بســم اللّـه الرّحمـن الرّحيــم

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް މި ދަންނަވާލީ، މިހާރު ހިނގަމުންމިދާ ޤާނޫނުއަސާސީ އިޞްލާޙުކުރުމާބެހޭ މަސައްކަތް މިހާރު ހިނގަމުންދާގޮތާ ބެހޭގޮތުން އެއްޗެއް ދަންނަވާލުމަށްޓަކައި.

އެންމެ ފުރަތަމަ ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް މާލެއާއި އަތޮޅުތަކުން އިންތިޚާބުކުރަންޖެހޭ މެންބަރުން އިންތިޚާބުކުރައްވައި ވަނީ ނިމިފައޭ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންޖެހޭ މެންބަރުންވެސްވަނީ ޢައްޔަންކޮށް ނިމިފައޭ. ހަމަ އެއާއެކީގައި، މިހާރު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން ޤާނޫނީގޮތުން ކުރައްވަންޖެހޭ ހުވާވެސްވަނީ އަޅުގަނޑުގެ ކުރިމަތީގައި ކުރައްވައި ނިމިފައި. އެނގިވަޑައިގަންނަވާނެ ފަދައިން، މިދިޔަ ޖޫންމަހުގެ 15 ވަނަ ދުވަހު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ހުރިހާ މެންބަރުންގެތެރެއިން، ވަރަށްގިނަ ޢަދަދެއްގެ މެންބަރުންވަނީ ޤާނޫނީ ހުވާކުރައްވާފައި. އެދުވަހު އެކި ސަބަބުތަކާހެދި ޖަލްސާއަށް ހާޒިރުވެވަޑައިނުގެންނެވުނު ފަސްބޭފުޅަކު، މިއަދު ވަނީ މިއޮފީހަށް ވަޑައިގެން، އަޅުގަނޑުގެ ކުރިމަތީގައި ޤާނޫނީ ހުވާކުރައްވާފައި. އެހެންވީމާ، އެކަން އެއޮތީ މިހާރު މުޅިން ނިމިފައި.

ހަމަ އެއާއެކީގައި ދަންނަވާލަންޖެހެނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ޢަދަދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދަށްވުރެ ގިނަ. ރައްޔިތުންގެ މަޖިލީހުގައި މި ތިއްބަވަނީ 50 މެންބަރުން. ޚާއްޞަ މަޖިލީހުގައި، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، 108 މެންބަރުން އެބަ ތިއްބެވި. އެހެންވީމާ، 108 މެންބަރުންނަށް ވާހަކަފުޅު ދެއްކެވޭނެ އިންތިޒާމު ހަމަޖެހުމަކީ، އެބޭފުޅަކު ބޭނުންފުޅުވާ ޚިޔާލެއް ވަގުތުން ހުށަހެޅުއްވުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް. އެހެންވީމާ، އެތާނގައި ކުރިންހުރި މައިކްރޯފޯނުގެ ނިޒާމް، ސައުންޑް ސިސްޓަމް މިކަމަށް ނުފުދޭތީއާއި، އެ ބާވެފައި ހުރުމާއެކީގައި އެ ޖެހުނީ މުޅިން އާކުރަން. އެހެންވީމާ، މިހާރު ވަނީ އާ ސައުންޑް ސިސްޓަމެއް ގެނެސް، މަޖިލީހުގައި އެ ބަހައްޓައި ނިމިފައި. މިގޮތުން، ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް، މާތްﷲގެ ވާގިފުޅާއެކު މިހާރުވަނީ ކޮށް ނިމިފައި. އެހެންވީމާ، ދަންނަވާލަން މި ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޚާއްޞަ މަޖިލީހުގެ ޖަލްސާތައް ފެށޭނެއޭ. އިރާދަކުރެއްވިއްޔާ މި އަންނަ ހޯމަދުވަހު، އާދެ، ޖުލައިމަހުން އޮނަވިހިވަނަ ދުވަހު، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވޭނެ.

އާދެ، ޤާނޫނުއަސާސީ އިޞްލާޙުކުރުމާ ބެހޭގޮތުން އަޅުގަނޑު މިދިޔަ ޖޫންމަހު 9 ވަނަ ދުވަހުގެރޭ ވާނީ ޚިޔާލުތަކެއް ރައްޔިތުންނާ ޙިއްޞާކޮށްލާފައި. އެ ޚިޔާލުތަކަށް އަޅުގަނޑަށްވަނީ ވަރަށްގިނަ ފަރާތްތަކެއްގެ ތާއީދު ލިބިފައި. އެހެންނަމަވެސް، ބައެއް ބޭފުޅުން ވިދާޅުވިގޮތުގައި، އޭގެތެރެއިން ބައެއް ޚިޔާލުތަކަކީ އަދި ވިސްނާލުން އެންމެ ރަނގަޅުވާނެ ޚިޔާލުތަކެއް. އެއީ، ހަމަ ތަބީޢީކަމެއް. މިދެންނެވީ، ހުރިހާ ޚިޔާލަކީ އެންމެން އެއްބަސްވާނެ ޚިޔާލުތަކެއްނޫން. ޚިޔާލު ތަފާތުވުމަކީ، މީހުންގެ ތެރޭގައި ހަމަ އަބަދުވެސް ދިމާވާނެ ކަމެއްކަމަށްވާތީ، އަޅުގަނޑު އެބޭފުޅުންގެ އެ ޚިޔާލުފުޅަށްވެސް ޙުރްމަތްތެރިކޮށްހިތަން. މިއޮފީހުންވަނީވެސް ޢާންމު ރައްޔިތުން، ޤާނޫނުއަސާސީ އިޞްލާޙުކުރުމާ ބެހޭގޮތުން ޚިޔާލު ހުށަހެޅުއްވުމަށް ފުރުޞަތެއް ހުޅުވާލާފައި. އެއީ، މިދިޔަ ޖޫންމަހުގެ 1 ވަނަ ދުވަހުން ފެށިގެން، އެ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް. އެ މުއްދަތުގެ ތެރޭގައި، ވަރަށްގިނަ ބޭފުޅުންވަނީ ޚިޔާލު ހުށަހަޅުއްވާފައި. އެހެންވީމާ، އެ ދަންނަވާލި ދަންނަވާލުމަށް އަޅުގަނޑަށް ލިބުނީ، ވަރަށް ފުރިހަމަ އިޖާބައެކޭ ދަންނަވަންޖެހޭ. ހަމައެހެންމެ، އަޅުގަނޑަށް ޚިޔާލު ފޮނުއްވައިދެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މި ފުރުޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމަ އެއާއެކީގައި، ޤާނޫނުއަސާސީއަކީ، ހުރިހާ ރައްޔިތުންނަށް ވަރަށް މުހިންމު އެއްޗަކަށްވާތީ، ރައްޔިތުންގެ ޚިޔާލު އެކަމުގައި ބޭނުންވާކަމަށް އަޅުގަނޑު ބުނެ، އަދި ޤާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އިޞްލާޙުތަކާ ބެހޭގޮތުން ރައްޔިތުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ދަންނަވާލި ދަންނަވާލުމަށް އިޖާބަ ދެއްވުމުގެ ގޮތުން، ވަރަށްގިނަ ފަރާތްތަކުން އެކަހަލަ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން އެބަގެންދަވާ. އެ ފުރުޞަތުގެ ބޭނުން ވަރަށްގިނަ ބޭފުޅުން ކުރައްވަމުން އެބަގެންދަވާ. އެއީވެސް އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި، ތަޢުލީމީ ޒުވާނުން މިދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން. އެއީ، ޤައުމަށް ވަރަށް ބޭނުންތެރި ކަމެއް. ޤައުމުގެ ކުރިއެރުމާއި ތަރައްޤީ، އޭގެމައްޗަށް ބިނާވެފައިވާ ކަމެއް. ތަޢުލީމީ ޒުވާނުންގެ ޢިލްމާއި ތޫނު ވިސްނުމުގެ ބޭނުން ހުރިހާ ކަމެއްގައިވެސް އަޅުގަނޑުމެން ކުރަންޖެހޭ. ހަމަ އެހެންމެ، ތަޖުރިބާކާރުންގެ ތަޖުރިބާއާއި، ހަރުމީހުންގެ ވިސްނުމާއި ޙިކްމަތްތެރިކަންވެސް، މިކަހަލަ ކަންކަމުގައި އަޅުގަނޑުމެން ބޭނުންވާނެ. ތެދުތެދަށް ދަންނަވަންޏާ، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގައި، ދިވެހި ކޮންމެ ރައްޔިތެއްގެ ޚިޔާލުވެސް މުހިންމު. ހުރިހާ ރައްޔިތުން މިކަމުގައި ޚިޔާލު ދެއްވުމަކީ، އަޅުގަނޑުހިތުން ޤާނޫނުއަސާސީ އެދެވޭގޮތެއްގައި އިޞްލާޙުވުމަށް ވަރަށް ބޭނުންތެރި ކަމެއް.

އެހެންވީމާ، މިދެންނެވި ގޮތުގެމަތިން އެ ފުރުޞަތުތައް ސަރުކާރުން ހުޅުވާލީ. އަދި އެ ފުރުޞަތުގެ ބޭނުން ރައްޔިތުންގެ ވަރަށްގިނަ ފަރާތްތަކުން ކުރައްވަމުން އެ ގެންދަވަނީ. އަޅުގަނޑު ދެންމެ ދަންނަވާލި، ޚިޔާލުފާޅުކުރުމުގެ ޖަލްސާތަކުގެ އިތުރުން، ރާއްޖޭގެ ޚަބަރުފަތުރާ ހުރިހާ ވަސީލަތްތަކުންވެސް މިކަމުގައި ވަރަށް ފުރިހަމައަށް ޙިއްޞާކުރައްވަމުން އެބަގެންދަވާ. ޓެލެވިޜަން މޯލްޑިވްސްއާއި، ދިވެހިރާއްޖޭގެ އަޑާއި އަދި ރާއްޖޭގައި ނުކުންނަ ނޫސްތަކުގައިވެސް ވަރަށްގިނަ ޢަދަދަކަށް ބައެއް ބޭފުޅުން، ޤާނޫނުއަސާސީ އިޞްލާޙުކުރުމާ ބެހޭގޮތުން، އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައް ލިޔުއްވަމުން، ފާޅުކުރައްވަމުން އެބަގެންދަވާ. އެއީވެސް، އަޅުގަނޑު ދެކޭގޮތުގައި ވަރަށް ރަނގަޅު ކަމެއް. އެކަމަށްޓަކައި، އެކަމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުމެން މިހާރު ޢަމަލުކުރަމުންމިދާ ޤާނޫނުއަސާސީގައިވާ ގޮތުން، ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކަމެއް. އޭގެބޭރުން މި ކުރެވޭ މަސައްކަތަކީ، ޚާއްޞަ މަޖިލީހުގެ މަސައްކަތަށް ފަސޭހަކޮށްދިނުމަށްޓަކައި ކޮށްދެވޭ ކަންތައްތަކެއް. އެހެންނަމަވެސް، ޤާނޫނުއަސާސީގައިވާ މާއްދާތަކަށް އެކިކަހަލަ ބަދަލުގެނައުން، އުނިއިތުރު ގެނައުން ނުވަތަ އެހެން ގޮތަކަށް ކަންތައްތައް ބަދަލުކުރުން އެއީ، ހަމައެކަނި ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ޤާނޫނު ލިބިދީފައިވާ ބާރެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަންނަ ހޯމަ ދުވަހުން ފެށިގެން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާތައް ކުރެވެމުންދާއިރު، މިހާރު އެ ހުށަހެޅިފައިވާ ޚިޔާލުތަކުގެ އަލީގައި، އަދި އަޅުގަނޑު ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ފޮނުވަން ގަސްތުކޮށްފައިވާ ޚިޔާލުތަކުގެ އަލީގައި، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް އެ މަޖިލީހުން ކުރިއަށް ގެންދަވާނެ.

އާދެ، ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ ވަރަށް މުހިންމު ޤައުމީ މަސައްކަތެއް. ކުރިންވެސް ދެންނެވި ފަދައިން، މިކަމުގައި ހަމަ ކޮންމެ ރައްޔިތެއްގެ ޚިޔާލަކީވެސް، މުހިންމު ޚިޔާލެއް. މިހެން ދަންނަވާއިރު، އަޅުގަނޑަށް އެނގޭ ޚިޔާލަކީ ތަފާތު އެއްޗެއްކަން. އެއްކަމަކާ ބެހޭގޮތުންވެސް ދެތިންހަތަރު ޚިޔާލު ނުވަތަ އެއަށްވުރެ ގިނަ ޚިޔާލު ހުރުމަކީ އެކަށީގެންވާ ކަމެއް. އެއީ، ޠަބީޢީކަމެއް. އެހެންނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި، ޚިޔާލު ތަފާތުވުމަކީ، އެންމެން ގުޅިގެން، އެކުވެރިކަމާއި ޞުލްޙަވެރިކަމާއެކުގައި މަސައްކަތްކުރުމަށް ހުރަސްއެޅެންވީ ކަމެއް ނޫން. ޚިޔާލުތަފާތުވިޔަސް މަސައްކަތް ކުރަންޖެހޭނީ، އެންމެން ގުޅިގެން، އެކުވެރިކަމާއި، ޞުލްޙަވެރިކަމާއެކީގައި. ޤައުމަށް ފައިދާހުރި ގޮތެއްގެމަތިން. ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ރާއްޖެ، އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަމާއެކު ކުރިއަށްދިޔުމަކީ، އެންމެންގެވެސް އުންމީދު. އެންމެންގެވެސް ޙައްޤު. އަދި އެއީ އެންމެންގެވެސް ވާޖިބު. އެހެންވީމާ، އެގޮތުގެމަތިން ކުރިއަށް އޮތްތާނގައި ހުރިހާ ކަމެއްވެސް ދާނެކަމަށް އަޅުގަނޑު ޔަޤީންކުރަން. ދިވެހިރާއްޖޭގެ ރައްޔިތުން އެކަމަށް ވަރަށްބޮޑަށް ތާއީދުކުރައްވާނެ ކަމަށްވެސް އަޅުގަނޑު ދެކެން.

