بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ! މިރޭ، މި އުފާވެރި ބަރަކާތްތެރި ޖަލްސާއަށް އައިސް، މި އަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވަން ޤަޞްދުކުރައްވާ، ވަރަށް ގިނަ ޢަދަދެއްގެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނާ ބައްދަލުކޮށްލުމަކީ އަޅުގަނޑަށް ލިބޭ ވަރަށްވެސް ބޮޑު އުފަލެއް.
އާދެ! މި ބައްދަލުވުން އިންތިޒާމުކޮށްދެއްވި ފަރާތަކީ، ރާއްޖެއިން ޙައްޖަށްދާ މީހުންނާ ބެހޭގޮތުން، ވޭތުވެދިޔަ ބާރަވަރަކަށް އަހަރުދުވަހުގެ ތެރޭގައި، ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް. އާދެ، އެއީ އަތަމާ ޙައްޖު ގްރޫޕް. އެހެންކަމުން، އެފަރާތުގެ އެންމެ އިސްވެރިޔާ، އާދެ، އަޅުގަނޑުގެ ޢިއްޒަތްތެރި އަޚް އަލްފާޟިލް ޢަބްދުއްލަޠީފް ޙުސައިން މަނިކަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން. ހަމަ އެއާއެކުގައި، އޭނާއަށް އެހީތެރިވެދެއްވަމުން ގެންދަވާ ހުރިހާ ބޭފުޅުންވެސް އަޅުގަނޑުގެ މި ޝުކުރުގައި ޝާމިލްކުރަން.
އާދެ! މިތާނގައި މިރޭ މި ތިއްބެވީ ހަމައެކަނި އަތަމާ ގްރޫޕުން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނެއް ނޫން. އަތަމާ ގްރޫޕުންނާއި، މިނާ ގްރޫޕުން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުން. އާދެ، އެއީ ދެންމެ އަޅުގަނޑުމެންނަށް އޮޅުންފިލިގޮތުގައި، ގާތްގަނޑަކަށް އެއްހާސް ހަސަތޭކަ ބޭފުޅުން. އެހެންކަމުން، ތިޔަ ހުރިހާ ބޭފުޅުންނާ މިރޭ ބައްދަލުކޮށް، އަޅުގަނޑުގެ ހެޔޮއެދުމާއި، ތިޔަބޭފުޅުންނާ ބެހޭގޮތުން އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ އިޚްލާޞްތެރި ޝުޢޫރުތައް ބަޔާންކޮށްލުމަށް، މި ފުރުޞަތު ލިބުނު ކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން.
ޝައްކެއްނެތް، ޙައްޖުވެރިންނާ ބައްދަލުކުރުމަކީ ވަރަށްވެސް މުހިންމު ކަމެއް. އާދެ، ޙައްޖުވެރިންނޭ އަޅުގަނޑު މިދެންނެވީ، ޙައްޖަށް ވަޑައިގަންނަވަން ޤަޞްދުކުރައްވާ ކޮންމެ ބޭފުޅަކީ ޙައްޖުވެރިއެއް ކަމުގައި ބަލައިގެން. ތިޔަބޭފުޅުންގެ ތެރޭގައި، މީގެކުރިން ޙައްޖަށް ވަޑައިގެންނެވި ކިތަންމެ ބޭފުޅުންނެއްވެސް ތިއްބަވާނެ. އެހެންކަމުން، މިފަދަ ކޮންމެ ފުރުޞަތަކީ ވަރަށް ޚާއްޞަ އުފަލެއް އަޅުގަނޑަށް ލިބޭ ފުރުޞަތެއް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ.
ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ ފަދައިން، މީގެ ތިންއަހަރު ކުރިން، އާދެ، 1990 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހުގެރޭ، ރާއްޖޭގެ ޙައްޖުވެރިންނާ ނުވަތަ އެ އަހަރު ޙައްޖަށް ވަޑައިގަންނަވަން ޤަޞްދުކުރައްވާ ބޭފުޅުންނާ އަޅުގަނޑު ބައްދަލުކޮށްލިން. އެކަމުގެ އުފާ އަޅުގަނޑަށްވަނީ ލިބިފައި. އޭގެފަހުން، މި ވޭތުވެދިޔަ ދެތިން އަހަރުދުވަހުގެ ތެރޭގައި އަޅުގަނޑަށް އޮތީ އެ ފުރުޞަތު ނުލިބިފައި. އެހެން މިދަންނަވަނީ، ފަހަރެއްގައިވެސް ރާއްޖެއިން ޙައްޖަށް މީހުން ގެންދަވާ ގްރޫޕްތަކުން އެކަމަށް އެދިވަޑައިނުގަނެއެކޭ ނޫން. ޚާއްޞަކޮށް، އަތަމާ ގްރޫޕުގެ ފަރާތުން މިދިޔަ އަހަރުވެސް އަދި ކުރީ އަހަރުވެސް، ކޮންމެ އަހަރަކުވެސް އެދިވަޑައިގަންނަވާ. އެހެންނަމަވެސް، އަޅުގަނޑުގެ މަސައްކަތް ހުންނަގޮތުންނާއެކީގައި، އަޅުގަނޑަށް އެފަދަ ފުރުޞަތެއް އަމިއްލައަށް ލިބިގަތުން، މިދިޔަ ދެތިން އަހަރުދުވަހުގެ ތެރޭގައި ތަނަވަސްވެފައި ނެތީ.
ކޮންމެއަކަސް، ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު، އެއްއަހަރުން އަނެއް އަހަރަށް މި އަންނަނީ ވަރަށްބޮޑުތަނުން އިތުރުވަމުން. އެއިން ދައްކައިދެނީ، އަޅުގަނޑުމެންގެ މި މުސްލިމް ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާ ދޭތެރޭގައި އަދި އިސްލާމްދީނުގެ ފަރުޟުތަކާ ދޭތެރޭގައި އުފެދިފައިވާ ލޯތްބާއި ޙުރްމަތްތެރިކަމުގެ ބޮޑުކަން. އާދެ، މިދިޔަ އަހަރު، އަޅުގަނޑު ހަނދާންވާގޮތުގައި، ރާއްޖެއިން ޙައްޖަށްދިޔައީ އެއްހާސް ހަސަތޭކަ މީހުން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި އަހަރު މިހާރުވެސް އެއްހާސް ނުވަސަތޭކަ މީހުންނަށްވުރެ ގިނައިން ޙައްޖަށް ދިޔުމަށް އެކިއެކި ގްރޫޕްތަކާވަނީ ގުޅިފައި.
