بســم اللّـه الرّحمـن الرّحيــم

الحمد لله الّذى مَنَّ عَلَى ٱلْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَـٰلٍ مُّبِينٍ، والصّلاة والسّلام على الرّسول الأمّيّ الّذى أرسله الله رحمةلّلعالمين، وجعل فيه أسوة حسنة لمن كان يرجوالله واليوم الآخر وذكرالله كثيرا.

اللّــه ســبحانه وتــعالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. އެކަލާނގެއީ މުއުމިނުންގެ ތެރެއިން ރަސޫލަކު، އެބައިމީހުންގެ ގާތަށް ފޮނުއްވުމުގެ ނިޢުމަތް މުއުމިނުންނަށް ދެއްވި މާތްރަސްކަލާނގެ. އެ ރަސޫލާ އެބައިމީހުންނަށް އެކަލާނގެ ބާވައިލެއްވި އާޔަތްތައް ކިޔައިދެއްވި. އަދި އެބައިމީހުންގެ ނަފްސުތައް ޠާހިރުކޮށްދެއްވި. އަދި އެބައިމީހުންނަށް ﷲ ބާވައިލެއްވި ފޮތް އުނގަންނައިދެއްވި. އަދި ބުއްދިވެރިކަމާއި، ސަލާމަތް ބުއްދީގެ ބޭނުންކުރާނެގޮތް ދަސްކޮށްދެއްވި. އެމީހުންނަކީ ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތުމުގެ ކުރިން، ހަމަކަށަވަރުން ކަނޑައެޅިގެންވާ މަގުފުރެދުމެއްގެ ތެރޭގައި ތިބި ބައެއް. މާތްރަސްކަލާނގެ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ދަންނަވަން. އެ ނަބިއްޔާގައި ﷲ ލައްވާފައިވަނީ ވަރަށް ރިވެތި ނަމޫނާއެއް. އެ ނަމޫނާއަކީ ﷲގެ ދަރުމައަށް އެދޭ މީހުންނަށާއި، އާޚިރަތް ދުވަހުގެ ޘަވާބަށް އެދޭ މީހުންނަށާއި، ﷲގެ އިސްމުފުޅު ގިނަގިނައިން ޛިކުރުކޮށް ހަނދުމަކުރާ މީހުންނަށް އެކަލާނގެ ލައްވާފައިވާ މަތިވެރި ނަމޫނާއެއް.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރިލިޖަސް އެފެއާޒް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިރޭގެ މި ބަރަކާތްތެރި ޖަލްސާއަށް ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރި އަޚުންނާއި އުޚްތުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑުމެން މިރޭ މި ފާހަގަކުރާ މުނާސަބަތަކީ، އިސްލާމީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ފާހަގަކުރަމުންގެންދާ މުނާސަބަތެއް. ޙަޤީޤަތުގައި މި މުނާސަބަތު ފާހަގަކުރަންޖެހެނީ ހަމައެކަނި މުސްލިމުންނެއް ނޫން. ހަމައެކަނި އިސްލާމީ އުއްމަތުގެ އަފްރާދުންނެއް ނޫން. ތެދުތެދަށް ދަންނަވަންޏާ، މިރޭގެ މުނާސަބަތު ފާހަގަކޮށް، އެކަމުގެ އުފާ ފާޅުކުރަންޖެހެނީ މުޅި އިންސާނިއްޔަތު. އެހެނީ މާތް ރަސޫލާއަކީ، مُحَمَّـد صـلّى الله علـيـه وسـلّم، މާތް ނަބިއްޔާއަކީ ވަކި ޤައުމަކަށް، ވަކި ޤަބީލާއަކަށް، ވަކި ޖަމާޢަތަކަށް، ވަކި ޒަމާނަކަށް اللّــه ســبحانه وتــعالى ފޮނުއްވި ރަސޫލާއެއް ނޫން. އަދި ކީއްތޯ، އެކަލޭގެފާނަކީ މުޅި އިންސާނިއްޔަތަށް ރަޙްމަތެއްގެ ގޮތުގައި، މުޅި ދުނިޔެއަށް، ހުރިހާ ޤައުމުތަކަށް، ހުރިހާ ޖަމާޢަތްތަކަށް، ހުރިހާ ޤަބީލާތަކަށް، ހުރިހާ ޒަމާންތަކަށް މާތްﷲ ފޮނުއްވި ރަސޫލާއެއް. اللّــه ســبحانه وتــعالى ވަޙީކުރައްވާފައިވަނީ، "وَمَآ أَرْسَلْنَـٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا."(سبإ-28) "ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމޭ، އެންމެންނަށް، އެންމެހާ މީސްތަކުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާ އަދި އޭގެތެރެއިން ފާފަކުރާ މީހުންނަށް ބިރުވެރިކަމުގެ އިންޒާރު ދެއްވާ ރަސޫލާއެއްގެ ގޮތުގައި މެނުވީ."

ހަމައެފަދައިން ﷲ ވަޙީކުރައްވާފައިވޭ. " قُلْ يَـٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيْكُمْ جَمِيعًا ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ لَآ إِلَـٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِ ٱلنَّبِىِّ ٱلْأُمِّىِّ ٱلَّذِى يُؤْمِنُ بِٱللَّهِ وَكَلِمَـٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ." (الأعراف-158) اللّــه ســبحانه وتــعالى އެކަލާނގެ ރަސޫލާއަށް އެ އަންގަވަނީ "ކަލޭގެފާނު ވިދާޅުވާށޭ. އޭ އެންމެހާ މީސްތަކުންނޭވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ اللّــه ســبحانه وتــعالى ތިޔަ އެންމެހާ މީސްތަކުންނަށް ފޮނުއްވި ރަސޫލާއެވެ. އެކަލާނގެއީ އުޑުތަކާއި ބިމުގެ ހުރިހާ ކަމެއް އެކަލާނގެއަށް މިލްކުވެރިވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް ކަލަކު ނުވެއެވެ. ދިރުން ދެއްވަނީވެސް އަދި މަރުގަންނަވަނީވެސް އެކަލާނގެއެވެ. ފަހެ ތިޔަބައިމީހުން ﷲ އަށް އީމާންވާހުށިކަމެވެ. އަދި އެކަލާނގެ ރަސޫލާއަށް އީމާންވާހުށިކަމެވެ. އެ ރަސޫލާއަކީ ލިޔެކިޔުމުގެ ކަންތައް ދެނެވަޑައިނުގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނު ﷲ އަށް އީމާންވެވަޑައިގަތެވެ. އެކަލާނގެ ބާވައިލެއްވި ބަސްފުޅުތަކަށް އީމާންވެވަޑައިގަތެވެ. ތިޔަބައިމީހުން އެކަލޭގެފާނަށް ތަބާވާހުށިކަމެވެ. އެއީ ތިޔަބައިމީހުންނަށް ހިދާޔަތް ލިބޭތޯއެވެ."

މާތް رســول الله صـلّى الله علـيـه وسـلّم ޙަދީޘް ކުރައްވާފައިވޭ. "كان كل نبيّ يُبْعث إلى قومه خاصّة، وبُْعِثْتُ إلى كل اَحْمَرَ وَأَسْوَدَ." "ކޮންމެ ނަބީ ބޭކަލަކު ފޮނުއްވާފައިވަނީ ޚާއްޞަކޮށް، އެބޭކަލެއްގެ ޤައުމަށެވެ. އެބޭކަލެއްގެ ޤައުމަށް އެކަންޏެވެ. ތިމަންކަލޭގެފާނު ފޮނުއްވާފައިވަނީ ހުރިހާ އެންމެންނަށެވެ. މީސްތަކުންގެ ތެރެއިން ރަތް މީހުންނަށާއި، ކަޅު މީހުންނަށެވެ. އެބަހީ، މީސްތަކުންގެ ތެރޭގައި، އިންސާނުންގެ ތެރޭގައި ހިމެނޭ ހުރިހާ ޤައުމުތަކަށާއި، ހުރިހާ ޖަމާޢަތްތަކަށާއި، ހުރިހާ ޤަބީލާތަކަކަށެވެ."

އެހެންވީމާ، މި ދެންނެވި އާޔަތްތަކުންނާއި، ކީރިތި ރަސޫލާގެ ޙަދީޘްފުޅުން އެނގޭގޮތުގައި، އެކަލޭގެފާނަކީ މުޅި އިންސާނިއްޔަތަށް، ހުރިހާ ޤައުމުތަކަކަށް، ހުރިހާ އެންމެންނަށް، ހުރިހާ ޒަމާނަކަށް ﷲ ފޮނުއްވި ރަޙްމަތެއް. އެހެންވީމާ، އެ ރަޙްމަތް ލިބުނުކަން ފާހަގަކުރަންޖެހޭނީ ހަމައެކަނި މުސްލިމުންނެއް ނޫން. ޙަޤީޤަތުގައި އެކަން ފާހަގަކޮށް، އެކަމަށް އިޙްތިފާލުކޮށް އުފާފާޅުކުރަންޖެހޭނީ މުޅި އިންސާނިއްޔަތު. އާދެ، މި ދެންނެވި ޙަޤީޤަތަކީ އިންޞާފުވެރި ޢިލްމުވެރިންނާއި، މުފައްކިރުން، އިންޞާފުގެ ނަޒަރުން ތާރީޚުގެ ޙާދިޘާތަކަށާއި، ދުނިޔޭގެ ކަންތައްތަކަށް ވިސްނާމީހުން ޤަބޫލުކުރާ ޙަޤީޤަތެއް.