އާދެ، އަޅުގަނޑުމެން އެންމެންވެސް މި ދައްކަނީ ޑިމޮކްރަސީގެ ވާހަކަ. ޑިމޮކްރަސީއަކީ ދުނިޔޭގައި އޮތް އެންމެ މަޤްބޫލު ސިޔާސީ ނިޒާމު. އެކަމާމެދަކު ޝައްކެއްނެތް. އެހެންނަމަވެސް، ޑިމޮކްރަސީއަކީ ވަކި ބައްޓަމަކަށް ނުވަތަ ވަކި ތައްގަނޑަކަށް ހުރިހާ ތަނެއްގައި، ޢަމަލުކުރެވޭ ނިޒާމެއްނޫން. އެ ނިޒާމުގައި ހިމެނެނީ، މައިގަނޑު އަސާސްތަކަކާއި އަދި އެ އަސާސްތައް ދެމެހެއްޓުމަށްޓަކައި ކުރެވިފައިވާ އިންތިޒާމުތަކަކާ މި ދެބައި. އެ އަސާސްތައް ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ފުރިހަމަގޮތެއްގައި ހުރިކަމަށްވަންޏާ، އެތަންތަނަކީ ޑިމޮކްރަސީގެ، ނުވަތަ ޑިމޮކްރެޓިކް ތަންތަންކަމުގައި ބުނެވޭނެ. އެހެންނަމަވެސް، އެ އަސާސްތަކުގެމަތީގައި، އެ ކަންތައްތައް ޙާޞިލްކުރުމަށްޓަކައި، ކުރެވޭ އިންތިޒާމުތަކުގައި، ތަފާތުހުރުމަކީ، ވެދާނެކަމެއް. ވަރަށްގިނަ ތަފާތު އެބަހުރި. އެ ތަފާތުތައް އެ ހުންނަނީ އެކި ޤައުމުގެ ސިޔާސަތާއި، ޙާލަތާއި، މާޙައުލާއި، ރައްޔިތުން އެދޭގޮތާއި، އެމީހުން ޤަބޫލުކުރާ އުޞޫލުތަކާ، މިކަންކަން ތަފާތުވާތީ. މިސާލަކަށް، އިސްލާމީ ޤައުމުތަކާ، އެނޫން ޤައުމުތަކާވެސް ތަފާތުވާނެ. އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެން ޤަބޫލުކުރާ ދީނީ ޢަޤީދާތަކެއް އެބަހުރި. އެހެންވީމާ، އެ ޢަޤީދާތަކަށް އަޅުގަނޑުމެން ރައްކާތެރިވާންޖެހޭ. ހަމަ އެހެންމެ، ދިވެހިރާއްޖެއަކީ، މިނިވަން މުސްތަޤިއްލު ޤައުމެއް. އެއްބަހަކުން ވާހަކަދައްކާ، އެއް ނަސްލަކުން އައިސްތިބި ރައްޔިތަކު ދިރިއުޅޭ ތަނެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ތަފާތު ދީންތަކުގެ މީހުންނެއް ނެތް. އެނޫން ގޮތްގޮތުންވެސް ތަފާތު ނަސްލުތަކުގެ މީހުންނެއްވެސް ނެތް. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައި، ޑިމޮކްރަސީ އޮންނަންވާގޮތާއި، މިދެންނެވި ކަހަލަ ތަފާތުތައް، ދީނުގެ ތަފާތު ނުވަތަ އެނޫންވެސް ނަސްލުގެ ތަފާތު ކަހަލަ، ތަފާތުތައް ހުންނަ ތަންތާނގައި އޮންނަ ޑިމޮކްރަސީއާ ތަފާތުވުމަކީ، ހަމަ ވެދާނެ ކަމެއް. ވާންޖެހޭނެ ކަމެއްވެސްކަން ނޭނގެ.

އެހެންވީމާ، ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ޑިމޮކްރަސީއަކީ ވަކިކަހަލަ އުޞޫލުތަކެއް، ވަކިކަހަލަ ބިންގާތަކެއް ޤަބޫލުކުރުމޭ. އެކަމަކު އެ ބިންގާތަކުގައިވާ ކަންތައްތައް ޙާޞިލްކުރުމުގައި، އެބައެއްގެ ޢަޤީދާއާއި، އެބައެއްގެ އުޞޫލާއި، އެބައެއްގެ ޘަޤާފަތާ ގުޅޭގޮތަށް، އޭގެ އިންތިޒާމުތައް ތަފާތުވުމަކީ، ހަމަ އެންމެ ރަނގަޅު ކަމެކޭ. ތިޔަބޭފުޅުން ވިސްނާވަޑައިގެންފިއްޔާ އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ ޑިމޮކްރަސީ ޤާއިމުވެފައިވާ ހުރިހާ ޤައުމެއްގައިވެސް، މި ދެންނެވީ އެކި ޤައުމުގެ ކަންތައްތައް ހުންނަނީ އެކިގޮތަށް. އޭގެތެރޭގައި ވަރަށް ކުރިއަރާފައިވާ ޤައުމުތަކާއި، މެދުފަންތީގެ ޤައުމުތަކާއި، ކުރިއަރަމުން އަންނަ ޤައުމުތަކާއި، އަދި ވަރަށް އާދައިގެ ޙާލަތެއްގައި ދިރިއުޅޭ ޤައުމުތައްވެސް ހިމެނޭ. ދެތަނެއް އެއްގޮތަކަށް ނޯވޭ. އެކިތަންތާނގައި ނިޒާމުތައް ތަފާތު. އެއީ، މިދެންނެވި އުޞޫލުން ތަފާތުވާންޖެހޭތީ.

އާދެ، އަޅުގަނޑުގެ މި ކުރު ވާހަކަކޮޅަށްފަހު، ދެން ތިޔަބޭފުޅުން ކުރައްވަން ބޭނުންފުޅުވާ ސުވާލެއް އޮތީވިއްޔާ، އިރާދަކުރެއްވިއްޔާ އެ ސުވާލަކަށް އަޅުގަނޑު ޖަވާބު ދޭނަން.

_______________________

ޢާއިޝަތު ހަނާ:

އަޅުގަނޑުގެ ނަމަކީ، ޢާއިޝަތު ހަނާ.

އަޅުގަނޑު މިއީ، ޓީ.ވީ. މޯލްޑިވްސްގެ ފަރާތުން. މަނިކުފާނުގެ ވާހަކަފުޅުގައި ދެންމެ ވިދާޅުވި، ޤާނޫނުއަސާސީ އިޞްލާޙުކުރުމާ ބެހޭގޮތުން ޚިޔާލުފާޅުކުރުމުގެ ފުރުޞަތު ހުޅުވައިލެއްވުމާ ގުޅިގެން، ވަރަށްގިނަ ފަރާތްތަކެއްގެ، ވަރަށް ފުރިހަމަ އިޖާބައެއް ލިބިވަޑައިގެންފައިވާ ކަމަށް.

ދެން، އަޅުގަނޑުގެ ސުވާލަކީ، 30 ޖޫންގެ ނިޔަލަށް ޚިޔާލު ފޮނުއްވާފައިވަނީ، އަމިއްލަ ކިތައް ފަރާތުންތޯއޭ؟ ދެން، ލިބިވަޑައިގެންނެވި އިޖާބައާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، އަޅުގަނޑަށް ލިބުނު އިޖާބައިން، އަޅުގަނޑު ވަރަށްބޮޑަށް ހިތްހަމަޖެހޭ. އެ ޢަދަދުތައް ބޭނުންފުޅުވަންޏާ ދަންނަވާލަފާނަން. 30 ޖޫންގެ ނިޔަލަށް، އިޞްލާޙު ފޮނުވާފައިވާ ސިޓީގެ ޢަދަދަކީ 1996، އީމެއިލްގެ ޢަދަދަކީ 74، އިޞްލާޙު ހުށަހަޅައި ފޮނުވާފައިވާ ފެކުހުގެ އަދަދަކީ 16، އެހެންވީމާ، ޖުމްލަ 2086 ސިޓީއާއި، އީމެއިލާއި، ފެކްސް ލިބިފައި އެބައޮތް.

އަޙްމަދު ޒާހިރު:

السّلام عليكم.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

وعليكم السّلام.

އަޙްމަދު ޒާހިރު:

އަޙްމަދު ޒާހިރު، އާފަތިސް ނޫހުން.

ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނެވުމަށް މަނިކުފާނު ހުށަހެޅުއްވި ޚިޔާލުފުޅުތަކާ ގުޅިގެން، ބޭރުގެ ވަރަށްގިނަ ފަރާތްތަކުން މަނިކުފާނާ ގުޅުއްވައި، ޚިޔާލު ބަދަލުކުރެއްވިކަން އަޅުގަނޑުމެންނަށް ވަނީ އެނގިފައި. ދެން، މި ބަދަލުކުރެއްވި ޚިޔާލުތަކާމެދުގައި، މަނިކުފާނަށް ފާހަގަކުރެއްވޭ ކަންތައްތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ބޭރުގެ ބައެއް ފަރާތްތަކުން އަޅުގަނޑަށް ސިޓީއާއި މެސެޖުގެ ޛަރީޢާއިން އެބައޮތް، އަޅުގަނޑު މި ހުށަހަޅާ އިޞްލާޙުތަކަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައި. އެހެންނަމަވެސް، އެކަމާ ބެހޭގޮތުން، އެ ބޭފުޅުންގެ ޚިޔާލެއް ދެއްވައި ނުވަތަ އަޅުގަނޑުމެން، އަޅުގަނޑާ އެބޭފުޅުންނާ ދޭތެރޭގައި، މަޝްވަރާތަކެއް ހިނގާފައެއް ނެތް. ޙަޤީޤަތުގައި ޤާނޫނުއަސާސީއަކީ އަޅުގަނޑުމެންގެ އަމިއްލަ ކަމެއް. ދިވެހިރާއްޖޭގެ އަމިއްލަ ކަމެއް. އެހެންވީމާ، ޤާނޫނުއަސާސީއަށް ގެންނަން ފެންނަ އިޞްލާޙުތައް ކަނޑައަޅާނީ، ދިވެހިރައްޔިތުން. ބޭރުގެ ފަރާތްތަކުން ތަރުޙީބު ދެއްވީ، އަޅުގަނޑު ހުށަހަޅާ އިޞްލާޙީ ޚިޔާލުތަކަށް. އެއީ، އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތް ދީމުޤްރާޠީ ނިޒާމު އިތުރަށް ހަރުދަނާކުރަން ބޭނުންވުމާއި، ބާރުތަކުގެ، މިހާރުއޮތް ބާރުތައް، މިހާރަށްވުރެ ބޮޑަށް ވަކިކުރުމާއި އަދި ސަރުކާރުގެ ޒިންމާދާރުވުން، އެކައުންޓަބިލިޓީ ބޮޑުކުރުމާ، މިހެންގޮސް މި ދީމުޤްރާޠީ ނިޒާމުތަކުގައި، މި ހުންނަ ކަންތައްތަކަށް އަޅުގަނޑުމެން މަރުޙަބާކިޔައި، އެގޮތުގެމަތިން ކަންތައްތައް ގެންދަން ބޭނުންކަމަށް ބުނި ބުނުމަށް، އެ ބޭފުޅުން ތާއީދުކުރައްވައި، އެކަމުގައި މަރުޙަބާ ވިދާޅުވެފައިވަނީ. އޭގެތެރޭގައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި އަދި ހުރިހާ އެންމެންނަށް ހަމަހަމަ ޙައްޤުތަކެއް ލިބިގަތުމާ، މިކަންކަމަށް އިތުރު ކުރިއެރުންތަކެއް، އިރާދަކުރެއްވިއްޔާ، ޤާނޫނުއަސާސީ އިޞްލާޙުވެގެން އަންނައިރު، އަންނާނެކަމަށް އަޅުގަނޑު ޚިޔާލުފާޅުކޮށްފައިވާތީ، އެކަމަށް އެ ބޭފުޅުން ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވާފައިވަނީ. އަނެއްހެން، އެއްވެސް ކަމަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވީކީ ނޫން.

ޢަލީ ޝަމްޢާން:

السّلام عليكم.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

وعليكم السّلام.

ޢަލީ ޝަމްޢާން:

ޢަލީ ޝަމްޢާން، ދިވެހިރާއްޖޭގެ އަޑު.

