بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيِّدنا محمّد وعلـى آلـه وَصَحْبِـهِ أجمـعـين.

މިއަދަކީ، ދިވެހިރާއްޖޭގެ މިނިވަންދުވަސް. އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި ސިޔާދަތު އަޅުގަނޑުމެންނަށް ފުރިހަމައަށް ލިބުނުތާ 28 އަހަރު ފުރޭ ދުވަސް. އެހެންކަމާއެކު، މިއަދުގެ މިއުފާވެރި މުނާސަބަތުގައި އާދެ، އަޅުގަނޑުމެންގެ ފުރިހަމަ މިނިވަންކަމަށް 28 އަހަރުފުރި، 29 ވަނަ އަހަރަކާ ކުރިމަތިލާހިނދު، އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބެއްކަމަށް ދެކެނީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މިނިވަންދުވަހުގެ މުނާސަބަތުގައި އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރި ލޯތްބާއެކީގައި ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުން.

ޝައްކެއްނެތް، މިނިވަންދުވަހަކީ ކޮންމެ ޤައުމެއްގައިވެސް ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރާ ދުވަހެއް. އަދި ފާހަގަކުރަންޖެހޭނެވެސް ދުވަހެއް. އަޅުގަނޑުމެންގެ ރާއްޖެވެސް، ކޮންމެވެސްވަރަކަށް ބޭރުގެ އަޅުވެތިކަމުގެ ދަށުގައި އަހަރުތަކެއް ހޭދަކުރުމަށްފަހުގައި، 1965 ވަނަ އަހަރު އަޅުގަނޑުމެންނަށް ވަނީ، ފުރިހަމަ ސިޔާސީ މިނިވަންކަމުގެ ނިޢްމަތް اللهُ سُبْحَانَهُ وَتَعَالَى މެދުވެރިކޮށްދެއްވާފައި. އެހެންކަމުން، މިފަދަ ކޮންމެ މުނާސަބަތެއްގައިވެސް އަޅުގަނޑުމެން އެފަރާތަކަށް ޙަމްދާއި ޝުކުރުކުރަންވީ ފަރާތަކީ، މަތިވެރި މާތް ﷲ. އެކަލާނގެ މަތިވެރި ނިޢްމަތާއި ރަޙްމަތުން އަޅުގަނޑުމެންނަށް މިނިވަންކަން ލިބިފައި މިވަނީ. އަޅުގަނޑުމެންގެ ސިޔާދަތު އަޅުގަނޑުމެންނާ ހަމައަށް ވާޞިލްވެފައި މިވަނީ. މިނިވަންކަމުގެ ހިޔާވަހިކަމުގައި ތިބެގެން، ތަރައްޤީގެ މަގުގައި ކުރިޔަށްދިޔުމުގެ ފިޔަވަޅުތަކެއް އެޅުމުގެ ތައުފީޤާއި ނަޞީބު އަޅުގަނޑުމެންނަށް ލިބިފައި މިވަނީ. އެހެންކަމުން، މިއަދުގެ މުނާސަބަތުގައިވެސް، އަދި އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ނިޢްމަތަކާއި، ކޮންމެ އުފާވެރިކަމެއްގެ މުނާސަބަތުގައިވެސް، އަދި އަޅުގަނޑުމެންގެ ޙަޔާތުގެ ކޮންމެ ދުވަހަކުވެސް، ކޮންމެ ރެޔަކުވެސް، ކޮންމެ ހިނދުކޮޅެއްގައިވެސް، އެފަރާތަކަށް އަބަދުވެސް އަޅުގަނޑުމެން ޙަމްދާއި ޝުކުރު އަދާކުރަންޖެހޭ ފަރާތަށް އާދެ، اللهُ سُبْحَانَهُ وَتَعَالَىގެ މާތް ޙަޟްރަތަށް، މިއަދުގެ މުނާސަބަތުގައިވެސް އަޅުގަނޑު ޙަމްދާއި ޝުކުރު އަދާކުރަން.

އާދެ، މިއަދަކީ ރާއްޖޭގެ މިނިވަންދުވަސް ކަމަށްވީހިނދު، މި އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ފާހަގަކުރެވެމުންދާ އަހަރު ކަމަށްވެސްވާތީ، މިއަދު އަޅުގަނޑުމެން މިބައިވެރިވާ އުފާވެރި ޙަފްލާއަކީ، އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގޭ، ފަންނީ ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ވަރަށް މުހިންމު މަޝްރޫޢެއްގެ ބިންގާ އެޅުމުގެ އުފާވެރި ޙަފްލާ. އާދެ، މި މުނާސަބަތުގައި އިންޑިޔާ ސަރުކާރަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެހެންމެ، އަޅުގަނޑުމެންގެ މިނިވަންދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް، އަދި ޚާއްޞަކޮށް، މިއަދު އެ ޢިމާރާތެއްގެ ބިންގާ އަޅައިދިނުމުގެ އުފަލާއި ޝަރަފް އަޅުގަނޑަށް ލިބިގެން މިދިޔަ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިޔުކޭޝަންގެ ޢިމާރާތުގެ ބިންގާ އެޅުމުގެ މި ކުލަގަދަ އުފާވެރި ޙަފްލާގައި ބައިވެރިވެވަޑައިގެން ދެއްވުމަށް މާލެ ވަޑައިގެންނެވި، އިންޑިޔާގެ ޢިއްޒަތްތެރި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް މިސްޓަރ ސަލްމާން ޚޫރްޝީދަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު މަރްޙަބާ ދަންނަވަން.