އާދެ، މީގެކުރިން ހުޅަނގުގެ މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ ބަރނަރޑް ޝޯ ބުނެފައިވާ ޢިބާރާތެއް އަޅުގަނޑުހިތުން ތިޔަބޭފުޅުން އައްސަވާނެ. އޭނާ ބުނެފައިވަނީ "މިއަދުގެ ދުނިޔޭގައި مُحَمَّـد ދިރިއުޅުއްވިނަމަ އިންސާނިއްޔަތަށް ކުރިމަތިވެފައި މިވާ ހުރިހާ މައްސަލަތަކެއް ޙައްލުކޮށްދެއްވީހެވެ. އެފަދަ ވިސްނުންފުޅާއި ޙިކްމަތާއި މަތިވެރިކަން އެކަލޭގެފާނަށް ލިބިވަޑައިގެންވެއެވެ." އާދެ، މި ދެންނެވި ކާތިބު ނުވަތަ ލިޔުންތެރިޔާ އެއީ މުސްލިމެއް ނޫން. އެހެންނަމަވެސް، އޭނާއަކީ ޙަޤީޤަތް ޤަބޫލުކުރާ، އިންޞާފަށް ލޯބިކުރާ މީހަކަށްވީތީ، އޭނާ އެ ޙަޤީޤަތް ޤަބޫލުކުރީ.

އަދި މީގެ ހައެއްކަ އަހަރު ކުރިން، އެމެރިކާގެ ލިޔުންތެރިޔަކު ލިޔެފައިވާ ފޮތެއްގައި، އޭނާ ބަޔާންކޮށްފައިވާ ގޮތުގައި، އިންސާނީ ތާރީޚަށް ބަލާއިރު، އެންމެ މަތިވެރި، އެންމެ ވަރުގަދަ ނުފޫޒެއް ތާރީޚުގައި ހިންގަވާފައިވާ ބޭކަލަކީ، ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم. އާދެ، މި ދެންނެވި އެމެރިކާގެ ޢިލްމުވެރިޔަކީ، މައިކަލް ހާޓް ނަމަކަށް ކިޔާ މީހެއް. އޭނާ ހެދި ފޮތަކީ އިންސާނީ ތާރީޚުގައި އެންމެ ނުފޫޒުގަދަ، ސަތޭކަ މީހުން އިޚްތިޔާރުކޮށް، އެމީހުންނާބެހޭ މަޢުލޫމާތު ލިޔެފައިވާ ފޮތެއް. އެ ފޮތުގައި އެންމެ ފުރަތަމަ އޭނާ އެއްވަނައަށް އިޚްތިޔާރުކޮށްފައިވަނީ مُحَمَّـد صـلّى الله علـيـه وسـلّم. މި ދެންނެވި ލިޔުންތެރިޔާ ނުވަތަ ޢިލްމުވެރިޔާ ނުވަތަ ކަންކަމާމެދު ބަޙުޘްކުރާ މީހާ، އޭނާއަކީވެސް މުސްލިމެއް ނޫން. އެހެންނަމަވެސް، ތާރީޚުގެ ކުރިމަތީގައި އޭނާއަށް ޖެހުނީ ޙަޤީޤަތް ޤަބޫލުކުރަން. އޭނާގެ ފޮތުގައި، ދުނިޔެއަށް މަޝްހޫރުވެފައިވާ ވަރަށްގިނަ ސިޔާސީ އަބްޠާލުންނާއި، ހަނގުރާމައިގެ ޒަޢީމުންނާއި، ދުނިޔޭގެ އެތަންމިތަން ފަތަޙަކޮށްފައި ތިބޭ މީހުންނާއި، ބޮޑެތި ޢިލްމުވެރިންނާއި، މުފައްކިރުންނާއި، ސައިންޓިސްޓުންނާ، މި އެންމެންގެ ވާހަކަ ލިޔެފައި އޮތް. އޭގެތެރެއިން އޭނާ ދުށްގޮތުގައި އެންމެ ނުފޫޒުގަދަ، އެންމެ ކާމިޔާބު ސަތޭކަ މީހުން އޭނާ އިޚްތިޔާރުކުރި. މި ދެންނެވި މީސްމީހުންގެ ތެރޭގައި، އެލެގްޒެންޑަރ ދަ ގްރޭޓް، ޖެންގީސް ޚާން، ނެޕޯލިއަން، سيّدنا عيسى عليه الصّلاة والسّلام، ނިއުޓަން، އެއިންސްޓެއިން، ގެލީލިއޯ، ޑާވިން، ލިންކަން، މިހެންގޮސް މުޅިދުނިޔެއަށް މަޝްހޫރު، ވަރަށްގިނަ ތަފާތު މީސްމީހުންގެ ނަން އޭނާ ފާހަގަކޮށްފައިވޭ. އެހެންނަމަވެސް، އެ ހުރިހާ އެންމެންގެ މައްޗަށް އޭނާ އިސްކުރީ އަޅުގަނޑުމެންގެ މާތް ރަސޫލާ. އާދެ، އޭގެ ސަބަބެއް ކަމުގައި އޭނާ ބުނެފައިވަނީ، މުޅި އިންސާނީ ތާރީޚަށް ބަލާއިރު، ދީނީގޮތުންނާއި ދުނިޔަވީގޮތުން އެންމެ ކާމިޔާބު އިންސާނަކީ مُحَمَّـد ގެފާނޭ.

ހަމައެފަދައިން އޭނާ ބުނެފައިވޭ. "مُحَمَّـدގެފާނު ފިޔަވައި ތިމަންނާގެ މި ފޮތުގައި ހޮވާފައި މިވާ އެހެން ހުރިހާ ޒަޢީމުންނާއި، ލީޑަރުންނާއި، ޢިލްމުވެރިންނާއި، ސައިންޓިސްޓުންނާ، މި އެންމެންނަކީ މަދަނިއްޔަތުގެ ތެރޭގައި، ޙަޟާރަތުގެ ތެރޭގައި، އުނގެނުމާއި، ފަންނާ، މިބާވަތުގެ ކަންތައްތައް ކުރިއަށް ގޮސްފައިވާ ޒަމާނެއްގައި، އެފަދަ ޖައްވެއްގައި އުފެދި ބޮޑުވެފައިވާ މީހުންނޭ. އެއާ ޚިލާފަށް، މާތް ރަސޫލާ عليه الصّلاة والسّلام އަކީ، އުނގެނުމާއި، ތަޢުލީމާއި، އަދި އަދަބުތަކާއި، ޢިލްމުވެރިކަމާއި، ފަންނުގެ ކުރިއެރުމާ ވަރަށް ދުރު ތަނެއްގައި، މަދަނިއްޔަތުގެ އެއްވެސް ކަންފުޅެއް ނެތް ހިސާބެއްގައި އަދި މަދަނިއްޔަތުގެ، ޙަޟާރަތުގެ އެއްވެސް ކުރިއެރުމެއް ނެތް ޒަމާނެއްގައި އުފެދިވަޑައިގެން ތަރުބިއްޔަތުވެވަޑައިގެންނެވި ބޭފުޅެކޭ. އެހެންކަމުން އެނގޭ އެއްޗަކީ، އެކަލޭގެފާނަށް ލިބިވަޑައިގެންނެވި އިލްހާމެއްގެ ވަރުގަދަކަމުންނާއި، އެކަލޭގެފާނުގެ ޝަޚްޞިއްޔަތުގެ މަތިވެރިކަމުން، އެކަލޭގެފާނަކީ މުޅި ދުނިޔެ ދުށް އެންމެ ވަރުގަދަ، އެންމެ ނުފޫޒުގަދަ، އެންމެ މަތިވެރި ޒަޢީމް ކަމުގައި އަހަރުމެން ބަލަންޖެހެއޭ."

އާދެ، މިފަދަ މުނާސަބަތުތައް ފާހަގަކުރުމުގެ ބޭނުމާ ދޭތެރޭގައި، ދެންމެ އައްޝައިޚް އަޙްމަދު ޝާޠިރު ވަރަށް ބަލާޣަތްތެރި ގޮތެއްގައި ބައްލަވައިލައްވައިފި. އޭނާ ވިދާޅުވިގޮތުގައި، މިފަދަ މުނާސަބަތުތައް ފާހަގަކުރުމުގެ ބޭނުމަކީ، އެކަންކަމުން ޢިބްރަތެއް ލިބިގަތުން. އެހެންވީމާ، މާތް ރަސޫލާގެ ޢީދު މީލާދު ނުވަތަ އެކަލޭގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ޛިކުރާ އާލާކުރުމުގެވެސް އެންމެބޮޑު ބޭނުމެއް ކަމަށްވާންޖެހޭނީ، އެކަލޭގެފާނުންގެ މާތް ޙަޔާތްޕުޅުން ޢިބްރަތް ލިބިގަތުން. އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި ގޮތްތަކާއި އުޞޫލުތައް ދަސްކުރުން. އެކަލޭގެފާނު ދެއްކެވި ހިދާޔަތުގައި ހިފެހެއްޓުން. މި ހުރިހާ ކަމެއްގެ މަޤްޞަދުގައި މިފަދަ އިޙްތިފާލުތައް، ދުނިޔޭގެ އެތަންމިތާނގައި ކުރަމުން ގެންދަނީ. އެހެންވީމާ، އެ ރޮނގުން ބަލާއިރު، މިފަދަ އިޙްތިފާލުތައްކޮށް، ޖަލްސާތައް ކުރުމަކީ، ދީނީގޮތުން ބަލާއިރު އެންމެ ރަނގަޅު ކަމެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވޭ.

