بســم اللّـه الرّحمـن الرّحيــم
السّــلام عليــكم ورحـمــة اللّـه.
އާދެ، ތިޔަބޭފުޅުންނަށް ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ދައުރަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅާ 11 ބިލު މިހާރުވަނީ މިޖަލްސާއަށް ހުށަހެޅިފައި. އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވަން ބޭނުންވާ ނުކުތާއަކީ، މިފަހަރު ކަންދިމާވިގޮތުން ތަންކޮޅެއް ފުރުޞަތު ކުޑަކޮށް، މަޖިލީހަށް މި މައްސަލަ ހުށަހަޅަން ދިމާވިކަން. އާދެ، މިކަމާ ދޭތެރޭގައި އަޅުގަނޑު ވިސްނަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެ. މިހާރު ހުރި މިނިސްޓްރީތަކާއި، ޑިޕާޓްމަންޓްތަކަށް އެދެވޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ބަދަލު ގެންނަންޖެހޭނެ ކަމުގެ މުހިންމުކަން އިޙްސާސް ކުރެވުމާއެކުގައި، މިކަމަށް މަސައްކަތް ކުރެވެމުންދާތާވެސް ދުވަސްކޮޅެއް ވެއްޖެ. އެހެންނަމަވެސް، މިދޭތެރެއިން ސަރުކާރުގެ ބައެއް ކަންތައްތަކުގައި ރާއްޖެއިން ބޭރަށް، ހިސާބަކަށް ދަތުރުކުރަންޖެހިފައި އޮތުމާއެކުގައި، އަޅުގަނޑަށް ހުރިހާ ކަމެއް، މާ ތަނަވަސް ފުރުޞަތެއްގެ ތެރޭގައި ނިންމައިނުލެވިގެން، ތަންކޮޅެއް ކުޑަ ފުރުޞަތެއް އޮއްވައި، މަޖިލީހަށް ފޮނުވޭގޮތްވީ.
އާދެ، ކޮންމެއަކަސް މި ހުށަހެޅުންތަކުގައި އެވާ ކަންކަމަކީ، އަޅުގަނޑަށް ފެންނަގޮތުގައި މިހާރު ހަމަޖައްސަންވެއްޖެ ކަންތައްތަކެއް. އަޅުގަނޑު މިކަމާ ގުޅޭގޮތުން ފޮނުވި ސިޓީގައި ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައި އެވަނީ، މި ބަދަލުތައް ގެންނަން ފެންނަ ސަބަބުތައް.
އެންމެ ފުރަތަމަ ސަބަބެއް ކަމަށް އަޅުގަނޑަށް ފެންނަނީ، މިހާރު އެންމެބޮޑު އަހަންމިއްޔަތެއް، ސަރުކާރުން ދޭންޖެހޭނެ ކަމަކީ، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ކުރިއެރުވުން ކަމަށް. އާދެ، އަޅުގަނޑުމެންގެ އިޤްތިޞާދު މިހާރުވަނީ، ވަރަށް ބޮޑަށް ވިސްނަންޖެހޭކަހަލަ ފައްތަރެއްގެ މަތީގައި. އެއްގޮތަކުން ބަލާއިރު، މިދިޔަ ދެތިން ހަތަރު އަހަރުދުވަހުގެ ތެރޭގައި، ރާއްޖޭގެ އިޤްތިޞާދިއްޔަތު ވަރަށް ބޮޑުތަން ކުރިއަށް ހިނގައްޖެއޭ ދެންނެވިދާނެ. އެއީ، ޢަދަދުތަކަށް ބަލާއިރު، 1978ން ފެށިގެން 1981ގެ ނިޔަލަށް އަޅުގަނޑުމެންގެ އިޤްތިޞާދީ ކުރިއެރުމުގެ ނިސްބަތް ސަތޭކައަކުން އެގާރަ ކަމަށް ނޭޝަނަލް ޕްލޭނިންގ އޭޖެންސީން ކުރައްވާ ހިސާބުތަކުން ދައްކާ. އެއީ، މިހިސާބުގަނޑުގެ އެއްވެސް ޤައުމެއްގައި އަދި އެތަނެއްގައި އިޤްތިޞާދު ކުރިއަރާފައިވާ ނިސްބަތެއް ނޫން. އެހެންވީމާ، އެގޮތުން ބަލާއިރު އިޤްތިޞާދު ކުރިއަށްދާކަމީ ޝައްކެއްހުރި ކަމެއްނޫން. އެހެންނަމަވެސް، އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއަށްދާއިރު އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ މީހެއްގެ ނިސްބަތަށް ވިސްނާއިރު، ބޮލަކަށްޖެހޭ ޢަދަދު އެއީ، ހުރިހާ ޤައުމެއްގައިވެސް ބަލަމުންދާ އެއްޗެއް. ޤައުމަށް ލިބޭ އާމްދަނީ ރައްޔިތުންނަށް ބަހައިލީމާ ކޮންމެ ބޮލަކަށް ޖެހޭވަރު. އާދެ، އެގޮތަށް ވިސްނާއިރުވެސް، މީގެ ހަތަރު އަހަރު ކުރިން އަޅުގަނޑުމެންނަށް އެނގިފައި އޮތީ، ބޮލަކަށްޖެހޭ ޢަދަދަކީ އަހަރަކު 200 އެމެރިކާ ޑޮލަރު ކަމަށް. ނޫނީ އެއާ ގާތްކުރާ ޢަދަދެއް ކަމަށް. މިހާރު ހިސާބުތަކުން ދައްކާގޮތުން، 1981ގެ ފަހުކޮޅުގައި ބޮލަކަށްޖެހޭ ޢަދަދު 400 އަށްވުރެ ގިނަވެއްޖެ ކަމަށް ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ހިސާބުތަކުން ދައްކާ.