އާދެ، އެ މަނިކުފާނުގެ މި ޒިޔާރަތަކީ، ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ގުޅުން ތަމްސީލުކޮށްދޭ، ވަރަށް މުހިންމު ޒިޔާރަތެއް. އެމަނިކުފާނަކީ، މިވަގުތު އިންޑިޔާގެ ޚާރިޖީ ކަންތައްތަކާބެހޭ ވުޒާރާގެ ވަރަށް އިސްވެރިއެއް. އޭނާ ވަރަށް އަވަދިނެތިކޮށް އުޅުއްވަމުންވެސް، ދެތިންދުވަސް ހޯއްދަވައިގެން މިމުނާސަބަތުގައި އަޅުގަނޑުމެންނާއެކުގައި ރާއްޖޭގެ މިނިވަންދުވަހާބެހޭ އެކިކަންކަމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ވަޑައިގެންނެވިކަމީ، އޭނާގެ ހިތްޕުޅުގައި ދިވެހިރާއްޖެއާއި، ދިވެހި ރައްޔިތުންނާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަން ދައްކައިދޭ ކަމެއް. ހަމައެހެންމެ، އޭނާ އެ ތަމްސީލުކުރައްވާ އިންޑިޔާ ސަރުކާރުގެ ހެޔޮއެދުމާއި، އެސަރުކާރުން އަޅުގަނޑުމެންގެ ރާއްޖެއަށް ބަހައްޓަވާ ގާތްކަން ހާމަކޮށްދޭ ރަމްޒެއް.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، މިސްޓަރ ސަލްމާން ޚޫރްޝީދަކީ، އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ވަރަށް އިސްވެރިއެއް. އަދި އޭނާގެ ބައްޕައަކީ، އަޅުގަނޑުމެންގެ ރާއްޖެއާމެދު ވަރަށް ޚާއްޞަ ރަޙްމަތްތެރިކަމެއް ބަހައްޓަވަމުން ގެންދަވާ، އަދި ރާއްޖެއަށް ކުރިން ޒިޔާރަތްވެސް ކުރައްވާފައިވާ ބޭފުޅެއް. އިންޑިޔާގެ ކެބިނެޓް މެންބަރެއްގެ ގޮތުގައި، ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ޚިދްމަތްތެރިއެއް. އެހެންކަމުން، އޭނާގެ ދަރިކަލުން މެދުވެރިކޮށް، އޭނާގެ ބައްޕައަށްވެސް އަޅުގަނޑުމެންގެ ހެޔޮއެދުންތައް، އާދެ، އަޅުގަނޑާއި، ދިވެހި ސަރުކާރާއި، އަދި ރައްޔިތުންގެ ހެޔޮއެދުންތައް ފޮނުވުމަށް މި ފުރްޞަތުގެ ބޭނުންކުރަން.

އާދެ، މިއަދު މި ބިންގާއެޅުނު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިޔުކޭޝަންގެ ޢިމާރާތުގެ މުހިންމުކަމުގެ ވާހަކަ، މާދިގުކޮށް އަޅުގަނޑު ދައްކާކަށް ނުޖެހޭނެ. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން އެވާޖިބު އަދާކުރައްވައިފި. ވީ.ޓީ.ސީ.ގެ ޑިރެކްޓަރުގެ ވާހަކަފުޅުގައިވެސް، މިހާރު ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުން ކުރަމުންގެންދާ ކަންތައްތައް އާދެ، ދިވެހިޤައުމަށް ކޮށްދެމުން ގެންދާ ޚިދްމަތްތައް، ތަރައްޤީވަމުން އަންނަ ރާއްޖެއަށް، އެކި ރޮނގުރޮނގުން ބޭނުންވާ ހުނަރުވެރިން ތަމްރީނުކުރުމުގެ ކަންތައްތައް ގެންދަވާގޮތް، ކިތަންމެ ފުރިހަމައެއްކޮށްވެސް ހާމަކޮށްދެއްވައިފި. ހަމައެފަދައިން، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައިވެސް އެވާހަކަ އިތުރަށް އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވައިފި. އަދި އިންޑިޔާގެ ޢިއްޒަތްތެރި މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ފަންނީ ރޮނގުރޮނގުން މީހުން ތަމްރީނުކުރުމުގެ މުހިންމުކަމުގެ މައްޗަށްވަނީ ބައްލަވައިލައްވާފައި.

އާދެ، އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީގެ މައިދާނުގައި އެއްދުވަހުން އަނެއްދުވަހަށް ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުންދާއިރު، މީހުން ބިނާކުރުމަކީ، އަޅުގަނޑުމެން ވަރަށް އިސްކަންދޭން ޖެހިފައިވާ ކަމެކޭ. އާދެ، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީވާނީ، އެ ތަރައްޤީޤެ ފަހަތުގައި، އެތަރައްޤީ ކުރިއަށްގެންދަން މަސައްކަތްކުރާނެ ޤާބިލް ބައެއް ތިބެގެން. އެފަދަ ޤާބިލް މީހުން އުފެއްދުމަކީ ނުވަތަ ތައްޔާރުކުރުމަކީ، ދިވެހި ސަރުކާރުގެވެސް ވާޖިބެއް. ދިވެހި ރައްޔިތުންގެވެސް ވާޖިބެއް. ރާއްޖޭގައި މިހާރު ހިނގަމުންދާ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރ ނުވަތަ ވީ.ޓީ.ސީ. ހިންގަމުން ގެންދިޔުން އެއީ، އެ މަތިވެރި ވާޖިބު އަދާކުރެވޭތޯ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެއް. އެތަނުން ތަފާތު ރޮނގުރޮނގުން އަޅުގަނޑުމެންގެ ޒުވާނުން އާދެ، އަންހެންކުދިންނާއި ފިރިހެންކުދިން ތަމްރީނުކުރަމުން އެބަގެންދޭ. އަޅުގަނޑުމެންނަށް ތަރައްޤީގެ ރޮނގުގައި ބޭނުންވެފައިވާ ވަރަށްގިނަ ދާއިރާތަކެއްގައި، އެތަނުން ތަމްރީނު ޙާޞިލްކޮށްގެން ނުކުމެފައިވާ މީހުން މިހާރުދަނީ، އެމީހުންގެ ވާޖިބު ވަރަށް ފުރިހަމައަށް އަދާކުރަމުން. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، އެތައްސަތޭކަ މީހުންނެއްވަނީ މިހާރު އެ މަރްކަޒުން ތަމްރީނުކޮށްގެން، ޢަމަލީ މައިދާނަށް ނެރެދީފައި. އަދި އެމީހުންގެ ޚިދްމަތް ވަރަށް އެކަށީގެންވާ ގޮތުގައި އަޅުގަނޑުމެންގެ ތަރައްޤީއަށް ދަނީ ލިބެމުން. އެހެންނަމަވެސް، މިކަމަކީ އަދި މިހާތަނަށް އަޅުގަނޑުމެންނަށް ހިތްހަމަޖައްސައިލެވެން އޮތް ކަމެއްނޫން.