އާދެ، ރާއްޖެއިން މީހުން ޙައްޖަށް ގެންދާ ގްރޫޕްތަކުން އެ ކޮށްދެއްވަނީ ޝައްކެއްނެތްގޮތުގައި، ވަރަށްވެސް މަތިވެރި ޚިދުމަތްތަކެއް. އޭގެތެރެއިން، އެންމެ އިސް ގްރޫޕަކީ، އެންމެގިނަ މީހުން ގެންދަވާ ގްރޫޕް ކަމުގައި ދަންނަވަންޖެހެނީ ޙަޤީޤަތަށް ބުރަވެހުރެ. އާދެ! އަތަމާ ގްރޫޕުގެ ފަރާތުން، ދެންމެ އެ ގްރޫޕުގެ ވެރިޔާ އެ ވިދާޅުވިފަދައިން، މިދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ވަނީ، މީހުން ޙައްޖަށް ގެންގޮސްދެއްވާފައި. އެ ގްރޫޕަކީ ރާއްޖެއިން އެންމެ ގިނަ ޢަދަދަކަށް، އެންމެ ގިނަދުވަސް ވަންދެން ޙައްޖަށް ގެންދެވުމުގެ އިންތިޒާމު ހަމަޖައްސަވައިގެން، އެކަން މިހާރަކަށްއައިސް ކޮންމެ އަހަރަކުވެސް ކުރައްވަމުން ގެންދަވާ ގްރޫޕް. އެކަމަށްޓަކައި އެ ގްރޫޕުގެ އިސްވެރިޔާއަށާއި އަދި އެ ގްރޫޕުގެ އެހީތެރިންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. ހަމަ އެއާއެކީގައި، ރާއްޖެއިން މީހުން ޙައްޖަށް ގެންދަވާ އެހެން ގްރޫޕްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަލްޙާއްޖު ދިއްދޫ އިބްރާހީމް ކަލޭގެފާނުގެ ޙަވާލުގައި ވަރަށް ކުރިއްސުރެ ރާއްޖެއިން މީހުން ޙައްޖަށްދޭ. ހަމައެފަދައިން، ފަހަކަށްއައިސް މިހާރު އެހެން ބައެއް ނަންތައްވެސް މި މައިދާނުގައި އަޅުގަނޑުމެންނަށް ދަނީ ފާހަގަކުރެވެމުން. ޚާއްޞަކޮށް، މިއަހަރު ދީމާ ގުރޫޕްގެ ފަރާތުންވެސް ގިނަ ޢަދަދެއްގެ މީހުން ޙައްޖަށް ގެންދަވާކަން އަޅުގަނޑަށްވަނީ އެނގިފައި. އަދި ކުރިންވެސް ދެންނެވިފަދައިން، މިތާނގައި މިރޭވެސް އެބަ ތިއްބެވި، މިނާ ގްރޫޕްގެ ފަރާތުން ޙައްޖަށް ގެންދަވާ ބޭފުޅުން. އެހެންކަމުން، އެހުރިހާ ގްރޫޕެއްގެ ފަރާތުންވެސް ރާއްޖޭގެ ޙައްޖުވެރިން ޙައްޖަށް ގެންގޮސްދެއްވުމުގައި އެ ކޮށްދެއްވާ އަގުހުރި ޚިދުމަތްތަކަށް، މިރޭގެ މި ޖަލްސާގައި ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްވެސް ބޮޑު އުފަލެއް.
ރާއްޖެއިން މީހުން ޙައްޖަށް ގެންދަވާ ގްރޫޕްތަކުން އެ ކޮށްދެއްވާ ޚިދުމަތުގެ އަގުވަޒަންކުރުމަކީ، އަޅުގަނޑު ހިތުން އެއްވެސް މީހަކަށް ދަތިކަމަކަށް ނުވާނެ. އަޅުގަނޑުމެން އަތުން، އެނޫން ގޮތެއްގައިނަމަ، ޚަރަދުވާނެ ގިނަ ޢަދަދެއްގެ ފައިސާގެ ބަދަލުގައި، ތަންކޮޅެއް މަދު ޢަދަދަކަށް ފައިސާ ޚަރަދުކޮށްގެން، އަޅުގަނޑުމެންނަށް މި މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބޭކަން އެއީ، ވަރަށްވެސް މުހިންމު އަދި އެހާމެ، ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. އެއްވެސް މީހަކު އަމިއްލައަށް ޙައްޖަށްދާނަމަ، އެ މީހެއްގެ ދަތުރުޚަރަދަށާއި، ޙައްޖު ދުވަސްވަރު، މައްކާގަޔާއި މަދީނާގަޔާއި އަދި އެނޫންވެސް ޙައްޖުގެ މަނާސިކް އަދާކުރުމަށް ދާންޖެހޭ ތަންތާނގައި ތިބުމުގެ ޚަރަދާއި، ކައިބޮއިހެދުމުގެ ޚަރަދާއި، ބަލިވެއްޖެނަމަ ބޭސްކުރުމުގެ ޚަރަދާއި އަދި ދަތުރަށް ތައްޔާރުކުރުމުގެ ޚަރަދާ، މި ހުރިހާ ޚަރަދަށް ބަލާއިރު، އެ ވާނީ ވަރަށްބޮޑު އެއްޗަކަށް. އެއާ ޚިލާފަށް، މިފަދަ ގްރޫޕްތައް އުފެދިގެން، އެ ގްރޫޕްތަކުގެ ފަރާތުން، ތަންކޮޅެއް ކުރިންނަމަވެސް، ވަކި ޢަދަދަކަށް ފައިސާ ނަންގަވާ އުޞޫލެއް ހަމަޖެހިފައި އޮތުމުން، މި ދެންނެވި ބޮޑެތި ޚަރަދުތަކުގެ ތެރެއިން ވަރަށްގިނަ ޚަރަދު، ޙައްޖުވެރިންގެ އަތުން ނުހިނގާގޮތަށް މިހާރުވަނީ ހަމަޖެހިފައި. ޝައްކެއްނެތް، އެއީ ޙައްޖުވެރިންނަށް ލިބޭ ވަރަށްބޮޑު ލުޔެއް. އެހެންކަމުން، އެއީ އަޅުގަނޑުހިތުން އަޅުގަނޑުމެން އެންމެންވެސް ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭނެ ކަމެއް.
އާދެ! ކުރިންވެސް ދެންނެވިފަދައިން، ރާއްޖެއިން ޙައްޖަށްދާ މީހުން އެއްއަހަރުން އަނެއް އަހަރަށް ގިނަވަމުންދާކަމީ، އަޅުގަނޑުމެންގެ ހިތްތަކުގައި، ރާއްޖޭގެ މުސްލިމް ރައްޔިތުންގެ ހިތްތަކުގައި، މާތްވެގެންވާ އިސްލާމްދީނާ ދޭތެރޭގައި އުފެދިފައިވާ ލޯތްބާއި ޙުރްމަތްތެރިކަމުގެ ބޮޑުކަން އަޅުގަނޑުމެންނަށް ހާމަކޮށްދޭ ދަލީލެއް. ޝައްކެއްނެތް، ޙައްޖަކީ ވަރަށް މާތް އަޅުކަމެއް. އަޅުގަނޑުމެންގެ މައްޗަށް اللهُ سُبْحَانَهُ وَتَعَالَى ފަރްޟު ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ވަރަށް ޚާއްޞަގޮތެއްގައި ދީނުގައި ބެލޭ ކަމެއް. ﷲ ވަޙީކުރައްވަނީ، "إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِى بِبَكَّةَ مُبَارَكًا وَهُدًى لِّلْعَـٰلَمِينَ. فِيهِ ءَايَـٰتٌۢ بَيِّنَـٰتٌ مَّقَامُ إِبْرَٰهِيمَ ۖ وَمَن دَخَلَهُۥ كَانَ ءَامِنًا ۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَـٰلَمِينَ."(آل عمران 96، 97) އާދެ، ﷲ ވަޙީކުރައްވަނީ، "ހަމަކަށަވަރުން، އިންސާނުންނަށްޓަކައި ދުނިޔޭގައި ﷲ ލެއްވި އެންމެ ފުރަތަމަ ގެޔަކީ، އިންސާނުން އެކަލާނގެ ޙަޟްރަތަށް އަޅުކަން ކުރުމަށްޓަކައި ﷲ މިބިމުގައި ލެއްވި އެންމެ ފުރަތަމަ ތަނަކީ، މައްކާގައި އެވާ ބަރަކާތްތެރި ގެޔޭ. ނުވަތަ ގެފުޅޭ. އެއީ ޢާލަމްތަކަށް ހިދާޔަތެއްގެ ގޮތުގައި ﷲ ލައްވާފައިވާ ތަނެކޭ. އެތަނުގައި ﷲގެ ކުޅަދުންވަންތަކަމުގެ ދަލީލުތައް ފާޅުވެ ބަޔާންވެގެންވެޔޭ. އޭގެތެރޭގައި مقام إبراهيم ހިމެނިގެންވެއޭ. އެގެފުޅަށް ވަދެއްޖެ މީހަކީ އަމާންކަން ލިބިގެންވާ މީހެކޭ. ﷲ އަށްޓަކައި ގެފުޅަށް ޙައްޖުވުމަކީ މީސްތަކުންގެ މައްޗަށް އެކަލާނގެ ފަރްޟު ކުރައްވާފައިވާ ކަމެކޭ. އެއީ، މީސްތަކުންގެ ތެރެއިން އެކަމަށް ކެރިކުޅަދާނަވެގެންވީ ބައެއްގެ މައްޗަށް އެކަލާނގެ ފަރްޟު ކުރައްވާފައިވާ ކަމެކޭ. އެކަލާނގެ ނިޢުމަތްތަކަށް ކާފިރުވެއްޖެމީހާ ދަންނާށޭ، ފަހެ اللهُ سُبْحَانَهُ وَتَعَالَىއީ އެންމެހާ ޢާލަމްތަކާ ނުލައްވައި ފުދިވޮޑިގެންވާ ރަސްކަލާނގެއޭ." އާދެ، މި އާޔަތްތަކުންވެސް އެނގޭގޮތުގައި، މި ދެއާޔަތުން އެނގޭގޮތުގައި، ޙައްޖުގެ އަޅުކަމަކީ ވަރަށް ޤަދީމީ އަޅުކަމެއް. އެއީ، ﷲގެ ޙަޟްރަތަށް އަޅުކަން ކުރުމަށްޓަކައި އެކަލާނގެ ބިމުގައި ލައްވާފައިވާ އެންމެ ފުރަތަމަ ގެޔަކީ ކަޢުބަތުﷲ ގެފުޅު ކަމުގައިވީހިނދު، އެއިން ދައްކައިދެނީ މި އަޅުކަމަކީ ވަރަށް ޤަދީމީ، ވަރަށް ކުރިއްސުރެ، ﷲ އިންސާނުންގެ މައްޗަށް އެކަލާނގެ ބާވައިލެއްވި ދީންތަކުގައި ލައްވާފައިވާ އަޅުކަމެއް ކަމުގައި. ހަމަ އެއާއެކު، އަޅުގަނޑުމެންނަށް އެނގެނީ، ޙައްޖުގެ އަޅުކަމާއި އެހެން ފަރްޟުތަކާ ދޭތެރޭގައި ހުރި ތަފާތުތަކުންވެސް، ޙައްޖުގެ އަޅުކަމަކީ ވަރަށް ޚާއްޞަ އަޅުކަމެއްކަން.