އަޅުގަނޑުގެ ސުވާލަކީ، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތްތައް ފެށޭއިރު، ޤާނޫނުއަސާސީއަށް ގެންނަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އިޞްލާޙުތައް ހުށަހަޅުއްވަން ގަސްތުކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ޖޫންމަހު 9 ވަނަ ދުވަހުގެރޭ އަޅުގަނޑު ރައްޔިތުންނާ ޙިއްޞާކޮށްލި ޚިޔާލުތައް އިރާދަކުރެއްވިއްޔާ ހުށަހަޅަން ގަސްތުކުރަން. އަދި އޭގެއިތުރުންވެސް، ބައެއް ޚިޔާލު އެބަހުރި. އަޅުގަނޑު ގަސްތުކުރަނީ މި ހުރިހާ ޚިޔާލެއް، ލިޔުމުން ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް އަޅުގަނޑު ހުށަހަޅަން.

ސިނާން:

السّلام عليكم.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

وعليكم السّلام.

ސިނާން:

ސިނާން އިނގޭތޯ، ހަވީރުން.

އަޅުގަނޑުމެން ރާއްޖޭގައި މިހާރު މި ޢަމަލުކުރެވެމުން އަންނަ ޤާނޫނުއަސާސީއަކީ ގާތްގަނޑަކަށް ސަތާރަ، އަށާރަވަރަކަށް އަހަރުން އިޞްލާޙުކޮށް ނިމިފައި އޮތް ޤާނޫނުއަސާސީއެއް. ދެން މިފަހަރު އަނެއްކާވެސް ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާއިރު، މިފަހަރު ކިހާމުއްދަތެއް މިކަމަށް ނަގާފާނެ ކަމަށް މަނިކުފާނަށް ފެނިވަޑައިގަންނަވާތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ތިޔަ ސުވާލުގެ ޖަވާބު ދަންނަވާކަށް މާފަސޭހައެއްނޫން. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ މިހާރު އެހާ ދިގުމުއްދަތެއް ބޭނުމެއް ނުވާނެހެން. އަޅުގަނޑު މީގެކުރިން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން، އެ ހުވާކުރެއްވި ދުވަހު އެތާ ދެއްކި ވާހަކައިގައިވެސް، ބުނި ހަނދާންވޭ. އަޅުގަނޑު އެދެމޭ، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ވެވަޑައިގެންނެވި އަވަސް މުއްދަތެއްގެ ތެރޭގައި، ޤާނޫނުއަސާސީ އިޞްލާޙުކޮށްދެއްވައި ނިންމަވައި ދެއްވުމަށް. އެ ވާހަކަ އަދިވެސް އަޅުގަނޑު ދަންނަވާނަން. އަޅުގަނޑު އެދެނީ އެގޮތް. އަދި އަޅުގަނޑަށް ހީވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންވެސް އެދިވަޑައިގަންނަވާނީ، އެ ބޭފުޅުންނަށް ވެވަޑައިގެންނެވި އެންމެ އަވަހަކަށް މި މަސައްކަތް ނިންމަވައިދެއްވުމަށްހެން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާގިނަ ދުވަސްތަކެއް ބޭނުމެއްނުވާނެ.

މޫނިސާ ޢީސާ:

އަޅުގަނޑު މޫނިސާ ޢީސާ އިނގޭތޯ، އާފަތިސް ނޫހުން.

އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު ދެއްވި ޚިޔާލުތަކާ ގުޅިގެން، ވަރަށްގިނަ ޢާންމު ރައްޔިތުން ބައްދަލުވުންތައް ބާއްވައި، އެ ބޭފުޅުންގެ ޝުޢޫރުތައް ވަރަށް މިނިވަންކަމާއެކު އެދަނީ ހާމަކުރައްވަމުން. ދެން، މިގޮތަށް އެ ބޭފުޅުންގެ ޚިޔާލުފާޅުކުރެއްވުމުގައި، ގެންގުޅުއްވަންޖެހޭނެ އުޞޫލުތައް ކަމަށް މަނިކުފާނު ދެކެވަޑައިގަންނަވާ ކަންތައްތަކަކީ ކޮބައިތޯ؟ ކިހިނެއްތޯ މިހާ މިނިވަންކަމާއެކު، އެ ބޭފުޅުން މި ފާޅުކުރައްވަމުންދާ ޚިޔާލުތަކާމެދު މަނިކުފާނު ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވިހެން، މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމަކީ، ރަނގަޅު ކަމެއް. އެކަމަކު އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާތަކެއްވެސް އެބަހުރި. އަޅުގަނޑު ދެކޭގޮތުގައި، އެންމެ ރަނގަޅުގޮތަކަށްވާނީ، ވީހާ ފައިދާކުރަނިވި، ބިނާކުރަނިވި ޚިޔާލުފާޅުކުރުން. ހަމައެހެންމެ، ތަފާތު ޚިޔާލުތަކަށް ފުރުޞަތު ދިނުން. އެއީ، އަޅުގަނޑު ބުނާ ޚިޔާލާ ދެކޮޅު ޚިޔާލެއް ފާޅުކުރާ މީހަކަށްވެސް، ހަމަ އެ ފުރުޞަތު ދޭންވާނެ. އެމީހަކު އެ ފާޅުކުރާ ޚިޔާލަކަށް އަޅުގަނޑު އިޙްތިރާމް ކުރަންވާނެ. އެއީ، ވަރަށް ބޭނުންކަމެއް. ހަމަ އެހެންމެ، ހުރިހާ އެންމެންގެވެސް ޙައްޤުތަކަށް ރައްކާތެރިވުން. އަޅުގަނޑު ދައްކާ ވާހަކައަކުން، އެހެން މީހެއްގެ ނުވަތަ އެހެން ބަޔަކަށް ޙައްޤަކަށް އުނިކަމެއް އަޔަދީގެނެއް ނުވާނެ. އެންމެން އެންމެނަށް އިޙްތިރާމްކޮށްގެން، އެންމެން، އެންމެން ދައްކާ ވާހަކަ އަޑުއަހައިގެން، ކުރިއަށްގެންދިޔުން. ހަމަ އެފަދައިން، އަޅުގަނޑުމެންގެ ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ޙުރްމަތްތެރިކޮށްހިތުން، އެއީ، އެނގިވަޑައިގަންނަވާނެ ފަދައިން، ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސް، ރޫލް އޮފް ލޯ. މާނައަކީ، ޤާނޫނަށް ޙުރްމަތްތެރިކޮށްހިތުމާއި، ޤާނޫނުގެ ބާރު އެންމެންގެ މައްޗަށް ފޯރުން. އެހެންވީމާ، އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއްގައިވެސް، ދައްކާ ހުރިހާ ވާހަކައެއްގައިވެސް، ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ދެއްކޭތޯ ބެލުމަކީ، ވަރަށް މުހިންމު ކަމެއް. އެއީ، ރާއްޖެއަކު އެކަންޏެއްނޫން، ރާއްޖެއިން ބޭރުގެ އެހެން ތަންތާނގައިވެސް އެކަން އޮންނަގޮތް. ރޫލް އޮފް ލޯ ނުވަތަ އެ ޤާނޫނަށް ޙުރްމަތްތެރިކޮށްހިތުން އެއީ، އެންމެންވެސް ކުރަންޖެހޭނެ ކަމެއް.
އެހެންވީމާ އެއީ، އަޅުގަނޑު އެދޭގޮތަކީ. އެގޮތުގެމަތިން، މިނިވަންކަމާއެކު، ޚިޔާލުފާޅުކުރެއްވުމަކީ، އަޅުގަނޑު ވަރަށް މަރުޙަބާކިޔާ ކަމެއް.

އިބްރާހީމް ޚަލީލް:

އަޅުގަނޑު އިބްރާހީމް ޚަލީލް، ޓީ.ވީ. މޯލްޑިވްސްއިން.

އަޅުގަނޑުގެ ސުވާލަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތޭ ބުނެ، ބައެއް ފަރާތްތަކުން އެބަ ވާހަކަ ދައްކަމުންދޭ. މިފަދަ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާދޭތެރޭގައި، ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑަށް ހީވަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތޭ، އެހެން ބުނެވޭކަށެއް ނޯންނާނެހެން. އެ މިނިވަންކަން އެބައޮތް. އެއީ، މިއަދަކު އޮތް މިނިވަންކަމެއް ނޫން. ރާއްޖޭގެ ޤާނޫނު ތަންދޭގޮތެއްގެމަތިން، މީގެކުރިންވެސް ހަމަ އޮތް މިނިވަންކަމެއް. އަދި މިއަދު އެއަށްވުރެ ބޮޑަށް އޭގެ ބޭނުން ގިނަމީހުން ކުރަމުން މިގެންދަނީ. އެހެންވީމާ، ކުރިންވެސް މިދެންނެވި ޙުދޫދުގެތެރޭގައި، އެއީ، އަޅުގަނޑުމެންގެ ޤާނޫނުގެ އޮނިގަނޑުގެތެރޭގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެބައޮތް. ޚިޔާލުފާޅުކުރެވެމުންވެސް އެބަދޭ. އެހެންވީމާ، ޙަޤީޤަތަކީ އެއީ.

މޫސާ ލަޠީފް:

السّلام عليكم.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

وعليكم السّلام.

މޫސާ ލަޠީފް:

އަޅުގަނޑުގެ ނަމަކީ، މޫސާ ލަޠީފް. އަޅުގަނޑު މިއީ ހަވީރުގެ ފަރާތުން.

ޤާނޫނާމެދު ވިސްނާ، ބައެއް ފަރާތްތަކުން ފާހަގަކުރޭ، ހިއުމަން ރައިޓްސް ކޮމިޝަނުން ފާހަގަކުރައްވާފައި އެބައޮތް. ރާއްޖޭގައި ބައެއް ޤާނޫނުތައް، ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައްވެސް އެހެން ޤާނޫނާއި ޤަވާޢިދުތަކުން ގެއްލިފައި ހުރިކަމަށް. ގެއްލޭކަހަލަ ތަޢާރުޟުތަކެއް ވާކަމަށް. ދެން މި މުހިންމު ދަނޑިވަޅުގައި ރާއްޖޭގެ ޤާނޫނުއަސާސީ ފާސްކުރަން ޚާއްޞަ މަޖިލީހުގެ މެންބަރުން، ހޯމަދުވަހު މަސައްކަތް ފަށްޓަވާއިރު، ރާއްޖޭގެ އެންމެ އިސްވެރިއެއްގެ ޙައިޘިއްޔަތުން މަނިކުފާނު ކިހިނެއްތޯ މި މައްސަލައާމެދު ވިދާޅުވާނީ؟ މިއީ، އެއް ޤާނޫނު އަނެއް ޤާނޫނާ އަރާރުންވެގެން، އެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤު ނިގުޅައިގަންނަ މައްސަލަ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑަކަށް ހީއެއްނުވޭ އެހެންވާނެހެންނެއް. ދެން، އަޅުގަނޑަކީ ޤާނޫނީ މާހިރެއްނޫން. އެހެންވީމާ، އެކަމުގައި އޭގެ ފަތުވާއެއް ދަންނަވަނީކީނޫން. އެކަމަކު، އަޅުގަނޑުމެންގެ ރާއްޖޭގެ ޤާނޫނުއަސާސީގައި އެބަބުނޭ، މި ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް ޤާނޫނެއް ނެހެދޭނެއޭ. އަދި މި ޤާނޫނުއަސާސީގައި ބުނާގޮތަކާ ޚިލާފަށް އެއްވެސް ޤާނޫނެއްގައި، އެއްވެސް މާއްދާއެއް ނުވަތަ ބައެއްވާނަމަ، އެ ވާނީ ބާޠިލު ބަޔަކަށޭ. އެހެންބުނީމާ ޤާނޫނުއަސާސީއާ ޚިލާފަށް ޤާނޫނެއް އޮތް ކަމަށްވަންޏާ، އެ ވަނީ ބާޠިލު ޤާނޫނަކަށް. ނުވަތަ އެއިން އެ ޚިލާފުވާ، ތަޢާރުޟުވާ ބައެއް ވާނީ ބާޠިލު ބަޔަކަށް. އެހެންވީމާ، މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުތަކުގެތެރޭގައި، ޤާނޫނުއަސާސީއާ ޚިލާފުވާ، ތަޢާރުޟުވާ އެހެން ޤާނޫނެއް ނުވަތަ ޤާނޫނުގެ ބައިތަކެއް އޮތެކޭ އަޅުގަނޑަކަށް ދަންނަވާކަށް ނުކެރޭނެ.

ޢާއިޝަތު ހަނާ:

ޤާނޫނުއަސާސީ އިޞްލާޙުކުރުމާ ބެހޭގޮތުން މިނިވަންކަމާއެކު ބަޙުޘްކުރުމަށް މަނިކުފާނު އެދިވަޑައިގަތުމުން، ޢާންމު ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި އިޖާބައާމެދު، ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު ދެކެނީ، ވަރަށް ރަނގަޅު އިޖާބައެއް ލިބެމުން އެބަދާކަމަށް. އެހެން މިދެންނެވީ، ވަރަށްގިނަ އަމިއްލަ ފަރާތްތަކުންވެސް، މިކަހަލަ، ޚިޔާލުފާޅުކުރުމުގެ ބައްދަލުވުންތައް ބާއްވަމުން އެބަގެންދަވާ. އަދި އެކަހަލަ ބައްދަލުވުންތަކުގައި ޚިޔާލުފާޅުކުރައްވަމުން އެބަގެންދަވާ. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، އެއީ ހަމަ ވަރަށް ރަނގަޅު ކަމެއް.

މުޙައްމަދު ޝާޠިރު:

السّلام عليكم، މުޙައްމަދު ޝާޠިރު. ދިވެހިރާއްޖޭގެ އަޑުން.

އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު ދެންމެ ވިދާޅުވެއްޖެ، ޤާނޫނުއަސާސީ އިޞްލާޙުކުރެއްވުމުގެ މަސައްކަތަކީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސައްކަތެކޭ. އެހެންނަމަވެސް، ކުރީގައިވެސް ޤާނޫނުއަސާސީ އިޞްލާޙުކުރައްވަން މަސައްކަތް ކުރަމުންދިޔައިރު، ނޫނީ ކުރައްވަން ފެށްޓެވިއިރު، ސަރުކާރުގެ ފަރާތުން މި ނަމޫނާ ޤާނޫނުއަސާސީއެއް، ބޭރުގެ ތަޖުރިބާކާރަކު ގެންނަވައިގެން ހުށަހަޅުއްވައި ކަންތައްތައް ކުރައްވާފައިވަނީ. އެހެންވީމާ، މިފަހަރުވެސް އެ ނަމޫނާ ޤާނޫނުއަސާސީއެއް ނުވަތަ މި ޤާނޫނުއަސާސީގައި އޮންނަންވާ ވަކިބައިތަކެއްގެ ނަމޫނާއެއް ނުވަތަ ދެލިކޮޕީއެއް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަން ގަސްތުކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، އަޅުގަނޑުގެ ޚިޔާލުތައް ލިޔެ، ޢިބާރާތްކޮށްފައި، ޤާނޫނުއަސާސީގެ މާއްދާތަކަށް ކަމުދާކަހަލަ ގޮތަކަށް، ދެން، އަޅުގަނޑަށް ފެންނަގޮތަށް ޢިބާރާތްކޮށްފައި، އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ހުށަހަޅާނަން. ދެން އެއީ، އެބޭފުޅުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކުރާ ކަމެއް. ކޮންމެހެން އަޅުގަނޑު ހުށަހަޅާ، ހުށަހެޅުމެއް ފާސްކުރައްވާކަށް ނުޖެހޭ. އެއަށް ޚާއްޞަ މަޖިލީހުގެ މެންބަރުންނަށް ގެންނަވަން ފެނިވަޑައިގަންނަވާ އިޞްލާޙެއް ގެންނެވުން އެއީ، ހަމަ އެބޭފުޅުންގެ ޙައްޤު. އެބޭފުޅުންގެ އިޚްތިޔާރުގައި އޮތް ކަމެއް. އެހެންނަމަވެސް، އެންމެ ފުރަތަމަ 1980 ވަނަ އަހަރު ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރިއިރުވެސް ތިޔަ ވިދާޅުވިހެން، ނަމޫނާ ޤާނޫނުއަސާސީއެއް އަޅުގަނޑު ހުށަހެޅިން، އެ މަޖިލީހުގެ ފަސޭހައަކަށްޓަކައި. އޭގެ ބޭނުން ވަރަށްބޮޑަށް ކުރެއްވި. އެހެންނަމަވެސް، ފާސްވެގެން، ނިމިގެން އައިއިރު، އަޅުގަނޑު ފޮނުވި ނަމޫނާއަކާ މުޅިން އެއްގޮތަކަށްނޫން ހުރިހާ މާއްދާތަކެއް ހުރީ. ވަރަށްގިނަ ކަންތައްތަކަށް އޮތީ، ހެޔޮ ރަނގަޅު ބަދަލުއައިސްފައި. މިފަހަރުވެސް އެކަން އެހެން ވާނެކަމަށް އަޅުގަނޑު ދެކެނީ. އެހެންނަމަވެސް އަޅުގަނޑު ޚިޔާލުކުރާ ގޮތްތައް ހަމަ ޤާނޫނީ ޢިބާރާތްތަކަކުން ލިޔެފައި، އަޅުގަނޑަށް ފެންނަގޮތުގައި އެކަން އޮންނަންވާގޮތުގެ ދެލިކޮޕީއެއް، އިރާދަކުރެއްވިއްޔާ ހުށަހަޅާނަން. އަދި އޭގެއިތުރުން، ޚާއްޞަ މަޖިލީހުގެ މެންބަރުންނަށް، އެބޭފުޅުންގެ މަސައްކަތްޕުޅު ފަސޭހަކޮށްދިނުމަށްޓަކައި، އަޅުގަނޑު ވަރަށްގިނަ އެހެން މަޢުލޫމާތު ކަރުދާސްތަކެއްވެސް އެބަ ތައްޔާރުކުރަން. އެއީ، އެކިއެކި މުހިންމު މައުޟޫޢުތަކާބެހޭ ކަރުދާސްތައް. މިސާލަކަށް، ސަރުކާރު ބައްޓަންވެފައި އޮންނަންޖެހޭގޮތް. މިސާލަކަށް، ބައެއް ތަންތާނގައި މި ހުންނަވަނީ އެންމެ އިސްވެރިޔަކަށް ރަސްކަލަކު ނުވަތަ ރާނީއަކު ދެން ބޮޑުވަޒީރަކު. މިގޮތަށް މި ހުންނަނީ. އަނެއްބައި ތަންތާނގައި ރައީސަކު. ރައީސުން ތިއްބަވާ ތަންތާނގައި، ބޮޑުވަޒީރު ނުހުންނަވާ ތަންތަންވެސް އެބަހުރޭ. ބޮޑުވަޒީރަކު ހުންނަވާ ތަންތަންވެސް އެބަހުރޭ. މިގޮތަށް މި ހުންނަނީ، ތަފާތު ގޮތްގޮތަށް ސަރުކާރުތައް ބައްޓަންވެފައި. އެހެންވީމާ، އެކަމާބެހޭ މަޢުލޫމާތު ކަރުދާސްތައްވެސް ހުންނާނެ. އަދި ބާރުތައް ވަކިކުރުމާ ބެހޭގޮތުން، މި އޮންނަ ތިންބާރު، ކިހާވަރަކަށްތޯ ވަކިކުރެވޭނީ، ކިހާވަރެއްގެ ގުޅުމެއްތޯ އޮންނާނީ. ޙަޤީޤަތުގައި ސަތޭކައިންސަތޭކަ ބާރުތައް ވަތްކެއް ނުވެސްކުރެވޭނެ. ދުނިޔޭގެ އެއްވެސްތާކު ކޮށްފައެއްވެސް ނުވެސްއޮވޭ. ވަކިވަރަކަށް ވަކިކުރަނީ. އެއީ، ވަކިކަހަލަ ގޮތަކަށް، އެއްބާރަކުން، އަނެއްބާރެއްގެ ކަންތައްތައް ބަލައި، މޮނިޓަރކޮށް ނުވަތަ ޗެކްއިން ބެލެންސަސްއޭ މި ބުނާގޮތުގެމަތިން ކުރާ ކަމެއްގެ ގޮތުގައި މި އޮންނަނީ. އެހެންވީމާ، އެކަންވެސް ދުނިޔޭގެ އެހެން ތަންތާނގައި އޮންނަނީ ކިހިނެއްތޯ، ކޮބައިތޯ އޭގެ އުޞޫލަކީ. މިކަން ބަޔާންކޮށްދޭ ލިޔުން. ދެން އެނޫންވެސް އެހެން ކަންތައްތައް. ދުނިޔޭގެ އެހެން ތަންތާނގައި އެ ޢަމަލުކުރެވޭގޮތާއި، އޭގެ ތިޔަރީ، އޭގެ ޚިޔާލު. މިދެންނެވީ، ތަޞައްވުރު އޮންނަގޮތަކާއި އަދި އޭގެ ޢަމަލު، ޕްރެކްޓިސް އޮންނަގޮތަކާ، މިބައިބައި ބަޔާންކޮށްދޭ ލިޔުންތަކެއް އަޅުގަނޑު މިހާރު މިދަނީ ތައްޔާރުކުރަމުން. އެއީ ހަމަ ބޭރުގެ އެހީގައި. ބޭރުގެ އެހީއޭ މި ދެންނެވީ، އެއްފަރާތަކަށް ކޮމަންވެލްތް ޕާލަމެންޓްރީ ޔޫނިއަން. އެފަރާތުން އަޅުގަނޑުމެންނަށް މިކަމުގައި ވަރަށްބޮޑު އެހީއެއް ވެދެއްވާފައިވަނީ. ވަރަށްގިނަ ކަންތައްތައް ދެންނެވީމާ، އެތަނުން ހަމަ ދުނިޔޭގެ ތަންތަން ބައްލަވާފައި ދިރާސާތަކެއް ފޮނުއްވާފައި އެބަހުރި. އެ މިހާރު ވަނީ ދިވެހިބަހަށް ތަރުޖަމާވެސް ކޮށްފައި. އެ އިރާދަކުރެއްވިއްޔާ އަޅުގަނޑު ފޮނުވާނަން. ހަމަ އެއާއެކީގައި، އަމިއްލަ ބައެއް ލޯޔަރުން، އަޅުގަނޑު ސީދާ ހަމަ އެބޭފުޅުން ގެނެސްގެން ވާހަކަ ދައްކައިގެން، އެބަހުރި އިތުރު ލިޔުންތަކެއް ތައްޔާރުކޮށްދެއްވާފައި. އެ ލިޔުންތައްހުރީ އިނގިރޭސިބަހުން. އެ ދެން ދިވެހިބަހަށް ތަރުޖަމާކުރާހާ މޫސުމެއް މިހާރަކު ނެތްކަންނޭނގެ. އެހެންވީމާ، އެ ހުރިގޮތަށް އިނގިރޭސިބަހުން އަޅުގަނޑު އެވެސް ފޮނުވާނަން. އެހެންވީމާ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސައްކަތްޕުޅު ފަސޭހަކުރުމަށްޓަކައި، އެބޭފުޅުންނަށް ސަރުކާރުން ވެދެވެންއޮތް ހުރިހާ އެހީއެއްގެ ގޮތުން، މި ދެންނެވި ކަހަލަ މަޢުލޫމާތު ކަރުދާސްތައް އަޅުގަނޑު މި ހުށަހަޅާ ޚިޔާލުތަކުގެ އިތުރުން ފޮނުވާނެ ވާހަކަ މި ދަންނަވާލަނީ.

އަޙްމަދު މުޙްސިން:

السّلام عليكم.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

وعليكم السّلام.

އަޙްމަދު މުޙްސިން:

އަޅުގަނޑު އަޙްމަދު މުޙްސިން، މިއަދު ނޫހުން.

އަޑުއިވިފައިވާ ގޮތުގައި ޤާނޫނުއަސާސީގެ ދެލިކޮޕީއެއް މީހަކު ވަނީ ހުށަހަޅުއްވާފައި. އަދި މަނިކުފާނުވެސް ވަނީ އެވާހަކަފުޅު ފާހަގަކުރައްވާފައި. އަޅުގަނޑުގެ ސުވާލަކީ، އެ ދެލިކޮޕީ ޚާއްޞަ މަޖިލީހަށް ހުށަހަޅުއްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ތި ދެސުވާލުގެވެސް ޖަވާބަކީ، އާދެ. އެއީ، އަޅުގަނޑަށް ޤާނޫނުއަސާސީގެ ދެލިކޮޕީ ލިބިފައިވޭ. އެއީކީ އެންމެ ދެލިކޮޕީއެއް ނޫން. ތިންބޭފުޅަކު، ތިންފަރާތަކުން، ތިން ދެލިކޮޕީ ފޮނުއްވާފައި އެބައޮތް. އެހެންވީމާ، އެ ތިން ދެލިކޮޕީވެސް އެ ފޮނުއްވިގޮތަށް އެއްވެސް ބަދަލެއްނުގެނެސް، އިރާދަކުރެއްވިއްޔާ ޚާއްޞަ މަޖިލީހަށް އަޅުގަނޑު ފޮނުވާނަން.

މޫނިސާ ޢީސާ:

މިހާރު، ދެންމެ ތިޔަ ވިދާޅުވި ދެލިކޮޕީގެ އިތުރުން، ބައެއް ވަރަށްގިނަ ޚިޔާލުތައް އީ-މެއިލްގެ ޛަރީޢާއިންނާއި އަދި ފެކްސްގެ ޛަރީޢާއިންވެސް ލިބިފައިހުރި ވާހަކަ ވިދާޅުވި. ދެން، އަޅުގަނޑު ހިތަށްއަރަނީ، މި ޚިޔާލުތައް ޚާއްޞަ މަޖިލީހަށް ހުށަހެޅުއްވުމަށް ކިހިނެއްތޯ ޚިޔާލުކުރައްވާފައި އޮތީ. ޚިޔާލުތައް ހަމަ ހުރިގޮތަށް ހުށަހަޅުއްވަނީތޯ؟ ނޫނީ، މަނިކުފާނުގެ ޚިޔާލުތައް، ވިދާޅުވީ ލިޔުމެއްގޮތަށް ހުށަހަޅުއްވާ ވާހަކަ. އެކަހަލަ ގޮތަކަށްތޯ؟

ދެން، އަޅުގަނޑުގެ އަނެއް ސުވާލަކީ، ޢާންމުން ފޮނުވާފައިހުރި ޚިޔާލުތަކާއި، މަނިކުފާނު ހުށަހެޅުއްވި ޚިޔާލުތަކާ، ކިހާވަރަކަށް ތަފާތު، ނޫނީ އެއްގޮތްކަންހުރިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ސުވާލުގެ ފުރަތަމަ ބައިގެ ޖަވާބަކީ، އަޅުގަނޑަށް ލިބިފައި ހުރި ހުރިހާ ޚިޔާލުތަކެއްވެސް، ހަމަ އެހުރިގޮތަށް ކޮޕީ ހަދާފައި، އިރާދަކުރެއްވިއްޔާ ޚާއްޞަ މަޖިލީހަށް ފޮނުވާނަން. ކުރިންވެސް އަޅުގަނޑު ދަންނަވާފައި އޮންނާނީ، އަޅުގަނޑަށް ލިބޭ ޚިޔާލުތައް ފޮނުވާނީ އެއްވެސް ބަދަލެއް ނުގެނެސް، ހަމަ ލިބުނުގޮތަށޭ. އިރާދަކުރެއްވިއްޔާ، ހަމައެހެން ހަދާނީ. އެހެންވީމާ، ޢާންމު ފަރާތްތަކުން އަޅުގަނޑަށް ފޮނުއްވާފައި ހުރި ހުރިހާ ޚިޔާލުތަކެއްވެސް ކޮޕީ ހަދާފައި، ހަމަ އެހުރިގޮތަށް އަޅުގަނޑު ފޮނުވާނަން.

