بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިރޭ ޖަމްޢިއްޔަތުލް ފަލާޙުގެ ފަރާތުން މި ބާއްވަވާ މުހިންމު ޖަލްސާއަށް އައިސް، މި ޖަލްސާގައި ބައިވެރިވުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވީތީ، ޖަމްޢިއްޔާގެ ރައީސް އަލްފާޟިލް އަބޫބަކުރު އިބްރާހީމަށާއި، އެ ޖަމްޢިއްޔާގެ އިދާރާއަށާއި ހިންގުންތެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މި ޖަލްސާއަށް އައިސް، މި މުބާރާތުގައި އެންމެމަތީ މަޤާމު ހޯދި ފަރާތްތަކަށް މިލްކުވާ ތަށްޓާއި ވާދައިގެ ތަށި ދިނުމުގެ ޝަރަފް އަޅުގަނޑަށް ދެއްވީތީވެސް ޖަމްޢިއްޔާގެ ރައީސަށާއި އިދާރާއަށް ޝުކުރު ދަންނަވަން.

އާދެ، މިރެޔަކީ މި ޖަމްޢިއްޔާގެ ޙަޔާތުގައި ވަރަށް މުހިންމު ރެއެއް. ޖަމްޢިއްޔަތުލް ފަލާޙުގެ ޢުމުރުން މިވޭތުވެދިޔަ 33 އަހަރު ދުވަހުގެ ތެރޭގައި، އެ ޖަމްޢިއްޔާއިން ކުރައްވާފައިވާ ތަފާތު ގިނަގުނަ ޚިދުމަތްތައް އަޅުގަނޑުމެންގެ ކުރިމައްޗަށް ތަމްސީލުވެގެން މިރޭ ހިނގައްޖެ. އާދެ، އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، ޤުރްއާން މުބާރާތް ބޭއްވުން. މި ޖަމްޢިއްޔާގެ ފަރާތުން މެދުނުކެނޑި 21 އަހަރު ވަންދެން ޤުރްއާން މުބާރާތް ބޭއްވެވިކަން އެއީ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން އެންމެންވެސް ވަރަށް ޚާއްޞަ އުފަލަކާއެކު ފާހަގަކުރާނެ ކަމެއް. އަމިއްލަ ޖަމްޢިއްޔާއެއް އުފެދިގެން، އެ ޖަމްޢިއްޔާގެ ހިނގުން ކުރިއަށްދާއިރު ދިމާވާނެ ތަފާތު ދަތިތައް ހުންނާނެ. އެހެންނަމަވެސް، އެދަތިތައް ގިރާކުރައްވާފައި، މި ޖަމްޢިއްޔާގެ ފަރާތުން އެ ކުރައްވަމުން ގެންދެވި ޚިދުމަތް، އެ ޚިދުމަތަށް އެއްވެސް ހީނަރުކަމެއް އަޔަނުދެއްވައި، 33 އަހަރުވަންދެން އަދި މި މުބާރާތަށް ވިސްނާއިރު، 21 އަހަރު ވަންދެން ކުރިއަށް ގެންދެވިކަން އެއީ، ޝައްކެއްނެތްގޮތުގައި، މި ޖަމްޢިއްޔާގެ ޢަޒުމުގެ ވަރުގަދަކަން. މި ޖަމްޢިއްޔާގެ މެންބަރުންގެ ހިތްޕުޅުގައި ޚިދުމަތުގެ ރޮނގުގައި ކުރިއަށް ވަޑައިގަންނަވަން ތިއްބެވި ސާބިތުކަން އަޅުގަނޑުމެންނަށް ހާމަކޮށްދޭ ކަމެއް. އެކަމަށްޓަކައިވެސް ޖަމްޢިއްޔާގެ ރައީސަށާއި އިދާރާއަށާއި، ހިންގާ ކޮމިޓީއަށާއި އަދި ހިންގުންތެރި ސެކްރެޓެރީއަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

އާދެ، މި ޖަމްޢިއްޔާގައި، ޖަމްޢިއްޔާގެ ފަރާތުން ހިންގަވާ ކަންތަކުގެ ތެރޭގައި، އެންމެ ޚާއްޞަ އެއްކަމެއް ކަމަށް އަޅުގަނޑުމެންނަށް މިރޭ ފާހަގަވެގެން މިދަނީ ޤުރްއާން މުބާރާތް. މި މުބާރާތުގައި ވަރަށްމަތީ ވަނަތަކެއް ޙާޞިލްކުރި ފަރާތްތައްވެސް އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. އޭގެތެރެއިން އެންމެ ޚާއްޞަ އެއްފަރާތަކީ، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ. ޝައްކެއްނެތް، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއަކީ، ވަރަށް ކުރިއްސުރެ އިސްލާމީ ތަޢުލީމާއި، ޢަރަބި ތަޢުލީމާއި އަދި ދީނީ ތަޢުލީމު ރާއްޖޭގައި ފެތުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މަޢުހަދެއް ނުވަތަ މަރުކަޒެއް. އެ މަޢުހަދުގެ ފަރާތުން ކުރައްވާ ޚިދުމަތްތަކުގެ ތެރޭގައި، ޤުރްއާން ކިޔަވައިދެއްވުމާއި، ޤުރްއާނާބެހޭ ތަފާތު ކަންތައްތައް ހިންގެވުން ހިމެނޭ. އެހެންކަމުން، ޤުރްއާން މުބާރާތެއްގައި މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން، މަތީ ވަނައެއް ޙާޞިލްކުރުން އެއީ، އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އެކަމާ ދޭތެރޭގައި ޙައިރާންވާނެ ކަމެއްނޫން.

ކޮންމެއަކަސް، މިރޭގެ އިނާމުގެ ލިސްޓް އިވިގެންދިޔައިރު، އިނާމުތަކުގެ އެންމެބޮޑުބައި އާދެ، އިނާމުތަކުގެ ސިންގާގެ ޙިއްޞާ ގެންދިޔައީ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން ކަމަށްވާތީ، އެ މަޢުހަދުގެ މުދީރު އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށާއި އަދި އެ މަޢުހަދުގެ ހިންގުންތެރިންނަށާއި، މުދައްރިސުންނަށާއި، ޠާލިބުންނަށާއި ޠާލިބާއިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން. ހަމައެފަދައިން، މުޅި މުބާރާތުން ވަރަށް ފުރިހަމަ އެއްވަނައެއް ހޯދި ނަބީހް އިބްރާހީމް ޒަކަރިއްޔާގެ ނަން ޚާއްޞަގޮތެއްގައި ފާހަގަކޮށްލުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އާދެ، އެ ޠާލިބަކީ ވަރަށް ކުޑަކުޑަ ކުއްޖެއް. އެހެންނަމަވެސް، އޭނަގެ ޅަޢުމުރުގައިވެސް ޤުރްއާން ކިޔެވުމުގެ ރޮނގުގައި ކުރިއަށް ގޮސްފައިވާ މިންވަރު އަޅުގަނޑުމެންނަށް މިރޭ ހާމަވެގެން ހިނގައްޖެ. އަދި މީގެކުރިން، އިސްލާމީ މަރުކަޒުން ބޭއްވި މުބާރާތެއްގައިވެސް މަތީވަނައެއް އޭނާ ޙާޞިލްކޮށްފައިވާކަން އަޅުގަނޑު ހަނދާން އެބަހުރި. އެހެންކަމުން، އެ ކުޑަކުޑަ ލޮބުވެތި ދަރިވަރު ނަބީހް އިބްރާހީމް ޒަކަރިއްޔާއަށާއި އަދި އޭނާގެ، ޢިއްޒަތްތެރި ބައްޕަ ފަޟީލަތުއްޝައިޚް އިބްރާހީމް ޒަކަރިއްޔާ މޫސާއަށް ވަރަށް ޚާއްޞަ ތަހުނިޔާއެއް ދަންނަވަން.

އާދެ، ޤުރްއާން ކިޔެވުމަކީ އަދި ޤުރްއާނަށް ލޯބިކުރުމަކީ އަދި ޤުރްއާން އުނގަންނައިދިނުމަކީ، މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ކުރަންޖެހިފައިވާ، ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން އެންމެންގެ ކޮނޑުގައި އެޅިފައިވާ، ވަރަށްބުރަ މަސްއޫލިއްޔަތެއް. ކީރިތި ޤުރްއާނަކީ މާތް ﷲގެ ކަލާމްފުޅު. މުސްލިމުން އެ މީހުންގެ ކުރިމަތީގައި އެންމެ އިޙްތިރާމްކުރާ އެންމެ މުޤައްދަސް ފޮތް ކަމުގައި ބަލަން ޖެހިފައިވާ ފޮތް. މުސްލިމުންނަށް ހިދާޔަތާއި، ރަޙްމަތާއި ޝިފާ، އެ ފޮތެއްގައި ލައްވާފައިވާ ފޮތް. އެހެންކަމުން، ކީރިތި ޤުރްއާނަށް ލޯބިކުރުމާއި، ޤުރްއާން ކިޔަވަން ދަސްކުރުމާއި، ޤުރްއާން ކިޔަވައިދިނުމާއި، ޤުރްއާނުގައިވާ މަތިވެރި އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމާ، މިކަންތައްތައް މިއީ މުސްލިމުންގެ ޙައިޘިއްޔަތުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެފައިވާ ކަމެއް. މިކަން ކުރިއަށް ގެންދިޔުމުގައި، ޤައުމުގެ ހުރިހާ ފަރާތެއްގެ ޚިދުމަތާއި އެއްބާރުލުން ބޭނުން. ސަރުކާރުންވެސް މިކަމަށްޓަކައި ވަރަށް ޚާއްޞަ މަސައްކަތްތަކެއް ކުރާކަން، ތިޔަބޭފުޅުންނަށް ދެންމެ އިވިވަޑައިގެންފައި ވާނެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ރާއްޖޭގެ ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވާކުދިންނަށް ޤުރްއާން ދަސްކޮށްދިނުމުގައި ވަރަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާ. އަދި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއާއި، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައިވެސް ޤުރްއާން ދަސްކޮށްދިނުމުގެ ކްލާސްތަކެއް، ޤުރްއާން ކިޔަވައިދިނުމުގެ ކްލާސްތަކެއް ހިނގަމުންދޭ. އަދި މީގެއިތުރުން، އެ މަޢުހަދުގެ ފަރާތުން އާދެ، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގެ ފަރާތުން މާލޭގަޔާއި ރާއްޖެތެރޭގައި ޤުރްއާން ކިޔަވައިދިނުމުގެ ތަފާތު ކްލާސްތައް ހިންގަވަމުން ގެންދަވާ.