އާދެ! ޙައްޖު ފިޔަވައި، މާތްވެގެންވާ އިސްލާމްދީނުގައި ފަރްޟުކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ކޮންމެ ކަމަކީ، ކޮންމެ މުސްލިމަކަށްވެސް އެމީހަކު ހުރިތަނެއްގައި ހުރެގެން، އެމީހެއްގެ ވަޒަނުގައި ހުރެގެން، އެމީހެއްގެ ގޭގައި ހުރެގެން ކުރެވިދާނެ އަޅުކަމެއް.
އަޅުގަނޑުމެންގެ މައްޗަށް މާތްﷲ ފަރްޟުކުރައްވާފައިވޭ، ފަރުޟު ފަސްނަމާދު. އެ ފަސްނަމާދު އަޅުގަނޑުމެންނަށް ކުރެވިދާނެ، އަޅުގަނޑުމެންގެ އަމިއްލަ ޤައުމުގައި ތިބެގެން. އަމިއްލަ ރަށުގައި ތިބެގެން. އަމިއްލަ ގޭގައި ތިބެގެން. ނުވަތަ މިސްކިތެއްގައި ތިބެގެން. ﷲ އަޅުގަނޑުމެންގެ މައްޗަށް ފަރްޟުކުރައްވާފައިވޭ ރޯދަ. ރަމަޟާން މަހުގެ ރޯދަ. އަޅުގަނޑުމެންނަށް ރަމަޟާން މަހުގެ ރޯދަ ހިފިދާނެ، އަޅުގަނޑުމެންގެ ޤައުމުގައި، އަޅުގަނޑުމެންގެ ގޭގައި ތިބެގެން. ﷲ އަޅުގަނޑުމެންގެ މައްޗަށް ފަރްޟުކުރައްވާފައިވޭ ޒަކާތްދިނުން. ފިޠުރު ޒަކާތާއި، މުދަލުގެ ޒަކާތް. އެ ޒަކާތްވެސް އަޅުގަނޑުމެންނަށް ދެވިދާނެ، އަޅުގަނޑުމެންގެ ޤައުމުގައި ތިބެގެން. ރަށުގައި ތިބެގެން. ގޭގައި އަރާމުގައި ތިބެގެން.
މިއާ ޚިލާފަށް، ޙައްޖުގެ އަޅުކަމަކީ، ޙައްޖާއި ޢުމްރާގެ ކަންތައްތަކަކީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ ޤައުމުގައި ތިބެގެން ކުރެވޭނެ އަޅުކަމެއްނޫން. އެކަމަށްޓަކައި ދަތުރުހަދާފައި އަޅުގަނޑުމެން ދާންޖެހެނީ ﷲގެ ގެފުޅު އަރިހަށް. މައްކާއަށް ދާންޖެހެނީ. މައްކާއަށް ގޮސް ޙައްޖާއި ޢުމްރާގެ ހުރިހާ މަނާސިކެއް އަޅުގަނޑުމެން އަދާކުރަންޖެހެނީ. އެކަމަށްޓަކައި އަޅުގަނޑުމެން ވަރަށްބޮޑަށް ތައްޔާރުވެ، އަޅުގަނޑުމެންގެ އަތުން ވަރަށްގިނަ ޚަރަދުތަކެއް ހިނގާ. އަދި އެކަމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. ހަމައެފަދައިން، ވަރަށްގިނަ ދުވަސްތަކެއްވެސް އެކަމުގައި އަޅުގަނޑުމެންނަށް ހޭދަކުރަންޖެހޭ.
އާދެ! މިހާރު ދުނިޔޭގެ މުވާޞަލާތުގެ ކަންތައްތައް އޮތްގޮތުން، މިކަމަކީ ވަރަށްކުރު މުއްދަތެއްގެ ތެރޭގައި ކުރެވިދާނެ ކަމަކަށްވިޔަސް، އާދެ! މިހާރު ގާތްގަނޑަކަށް އެއްމަސްދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް މާލެއިން ފުރައިގެން، ޙައްޖަށް ގޮސްފައި އެބަ އާދެވޭ. ރާއްޖެތެރެއިން ވަޑައިގަންނަވާ ބޭފުޅުން އެއަށްވުރެ ތަންކޮޅެއް ދިގު މުއްދަތެއް އެކަމުގައި ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނެ. އެހެންނަމަވެސް، މި މުއްދަތަކީ ކުރިން މިކަން ކުރެވުނުގޮތާ އަޅައިބަލާއިރު، ވަރަށްކުރު މުއްދަތެއް. ކުރީޒަމާނުގައި ޙައްޖަށްދިޔުމުގައި، ހައެއްކަ މަސްދުވަސްވެސް އެކަމުގައި ވަނީ ހޭދަވެގެން ގޮސްފައި.
އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ޙައްޖުގެ އަޅުކަމަކީ މި ދެންނެވި ނަޒަރުން ބަލާއިރު، އެހެން އަޅުކަންތަކާ ވަރަށް ޚިލާފު، ވަރަށް ތަފާތު އަޅުކަމެކޭ. އެކަން އެހެން އޮތުމާއެކީގައި، ޙައްޖުވުމުން ﷲ އަޅުގަނޑުމެންނަށް ދެއްވާނެ ޡަވާބާއި ދަރުމަ އެއީ ޝައްކެއްނެތްގޮތުގައި، ވަރަށް ބޮޑު އެއްޗަކަށްވާނެ. މިހެން މިދެންނެވީ، ޙައްޖުގެ ފަރްޟު، ޙައްޖާއި ޢުމްރާގެ ފަރްޟު އަދާކުރުމުގައި، އަޅުގަނޑުމެންގެ ތެރެއިން އެކަމަށް ކުރިމަތިލާ ކޮންމެ މީހަކުވެސް އުފުލަންޖެހޭ ބުރައާއި، ކުރަންޖެހޭ ހޭދައާއި، އުފުލަންޖެހޭ ތަކުލީފު އެއީ އެހާބޮޑު އެއްޗަކަށްވާތީ.