އާދެ، އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނައިލަންވީ، މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ނުވަތަ މި މުނާސަބަތުގައި މުސްލިމުންގެ ހިތްތަކުގައި އުތުރިއަރާ އުފާވެރިކަމުގެ ޝުޢޫރުތައް ފާޅުކުރުމުގެ ގޮތުން މިފަދަ ޖަލްސާތައް ބާއްވައި، ޖަލްސާތަކުގައި ވާހަކަ ދެއްކުމުން އެއީ، އެ މަޤްޞަދު ޙާޞިލްވީބާވައޭ. އެއީ، އަޅުގަނޑުމެން ކުރަންވީ ސުވާލަކީ. ޝައްކެއްނެތްގޮތުގައި، އަދި އަޅުގަނޑުމެން ޖަލްސާއެއް ބާއްވާލާފައި، ވާހަކަ ދައްކާލި ކަމުގައިވިޔަސް، މަޤްޞަދު ޙާޞިލެއްނުވާނެ. އޮފީސްތައް ބަންދުކޮށް، މަސައްކަތްތައް ހުއްޓާލައި، ދިރިއުޅުމަށް ކުރާ މަސައްކަތްތައްވެސް ހުއްޓާލައި، ފިހާރަތައް ބަންދުކޮށް ހެދުމަކުންވެސް މަޤްޞަދު ޙާޞިލެއް ނުވާނެ. މަޤްޞަދު ޙާޞިލްވާނީ، އެއަށްވުރެ ފުންކޮށް އަޅުގަނޑުމެން މިކަމާ ދޭތެރޭގައި ވިސްނައި، މިކަމުން ޢަމަލީ ފިލާވަޅުތަކެއް ޙާޞިލްކޮށްގެން.

އާދެ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ އިންސާނަކީވެސް މުޖުތަމަޢުގައި ދިރިއުޅޭ ފަރުދެއް. އަދި އަޅުގަނޑުމެންގެ ޖަމާޢަތަކީ، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ބޮޑު ޖަމާޢަތުގައި ހިމެނޭ ޖަމާޢަތެއް. އަޅުގަނޑުމެންގެ އުއްމަތަކީ، ދުނިޔޭގެ އުއްމަތްތަކުގެ ތެރޭގައި ހިމެނޭ އުއްމަތެއް. މިއިން ކޮންމެ ޙައިޘިއްޔަތަކުންވެސް އަޅުގަނޑުމެން އަދާކުރަންޖެހޭ ވާޖިބުތަކެއް އެބަހުރި. ހުންނާނެކަން ކަށަވަރު. އެ ވާޖިބުތައް ޢަމަލީގޮތުން އަދާކުރުމުން ފިޔަވައި، މިފަދަ މުނާސަބާތަކުގައި ވާހަކަ ދެއްކުމުން ނުވަތަ އެފަދަ މުނާސަބަތުތައް ފާހަގަކުރުމުން އަޅުގަނޑުމެންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ.

އާދެ، ޝައްކެއްނެތްގޮތުގައި، މާތްވެގެންވާ އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީން. ހުރިހާ ޒަމާންތަކަށާއި، ހުރިހާ ތަންތަނަކަށް އެކަށީގެންވާ ގޮތުގައި اللّـه سبحـانـه وتعـالى ފޮނުއްވާފައިވާ މާތް ހިދާޔަތު. އެހެންކަމަށްވުމާއެކު، އެ މާތް ދީނުގައި ހިފަހައްޓައި، އެ ހިދާޔަތުގައިވާ ގޮތުގެ މަތިން ދުނިޔޭގެ ހުރިހާ ކަމެއްގައި ޢަމަލުކުރަމުން ގެންދިޔުމަކީ، ދެ ދުނިޔޭގެ ބާއްޖަވެރިކަން، އެކަން ކުރާ ބަޔަކަށް ލިބޭނެކަމެއްކަމާމެދު ޝައްކެއްނެތް. އެހެންނަމަވެސް، ދުނިޔޭގެ ކުރިމަތީގައި ފެންނަ އެއްޗަކީ މީހާގެ އިޖުތިމާޢީ ސުލޫކު. ފަރުދެއްގެ ގޮތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ކިތަންމެ ޢިލްމުވެރިއެއް ކަމުގައިވިޔަސް، ނުވަތަ އެހެން ރޮނގަކުން ކިތަންމެ އަރާހުރި މީހަކު ކަމުގައިވިޔަސް، ނުވަތަ ކިތަންމެ ފައިސާވެރިއެއް ކަމުގައިވިޔަސް، މީހުން އެމީހާ ދެކޭނީ އެމީހާގެ އިޖުތިމާޢީ ސުލޫކު ހުންނަ ގޮތެއްގެ މައްޗަށް ބިނާކޮށް. މީހުންގެ ތެރޭގައި އުޅޭއުޅުމުގައި އޭނާގައި ހުންނަ މާތް ސިފަތަކާއި، އޭނާގައި ހުންނަ މަތިވެރި ރީތި ގޮތްތައް، އެއީ މީހުންގެ ކުރިމަތީގައި އެމީހާ ޤަދަރުވެރި މީހަކަށް ހަދައިދޭނެ އެއްޗަކީ. އެއާޚިލާފަށް، މި ދެންނެވި ފަދަ ކިތަންމެ ބޮޑު ޢިލްމުވެރިޔަކަސް، ކިތަންމެ ފައިސާވެރިޔަކަސް، ކިތަންމެ ނުފޫޒުގަދަ މީހަކަސް، މީހުންގެ ތެރޭގައި އެމީހާ އުޅޭ އުޅުމުގައި ގެންގުޅޭ ގޮތްތަކާއި، އާދަކާދަތަކާއި، މީހުންނާ ދޭތެރޭ ކަންތައް ބަހައްޓާގޮތް އެއީ، މި ދެންނެވި ފަދަ ހަރުދަނާ މަތިވެރި އުޞޫލުތަކުން އެއްކިބާވެގެންވާ ކަމަކަށްވާ ކަމުގައިވަންޏާ، މީހުންގެ ކުރިމަތީގައި އެމީހަކީ އެއްވެސް ޤަދަރެއް ހުންނާނެ މީހެއް ނޫން. އަޅުގަނޑުމެންގެ އިސްލާމީ އުއްމަތަށް މިއަދު ވެގެން މިއުޅެނީ މިގޮތް.

އާދެ، އިސްލާމީ އުއްމަތަކީ ޝައްކެއްނެތްގޮތުގައި، އޭގެ ރަން ޒަމާނުގައި މުޅި ދުނިޔޭގެ އެންމެން އެ އުއްމަތަށް ޤަދަރުކުރާ، މުޅި ދުނިޔޭގެ އެންމެން އެ އުއްމަތަށް އިޙްތިރާމުކުރާ، އެ އުއްމަތަކީ ޢިލްމީގޮތުންނާއި، ޢަސްކަރީ ގޮތުންނާއި، ޙަޟާރީ ގޮތުންނާއި، ހުރިހާގޮތަކުންވެސް ދުނިޔޭގައި އޮތް އެންމެ ޝަރަފްވެރި، އެންމެ މާތް އުއްމަތް. އެހެންނަމަވެސް، މިއަދުގެ ޙަޤީޤަތަކީ އެއެއްނޫން. މިއަދު އެހެން ޤައުމުތަކުން އަޅުގަނޑުމެން އިސްލާމީ އުއްމަތް ދެކެނީ ވަރަށް ތަފާތު އައްޔެއްގައި. އެކަން އެހެންވާން ޖެހިފައި އޮތް ސަބަބަކީ، އަޅުގަނޑުމެންގެ އަމިއްލަ ޢަމަލުތައް ހުންނަގޮތް. އަޅުގަނޑުމެން ދީނުގެ އުޞޫލުތަކުގައި ހިފެހެއްޓުން ދޫކޮށްލިކަން. މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ މަތިވެރި އުޞޫލުތައް، އާދެ، އެންމެންގެ ހަމަހަމަކަމުގެ އުޞޫލު، ޢަދާލަތުގެ އުޞޫލު، އުޚުއްވަތުގެ އުޞޫލު، މީހުންނާމެދު ކަންތައް ކުރާއިރު ގެންގުޅެންވީ އޯގާތެރިކަމުގެ އުޞޫލު، ހިތުގައި އޮންނަންވީ ރަޙުމުގެ އުޞޫލު، މިކަންތައްތައް އަޅުގަނޑުމެން ހަނދުމަނެތިކޮށްލައި، އެއާ ޚިލާފަށް ޢަމަލުކުރަމުން ގެންދާތީ، މިއަދުގެ ދުނިޔޭގެ ކުރިމަތީގައި މުސްލިމުންނަކީ، ނުވަތަ އިސްލާމީ އުއްމަތަކީ އެއްވެސް ޤަދަރެއް ހުރި އެއްޗެއް ނޫން. ވަރަށް ހިތާމަވެރި ޙަޤީޤަތެއް. އެހެންނަމަވެސް، އަޅުގަނޑުމެން އެކަން ޤަބޫލުކުރަންޖެހޭ. އިސްލާމީ އުއްމަތް، ދުނިޔޭގެ އެހެން ޤައުމުތަކުން ދެކެނީ އެއްވެސްކަހަލަ މަދަނިއްޔަތެއް ނެތް ބައެއްގެ ގޮތުގައި. ތަހުޒީބެއް ނެތް ބައެއްގެ ގޮތުގައި. އެމީހުން ބޭނުންގޮތަކަށް، ބޭނުންފަހަރަކު ޢަމަލުކުރަމުންގެންދާ ބައެއްގެ ގޮތުގައި. އެކިއެކި ބޭނުންތައް ފުއްދުމަށްޓަކައި ހަރުކަށި ޢަމަލުތައް ކުރާ، މީހުން މަރައި، ލޭ އޮހޮރުވައި، އަންހެނުންތައް ހުވަފަތްކުރާ، ކުޑަކުދީންތައް ޔަތީމުކުރާ ބައެއް ކަމުގައި. އެންމެ ހިތާމަހުރި ކަމަކީ ދީނުގެ ނަމުގައި މިފަދަ ކަންތައްތައް، އެކިއެކި ޖަމާޢަތްތަކުން ކުރަމުން ގެންދާއިރު، ބައެއް ޤައުމުތަކުގައި އެތަންތާނގެ ސަރުކާރުންވެސް އެފަދަ ކަންތައްތައް ކުރަމުން ގެންދާކަން.