ސަރުކާރުން މިކުރާ މަސައްކަތްތަކުގެ އިތުރަށް، އަމިއްލަ ފަރާތްތަކުންވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންގެންދޭ. އާދެ، އަޅުގަނޑުމެންނަށް މިރޭ މި ފާހަގަވެގެންދިޔަ ފަދައިން، ޖަމްޢިއްޔަތުލް ފަލާޙުގެ ފަރާތުންވެސް އަޅުގަނޑުމެންގެ ކުޑަކުދިންގެ ހިތްތަކުގައި ޤުރްއާނަށް ލޯބި ޖެއްސުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއް ވަނީ ކުރައްވަމުން ގެންދަވާފައި. އަދި މިހާތަނަށްވެސް މެދުކެނޑުމެއްނެތި އެ މަސައްކަތްތައް އެގެންދަވަނީ ކުރައްވަމުން. ޖަމްޢިއްޔަތުލް ފަލާޙުގެ އިތުރަށް، ރާއްޖޭގައި އުފެދިފައިވާ ތަފާތު އެހެން އަމިއްލަ ޖަމާޢަތްތަކުންވެސް ޤުރްއާން ކިޔަވައިދިނުމާއި، ޤުރްއާން ދަސްކޮށްދިނުމާއި، އަޅުގަނޑުމެންގެ ކުދިންގެ ހިތްތަކުގައި ޤުރްއާނަށް ލޯބިޖެއްސުމަށް ބޮޑެތި މަސައްކަތްތަކެއް މިހާރު ކުރައްވަމުން ގެންދަވާ. އޭގެތެރެއިން އެއްފަރާތެއް، އިސްލާމީ އެހީތެރިކަމުގެ ގުޅުން. އެ ޖަމްޢިއްޔާގެ ފަރާތުންވެސް ޤުރްއާން ކްލާސްތައް ހިންގަވާކަން އަޅުގަނޑުމެންނަށް އެނގޭ. ހަމައެފަދައިން، ރާބިޠަތުލް ޢާލަމިލް އިސްލާމީ - މާލޭ ގޮފީގެ ފަރާތުންވެސް ޤުރްއާން ދަސްކޮށްދިނުމުގެ ކްލާސްތަކެއް ހިންގަވަމުން ގެންދަވާކަން އަޅުގަނޑުމެންނަށް ވަނީ އެނގިފައި.

އާދެ، މިނޫންވެސް ތަފާތު ފަރާތްތަކުން އެ މަސައްކަތް ކުރައްވަމުން ގެންދަވާ. ރާއްޖޭގައި އުފެދިފައިވާ އަމިއްލަ މަދަރުސާތަކާއި، އަމިއްލަ ސްކޫލްތަކުންވެސް ޤުރްއާން ކިޔަވައިދިނުމަށް މިހާރު ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވަމުން ގެންދަވާކަން، މިރޭގެ މި ނަތީޖާއިންވެސް އަޅުގަނޑުމެންނަށް ހާމަވެގެން ހިނގައްޖެ. ޝައްކެއްނެތް، މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކުރުން ޙައްޤުވެގެންވާ ކަމެއް. އަޅުގަނޑުމެންނަކީ މުސްލިމް ޤައުމަކަށްވީތީ، ކީރިތި ޤުރްއާނަށް ދޭންޖެހޭ އަހަންމިއްޔަތާއި ޤަދަރާއި، ޤުރްއާނަށް އަޅުގަނޑުމެން ލޯބިކުރަންޖެހޭ ލޯބިކުރުމާ، މިކަންތައްތައް މިގޮތުގެ މަތިން ކުރިއަށްދާކަން އެއީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް އުފާކުރަންޖެހޭނެ ކަމެއް.

އާދެ، ރާއްޖޭގެ ވާހަކަ ދައްކާއިރު، ރާއްޖެއިން ބޭރުގައިވެސް އިސްލާމީ ޤައުމުތަކުގައި ކީރިތި ޤުރްއާނަށް ދޭ އަހަންމިއްޔަތުގެ ޚަބަރުތައް އަޅުގަނޑުމެންނަށް އިވެމުންދޭ. ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި ޤުރްއާން ކިޔެވުމުގެ މުބާރާތްތައް ބާއްވަމުންގެންދޭ. އަޅުގަނޑުމެންގެ ރާއްޖެއިންވެސް އެފަދަ މުބާރާތްތަކުގައި އެވަގުތަކު އަޅުގަނޑުމެންނަށް ބައިވެރިވެވެން އޮތް މިންވަރަކަށް މިގެންދަނީ ބައިވެރިވަމުން. އާދެ، ސަޢޫދީ ޢަރަބިއްޔާގައި ކޮންމެ އަހަރަކު އޮންނަ ޤުރްއާން ކިޔެވުމުގެ މުބާރާތަކަށް ރާއްޖެއިން ކުދިން ދޭ. އަދި އެނޫންވެސް ޤައުމުތަކުގައި، އިސްލާމީ ޤައުމުތަކުގައި ޤުރްއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ. މިޞްރުގައި ކޮންމެ އަހަރަކު، ވަރަށް މޮޅަށް އިންތިޒާމުކޮށްގެން ހިންގާ ޤުރްއާން ކިޔެވުމުގެ މުބާރާތެއް ހިނގަމުންދޭ. އެ މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނަނީ، ރަމަޟާން މަހުގެ 27 ވަނަ ރޭ. އާދެ، ليـلة القدر ކަމުގައި ގިނަ ޢިލްމުވެރިން ވިދާޅުވާ ރޭ. ކޮންމެ އަހަރަކުވެސް މިޞްރުގައި ވަރަށް ޚާއްޞަ ޖަލްސާއެއް ބާއްވާފައި، ޤުރްއާން ކިޔެވުމުގެ ރޮނގުން ކުރިއަށް ގޮސްފައިވާ މީހުންނަށާއި ކުދިންނަށް، އެތާނގެ ރައީސްގެ އަތްޕުޅުން އިނާމު ދެއްވާގޮތަށް ހަމަޖެހިފައި އޮވެގެން އެ ޖަލްސާ ކުރިއަށްދޭ.

އާދެ، މިއަހަރުގެ އެ ޖަލްސާ، ވަގުތުން ދުރަށް ދެއްކުމުގެ ސަބަބުން، އެ ޖަލްސާ ފެނުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. އަޅުގަނޑު އަޅައިގަތް އަދި އުފާކުރި ވަރަށް ޚާއްޞަ ކަމެއްގެ ވާހަކަ ދަންނަވާލާނަން. މުޅި މުބާރާތުން ޤުރްއާން ހިތުދަސްކުރުމުގެ ރޮނގުން 1 ވަނައަށް އައިސްގެން އިނާމު ލިބުނު ކުއްޖެއްގެ ޢުމުރަކީ 7 އަހަރު. އަދި އޭނާ އެއީ، ލޯ އަނދިރި ކުއްޖެއް. އެއީ، އެތަންތާނގައި ޤުރްއާނަށް ދޭ އަހަންމިއްޔަތު ފާހަގަވެގެންދާ ކަމެކޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. އަދި މިދިޔަ އަހަރު މިޞްރުގެ ރައްޔިތުންގެ ތެރެއިން ޤުރްއާން ހިތުދަސްކުރި މީހުންގެ ޢަދަދު އިވުމުންވެސް އަޅުގަނޑުގެ ހިތަށް ވަރަށްބޮޑު ޙައިރާންކަމެއް ލިބިގެންދިޔަ. އާދެ، މިދިޔަ އަހަރު 21500 މީހުން ޤުރްއާން ހިތުދަސްކުރިކަމަށް، އެ ޖަލްސާއިން އަޅުގަނޑުމެންނަށް އިވިގެންދިޔަ. ޢަދަދަކީ ވަރަށްވެސް ބޮޑު ޢަދަދެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ މާކުޑަކުޑަ ތަނެއް. މިޞްރުފަދަ ތަންތާނގައި ހުންނަކަހަލަ އިންތިޒާމުތަކެއް އަޅުގަނޑުމެންގެ ރާއްޖޭގައި ހަމަޖެހިފައެއް ނެތް. އެކަހަލަ މަދަރުސާތަކާއި، ޔުނިވަރސިޓީތަކާއި، އެފަދަ އުސްތާޛުންނެއް އަޅުގަނޑުމެންގެ ތެރެއަކު ނެތް. އެހެންނަމަވެސް، އަޅުގަނޑުމެންނަކީވެސް އިސްލާމީ ޤައުމެއް. އެހެންކަމުން، އަޅުގަނޑުމެންވެސް މި ރޮނގުގައި މިހާރަށްވުރެވެސް ބޮޑަށް ކުރިއަށްދާންޖެހޭނެކަމީ ޝައްކެއްއޮތް ކަމެއްނޫން.