ދެން އޭގެއިތުރުން، އަޅުގަނޑު މި ފޮނުވަނީ، އަޅުގަނޑުގެ ޚިޔާލު. ކުރިންވެސް ދެންނެވިހެން، ހަމަ ޢިބާރާތްކޮށްފައި މި ފޮނުވަނީ. ދެން، ޢާންމު ފަރާތްތަކުން ފޮނުއްވާފައިހުރި ޚިޔާލުތަކާއި، އަޅުގަނޑުގެ ޚިޔާލާހުރި ތަފާތު ނުވަތަ އެއްގޮތްކަން، އެ ދެން ވަރަށްބޮޑު ދިރާސާއެއް ކޮށްގެން އެނގޭނީ. އެއީ މިދެންނެވީ، 2,000 މީހުން ޚިޔާލު ފޮނުވާފައި އޮތްއިރު، އޭގައި ހިމެނޭ ޚިޔާލުތަކުގެ ޢަދަދު 5,000 އަށް އަރާ. އެހެންވީމާ، އެ ހުރިހާ ޚިޔާލުތަކެއް، އޭގެ ކިހިނެއްތޯ އެއްގޮތްކަންހުރީ ނުވަތަ ތަފާތުހުރީ، މިއީ ވަރަށްބޮޑު މަސައްކަތަކަށްވާނެ. އެ މަސައްކަތް ކުރާނެ ފުރުޞަތެއް ނެތްކަންނޭނގެ.

އެހެންވީމާ، ހުރިގޮތަށް އަޅުގަނޑު ފޮނުވާނަން. ފޮނުވީމާ، ދެން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން އެ ބައްލަވާނެތާ ދޮގެއްތޯ؟

އިބްރާހީމް ޚަލީލް:

އާދެ، މިނިވަން ބަޙުޘްގެ ނަމުގައި މިހާރު މި ކުރިއަށްދާ ޢާންމު ބައްދަލުވުންތަކުގައި، ރާއްޖޭގައި ޕާޓީ ނިޒާމެއް ޤާއިމުކުރަން ފެންނަކަމަށް އެބަ ވަކާލާތުކުރެވޭ. މި ބަޙުޘްތަކާމެދު މަނިކުފާނު ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ހަނދުމަފުޅު ހުންނާނެ، ޖޫންމަހު 9 ވަނަ ދުވަހުގެރޭ، އަޅުގަނޑު، އަޅުގަނޑުގެ ޚިޔާލުތައް ރައްޔިތުންނާ ޙިއްޞާކޮށްލި ރޭ، އަޅުގަނޑުވާނީ ތިޔަ ވާހަކަ ބުނެފައި. އަޅުގަނޑު އެރޭ ބުނެފައިވާނެ، އަޅުގަނޑަށް ފެންނަގޮތުގައި، ރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީގައި، ރާއްޖޭގައި ޕާޓީ ސިސްޓަމަކަށް ޖާގަ ނެތްކަމަށް އަޅުގަނޑަށް ޤާނޫނީ ލަފާ ލިބިފައިވާތީ، އެހެންވީމާ، އެ ހުރަސް ނައްތާލުމަށްޓަކައި އަޅުގަނޑު ބޭނުމޭ ޤާނޫނުއަސާސީގައި މާއްދާއެއް އޮންނަން. އެ މާއްދާގައި، "ޤާނޫނުގައިވާ ގޮތުގެމަތިން، ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ ހުއްދަކަމެކޭ." އެހެން އޮންނަ މާއްދާއެއް އޮންނަން ފެނެއޭ، އަޅުގަނޑު އެރޭ ވާނީ ބުނެފައި. އެހެންވީމާ، އެ މާއްދާވެސް އަޅުގަނޑު މިފޮނުވާ މާއްދާތަކުގެ ތެރޭގައިވާނެ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އެއީކީ ދެން މާބޮޑު ބަޙުޘެއް މިހާރު އޮތްކަމެއް ނޫންހެން.

ޢަލީ ޝަމްޢާން:

السّلام عليكم.

އަޅުގަނޑުގެ ސުވާލަކީ، ޚަލީލް ދެންމެ އެ ކުރި ސުވާލާ ކުޑަކޮށް ގުޅުންހުރި ސުވާލެއް އިނގޭތޯ. އެގޮތަށް އެ ބަޙުޘްތައް ކުރިއަށްދާއިރު، ދީނީ އަދި ޤާނޫނީގޮތުން ރައްކާތެރިވާންޖެހޭނެ ކަމަށް ފެނިވަޑައިގަންނަވާ ނުކުތާތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޤާނޫނީގޮތުން، ކުރިންވެސް ދެންނެވިހެން އަޅުގަނޑުމެންގެ ޤާނޫނުތަކަށް ޙުރްމަތްތެރިކޮށްހިތުން. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެބަހުރި ޤާނޫނުތަކެއް ހެދިފައި. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް. އެބައޮތް. އޮތްނަމަވެސް، އެއީވެސް ވަކި ޙުދޫދެއްގެ ތެރޭގައި. އެއީ، ރާއްޖެއަކު އެކަންޏެއްނޫން. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް، ޚިޔާލުފާޅުކުރުންވެސް މި އޮންނަނީ ވަކި ޙުދޫދެއްގެ ތެރޭގައި. ރާއްޖޭގައި މި އޮންނަނީ، އަޅުގަނޑުމެންގެ އޮންނާނެ ޢާންމު ޤާނޫނުތަކެއް ކިޔާ ޤާނޫނެއް. އެ ޤާނޫނުގެ 8 ވަނަ މާއްދާގައި އެބަ ބަޔާންކުރޭ މަނާ ވާހަކަ، މިހެން ކިޔާފައި ތިން ވާހަކައެއް. އޭގެތެރޭގައި، އެއްކަމަކަށް މި އޮންނަނީ، އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފު ވާހަކަ. ދެވަނަ ކަމަކަށް މިއޮންނަނީ، އަމަންއަމާންކަމަށް ގެއްލުމެއް ލިބިދޭނެ ވާހަކަ. ތިންވަނަ ކަމަކަށް މި އޮންނަނީ ހަމަ އެކެއްގެވެސް އަބުރާބެހޭ ވާހަކަ. އެހެންވީމާ، މި ތިން ވާހަކައަކީ، އަޅުގަނޑުމެންނަށް އެއްވެސް ތަނެއްގައި ދެއްކޭނެ ވާހަކައެއްނޫން. ޤާނޫނު މަނާކުރާ ތިން ވާހަކަ، އެއްވެސް މީހަކު ދައްކައިގެން ނުވާނެ. އެހެންވީމާ، އެއީ ޤާނޫނީގޮތުން ބަލަންޖެހޭނެ ކަމަކީ. ދީނީގޮތުން ބަލަންޖެހޭނެ ކަމަކީ، މިދެންނެވީ، އެންމެ ފުރަތަމަ އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފު ވާހަކަ ދެއްކުން އެއީވެސް ކުރެވޭނެ ކަމެއްނޫން. ހަމައެހެންމެ، އަޅުގަނޑުމެންގެ ޤާނޫނެއް އެބައޮވޭ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާބެހޭ ޤާނޫނު. އެ ނަމުގައި އޮންނަ ޤާނޫނެއް. އެ ޤާނޫނުގައި ބުނާގޮތުން، ޢާންމު ތަންތާނގައި ދީނީ ފަތުވާދީ، ނުވަތަ ދީނުގެ ޙުކުމްތައް ބަޔާންކޮށް ވާހަކަ ދެއްކޭނީ، ވަކި ފަރާތަކުން ހުއްދަ ދީފައިވާ ބަޔަކަށް. އެންމެ ފުރަތަމަ މި ޤާނޫނު އައިއިރު އޮތީ، މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒް. އޭގެފަހުން، އެބައި ބަދަލުވެ، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހަށް މިއޮތީ އެ މަސައްކަތް ޙަވާލުކުރެވިފައި. އެހެންވީމާ، ޢާންމު ތަންތާނގައި ދީނީ ޙުކުމްތައް މީހުންނަށް ބަޔާންކޮށްދީ، ދީނީ ތަޤްރީރުކޮށް، ދީނީ ފަތުވާދީ ހެދޭނީ، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން އެކަމަށް ހުއްދަ ދެއްވާފައިވާ ބަޔަކަށް. އެއީ، އަޅުގަނޑުހިތުން ބަލަންޖެހޭނެ ކަމަކީ.

މުޙައްމަދު ޝާޠިރު:

އަޅުގަނޑުވެސް މި ސުވާލާ ގުޅުންހުރި ސުވާލެއް އިނގޭތޯ. އާދެ، ވާހަކައެއް. ދެންނެވީ، މި ބައެއް ފަރާތްތަކުން އަދިވެސް އެބަ ވާހަކަ ދައްކަމުންދޭ، ނޫނީ ބަޙުޘްތަކުގައިވެސް. މަނިކުފާނު ވިދާޅުވި މި ޤާނޫނީ ލަފާ ލިބިވަޑައިގަތުމާ ގުޅިގެންނޭ އެގޮތަށް ހަމަޖެއްސެވީ. އެހެންނަމަވެސް، ބައެއް ފަރާތްތަކުން އެބަ ދެކޭ، ޤާނޫނުއަސާސީގައި އެކަމަށް ހުރަހެއްނާޅައޭ. އެ ވާހަކަ އެބަ ދައްކާ. ދެން އަނެއްކަމަކީ، އޭގެފަހުން ކްލަބް، ޖަމުޢިއްޔާ، ޖަމާޢަތްތަކުގެ މި ޤާނޫނުގައި މި ފަހުން މި ގެނެވުނު ވަރަށްބޮޑު ބަދަލެއް، ނޫނިއްޔާ ވަރަށް ތަފްޞީލުކޮށް، ވަރަށް ފުރިހަމައަށް މި ހެދިގެން އައިއިރުގައި، އޭގައި އޮތް، ކުރިން އޮންނަ، މި ކްލަބް ޖަމުޢިއްޔާ، ޕާޓީފަދަ ތަންތަން އޮތްތާ، ޕާޓީ ވަނީ އުނިކުރެވިފައި. ދެން އަނެއްކާ މި ޕާޓީ ހެދުމަށް، މި ހުށަހެޅި ބައެއް ފަރާތްތަކުން އެބަ ބުނޭ، ތިމަންނަމެން ހުށަހެޅީ، ހަމައެކަނި ކްލަބެއް ނުވަތަ ޖަމާޢަތެއްގެ ގޮތުގައި ހިންގުމަށޭ. އޭގައި އަނެއް، ޤާނޫނުއަސާސީގައި ހުރި އޮނިގަނޑުތަކާއި ނުވަތަ ޤާނޫނުތައް ހުރިގޮތުން އެއަކު ނޯންނާނެއޭ، މި ސިޔާސީ ހޭލުންތެރިކަމުގެ ވާހަކައެއް، ތިމަންނަމެން އެއްވެސް ޙާލެއްގައި ވަކި ނިޒާމެއްގެ ގޮތުން، ސަރުކާރުގައި ބައިވެރިވެގެން ނުވަތަ އޭގެ ސަރުކާރު ހިންގުމުގައި ބައިވެރިވެ، އެކަހަލަ ކަމަކަށްނޫނޭ.

އެހެންވީމާ، މިކަމާދޭތެރޭގައި ކީކޭތޯ ވިދާޅުވަނީ މަނިކުފާނު؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ތިކަމުގައި ދެން ޤާނޫނީ ބަހުޘަކަށްދާކަށް އަޅުގަނޑު ބޭނުމެއްނޫން. އެއީ، އަޅުގަނޑުގެ ދާއިރާއެއްނޫން. އަޅުގަނޑަކީ ޤާނޫނީ މާހިރެއްނޫން. ރާއްޖޭގައިވެސް، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ހަމަޖެހިފައި މި އޮންނަނީ، ސަރުކާރަށް ޤާނޫނީ ލަފާ ބޭނުންވެއްޖިއްޔާ، ޤާނޫނީލަފާ ދެއްވާ ރަސްމީ ފަރާތެއް ހުރޭ ކޮންމެ ތަނެއްގައިވެސް ކަނޑައެޅިފައި. ދިވެހިރާއްޖޭގެ ޤާނޫނު ބުނާގޮތުން، ދިވެހި ސަރުކާރަށް ރަސްމީގޮތުން ޤާނޫނީލަފާ ދެއްވާ ފަރާތަކީ، އެޓަރނީ ޖެނެރަލް. އެހެންވީމާ، އެޓަރނީ ޖެނެރަލް އެގޮތަށް ލަފާދެއްވައިފިއްޔާ އެއީ، ސަރުކާރުން ޤަބޫލުކުރަންޖެހޭ ލަފައަކަށްވާނީ. އެއީ، އެކަން އޮތްގޮތަކީ. އެހެންވީމާ، ބައެއް މީހުން ޤާނޫނުގެ މާއްދާ ބަލާފައި، އޭގައި ބުނަނީ މިވެނިގޮތަކަށޭ، އެވެނިގޮތަކަށޭ، އެހެންބުނާ ބުނުމާ ދޭތެރޭގައި، އަޅުގަނޑު އެއްޗެއް ބުނާކަށްނެތިން. ދިވެހި ސަރުކާރުން ޤަބޫލުކުރަންޖެހެނީ، ސަރުކާރުގެ އެޓަރނީ ޖެނެރަލް ދެއްވާ ލަފާ.