މި ދެންނެވި ކަންތައްތަކަކީ ޝައްކެއްނެތްގޮތުގައި، އިސްލާމްދީނާ ވަރަށް ޚިލާފު ކަންތައްތަކެއް. އިސްލާމްދީން އެއްވެސް ޙާލެއްގައި ހުއްދަކުރާ ކަމެއް ނޫން، އެއްވެސް މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި އަނިޔާވެރި ޢަމަލުކުރުމަކީ. ތިމާގެ އަމިއްލަ މަޤްޞަދެއް ޙާޞިލްކުރުމަށްވެސް، ތިމާގެ ޖަމާޢަތުގެ މަޤްޞަދެއް ޙާޞިލްކުރުމަށްވެސް، ތިމާގެ ޤައުމީ މަޤްޞަދެއް ޙާޞިލްކުރުމަށްވެސް ނުޙައްޤު ގޮތުގައި ބާރުގެ ބޭނުންކުރުން އެއީ، އިސްލާމްދީން ޤަބޫލުކުރާ އުޞޫލެއް ނޫން. އެހެންނަމަވެސް، މި ޒަމާނުގައި ކަން އޮންނަނީ އެހެނެއްނޫން. ދީނުގެ ނަމުގައިވެސް މީހުން ބޭނުންކުރަނީ ބާރުގެ ބޭނުން. ތަންތަން ގޮއްވާލައި ހަދަނީ. މަތިންދާބޯޓުތައް ހައިޖެކްކުރަނީ. މީހުން މަރަނީ. މިކަންކަން ކުރާއިރު، އޭގެތެރޭގައި ވަރަށްގިނަ ބަޔަކީ މުސްލިމުން ކަމުގައި ހިމެނޭ. މުސްލިމް ޖަމާޢަތްތައް ކަމުގައި ހިމެނޭ. ހަމަ މިއަދުވެސް ރޭޑިޔޯތަކުން ތިޔަބޭފުޅުން އައްސަވާނެ. އިސްލާމީ ޤައުމެއްގެ، މަތިންދާބޯޓެއް، ބަޔަކުމީހުން އަތުލައިގަނެގެން އެބައުޅޭ. އޭގެތެރޭގައި ދަތުރުކުރަމުންދިޔަ، އެއްވެސް ކުށެއް ނެތް މަޢުޞޫމް ފަސިންޖަރުންގެ ތެރެއިން އެތައް ބަޔަކު މިހާރު މަރާލައިފި. އެމީހުން ބުނަނީ، އެމީހުން އެއުޅެނީ ޤައުމީ ކޮންމެވެސް މަޤްޞަދެއް ފުއްދުމަށްޓަކައި ކަމަށް. މިކަހަލަ ކަންތައްތައް ދުނިޔޭގައި ވަމުންދާއިރެއްގައި، ޣައިރު މުސްލިމުންގެ ކުރިމަތީގައި އިސްލާމީ އުއްމަތުގެ އޮންނާނީ ކޮން ޤަދަރެއްތޯ، އަޅުގަނޑުމެން ސުވާލުކުރަންޖެހޭ.

އާދެ، އަޅުގަނޑުގެ މިވާހަކައިގައި، ފަހަރެއްގައިވެސް އެބައެއްގެ ޙައްޤު ހޯދުމަށް ޖިހާދުކުރާ މީހުންނެއް ނުހިމަނަން. އެމީހުންނަކީ އެއީ، ދީނުގައި އޮތްގޮތެއްގެމަތިން އެމީހުންގެ މިނިވަންކަމާއި، އެމީހުންގެ ޤައުމީ ޙައްޤުތައް ހޯދުމަށް މަސައްކަތްކުރާ ބައެއް. އެބައިމީހުން އެ ކުރާ މަސައްކަތުގައި، ހަނގުރާމައިގެ އެކިއެކި ޢަމަލުތައް ކުރަންޖެހުމަކީ، މަޖުބޫރުން އެމީހުންނަށް ކުރެވޭ ކަމެއް. އެކަމަށްވަނީ ދީނުގައިވެސް ހުއްދަ ދެއްވާފައި. އެއާޚިލާފަށް، އެކިއެކި ސިޔާސީ މަޤްޞަދު ޙާޞިލްކުރަން ނުވަތަ އެ ޖަމާޢަތަކާ ގުޅޭ ކަންތައްތަކެއް ހަމަޖެއްސުމަށްޓަކައި ބާރުގެ ބޭނުންކޮށް، މީހުން މަރައި، ތަންތަން ގޮއްވައި، މިހެން ހެދުމަކީ އިސްލާމީ އުޞޫލާ ވަރަށް ޚިލާފު ކަމެއް. އެއްވެސް ޙާލެއްގައި އިސްލާމުން ނުވަތަ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫން.

އާދެ، اللّـه سبحـانـه وتعـالى ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވަނީ، "مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَنَّهُۥ مَن قَتَلَ نَفْسًۢا بِغَيْرِ نَفْسٍ أَوْ فَسَادٍ فِى ٱلْأَرْضِ فَكَأَنَّمَا قَتَلَ ٱلنَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَآ أَحْيَا ٱلنَّاسَ جَمِيعًا ۚ." (المائدة – 32). اللّـه سبحـانـه وتعـالى އެ ވަޙީކުރައްވަނީ، ޙައްޤަކާނުލައި މީހުން މެރުން، ތިމަންރަސްކަލާނގެ ލާޒިމުކުރައްވައި ލިޔުއްވާފައިވާ ގޮތުގައި ތިމަންރަސްކަލާނގެ ބަނީއިސްރާއީލްގެ މައްޗަށް ލިޔުއްވައި ލާޒިމުކުރެއްވީމޭ. ޙައްޤަކާނުލައި މީހަކު މެރުމުގެކުށް ނުކުރާ އިންސާނަކު ނުވަތަ ދީނުގައި މެރުމުގެ އަދަބު ދިނުން ހުއްދަ ކުރައްވާފައިވާ ކަމެއް ކުރުމަކާ ނުލައި، އިންސާނަކު މަރާ މީހާއާއި އެންމެން، އެންމެހާ މީސްތަކުން މަރާ މީހާއާ އެއްފަދައެވެ. އެންމެ އިންސާނަކު މެރިމީހާ ހިމެނޭނީ، އެންމެހާ އިންސާނުން މެރި މީހެއް ކަމުގައެވެ. އަދި އެންމެ އިންސާނަކު ދިރުވި މީހާ، އޭގެ މާނަޔަކީ އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދިން މީހާ ހިމެނޭނީ، އެންމެހާ މީސްތަކުންގެ ފުރާނަ ސަލާމަތްކޮށްދިން މީހެއް ކަމުގައެވެ. އެފަދަ މީހަކާ އެއްފަދައެވެ. ހަމައެފަދައިން، ޤުރްއާނުގައި އަންގަވާފައިވޭ. " وَٱلْفِتْنَةُ أَشَدُّ مِنَ ٱلْقَتْلِ"(البقرة-191)، "وَٱلْفِتْنَةُ أَكْبَرُ مِنَ ٱلْقَتْلِ. (البقرة-217). "ފިތުނަފަސާދަ އުފެއްދުމަކީ، މުޖުތަމަޢުގައި، ޖަމާޢަތުގެ ތެރޭގައި ފިތުނަފަސާދަ އުފެއްދުމަކީ، މީހުން ޤަތުލު ކުރުމަށްވުރެ މާ ނުބައި ކަމެކެވެ. މާ ބޮޑު ފާފައެކެވެ." ކަނޑައެޅިގެން ކީރިތި ޤުރްއާނުގައި މިފަދަ އެންގެވުންތައް އަންގަވާފައިވާ ހިނދެއްގައި، އަޅުގަނޑުމެންގެ ސުލޫކު، އެއީ ޤައުމީ ސުލޫކު ކަމުގައިވިޔަސް ނުވަތަ އިޖްތިމާޢީ ސުލޫކު ކަމުގައިވިޔަސް، ދީނުގެ މި މާތް އުޞޫލުތަކާ ޚިލާފަށް ހުންނަ ހުރުން ވާނީ މީހުންގެ ކުރިމަތީގައި އަޅުގަނޑުމެންގެ ޤަދަރު ވެއްޓިގެންދާނެ ކަމަކަށް.

އެހެންވީމާ، އަޅުގަނޑު މި ދަންނަވާ އެއްޗަކީ، މިފަދަ މުނާސަބާތަކުގެ ބޭނުން އަޅުގަނޑުމެންނަށް ހިފޭނީ ދީނުގައި އަންގަވާފައިވާ މަތިވެރި އުޞޫލުގައި އަޅުގަނޑުމެން ހިފަހައްޓައިގެންނޭ. އެ އުޞޫލުގައި ހިފަހައްޓަންވީ. ޖަމާޢަތުގެ ގޮތުންވެސް، އުއްމަތުގެ ގޮތުގައިވެސް ހިފަހައްޓަންވީ. އަދި އަޅުގަނޑުމެންނަކީ ޖަމާޢަތެއްގެ އަފްރާދުން ކަމަށްވީތީ، ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ގުޅުންތަކުގައި އިސްލާމީ މާތް ގޮތްތައް، ކީރިތި ރަސޫލާ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ މާތް ގޮތްތަކުގައި ހިފަހައްޓަންވީއޭ. އެގޮތަށް ހިފަހައްޓައިގެން ނޫނީ، މިފަދަ މުނާސަބާތައް ފާހަގަކުރުމަކުން އަޅުގަނޑުމެންނަށް ލިބޭނެ އެއްވެސް ނަތީޖާއެއް، ފައިދާއެއް ނޯންނާނެ.