އާދެ، އަޅުގަނޑު މިއަދު ބަލާލިއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި، ސަރުކާރަށް އެނގިފައި ތިބި ޙާފިޡުންގެ ޢަދަދު، ޤުރްއާން ހިތުން ދަސްކޮށްފައި ތިބި މީހުންގެ ޢަދަދު ވަރަށްވެސް މަދު. ސަރުކާރަށް އެނގިފައި ތިއްބޭ މިދަންނަވަނީ، އެއީ ސަރުކާރުންދޭ ޢިނާޔަތެއް އޮންނާތީ، ޤުރްއާން ހިތުދަސްކުރާ މީހުން އެ ޢިނާޔަތް ބޭނުންވާނަމަ، އެމީހަކު ޤުރްއާން ހިތުދަސްކުރުމުގެ ސަނަދު ސަރުކާރަށް ހުށަހަޅައިގެން އެ ޢިނާޔަތް ލިބިގަންނަމުންދާތީ. އެގޮތުން އެނގިފައިވާ ޢަދަދަކީ، ރާއްޖޭގައި ތިބި ޙާފިޡުންގެ އަދަދަކީ 47. ޝައްކެއްނެތް، އެއީ ވަރަށްވެސް ކުޑަކުޑަ އަދަދެއް.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންނަށް ދިމާވާ ދަތިތަކެއް ހުންނާނެ. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ޤުރްއާން ހިތުދަސްކުރުމަށް މިހާރަށްވުރެ ބޮޑު ބާރެއް އަޅަންވެއްޖެއޭ. އާދެ، އެންމެ ބޮޑަށް ބާރުއެޅޭނެ ފަރާތަކީ ސަރުކާރު. އެހެންވީމާ، ސަރުކާރުންވެސް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އާދެ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، އަދި ދީނީ ކަންތައްތައް ހިންގަވާ އިދާރާއިން އަދި އިސްލާމީ، ދީނީ ތަޢުލީމު ދެއްވާ މަދަރުސާތަކުންނާއި، މަޢުހަދުތަކުން މިކަމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވަންވެއްޖެއޭ، އަޅުގަނޑަށް ދަންނަވަންޖެހެނީ. މިހާރުވެސް އެ ފަރާތްތަކުން ޤުރްއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކެއް ހިންގަވާ. އާދެ، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގައިވެސް ޙިފްޡު ކްލާހެއް ނުވަތަ ޤުރްއާން ހިތުދަސްކުރުމުގެ ކްލާހެއް ހިންގަވާ. އެހެންނަމަވެސް، އެ ކްލާހުން މިވޭތުވެދިޔަ އަށެއްކަ އަހަރު ދުވަހުގެ ތެރޭގައި ޤުރްއާން ހިތުދަސްކުރެވިފައިވަނީ އެންމެ 10 ކުދިންނަށް ކަމަށް އަޅުގަނޑަށް އެނގިފައިވަނީ. އަދި ކުރިން ދެންނެވި، ބައެއް އެހެން ޖަމާޢަތްތަކުން، އިސްލާމީ އެހީތެރިކަމުގެ ގުޅުމުގެ ފަރާތުންވެސް ހިންގަވާ ހިތުދަސްކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެވެސްވަރަކަށް ބައެއް ކުދިންނަށް ޤުރްއާން ހިތުދަސްވަމުންދާކަން ފާހަގަކުރެވޭ. އެހެންނަމަވެސް، އެ ޢަދަދު އަޅުގަނޑުހިތުން އެއީ، އަޅުގަނޑުމެން އަދި ހިތްހަމަޖައްސާލަންވީ ޢަދަދެއް ނޫން. އެއަށްވުރެ ގިނަ ޢަދަދަކަށް، ރާއްޖޭގައި ޤުރްއާން ހިތުން ދަންނަ މީހުން ތިބެންވެއްޖެ ކަމުގައި އަޅުގަނޑު ދެކެން. އާދެ، އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ސަރުކާރުން ޤުރްއާން ހިތުދަސްކޮށްގެން ތިބޭ މީހުންނަށް ދޭ ޢިނާޔަތް އިރާދަކުރެއްވިއްޔާ، މިއަހަރުން ފަށައިގެން އިތުރުކުރުމަށް ވަނީ ޤަޞްދުކުރެވިފައި. ހަމައެފަދައިން، ޤުރްއާން ހިތުދަސްކުރުމަށް މަސައްކަތް ކުރައްވާ ފަރާތްތަކަށްވެސް ސަރުކާރުން އެހީވެދިނުމަށް ވަނީ ޤަޞްދުކުރެވިފައި.

އާދެ، ޤުރްއާން ހިތުދަސްކުރުމަކީ މުހިންމު ކަމެއް ކަމުގައިވަނީ، ކުރިންވެސް ދެންނެވި ސަބަބަށްޓަކައި. ޤުރްއާނަކީ އަޅުގަނޑުމެން އެންމެ އިޙްތިރާމު ކުރަންޖެހޭ، އެންމެ ލޯބިކުރަންޖެހޭ ފޮތް. ޤުރްއާނުގައިވަނީ އަޅުގަނޑުމެންނަށް ﷲ ދެއްވާފައިވާ މަތިވެރި ހިދާޔަތު. ޤުރްއާން ހިތުދަސްކުރުމަކީ އެއަށް ލޯބިޖެހުމުގެ ވަރަށްބޮޑު ސިއްރެއް ކަމުގައި ވާނެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައި ވަނީ "خَيْـرُكُمْ مَنْ تَعَلَّمَ الْقُرْآن وَعَلَّمَهُ." "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަންބޮޑީ އެމީހަކު ޤުރްއާން ދަސްކޮށް ނުވަތަ އުނގެނިގަނެ، އެހެން މީހުންނަށް ޤުރްއާން ދަސްކޮށްދިން ނުވަތަ އުނގަންނައިދިން މީހާއޭ." އެހެންވީމާ، އެ މަތިވެރި މަޤާމު ޙާޞިލްކުރުމަށްޓަކައި، މީހުންގެ ތެރޭގައި ހިމެނޭ އެންމެ ހެޔޮ ބަޔަކު ކަމުގައި އަޅުގަނޑުމެން ވުމަށްޓަކައިވެސް އަޅުގަނޑުމެން ޤުރްއާން ކިޔަވައިދިނުމަށާއި، ޤުރްއާން ހިތުން ދަސްކޮށްދިނުމަށް ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަމުގައި އަޅުގަނޑު ދެކެން.

އާދެ، ކީރިތި ޤުރްއާން އަޅުގަނޑުމެން ދަސްކުރަންވީ ހަމައެކަނި ޤުރްއާން ދަސްކުރުމުގެ ބޭނުމުގައެއް ނޫން. މިދެންނެވީ އަޅުގަނޑުމެން ހިތުން ދަސްކޮށްލައިގެން ހަމައެކަނި އެ ކިޔެވުމުގެ ބޭނުމެއްގައެއްނޫން. ޝައްކެއްނެތް، ޤުރްއާން ކިޔެވުމަކީވެސް އަޅުކަމެއް. ޘަވާބު ލިބޭނެ ކަމެއް. އެހެންކަމުން، އެއީވެސް މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އޭގެ އިތުރުން، އެ ޤުރްއާނުގައި ވަނީ ކީކޭތޯ، އެ ޤުރްއާނުގެ ރިސާލަތަކީ ކޮބައިތޯ، އެ ޤުރްއާނުން އިންސާނިއްޔަތަށް ހަދިޔާކުރައްވާފައިވާ އުޞޫލުތަކަކީ ކޮބައިތޯ، މިކަންކަން އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ. އެއީ، ޤުރްއާން ހިތުދަސްކުރުމުގެވެސް ބޭނުމަކީ. ޤުރްއާން އުނގެނިގަތުމުގެވެސް ބޭނުމަކީ. ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތުން، މުސްލިމުން އެންމެބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމަކީ، އެބައިމީހުންގެ އެއްބައިވަންތަކަން. ޝައްކެއްނެތް، އިސްލާމްދީން އައުމުގެ ކުރިން، މުޅި އިންސާނިއްޔަތު އޮތީ ބައިބައިވެފައި. ޢަރަބިކަރައިގައި ޢަރަބިންގެމެދުގައިވެސް އޮތީ، ފިތުނަފަސާދައާއި ހަނގުރާމަތައް ފެތުރިފައި. އެއްބަޔަކު ގެންދިޔައީ އަނެއްބަޔެއްގެ ލޭ އޮހޮރުވަމުން. ހަމަޖެހޭ އެއްވެސް ސަބަބެއްނެތި، އެކިއެކި ޤަބީލާތަކުގެމެދުގައި އުފެދޭ ނުވަތަ ފެށޭ ހަނގުރާމަތައް، ބައެއްފަހަރަށް 40 އަހަރަށް ދެމިގެންގޮސްފައި އެބަހުރި. އެތައްހާސް ބައެއްގެ ލޭ، އެ ހަނގުރާމަތަކުގައި އޮހޮރިގެން ގޮސްފައި އެބަހުރި. އެހެންނަމަވެސް، އެކަން އެހެންއޮއްވައި، މާތްވެގެންވާ އިސްލާމްދީން އައުމުން، އެ އެންމެންނަކީ އެއްބައެއް ކަމުގައި ވެގެން ހިނގައްޖެ. ހުރިހާ މުއުމިނުންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ހަމަޖެހިގެން ހިނގައްޖެ.