އާދެ! މިކަން މިހެން އޮތުމާއެކީގައި، ޙައްޖަށްދިޔުމަށް ކުރިމަތިލާ ކޮންމެ މީހަކީ ޝައްކެއްނެތްގޮތުގައި، ވަރަށް މަތިވެރި އަޅުކަމެއް އަދާކުރުމަށް ކުރިމަތިލާ މީހެއް. އެހެންކަމުން، ޙައްޖަށްދާއިރު އަޅުގަނޑުމެންގެ ނިޔަތް ޚާލިޞްވާންޖެހޭނެ. اللهُ سُبْحَانَهُ وَتَعَالَى އަންގަވާފައިވާ އަޅުކަމެއް، އެކަލާނގެ ޙަޟްރަތަށް ޚާލިޞްކޮށް ކުރުމުގެ ނިޔަތް ފިޔަވައި، އެހެން އެއްވެސް ނިޔަތެއް، ޙައްޖަށްދާ މީހެއްގެ ހިތުގައި އޮވެގެނެއް ނުވާނެ. އެމީހަކު އެ ޙައްޖަށްދަނީ ހަމައެކަނި ﷲގެ ވަޖުހުފުޅަށްޓަކައި އަދާކުރާ އަޅުކަމެއް އަދާކުރުމަށް ކަމުގައި އެމީހެއްގެ ނިޔަތުގައި، ހިތުގެ އަޑީގައި އޮންނަންވާނެ. އެއީ ވަރަށްވެސް މުހިންމު ކަމެއް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނާނެ، ކޮންމެ އަޅުކަމެއްގައިވެސް، ނިޔަތަކީ ވަރަށް މުހިންމު އެއްޗެއްކަން. ކީރިތި رســول اللّـه صـلّى الله علـيـه وسـلّم ޙަދީޡްކުރައްވަނީ "إنَّما الأعمال بالنيّات"، ޢަމަލުތަކުގެ ހެޔޮނުބައި، އޭގެ ކުޑަބޮޑުމިން، އެއިން ކުރާނެ ފައިދާއަކާއި ނުވަތަ ވާނެ ގެއްލުމަކާ، މި ބިނާވެފައިވަނީ، އެކަމަށްޓަކައި އެމީހެއްގެ ހިތުގައި ކަނޑައަޅާ ނިޔަތެއްގެ މައްޗަށޭ. ހެޔޮނިޔަތުގައި މީހަކު ކަމެއް ކޮށްފިނަމަ، އެކަމުގެ ހެޔޮ ޖަޒާ އެމީހާއަށް ލިބޭނެއޭ. ނުރަނގަޅު މަޤްޞަދެއްގައި މީހަކު ކަމެއް ކޮށްފިނަމަ، އެކަމުގެ ނުރަނގަޅު ޖަޒާ އެމީހަކަށް ލިބޭނޭ. އެހެންވީމާ، ޙައްޖަށްދާ މީހާގެ ހިތުގައިވެސް އޮންނަންޖެހޭނީ، ތިމަންނާ ޙައްޖަށް މިދަނީ ﷲގެ ވަޖުހުފުޅަށްޓަކައި ޚާލިޞްކޮށް، އެކަލާނގެ ފަރްޟުކުރެއްވި އަޅުކަމެއް އަދާކުރުމަށޭ. އެނޫން އެހެން އެއްވެސް ނިޔަތެއް ނުވަތަ މަޤްޞަދެއް ޙައްޖަށްދާ މީހެއްގެ ހިތުގައި އޮވެގެންނެއް ނުވާނެ. މި ދެންނެވީ ހަމައެކަނި ޙައްޖުވުމުގައި، ކަންއޮތްގޮތެއް ނޫން. ﷲ ފަރްޟުކުރައްވާފައިވާ އެއްވެސް އަޅުކަމެއް ކުރުމުގައި، އެކަން އޮންނަންޖެހޭގޮތް. ނަމާދުކުރާއިރުވެސް އެކަން ކުރަންޖެހެނީ، ﷲގެ ވަޖުހުފުޅަށް ޚާލިޞްކޮށް. މީހުންނަށް ދެއްކުމަކަށް ނޫން. ރޯދަހިފާއިރުވެސް އެހެން. ޒަކާތްދޭއިރުވެސް އެހެން. އެހެންވީމާ، ޙައްޖަށްދާއިރުވެސް އަޅުގަނޑުމެންގެ ހަމައެކަނި މަޤްޞަދަކަށްވާންޖެހޭނީ މި ދެންނެވި މަޤްޞަދު. އެއީ، ފަހަރެއްގައިވެސް މީހުންނަށް ތިމާގެ އަޅުވެރިކަމާއި ތަޤްވާވެރިކަން ދެއްކުމަށްޓަކައި ނުވަތަ އެނޫން އެހެން އެއްވެސް ދުނިޔަވީ މަޤްޞަދެއްގައި ކުރާކަމަކަށް ވެގެނެއް ނުވާނެ.
އާދެ! ޙައްޖުގެ އަޅުކަން ފަރްޟުކުރައްވާފައިވަނީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ހިޖްރީގޮތުން 6 ވަނަ އަހަރު. އެ އަހަރު ކީރިތި رســول اللّـه صـلّى الله علـيـه وسـلّم ޢުމްރާއެއް އަދާކުރެއްވުމަށްޓަކައި މައްކާއަށް ދަތުރުކުރައްވާފައި ވަޑައިގެންނެވި. އެހެންނަމަވެސް، މައްކާގެ މުޝްރިކުން އެކަލޭގެފާނު އެކަން ކުރެއްވިޔަނުދިނުމުގެ ސަބަބުން، އަނބުރާލައްވާފައި ވަޑައިގަންނަވަން ޖެހިވަޑައިގަތީ. ޖެހިގެން އައި އަހަރު، އާދެ، ހިޖްރީގޮތުން 7 ވަނަ އަހަރު އެކަލޭގެފާނު އެ ޢުމްރާ ޤަޟާކުރެއްވި. ދެން ހިޖްރީގޮތުން 9 ވަނަ އަހަރު أبوبكرالصّدّيق رضي الله عنهގެ ބެއްލެވުމުގެ ދަށުން މުސްލިމުން ޙައްޖަށްދިޔައީ. މަދީނާގެ އެންމެހާ މުސްލިމުންވެސް. އެއީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ހިޖްރީގޮތުން 8 ވަނަ އަހަރުވަނީ މައްކާ ފަތަޙަކުރެވި، މައްކާއަކީވެސް މުސްލިމުން ދިރިއުޅޭ، މުސްލިމުންގެ ތަނަކަށް އޮތީ ވެފައި.