އާދެ، ފަރުދެއްގެ ޙައިޘިއްޔަތުން ބަލާއިރު، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ އިންސާނަކީ ޢާއިލާއެއްގައި ހިމެނޭ މީހެއް. ބައްޕައެއް ނުވަތަ މަންމައެއް، ފިރިއެއް ނުވަތަ އަނތްބެއް. ދަރިއެއް ނުވަތަ އެއްބަނޑުއެއްބަފާ މީހެއް. އެހެންވީމާ، އަޅުގަނޑުމެން މި ހުރިހާ ޙައިޘިއްޔަތަކުން އަޅުގަނޑުމެންގެ ޢާއިލާގެ ތެރޭގައި ޢަމަލުތައްވެސް ހުންނަންވާނީ މާތް ރަސޫލާ އެ ގެންނެވި މާތް އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އެކަކު އަނެކަކަށް ލޯބިވުމާއި، އެކަކު އަނެކަކަށް ހަމްދަރުދީވުމާއި، ތިމާގެ ކަންތަކަށްވުރެ އެހެން މީހުންގެ، ތިމާގެ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ ދަރިންގެ ނުވަތަ ތިމާގެ އަޚާގެ ކަންތައް އިސްކުރުމާއި، އެމީހުންނާ ދޭތެރޭގައި އޯގާތެރި ގޮތެއްގައި މުޢާމަލާތު ކުރުމާއި، އެމީހުން ހިތްހަމަނުޖެހޭފަދަ ނުވަތަ އެމީހުން ހިތްދަތިވާފަދަ އެއްވެސް ކަމެއް ނުކުރުމާއި، އެއިން މީހެއްގެ ޙައްޤަކަށް އަރައިނުގަތުމާ، މިކަހަލަ ކަންކަމުގައި ޢަމަލީގޮތުން އަޅުގަނޑުމެންގެ އިޖްތިމާޢީ ސުލޫކު މިގޮތުގެ މައްޗަށް ބިނާކޮށްގެން ނޫނީ މިފަދަ މުނާސަބާތަކުގައި އަޅުގަނޑުމެންނަށް މި ކުރެވޭ ޖަލްސާތަކުން ނުވަތަ ދެއްކޭ ވާހަކައަކުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ.

އަފްރާދުންގެ ޙައިޘިއްޔަތުން މުޖުތަމަޢުގައި އަޅުގަނޑުމެން ދިރިއުޅޭއިރު، އެކިއެކި ކަންތަކުގައި ބަހައްޓަންވީ މަތިވެރި ގޮތްތައް، ރީތި ހަރުދަނާ އުޞޫލުތައް، ކީރިތި ރަސޫލާ ވަނީ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައި. އަވަށްޓެރިންނާމެދު ކަންތައް ކުރަންވީގޮތް، ތިމާގެ އެކުވެރިންނާއެކު ކަންތައް ކުރަންވީގޮތް. ވިޔަފާރިކުރާއިރު، ތިމާ ކަންތައް ކުރަންވީގޮތް. މި ހުރިހާ ކަމެއް އަދި މިނޫންވެސް ޢަމަލީ ޙަޔާތުގައި ހިމެނޭ ކޮންމެ ކަމަކާ ދޭތެރޭގައި މުސްލިމެއްގެ ޙައިޘިއްޔަތުން، ކޮންމެ އިންސާނަކުވެސް ޢަމަލުކުރަންވީ މާތްގޮތް، ރީތިގޮތް، އެކަލޭގެފާނު ވަނީ އަޅުގަނޑުމެންނަށް އަންގަވައިދެއްވާފައި. އަވަށްޓެރިންނާ ބެހޭގޮތުން ރަސޫލާ ޙަދީޘް ކުރައްވާފައިވޭ. "مَنْ كاَنَ يُؤْمِنُ بِاللهِ وَالْيَوْمِ الآخِرفَلْيُحْسِنْ إلى جَارِه." އާދެ، ރަސޫލާ ޙަދީޘް ކުރައްވަނީ "ﷲ އަށް އީމާންވެ އަދި އާޚިރަތް ދުވަހަށް އީމާންވާ މީހަކުނަމަ، ފަހެ އެމީހާ، އެމީހާގެ އަވަށްޓެރިޔާއަށް އިޙްސާންތެރިވާށެވެ."

އެހެންވީމާ، ﷲ އަށް އީމާންވުމާއި، އާޚިރަތް ދުވަހަށް އީމާންވުމާއި، އެ ދެކަންތަކާ އެ ގުޅުއްވަނީ، އަވަށްޓެރިޔާއަށް އިޙްސާންތެރިކޮށް ކަންތައް ކުރުން، އޯގާތެރިވުން، ރަޙުމް ބަހައްޓައިގެން އުޅުން، އަވަށްޓެރިޔާއަށް އެއްވެސްކަހަލަ ގެއްލުމެއް ނުވަތަ އުނދަގުލެއް ނުވާގޮތަށް ތިމާގެ ޢަމަލުތަކާއި ކަންތައްތައް ބެހެއްޓުން. އަދިވެސް ރަސޫލާ ޙަދީޘްކުރައްވާ. "لَايَدْخُلُ الْجَنَّةَ مَنْ لاّ يَاْمَنُ جَارُهُ بَوَائِقَه." އޭގެ މާނައަކީ، "ތިމާގެ ނުބައި ޢަމަލުތަކުން ތިމާގެ އަވަށްޓެރިޔާ ސަލާމަތްނުވާ އެއްވެސް މީހަކު ސުވަރުގެ ނުވަންނަހުށިކަމެވެ. ތިމާ ކުރާ ޢަމަލަކުން، ތިމާ ދައްކާ ވާހަކައިން ނުވަތަ ތިމާ ކުރާ ޢަމަލުތަކުން ތިމާގެ އަވަށްޓެރިޔާއަށް އޭގެ ނުބައި ފޯރާކަމުގައިވަންޏާ ތިމާ އެއީ ސުވަރުގެ ވަންނާނެ މީހެއް ނޫނެވެ." މި ހުންނަނީ ކިހާ ބޮޑެތި، ކިހާ ވަރުގަދަ އެންގެވުންތޯ؟ އަޅުގަނޑުމެން މުޖުތަމަޢުގެ ތެރޭގައި ދިރިއުޅެމުން ގެންދާއިރު، މިފަދަ ކަންކަމުގެ މައްޗަށް ސަމާލުކަންދެވޭތޯ؟ އެއީ އަޅުގަނޑުމެން ކުރަންވީ ސުވާލަކީ.

ހަމައެފަދައިން އަދިވެސް އެހެން ޙަދީޘެއްގައި ރަސޫލާ ޙަދީޘް ކުރައްވާ. "مَازَالَ جِبْرِيْلُ يُوصِينى بِالْجَارِ حَتَّىٰ ظَنَنتُ أَنَّهُ سَيُوَرِّثُه". "ޖިބްރީލްގެފާނު ތިމަންކަލޭގެފާނަށް، އަވަށްޓެރިންނާ ދޭތެރޭގައި އޯގާތެރިކޮށް ކަންތައް ކުރެއްވުމަށް ވަޞިއްޔަތް ކުރައްވާވަރުން، ތަކުރާރުކޮށް ތިމަންނާއަށް އެކަމާ ދޭތެރޭގައި ނަޞޭޙަތް ދެއްވައި، އިރުޝާދު ދެއްވައި ހައްދަވާވަރުން ތިމަންނާއަށް ހީފުޅުވިޔޭ، އެންމެފަހުން އަވަށްޓެރިޔާ އެއީ ވާރުތަވެރިޔަކަށްވެސް ވެދާނެއޭ. ވާރުތަވެރިއެއް ކަމުގައިވެސް އެކަލޭގެފާނު ލައްވަފާނެއޭ." ޝައްކެއްނެތްގޮތުގައި، ތިމާގެ މުދަލުން ވާރުތަވަނީ ތިމާގެ އަނބިދަރިން، ތިމާގެ އަހުލުވެރިން، ގާތްތިމާގެ މީހުން. އެހެންވީމާ، ޖިބްރީލްގެފާނު އަވަށްޓެރިންނަށް ރަނގަޅުކޮށް ކަންތައް ކުރުމަށް، އިޙްސާންތެރިވުމަށް، އޯގާތެރިވުމަށް، ރަސޫލާއަށް ވަޞިއްޔަތް ކުރައްވައި ނަޞޭޙަތްތެރިވެވަޑައިގަންނަވާލެއް ބޮޑުކަމުން، ރަސޫލާއަށް ހީފުޅުވީ އަވަށްޓެރިޔާ އެއީ، ހަމަ ތިމާގެ މީހެއްގެ ޙައްޤުތައް އެމީހާއަށް ލިބިފައި ނުވަތަ ލިބޭވަރުގެ މީހެކޭ.