އާދެ، އެއީ އިސްލާމްދީނުގެ އެންމެ މުހިންމު ރިސާލަތަކީ. އެންމެ މުހިންމު އުޞޫލަކީ، ހުރިހާ މުސްލިމުން އެކަތިގަނޑަކަށްވުން. ހުރިހާ މުސްލިމުންނަކީ އެކުވެރި، އެއްބަނޑުއެއްބަފާ އަދި އެބައިމީހުންގެމެދުގައި ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހިވެފައިވާ ބަޔަކަށްވުން. އަޅުގަނޑުމެން އަބަދުވެސް އަހާ އާޔަތްތަކެއް، "إِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا۠ رَبُّكُمْ فَٱعْبُدُونِ." (الأنبياء 92) އެ އާޔަތް އެއީ. އާދެ، "ހަމަކަށަވަރުން ތިޔަބައިމީހުންގެ މި އުންމަތަކީ އެއް އުންމަތެކޭ. ތިމަންރަސްކަލާނގެއީ ތިޔަބައިމީހުން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެއޭ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށޭ". އެހެން އާޔަތެއްގައި ﷲ ވަޙީކުރައްވާ. "وَإِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱتَّقُونِ". (المؤمنون 52) "އަދި ހަމަކަށަވަރުން، މިއީ އެއް އުންމަތެއް ކަމުގައިވާ، ތިޔަބައިމީހުންގެ އުންމަތޭ. ތިމަންރަސްކަލާނގެއީ ތިޔަބައިމީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެއޭ. ފަހެ، ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވާށޭ. ބިރުވެތިވާށޭ." އެ ތަޤްވާވެރިވުމަކީ އެކަލާނގެ އަންގަވާފައިވާ ގޮތަށް އުޅުން. އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވުން. އެކަލާނގެ އަންގަވަނީ، ހުރިހާ މުސްލިމުންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައިވާށޭ. ﷲ ވަޙީކުރައްވާ. "وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ." (آل عمران 103) މުސްލިމުންނާ މުޚާޠަބު ކުރައްވައި ﷲ ވަޙީކުރައްވަނީ، "ތިޔަބައިމީހުން ﷲގެ ދީނުގައި، ތިޔަބައިމީހުންނަކީ އެކަތިގަނޑަކަށް ވެގެން ތިބެގެން ހިފަހައްޓާށެވެ. ﷲގެ ދީނުގައި ﷲގެ ހިދާޔަތުގައި ﷲ އެންގެވިގޮތުގައި ތިޔަބައިމީހުން ހިފަހައްޓާށޭ. އެ ހިފަހައްޓައިގެން ތިބެންވީ އެއްބައެއްގެ ގޮތުގައޭ. އެކަތިގަނޑެއްގެ ގޮތުގައޭ." "وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِۦٓ إِخْوَٰنًا." (آل عمران 103) "އަދި ތިޔަބައިމީހުން ހަނދާންކުރާށޭ، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް. އެއީ ތިޔަބައިމީހުންނަކީ ޢަދުއްވުންތަކެއް ކަމުގައި ތިބިހިނދު، ތިޔަބައިމީހުންގެ ހިތްތައް އެކަލާނގެ އެކުވެރިކުރައްވައި، ތިޔަބައިމީހުންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ލެއްވިއޭ. އެ ނިޢުމަތް ތިޔަބައިމީހުން ހަނދާންކުރާށޭ."

ކުރިންވެސް ދެންނެވި ފަދައިން، ޢަރަބިންގެ ތެރޭގައި ހަނގުރާމަތަކާއި، ލޭއޮހޮރުވުމާއި ފިތުނަތައް ފެތުރިފައިވަނިކޮށް، އިސްލާމްދީން އައިސް އެ އަންގަނީ ތިޔަބައިމީހުންނަކީ އެއް އުންމަތެކޭ. ތިޔަބައިމީހުންގެ ކަލަކީ އެއްކައުވަންތަ އިލާހޭ. ތިޔަބައިމީހުންގެ ރަސޫލަކީ محمّـد صلّى اللّـه عليـه وسلّم އޭ. ތިޔަބައިމީހުން އީމާންވި ފޮތަކީ އެއްފޮތެކޭ. އެހެންވީމާ، ތިޔަބައިމީހުން ތިއީ، އެއް އުންމަތެކޭ. އެ އުންމަތުގައި އެކުވެރިކަމާއި، އެއްބަނޑުއެއްބަފާކަމާއި، އެކަތިގަނޑަކަށްވުން ހިމެނިފައިވާނަމަ، ޝައްކެއްނެތް، އެއީ ﷲ މުޅި އިންސާނިއްޔަތަށް ލެއްވި ވަރަށްވެސް ބޮޑު ނިޢުމަތެކޭ. އެ ނިޢުމަތް ހަނދާންކުރުމަށް ﷲ ކީރިތި ޤުރްއާނުގައި އަޅުގަނޑުމެންނަށް އަންގަވާފައިވަނީ. އަދިވެސް ﷲ އަންގަވާ. "وَلَا تَنَـٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ." (الأنفال 46) އާދެ، އެ އާޔަތް ފަށްޓަވާފައިވަނީ، "وَأَطِيعُوا۟ ٱللَّهَ وَرَسُولَهُ." (الأنفال 46) "ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށޭ. އަދި އެކަލާނގެ ރަސޫލާއަށް ކިޔަމަންވާށޭ". "وَلَا تَنَـٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ." (الأنفال 46) "އަދި ތިޔަބައިމީހުން ބައިބައިނުވާށޭ". ބައިބައިވީމާ ވާގޮތް ދެން އަންގަވަނީ. "ބައިބައިވެއްޖެނަމަ ތިޔަބައިމީހުން ނާކާމިޔާބުވާނޭ އަދި ތިޔަބައިމީހުންގެ ބާރުތައް ވިއްސިވިހާލިވެގެންދާނޭ." ބާރު އޮންނަނީ، ޢިއްޒަތް އޮންނަނީ، ގަދަފަދަކަން އޮންނަނީ އެކަތިގަނޑަކަށްވުމުގައި. ބައިބައިވެގެން ހިނގައްޖެނަމަ، ޝައްކެއްނެތް، މުސްލިމުންނަކީ އެއްވެސް އާރެއް، ބާރެއް ނެތް ބައެއް ކަމުގައި ވެގެންދާނެ. މިއަދު ވެފައި މިއޮތީ އެހެން. އާދެ، އަލްއުސްތާޛުއްޝައިޚް މުޙައްމަދު ފާރޫޤުގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، މިއަދު މުސްލިމުން މިތިބީ ވަރަށް ނިކަމެތި ޙާލަތަކަށް ދާން ޖެހިފައި. އެއީ، އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައި އަންގަވާފައިވާ އުޞޫލުތަކަށް އަޅުގަނޑުމެންނަށް ފުރަގަސްދެވިގެން. އަޅުގަނޑުމެންގެ ކާބަފައިންނަށްވެސް އެކަމާ އަޅައިނުލެވިގެން. އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުމާއި، ފިތުނައާއި ހަމަނުޖެހުންތައް އުފެދިގެން. މިއަދުގެ އިސްލާމީ ދުނިޔެއަށް ބަލައިލިޔަސް، މިއީ ޙަޤީޤަތެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭނެ. އިސްލާމީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި، މުސްލިމް ޤައުމުތަކުގައި އުފެދިފައިވަނީ ހަމަނުޖެހުން. އެންމެ ދެރަކަމަކީ ދީނުގެ ނަމުގައި އެ ހަމަނުޖެހުން އުފެދިގެން ބައެއް ތަންތާނގައި ހިނގަމުންދާތީ. ދީނުގެ ނަމުގައި ބަޔަކުމީހުން ލޭއޮހޮރުވަމުން ގެންދާތީ. ދީނުގެ ނަމުގައި މީހުން މަރައި، ތަންތަން ގޮއްވައި ހަލާކުކުރަމުން ގެންދާތީ. ދީނާ އެއަށްވުރެ ދުރުކަމެއް ނޯންނާނެ. އިސްލާމްދީނަކީ ރަޙްމަތުގެ ދީން. އެއްބަނޑުއެއްބަފާކަމުގެ ދީން. ޞުލްޙައިގެ ދީން. ޢަދުލުވެރިކަމުގެ ދީން. އެކަން އެހެންއޮއްވާ، ދީނުގެ ނަމުގައި އަޅުގަނޑުމެން ހަނގުރާމަ ކުރަނީ. އެއްބަޔަކު އަނެއްބަޔަކު މަރަނީ. މިހާރު ތިޔަބޭފުޅުން އައްސަވާނެ އެ ޚަބަރުތައް. މިޞްރުގައި ހިނގަމުންދާ ކަންތައްތަކާއި، އަލްޖަޒާއިރުގައި ހިނގަމުންދާ ކަންތައްތަކާއި އަދި އިސްލާމީ އެނޫން ޤައުމުތަކުގައިވެސް މި ހިނގާ ކަންތައްތައް. ވަރަށްވެސް ހިތާމަހުރި ކަމެއް. އެއީ، އަޅުގަނޑުމެންގެ އަޞްލު ބޭނުން، ޤުރްއާނުން އަޅުގަނޑުމެންނަށް އަންގަވާފައިވާ އެންގެވުން އަޅުގަނޑުމެން ހަނދާންނައްތާލައިގެން، އަޅުގަނޑުމެންގެ އަމިއްލަ އެދުން ކުރިއަށް ގެންދިޔުމަށްޓަކައި، އަޅުގަނޑުމެންނަށް ކަންތައް ކުރެވޭގޮތުން އެފަދަ ހަމަނުޖެހުންތައް އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެންދަނީ.

އާދެ، އަޅުގަނޑުގެ ވާހަކައަކީ، މި ހުރިހާ ކަމަކުން އަޅުގަނޑުމެން ޖެހޭނެއޭ، ޢިބްރަތް ލިބިގަންނަން. އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ޤައުމެއް. އެހެންނަމަވެސް، ސަތޭކައިންސަތޭކަ އިސްލާމީ ޤައުމެއް. އެއީ، އަޅުގަނޑުމެންނަށް ލިބިފައިވާ ޢިއްޒަތަކީ. އެއީ، އަޅުގަނޑުމެންނަށް ލިބިފައިވާ ބާރަކީ. އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ ޝަރަފަކީ. އެހެންވީމާ، އެ ޢިއްޒަތާއި، އެ ބާރާއި، އެ ޝަރަފް ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ވާނެ އެކަތިގަނޑަކަށްވާން. އެއްބަނޑުއެއްބަފާ ބަޔަކަށްވާން. އަޅުގަނޑުމެންގެ ތެރޭގައި އެއްވެސްކަހަލަ ތަފާތުވުމަކަށް، ބައިބައިވުމަކަށް އަޅުގަނޑުމެން ތަންދީގެން ނުވާނެ. ވަކިން ޚާއްޞަކޮށް، ދީނީ ކަންތައްތަކުގައި އަޅުގަނޑުމެން ވާންޖެހޭނެ އެއްބަޔަކަށްވާން.