އެހެންވީމާ، އެގޮތުންވެސް އަޅުގަނޑުމެންގެ ރާއްޖެއަށް ލިބެމުންދާ އާމްދަނީ، އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުންދާކަން އެނގޭ. އެކަމަކު އަޅުގަނޑުމެން އެކަމަށް އަދި ހިތްހަމަޖައްސާލައިގެން ތިބެވޭކަށެއް ނެތް. އެއީ، އަޅުގަނޑު ކުރިންވެސް ދެންނެވިހެން، އިޤްތިޞާދު ކުރިއެރުމުގެ ނިސްބަތް ކުޑަ ތަންކޮޅެއް މައްޗަށްދިޔަކަމުގައިވިޔަސް، އަދި ބޮލަކަށްޖެހޭ ޢަދަދު، ފައިސާގެގޮތުން ބަލާއިރު ގިނަވަމުންދިޔަކަމުގައިވިޔަސް، އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ، އިޤްތިޞާދީ، ވަރަށްގިނަ ދަތިތަކެއް އެބަހުރި. އެއީ، އަޅުގަނޑު ހިތުން ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް ވަރަށް ރަނގަޅަށް އިޙްސާސް ކުރެއްވޭނެ ދަތިތަކެއް. އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ޤައުމަކަށް މި ޒަމާނުގައި ކުރިއަށްދެވޭނީ ވަރަށް ގިނަ ކަންތައްތަކެއް ހަމަޖެހިފައި އޮވެގެން. އަޅުގަނޑުމެންގެ ރާއްޖޭގައި ޤުދްރަތީ މުއްސަނދިކަމުގެ ވަސީލަތްތައް ވަރަށްވެސް މަދު. އެހެންވީމާ، ވަރަށްބޮޑެތި މަސައްކަތްތަކެއް، ވަރަށް ހަރުދަނާ ރަނގަޅު އުޞޫލެއްގެ މަތީން ރާވައިގެން ހިންގައިގެން ނޫނީ އަޅުގަނޑުމެންގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ގޮތެއްގައި ކުރިއަށްދާނެ ކަމަކަށް ނުފެނޭ. އަޅުގަނޑު ހިތުން އެއީ، ތިޔަބޭފުޅުންވެސް އެއްބަސްވެވަޑައިގަންނަވާނެ ކަމެއް. އަޅުގަނޑުމެންގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް ދަތިކަމަކީ އަޅުގަނޑުމެންގެ އިޤްތިޞާދީ ދާއިރާގެ ހަނިކަން. ވަރަށް ހަނި ދާއިރާއެއްގެ މައްޗަށް ބިނާވެފައި އޮންނަނީ. ޒަމާނުއްސުރެ މަސްވެރިކަން އެއީ، އެ ދާއިރާގެ އެންމެ މުހިންމު އެއް މަސައްކަތް.
ދެން ފަހަކަށްއައިސް އަޅުގަނޑުމެން ފަށައިގެން މިއުޅޭ ޓޫރިޒަމް އެއީ، އިޤްތިޞާދު ކުރިއަށްދިޔުމުގެ، މިހާރު އެންމެ އަހަންމިއްޔަތުކަން ދެވޭ އަނެއް މަސައްކަތް. އަޅުގަނޑުމެންގެ ބޯޓުފަހަރު ދުއްވުން އެއީވެސް ވަރަށް މުހިންމު މަސައްކަތެއް. ދަނޑުވެރިކަން، މިހެންގޮސް އަޅުގަނޑުމެންގެ އިޤްތިޞާދީ ދާއިރާތަކަށް ވިސްނާއިރު، ހުރި ދާއިރާތައް ވަރަށްވެސް މަދު. އަދި ވަރަށް ހަނިގޮތަކަށް އެ މަސައްކަތްތައް ރޭވި ހިނގަމުންދަނީ. ޤައުމަށް ލިބޭ އާމްދަނީ އިތުރުވާނީ، ޝައްކެއްނެތްގޮތުގައި، އިޤްތިޞާދީ ދާއިރާ ފުޅާވިވަރަކަށް. ގިނަ މަސައްކަތްތައް ކުރެވިގެން. އެއިން ކޮންމެ މަސައްކަތަކުންވެސް ލިބޭ ފައިދާ، ލިބޭ އެއްޗެއް އެއީ، ހަމައެކަނި ދައުލަތުގެ އާމްދަނީއަކަށް ނޫން އަޅުގަނޑު މިދަންނަވަނީ. މުޅި ޤައުމަށް ލިބޭ އާމްދަނީވެސް އެހުރިހާ ގޮތަކުން އިތުރުވެގެން ގޮސްގެން.