އަވަށްޓެރިންގެ ކަންތަކާ ބެހޭގޮތުން، އަވަށްޓެރިންގެ ޙައްޤުތަކާ ބެހޭގޮތުން ރަސޫލާ ވަރަށް ބަލާޣަތްތެރި ބަސްފުޅެއް ޙަދީޘް ކުރައްވާފައިވޭ. އަޅުގަނޑު ތިޔަބޭފުޅުންނަށް އެ ބަސްފުޅު ދަންނަވާލާހިތްވޭ. ޙަދީޘް ކުރައްވަނީ، "حَقٌّ الْجَارِ إنْ مَرِضَ عُدْتَّهُ وَإنْ مَاتَ شَيَّعْتَهُ وَإِن افْتَقَرَ أَقْرَضْتَهُ وَإِنْ أَعْوَزَ سَتَرْتَهُ وَإِنْ أَصَابَهُ خَيْرٌ هَنَّأْتَهُ، وَإِنْ أَصَابَتْهُ مُصِيْبَةٌ عَزَّيْتَهُ وَلَا تَرْفَعْ بِنَاءَكَ فَوْقَ بِنَائِهِ فَتَسُدَّ عَلَيْهِ الرِّيْحَ وَلَا تُؤْذِهِ بِرِيْح قِدْرِكَ اِلاَّ أَنْ تَغْرِفَ لَهُ مِنْهَا."

އާދެ، މާތް ރަސޫލާ، އެ ޙަދީޘް ކުރައްވަނީ "އަވަށްޓެރިޔާގެ ޙައްޤަކީ އޭނާ ބަލިވެއްޖެނަމަ، އޭނާއަށް ގޮވާލަންދިޔުމެވެ. އަދި އޭނާ މަރުވެއްޖެނަމަ، އޭނާ ވަޅުލަންދިޔުމެވެ. ނުވަތަ އޭނާގެ ސަންދޯއް ހިފައިގެން ވަޅުލަންދާ މީހުންނާ އެކުގައި ގޮސް އެކަންތައް ކުރުމެވެ. އަދި އޭނާ ފަޤީރު ޙާލުގައި ޖެހިއްޖެނަމަ، އޭނާއަށް ދަރަނީގެ ގޮތުގައި ނަމަވެސް ފައިސާދީ އެހީތެރިވުމެވެ. އަދި ވަރަށް ބޮޑަށް ޙާލުގައި ޖެހި، އެގޮތް ދިމާވެއްޖިއްޔާ އޭނާގެ ބޭނުންތައް ފުއްދައިދީ، އޭނާގެ ކަންތައްތައް ފޮރުވައިދީ ހެދުމެވެ. އޭނާއަށް ހެޔޮކަމެއް، ރަނގަޅު ކަމެއް ދިމާވެއްޖެނަމަ، އޭނާއަށް ތަހުނިޔާ ކިޔައި، އުފާފާޅުކޮށް ހެދުމެވެ. އޭނާއަށް މުޞީބާތެއް ދިމާވެއްޖެނަމަ، އޭނާއަށް ތަޢުޒިޔާކިޔައި، އޭނާ ހިތްހަމަޖެއްސޭތޯ މަސައްކަތްކުރުމެވެ. އަދި ކަލޭގެ ގެ، އަވަށްޓެރިޔާގެ ގެޔަށްވުރެ މައްޗަށް އުސްކޮށް ބިނާކޮށް ނަހަދާށެވެ. އެހެން ހަދައިފިނަމަ، ކަލޭ ތިޔަ ބިނާކުރާ، ކަލޭގެ ގޭގެ ސަބަބުން އަވަށްޓެރިޔާއަށް ލިބެންވާ ތާޒާ ވައި ނުލިބިހިނގައިދާނެއެވެ. އަދި ކަލޭ ކައްކާ އެއްޗެތީގެ ވަހުން އަވަށްޓެރިޔާއަށް އުނދަގޫވިޔަނުދޭށެވެ. އޭގެ މާނައަކީ މީރު ކާބޯތަކެތި ކައްކައި ހަދާއިރު، އޭގެ ވަސް އަވަށްޓެރިޔާއަށް ލިބޭފަދަ ގޮތަކަށްވާކަމުގައިވަންޏާ، އެ ކައްކާ އެއްޗަކުން އޭނާއަށް ހަދިޔާކުރާށެވެ." މިހިރީ ރަސޫލާ އަންގަވާފައި ހުންނަ އެންގެވުންތައް. އަޅުގަނޑުމެން އަވަށްޓެރިންނާ ދޭތެރޭ ކަންތައް ބަހައްޓަންވީގޮތް. އަޅުގަނޑުމެން ޢިމާރާތެއް ހަދާއިރު މިހާރު ނުވިސްނަމު އެއްގޮތަކަށްވެސް، އަޅުގަނޑުމެން މި ހަދާ ޢިމާރާތުގެ ސަބަބުން އަވަށްޓެރިންނަށް އެއްވެސްކަހަލަ ގެއްލުމެއް ލިބިދާނެތޯ، ދައްޗެއް ވެދާނެތޯ. އެއީ އަޅުގަނޑުމެންގެ ހިތުގައި ފަހަރެއްގައިވެސް މިހާރު އެނބުރޭ ޚިޔާލެއް ނޫން. އެކަމަކު އަޅުގަނޑުމެން މިއީ އިސްލާމުންނޭ ކިޔައިގެން، މުސްލިމުންނޭ ކިޔައިގެން އުޅޭ ބައެއް. އަޅުގަނޑުމެން ތަނަވަސްކަމުގައި އުޅޭއިރު، މަޖާކޮށް، ކައްކައި ކައިބޮއި އުޅޭއިރު، އަވަށްޓެރިޔާ އޮތީ ކޮން ޙާލެއްގައިތޯ ބަލައިލާ މީހަކު ނެތް، ނުވަތަ ވަރަށް މަދުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެންނަކީ މުސްލިމުންނޭ ކިޔައިގެން މި ދުނިޔޭގައި އުޅޭ ބައެއް.

އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ އިޖްތިމާޢީ މިކަހަލަ ކަންތައްތަކުގައިވެސް އަޅުގަނޑުމެން ގެންގުޅެންވީ އުޞޫލު އެއޮތީ ރަސޫލާ ކިތަންމެ ރަނގަޅަކަށްވެސް، ކިތަންމެ ސާފުކޮށްވެސް، ކޮންމެ މީހަކަށްވެސް އޮޅުންފިލާގޮތަށް ކިޔައިދެއްވާފައޭ. އެގޮތަށް އަޅުގަނޑުމެން ނޫޅޭކަމަށްވަންޏާ، މިރޭ އަދި ފަތިސްވަންދެން އަދި މާދަމާވެސް އަދި އަނެއް ދުވަހުވެސް މިތާނގައި ޖަލްސާކުރަން ތިއްބަސް، އެއިން އަޅުގަނޑުމެންގެ މުޖުތަމަޢަށް، އުންމަތަށް، އަޅުގަނޑުމެންގެ އަފްރާދުންނަށް ލިބޭނީ ކޮން ފައިދާއެއްތޯއޭ؟

އާދެ، ހަމައެކަނި އަވަށްޓެރިންނާ ބެހޭގޮތުންނެއް ނޫން. ކުރިން ދެންނެވި ފަދައިން، ހުރިހާ އެންމެންނާ ދޭތެރޭ ކަން ކުރާނެގޮތް، ރަސޫލާ އޮތީ އަންގަވާފައި. ގެންގުޅޭ މީހުން، އަޅުގަނޑުމެންގެ ޚާދިމުން، އެމީހުން ލައްވައި އެކި ކަންތައް ކުރުވާ މީހުން. އެމީހުންނާ ބެހޭގޮތުންވެސް ވަރަށް މަތިވެރި އިރުޝާދުތަކެއް، އެމީހުންނަށް ކަންތައް ކުރުމުގައި ގެންގުޅެންވީ އޯގާވެރި އުޞޫލު، ގެންގުޅެންވީ ރަޙުމް، އެމީހުންނަށް ކަމޭހިތަންވީވަރު، ރަސޫލާ ބަޔާންކޮށްދެއްވާފައި އެބައޮތް.

ރަސޫލާ ޙަދީޘް ކުރައްވަނީ، "إخْوَانُكُمْ خَوَلُكُمْ، جَعَلَهُمُ اللهُ تَحْتَ أَيْدِيْكُمْ، فَمَن كَانَ أَخُوهُ تَحْتَ يَدِهِ فَلْيُطْعِمْهُ مِمَّا يَأْكُلُ، وَلْيُلْبِسْهُ مِمَّا يَلْبَسُ، وَلَا تُكَلِّفُوْهُمْ مَا يَغْلِبُهُمْ، فِإِنْ كَلَّفْتُمُوْهُمْ فَأَعِيْنُوْهُمْ."

އާދެ! އެ ވިދާޅުވަނީ "ތިޔަބައިމީހުންނަށް ޚިދުމަތްކުރަން ތިބޭ މީހުން އެއީ، ތިޔަބައިމީހުންގެ އަޚުންނެވެ. އެބައިމީހުން ﷲ ލައްވާފައިވަނީ ތިޔަބައިމީހުންނަށް ޚިދުމަތްކުރުމުގެ މަޤާމެއްގައެވެ. ތިމާގެ އަޚާ، ތިމާއަށް ޚިދުމަތްކުރުމުގެ މަޤާމެއްގައިވާ މީހާ ދަންނާށެވެ. އެމީހާއަށް ތިމާ ކާ އެއްޗަކުން ކާންދޭހުށިކަމެވެ. ތިމާ ލާ ފޭރާމަކުން އޭނާއަށް ފޭރާން ދޭހުށިކަމެވެ. އަދި އެމީހުންނަށް އުނދަގޫވާވަރަށް، ދަތިވާވަރަށް މަސައްކަތް ނުޖައްސާށެވެ. ތިޔަބައިމީހުން އެބައިމީހުންނަށް އެއްވެސް މަސައްކަތެއް ޖައްސައިފި ކަމުގައިވަންޏާ، އެބައިމީހުންނަށް އެ މަސައްކަތެއް ކުރުމުގައި އެހީވެދޭށެވެ."