އާދެ، ދީނީ ކަންތައްތަކުގައި އެއްބަޔެއްވުން މުހިންމުކަން އަޅުގަނޑުމެންނަށް ދައްކައިދޭ ކަންތައްތައް އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އިސްލާމީ ބައެއް ޤައުމުތަކުގައި ކިޔަވައިދެނީ އަޅުގަނޑުމެންގެ ފިޤްހީ މަޛްހަބުތަކުގެ ތެރެއިން ހަމަ އެންމެ މަޛްހަބެއް. އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ފިޤްހީ މަޛްހަބުތަކުގެ ތެރޭގައި، ތަފާތު މަޛްހަބުތައް އެބަހުރޭ. އަޅުގަނޑުމެންނަށް އިވޭ، ޙަނަފީ މަޛްހަބުގެ ވާހަކަ، ޝާފިޢީ މަޛްހަބުގެ ވާހަކަ، މާލިކީ މަޛްހަބުގެ ވާހަކަ، ޙަންބަލީ މަޛްހަބުގެ ވާހަކަ. އެއީ، މަޝްހޫރު ހަތަރު މަޛްހަބު. އެ ޚިލާފު އުފެދެން ދިމާވި ސަބަބުވެސް އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް އެނގޭނެ. އާދެ، އެއީ ޢަރަބިބަހުން ބުނާ އެއްޗެއްގައި ތަފާތު ދެމާނަ ނެގޭގޮތަށް އޮވެއްޖިއްޔާ، ދެމީހަކު ދެމާނައެއް ނަގާފާނެ. ޤުރްއާނުގެ އާޔަތްތަކުގެ ތެރޭގައިވެސް އެގޮތަށް ބައެއް އާޔަތް އެބަހުރި، އެ އާޔަތުގެ މާނައާ ދޭތެރޭގައި ޢިލްމުވެރިންގެ ޚިޔާލު ތަފާތުވާ އާޔަތްތައް. އެހެންވީމާ، އެއްބޭފުޅަކު ނަންގަވާ މާނައާ ތަފާތު މާނައެއް އެހެން ޢިލްމުވެރިޔަކު ނަންގަވައިފިއްޔާ، އޭގެ ސަބަބުން ދީނީ ކޮންމެވެސް ކަމެއްގައި ޚިޔާލު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް.

އާދެ، ވަރަށް އާދައިގެ ކަންތައްތަކުގައި، ފިޤްހުގެ މަޛްހަބުތަކުގެ މެދުގައި ޚިލާފު އެބަހުރި. ވުޟޫކުރުމާ ހަމައިން. ވުޟޫކުރާއިރު ބޮލުގައި ފެން ފޮހެންވީ ކިހާވަރަކަށްތޯ؟ ޝާފިޢީ މަޛްހަބުގައި މިއޮންނަނީ ކިތަންމެ ކުޑަތަންކޮޅެއް ފޮހެލިޔަސް އެންމެ ރަނގަޅުވާނެ ކަމަށް. އެއްބައި މަޛްހަބުގައި ބުނަނީ، ބޮލުގައި އެކީގައި ފެންފޮހެންޖެހޭނެއޭ، ވުޟޫ ޞައްޙަވުމަށްޓަކައި. އަނެއް މަޛްހަބެއްގައި އޮންނަނީ، ބޮލުގެ ހަތަރުބައިކުޅަ އެއްބައިގައި ފެން ފޮހެފީވިއްޔާ ވުޟޫ ޞައްޙަވާނެއޭ. މިހިރީ ހުންނަ ތަފާތު. އޭގެ ޒާތުގައި އޭގެ އެއްވެސް މައްސަލައެއް ނެތް. ޢިލްމުވެރިންގެ މެދުގައި އޭގެ މައްސަލައެއް ނެތް. ނަމާދާ ބެހޭގޮތުން ވިސްނިޔަސް، الحمد ކިޔަވާއިރު، بسم އަޑުހަރުކޮށް ކިޔެވުމާއި، ސިއްރުން ކިޔެވުމާ އެއީވެސް ބައެއް މަޛްހަބުތަކުގެ މެދުގައި ޚިލާފު ކަމެއް. ޝާފިޢީ މަޛްހަބުގައި އޮންނަނީ بسم އެއީ، الحمدގެ އާޔަތަކަށްވާތީ، سورة الفاتحةގެ އާޔަތެއް ކަމުގައިވާތީ، بسم ވެސް ކިޔަންޖެހޭނީ، އަޑުހަރުކޮށް ކިޔާ ނަމާދެއްވިއްޔާ އަޑުހަރުކޮށޭ. ބައެއް އެހެން މަޛްހަބުތަކުގައި އޮންނަނީ، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި، بسم ސިއްރުން ކިޔަވާފައި، الحمدން ފަށައިގެން އަޑުހަރުކޮށް ކިޔަވާގޮތަށް. ޤުނޫތުގެ މައްސަލަވެސް އެހެން. ކުށުސަޖިދައިގެ މައްސަލަވެސް އެހެން. އެކަހަލަ ވަރަށް ތަފާތު މައްސަލަތަކެއް އެބަހުރޭ، ޢިލްމުވެރިންގެ މެދުގައި އެބޭފުޅުންގެ ނަޒަރު ތަފާތުވެފައިވާ. އެހެންނަމަވެސް، އެބޭފުޅުންގެ މެދުގައި އެއްވެސް ޚިލާފެއް ނެތް. އެއީކީ މާބޮޑު ކަމެއްނޫން. އެކަންތައް، ކަމަކަށްވަނީ ޢާންމުންގެ ހިސާބަށް ފޭބީމާ. ޢިލްމުވެރިންގެ މެދުގައި މައްސަލައެއް ނޫން. އޭގެ ޒާތުގައި ހަމަ އެންމެ ރަނގަޅު ކަމެއް. އެއިން ދައްކައިދެނީ، އިސްލާމްދީނުގައި އޮތް ފިކްރީ އަދި ޢިލްމީ މިނިވަންކަން. އިސްލާމްދީނުގައި ޢިލްމުވެރިންނަށް ދެއްވާފައިވާ މިނިވަންކަން. އެބޭފުޅުން ވިސްނަވައިގެން، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ޙުކުމްތައް ނެންގެވުމުގައި. އެ މިނިވަންކަން އެއިން އަޅުގަނޑުމެންނަށް ދޭހަވަނީ. އެހެންނަމަވެސް، މިދެންނެވި ކުދިކުދި އެ ތަފާތުތައް ޢާންމުންނާ ހިސާބަށް ފޭބީމާ މިވާގޮތަކީ، ޢާންމުންގެ މެދުގައި ޚިލާފު އުފެދެނީ. ޚިލާފު އުފެދިގެން، ފަހުންއައިސް އެ ބައިބައިވުމަކަށް ވަނީ. އެހެންވީމާ، މިކަހަލަ ބައިބައިވުން އުފެދުނަނުދިނުމަށްޓަކައި، އިސްލާމީ ބައެއް ޤައުމުތަކުގައި ހަދާގޮތަކީ، އެންމެ މަޛްހަބެއް ކިޔަވައިދެނީ. ސުޢޫދީ ޢަރަބިއްޔާގައިވެސް ކިޔަވައިދެނީ އެންމެ މަޛްހަބެއް، އެމަޛްހަބާ ޚިލާފު މަޛްހަބުތައް އަދި ޞައްޙަކަމުގައިވިޔަސް. ހުރިހާ މަޛްހަބުތަކަކީވެސް ޞައްޙަ މަޛްހަބުތައް. އެއީ ހުރިހާ އިމާމުންވެސް، އެބޭކަލުންގެ ޙުކުމްތައް ނަންގަވާފައިވަނީ، ޤުރްއާނާއި ސުންނަތުން. އެނޫން އެއްޗަކުންނެއް ނޫން. އެހެންވީމާ، އެ ހުރިހާ މަޛްހަބަކީވެސް ޞައްޙަ މަޛްހަބު. އެހެންނަމަވެސް، އެއް މަޛްހަބެއް އެތާނގައި ދަސްކޮށްދޭ ކަމަކީ، އޭރުން މީހުންގެ މެދުގައި ބައިބައިވުން ކުޑަވެފައި، އެންމެން އެކަތިގަނޑަކަށްވާނެތީ.

ހަމައެފަދައިން، ދާދިފަހުން އަޅުގަނޑަށް ދާން މި ދިމާވީ މަޣްރިބްކަރަޔަށް. އަޅުގަނޑު އެތަނަށް ގޮސް އެތާނގެ ކަންތައް ހުރިގޮތް ބަލައިލިއިރުވެސް، އެތާނގެ ވަރަށްމަތީ ފެންވަރެއްގެ ބޭފުޅަކު އަޅުގަނޑު ގާތު ވިދާޅުވި. މަޣްރިބްކަރައިގައި ކިޔަވައިދެނީ މާލިކީ މަޛްހަބޭ. ހަމައެކަނި މާލިކީ މަޛްހަބޭ. އެހެން އެއްވެސް މަޛްހަބެއް ކިޔަވައެއްނުދެއޭ. ސަބަބަކީ އެހެން މަޛްހަބުތައް ކިޔަވައިދީފީވިއްޔާ ޢާންމުންގެ މެދުގައި މިދެންނެވި ފަދަ ތަފާތުތައް އުފެދެން ފަށާފާނެތީ. އެހެންވީމާ، ވަރަށް ޞުލްޙަވެރި، އަމާން ތަނެއްގެ ގޮތުގައި އަޅުގަނޑަށް އެތަން ފެނިގެންދިޔައީ.