ދެން އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އަނެއްދައްޗަކީ، އަޅުގަނޑުމެން މިކުރާ އިޤްތިޞާދީ މަސައްކަތަށްވެސް އެޅޭ ހުރަސް. މިސާލަކަށް، މަސްވެރިކަން އެއީ، އެންމެ ބޮޑު މަސައްކަތް ކަމުގައި އަޅުގަނޑުމެން ބަލައިފިނަމަވެސް، މަސްވެރިކަމަށްވެސް ކުރިމަތިވާ، ވަރަށް ގިނަ ދަތިތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމެއް، ރާއްޖޭގެ މަހަށް ލިބޭ އަގު ދަށަށްދިޔުން. މިއަހަރު އެކަން އެގޮތަށް ދިމާވިކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ރާއްޖެއިން ބާނާ މަސް ނުވަތަ ހިފާ މަސް، ބޭރު ކުންފުނިތަކަށް އަޅުގަނޑުމެން ވިއްކަމުންދިޔަ އަގު ވަރަށް ބޮޑުތަން ދަށްކޮށްލަން ޖެހިއްޖެ، މަޖުބޫރުވެގެން. އެއީ، ދުނިޔޭގެ މާރުކޭޓްތަކުގައިވެސް މަހުގެ އަގު ދަށަށްދިޔުމާއެކު، އެހެންގޮތެއް ނެތިގެން. އާދެ، ޤައުމުގެ އާމްދަނީއަށް، ނޫނީ ދައުލަތުގެ އާމްދަނީއަށް، އެ ލިބުނީ ވަރަށް ބޮޑު އުނިކަމެއް. އެ އުނިކަން މަސްވެރިންނަށް ރައްދުނުވާ ގޮތަކަށް މިވަގުތު ދައުލަތުން ހަމަޖައްސައިފައި އޮތް ކަމުގައިވިޔަސް، އެއީ ކުރިއަށް އޮތް ތާނގައި ވަރަށް ބޮޑަށް ވިސްނައިގެން ރަނގަޅު އުޞޫލެއްގެ މަތީން ގެންދިޔައްޔާ ނޫނީ އިތުރު ދަތިތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވެދާނެ ކަމެއް.
އާދެ، ހަމައެފަދައިން، އަޅުގަނޑުމެންގެ އިޤްތިޞާދީ އެކިއެކި މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ، ރައުސްމާލު، އެވެސް އަޅުގަނޑުމެންގެ އަތުގައި ފުދޭވަރަކަށް ނެތް. ރައުސްމާލު ހޯދުން އެއީ، މިވަގުތު ވަރަށް ބޭނުންތެރި ކަމެއް. އެކިއެކި ޕްރޮޖެކްޓްތަކަށް، މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާ އެއީ، އަޅުގަނޑުމެންގެ އަތުގައި ނެތް އެއްޗެއް ކަމަށްވަންޏާ، ދުނިޔޭގެ އެހެން ޤައުމުތަކުންވެސް އެކަން ކުރާ އުޞޫލެއްގެ މަތިން އެކި ފަރާތް ފަރާތުން އެހީގެ ގޮތުގައި ނުވަތަ ލޯނުގެ ގޮތުގައި އެފައިސާ ހޯދަންޖެހޭ. އެއީ، އެކަހަލަ ގޮތަކަށް، ރައުސްމާލު ނެތިއްޔާ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެތީ.
ދެން ދިމާވާ އަނެއް މައްސަލައަކީ، އެކިއެކި ކަންތައްތައް ހިންގަން ބޭނުންވާ ޢަދަދަށް އަޅުގަނޑުމެންގެ ތެރޭގައި، ކަމަށް އެކަށީގެންވާ، ކަމުގެ ތަމްރީނުތައް ލިބިފައިވާ މީހުން މަދުކަން. އެއީ، މިހާރު ސަރުކާރަށްވެސް އަދި އަޅުގަނޑު ހިތުން އަމިއްލަ ފަރާތްތަކަށްވެސް ކުރިމަތިވެފައިވާ، ވަރަށް ބޮޑު ދައްޗެއް. އެކިކަންކަމާ ހަވާލުވެގެން ކުރިއަށް ގެންދާނެ މީހުން، ބޭނުން ޢަދަދަކަށް ނެތްކަން. އެހެންވީމާ، ސަރުކާރުން މިވަގުތު އެންމެ ބޮޑު އަހަންމިއްޔަތު ދޭންޖެހިފައި އޮތް ކަމެއް، އެކަށީގެންވާ ޢަދަދަކަށް، އެކަށީގެންވާ ދާއިރާތަކުގައި، ހުރިހާ ދާއިރާތަކުގައިވެސް މަސައްކަތް ކުރާނެ މީހުން އުފެއްދުން. އެއީވެސް އެ މީހުން ނެތުމުގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިޞާދީ ކުރިއެރުވުމަށާއި، އަދި އިޖްތިމާޢީ ކުރިއެރުވުމަށް ވަރަށްބޮޑު ހުރަސްތަކެއްއެޅޭތީ. މިހެންގޮސް އަޅުގަނޑުމެންގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތައް ވަރަށްގިނަ.