އެހެންވީމާ، އަޅުގަނޑުހިތުން ދުނިޔޭގެ އެއްވެސް ތަނެއްގައި މިކަހަލަ މާތް އުޞޫލެއް ނޯންނާނެ. އަޅުގަނޑުމެން ގެންގުޅޭ މީހުން، އަޅުގަނޑުމެން މުސާރަދީގެން އަޅުގަނޑުމެން ގޭގައި އެކި ކަންތައް ކުރުވަން ގެންގުޅޭ މީހުން، އަންހެން ކުދިންނާއި، ފިރިހެން ކުދިން ނުވަތަ ބޮޑެތި މީހުން ގެންގުޅެނީ. އެމީހުންނަށް ކާންދޭންވީ އަޅުގަނޑުމެން ކާ އެއްޗަކުން. އެމީހުންނަށް ފޭރާން ހޯދައިދޭންވީ އަޅުގަނޑުމެން ލާ އެއްޗަކުން. އެމީހުންނަށް ދަތިވާވަރަށް އެމީހުން ލައްވައި މަސައްކަތް ކުރުވައިގެން ނުވާނެ. އެމީހުންނަށް މަސައްކަތެއް ޙަވާލުކޮށްފީވިއްޔާ، އެ މަސައްކަތުގައި އަޅުގަނޑުމެން، އެމީހުންނަށް އެހީވެދޭންޖެހޭނެ. އަދި އެބައިމީހުންނަކީ އަޅުގަނޑުމެންގެ އަޚުން ކަމުގައި ކީރިތި ރަސޫލާ އެ ޙަދީޘް ކުރައްވަނީ، "އެބައިމީހުންނަކީ ތިޔަބައިމީހުންގެ އަޚުންތަކެކޭ ނުވަތަ އުޚްތުންތަކެކޭ. އެބައިމީހުން އެތިބީ ﷲ ތިޔަބައިމީހުންނަށް ޚިދުމަތް ކުރުމުގެ މަޤާމެއްގައި ލައްވާފައޭ. އެހެންވީމާ، އެމީހުންނާ ދޭތެރޭގައި މިހާ އޯގާވެރިކޮށް، މިހާ ރަނގަޅަށް ތިޔަބައިމީހުން ކަންތައް ކުރާށެވެ." ހަމަ އެފަދައިން ރަސޫލާ ޙަދީޘް ކުރައްވާ "إِذَا أَتَى أَحَدَكُمْ خَادِمُهُ بِطَعَامِهِ، فَإِنْ لَمْ يُجْلِسْهُ مَعَهُ، فَلْيُنَاوِلْهُ لُقْمَةً أَوْلُقْمَتَيْنِ أَوْأَكْلَةً اَوْ أُكْلَتَيْنِ، فَإِنَّهُ وَلِيَ عِلَاجَه." "ކައްކާ މީހާ، އެމީހާ އެ ކައްކާ އެއްޗެއް ކައްކައިގެން ކަލޭގެ ގާތަށް ގެނެސްދީފިނަމަ، ދެން އޭނާ ކަލެއާއެކުގައި އެއް މޭޒެއް ކައިރީގައި ބައިންދައިގެން ކާން ނުދިންނަމަ، އެންމެކުޑަމިނުގައި އޭނާ އެ ގެނެސްދިން އެއްޗަކުން އޭނާއަށް ކާންދޭށެވެ. އެއިން ކޮންމެވެސް އެތިކޮޅެއް އޭނާއަށް ދެހެރޭ. އެގޮތަކީ އޭނާއޭ އެ ކެއުން ކަލެއަށް ތައްޔާރުކޮށްދިން މީހަކީ."

ހަމައެފަދައިން، ގެންގުޅޭ މީހުންނާ ދޭތެރޭގައި އިޙްސާންތެރިވުމަށާއި، އޯގާތެރިވުމަށާއި، ކަމޭހިތުމަށް ރަސޫލާ އެންގެވި އެންގެވުމުގެ ތެރޭގައި ނުވަތަ މީހުންނަށް ދެއްކެވި މަގުގައި ފާހަގަކުރެވޭކަހަލަ ޙާދިޘާއެއްވެސް އަޅުގަނޑު ދަންނަވައިލާނަން. އެއީ އަބޫ މަސްޢޫދުލް ބަދުރީ ކިޔުނު ޞަޙާބީ ބޭކަލަކު، އެކަލޭގެފާނު ގެންގުޅުއްވާ ކުއްޖަކު، ކޮންމެވެސް ވިޔާނުދާ ކަމެއް ކޮށްގެން ނުވަތަ އެކަލޭގެފާނު ހިތްޕުޅުހަމަނުޖެހޭގޮތަކަށް ކަމެއް ކޮށްގެން އޭނާގެ ގައިގައި ޖެއްސެވި. ކުއްލިއަކަށް ފަހަތުން އިވިވަޑައިގަތީ، މީހަކު ވަރަށް ބޮޑަށް ރުޅިއައިސްގެން "އިޢްލަމް އަބާ މަސްޢޫދު" އެހެން ގޮވާލާ އަޑު، "ދަންނާށެވެ. އޭ އަބޫ މަސްޢޫދެވެ." ވަރަށް ބާރަށް މީހަކު އެހެން ގޮވާލާ އަޑު އެކަލޭގެފާނަށް އިވިވަޑައިގަތުމުން އެނގިވަޑައިގެން ބެއްލެވިއިރު ހުންނެވީ ކީރިތި ރަސޫލާ. ދެން އެ ރިވާޔަތުގައި އޮންނަގޮތުންވިއްޔާ، ރަސޫލާ ކޯފާއިސްވެފައި ހުންނެވިލެއް ބޮޑުކަމުން، އަބޫ މަސްޢޫދަށް ފުރަތަމަ އެއީ ކާކުކަންވެސް އެނގިވަޑައިނުގަތް. އެހެންނަމަވެސް، އިރުކޮޅަކުން އެނގިވަޑައިގެންފި. ރަސޫލާ ވިދާޅުވަނީ "إِعْلَمْ أَبَا مَسْعُوْدٍ إِنَّ اللهَ أَقْدَرُ عَلَيْكَ مِنْكَ عَلَى هَـٰذَالْغُلَام." "ކަލޭ ދަންނާށެވެ. ހަމަކަށަވަރުން ކަލޭ މިކުއްޖާގެ މައްޗަށް ބާރުފޯރުވާވަރަށްވުރެ މާބޮޑަށް، اللّـه سبحـانـه وتعـالى ކަލޭގެ މައްޗަށް ބާރުފޯރުވުމުގެ ކުޅަދުންވަންތަވެރިކަން، އެކަލާނގެއަށް ލިބިވޮޑިގެންވެއެވެ." ކޯފާވެފައި އެހެން ޙަދީޘް ކުރެއްވުމުން، އަބޫ މަސްޢޫދު އެކަން ހުއްޓަވާލައްވާފައި ދެން އޭނާ ވިދާޅުވަނީ، " އޭގެފަހުން ދުވަހަކުވެސް ތިމަންނާ، ގެންގުޅޭ ކުއްޖެއްގެ ގަޔަކު ނުޖަހަމެވެ." އަދި އެ ޒަމާނަކީ އަޅުން ގެންގުޅޭ ޒަމާން. އެ ކުއްޖާއަކީ، ވީ އެކަލޭގެފާނުގެ އަޅެއް ކަމުގައި. އެހެންވެ ވަގުތުން ﷲ އަށްޓަކައި އެ އަޅުކުއްޖާ މިނިވަންކުރެއްވި. ރަސޫލާ ޙަދީޘްކުރެއްވީ "ކަލޭގެފާނު އެ އަޅުކުއްޖާ މިނިވަން ނުކުރެއްވިނަމަ، ކަލޭގެފާނުވީހީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނޭ."

އާދެ، އަޅުގަނޑުމެން ދިރިއުޅުމުގައި މީހުން ލައްވައި މަސައްކަތް ކުރުވައި، މީހުންނާމެދު މުޢާމަލާތު ހިންގާ ހަދާ. އެހެން ކަމަށްވަންޏާ، މީހަކު ލައްވައި މަސައްކަތެއް ކުރުވައިފިއްޔާ، އެމީހާގެ ދާ ހިކުމުގެ ކުރިން އޭނާއަށް އަގުދޭންވާނެޔޭ ރަސޫލާ އަންގަވާފައި އެބައޮތް. "اَعْطُوا الْأَجِيْرَ اَجْرَهُ قَبْلَ أَنْ يَجِفَّ عَرَقُهُ." މި ހުންނަނީ އިސްލާމްދީނުގެ އުޞޫލު. މީހަކު ލައްވައި ކަމެއް ކުރުވައިފީވިއްޔާ ވަގުތުން ފައިސާ ދޭންވާނެ. އެހެން ނޫނީވިއްޔާ ކަންތައް ނުކުރުވާނީ. އެއީ، އެމީހާގެ ޙައްޤު. އެކަމަކު ވަނީ އެހެންނެއް ނޫން. ވަނީ މީހަކު ލައްވައި މަސައްކަތެއް ކުރުވާފައި، އެމީހާ ދެން އެ މަސައްކަތް ކުރުވި މީހާފަހަތުން ހިނގަންޖެހޭނީ. އެއްމަސް، ދެމަސް، ތިންމަސް. އަހަރު، ދެއަހަރުވެސް ހިނގަން ޖެހިދާނެ، ފައިސާ ނުލިބިގެން. އެ ހުންނަނީ ވަރަށް ބޮޑެތި ފާފަ. އެ މަސައްކަތް ކުރި މީހާގެ ދާ ހިކުމުގެ ކުރިން އެމީހާއަށް، އެމީހާއަށް ޙައްޤުވާ ކުލި ނުވަތަ އަގު ދޭންވާނެ.