އަޅުގަނޑު ދަންނަވަން އުޅޭ ވާހަކައަކީ، ކީއްވެތޯއޭ އަޅުގަނޑުމެންފަދަ، މިކަހަލަ ކުޑަކުޑަ އިސްލާމީ ޤައުމެއްގައި، މި ހުރިހާ ތަފާތު ވާހަކަތަކެއް ދައްކަންވީ. އަޅުގަނޑުމެން ކުރިއްސުރެ ޤަބޫލުކުރަމުން އައި މަޛްހަބު އެއީވެސް ހަމަ ޞައްޙަ މަޛްހަބެއް. ޝާފިޢީ މަޛްހަބުގެ ހުރިހާ ދަލީލުތަކެއް އެހުރީ ފިޤްހު ފޮތްތަކުގައި. ދަލީލުތައް އެހުރީ ނަންގަވާފައި. ޝާފިޢީގެފާނާއި އަދި އެ މަޛްހަބުގެ ޢިލްމުވެރިން ނަންގަވާފައި އެހެރީ ކީރިތި ޤުރްއާނުންނާއި، މާތްރަސޫލާގެ ސުންނަތުން. ދެން އޭގެފަހުން، ޝަރުޢުގެ ދަލީލުތައް ކަމުގައި ހިމެނޭ ޝަރުޢުގެ އެހެން ދަލީލުތަކުން، އިޖްމާޢުން، ޤިޔާސުން ނުވަތަ އެނޫން ދަލީލުތަކުން. އެހެންވީމާ، އެއީ ހަމަ ޞައްޙަ މަޛްހަބް އެހުންނަނީ. އެހެންވީމާ، އޭގެ މައްސަލަތަކާ ދޭތެރޭގައި އަޅުގަނޑުމެން ބަޙުޘްކޮށް ޚިޔާލުތަފާތުކުރުމުގެ ބޭނުމެއް ނެތް. މިހެން ހެދީމާ ވާނެގޮތަކީ، އަޅުގަނޑުމެންގެ ތެރޭގައި އަދި ޢާންމުންގެ ތެރޭގައި، ބައިބައިވުން އުފެދޭނީ. ޢާންމުންގެ ތެރޭގައި ބައިބައިވުން އުފެދިއްޖިއްޔާ ވަރަށް ފަސޭހައިން އެ ފިތުނައަކަށްވެގެން ހިނގައިދާނެ. ތަޅާފޮޅުމަކަށް ވެގެން ހިނގައިދާނެ. ލޭއޮހޮރުވުމަކަށް ވެގެން ހިނގައިދާނެ. އަޅުގަނޑުމެން އެއްގޮތަކަށްވެސް މިކަހަލަ ކަމެއް ރާއްޖޭގައި ވިޔަދީގެން ނުވާނެ.

އާދެ، އަޅުގަނޑު މިހެން މި ދަންނަވާލާ އެއް ސަބަބަކީ، މިދޭތެރެއިން މި ޝައްވާލް މަހުގެ ހަނދާ ބެހޭގޮތުންވެސް ވަރަށް ތަފާތު ޚިޔާލުތަކެއް މީހުންގެ ތެރޭގައި އުފެދިގެންދިޔަ. އެހެންވީމާ، އެކަންތައްތައް އެހެންވުމަކީ، އެއްގޮތަކަށްވެސް ވެގެންވާނެ ގޮތެއް ނޫނޭ ދަންނަވަން އަޅުގަނޑު މިއުޅެނީ.

އާދެ، ރޯދަމަހާއި ޝައްވާލްމަހާ ދެމަހަށް ހަނދު ބެލުމުގައި ސަރުކާރުން ޢަމަލުކުރަމުން ގެންދާ ޤަވާޢިދު ވަނީ ޢާންމުކޮށް އިޢުލާނު ކުރެވިފައި. އަޅުގަނޑުމެން މި ޢަމަލުކުރަމުންދާ ޤަވާޢިދަކީ، ރާއްޖެއަށް ހަނދު ފެނިއްޖިއްޔާ އަޅުގަނޑުމެން ހަނދުލައްވަމު. ހަނދު ލައްވަނީ ސާބިތުވީމާ. ޝަރުޢީގޮތުން ސާބިތުވީމާ. ޝަރުޢީގޮތުން ސާބިތުވާނީ، ރާއްޖެއަށް ހަނދު ފެންނާނޭ ކަމަށް، ފަލަކީ ޙިސާބުން ދައްކާ ރެއެއްގައި، ދެހެކިންގެ ހެކިބަހުން ނުވަތަ އެއް ހެތްކެއްގެ ހެކިބަހުން އެކަން ސާބިތުވިއްޔާ. ފަލަކީ ޙިސާބުން ހަނދު ފެންމަތިނުވާނެ ކަމަށްވާ ރެއެއްގައި، މީހަކު ހެކިދިނަސް ނުވަތަ ދެމީހުން އައިސް ހެކިދިނަސް، އެ ހެކިބަހެއް އަޅުގަނޑުމެން ޤަބޫލެއްނުކުރަން. އެއީ، އެކަން އޮންނަގޮތް. ރާއްޖެއަށް ނުފެނި އެހެން އިސްލާމީ ޤައުމަކަށް ހަނދު ފެނިއްޖިއްޔާ، އަޅުގަނޑުމެން ޢަމަލުކުރަނީ އެއީ، ފަލަކީ ޙިސާބުން ހަނދު ފެންމަތިވާނެކަން، އާދެ، އިރުއޮއްސުމަށްފަހުގައި ހަނދު ނުއޮއްސި ހުންނާނެކަން ދައްކާ ރެއެއްގައި، އެއިން ޤައުމަކަށް ހަނދު ފެނިއްޖެކަން އިތުބާރުހުރި ގޮތެއްގައި ރާއްޖެއަށް ލިބުމުން. އިތުބާރުހުރި ގޮތެއްގައި ރާއްޖެއަށް ލިބޭނީ ކިހިނެއްތޯ؟ އެއީ، އެތަނެއްގެ ރަސްމީ ފަރާތަކުން ރާއްޖެއަށް އެންގެވިއްޔާ. ނޫނީ އެތަނެއްގެ ރޭޑިޔޯއިން އެ ޚަބަރު ކިޔައިފިއްޔާ. މިކަން ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި އިންތިޒާމުތަކެއް އޮންނަނީ ކޮށްފައި. ޢާންމުކޮށް ގިނަ ބަޔަކަށް އެކަން ނޭނގި އޮތް ކަމުގައިވިޔަސް، އެއީ ރަމަޟާން މަސް އައުމުގެ މާކުރިން، އަޅުގަނޑުމެން އިސްލާމީ ހުރިހާ ޤައުމުތަކަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް މެސެޖްތަކެއް ފޮނުވަން، ހަނދުގެ މަޢުލޫމާތު ފޮނުއްވައިދެއްވުމަށް އެދި. ފުރަތަމަ އެތާނގެ ކަލަންޑަރުގައި އޮތީ ކިހިނެއްތޯ؟ ދެން އެރޭ ހަނދު ފެންނާނެތޯ، ނޫންތޯ؟ އެތާނގެ ފަލަކީ ޙިސާބުން ދައްކަނީ ކިހިނެއްތޯ؟ ދެން ހަނދު ފެނުނީމާ އަންގަވާގޮތަށް. ހަމަ އިސްލާމީ ހުރިހާ ޤައުމަކަށް ފޮރިން މިނިސްޓްރީން މެސެޖް ފޮނުއްވާނެ. އަދި އެ މެސެޖްތަކުގެ ޖަވާބު އެތަންތަނުން ލިބޭ. އޭގެއިތުރަށް، އަޅުގަނޑުމެން ބައެއް ބޭފުޅުންނާ ޙަވާލުކޮށްގެން، އެބޭފުޅުން ރޭޑިޔޯތައްވެސް އައްސަވާނެ. އިސްލާމީ އެއްވެސް ޤައުމަކަށް ހަނދު ފެނިގެން އެވާހަކަ ކިޔާތޯ. ހަމައެފަދައިން، އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން، ބޭރު ޤައުމުތަކާ ގުޅުއްވައިގެން، ޓެލިފޯނުގެ ޛަރީޢާއިން ގުޅުއްވައިގެން އެކަމުގެ ޚަބަރު ހޯއްދަވާ. މިހާރު އެއީ އުނދަގޫ ކަމެއްނޫން. ހަމަ އިރުއޮއްސުމާ އެކީގައި ނުވަތަ 8، 9، 10 ޖަހާލާހާކަންހާއިރު، ރައީސް އޮފީހުން އަޅުގަނޑުމެން އިސްލާމީ ވަރަށްގިނަ ޤައުމުތަކާ ގުޅައިގެން، އެތާނގެ ކަންތައް އޮތީ ކިހިނެއްތޯ ބަލަމުން ގެންދަނީ.