އަޅުގަނޑުމެންގެ ރާއްޖޭގައި، މިހާރު މާލޭގައި ހުރި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރާއި، އަދި ރާއްޖެތެރޭގައި ހިނގަމުންދާ އާރު.ވައި.ވީ.ޓީ.ސީ.ތަކާ، މި ތަންތަނުން ތަމްރީނުކުރެވޭ ކުދިންނަކީ، އަޅުގަނޑުމެން ތަރައްޤީގެ މަގުގައި ދަތުރުކުރަން ބޭނުންވާ ހަލުވިކަމާއެކު، އެކަމުގައި ބައިވެރިވެވޭވަރަށްވުރެ މާ މަދު ޢަދަދެއްގެ ބައެއް. މިހާރު ވީ.ޓީ.ސީ.ގައި ތަމްރީނުވަމުންދަނީ، 111 މީހުން ކަމުގައި ނުވަތަ ކުދިން ކަމުގައި އަޅުގަނޑުމެންނަށް ދެންމެ އިވިގެން ހިނގައްޖެ. އެވަރު އެއީ އަޅުގަނޑުމެންނަށް އަހަރަކު ތަމްރީނުކުރަން ބޭނުންވާ ވަރަށްވުރެ މާ މަދު ޢަދަދެއް. އެހެންކަމުން، އިރާދަކުރެއްވިއްޔާ މިއަދު މި ބިންގާއެޅުނު ޢިމާރާތް ފުރިހަމަވުމާއެކީގައި، އެތަނުން ފަންނީ އެކިއެކި ރޮނގުރޮނގުން ތަމްރީނުވަމުންދާނެ ކުދިންގެ ޢަދަދު ދެގުނައަށް އިތުރުވެގެންދާނެ. އާދެ، އަޅުގަނޑަށް ލިބިފައިވާ މަޢްލޫމާތުގައިވާ ގޮތުން، އޭރުން 224 މީހުންނަށް އެއްފަހަރާ އެތަނުން އެކިއެކި ފަންނީ ރޮނގުރޮނގުން ތަމްރީނުވުމުގެ ފުރްޞަތު ލިބޭނެ.

އާދެ، ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރަކީ، 1975 ވަނަ އަހަރު ދިވެހި ސަރުކާރުން ރާއްޖޭގައި އާދެ، ރާއްޖޭގެ ވެރިކަންކުރާ ރަށް މާލޭގައި، ޤާއިމުކުރެއްވި މަރްކަޒެއް. އެ މަރްކަޒު ޤާއިމުކުރުމުގައި ބޭރުގެ ދެފަރާތެއްގެ ވަރަށްބޮޑު އެހީއެއްވަނީ ލިބިފައި. އެއީ، އައި.އެލް.އޯ.އާއި، ޔޫ.އެން.ޑީ.ޕީ.ގެ އެހީ. އޭރު މަރްކަޒު އުފެއްދުނީ، ހަމައެކަނި އޭރުގެ ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށްޓަކައި. އެހެންނަމަވެސް، އެހާކުޑަގޮތަކަށް އުފެދުނު ތަނެއްކަމުގައިވިޔަސް، އެތަނުން މިހާރު ކޮށްދެމުންގެންދާ ޚިދްމަތަކީ، ހަމައެކަނި އަޅުގަނޑުމެންގެ މިހާރުގެ އެމް.އީ.ބީ. ނުވަތަ މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑަށް ބޭނުންވާ މީހުން ތަމްރީނުކުރުމެއް ނޫން. ތަފާތު ރޮނގުރޮނގުން ރާއްޖެ ކުރިއަށްދާއިރު، ރާއްޖޭގައި އެކަންކަމުގެ މަޢްލޫމާތާއި ތަޖްރިބާ އަދި ހުނަރުވެރިކަން ލިބިފައިވާ މީހުން ތިބެންޖެހިފައިވާތީ، އެ ރޮނގުރޮނގުން ތަމްރީނުކޮށްދިނުން ވަނީ މި މަރްކަޒުގެ ކިޔަވައިދޭ ޕްރޮގްރާމްތަކުގެ ތެރެއަށް އިތުރުކުރެވިފައި.

1982 ވަނަ އަހަރު ވީ.ޓީ.ސީ. ވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ޙަވާލުކުރެވިފައި. އާދެ، އެއީ ކުރިންވެސް ދެންނެވިފަދައިން، މީހުން ބިނާކުރުމުގެ މުހިންމުކަން ބޮޑުކަމުން، ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން. އެއަށްފަހުގައި، ވީ.ޓީ.ސީ.އަށް އިތުރު ތަރައްޤީތައްވަނީ ލިބިފައި. ވީ.ޓީ.ސީ.ގެ ދާއިރާ ފުޅާވެ، އެތާނގައި ކިޔަވައިދޭ ކޯސްތައް އިތުރުވެ، އެތަނުން ތަމްރީނުވެގެން ނުކުންނަ ކުދިންގެ، ނުވަތަ މީހުންގެ ޢަދަދުވެސްވަނީ އެއްއަހަރުން އަނެއްއަހަރަށް އިތުރުވެގެން ގޮސްފައި.