އެހެންވީމާ، އެހުރިހާ ކަމަކާދޭތެރޭގައި ވިސްނައި ޙައްލުތަކެއް ހޯދައި، އަދި ދިގު މުއްދަތަކަށް، އެކަށީގެންވާ ގޮތަކަށް ރޭވިފައި އޮންނަ މަޝްރޫޢެއް މުޅި ޤައުމުގެ ފެންވަރުގައި، ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި، ޤައުމީ ފެންވަރުގައި ރޭވިފައި އޮންނަ މަޝްރޫޢެއް އޮތުމުގެ ބޭނުންތެރިކަން ބޮޑުކަމާމެދަކު އެއްވެސް ޝައްކެއްނެތް. އެކަހަލަ މަޝްރޫޢެއް ރޭވޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަގެންދޭ. މިހާރުވެސް 5 އަހަރު ދުވަހުގެ މަޝްރޫޢެއް، ނޭޝަނަލް ޕްލޭނިންގ އޭޖެންސީން ވަނީ ކޮންމެވެސްވަރަކަށް ތައްޔާރުކުރައްވާފައި. އެހެންނަމަވެސް، އެ މަޝްރޫޢުވެސް މުޅިން ފުރިހަމަ މަޝްރޫޢަކަށް ނުވާތީ، އެއަށް އެތަކެއް ބަދަލުތައް ގެންނަންޖެހޭތީ އަދި ނިމުމަކާ ހަމަޔަށް އެ މަޝްރޫޢު ނައިސް އެއޮތީ. އެހެންވީމާ، މި ކަންތައްތައް މިހާރު ގެންދަންޖެހޭ ފެންވަރުގައި ނޭޝަނަލް ޕްލޭނިންގ އޭޖެންސީއަށް ގެންދެވޭނޭ ކަމަށް ނުފެންނާތީ އެތަން މުޅިން ބަދަލުވާންޖެހެނީ. މިނިސްޓްރީއެއްގެ ފެންވަރަށް އަންނަންޖެހެނީ. އެއީ، މުޅި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން. އިޤްތިޞާދީ އެކަންޏެއްނޫން، އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމުގެ ކަންތައް ރާވައި، ހަރުދަނާ ރަނގަޅު މަޝްރޫޢެއް ރާވައި، އެކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި.
އެހެންވީމާ، މިހާރު ނޭޝަނަލް ޕްލޭނިންގ އޭޖެންސީ، މިނިސްޓްރީއަކަށް ބަދަލުވެ، މިނިސްޓްރީއެއްގެ ފެންވަރުގައި މަސައްކަތްކޮށް، އެތަނަށްވެސް ބޭނުންވާ އެކިއެކި މާހިރުންނާއި، ތަޖުރިބާކާރުންނާއި، ކަމަށް އެކަށީގެންވާ މީހުން، އެތާނގައި ތިބެގެން އެކަންތައް ކުރިއަށް ގެންދިޔުމުގެ ބޭނުންތެރިކަން ބޮޑުކަމުން.
އާދެ، އަޅުގަނޑުގެ ސިޓީގައި އެ ދަންނަވާފައިވާ ހުރިހާ ވާހަކަތަކެއް މިހެން ދެންނެވުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެހެންނަމަވެސް، އަދިވެސް ދެތިން ނުކުތާއެއް އޮތުމާއެކުގައި، އެ ނުކުތާތަކުގެ މައްޗަށް ކޮންމެވެސް އެއްޗެއް ދަންނަވައިލެވޭތޯ އަޅުގަނޑު ބަލާނަން.