އިބްރާހީމް ޒަކީ:

السّلام عليكم.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

وعليكم السّلام.

އިބްރާހީމް ޒަކީ:

މިއަދު ނޫހުން އިބްރާހީމް ޒަކީ އިނގޭތޯ.

އަޅުގަނޑު މިހާރު މި 9 ޖޫންގައި މަނިކުފާނު ޙިއްޞާކޮށްލެއްވި ޚިޔާލުފުޅުތަކުގައިވެސް އެބަ ހިމެނޭ. އެއްކަލަ ބާރުތައް ބެހިގެންދާކަހަލަ، ތިންބާރު ބެހިގެންދާކަހަލަ ވާހަކައެއް ދެންމެވެސް ފާހަގަކުރައްވައިފި. ދެން، މީގެތެރޭގައި، އަޅުގަނޑަށް މީ، ރައީސަކު ހުންނަވާފައި، ބޮޑުވަޒީރަކު ހުންނަވާ ކަހަލަ ގޮތަކަށްކަންނޭނގެ އޭގެތެރޭގައި. ދެން އަދި ވިދާޅުވި، މީ، ޙިއްޞާކޮށްލެއްވި، ސެނެޓެއް އުފައްދަވާ ވާހަކަ. ދެން، އަޅުގަނޑު ހިތަށްއަރަނީ މިކަމުގެ ސަބަބުން، މީ ރާއްޖޭގެ އިޤްތިޞާދަށް އެއްވެސްކަހަލަ ބަދަލެއް އަތުވެދާނެބާވައޭ. ނުވަތަ އެކަމާމެދު ކިހިނެއްބާއޭ ދެކިލައްވަނީ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ތިއީ އަޅުގަނޑުމެން ވިސްނަންހުރި ކަންތައްތަކެއް. ޝައްކެއްނެތް، ބޮޑުވަޒީރުގެ މަގާމު އުފައްދައިފިއްޔާ އެއީ، އިތުރު ޚަރަދެއް ހިނގާނެ ކަމެއް. އެކަމަކު، ޚަރަދު ހިނގާގޮތަށް ބަލާއިރު، މި ވޭތުވެދިޔަ ވިހި، ތިރީސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖޭގައި ތަފާތު ގިނަ ވުޒާރާތައްވެސް ވަނީ އުފެއްދިފައި. އެ ވުޒާރާއަކަށް ބޭނުންވީމާ، އެ ވުޒާރާއެއް އުފައްދަނީ. އެހެންވީމާ، އެ އުފައްދާ ކޮންމެ ވުޒާރާއަކަށް މުވައްޒަފުންނާއި، ތަނާއި، އެއްޗެހި ބޭނުންވީމާ، ހަމަ ޚަރަދު އެބަދޭ އެއްދުވަހުން، އަނެއްދުވަހަށް ބޮޑުވަމުން. އެހެންވީމާ، ސަރުކާރުން ވިސްނާލަން މިޖެހޭ ތަންކޮޅަކީ، އެ ޚަރަދު ބޮޑުވާ ބޮޑުވުންތޯ، އެކަމާ އަޅުގަނޑުމެން ބަލަންޖެހެނީ، ނުވަތަ މިއިން ކުރާނެ ފައިދާތޯ. ޙަޤީޤަތުގައި، ސިޔާސީ ނިޒާމަށް އަންނަ ކޮންމެ ކުރިއެރުމަކީ، އޭގެތެރޭގައި އިޤްތިޞާދީ ފައިދާވެސް ހިމެނޭނެ ކަމެއް. ރަނގަޅު ސިޔާސީ ނިޒާމެއް ޤާއިމުކުރެވިއްޖިއްޔާ، ވިޔަފާރިއަށާއި އިޤްތިޞާދަށް މަގުފަހިވެގެންދާނެ. ފަހުން ކުރާނެ އިޤްތިޞާދީ ފައިދާތައް މާގިނަވާނެ. އެހެންވީމާ، އެއީކަންނޭނގެ އަޅުގަނޑުމެން ބަލަންޖެހޭ ކަމަކީ. އެހެންވީމާ، އެއީ ހަމައެކަނި ޚަރަދެއްނޫން. އެއިން ކުރާނެ ފައިދާވެސް ބަލާފައި، އެންމެ ރަނގަޅު ގޮތަކަށް ނިންމަންޖެހެނީ.

ދެން، އަޅުގަނޑު އެހެން ހުށަހެޅީ ދެ ސަބަބަކަށްޓަކައި. އެއްސަބަބަކީ، އަޅުގަނޑު ދެކޭގޮތުގައި، އެކެއްގެ އަތުގައި ހުރިހާ ބާރެއް އޮތުމަށްވުރެ، ބާރުތައް ވަކިވެފައި އޮތުން މުހިންމު، ރަނގަޅުވާނެ. އެހެން މިދެންނެވީ، މިހާރު ރާއްޖޭގެ ޤާނޫނުއަސާސީގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާއަކީ، ދައުލަތުގެވެސް އެންމެ އިސްވެރިޔާ އަދި ސަރުކާރުގެވެސް އެންމެ އިސްވެރިޔާ. އެއީ ޙަޤީޤަތުގައި ބައެއް ތަންތާނގައި މުޅިން ދެ ދާއިރާއެއް. ހެޑް އޮފް ސްޓޭޓް، ހެޑް އޮފް ގަވަރންމަންޓް. މިއީ، ވަރަށްގިނަ ތަންތާނގައި ތަފާތު ދެ ދާއިރާއެއް. އެއީ، ހެޑް އޮފް ސްޓޭޓަކަށް ހުންނަ މީހަކު، އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކެއް އެބަހުރި. އަދި ހެޑް އޮފް ގަވަރންމަންޓަކު އަދާކުރަންޖެހޭ އެހެން މަސްއޫލިއްޔަތުތަކެއް އެބަހުރި. އެ ހުރިހާ މަސްއޫލިއްޔަތުތަކެއް އެކަކު އުފުލަންޏާ، އެއްގޮތެއްގައިވިއްޔާ އެއީ ވަރަށް ބުރަ ކަމަކަށްވެސްވާނެ. އަނެއްކާ މައްސަލަތައް ލަސްވުމަށް މަގުފަހިވާ ކަމަކަށްވެސްވާނެ. ހުރިހާ ކަމެއް ނިންމަންޖެހެނީ ވަކިމީހަކުވިއްޔާ، ލަސްވާނެ. އެހެންވީމާ، ބާރުތައްވެސް، މަސްއޫލިއްޔަތުތައްވެސް ހިސާބަކަށްނަމަވެސް، ދެ ބަޔަކަށް ބެހިގެން ހިނގައްޖިއްޔާ، އަޅުގަނޑުހިތުން އެއިން ނުކުންނަ ފައިދާތަކެއްވެސް ހުންނާނެ. ހަމަގައިމުވެސް، މައްސަލަތައް އަވަސްވެ، އަވަސް ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެ. އެއީ، އެއްފައިދާ. އަނެއް ފައިދާއަކީ، އެއްވެސް ތަނެއްގެ، ޤައުމުގެ ނުވަތަ ދައުލަތުގެ އެންމެ އިސްވެރިޔާ، ހެޑް އޮފް ސްޓޭޓް، އެއީ، ރަސްކަލަކަށްވިޔަސް، ރާނީއަކަށްވިޔަސް ނުވަތަ ރައީސަކަށްވިޔަސް، އެއީކީ އެތަނެއްގެ ރައްޔިތުންގެ މަޖިލީހުން ސުވާލުވެވޭނެ މީހެއްނޫން، އެއްވެސް ތަނެއްގައި. އެކަމަކު ބޮޑުވަޒީރަކު ހުންނަވަންޏާ، ބޮޑުވަޒީރަކީ، ރައްޔިތުންގެ މަޖިލީހުން ސުވާލުވެވޭނެ މީހެއް. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް، ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިގަންނަވާ. ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކުގައި ބައިވެރިވެވަޑައިގަންނަވާ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވާ. މިކަން މިއޮންނަނީ، ބޮޑުވަޒީރަކު ހުރިއްޔާ ވާގޮތަށް.

އެހެންވީމާ، މިވާގޮތަކީ، ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރަށް ފުޅާވެ، ސަރުކާރުން ހިންގާ ކަންތައްތަކާ ދޭތެރޭގައި ސުވާލުކުރެވޭ ފުރުޞަތު އިތުރަށް ފުޅާވެ، ސަރުކާރުން މިވެނި ސިޔާސަތެއް މިގެންގުޅެނީ ކީއްވެގެންހޭ؟ މިވެނިގޮތަކަށް، މިވެނިކަމެއް ނިންމީ ކީއްވެގެންހޭ؟ މިސުވާލުގެ ޖަވާބު ރައްޔިތުންގެ މަޖިލީހަށް ދެއްވާނެ ބޭފުޅަކު އޭރުން ހުންނާނެ ކަނޑައެޅި ބަޔާންވެފައި. އެއީ އަޅުގަނޑުހިތުން ވަރަށްބޮޑު ފައިދާއެއް. ހަމަ ހުރިހާ ޤައުމަކުންވެސް ދެކޭނެ ފައިދާއެއްކަންނޭނގެ. އެހެންވީމާ، މިކަހަލަ ސަބަބުތަކެއް މިހެންހުރީމާ، އަޅުގަނޑުގެ ޚިޔާލުގައި މިއޮތީ، އެގޮތަށް ހުށަހަޅަން. ރާއްޖޭގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އިތުރަށް، ބޮޑުވަޒީރަކު ހުންނަވާގޮތަށް. ދެން ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑު މިހުށަހަޅަނީ އަޅުގަނޑުގެ ޚިޔާލު. އެ ޚިޔާލާ ދޭތެރޭގައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ބަޙުޘްކުރައްވާފައި، އެ މަޖިލީހުން ނިންމަވާ ގޮތެއް އެއީ، ޤާނޫނުއަސާސީގައި އޮންނާނެ ގޮތަކީ.

ސިނާނު ޢަލީ:

އާދެ، ކުރިން މިތަނުގައި ބައެއް ބޭފުޅުން ހުށަހަޅުއްވާފައި ހުރި ސުވާލުތަކާ ގުޅުންހުރި ސުވާލެއް މިވެސް. މިހާރު ޤާނޫނުއަސާސީ އިޞްލާޙުކުރައްވާއިރު، ޢާންމުންގެ ބަޙުޘްތަކާއި ޚިޔާލުފާޅުކުރުންތަކަށް މަނިކުފާނު ގޮވާލައްވާފައި މިވަނީ. ދެން، އެކަން މިހާރު މި ކުރިއަށްދާގޮތާމެދު މަނިކުފާނު ވިދާޅުވާނީ ކީކޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑަށް މަޢުލޫމާތު ލިބޭގޮތުގައި، ރަނގަޅަށް ކުރިއަށް އެބަދޭ. ދެން، ކުރިންވެސް ދެންނެވިހެން، އޭގައި އަޅުގަނޑުމެން ޚިޔާލުފާޅުކުރާއިރު، ވީހާ، ޤައުމަށް ފައިދާހުރި، އުފެއްދުންތެރި ނުވަތަ ބިނާކުރަނިވި ޚިޔާލުފާޅުކުރުމަށް އިސްކަންދިނުން އަޅުގަނޑު ދެކޭގޮތުގައި މުހިންމު. އަދި އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވުންވެސް މުހިންމު. އަދި ތިމާ ފާޅުކުރާ ޚިޔާލާ ނުގުޅޭ ނުވަތަ ދެކޮޅު، އިދިކޮޅު ޚިޔާލެއް ފާޅުކުރާ މީހަކަށް ޙުރްމަތްތެރިކޮށްހިތުންވެސް ހިމެނޭ. އަދި ޞުލްޙަވެރިކަމާއި، އެކުވެރިކަމާއެކު ޚިޔާލުފާޅުކުރުން ކުރިއަށްގެންދިޔުން އެއީވެސް މުހިންމު ކަމެއްކަމަށް އަޅުގަނޑު ދެކެން. މިކަންތައްތަކަށް ރައްކާތެރިވެގެން، މިނިވަންކަމާއެކު އަދި ރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ޚިޔާލުފާޅުކުރަމުން ގެންދެވުމަކީ، އަޅުގަނޑުހިތުން ހަމަ ވަރަށް ރަނގަޅު ކަމެއް.