އާދެ، މިވަގުތު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ އެންމެބޮޑު އެއް މައްސަލައަކީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގިނަވަމުންދިޔުމުގެ މައްސަލަ. ތަފާތު ޖަލްސާތަކުގައި މި ވާހަކަ ދެކެވޭ. އަދި މިކަމަކީ، ސަރުކާރުގެ ދާއިރާތަކުގައިވެސް ވަރަށްބޮޑަށް ބަޙުޘް ކުރެވެމުންދާ ކަމެއް. އަދި މިކަމަކީ އަޅުގަނޑު ހިތުން ޢާންމު ރައްޔިތުންވެސް ވަރަށްބޮޑަށް ޚިޔާލުކުރައްވާ ކަމެއް. އެކަން މިއަދު ގޮސްފައި އެވާ ހިސާބަށް ގޮސްފައިވުމުގެ އެންމެ މުހިންމު އެއްސަބަބަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި ތަފާތު ފަންނުތަކުގެ މީހުން ތަމްރީނު ކުރެވިފައިވާލެއް މަދުކަން. އެކި ރޮނގުރޮނގުން އަޅުގަނޑުމެންގެ ތަރައްޤީއަށް ބޭނުންވާ، އެކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ ހުނަރުވެރިކަމާއި، ޤާބިލްކަން ލިބިފައި ތިބި މީހުންގެ ޢަދަދު މަދުކަން. އެހެންކަމުން، އަޅުގަނޑު ހިތުން ރާއްޖޭގައި ބިދޭސީންގެ ފަނަރަވަރަކަށްހާސް ނުވަތަ ސޯޅަވަރަކަށްހާސް މީހުން މިހާރުވެސް މަސައްކަތް ކުރަމުންގެންދާނެ. އާދެ، މިނިސްޓަރ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނަށް، އެ ޢަދަދުތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ކޮންމެއަކަސް، އޭގެތެރެއިން ބޮޑުބަޔަކީ، އަޅުގަނޑުމެންގެ ރާއްޖެއިން އެފަދަ މީހުން ނެތިގެން، އަޅުގަނޑުމެންގެ ރާއްޖެއަށް އެތެރެކުރަން ޖެހިފައިވާ ބައެއް. އެހެންކަމުން، މިފަދަ މަރްކަޒުތައް އާދެ، ޓެކްނިކަލް އެޑިޔުކޭޝަނާބެހޭ މަރްކަޒުތައް ރާއްޖޭގައި ޤާއިމުކުރެވިގެން، ރާއްޖޭގެ ޒުވާނުންގެ ގިނަބަޔަކަށް އެ ރޮނގުރޮނގުން ތަމްރީނުކުރުމުގެ ފުރްޞަތު ލިބިއްޖެނަމަ، އަޅުގަނޑު ދަންނަވާނީ މުސްތަޤްބަލުގައި މި ދެންނެވި މައްސަލައަށްވެސް ކޮންމެވެސްވަރެއްގެ ޙައްލެއް ގެނެވޭނެއޭ.

އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިއަދު އެ މަޝްރޫޢެއް އިފްތިތާޙުކޮށްދިނުމުގެ އުފާ އަޅުގަނޑަށް މި ލިބުނު މަޝްރޫޢަކީ، އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާ، އަދި އިންޑިޔާގެ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދުގައި އުފެދިފައިވާ އެކުވެރިކަމުގެ ގުޅުން ވަރަށް ފުރިހަމައަށް ރަމްޒްކޮށްދޭ މަޝްރޫޢެއް. އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް، ވަރަށްގިނަ ރޮނގުރޮނގުން ތަފާތު އެހީތައް ލިބެމުންދޭ. ދެ ޤައުމުގެ ޘަޤާފީ، އިޖްތިމާޢީ، އިޤްތިޞާދީ، އަދި ފަންނީ އެއްބާރުލުންދަނީ، އެއްދުވަހުން އަނެއް ދުވަހަށް އޭގެ ދާއިރާ ފުޅާވަމުން، ތަރައްޤީވަމުން. މިހާރުވެސް އިންޑިޔާ ސަރުކާރުގެ އެހީގައި، ރާއްޖޭގައި ވަރަށްބޮޑު މަޝްރޫޢެއް ހިނގަމުން އެބަދޭ. އާދެ، އެއީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަޝްރޫޢު. އިރާދަކުރެއްވިއްޔާ މި އަހަރު ފަހުކޮޅު މި މަޝްރޫޢު ނިމިގެން ހުޅުވޭވަރުވާނެ. އެއީވެސް އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުގައި އޮތް ގާތް ގުޅުން ވަރަށް ފުރިހަމައަށް ތަމްސީލުކޮށްދޭ މަޝްރޫޢެއް. އެ މަޝްރޫޢުގެ ބޭނުންތެރިކަމާ ދޭތެރޭގައި މިއަދު އަޅުގަނޑު މާދިގުކޮށް ވާހަކަ ނުދެއްކިކަމުގައިވިޔަސް، ތިޔަބޭފުޅުންނަށް އެ މަޝްރޫޢުގެ މުހިންމުކަން ރަނގަޅަށް ވަޒަންކުރެއްވޭނެ. އެކަމަކީ އިންޑިޔާއިން ރާއްޖެއަށް ވެދެއްވާ އެހީތަކުގެ ތެރެއިން ވަރަށް މުހިންމު ބައެއް ހިމެނޭ މަޝްރޫޢެއް. އަދި އެކަން ހަމަޖެހިގެންދިޔައީ، އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މިސްޓަރ ރަޖީވްގާނދީ ރާއްޖެއަށް ކުރެއްވި ޒިޔާރަތެއްގައި. އެ މަޝްރޫޢަކީ، ރާއްޖެއަށް މިވަގުތު އެންމެ ބޮޑަށް ބޭނުމީ ކޮންކަހަލަ އެހީއެއްތޯ އޭނާ ކުރެއްވި ސުވާލަކަށް، ދިވެހި ސަރުކާރުން އެރުވި ޖަވާބަކާ ގުޅިގެން ފެށުނު މަޝްރޫޢެއް. އާދެ، ރާއްޖޭގައި ދިރިއުޅެމުންދާ މީހުން، އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުންދިޔުމާއި، އަޅުގަނޑުމެންގެ ޞިއްޙީ ޚިދްމަތްތައް، އަޅުގަނޑުމެން ބޭނުންވާވަރަށްވުރެ މާ މަދުން ރާއްޖެއިން ލިބެންހުރުމާއި، ރާއްޖޭގެ ވަރަށްގިނަ ބަލިމީހުން ރާއްޖެއިން ބޭރަށް ބޭސްކުރަންދާންޖެހުމާ، މިކަންތައްތައް ހުރިގޮތުން އަޅުގަނޑުމެންގެ ރާއްޖޭގައިވެސް، އެކަށީގެންވާ ފެންވަރުގެ ބޮޑު ހޮސްޕިޓަލެއް ހުރުމުގެ ބޭނުންތެރިކަން ސަރުކާރަށް އިޙްސާސްކުރެވޭތީ، އެވާހަކަ ދެންނެވުމުން، އޭނާގެ އެ ޒިޔާރަތުގައި ހަމަޖެހިގެންދިޔަ ކަމެއް.