އާދެ، އޭގެތެރެއިން އަލަށް ފެށުމަށް އަޅުގަނޑުމެންނަށް މި ހުށަހެޅިފައިވާ ކަމަކީ، ވަޒީފާ އަދާކުރާ މީހުންނާބެހޭ ޑިޕާޓްމަންޓެއް ހުރުން. ވަޒީފާ އަދާކުރުމޭ އަޅުގަނޑު މިދަންނަވަނީ، އޭގެ އެންމެ ފުޅާ މާނައިގައި. އެއީ ހަމައެކަނި ސަރުކާރުގައި ވަޒީފާ އަދާކުރާ މީހުންގެ ވާހަކައެއް ނޫން. ސަރުކާރުގައިވެސް އަދި އަމިއްލަ ފަރާތްތަކުގައިވެސް ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ އަދާކުރާ ފަރާތްތަކާ، މި ދެފަރާތުގެ ޙައްޤުތައް ރައްކާތެރިކުރެވޭ، ޢާންމު އުޞޫލުތަކެއް ކަނޑައެޅިފައި އޮތުމުގެ ބޭނުންތެރިކަން މިހާރު ވަރަށްބޮޑަށް އިޙްސާސް ކުރެވެމުން އެބަދޭ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިބާވަތުގެ މިކަހަލަ ޢާންމު އުޞޫލުތަކެއް ނުވަތަ ޤާނޫނުތަކެއް ކަނޑައެޅިފައި އޮވޭ. އަޅުގަނޑުމެންގެ ރާއްޖޭގައި އަދި އެފަދަ ޤާނޫނެއް ނުވަތަ އުޞޫލެއް ނެތް. ކުއްލިއަކަށް ޤާނޫނެއް ފާސްކުރުމަކީ، މާފަސޭހަ ކަމެއްކަމުގައި ނުވެ ހިނގައިދާނެ. އެހެންކަމުގައިވިޔަސް، ކޮންމެވެސް ހަރުދަނާ ހަމަޖެހޭ އުޞޫލުތަކެއް އެކަމަށް ކަނޑައެޅިފައި އޮންނަންވެއްޖެ ކަމަށް އަޅުގަނޑަށް ފެނޭ. އެއީ، މިހާރު ދިމާވާގޮތުން، އެ ދެފަރާތުގެ ޙައްޤުތައް ފުރިހަމަޔަށް ރައްކާތެރިކުރެވޭ ކަމަކަށް ނުފެނޭ. އެ އެކި، ވަޒީފާ އަދާކުރާ މީހުންގެ ކަންތައްވެސް ހުންނަގޮތުން، ވަޒީފާ ދޭ ފަރާތްތަކުގެ ކަންތައްވެސް ހުންނަގޮތުން، ސަރުކާރުގެ ދާއިރާއަށް ބެލިކަމުގައިވިޔަސް، ސަރުކާރަށް ބޭނުންވާ މީހުން ނުލިބުމާއި، އަދި އެމީހުން ވަކިވާން އެދިއްޖިއްޔާ، ވަކިކޮށްދޭން މަޖުބޫރުވުމާއި، މުސާރައިގެ މައްސަލަތަކާއި، މިހެންގޮސް ވަރަށް ގިނަ މައްސަލަތަކެއް ނުކުމޭ.
ސަރުކާރުގެ އޮފީސްތައް، މިހާރު އެ އޮފީހެއް ފުރިހަމަޔަށް ހިންގުމަށް ބޭނުންވާ ޢަދަދަށް މީހުންތިބި އެއްވެސް އޮފީހެއް ނެތް. އޭގެ ސަބަބުން ވަރަށްގިނަ ކަންތައްތަކަށް ދަތިވެ ކުރިއަށްނުގޮސް އެބައޮވޭ. ވަރަށްފަހުން މި ދިމާވި ކަމެއްގެ މިސާލު ޖަހައިލިޔަސް، ތިޔަބޭފުޅުންނަށް އިޙްސާސް ކުރެއްވޭނެ. އެއީ، މާލޭގެ މަގުތައް ހަލާކުވެގެން މަގުތައް ހެދުމުގެ މަސައްކަތް. އޭގެވެސް ކުރިއަށް ނުގޮސް އޮތުމުގެ އެންމެ ބޮޑު ސަބަބަކީ، އެކަން ކުރައްވާ، ސަރުކާރުގެ ފަރާތުގައި އެކަށީގެންވާ ޢަދަދަކަށް މަސައްކަތު މީހުންވެސް ނެތުން. ރަޖިސްޓަރީގައި 80 މީހުން އޮންނައިރު، މަސައްކަތް ކުރަން ތަނުގައި ތިބެނީ 13 މީހުން. 13 މީހުންނަށް މަގުތައް ހަދައި އަބަދު ބެލެހެއްޓޭނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑު ހިތުން އެއްވެސް މީހަކު ބުއްދި ގަބޫލެއްނުކުރާނެ އެކަން ވާނެ ކަމަކަށް. ކޮންމެއަކަސް އެއީ، ހަމަ މިސާލެއްގެ ގޮތުން މިދެންނެވީ. އެއީ، ހަމަ އެގޮތަށް ސަރުކާރުގެ ހުރިހާ ތަނެއްގައިވެސް. އެއަރޕޯޓް އެއީ އަޅުގަނޑުމެންގެ އެންމެ މުހިންމު އެއްތަން. އަޅުގަނޑުމެންނާ ބޭރުދުނިޔެއާ ގުޅުމަށްޓަކައި ސަރުކާރުން ވަރަށްބޮޑު ޚަރަދެއް ކޮށްގެން ހަދާފައި އޮތް ތަނެއް. އެތަން ޢަމަލީގޮތެއްގައި، އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ މުވައްޒަފުންނެއް އެތާކު ނެތް. ހަމައެކަނި އެތަނެއް ނޫން. މިދެންނެވީ ސަރުކާރުގެ އެހެން ތަންތާނގައިވެސް ވަރަށް މުހިންމު މަޝްރޫޢުތައް ކުރިއަށް އެބަދޭ. މަސްވެރިކަން ތަރައްޤީ ކުރުމަށް މަޝްރޫޢުތަކެއް ހިނގަމުން އެބަދޭ. އެތަނަށް ބޭނުންވާ މީހުންނެއްވެސް ނުލިބޭ. ނުވެސް ނެތް. އަޅުގަނޑުމެންގެ ތަޢުލީމުގެ ދާއިރާއަށް ވިސްނިޔަސް، ޞިއްޙަތުގެ ދާއިރާއަށް ވިސްނިޔަސް، ތަޢުލީމާއި ޞިއްޙަތު، އެއީ، އިޤްތިޞާދު ކުރިއަށް ގެންދިޔުމުގައި ވަރަށް ބޭނުންތެރި ދެ ޚިދުމަތެއް. އެ އިޤްތިޞާދާ، އެ ދެ ބަޔާ ގުޅިފައި އޮންނަ ގުޅުން އެއީ، ވަރަށް ބޮޑު ގުޅުމެއްކަން ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.