ކީރިތި ރަސޫލާ ޙައްޖުވެވަޑައިގަތީ އެންމެފަހަރަކު. އެއީ، ހިޖްރީގޮތުން 10 ވަނަ އަހަރު. އެ ޙައްޖަށް ޙައްޖަތުލްވަދާޢޭވެސް ކިޔޭ. އެހެންކިޔުނީ އޭގެފަހުން ދެތިންމަސްދުވަހުގެ ތެރޭގައި އެކަލޭގެފާނު މިދުނިޔެ ދޫކުރައްވައި، ދުނިޔެއަށް އަލްވަދާޢު ވިދާޅުވެފައިވާތީ. ކީރިތި ރަސޫލާ ޙައްޖަށް ވަޑައިގެންނެވި އަހަރު، އާދެ، ހިޖްރީގޮތުން 10 ވަނަ އަހަރު، އެކަލޭގެފާނު ޙައްޖުގެ އަޅުކަން އަދާކުރެއްވި ގޮތުގެމަތިން، އެންމެހާ މުސްލިމުން އެ އަޅުކަން އަދާކުރުމަށް އެކަލޭގެފާނު އަންގަވާފައިވަނީ. އެކަލޭގެފާނު ޙަދީޡްކުރައްވަނީ "خذوا عنِّى مناسِككم." "ތިޔަބައިމީހުންގެ އަޅުކަން، އެ އަޅުކަންކުރާ ގޮތް ތިމަންކަލޭގެފާނުގެ ކިބައިން ހޯދާށޭ. އެގޮތަށް ތިޔަބައިމީހުން ޢަމަލުކުރާށޭ. ކޮންމެ އަޅުކަމެއްވެސް އަޅުގަނޑުމެން ކުރަންޖެހެނީ، އެކަމަށް ކަނޑައެޅިފައިވާ އުޞޫލުގެމަތިން. އެ ކަމަކަށް ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތަކާއި، އެ ކަމެއް ޢަމަލީގޮތުން ކީރިތި ރަސޫލާ ކުރައްވާފައިވާ ގޮތަކާ، މި ދެގޮތާ އެއްގޮތްވާ ގޮތުގެމަތިން. ޙައްޖާބެހޭ ވަރަށްގިނަ އާޔަތްތަކެއް ކީރިތި ޤުރްއާނުގައިވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެ އާޔަތްތަކުގައި، ޙައްޖާބެހޭ ވަރަށް ގިނަ ޙުކުމްތައްވޭ. އެ ޙުކުމްތަކާ އެއްގޮތަށް އަޅުގަނޑުމެން ޙައްޖުގެ އަދި ޢުމްރާގެ ހުރިހާ ކަމެއްވެސް ކުރަންވާނީ. އެއީ، ޢުމްރާކުރުމަކީވެސް ޙައްޖުކުރުމެކޭ އެއްފަދައިން، ޢުމުރުން އެއްފަހަރު، ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބުވެގެންވާ ކަމަކަށްވާތީ، މިދެންނެވީ މުސްލިމުންގެ ތެރެއިން އެކަމަށް ކެރިކުޅަދާނަވެގެންވީ ކޮންމެ މީހެއްގެ މައްޗަށްވެސް ޢުމުރުން އެއްފަހަރު ޙައްޖުވުމާއި ޢުމްރާވުން އޮތީ ﷲ ފަރްޟުކުރައްވާފައި. ﷲ ވަޙީކުރައްވަނީ "وَأَتِمُّوا۟ ٱلْحَجَّ وَٱلْعُمْرَةَ لِلَّهِ ۚ " (البقرة 196). "ﷲ އަށްޓަކައި ތިޔަބައިމީހުން ޙައްޖުގެ އަޅުކަމާއި އަދި ޢުމްރާގެ އަޅުކަން ފުރިހަމަކުރާށޭ." ދެން ކުރިންވެސް ދެންނެވިފަދައިން، ކީރިތި ޤުރްއާނުގައި އަންގަވާފައިވާ އެންގެވުންތަކުގެ އިތުރަށް، ޢަމަލީގޮތުން ޙައްޖުގެ އަޅުކަން ކުރާނެގޮތް، ޙައްޖުގައި ހިމެނޭ ހުރިހާ ކަމެއް ކުރާނެގޮތް ވަނީ ކީރިތި ރަސޫލާ އަޅުގަނޑުމެންނަށް ދައްކަވާފައި. އެކަން އެކަލޭގެފާނު ދައްކަވަމުން ޙަދީޡްކުރެއްވީ، "خذوا عنِّى مناسِككم" ތިޔަބައިމީހުން އަޅުކަންކުރާގޮތް، ތިޔަބައިމީހުންގެ އަޅުކަމުގެ ތަފްޞީލުތައް، ތިމަންކަލޭގެފާނުގެ އަރިހުން ތިޔަބައިމީހުން ބަލައިގަންނާށޭ. އެކަމުގައި ހިފާށޭ. ޙައްޖުގެ ތެރޭގައި ވަރަށްގިނަ ކަންތައްތައްވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ޢަރަފާތު ބިމުގައި ތިބުން ނުވަތަ ޢަރަފާތު ބިމުގައި ޙައްޖުވެރިޔާ ހުރުން. ގެފުޅުގެ ވަށައިގެން ޠަވާފްކުރުން. ޞަފާއާއި މަރުވާއާ ދޭތެރޭގައި ހިނގުން. މުޒްދަލިފާގައި ރޭކުރުން. މިނާގައި ރޭކުރުން. މިހުރި ކަންތައްތައް، އެ ކަންތައްތައް އެ ކުރަންވީ ވަގުތުތަކުގައި އެކަންތައްތައް ކުރަންވީ ގޮތް ތަފްޞީލުކޮށް ވަނީ ކީރިތި ރަސޫލާ ބަޔާންކޮށްދެއްވާފައި. އެހެންވީމާ، އަޅުގަނޑުމެންވެސް، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ޙައްޖުވެރިޔަކުވެސް އެ ކަންތައްތައް ކުރަންވާނީ އެކަލޭގެފާނު އަޅުގަނޑުމެންނަށް އެކަން ބަޔާންކޮށްދެއްވާފައި އެވާ ގޮތުގެމަތިން. އެ ކަންތައްތައް އަޅުގަނޑުމެންނަށް ފިޤްހު ފޮތްފޮތުން ވަރަށް ރަނގަޅަށް ފިލަން އެބަހުރި.
އާދެ! ކޮންމެ އަޅުކަމެއްވެސް އިސްލާމްދީނުގައި ފަރްޟުކުރައްވާފައިވަނީ މުއުމިނުންގެ ފައިދާއަށްޓަކައި. އެކަމަކުން އަޅުގަނޑުމެންނަށް ލިބޭނެ މަންފާއަށްޓަކައި. ފަހަރެއްގައިވެސް ﷲގެ ޙަޟްރަތަށް އެކަމުން އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއް ކުރާނޭތީކީނޫން. ނަމާދުކުރަންޖެހެނީވެސް، އެކަމުގައި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށް އަދި އަޅުގަނޑުމެންގެ މުޖްތަމަޢަށް ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާތީ. "إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ "(العنكبوت 45) "ހަމަކަށަވަރުން ނަމާދަކީ ފާޙިޝް ކަންތައްތަކާއި ނޭދެވޭ ކަންތައްތަކުން އެއްކިބާކުރުވައި، އެކަންތައްތައް ނަހީކުރުވާ ކަމެކޭ." އެއިން އެނގޭ އެއްޗަކީ، ﷲ އަންގަވާފައިވާ ގޮތުގެމަތިން، އެކަލާނގެ ޙަޟްރަތަށް ޚާލިޞްކޮށް ނަމާދުކުރާމީހާއަކީ އެންމެހާ ފާޙިޝް ޢަމަލުތަކުންނާއި މުންކަރާތްތަކުން އެއްކިބާވެގެންވާނެ މީހެކޭ.
ރޯދަ ފަރްޟުކުރައްވާފައިވެސް އަންގަވާފައި އޮންނަނީ، " يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ." (البقرة 183) "އޭ! އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ރޯދަ ފަރްޟުކުރެއްވި ފަދައިން، ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރްޟުކުރައްވައިފިއޭ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައޭ." ރޯދަހިފުމުގެ ބޭނުމަކީ ތަޤްވާވެރިވުން. ތަޤްވާވެރިވުމުގެ ފައިދާ ލިބެނީ، އެ ރޯދަ ހިފާ ބަޔަކަށް. އަޅުގަނޑުމެންނަށް.
ހަމައެފަދައިން، ޒަކާތްދިނުމުންވެސް އެކަމުން ލިބޭ ފައިދާ ލިބެނީ، އެ އަޅުކަން އަދާކުރާ މީހުންނަށާއި، އެމީހުން އެ ހިމެނޭ މުޖްތަމަޢަށްކަން އަޅުގަނޑުމެންނަށް ކީރިތި ޤުރްއާނުގެ އާޔަތްތަކުން އެނގޭ. ﷲ ވަޙީކުރައްވަނީ "خُذْ مِنْ أَمْوَٰلِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا." (التّوبة 103) "ކަލޭގެފާނު އެބައިމީހުންގެ މުދާތަކުން ޞަދަޤާތެއް ނަންގަވާށޭ. އެޞަދަޤާތަކީ އެބައިމީހުންގެ ހިތްތައް ޠާހިރުކުރުވައި، އެބައިމީހުންގެ ނަފްސުތައް މަތިވެރިކުރުވާނެ ކަމެކޭ." އެހެންވީމާ، ޒަކާތްދިނީމާ އެއިން އެ ލިބޭ ފައިދާވެސް ލިބެނީ އަޅުގަނޑުމެންނަށް. އަޅުގަނޑުމެންގެ ނަފްސުތައް އެއިން ޠާހިރުވެގެންދަނީ. އަޅުގަނޑުމެންގެ މުދާތައް ޠާހިރު، ޙަލާލު އެއްޗަކަށް ވެގެންދަނީ. ހަމައެފަދައިން، އަޅުގަނޑުމެންގެ މުޖްތަމަޢަށް، އޭގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރަމުންދަނީ. ޝައްކެއްނެތް، ކޮންމެ މުޖްތަމަޢެއްގައިވެސް ނިކަމެތިންނާއި ފަޤީރުންނާއި، އެމީހުންގެ ޚަރަދުތައް އަމިއްލައަށް ނުކުރެވޭ ފެންވަރުގެ މީހުން ދިރިއުޅޭނެ. އެހެންކަމުން، ޒަކާތްދިނުމުން އެފަދަ މީހުންގެ ބޭނުންތައް ފުއްދައިދިނުމުން، އަޅުގަނޑުމެންނަށް އެ މުޖްތަމަޢަށް، އެ އަޅުކަމުން ލިބޭ ފައިދާ އެކަށީގެންވާ ގޮތެއްގައި ޙާޞިލްވެގެން އެދަނީ.