އާދެ، އިންޑިޔާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިވެގެން މިދަނީ، ވަރަށްގިނަ ތަފާތު ސަބަބުތަކެއް ހުރެގެން. އެއީ، އެންމެ ފުރަތަމަ ސަބަބަކީ، ޒަމާނުއްސުރެ ރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ގުޅުން. އާދެ، ރާއްޖޭގައި ދިރިއުޅެމުންދާ މީހުންނަކީ، ތާރީޚު ބުނާގޮތުން ކޮންމެވެސް ޒަމާނެއްގައި އިންޑިޔާއިން، އަދި އިންޑިޔާގެ ކައިރީގައިވާ ބައެއް އެހެން ޤައުމުތަކުން ރާއްޖެއަށް އައި ބައެއް. އަޅުގަނޑުމެންގެ ކާބަފައިންގެ އަޞްލު، ރުޖޫޢަވަނީ އެހިސާބުގަނޑަށް ކަމަށްވުން އެކަށީގެންވޭ. އިންޑިޔާ މީހުންނަކީ، ނުވަތަ މި ސަރަޙައްދުގެ އެހެން ޤައުމުތަކުގެ މީހުންނަކީ، އެގޮތުންވެސް އަޅުގަނޑުމެންނާ ވަރަށްބޮޑަށް ގުޅިފައިވާ ބައެއް. ހަމަ އެފަދައިން، ވޭތުވެދިޔަ އެތައް ޤަރުނެއްގެ ތެރޭގައި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ގުޅުން އޮތީ ޤާއިމުވެފައި. އާދެ، ތާރީޚީގޮތުންނާއި، ޘަޤާފީގޮތުންނާއި، އިޖްތިމާޢީގޮތުންވެސް އެ ގުޅުންއޮތީ ޤާއިމުވެފައި. އަދި 1965 ވަނަ އަހަރު އަޅުގަނޑުމެންނަށް ފުރިހަމަ މިނިވަންކަން ލިބުމާ އެކީގައި، ރާއްޖެއާ ޑިޕްލޮމެޓިކް ގޮތުން ގުޅުނު ތިންވަނަ ޤައުމަކީވެސް އިންޑިޔާ. އެއަށްފަހު، އިންޑިޔާގެ ތަފާތު ފެންވަރުގެ ވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކުރައްވާފައި. މިހާތަނަށް އިންޑިޔާގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން، ވަރަށްގިނަ ބޭފުޅުން މިހާރުވެސް ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވާފައި. ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ، 1975 ވަނަ އަހަރު މިސިޒް އިންދިރާގާނދީ މާލެއަށް ޒިޔާރަތްކުރެއްވި. އޭގެފަހުން، އެކަމަނާގެ ދަރިކަލުން މިސްޓަރ ރަޖީވްގާނދީ އިންޑިޔާގެ ބޮޑުވަޒީރުކަމުގައި ހުންނަވައިގެން ރާއްޖެއަށް ޒިޔާރަތްކުރެއްވި ވާހަކަ އަޅުގަނޑަށް ކުރިންވާނީ ދަންނަވާލެވިފައި. އަދި މިސްޓަރ ވީ.ޕީ.ސިންގ، އޭނާގެ ބޮޑުވަޒީރުކަމުގައިވެސް ރާއްޖެއަށްވަނީ ޒިޔާރަތެއް ކުރައްވާފައި. ހަމައެފަދައިން، މިސްޓަރ ޗަންދްރަޝޭކަރ، އަޅުގަނޑުމެންގެ ރާއްޖޭގައި ބޭއްވުނު ސާރކްގެ އިސްވެރިންގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، އޭނާގެ ބޮޑުވަޒީރުކަމުގައި ރާއްޖެއަށްވަނީ ޒިޔާރަތް ކުރައްވާފައި. އަދި އިންޑިޔާގެ ކުރީގެ ނާއިބު ރައީސް އަދި މިހާރުގެ ރައީސް މިސްޓަރ ޝަންކަރް ދަޔާލް ޝަރުމާވެސް ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވާފައި. ރާއްޖެއިންވެސް ވަރަށް ގިނަ ޢިއްޒަތްތެރިންވަނީ އިންޑިޔާއަށް ޒިޔާރަތްކުރައްވާފައި. އާދެ، އަލްފާޟިލް އަޙްމަދު ޒަކީގެ ބޮޑުވަޒީރުކަމުގައި، އެ މަނިކުފާނުވަނީ އިންޑިޔާއަށް ޒިޔާރަތްކުރައްވާފައި. އޭގެފަހުން އަޅުގަނޑަށްވެސް ލިބުނު ފުރުޞަތުތަކެއްގައި އަޅުގަނޑުވެސްވަނީ އެތައްފަހަރެއްގެ މަތިން، އިންޑިޔާއަށް ޒިޔާރަތްކޮށްފައި. އަދި ރާއްޖޭގެ ވަރަށްގިނަ ވަޒީރުން، އިންޑިޔާއަށް ވަޑައިގެން، އެބޭފުޅުންނާ ބެހޭ ދާއިރާތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، ރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ވަނީ މަސައްކަތްތަކެއް ކުރައްވާފައި. އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޚާރިޖީ ވަޒީރު އަލްއުސްތާޛު ފަތުޙުﷲ ޖަމީލް، އެ މަނިކުފާނުގެ ވާޖިބު އަދާކުރެއްވުމުގެ ގޮތުން، ރާއްޖެއިން ބޭރަށް ކުރައްވަން ޖެހިވަޑައިގަންނަވާ ގިނަ ދަތުރުތަކުގެ ތެރެއިން ބައެއް ދަތުރު ވަނީ، އިންޑިޔާއަށް ކުރައްވާފައި. އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިފަދައިން، އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ލިބެމުންދާ އެހީތަކުގައި، އެ އެހީ ލިބުމުގެ މަގުފަހިކޮށްދެއްވުމުގައިވެސް، އަޅުގަނޑުމެންގެ ޚާރިޖީ ވަޒީރު ފަތުޙުﷲ ޖަމީލް ވަރަށް ބުރަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައި. މިކަންކަން މިހެންހުރުމާއެކީގައި، ރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ގުޅުން މިވަނީ ވަރަށްބޮޑަށް ބަދަހިވެފައި.