އެހެންނަމަވެސް، އެކަންތައްތައްވެސް ކުރިއަށް ގެންދާނެ މީހުންނެއްވެސް ނެތް. އަދި މީހުން ތިބިކަމުގައިވިޔަސް، ލިބޭގޮތެއްވެސް ނުވޭ. ހަމައެފަދައިން، އަމިއްލަ ފަރާތްތަކުގެ ކަންތައްތައްވެސް އޮތީ އެހެން. އެތަންތަނަށްވެސް ބޭނުންވާ މީހުންނެއް ނުލިބޭ. ނުވަތަ އެ ވަޒީފާ އަދާކުރާ މީހުންގެ ކަންތައްތަކާއި، އަދި އެތަނާ ދޭތެރޭގައި އޮންނަ ގުޅުމާ، މި ކަންތައްތައްވެސް ހުންނަގޮތުން ހަމަޖެހޭ އެއްވެސް ރަނގަޅު އުޞޫލެއް ނެތުމާއެކު، އޮންނަނީ ވަރަށް ބޮޑު މައްސަލަޔަކަށް ވެފައި.
އެހެންވީމާ، އެވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާކުރާ ފަރާތާ ދެފަރާތުގެ ކަންތައްތައް ހުންނަންވާނެގޮތް، ޢާންމު ކޮންމެވެސް އުޞޫލެއްގެ ގޮތުން، މާ ތަފްޞީލު އުޞޫލެއް ނޫނަސް، ޢާންމު އުޞޫލެއްގެ ގޮތުން ހަމަޖެހިފައި އޮންނަން ވެއްޖެ ކަމަށް އަޅުގަނޑަށް ފެނޭ. އަދި އެކަން ބަލަހައްޓާނެ ސަރުކާރުގެ ފަރާތެއްވެސް އޮންނަންވޭ. އެހެން ނެތިއްޖިއްޔާ، މިހާރު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ މައްސަލަ، އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުންގޮސް، ވަރަށް އަވަހަށް އެއީ، ޤައުމީ ފެންވަރުގެ ވަރަށް ބޮޑު މައްސަލަޔަކަށް ވެދާނެކަމާމެދު ޝައްކެއްނެތް. މިހާރުވެސް އޮތީ، މައްސަލަޔަކަށް ވެފައި. އާދެ، ކޮންމެއަކަސް މިއީ އަދި އަޅުގަނޑުމެންނަށް މީގެކުރިން ނެތް ކަމެއް، އިތުރުވުމަށް ހުށަހެޅިފައި އޮތް.