އެގޮތުން ލިބޭ ހުރިހާ މަޢުލޫމާތުތަކެއްގެ އަލީގައި ސަރުކާރުން ގޮތެއް ނިންމަނީ. ސަރުކާރުންނޭ މި ދެންނެވީ، އެގޮތެއް ނިންމަނީކީ އަޅުގަނޑު އެކަންޏެއްނޫން. ރާއްޖޭގައި 1401 ވަނަ އަހަރުން ފެށިގެން އެކަމާބެހޭ ޢިލްމީ ކޮމިޓީއެއް ވަނީ އުފެދިފައި. 1401 ވަނަ އަހަރު ފެށުނު ކޮމިޓީއެއް އެއީ. އެ ކޮމިޓީގައި، އޭރު ތިއްބަވާ ބޭފުޅުންގެ ތެރޭގައި، ފަޟީލަތުއްޝައިޚުލް މަރްޙޫމް އަލްއުސްތާޛު މުޙައްމަދު ޖަމީލްދީދީ ހިމެނިވަޑައިގަންނަވާ. އޭގެއިތުރަށް، އަޅުގަނޑުމެންގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުލް އުސްތާޛުއްޝައިޚް މޫސާ ފަތުޙީ ހިމެނިވަޑައިގަންނަވާ. އަދި ރާއްޖޭގައި ތިއްބެވި ބައެއް އެހެން ޢިލްމުވެރިން ހިމެނިވަޑައިގަންނަވާ. މިހާރުވެސް އެ ކޮމިޓީގައި އެބަތިއްބެވި 8 ބޭފުޅުން. އޭގެތެރޭގައި، ފަޟީލަތުލް އުސްތާޛުއްޝައިޚް މޫސާ ފަތުޙީ ހިމެނިވަޑައިގަންނަވާ. ފަޟީލަތުއްޝައިޚް އަޙްމަދު ޝާޠިރު މޫސާ ހިމެނިވަޑައިގަންނަވާ. ފަޟީލަތުއްޝައިޚް އަޙްމަދު ފާރޫޤު މުޙައްމަދު ހިމެނިވަޑައިގަންނަވާ. ފަޟީލަތުއްޝައިޚް އިބްރާހީމް ޒަކަރިއްޔާ މޫސާ ހިމެނިވަޑައިގަންނަވާ. ކޮމިޓީ އެއްވަނީ. މިފަހަރުވެސް އެހެންހެދީ. އެއްވެފައި، އެހުރިހާ މަޢުލޫމާތެއް ގެނެސްފައި، ބަޙުޘްކުރައްވާފައި ކޮމިޓީގެ ހުރިހާ މެންބަރުން އެއްބަސްވެވަޑައިގަންނަވާ ގޮތަކަށް ސަރުކާރުން އިޢުލާނުކުރަނީ. އެހެންވީމާ، ވަރަށް ހަރުދަނާ ސާބިތުގޮތެއްގައި މިކަން ކުރަމުން މިގެންދަނީ. މިފަހަރު ދިމާވިހެން، މީގެކުރިން ބައެއްފަހަރު ފަހަރު ހުންނާނެ، އެހެން ޤައުމަކަށް ހަނދު ފެނިގެން އެންގިޔަސް، އަޅުގަނޑުމެން ޤަބޫލުނުކޮށްފައި. އެއީ، ކުރިންވެސް ދެންނެވި ޝަރުޠު ހަމަނުވާތީ. އެޝަރުޠަކީ ފަލަކީ ޙިސާބުން ބަލާގޮތުގައި، އެރެއެއްގެ ހަނދު ފެންނަންޖެހޭނެ. އެއީ، ހަނދު ފެންމަތިވާ ރެޔަކަށް ވާންޖެހޭނެ. އެފަދަ ރެއެއްގައި އިތުބާރުހުރި ގޮތެއްގައި، އެ ޚަބަރު ސަރުކާރަށް ލިބިއްޖިއްޔާ، އެއާ އެއްގޮތަށް އަޅުގަނޑުމެން ޢަމަލުކުރަނީ.

މިވޭތުވެދިޔަ ޝައްވާލް މަހުގެ 1 ވަނަ ރޭ ނުވަތަ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެރޭ، 30 ވަނަ ރޭ، ކަން ހިނގައިދިޔަ ގޮތަކީވެސް އެއީ. އަޅުގަނޑުމެންނަށް އެ ޚަބަރު ލިބުނު. އެހެންނަމަވެސް، ކުރިންވެސް ކޮންމެވެސް އެހެން މުނާސަބަތެއްގައި އަޅުގަނޑު އިޝާރާތްކޮށްފައި އޮންނާނެ ފަދައިން، ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސޭއިރު، އޭގެ މާކުރިން ހަނދު ހުންނަނީ އޮއްސިފައި. އިސްލާމީ ހުރިހާ ޤައުމަކަށްވެސް. އެހެންވީމާ، އެރޭ ހަނދު ފެންނާނެ އެއްވެސް ފުރްޞަތެއް، އިސްލާމީ އެއްވެސް ޤައުމަކަށް ނެތް. އެކަން އެހެންއޮއްވާ، އެތަންތާނގެ ކަންތައް ހުންނަގޮތުން، މާފަހުން ދަންވަރު ކޮންމެވެސް ގަޑިއެއްގައި ހަނދު ފެނިއްޖެއޭ އިޢުލާނުކުރިޔަސް، އަޅުގަނޑުމެންގެ ޤަވާޢިދު ބުނާގޮތުން އަދި ހަމަޖެހޭ ރަނގަޅު، ބުއްދި ޤަބޫލުކުރާ އުޞޫލު ނިޔާކުރާގޮތުން، އެވާހަކަ އަޅުގަނޑުމެން ބަލައިގަންނާކަށް ނުޖެހޭ. މީގެކުރިންވެސް ހުންނާނީ ކިތަންމެފަހަރަކު ހަމަ އެހެން ދިމާވެފައި. ބޭރު ތަންތަނުން ހަނދު ފެނުނޭ ބުންޏަސް، އަޅުގަނޑުމެން މި ބަލާ ޤަވާޢިދުން، މި ބަލާ އުޞޫލުން އަޅުގަނޑުމެންނަށް ހަނދު ސާބިތުނުވަންޏާ، ސާބިތުނުކޮށްފައި ހުންނާނެ ކިތަންމެފަހަރަކު. އެކަމަކު މީހުންނަށް އެކަން ނޭނގޭތީ މައްސަލައަކަށް ނުވަނީ. މިފަހަރު ކޮންމެވެސްގޮތަކުން ކޮންމެވެސް ބަޔަކަށް އެކަން އެނގިގެން، ބަޔަކު މީހުން މައްސަލައަކަށް ހަދަންއުޅުނީ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން މިއުޅެނީ، އެއީކީ އެއްވެސްކަހަލަ މައްސަލައަކަށް ވެގެންވާނެ ކަމެއްނޫނޭ. އަޅުގަނޑުމެން ޢަމަލުކުރާ އުޞޫލަކީ ވަރަށް ހަރުދަނާގޮތަކަށް ބިނާކުރެވިފައިވާ އުޞޫލެކޭ. އެ އުޞޫލާ އެއްގޮތަށޭ ކަންތައް ކުރަމުން މިގެންދަނީ. 1401 ވަނަ އަހަރުން ފެށިގެން، މީގެ 13 އަހަރު ކުރިއްސުރެ، ހަމަ ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށްވެސް، ޝައްވާލް މަހަށްވެސް އެއްކަލަ ކޮމިޓީ އެއްވާނެ. ކޮމިޓީ އެއްވެފައި، ލިބިފައިވާ މަޢުލޫމާތު ބަލާފައި، ކޮމިޓީން ނިންމަވާގޮތަކަށް އިޢުލާނު ކުރެވޭނީ. ރާއްޖޭގައި ތިއްބެވި ޢިލްމުވެރިންގެ ތެރެއިން އެންމެ އެކަމަށް އެކަށީގެންވާ ކަމަށް، ސަރުކާރަށް ފެންނަ ބޭފުޅުން ތިއްބަވައިގެން އެކަން އެ ނިންމަވަނީ.

އެހެންވީމާ، އެކަހަލަ ކަންތައްވެސް އަޅުގަނޑުމެންގެ ތެރޭގައި އެއްގޮތަކަށްވެސް އެ ޚިޔާލު ބަދަލުކޮށް، އެ ޖަދަލުކުރާ ކަމަކަށް ވެގެންނުވާނެ. އަޅުގަނޑު ނާހަން، ދުނިޔޭގެ އެއްވެސް ތަނެއްގައި އެހެން ހިނގާ ވާހަކައެއް. އެއީ މިކަންތައް ދިމާވޭ އެހެން ޤައުމުތަކުގައިވެސް. މިދެންނެވީ ސުޢޫދީ ޢަރަބިއްޔާއިން ހަނދު ފެނިގެން އެންގީމާ، މިޞްރުންވެސް އެއްބައިފަހަރަށް އެގޮތަށް އެބަހުރި ޢަމަލުކޮށްފައި. އަނެއްބައިފަހަރަށް ޢަމަލެއްނުކުރޭ. އެއީ، އަޅުގަނޑު މިދެންނެވި ކަހަލަ ކަންތައްތަކެއް ދިމާވާތީ، ނުކުރަނީ ކަމަށްވެސް ވެދާނެ. އެހެންނަމަވެސް، ކޮންމެގޮތަކަށް ސަރުކާރުގެ ކަމާބެހޭ ފަރާތަކުން އިޢުލާނު ކުރެއްވިޔަސް، އެއާ ދެކޮޅަށް ބަޔަކު ވާހަކަދައްކައި ޢަމަލުކުރާ ތަނެއް، އިސްލާމީ އެއްވެސް ޤައުމަކުން ފެނިފައެއް ނެތް. އެހެންވީމާ، ކީއްވެތޯ އަޅުގަނޑުމެންގެ ރާއްޖޭގައި މިހެންވާންވީ. ސަރުކާރުން އެރޭ މިދެންނެވި ގޮތަށް އިޢުލާނުކޮށްފައި އޮއްވާ، ކީއްވެތޯ ބަޔަކު އަނެއްދުވަހު ރޯދައަށް ނުތިބެންވީ. އެއީ އެއްވެސްކަހަލަ ދީނީ އުޞޫލެއްގެ މައްޗަށް ބިނާވެގެންވާ ކަމެއްނޫން. އަޅުގަނޑު ހިތުން، އަޅުގަނޑުމެންގެ ތެރޭގައި ކަމާބެހޭ މަޢުލޫމާތު ލިބިފައި ހުންނަލެއް މަދުކަމުން ނުވަތަ އަޅުގަނޑުމެންގެ ތެރޭގައި ބައެއްމީހުން އެކި ސަބަބުތަކާހުރެ، މައްސަލަ އުފައްދަން ބޭނުންވާތީ ވާގޮތެއް. އެކަންކަމަށް އަޅުގަނޑުމެން ތިބެންޖެހޭނީ ހޭލާ.