އާދެ، އަޅުގަނޑުމެންގެ ދެޤައުމަކީ މިހާރު ސާރކްގެ 7 ޤައުމުގެ ތެރޭގައި ހިމެނޭ ދެޤައުމު. އަދި ކޮމަންވެލްތު ޤައުމުތަކުގެ ތެރޭގައިވެސް ހިމެނޭ ދެޤައުމު. އެ ހުރިހާ ދާއިރާއެއްގައިވެސް ރާއްޖެއާއި އިންޑިޔާއާ ގުޅިފައިވާތީ، މި ދެންނެވި ގުޅުން ދަނީ އެއްދުވަހުން އަނެއްދުވަހަށް ބަދަހިވަމުން. އިންޑިޔާ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ގިނަ ޢަދަދެއްގެ ކިޔަވާކުދިންނަށް، އިންޑިޔާގެ ތަފާތު ޔުނިވަރސިޓީތަކާއި، ތަޢްލީމީ މަރްކަޒުތަކުގައި ތަޢްލީމު ޙާޞިލްކުރުމުގެ ފުރުޞަތު އެފަރާތުން ދެއްވުން އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭނެ ކަމެއް. ރާއްޖޭގެ ވަރަށްގިނަ ޢަދަދެއްގެ ކުދިންނަށް އިންޑިޔާގެ އެހީގައި ދަނީ، ތަޢްލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބެމުން. މިހާރުވެސް އިންޑިޔާގައި، ރާއްޖޭގެ ވަރަށްގިނަ ޢަދަދެއްގެ ކުދިން، ނުވަތަ މީހުން އެކި ރޮނގުރޮނގުން ތަމްރީނުވަމުން އެބަދޭ.

ޝައްކެއްނެތް، ކުރިންވެސް ދެންނެވިފަދައިން، މީހުން ބިނާކުރުމަކީ، ޤައުމެއް ކުރިއަށް ގެންދިޔުމުގައި އެންމެ މުހިންމުކަން ދޭންޖެހޭ ކަމަކަށްވެފައިވާހިނދު، އަޅުގަނޑުމެންގެ ދަރިންނަށް، ޒުވާނުންނަށް އިންޑިޔާގައި ތަމްރީނު ލިބެމުންދާކަން އެއީ، މިފަދަ ފުރުޞަތެއްގައި އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަންޖެހޭނެ ކަމެއް.

ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ގުޅުމާ ދޭތެރޭގައި، ބޭރުދުނިޔޭގެ ވަރަށް ގިނަބަޔަކު ޝައްކުކުރޭ. ވަރަށް ގިނަ މީހުންނަށް ހީވަނީ، އިންޑިޔާއަކީ މި ސަރަޙައްދުގައި އޮތް އެންމެބޮޑު ޤައުމު ކަމަށްވެފައި، އަދި އެންމެ ބާރުގަދަ ޤައުމު ކަމަށްވާތީ، އަދި ރާއްޖެއަކީ އެހާ ކުޑަކުޑަ ޤައުމަކަށްވާތީ، އެގުޅުން އެއީ ރަނގަޅުގޮތަކަށް އޮންނަ ގުޅުމަކަށް ނުވާނެޔޭ. އިންޑިޔާގެ ނުފޫޒާއި ބާރު، އަޅުގަނޑުމެންގެ މައްޗަށް ދާނީ ފޯރަމުންނޭ. އެހެންނަމަވެސް، ތެދަށްބުރަވެހުރެ އަޅުގަނޑަށް ދަންނަވަންޖެހެނީ، އިރާދަކުރެއްވީތީ އެކަހަލަ އެއްވެސް ކަމެއް އަޅުގަނޑުމެންގެ ގުޅުމުގެ ތެރެއަކު ހިމެނިގެނެއްނުވެޔޭ.