ދެން އަޅުގަނޑުގެ ސިޓީގައި ދަންނަވައިނުލެވުނު އެއްބިލެއް އެބައޮތް، މިހާރު މިތަނަށް ހުށަހެޅިފައި. އެއީ، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑު، އެ ނަމުގައި ބޯޑެއް އުފައްދައި، މިހާރުހުރި ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީ އެގޮތަށް ބަދަލުވުން. އެ ބިލެއްގެ ސިފައިގައި އެބައޮތް. އެހެންނަމަވެސް، އެއަށް ސިޓީގައި އިޝާރާތް ކުރެވިފައެއް ނެތް. އޮތް ކަމަކަށްނުވޭ. އާދެ، އެހެން ބަދަލުކޮށްލަން ބޭނުންވާ ސަބަބަކީ، މިހާރު ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީ އެ ހިނގަނީ ސަރުކާރުގެ ޑިޕާޓްމަންޓެއްގެ ގޮތުގައި. އެތަނުން އެކުރައްވާ މަސައްކަތަކީ، ޢާންމު ޚިދުމަތެއް ކަމުގައިވިޔަސް، ތަނަކީ ވިޔަފާރީގެ އުޞޫލުން ހިނގަމުންދާ ތަނެއް. އަދި އެދެވޭ ގޮތެއްގައި އެތަން ހިނގާނީވެސް ވިޔަފާރީގެ އުޞޫލުން ހިންގީމާ. އެހެންވީމާ، ސަރުކާރުގެ ޑިޕާޓްމަންޓެއްގެ ގޮތުގައި އޮތުމަކީ، މާ ހަމަޖެހޭ ކަމެއް ކަމަކަށް ނުފެނޭ. އެހެންވީމާ، އެތަން "މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑު" މިނަމަށް ބަދަލުކޮށް، ހަމައެކަނި މާލެއެއްނޫން، ރާއްޖެތެރެއަށްވެސް އިލެކްޓްރިކް ކަރަންޓް ބޭނުންވޭ. މުސްތަޤްބަލުގައި އެކަން ކުރިއަށްދާންޖެހޭނެ. ރާއްޖެތެރެއަށްވެސް އޭގެ ޚިދުމަތް، އިލެކްޓްރިސިޓީގެ ޚިދުމަތް ފޯރަންޖެހޭނެ. އެހެންވީމާ، މާލެއާއި ރާއްޖެތެރޭގައި އެކަން ކުރަންވީ ގޮތްތައް ކަނޑައަޅައި، އެކަން ކުރިއަށް ގެންދިޔުމަކީ، މިދެންނެވި އިލެކްޓްރިސިޓީ ބޯޑުގެ ކަމެއް ކަމުގައި އޮތުމަކީ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑަށް ފެނޭ.
އާދެ، ދެން އިޝާރާތް ކުރެވިފައިވާ ފަދައިން، ޓޫރިޒަމްގެ ދާއިރާ ފުޅާވެގެންގޮސް އެއީ، މިހާރު މުޅި ޤައުމަށް އާމްދަނީ ހޯދައިދޭ އެންމެބޮޑު އެއް މަސައްކަތް ކަމަށްވާތީ، އެތާނގެ ނަމުގައި ވަކި ޑިޕާޓްމަންޓެއް ހުންނަންޖެހޭނެ ކަމަށް ފެންނާތީ، އެގޮތަށް ބަދަލުކުރަން ހުށަހެޅިފައި މިއޮތީ. ކުރިން ހުންނަނީ ދެކަމެއް އެއްކޮށްލެވިފައި. އެއީ، ފޮރިން އިންވެސްޓްމެންޓާ ޓޫރިޒަމާ އެއްކޮށްލާފައި، އެއް ޑިޕާޓްމަންޓެއް. ކޮންމެހެން އެ ދެ ކަންތައް އެއީ، ގުޅޭ ދެކަމެއް ނޫން. އަދި ޓޫރިޒަމަށް ވަކި ޑިޕާޓްމަންޓެއް ހުރުމުގެ ބޭނުންތެރިކަމަކީ، މިހާރު އިޙްސާސް ކުރެވެމުންދާ ކަމެއް. އެހެންވީމާ، ވަކި ޑިޕާޓްމަންޓެއް ހުރުމަށް ހުށަހެޅިފައި އެއޮތީ.
އާދެ، އަޅުގަނޑުމެންގެ ޓޫރިޒަމްގެ ކަންތައް މިހާރު އެދާގޮތަށް ކުރިއަށްދާ ކަމަށްވަންޏާ، މުސްތަޤްބަލުގައި އެތަން މިނިސްޓްރީއަކަށްވެސް ހަދަންޖެހިދާނެ. އެއީވެސް އޮތް ކަމެއް. އެހެންނަމަވެސް، މިވަގުތަށް އަދި ޑިޕާޓްމަންޓެއްގެ ގޮތުގައި އޮތުމުން ފުދޭނެކަމަށް ފެންނާތީ، އެގޮތަށް ހުށަހެޅިފައި އެއޮތީ. އާދެ، ދެން އެކިއެކި މަސައްކަތްތައް އަލުން އިންތިޒާމު ކުރުމުގައި ބައެއް މަސައްކަތް، އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް ބަދަލުކޮށް އެހެން، ހިސާބަކަށް މި ބިލްތަކުގައި ހެދިފައި ހުންނާނެ. އެއީ، މީގައި ދަންނަވައިފައިވާ ގޮތުގެމަތީން، ވީހާ
އެއް ބާވަތެއްގެ ކަންތައްތައް، އެއް މިނިސްޓްރީއެއް ނުވަތަ އެއް ޑިޕާޓްމަންޓެއްގެ ދަށަށް ގެނެސް އަދި އެތަނުގެ ނަމާއި، އެތަނުން ކުރާ މަސައްކަތާ ވީހާބޮޑަކަށް ގުޅޭގޮތަށް އޮތުމަށްޓަކައި. ހަމައެފަދައިން، ދުނިޔޭގެ އެހެން ތަންތާނގައިވެސް މިކަންތައްތައް ހުންނަގޮތުގެ މައްޗަށް ހިސާބަކަށް ބަލައި، ރާއްޖޭގެ ޙާލަތާ އެންމެ އެކަށީގެންވާ ކަމަށް ފެންނަގޮތަށް ބަދަލުކުރުމަށްޓަކައި، އެގޮތަށް ރޭވިފައި އެއޮތީ.