އެހެންވީމާ، އަޅުގަނޑު މި ދަންނަވަން އުޅޭ ވާހަކައަކީ، މުސްލިމުންނަކީ އަބަދުވެސް ވާންޖެހޭނޭ އެއްބަނޑުއެއްބަފާ ބަޔަކަށް. އެކަތިގަނޑަކަށް. ހަމަޖެހޭ ރަނގަޅު އުޞޫލަކަށޭ މުސްލިމުން ކަންތައް ކުރަމުން ގެންދަންވާނީ. ޚާއްޞަކޮށް، ދީނީ ކަންތައްތަކުގައި އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ޚިޔާލުތަފާތުވުންތަކެއް ގެންގުޅެގެނެއް ނުވާނެ. އެއީ މިހާރު އަދި ކަމަކަށްނުވިޔަސް، މުސްތަޤްބަލުގައި އެ ބޮޑުވެގެން ގޮސް އެއީ، ވަރަށް ބޮޑެތި މައްސަލަތަކަކަށް ވެދާނެތީ. އެ ވެދާނެ ސިޔާސީ މައްސަލަތަކަކަށްވެސް. އެ ވެދާނެ ހަމަ ބޮޑެތި ފިތުނައަށްވެސް. އެހެންވީމާ، އެކަން އަޅުގަނޑުމެން މިހާރުއްސުރެ ދަންނަންޖެހޭނެ. ދީނުގައި އޮތީ ވަރަށް ސާފުސީދާ ރީތިގޮތަކަށް އަޅުގަނޑުމެންނަށް އެ ކަންތައްތައް އަންގަވައިދެއްވާފައި. އެހެންވީމާ، އެ ކަންތައްތައް، ދީނުގައި އެ އޮތްގޮތަށް އަޅުގަނޑުމެން ކުރަންޖެހޭނީ. ޖަދަލުކުރުމަކީ ދީނުގައި އޮތް ކަމެއް ނޫން. ކާފަރުންނާ ބެހޭގޮތުން ޒަންމުގެ ބަސްފުޅު ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވަނީ. އޭގެ މާނައަކީ އެމީހުން އެކަންކުރާގޮތް ނުބައިވެގެން، އެކަން އެންގެވުމުގެ ގޮތުން ﷲ ވަޙީކުރައްވާފައި އެބައޮތް. "وَكَانَ ٱلْإِنسَـٰنُ أَكْثَرَ شَىْءٍ جَدَلًا" (الكهف 54) "އިންސާނާއީ އެންމެ ޖަދަލުކުރުން ގިނަ މަޚްލޫޤޭ". އެއީ، ކާފަރުންނަށް ނިސްބަތްކުރައްވައި އެ އަންގަވަނީ. އެހެންވީމާ، ކާފަރުންގެ ގޮތެއް އެއީ ޖަދަލުކުރުން. ކިތަންމެ ރަނގަޅަށް ވާހަކައެއް ކިޔައިދިނަސް، ދަލީލު ދެއްކިޔަސް، ޤަބޫލުނުކޮށް އެގޮތްމިގޮތަށް ވާހަކަ ދައްކާހަދާނީ. އެގޮތް އަޅުގަނޑުމެންގެ ތެރޭގައި ހުރެގެންނުވާނެ. ކީރިތި ރަސޫލާ ވަޑައިގެން، ތިމަންކަލޭގެފާނަކީ ﷲ ފޮނުއްވި ރަސޫލާއޭ ވިދާޅުވީމާ، އެމީހުން ބުނަނީ ކިހިނެއްހޭ ތިހެންވާނީ. ތިއީ އަހަރެމެންގެ ތެރެއިން މީހެކޭ. ރަސޫލަކަށް ފޮނުވަންޖެހޭނީ މަލާއިކަތެކޭ. ރަސޫލާ ވަޑައިގެން ވިދާޅުވެދާނެ، ޤިޔާމަތްދުވަސް އަންނާނެއޭ. ހުރިހާ އެންމެން އާޚިރަތް ދުވަހުން އަނބުރާ ބަޢަޘަށް ފޮނުއްވާނެއޭ. ދަންނަވާނެ ކިހިނެއްތޯއޭ އެހެންވާނީ. އެންމެން މަރުވެދާފަހުން، އެންމެންގެ ހަށިތައް ބިމަށްގޮސް، ވެއްޔާ މޮޑެވި ހަލާކުވެދާފަހުން، ކިހިނެއްހޭ އެބައިތައް އެނބުރި އައިސް އިންސާނުން އަނެއްކާ އެމީހުންނަށް ﷲ ދިރުން ދެއްވާނީ. ދެން ބުދަށް އަޅުކަންނުކުރާށޭ. އެހެން ވިދާޅުވެއްޖިއްޔާ، ދަންނަވާނީ ކީއްވެތޯއޭ ބުދަށް އަޅުކަން ނުކުރަންވީ. އަޅުގަނޑުމެން ކާބަފައިންގެ ޒަމާނުއްސުރެ އަޅުކަން ކުރަމުން އައި ބުދުތަކޭ އެއީ. އެ ދޫކޮށްލަންވީތޯއޭ. މިއީ ކާފަރުންގެ ކަންތައް ހުންނަގޮތް. ކޮންމެ ކަމަކަށްވެސް ޖަދަލުކުރާނެ. ކިތަންމެ ރަނގަޅު ހެތްކެއް ދެއްކެވިޔަސް ޤަބޫލެއްނުކުރާނެ. އެހެންވީމާ، އެހެންވެގެން ނުވާނެ، އަޅުގަނޑުމެން މުސްލިމުންނެއް. އެއީ، ޖަދަލުކުރުން އެއީ ކާފަރުންގެ ސިފައެއް. ޤުރްއާނުގައި އަންގަވާފައިވާ ގޮތުން، އަޅުގަނޑުމެން މުސްލިމުން ވާންޖެހޭނީ ހެޔޮބަސްއަހާ، ހެޔޮބަސް ޤަބޫލުކުރާ ބަޔަކަށް. "ٱلَّذِينَ يَسْتَمِعُونَ ٱلْقَوْلَ فَيَتَّبِعُونَ أَحْسَنَهُۥ ۚ". (الزُّمر 18) މުސްލިމުންނާ ބެހޭގޮތުން ﷲ ޤުރްއާނުގައި އަންގަވާފައިވަނީ، "އެބައިމީހުންނަކީ މީހުން ދައްކާ ވާހަކަ އަޑުއަހާ އަދި އޭގެތެރެއިން އެންމެ ރަނގަޅު ހެޔޮ ވާހަކައަށް ތަބަޢަވާ މީހުންނޭ." އެއީ މުސްލިމުންގެ ގޮތަކީ. އަޅުގަނޑުމެންނަށް ހުރިހާ ވާހަކައެއްވެސް އިވޭ. އިވޭ ވާހަކަތަކުގެ ތެރެއިން އެންމެ ބުއްދި ޤަބޫލުކުރާ، އެންމެ ރަނގަޅު، އެންމެ ހެޔޮ ވާހަކަ ޤަބޫލުކޮށްގެން ތިބީމާ، އެއީ މުސްލިމުންނަށް ވެވުނީ.

އާދެ، މިރޭ އަޅުގަނޑުގެ ވާހަކަ ތަންކޮޅެއް ދިގުވެގެންވެސް ހިނގައްޖެ. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއެރީ، ކަމުގެ ބާވަތުން މި ކަންތައްތައް އޮތްގޮތް އަޅުގަނޑުމެންނަށް އެނގެންޖެހޭނެއޭ. ސަރުކާރުން ފަހަރެއްގައިވެސް މި ޢަމަލުކުރަނީ އެކިފަހަރު އެކިގޮތަކަށް ނޫނޭ. ޒަމާނުއްސުރެ، މިދެންނެވީ މީގެ ގާތްގަނޑަކަށް 14، 15 އަހަރުން ފެށިގެން، އެއް އުސޫލެއް ހަމަޖެހިގެން، އެއާ އެއްގޮތަށޭ ޢަމަލުކުރަމުން މިގެންދަނީ. ވަރަށް ހަރުދަނާގޮތެއްގައޭ. އެހެންވީމާ، އެއާ ދޭތެރޭގައި ތަފާތު ޚިޔާލުތަކެއް ގެންގުޅެވޭނެ އެއްވެސް ޖާގައެއް ނެތޭ. އަދި އަމުދުން ދީނީ ކަންތައްތަކުގައި އަޅުގަނޑުމެން އެއްގޮތަކަށްވެސް ބައިބައިވެގެނެއް ނުވާނޭ. އެންމެންވެސް ޖެހޭނީ އެކަތިގަނޑަކަށްވާން. އެއީ، ޤުރްއާނުގައި އަންގަވާފައި އޮތީވެސް މުސްލިމުން އެކަތިގަނޑަކަށްވާށޭ. އެކަތިގަނޑަކަށް ވެގެންތިބީމައޭ މުސްލިމުންގެ ޢިއްޒަތަކާއި ބާރެއް އޮންނާނީ. އެހެންނޫނީ މުސްލިމުން އެއީ ބަލިކަށި ބަޔަކަށް ވެގެން ހިނގައިދާނެއޭ. ބައިބައިވެގެން، އެމީހުންގެ އެއްވެސްކަހަލަ އަގެއް، ޤަދަރެއް މީހުންގެ ކުރިމަތީގައި ނެތް ބަޔަކަށް ވެގެން ހިނގައިދާނޭ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ޖަމްޢިއްޔަތުލް ފަލާޙުގެ ފަރާތުން އަޅުގަނޑަށް ދެއްވި ޝަރަފަށްޓަކައިވެސް ޖަމްޢިއްޔާއަށް ޝުކުރު ދަންނަވަންޖެހޭ. މިރޭ އެ ލިޔުން އަޅުގަނޑާ ޙަވާލުނުކުރެއްވި ކަމުގައިވިޔަސް، އެ ލިޔުން އަޅުގަނޑަށް ދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ، ވަރަށް އުފަލާއެކު އެ ލިޔުން އަޅުގަނޑު ޤަބޫލުކުރާނެ ވާހަކައާއި، އެކަމަށްޓަކައި ޖަމްޢިއްޔާގެ ރައީސަށާއި، ޖަމްޢިއްޔާގެ އިދާރާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ވާހަކަ ދަންނަވާލަމުން، އަދި އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ، އަދި އަޅުގަނޑުމެންނަށް އިވޭ އަޑުތަކުގެ ތެރެއިން އެންމެ ހެޔޮބަސްއަހާ، ހެޔޮބަސް ޤަބޫލުކުރާ، އެއާ އެއްގޮތަށް ޢަމަލުކުރާ ބަޔަކު ކަމުގައި ލެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّـلام عليـكم ورحـمة اللّـه وبـركاتـه.