ތިޔަބޭފުޅުން ހަނދުމަފުޅުހުންނާނެ، އަޅުގަނޑުމެންނަށް މިފަހަކަށްއައިސް ދިމާވި އެންމެ ނުރައްކާތެރި ކަމަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އަޅުގަނޑުމެންނަށް ކުރިމަތިވި ޢުދުވާނީ ޙަމަލާ. އެ ޙަމަލާ ދިފާޢުކުރުމުގައި އިންޑިޔާ ސަރުކާރުން ވަރަށް އަވަސްގޮތެއްގައި، ވަރަށް މަތިވެރި އެހީތަކެއް ދިވެހިރާއްޖެއަށް ވެދެއްވި. އިންޑިޔާ ސަރުކާރުގެ ސިފައިން ހަމަ އެދުވަހު ރާއްޖެއަށް ފޮނުއްވި. އަދި ދިވެހި ސިފައިންނާއި، އިންޑިޔާ ސިފައިންނާ ގުޅިގެން، އަޅުގަނޑުމެންގެ ޤައުމު ދިފާޢުކޮށް، އަޅުގަނޑުމެންގެ މިނިވަންކަން ޙިމާޔަތްކުރުމުގެ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވި.

އެދުވަސްކޮޅު، އާދެ، އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި ދުވަސްކޮޅު، މީހުން ކިޔަމުން ގެންދިޔައީ، ދެން އެމީހުންނެއް ނުބޭލޭނެޔޭ. އިންޑިޔާ ސިފައިން އެއައީ ދެން ނުގޮސް މިތާނގައި ތިބޭށޭ. އެދުވަސްވަރުވެސް އެވާހަކަ އަޅުގަނޑަށް އިވެމުންދިޔަ. އެހެންނަމަވެސް، އެއީ ޙަޤީޤަތެއް ނޫންކަން އަޅުގަނޑަށް އޮތީ ވަރަށް ރަނގަޅަށް އެނގިފައި. އެއީ، އެންމެ ފުރަތަމަ އިންޑިޔާ ސިފައިން ރާއްޖެއަށް އަންނަން ދިމާވީވެސް، ދިވެހިރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުރި މީހާގެ ޙައިޘިއްޔަތުން އަޅުގަނޑު ސީދާ އިންޑިޔާގެ ބޮޑުވަޒީރަށް ދެންނެވި ދެންނެވުމަކަށް، އޭނާ ދެއްވި އިޖާބައެއްގެ ގޮތުން. އަދި އޭނާ އެންމެ ފުރަތަމަ ދުވަހުއްސުރެ ވިދާޅުވެފައި އޮތީ، އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭނީ، ރާއްޖެއިން ބޭނުންވި މުއްދަތަކަށޭ. ހަމަ މާދަމާވެސް އެމީހުން ގެންދާށޭ ބުނެފިނަމަ، އެމީހުން ގެންދަވާނަމޭ. އާދެ، އޭނާގެ ވަޢުދު ވަރަށް ފުރިހަމައަށް އަދާކޮށްދެއްވި. ރާއްޖޭގެ ކަންތައްތައް އޮތްގޮތުން، އެދުވަސްވަރު ރާއްޖޭގައި އެ ބަޣާވާތްކުރި މީހުންގެ ޝަރީޢަތް ހިނގަމުންދިޔުމާއި، އަދި އެމީހުންގެ ނުރައްކާތައް މުޅިން ރާއްޖެއިން ފިލައިގެންދިޔަކަމަށް ހީނުވާތީއާއެކީގައި، ދިވެހި ސަރުކާރުން ދެންނެވި ދެންނެވުމަކަށް، އިންޑިޔާ ސިފައިން ރާއްޖޭގައި އެއްއަހަރު ތިބި. އެހެންނަމަވެސް، އެއަހަރު ހަމަވުމާއެކީގައި އާދެ، 1989 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އިންޑިޔާ ސިފައިން އެންމެން އެކީގައި ރާއްޖެއިން ފައިބައިގެންދިޔައީ. އަދި އޭގެފަހުން، ބައެއް މުނާސަބަތުތަކުގައި، އިންޑިޔާގެ ބައެއް މަނަވަރުވެސް ރާއްޖެއަށް ޒިޔާރަތްކުރަމުންގެންދޭ. އެ ކޮންމެ މަނަވަރެއް އަންނަފަހަރު، ބައެއް މީހުން ކިޔާނެ، ދެން އެ މަނަވަރެއް ނުދާނެޔޭ. އެ މަނަވަރު އައިސް އެއޮތީ، އެމީހުންގެ ނުފޫޒު ރާއްޖޭގެ މައްޗަށް ފަތުރާށޭ. ނުވަތަ އެމީހުން ބޭނުންވާގޮތަކަށް ރާއްޖޭގެ ކަންތައްތައް ގެންދިޔުމަށް ބާރުއެޅުމުގެ ގޮތުންނޭ. އެހެންނަމަވެސް، އެޔަކީ އެއްގޮތަކަށްވެސް ޙަޤީޤަތެއް ނޫން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރަޙްމަތްތެރިކަމުގެ ގޮތުން ތަފާތު ޤައުމުތަކުގެ މަނަވަރުތައް ރާއްޖެއަށް ޒިޔާރަތްކުރޭ. ހަމައެކަނި އިންޑިޔާގެ މަނަވަރުތަކެއް ނޫން. ވަރަށްގިނަ ޤައުމުތަކުން، އެ ޤައުމުތަކުގެ މަނަވަރުތައް އާދޭ. އެއީ، ބައިނަލްއަޤްވާމީ ގޮތުން މިހާރު އާދަކާދައަކަށްވެފައި އޮންނަ ކަމެއް. އަޅުގަނޑުމެންގެވެސް އެފަދަ މަނަވަރުތައް ހުރިނަމަ، އަޅުގަނޑުމެންވެސް އެކިއެކި ޤައުމުތަކަށް ޒިޔާރަތްކުރީމުސް. އެހެންނަމަވެސް، އަޅުގަނޑުމެންގެ އަތުގައި އެފަދަ ތަނަވަސްކަންނެތީ.