ޙައްޖަކީވެސް ކުރިންވެސް ދެންނެވިފަދައިން، ކުރިން މިދެންނެވި އަޅުކަންތަކެކޭ އެއްފަދައިން، އޭގެ ފައިދާއާއި މަންފާ ހަމަ އަޅުގަނޑުމެންނަށް ލިބިދެނިވި އަޅުކަމެއް. ﷲ ވަޙީކުރައްވަނީ "وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ. لِّيَشْهَدُوا۟ مَنَـٰفِعَ لَهُمْ وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍ مَّعْلُومَـٰتٍ." (الحجّ 27, 28) "ކަލޭގެފާނު މީސްތަކުންނަށް ޙައްޖުވުމަށް ގޮވާލައްވާށޭ. އެކަން އަންގަވާ އިޢުލާނުކުރައްވާށޭ. އެހެން ހެއްދެވުމުން، އެބައިމީހުން ޙައްޖުވުމަށް އަންނާނޭ. ފައިމަގުގައިވެސް އަންނާނޭ. އަދި އެކިއެކި ސަވާރީތަކުގެ މައްޗަށް ސަވާރުވެގެންވެސް އަންނާނޭ. އެ ސަވާރީތައް އެ އަންނަނީ އެކި ކަންކޮޅުތަކުންނޭ. ކައިރި ތަންތަނާއި ދުރު ތަންތަނުންނޭ. އެ އެންމެން އެ އަންނަނީ އެބައިމީހުންނަށް ﷲ އިރާދަކުރައްވާ މަންފާތަކެއް ދުށުމަށްޓަކައޭ. ﷲ އެބައިމީހުންނަށް މިންވަރުކުރައްވާ ފައިދާތަކެއް ޙާޞިލްކުރުމަށްޓަކައޭ. އަދި ކަނޑައެޅި ބަޔާންވެގެންވާ ދުވަސްތަކެއްގައި ﷲގެ އިސްމުފުޅު ހަނދުމަކުރުމަށްޓަކައޭ." އާދެ، މިއިން އެނގޭ އެއްޗަކީ ޙައްޖުގެ ފައިދާވެސް އޮތީ އަޅުގަނޑުމެންނަށްކަން. އަޅުގަނޑުމެން ޙައްޖު މިވަނީ އެކަމުން އަޅުގަނޑުމެންނަށް މަތިވެރި ރޫޙާނީ ފައިދާތަކެއް ލިބޭތީ. ﷲގެ ވަޖުހުފުޅަށް ޚާލިޞްކޮށް ކުރާ މިފަދަ ބޮޑު އަޅުކަމެއް ކުރުމުން، އޭގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތަކަށް ލިބޭނެ ދިރުމާއި، އަޅުގަނޑުމެންގެ އީމާންކަން ގަދަވެގެންދާނެވަރާއި، އަޅުގަނޑުމެންގެ ރޫޙާނީ ބާރުތައް އިތުރުވެގެންދާނެ މިންވަރު އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ތަޞައްވުރު ކުރެވޭނެ.
އާދެ! އެހެންވީމާ، އަޅުގަނޑުމެން ޤަބޫލުކުރަންވީ ޙަޤީޤަތަކީ، މާތްވެގެންވާ އިސްލާމްދީނުގައި ފަރްޟުކުރައްވާފައިވާ ކޮންމެ އަޅުކަމެއްވެސް ފަރްޟުކުރައްވާފައި އެވަނީ ހަމަ އަޅުގަނޑުމެންގެ ފައިދާއަށްޓަކައިކަން. އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ އަނބިދަރީންނާއި، އަޅުގަނޑުމެންގެ ޤައުމާއި އަޅުގަނޑުމެންގެ މުޖްތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައިކަން.
އާދެ، ތިޔަބޭފުޅުން ތިޔަ ފަށްޓަވަނީ ވަރަށްވެސް މާތް ދަތުރެއް. އެހެންކަމުން، އެ ދަތުރުމަތީގައި އުޅުއްވާއިރު، ބައެއް ކަންތައްތަކަށް ސަމާލުވެވަޑައިގަތުމަކީ، މި ފުރުޞަތުގައި އަޅުގަނޑު އެދޭ ވަރަށްބޮޑު އެދުމެއް. އެންމެ ފުރަތަމަ ކަމަކީ، ތިޔަ ހުރިހާ ބޭފުޅުންވެސް ދަތުރުމަތީގަޔާއި، ޙައްޖުގެ އަދި ޢުމްރާގެ ކަންތައްތައް އަދާކުރެއްވުމުގައި، އެ ތަންތާނގައި އުޅުއްވާ ވަގުތުގައި ދިމާވާ ދަތިތަކަށް ކެތްކުރެއްވުން. ދަތުރަކީ ވަރަށް ދިގު ދަތުރެއް. ވަރަށްގިނަ ބަޔަކު އެއްފަހަރާ ދަތުރުގައި މިދަނީ. ބޭރު ޤައުމަކަށް ދަނީ. އެ ތަންތާނގައި ކަންތައް ހުންނާނީކީ އަޅުގަނޑުމެންގެ އަމިއްލަ ޤައުމުގައި ކަންތައްތައް ހުންނަގޮތަކަށެއް ނޫން. އެހެންކަމުން، ވަރަށްގިނަ ތަފާތު ދަތިތަކާ ތިޔަބޭފުޅުން ކުރިމަތިފުޅުލައްވަން ޖެހިވަޑައިގަންނަވާނެ.
އާދެ! އެއީ، ދަތުރަކީ އަދި ކިތަންމެ އަރާމުގޮތަކަށް ކުރެވޭ ދަތުރެއް ކަމުގައިވިޔަސް، މި ދެންނެވީ މި ޒަމާނުގައި މަތިންދާބޯޓުން ދަތުރުކުރެވުނު ކަމުގައިވިޔަސް، އޭގައި ވަރަށްގިނަ ދަތިތަކެއް އެކުލެވިގެންވާ ކަމެއް އެއީ. މާކުރިން އެކަން އަޅުގަނޑުމެންނަށް ކީރިތި ރަސޫލާވަނީ އަންގަވައިދެއްވާފައި. އެކަލޭގެފާނު ޙަދީޡްކުރައްވަނީ "السفر قطعة من العذاب". "ދަތުރަކީ ވޭންދެނިވި ކަންތައްތަކުގެ ތެރެއިންވާ ކަމެކޭ." އެއީ، ކިތަންމެ އަރާމު ކަމެއް ކަމުގައި އަޅުގަނޑުމެންގެ ހިތަށް ތަޞައްވުރު ކުރެވުނަސް، އެކަމުގެ ތެރޭގައި ވޭންދެނިވި ކަންތައްތަކެއް ހިމެނިގެންވާނެ. ކޮންމެ ޒަމާނެއްގައިވެސް، ކޮންމެ ތަނެއްގައިވެސް. ޚާއްޞަކޮށް، މިފަދަ ދަތުރެއްގައި އެކަހަލަ ވަރަށްގިނަ ކަންތައްތަކާ ކުރިމަތިލާންޖެހޭނެ. އެހެންވީމާ، އެކަންކަމަށް ކެތްކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް. ތިޔަބޭފުޅުން ތިޔަ ވަޑައިގަންނަވާ މަޤްޞަދުގެ މާތްކަން ހިތްޕުޅަށް ގެންނަވައިގެން، ދަތުރުމަތީގަޔާއި އަދި އެތާނގައި އުޅުއްވާއިރު ދިމާވާ އެކަހަލަ ކުދިކުދި ކަންތައްތަކަށް ކެތްކުރައްވައި، ﷲ ތިޔަބޭފުޅުންނަށް ތިޔަ ދެއްވި މަތިވެތި ނަޞީބުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭނެ.