ވިޔަފާރި ކުރުމުގައި ގެންގުޅެންވީ އުޞޫލު ރަސޫލާ ބަޔާންކޮށްދެއްވާފައިވޭ. "التَّاجِرُ الصَّدُوْقُ الْأَمِيْنُ مَعَ النَّبِيِّيْنَ وَالصِّدِّيْقِيْنَ وَالشُهَدَاءِ يَوْم الْقِيَامَةِ." ރަސޫލާ ޙަދީޘްކުރައްވަނީ، "ތެދުވެރި، އަމާނާތްތެރި ވިޔަފާރިވެރިޔާ ވާހުށީ ޤިޔާމަތް ދުވަހުން ނަބީ ބޭކަލުންނާއި، ޞިއްދީޤުންނާއި، ޝަހީދުންގެ އަރިހުގައެވެ." އެއަށްވުރެ ވަކި މަތިވެރި ޘަވާބެއް، އުޖޫރައެއް، ދަރުމައެއް ނޯންނާނެކަން ކަށަވަރު. އަޅުގަނޑުމެން ވިޔަފާރީގެ އެކިއެކި މުޢާމަލާތު ކުރާއިރު ނުވަތަ އެނޫންވެސް މީހުންނާ ގުޅިގެން ކަންތައްތައް ކުރާއިރު، ކަން ކުރަންވީ މާތް އޯގާވެރި ގޮތް ރަސޫލާ ބަޔާންކޮށްދެއްވައި ޙަދީޘްކުރައްވަނީ "رَحِمَ اللهُ رَجُلًا سَمْحاً إِذَا بَاعَ، وَاِذَا اشْتَرَى، وَاِذَا اقْتَضَى." "اللّـه سبحـانـه وتعـالى ރަޙްމަތް ލައްވާނެޔޭ، އެމީހާ އެއްޗެއް ވިއްކާއިރު އޯގާވެރިވާ މީހާއަށް. އެމީހާ އެއްޗެއް ގަންނައިރު އޯގާވެރިވާ މީހާއަށް. އެމީހާ، އެމީހާގެ ޙައްޤު ހޯދަން މަސައްކަތްކުރާއިރު އޯގާވެރިވާ މީހާއަށް."

އެހެންވީމާ، ވިއްކާ މީހާވެސް އޯގާތެރިކަމާއެކު، ގަންނަން އަންނަ މީހާއާ ދޭތެރޭގައި ޢަމަލުކޮށް، އިޙްސާންތެރިކަމާއި، ކަމޭހިތުމާއެކު އޭނާއަށް އެއްޗެތި ވިއްކާ ހަދަންވީ. ގަންނަ މީހާވެސް، ވިޔަފާރިކުރަންދާ މީހާ، އެ އެއްޗެއް ވިއްކާ މީހަކާ ދޭތެރޭގައި އޯގާވެރިކަމާއި، އިޙްސާންތެރިކަމާއި، ކަމޭހިތުމާއެކު ޢަމަލުކުރަންވީ. އަދި ތިމާގެ ޙައްޤު ހޯދަން މަސައްކަތްކުރާ މީހާވެސް، ތިމާއަށް ލިބެންވާ ޙައްޤެއް ހޯދަން މަސައްކަތްކުރަނީ، ޝަރީޢަތަށް ދަނީ، ސަރުކާރުގެ އޮފީސްތަކަށް ސިޓީ ލިޔަނީ، ނޫނީ އެހެނިހެން ވެރިންގެ އަރިހަށް ދަނީ. އެހެންދާއިރުވެސް އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު ކަންތައްކުރާ މީހާއަށް ﷲ ރަޙްމަތް ލައްވާނެ. މިފަދަ މާތް އުޞޫލުތައް އަޅުގަނޑުމެންނަށް ކީރިތި ރަސޫލާ ދަސްކޮށްދެއްވާފައި ވަނީ.

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަފްރާދުންގެ ގޮތުގައި މީހުންގެ ތެރޭގައި އުޅޭއިރު، ކަންތައް ކުރާއިރު، އަޅުގަނޑުމެންގެ އިޖްތިމާޢީ ސުލޫކު، މި މަތިވެރި މާތް އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބަހައްޓަންވާނެއޭ. އެހެން ނުބަހައްޓާ ކަމަށްވަންޏާ، ރަސޫލާގެ ޛިކްރާ އާލާކުރުމަކުން، ރަބީޢުލްއައްވަލް މަހުގެ ބާރަވިލޭރޭ ފާހަގަކުރުމަކުން، އަޅުގަނޑުމެންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެއޭ. އަޅުގަނޑުމެންގެ މުސްލިމްވަންތަކަން މީހުންނަށް ދައްކައިދޭ އެއްޗަކީ އަޅުގަނޑުމެންގެ ސުލޫކޭ. އަޅުގަނޑުމެންގެ ޢަމަލޭ. ބޭރު ޤައުމުތަކަށް ގޮސް އުޅޭއިރުވެސް، މުސްލިމެއްކަން މީހުންނަށް އެނގެންޖެހޭނެ، އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަގޮތުން. އަޅުގަނޑުމެން ކޮންމެހެން ބުނާ އެއްޗަކުންނެއް ނޫން. އެއީ ވަރަށްގިނަ އިންސާނުން، ރީތި މާތް ބަސް ބުނެފައި، އެއާ ދިމާ އިދިކޮޅަށް ޢަމަލުކުރަމުން ގެންދޭ.

އެހެންވީމާ، އަޅުގަނޑުމެން ވާހަކަ ދައްކަންވީ އަޅުގަނޑުމެންގެ ޢަމަލުން. އަޅުގަނޑުމެންގެ ބަހަކުންނެއް ނޫން. މީހުންގެ ތެރޭގައި ކަންތައް ކުރާއިރު، އަޅުގަނޑު މި ދެންނެވި ފަދައިން، ޢާއިލާގެ ތެރޭގައި ކަންތައް ކުރާއިރުވެސް، ބައްޕައާ ދޭތެރޭގައި، މަންމައާ ދޭތެރޭގައި، ދަރިންނާ ދޭތެރޭގައި ކަންތައް ކުރާއިރު، އެއްބަނޑުއެއްބަފާ މީހުންނާ ދޭތެރޭ ކަންތައް ކުރާއިރު، ރައްޓެހިންނާއި ރަޙްމަތްތެރިންނާ ދޭތެރޭ ކަންތައް ކުރާއިރު، އަވަށްޓެރިންނާ ދޭތެރޭ ކަންތައް ކުރާއިރު، ތިމާ ގެންގުޅޭ މީހުންނާ ދޭތެރޭ ކަންތައް ކުރާއިރު، ނުވަތަ ވިޔަފާރި ކުރަން ގޮސްއުޅޭ އުޅުމުގައި، އެހެނިހެން މުޢާމަލާތުތައް ކުރަން ގޮސް އުޅޭ އުޅުމުގައި، އިސްލާމީ ރޫޙު ތިމާގެ ހުންނަންޖެހޭނެ. އިސްލާމީ ރީތި އަދަބުތައް، ތިމާ ދަސްކޮށްގެން، އެއާ އެއްގޮތަށް ޢަމަލުކުރަންޖެހޭނީ. މަޑުމައިތިރިކަމާއި، އޯގާތެރިކަމާއި، އިޙްސާންތެރިކަން. އަދި ތިމާގެ ޙައްޤެއް ހޯދަން އުޅޭއިރުވެސް، ރުޅިއައިސްގެން ހަޅޭއްލަވައި އެއްޗެތި ގޮވައި މިހެން ހަދާނީކީ ނޫން. މަޑުމައިތިރިކަމާއެކުގައި އެ ޙައްޤު ހޯދަން މަސައްކަތް ކުރާނީ. އޯގާތެރިކަމާއެކު އެކަން ކުރާނީ. އެކަންކުރާ މީހުންނަށް ﷲ ރަޙްމަތް ލައްވާނެއޭ، ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ.

އާދެ، އަޅުގަނޑުގެ ވާހަކަ މިހިސާބުން މިރޭ ނިންމާލަން ޤަޞްދުކުރަނީ. މި މަތިވެރި މާތް މުނާސަބަތުގައި، ތިޔަ ހުރިހާ އަޚުންނާއި އުޚްތުންނަށް އަޅުގަނޑުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކުރަން.

އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى މިފަދަ މަތިވެރި މުނާސަބަތުތައް އަޅުގަނޑުމެންނަށް ތަކުރާރުކޮށްދެއްވުން. އެ ތަކުރާރު ކުރައްވާ ކުރެއްވުމުގައި، އަޅުގަނޑުމެންގެ ޤައުމީ އަދި އިސްލާމީ އެކިއެކި މަޤްޞަދުތައް ޙާޞިލްވާނެ މަގު އަޅުގަނޑުމެންނަށް ތަނަވަސްކޮށްދެއްވުން. މާތް ރަސޫލާ ދެއްކެވި މާތް ނަމޫނާގައި ހިފުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އެކަލޭގެފާނު އިރުޝާދު ދެއްވައި އަންގަވާފައިވާ ރީތި ގޮތްތައް އެއީ ރީތި ގޮތްތަކެއް ކަމަށް އަޅުގަނޑުމެންގެ ހިތްތަކަށް ޤަބޫލުކުރެވިގެން، އެ މަތިވެރި މާތް އުޞޫލުތަކާ އެއްގޮތަށް، އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓުމުގެ ތައުފީޤު އެކަލާނގެ ދެއްވުން.

والسّــلام عليكم ورحمـة اللّـه وبركاته.