ޢަލީ ޝަމްޢާން:

ޤާނޫނުއަސާސީ އިޞްލާޙުކުރެއްވުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި. ހަމަ އެއާއެކީގައި، މަނިކުފާނުވަނީ މިހާރު މި ރައްޔިތުންގެ މަޖިލީހުގެ ރޯލް ނުވަތަ ދައުރު ވަރުގަދަކުރައްވައި ބާރުގަދަ ކުރައްވާނެކަން ހާމަކުރައްވާފައި. މިގޮތުން، ވަޒީރުންނާ ސުވާލުކުރެއްވުމުގެ ބިލެއް މަޖިލީހަށް ފޮނުއްވާނެ ކަމަށްވެސް މަނިކުފާނު ހާމަކުރައްވާފައިވޭ. މި މަސައްކަތްޕުޅުގެ ތަފްޞީލެއް ދެއްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ވަޒީރުންނާ ސުވާލުކުރުމަކީ މެންބަރުންނަށް ލިބިފައި އޮތް އިޚްތިޔާރެއް، ޙައްޤެއް. ޤާނޫނުއަސާސީގައި އެކަން ބަޔާންކޮށްފައި އެބައޮތް. އެއީ، މިހާރުވެސް އޮތް ޙައްޤެއް. އެހެންނަމަވެސް، އޭގެ ކަންތައްތައް މުޅިން ފުރިހަމައަށް ކުރިއަށް ގެންދެވޭނީ، އެކަމާބެހޭ ޤާނޫނެއް އޮވެގެން ކަމަށްވާތީ، އެވާހަކަ އަޅުގަނޑު ކުރިން ބުނީ. އެ ޤާނޫނު މިހާރުވަނީ އެކުލަވާލައި ނިމިފައި. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް އަޅުގަނޑު އެ ޤާނޫނު ރައްޔިތުންގެ މަޖިލީހަށް ފޮނުވާނަން. އިރާދަކުރެއްވިއްޔާ، މިހާރު މިހިނގާ، މިއަހަރުގެ މަޖިލީހުގެ ދެވަނަ ދައުރަށް، އެ ޤާނޫނުގެ ޑްރާފްޓް ބިލް އަޅުގަނޑު މަޖިލީހަށް ފޮނުވާނަން.

މުޙައްމަދު ޝާޠިރު:

އާދެ، އަޅުގަނޑުގެ ސުވާލެއް އިނގޭތޯ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާތަކަށް މަގުފަހިކުރެއްވުމުގެ ގޮތުން، މަޖިލިސްކުރާ ގޭގައި، މި ގެންނަވާ ބައެއް ފަސޭހަތަކުގެ ވާހަކަ މަނިކުފާނު ވިދާޅުވެއްޖެ ދެންމެ. އަޅުގަނޑު މި ހިތަށްއަރަނީ، މީ ޖާގައޮތްވަރަކުން މީހުންނަށް ވަދެވޭގޮތަށްކަންނޭނގެ އޮންނާނީ އިނގޭތޯ. އެހެންނަމަވެސް، ޖާގައޮތްލެއް ކުޑަކަމާއެކީގައި، ވަރަށް ގިނަ ބަޔަކު އެ ޖަލްސާތައް އަޑުއެހުމަށް ނުވަތަ ޖަލްސާތަކުގައި ދެކެވޭ ވާހަކަތައް އަޑުއެހުމަށް ޝައުޤުވެރިވެފައިވަނީ. އެހެންވީމާ، މި ޖަލްސާތައް ވަގުތުން ނުވަތަ ވަގުތުން ނޫންނަމަވެސް، ޚާއްޞަ މަޖިލީހުގެ ޖަލްސާތައް، މި ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަދި އެގޮތަށް ނުދެއްކިޔަސް، ޚާއްޞަ މަޖިލިސް ތަފާތެއްނޫންތޯ؟ ވަރަށް މަދުންނޫންތޯ މިކަހަލަ މުހިންމު ކަންކަން، ޚާއްޞަކޮށް ޤާނޫނުއަސާސީގެ މަސައްކަތް މި ކުރެވެނީ. އެހެންވީމާ، މި ޖަލްސާތައް ޓީ.ވީ.އިން ނުވަތަ ރޭޑިޔޯއިން، ވަގުތުން ނުވަތަ ވަގުތުން ނޫންނަމަވެސް، ފޮނުވޭނެކަހަލަ ގޮތަކަށް ވިސްނާވަޑައިގަންނަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑަށް ހީވަނީ ތިއީ ވިސްނާލަންވީ ކަމެއްހެން. ދެން އޭގައި އުޅޭނެ އެކިއެކި ފަންނީ ނުވަތަ ޢަމަލީ ދަތިތަކެއް ހުރިކަމެއް، ނެތްކަމެއް އަޅުގަނޑަކަށް މިހާރަކު ދަންނަވާކަށް ނޭނގެ. އެހެންވީމާ، ތިކަމާ ދޭތެރޭގައި ސަރުކާރުން ވިސްނާފައި، އެކަމަށް އޮތް އެންމެ ރަނގަޅުގޮތަކަށް އަޅުގަނޑަށް ހީވަނީ ހަމަޖައްސާނެހެން.

އިބްރާހީމް ޚަލީލް:

އާދެ، ބައެއްގެ ތެރެއަށް ޤާނޫނީ ސިޔާސީ ހޭލުންތެރިކަން މިގެނެސްދެނީ، އެބައެއްގެ ތެރޭގައި އުފެދެމުންދާ ޢިލްމީ ހޭލުންތެރިކަމާ ގުޅިގެން. އާދެ، މީގެކުރިން ޤާނޫނުއަސާސީ އިޞްލާޙުކުރެއްވުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރެއްވި އެއްކުރެއްވުމާއި، މިއަދު އޭގެ އެތައް އަހަރެއްގެ ފަހުން އެއްކުރެއްވި އެއްކުރެއްވުމާ، މި ދެދުވަސް އަޅައިކިޔުއްވާއިރުގައި، އަޅުގަނޑަށް ހީވަނީ ހޭލުންތެރިކަމުގެ ގޮތުން، ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ، މަޢުލޫމާތުގެ ހޭލުންތެރިކަމުގެ ގޮތުން އާދެ، އަޅުގަނޑުމެންނަށް ވަޒަންކޮށްލަންވެސް ނޭނގޭ، ވަރަށްގިނަ ކަންތައްތައް މަނިކުފާނަށް އެނގިވަޑައިގަންނަވާނެ. ދެން، އަޅުގަނޑުމެން ރައްޔިތުންނާއެކު ނުވަތަ މިއަދުގެ ޒުވާން ޖީލާއެކު، އެކަންތައްތައް ޙިއްޞާކޮށްލެވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު ދެކޭގޮތުގައި، ރާއްޖެއަށް މިވޭތުވެދިޔަ އަހަރުތަކުގައި މިއައި ބަދަލުތަކަކީ، އެންމެންނަށްވެސް ފެންނަންހުރި ބަދަލުތަކެއް. އޭގެތެރޭގައި، އެންމެ މުހިންމު އެއްބަދަލަކީ ނުވަތަ ކުރިއެރުމަކީ، ތަޢުލީމީގޮތުން މި ލިބުނު ކުރިއެރުން. އިހަކަށްދުވަހަކު، ކުރީގެ ސައިންސް އެޑިޔުކޭޝަން ސެންޓަރ ފެށުނުއިރު ހިންގަވަން ހުންނެވި ޕްރިންސިޕަލް އަޅުގަނޑާ ބައްދަލުކުރެއްވި. އޭނާ އަޅުގަނޑުގާތު ވިދާޅުވި، އޭރު ތިބީ 40 ކުދިންނޭ. ކޮންމެ ބެޗެއްގައިވެސް ތިމަންނަމެން ނަންގަވަނީ 40 ކުދިންނޭ. މިހާރު ކިތައް ކުދިންތޯ؟ މިހާރުވެސް 1300 ކުދިން އެބަތިބި، މިހާރުގެ ސީ.އެޗް.އެސް.އީ.ގައި. އެހެންވީމާ، މި ދެންނެވީ، އެހެރީ އައިސްފައިހުރި ބަދަލު. އޭރަކު އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ރާއްޖޭގައި، މި ފުރަތަމަ ޑިގްރީ ޙާޞިލްކުރައްވާފައި ތިއްބެވި ބޭފުޅުންވެސް މާގިނައެއްނުވާނެ. ވަރަށް މަދުވާނެ. މިއަދު އޭގެ ޢަދަދުވެސް ވަރަށް ގިނަވެއްޖެ. އޭގެއިތުރުން، މާސްޓަރޒް ޑިގްރީ ޙާޞިލްކުރައްވާފައި ތިއްބެވި ބޭފުޅުންވެސް ވަރަށްގިނަ. އަދި ކީއްކުރަންތޯ، ޕީ.އެޗް.ޑީ. ޙާޞިލްކުރައްވާފައި ތިއްބެވި ބޭފުޅުންވެސް މިހާރު ހަމަ ފުދޭވަރަކަށް ގިނަ. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެއަށް މިއައި ތަޢުލީމީ ކުރިއެރުން އެއީ، އަޅުގަނޑުހިތުން ހަމަ އަޅުގަނޑުމެން ފަޚްރުވެރިވުން އެކަށީގެންވާ ކުރިއެރުމެއް. އޭގެ ސަބަބުން ހޭލުންތެރިކަން އިތުރުވެގެންދާނެކަމާމެދަކު ޝައްކެއްނެތް. އެއީ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް އޭރު، މީގެ 24 އަހަރު ކުރިން ފެށުނީ 1980 ވަނަ އަހަރު. މިހާރު މިއީ، 2004. އެހެންވީމާ، މި 24 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ތަޢުލީމީ މައިދާނަށް ވަރަށްބޮޑު ބަދަލުތަކެއް އަތުވެއްޖެ. ތަޢުލީމީ ޒުވާނުން ވަރަށް ގިނަ ޢަދަދަކަށް އިތުރުވެގެން ހިނގައްޖެ. ރާއްޖޭގެ ހޭލުންތެރިކަންވެސް ވަރަށްބޮޑަށް އުފެދިގެން، ފުޅާވެގެން ހިނގައްޖެ. އޭގެތެރޭގައި ހަމައެކަނި ތަޢުލީމީ ޒުވާނުންނެއް ނޫން. ޚަބަރުފަތުރާ ވަސީލަތްތައްވެސް. އޭރު އެނގިވަޑައިގަންނަވާނެ، ވަރަށް ކުދިކުދި ސައިޒްގެ ނޫސް ނުކުންނަނީ ވަރަށް ހާލުގައި، ވަރަށް އެހެންގޮތަކަށް. މިހާރު ވަރަށް ބޮޑެތި ނޫސް، ތިޔަބޭފުޅުން ތިޔަ ނެރުއްވާ ނޫސްތައް. ވަރަށްގިނަ ޞަފްޙާތަކެއް އެކުލެވޭ، ވަރަށްބޮޑެތި ސައިޒްގެ ނޫސް ދުވާލަކު އެއްފަހަރު ނުކުންނަމުން މިދަނީ. ދިވެހިބަހުން ބައެއް، އިނގިރޭސިބަހުން ބައެއް އޮވޭ. އަދި އޭގެއިތުރުން، ޓެލެވިޜަން މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައްވެސް އެތައް ގުނައަކަށް އިތުރުވެ، މުއްސަނދިވެފައި މިހާރު މިވަނީ. މި ހުރިހާ ކަމެއްގެ ތެރެއިންލާފައި، ރައްޔިތުންނަށް މި ލިބޭ ހޭލުންތެރިކަން މިހާރު މިވަނީ ވަރަށްބޮޑުވެފައި. އެހެންވީމާ، އެ ދުވަހާ މިއަދާ އެއްގޮތަކަށްވެސް އަޅައިކިޔޭނެގޮތެއް ނެތް މިހާރަކު.

މޫސާ ލަޠީފް:

މަނިކުފާނު ޖޫން 9ގެ ޚިޔާލުފުޅުތައް ހުށަހެޅުއްވިއިރު، އަޅުގަނޑުމެންނަށް ހީކުރެވުނީ އެ ހުރިހާ ޚިޔާލުތަކެއް ޢާންމުންނަށް ހަޖަމުކުރެވިދާނެބާވައޭ. އެއީ، ކުއްލިއަކަށް ވަރަށްގިނަ ބަދަލުތަކަކަށް މަނިކުފާނު އެކި ޚިޔާލުތައް ކުރެއްވީ އިނގޭތޯ. ދެން، އަދި ތަޢުލީމީ މީހުން ގިނަވުމަކީ، އަދި ފަހަރެއްގައި ސިޔާސީ ހޭލުންތެރިކަން ނޯވެދާނެ އެތަނެއްގައި. ކިހިނެއްތޯ މި 5,000 ޚިޔާލު މަނިކުފާނަށް ލިބިވަޑައިގެންފައި އެބައޮތް. އެހެންވީމާ، މި ސިޔާސީ ހޭލުންތެރިކަން މިއީ، މިކަމާދޭތެރޭގައި މަނިކުފާނު ޙައިރާންވެވަޑައިގެންނެވިތޯއޭ؟ މީހުންގެ މިހާވަރަށް ޚިޔާލު ފޮނުއްވާފައި، އެ ޚިޔާލުތައް ބަދަލުކުރުމުގެ ޖަލްސާތަކާ އެއްޗެހި ބާއްވާއިރު؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ނޫން. ޙަޤީޤަތުގައި އަޅުގަނޑު ޙައިރާނެއްނުވަން. އެއީ، 2,000 ބޭފުޅުން، 5,000 ޚިޔާލު ހުށަހެޅުއްވިޔަކަސް އެއީކީ، ޙައިރާންވާކަހަލަ ބޮޑު ޢަދަދެއް ނޫންކަންނޭނގެ. ދެން ވަރަށް ރަނގަޅު އިޖާބައެކޭ އަޅުގަނޑު ދަންނަވާނީ. ދެން، ކުރިންވެސް ދެންނެވިހެން، އޭގެތެރޭގައި ހުންނާނެކަންނޭނގެ ވަރަށް އެއްކަހަލަ ޚިޔާލުތައް. އެއީ، އެންމެންވެސް މިދައްކަނީ އެއްކަހަލަ ވާހަކަތަކެއް. ދައްކާއިރު ދެގޮތަކަށް ނުވަތަ ތިންގޮތަކަށް ދެއްކުނަސް، އެއްކަލަ 5,000 ޚިޔާލު، ކުޑަވެގެން އަންނާނެ ވަރަށް ކުޑަކުޑަ ޢަދަދަކަށް. އެހެންވީމާ، އެއީކީ އެހާބޮޑު ޚިޔާލު ތަފާތުވުމެއް ނޫންކަންނޭނގެ.