ހަމަ އެއާއެކީގައި، ދަންނަވާލަންޖެހެނީ، ތިޔަބޭފުޅުން، އެއްބޭފުޅަކު އަނެއްބޭފުޅަކަށް ވަރަށް ބޮޑަށް އެހީތެރިވެވަޑައިގެން ދެއްވަންޖެހޭނޭ. އެއީ، އަޅުގަނޑުމެންގެ މިފަދަ ބަރަކާތްތެރި ދަތުރެއްގައި ވަރަށް ތަފާތު ޢުމުރުތަކުގެ މީހުން ހިމެނޭ. ބަލިމީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި ވާނެ. ބަލިކަށިމީހުންވެސް ވާނެ. އެހެންކަމުން، މާތްވެގެންވާ އިސްލާމްދީނުގައި ހިމެނިފައިވާ އުޚުއްވަތްތެރިކަމުގެ މަތިވެރި ރޫޙާ އެއްގޮތްވާ ގޮތުގެމަތިން، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް އެހެން މީހުންނަށް އެހީތެރިވެދެވޭތޯ ބަލަންވާނެ. އެހީތެރިވެދިނުމަކީ ވަކިމީހަކު ކުރަންޖެހޭނެ ކަމެއްނޫން. އެއީ، އެންމެންވެސް ކުރަންޖެހޭނެ ކަމެއް. ﷲ ވަޙީކުރައްވަނީ "وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ." (المائدة 2) "ތިޔަބައިމީހުން ހެޔޮކަންތައް ކުރުމުގަޔާއި ތަޤްވާވެރިވުމުގައި އެކަކު އަނެކަކާ އެހީތެރިވާށޭ." ޝައްކެއްނެތް، ޙައްޖަކީ ހެޔޮކަންތައްތަކުގެ ތެރެއިން ހިމެނޭ، ވަރަށް މާތް ކަމެއް. ހަމައެފަދައިން، ތަޤްވާވެރިވުމަށް ކުރެވޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ، ވަރަށް މަތިވެރި ކަމެއް. އެހެންކަމުން، ޙައްޖާއި ޢުމްރާގެ ކަންތައްތަކުގެ ތެރޭގައި އުޅުމުގައި، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުވުމަކީ، ﷲ އަންގަވާފައިވާ އެންގެވުމެއްގެ މަތިން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.
އަޅުގަނޑުމެންނަކީ އަޚުން. އަޚުންނާއި އުޚްތުން. އެއްބަނޑުއެއްބަފާ ބައެއް. އެހެންވީމާ، ކޮންމެ މީހަކުވެސް ތިމާގެ މި ދަތުރުގެ އެކުވެރިޔާއަށް ވަރަށް ޚާއްޞަގޮތެއް ބަހައްޓައި، ރަޙްމަތްތެރިކަން ބަދަހިކޮށް، އިޙްސާންތެރިވެ، އޯގާތެރިވެ، އެހެން މީހުންނަށް އެހީތެރިވެވޭތޯ ބަލަންޖެހޭނެ.
ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، އަޅުގަނޑުމެންނަކީ ދިވެހިންކަން އަޅުގަނޑުމެން ހަނދާންކުރަންވާނެއޭ. އަޅުގަނޑުމެންގެ ޤައުމަށް އެއްވެސްކަހަލަ ނޭދެވޭ ނަމެއް ލިބޭކަހަލަ ކަމެއް އަޅުގަނޑުމެންގެ ތެރެއިން، އެކެއްގެ ފަރާތުންވެސް ވެގެނެއްނުވާނޭ. އަޅުގަނޑުމެން މިދަނީ ބޭރުދުނިޔޭގެ ވަރަށްގިނަ ބަޔަކު އެއްވެއުޅޭ ތަނަކަށް. އެތަންތަނަށް، އިސްލާމީ ހުރިހާ ޤައުމަކުންވެސް މީހުންގޮސް ތިބޭނެ. އެ އެންމެންގެ ތެރޭގައި، އަޅުގަނޑުމެންނަކީ ދިވެހިން ކަމަށްވާއިރު، އަޅުގަނޑުމެން އުޅޭއުޅުމުގައި ދިވެހިރާއްޖެއަށް އެއްވެސްކަހަލަ ހުތުރުނަމެއް ލިބޭކަހަލަ ގޮތަކަށް، އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ޢަމަލުކޮށްގެނެއް ނުވާނެ. އެގޮތަށް ޢަމަލުކުރުމަކީ، ޝައްކެއްނެތްގޮތުގައި ވާނީ ވަރަށްދެރަ ކަމަކަށް.
އާދެ! މިވާހަކަ ދަންނަވާލަން މިޖެހެނީ، ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤާނޫނުތަކަކާއި ޤަވާޢިދުތަކެއް ވާނެ. އެ ޤާނޫނުތަކާއި ޤަވާއިދުތައް، އެއްޤައުމުން އަނެއް ޤައުމަށް ތަފާތުވެދާނެ. ރާއްޖޭގައި ކަންތައް ހުންނަގޮތަކަށް ނޫން، އެތާނގެ ކަންތައް ހުންނާނީކީ. އެހެންވީމާ، އަޅުގަނޑުމެން ދަތުރުފަތުރުކޮށް އުޅޭއިރު، ޤަވާޢިދުން ހުއްދަވާ ކަންތައްތައް ނޫން އެހެން ކަމެއް ކުރަން އުޅެފިނަމަ، އެއީ ވަރަށްދެރަ ކަމަކަށް ވާނެ. އެކަމުގެ ސަބަބުން އެމީހަކަށް އެ ލިބޭ ދެރައިގެ އިތުރަށް، އަޅުގަނޑުމެންގެ ޤައުމަށްވެސް އެކަމުގެ ދެރަ ނަން ލިބޭނެ.
އާދެ! ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ކަމަކީ، ޙައްޖުގެ އަޅުކަމަކީ ވަރަށްގިނަ ވަގުތު، ދުޢާކުރުމުގައި ވަގުތު ހޭދަކުރަން ލިބޭ އަޅުކަމެކޭ. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތެރެއިން ޙައްޖަށްދާ މީހުން ޙައްޖަށްގޮސް އެތާނގައި ގާތްގަނޑަކަށް މަހެއްހާ ދުވަސް ހޭދަކުރާއިރު، ޙަރަމްފުޅުތެރޭގައި ނަމާދުކުރުމުގެ ވަރަށްގިނަ ފުރުޞަތު ލިބޭނެ. ޠަވާފްކުރުމުގެ ވަރަށްގިނަ ފުރުޞަތު ލިބޭނެ. އަދި މަދީނާއަށްގޮސް المسجد النّبوى ގައި ނަމާދުކުރުމުގެ ފުރުޞަތުވެސް ލިބޭނެ. ކީރިތި ރަސޫލާގެ ޤަބުރުފުޅަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބޭނެ. އަދި ޙައްޖުގެ އަޅުކަމުގެތެރޭގައި، ޞަފާއާއި މަރުވާއާ ދޭތެރޭގައި ހިނގުމާއި އަދި ޖަމްރާތަކަށް ހިލަ އުކުމާއި، މުޛްދަލިފާގައި ރޭކުރުމާއި، މިނާގައި ރޭކުރުމާ، މިހުރިހާ ކަންތައްތައް ކުރުމުގެ ފުރުޞަތުވެސް ލިބޭނެ. މިއިން ކޮންމެ ކަމަކީ އެކަންތައްތައް ކުރަމުން ގެންދާއިރު، އަޅުގަނޑުމެންގެ ހިތްނިޔަތް ޚާލިޞްކޮށްގެން، ފާފަފުއްސެވުމަށާއި ރަޙްމަތަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާކުރުމަށް ލިބޭ ވަރަށްވެސް އަގުހުރި ފުރުޞަތެއް. އެހެންވީމާ، އެ ފުރުޞަތުތަކުގެ ބޭނުން އެދެވޭގޮތުގައި ކުރައްވަންވާނެ.