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ފަހަރެއްގައިވެސް ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ގުޅުމަކީ، ބައެއް މީހުން އެ ޝައްކުކުރާފަދަ ގުޅުމެއް ނޫނޭ. އެކަހަލަ އެއްވެސް ކަމެއްނެތް. ވަރަށް އިޚްލާޞްތެރި، އެކުވެރި ގުޅުމެކޭ. ބައެއް މީހުން އާދެ، ޙަޤީޤަތަށް ލޯބިކުރާ އަދި އިންޞާފަށް ލޯބިކުރާ ބައެއް މީހުން ބުނާގޮތުގައި، ރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ގުޅުމަކީ، ކުޑަޤައުމަކާއި ބޮޑުޤައުމަކާ ދޭތެރޭގައި އޮންނަންޖެހޭ އެކުވެރި، ސާފުގުޅުން ވަރަށް މޮޅަށް ތަމްސީލުކޮށްދޭ ގުޅުމެއް. އަޅުގަނޑަށްވެސް އެބަހަށް ވަރަށް ބޮޑަށް ތާއީދުކުރެވޭ. އެހެންވީމާ، މި މުނާސަބަތުގައި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތަކާއި، އަދި އަޅުގަނޑުމެންގެ ތަރައްޤީއާއި ކުރިއެރުމަށް، އިންޑިޔާ ސަރުކާރުން ބަހައްޓަވާ ޚާއްޞަގޮތަށްޓަކައި ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި އިންޑިޔާ ސަރުކާރަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، ރާއްޖޭގައި އުފެއްދުންތެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ފާހަގަކުރެވޭ މި އަހަރު، މިފަދަ މަރްކަޒެއްގެ ބިންގާ އެޅުނުކަން، އަޅުގަނޑު ދެކެނީ، ވަރަށް ހެޔޮފާލެއްގެ ގޮތުގައި. އާދެ، މި މަރްކަޒުގެ މަސައްކަތް ކުރިއަށް ގެންދެވުމާ ޙަވާލުވެފައިވާ އިންޑިޔާގެ ކުންފުނި ''ހިންދުސްތާން މެޝިން ޓޫލްސް''ގެ ފަރާތުން ހާމަކުރެއްވިގޮތުގައި، އެ މަޝްރޫޢަށް ކަނޑައެޅިފައިވާ މުއްދަތު ނިމުމުގެ ކުރިން، އެބޭފުޅުން ޢިމާރާތް ކުރެއްވުމުގެ މަސައްކަތް ނިންމަވައި ދެއްވާނެ. އާދެ، ހިންދުސްތާން މެޝިން ޓޫލްސްއަކީ، އިންޑިޔާ ސަރުކާރުން މިކަން ކުރިއަށް ގެންދިޔުމަށް ޙަވާލުކުރައްވައިފައިވާ ކުންފުނި. އެހެންވީމާ، އެކުންފުނީގެ ވެރިންނަށާއި، އަދި އެކުންފުނީގެ ފަރާތުން މިތަނަށް ވަޑައިގެން ތިއްބެވި މަންދޫބުންނަށް، އަޅުގަނޑު މަރްޙަބާ ދެންނެވުމާއެކީގައި، މި ޢިމާރާތް ކޮށްދެއްވުމުގައި އެ ކުންފުނިން ބަހައްޓަވާ ޚާއްޞަ އަހަންމިއްޔަތަށްޓަކައި އެ ކުންފުންޏަށް ޝުކުރު ދަންނަވަން. ހަމައެފަދައިން، ކުރިން އަޅުގަނޑުމެންގެ ވީ.ޓީ.ސީ. އާދެ، މިހާރުގެވެސް ވީ.ޓީ.ސީ. އުފެއްދުމުގައި، އަދި އެމަޝްރޫޢުގެ ކަންތައްތައް ކުރިއަށް ގެންދިޔުމުގައި ކޯސްތައް ކުރިއަށް ގެންދިޔުމުގައި، އައި.އެލް.އޯ.އާއި، ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުން ލިބިފައިވާ އެހީތަކަށާއި، އަދި މިހާރުވެސް ލިބެމުންދާ އެހީތަކަށް އެ ދެފަރާތަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް، މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީޤު ދެއްވުން. އަދި އެ މަތިވެރި ހިދާޔަތުގެ ހިޔާވަހިކަމުގައި އަޅުގަނޑުމެން ތިބެގެން، ތަރައްޤީގެ މަގުގައި ހަލުވިކަމާއެކު ކުރިއަށްދިޔުމުގެ ނަޞީބު، އަޅުގަނޑުމެންނަށް މިންވަރުކުރެއްވުން. އަޅުގަނޑުމެންގެ ތެރެއިން، އަޅުގަނޑުމެންގެ ރާއްޖެއާއިގެން ކުރިއަށްދާނެ އެކަށީގެންވާ ޤާބިލް މީހުން އުފެއްދުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަދި ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށާއި، ރައްޔިތުންގެ ކުރިއެރުމަށްޓަކައި ސަރުކާރާއި ރައްޔިތުން ގުޅިގެން މިކުރާ މަސައްކަތްތަކުގައި އެކަލާނގެ ހެޔޮބަރަކާތް ލެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.