ދެން، ތަޢުލީމީ ހޭލުންތެރިކަމަކީ، ސިޔާސީ ހޭލުންތެރިކަމަށް މަގުފަހިކޮށްދޭ ކަމެއް. ޝައްކެއްވެސްނެތް. ތަޢުލީމީ ފެންވަރު މައްޗަށްދިޔަވަރަކަށް، ސިޔާސީ ހޭލުންތެރިކަންވެސް އިތުރުވެގެންދާނެ. އެއީ، މި ހުރިހާ ވަސީލަތްތަކެއް މިހެން ހުރުމާއެކީގައި، އަޅުގަނޑު މިދެންނެވި ވަސީލަތްތަކުގެ އިތުރުން މިހާރު، އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށްގިނަ ޢަދަދަކަށް އެބައުޅޭ، ހަމަ، މި ދެންނެވީ ބޭރުން އެ ފޮނުވާ އެކިއެކި، ޓީ.ވީ. ޕްރޮގްރާމްތައް ބަލާ ފަރާތްތައް. އެހެންވީމާ، އެއިންވެސް ވަރަށްގިނަ މަޢުލޫމާތުތަކެއް ލިބޭނެ. ވަރަށްގިނަ މަންޒަރުތަކެއް ފެނިގެންދާނެ. ވަރަށްގިނަ މީހުންނަކީ ބޭރުގެ ޚަބަރުފަތުރާ ބޮޑެތި ވަސީލަތްތަކުން ފޮނުވާ ޓީ.ވީ. ޕްރޮގްރާމްތައް ބަލަމުންގެންދާ މީހުން. ހަމައެއާއެކީގައި، ބޭރުގެ ފޮތްތައްވެސް، ބޭރުގެ ނޫސް މަޖައްލާވެސް އެހާގިނައިން ރާއްޖެ އެބައާދޭ. އަދި ރާއްޖޭގެ މީހުން ބޭރަށް އެހާގިނައިން ދަތުރުކުރަމުން އެބަގެންދޭ، އެކިބޭނުންތަކުގައި. މިހާރު ރާއްޖެއަކީ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ޤައުމެއް. ބޭރުމީހުން އެހާގިނައިން އެބައާދޭ. ހަމަ އެހާގިނައިން، ރާއްޖޭގެ މީހުންވެސް އެކިބޭނުންތަކުގައި ރާއްޖެއިން ބޭރަށް އެބަ ދަތުރުފަތުރުކުރޭ. އެހެންވީމާ، މި ހުރިހާ ކަމެއްގެ ސަބަބުން، ސިޔާސީ ހޭލުންތެރިކަންވެސް ވަރަށްބޮޑަށް އިތުރުވެގެންދާނެކަމާމެދަކު އެއްވެސް ޝައްކެއްނެތް.

މުޙައްމަދު ޝާޠިރު:

މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. މި ޚިޔާލުފުޅުތަކާއި، މި ހުރިހާ ބައިތަކެއް ދެން، ހުށަހެޅޭނެ ވާހަކައާ، ހުރިހާ އެއްޗެއް އިނގޭތޯ. ދެން އަދި ބޭރުގެ ތަޖުރިބާކާރުންނާއެކީގައި، ނޫނީ ބޭރުގެ އެހީގައި އެކުލަވައިލެވޭ އެކިއެކި އެއްޗެހީގެ ވާހަކަވެސް. ދެން އަޅުގަނޑު ހިތަށްއަރަނީ، މިއީ ރާއްޖޭގެ ޤާނޫނީ ޙަޔާތުގައި އިނގޭތޯ، 22 ޑިސެމްބަރު 1932ން ފެށިގެން މިހާތަނަށް މި ހިނގަމުންދާ ޤާނޫނުއަސާސީތަކަށް، ނޫނީ ކުރިން ހިނގާފައިވާ ޤާނޫނުއަސާސީތަކާ، މި ހުރިހާ އެއްޗިއްސަށް އިނގޭތޯ. މިހާރުގެ ޤާނޫނުއަސާސީއާއި، އޭގެކުރީގެ ޤާނޫނުއަސާސީތަކަށް ވިސްނައި ފިކުރުކޮށްލާއިރު، ނުވަތަ އެ ދިރާސާކޮށްލާއިރު އެބަހުރި އިނގޭތޯ، މި ދައުލަތުގެ ތިންބާރުވެސް ހަމަ މުޅިން ވަކިންއޮވެފައި. ހަމަ މިސާލަކަށް ރަދުން، ދައުލަތުގެ އެންމެ އިސްވެރިޔަކަށް. ވަޒީރުލްއަޢުޡަމް، ސަރުކާރު ހިންގަވާ ވެރިޔަކަށް. އަދި އުއްތަމަ ފަނޑިޔާރު ދީނީ ޝިޢާރު ފާޅުކުރުމާ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެމަތީ ވެރިޔަކަށް. އަދި ބައެއް ޤާނޫނުއަސާސީތަކުގައި އެބައޮތް، އުއްތަމަ ފަނޑިޔާރަކީ، ދައުލަތުގައި ހިނގާ ސިޔާސީ ކަންތަކުން އެއްކިބާވެގެންހުރި، ވަކިފަރާތަކަށްނުޖެހޭ ބޭފުޅަކަށް ވާންޖެހޭނެ ކަމަށް. ޢިލްމީގޮތުން، އަޚްލާޤީގޮތުންވެސް ޤާބިލް ބޭފުޅަކަށް. އެހެންވީމާ، މި ޤާނޫނުއަސާސީ ހެއްދެވުމުގެ މަސައްކަތް ޚާއްޞަ މަޖިލީހުން ފަށްޓަވާއިރުގައި، ނުވަތަ ކުރިއަށް ގެންދަވާއިރުގައި، ރާއްޖޭގެ ކުރީގެ ޤާނޫނުއަސާސީތަކުގެ މައްޗަށްވެސް ވިސްނައި، ނޫނީ އެބޭފުޅުން އެކަމާމެދު ވިސްނަވައި، އެއާދޭތެރޭގައި، އޭގެވެސްހުރި އަޅުގަނޑުމެންނާ ގުޅޭ، މިހާރާގުޅޭ ބައިތަކަށް، މިދެންނެވީ، ކޮންމެ ޤައުމެއްގައިވެސް ޘަޤާފަތު ނުވަތަ ތާރީޚު ވަރަށް މުހިންމު ބައެއް ހަމަ އޮންނާނެ ނޫންތޯ، އެ ޤައުމެއްގެ މުސްތަޤްބަލް ނުވަތަ ކުރިމަގު ބައްޓަންކުރުމުގައި. އެހެންވެގެން، އެކަމާމެދު އެ ޤާނޫނުއަސާސީތައް، ކަމެއް ދިރާސާކުރެވޭ، އޭގެއިންވެސް ފައިދާހުރި ކަންތައްތަކެއް ލިބިދާނެކަމަށް ފެންނާތީ އެކަން ކުރެވޭނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އެކަމަކީ، އަޅުގަނޑުހިތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ އިޚްތިޔާރުގައި އޮތް ކަމެއް. އެ ހުރިހާ ވަސީލަތްތަކެއް އިރާދަކުރެއްވިއްޔާ ސަރުކާރުން ހަމަޖައްސައިދޭނެ. އޭގެ މާނައަކީ، އެބޭފުޅުން ބޭނުންފުޅުވާ، ކުރީގެ ޤާނޫނުއަސާސީތަކުގެ ހުރިހާ ކޮޕީތަކާއި ނުވަތަ އެނޫން ލިޔުންތަކާއި، އެ ހުރިހާ އެއްޗެއްވެސް ބޭނުންފުޅުވާވަރަކަށް ސަރުކާރުން އެބޭފުޅުންނާ ހަމައަށް ގެންގޮސްދޭނެ. ދެން ކުރިން 1980 ވަނަ އަހަރު ފެށުނު، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތުގައިވެސް އޭރު ތިއްބެވި މެންބަރުން، ކުރީގެ ހުރިހާ ޤާނޫނުއަސާސީތައްވެސް ބެއްލެވި. ބައްލަވާފައި، ދެން އެއިރަކަށް އެންމެ ރަނގަޅުކަމަށް ފެނިވަޑައިގަންނަވާ ގޮތަކަށް މިހާރުގެ ޤާނޫނުއަސާސީ ބައްޓަން ކުރައްވާފައި އެއޮތީ. އެހެންވީމާ، އަޅުގަނޑުހިތުން، އެ މަސައްކަތަކީ އަލަށް މި ހޮވިވަޑައިގެންނެވި ޚާއްޞަ މަޖިލީހުގެ މިހާރުގެ މެންބަރުންވެސް ބޭނުންފުޅުވަންޏާ، ބޭނުންފުޅުގޮތަކަށް ކުރެއްވެން އޮތް މަސައްކަތެއް.

ދެން އެންމެފަހު ސުވާލުކަމަށް ހަދާނީ ދޮގެއްތޯ؟

އިބްރާހީމް ޚަލީލް:

އާދެ، މަނިކުފާނު ރައްޔިތުންނާ ޙިއްޞާކޮށްލެއްވި ޚިޔާލުފުޅުތަކުގައި، ފާހަގަކުރެއްވި އެއް ނުކުތާ، ސިޔާސީ މައިދާނުގައި، އަންހެނުންނަށް ހަމަހަމަގޮތެއްގައި، ފުރުޞަތުތައް ލިބިދިނުން. އާދެ، މިކަމާ ގުޅިގެންވެސް ނޫސްތަކުން، އަޅުގަނޑުމެންނަށް ތަފާތު ލިޔުންތައް ފެންނަމުންދޭ. ތަފާތު ޚިޔާލުތައް އެބަ ފެންނަމުންދޭ. މީގައި ކޮންމެވެސްވަރެއްގެ ޚިޔާލުތަފާތުވުންތަކެއްވެސް ހުންނަކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އޭގެފަހުން އަޅުގަނޑުމެންނަށް ދެއްވި މި ފުރުޞަތުގައި، އަޅުގަނޑު ހިތަށްއަރާ އަދި އެ ޚިޔާލުފުޅު ފާޅުކުރެއްވި ދުވަހުން ފެށިގެން މިއަދާހަމައަށް، މި ލިބިވަޑައިގެންނެވި ޚިޔާލުފުޅުތަކާއި އަދި ނޫސްތަކުން ފެނިވަޑައިގެންނެވި ލިޔުންތަކަށް ބައްލަވާއިރުގައި، އަދި މިއަދު މަނިކުފާނު ރާއްޖޭގެ ރައްޔިތުންގެ ޚިޔާލު މިކަމުގައި ހުރި ގޮތާމެދު ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު ގަބޫލުކުރާގޮތުގައި، ފިރިހެނުންނަށާއި އަންހެނުންނަށް ކުރިއަށްދިޔުމުގައި ހަމަހަމަ ފުރުޞަތުތަކެއް ލިބެންވާނެ. އެއީ، ޤައުމީ ޙަޔާތުގައިވެސް، ސިޔާސީ ޙަޔާތުގައިވެސް، ހުރިހާ ދާއިރާއެއްގައިވެސް. ދެން އަޅުގަނޑު ދެކޭގޮތުގައި، މި ޤައުމުގެ އެންމެ އިސްވެރިޔަކަށް ހުންނަ މީހެއްގެ ކިބައިގައި ހުންނަ ޝަރުޠުތަކުގެ ތެރޭގައިވެސް ވަކި ފިރިހެނަކަށްވުން، އެ ޝަރުޠު އޮންނާކަށްނުޖެހޭ. އެ ޚިޔާލު އަޅުގަނޑު ދެންނެވިން. ރައްޔިތުންނާ އަޅުގަނޑު ޚިޔާލުތައް ޙިއްޞާކޮށްލި ރޭ. ދެން އެއާ ޚިޔާލުތަފާތުވާ ބޭފުޅުން ތިއްބަވާނެ. އަޅުގަނޑަށް އެނގޭ ތިއްބަވާނެކަން. އެކަމަކު ކޮންމެ ކަމެއްވެސް މި އޮންނަނީ ދެކޮޅަށް ވާހަކަ ދައްކާފައި، އެބަޔަކަށް އެންމެ އެކަށީގެންވާ، އެންމެ ރަނގަޅު ގޮތަކަށް ނިންމަން. އެހެންވީމާ، އެ މައްސަލަވެސް ވަކިގޮތަކަށް ނިންމަވާނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކަމަށް އަޅުގަނޑު ދެކެނީ.

އާދެ، ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.