އާދެ! އަޅުގަނޑު މި ދަންނަވަނީ ވަކި ޚާއްޞަ ދުޢާއެއް، ވަކި ތަނެއްގައި ވިދާޅުވުން ލާޒިމެކޭނޫން. އާދެ، އެކިއެކި މައުޤިފްތަކުގައި ކުރަން ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ދުޢާތައް ލިޔެވިފައި ހުންނަ ފޮތްފޮތް އަޅުގަނޑުމެންގެ ތެރޭގައިވެސް އެބަހުރޭ. އެހެންކަމުން، އެ ފޮތްފޮތުގައި އެވާ މިންވަރަށް، އެމީހަކަށް ކުޅދާނަވީ މިންވަރަކަށް، އެ ދުޢާތައް ކުރުން އެއީ އެދެވިގެންވާ ކަމެއް. އެހެންނަމަވެސް، ހުރިހާ ދުޢާ އެއްފަހަރާ ކުރާކަށް ނުޖެހޭނެ. ނުވަތަ ހުރިހާ އެއްޗެއް އެއްފަހަރަކާ ކިޔާކަށެއް ނުޖެހޭނެ. އެމީހަކަށް އެކަން ކުޅަދާނަވީ މިންވަރަކުން ކުރަންވާނީ. ހިތްނިޔަތް ޚާލިޞްކޮށްގެން، ދެދުނިޔޭގެ ބާއްޖަވެރިކަމަށް އެދި ދުޢާކުރުމަކީ، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމުގައި ވަރަށް ފަސޭހައިން އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. އަޅުގަނޑުމެންގެ ކަންތައްތައް އިޞްލާޙުވުމަށް، އަޅުގަނޑުމެންގެ އަމިއްލަ ޙަޔާތުގެ ހުރިހާ ކަމެއްވެސް ރަނގަޅުގޮތަކަށް ގެންދިޔުމުގެ ތައުފީޤު ދެއްވުމަށް އެދި ދުޢާކުރުމަކީ އޮތް ކަމެއް. ދުނިޔޭގެ ހެވަށާއި، އާޚިރަތުގެ ހެވަށް އެދިގެން ދުޢާކުރުމަކީ އޮތް ކަމެއް. ފާފަފުއްސެވުމަށް ދުޢާކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. އަދި އަޅުގަނޑުމެންގެ އުޅުމާއި އަޚްލާޤު އިޞްލާޙުކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން އެދި ދުޢާކުރުމަކީ، ހަމަ އެހާމެ ބޭނުންތެރި ކަމެއް. އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށާއި، އަޅުގަނޑުމެންގެ އަނބިދަރިންނަށާއި، މައިންބަފައިންނަށާއި، ރަޙްމަތްތެރިންނަށާއި، އެކުވެރިންނަށް ހެޔޮގޮތްތައް ﷲ މިންވަރުކުރެއްވުން އެދި ދުޢާކުރުމުގެ އިތުރަށް، އަޅުގަނޑުމެންގެ ޤައުމަށްވެސް އަޅުގަނޑުމެން ދުޢާކުރަންވާނެ. އާދެ، ދުޢާއަކީ ވަރަށް މާތް އަޅުކަމެއް. ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ "الدّعاء سلاح المؤمن." "ދުޢާކުރުމަކީ، މުއުމިންމީހާގެ ހަތިޔާރޭ." އެއީ ވަރަށް މުހިންމު ހަތިޔާރެއް. އެ ހަތިޔާރުގެ ބޭނުން އަޅުގަނޑުމެން ކުރަންޖެހޭނީ، އެ ހަތިޔާރުގެ ބޭނުންކުރުމަށް އަންގަވާފައިވާ ގޮތުގެ މަތިން. އެގޮތުގެމަތިން އަޅުގަނޑުމެން ކުރާ ދުޢާއަކީ ﷲ އިޖާބަ ކުރައްވާނެ ދުޢާއެއް ކަމުގައި އަޅުގަނޑުމެން ޔަޤީންކޮށްގެން ދުޢާކުރަންވާނީ.
އާދެ، އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުމެން ކުރާ ދުޢާތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ޤައުމަށްވެސް، ޤައުމަށް ހެޔޮގޮތްތައް މެދުވެރިކޮށްދެއްވުން އެދިވެސް އަޅުގަނޑުމެން ދުޢާކުރަންވާނޭ. އާދެ، ދިވެހިރާއްޖެއަކީ ސަތޭކައިންސަތޭކަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިވެފައި އޮތުމަށާއި، ރާއްޖޭގެ ރައްޔިތުންގެމެދުގައި ހަމަޖެހުމާއި އަމަންއަމާންކަމާއި މަޞްލަޙަތު ދެމެހެއްޓިފައި އޮތުމަށާއި، ރާއްޖެއަށް ތިޔާގިކަން ﷲ މިންވަރުކުރެއްވުމަށާއި، ހުރިހާ މަގަކުންވެސް ކުރިއަށްދިޔުމުގެ ތައުފީޤު، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ދެއްވުމަށް މި ފުރުޞަތުގައި ތިޔަބޭފުޅުން ދުޢާކޮށްދެއްވުމަކީ، ވަރަށްވެސް ބޭނުންތެރި ކަމެއް.
އާދެ! އަޅުގަނޑުހިތުން މިހާރުވެސް އަޅުގަނޑު ދައްކަމުން އައި ވާހަކަ ތަންކޮޅެއް ދިގުވެގެން ހިނގައްޖެ. އެހެންނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި، މިކަހަލަ ވާހަކަކޮޅެއް ދައްކާލުމަށް މިއީ އެކަށީގެންވާ ފުރުޞަތަކަށްވާތީ، އެވާހަކަކޮޅު އަޅުގަނޑު މި ދައްކާލީ.
އަޅުގަނޑު އެދެނީ ތިޔަ ހުރިހާ ބޭފުޅުންނަށް، ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ވަރަށް ނިޔާމަ ދަތުރުފުޅަކަށް. ސަލާމަތް ދަތުރުފުޅަކަށް. އަދި، އެ ސަލާމަތް ދަތުރުފުޅުގެ ތެރޭގައި، ޙައްޖާއި ޢުމްރާގެ އަޅުކަން އެންމެ ފުރިހަމަގޮތުގައި އަދާކުރެއްވުމުގެ މަގު اللهُ سُبْحَانَهُ وَتَعَالَى ތިޔަ ހުރިހާ އަޚުންނާއި އުޚްތުންނަށް ފަހިކޮށްދެއްވުމަށް. އަދި އެކަންތައްތައް އެންމެ އެދެވޭ، އެންމެ ފުރިހަމަގޮތުގައި އަދާކުރެއްވުމަށްފަހު، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތާއެކީގައި ރާއްޖެ ވަޑައިގެން، އަޅުގަނޑުމެންނާ ބައްދަލުކުރެއްވުމުގެ އުފާ، ﷲ ތިޔަބޭފުޅުންނަށާއި އަޅުގަނޑުމެންނަށް މެދުވެރިކުރެއްވުމަށް. އާދެ، اللهُ سُبْحَانَهُ وَتَعَالَى މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ހިފެހެއްޓުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށި! އެކަލާނގެ ރުއްސަވާވޮޑިގެންވާ މަގުގައި ހިނގުމުގެ މަގު އަޅުގަނޑުމެންނަށް ތަނަވަސްކޮށްދެއްވާށި! ދުނިޔޭގެވެސް ހެޔޮކަން އަދި އާޚިރަތުގެވެސް ހެޔޮކަން އަޅުގަނޑުމެން އެންމެންނަށް މިންވަރުކުރައްވާށި!
والسّـلام عليـكم ورحـمة اللّـه وبـركاتـه.