން. މި ހުރިހާ ކަމަކަށް ވިސްނައިގެން، ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަމުންދަނީ ކަމުގައިވަންޏާ، އަޅުގަނޑަށް ދެންނެވޭނީ، އިރާދަކުރެއްވިއްޔާ ރާއްޖޭގެ މުސްތަޤްބަލް ވަރަށް ރަނގަޅުވާނޭ. އިރާދަކުރެއްވިއްޔާ، މިހާރަށްވުރެ ހުރިހާ ކަމެއްވެސް މުސްތަޤްބަލުގައި އޮންނާނީ ރައްޔިތުންނަށް މާފަހިކޮށޭ. އަދި މާ ތަރައްޤީވެފައޭ.
އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން އަދިވެސް އެއްފަހަރު، މި މުހިންމު މުނާސަބަތުގައި، ކަސްޓަމްސްގެ ވެރިންނަށާއި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން.
އަޅުގަނޑު އެދެނީ، ކަސްޓަމްސްގެ މުވައްޒަފުންނަށް ފުރިހަމަ ޞިއްޙަތަކަށާއި، ބާއްޖަވެރި ދުވަސްތަކަކަށް. އަދި އެ ބޭފުޅުން އެ ކުރައްވާ ޚިދްމަތަށް އިތުރު ތަރައްޤީއާއި އަދި ރައްޔިތުންގެ ފަރާތުން އެ ބޭފުޅުންގެ އެ ޚިދްމަތް އިތުރަށް އަގުވަޒަންކުރެއްވޭނެ ގޮތް މެދުވެރިވުން.
والسّلام عليكم ورحمـة اللّـه وبركاته.