އެހެންވީމާ، ދުނިޔޭގެ ވަކި މިވެނި ތަނެއްގައި ހުރިގޮތަށޭ އެހެން ދެންނެވޭކަށް ނެތް. އެއަކީ، ބޭނުންކަމެއްވެސް ނޫން. ވަކި ޚާއްޞަ ޤައުމެއްގައި އެކަންތައް އޮންނަ ގޮތަށް މިތާނގައި އޮތުން. އެކަމަކު ގިނަ ތަންތާނގައި ހުންނަގޮތަށް ބަލާފައި، ރާއްޖެއަށް މިވަގުތަށް އެންމެ ހަމަޖެހޭ ކަމަށް ފެންނަ ގޮތަކަށް ހުށަހެޅިފައި އެއޮތީ މިހާރު. އަދި އެގޮތަށް ބަދަލުކުރުމުގައި އެއް ސަބަބަކަށް ދެންނެވިފައި އޮންނާނީ، އެކިއެކި ބޭނުމުގައި ސަރުކާރުގެ ފަރާތްތަކަށް ދާންޖެހޭ މީހުން، ގިނަ ތަންތަނަށް ދިޔުމުގެ ބަދަލުގައި، އެއްތަނަކަށް ގޮސްގެން ކަންތައް ނިމޭކަހަލަ ގޮތެއްވޭތޯ، އެގޮތުގެ މައްޗަށްވެސް ބާރުއެޅުމަށްޓަކައި. އެއީ، ސަރުކާރުން މީހުންނަށްދޭ، ޢާންމުންނަށް ވެދޭ ޚިދުމަތް އެއީ، ފަސޭހައިން ޢާންމުންނަށް ލިބެން އޮންނަންވާނެ ޚިދުމަތެއް. މިހާރު ކަންތައްތައް ރޭވިފައި ހުންނަގޮތުން ބައެއްކަހަލަ ކަންތައްތަކުގައި ވަރަށްގިނަ ތަންތަނަށް ދާންޖެހޭ. އޭގެ މިސާލެއް ދަންނަވަންޏާ، ކުންފުނި ރަޖިސްޓަރީ ކުރުމުގެ މައްސަލަ. ޤާނޫނު ބުނާގޮތުން، ކުންފުންޏެއް އުފައްދަންޏާ ފުރަތަމަ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓަރީ ކުރަންޖެހޭ، އެކުންފުނި. އެހެންނަމަވެސް، ކުންފުނިން ކުރަންޖެހޭ މަސައްކަތަކީ ވިޔަފާރި. އެހެންވީމާ، ފިނޭންސް ޑިޕާޓްމަންޓަށް ގޮސްގެން، އެތަނުން ހުއްދަ ހޯދަންޖެހޭ. އަނެއް ތަނަކަށް ދާންޖެހުނީ. އަނެއްކާ އެކަމަކީ ބޭރުބަޔަކާ ގުޅިގެން ހިނގަމުންދާ ތަނެއް ކަމަށްވަންޏާ، ފޮރިން އިންވެސްޓްމަންޓެއް އޭގައި އެކުލެވިގެން ހިނގާކަމަށްވަންޏާ، އަނެއްކާ އިންވެސްޓްމަންޓް ޑިޕާޓްމަންޓަށްވެސް ދާންޖެހޭ. ގޮސްގެން އެތަނުގެ ހުއްދަވެސް ހޯދަންޖެހޭ.
އަދި ބައެއްފަހަރަށް ބައެއްކަހަލަ ކަންތައްތައް މާ ހަރުދަނާ އުޞޫލެއްގެ މަތީން ރޭވިފައި ނެތުމުގެ ސަބަބުން، އެ ޑިޕާޓްމަންޓްތަކަށްވެސް ބައެއްފަހަރަށް އޮޅޭގޮތް ދިމާވޭ. މިއީ ތިމަންނަމެންގެ ކަމެއްބާވައޭ. ނޫނީ އެހެން ޑިޕާޓްމަންޓެއްގެ ކަމެއްބާވައޭ. އެދޭތެރޭގެ މައްސަލަތައްވެސް އެހެން ހުރެގެން މީހުންގެ ކަންތައް ލަސްވެ، އެއްތަނަކުން އަނެއްތަނަކަށް ދާންޖެހި، މިކަހަލަ ވަރަށް ގިނަ ގޮތްތައްވެސްވޭ.
އެހެންވީމާ، އެގޮތުގެ މައްޗަށްވެސް ރިޢާޔަތްކުރުމާއެކުގައި މިހާރު މި އަޅުގަނޑު ހުށަހަޅާފައި އޮތްގޮތަށް ހުށަހަޅާފައި މިއޮތީ. އަޅުގަނޑަށް ހީވަނީ މިކަހަލަ ގޮތަކަށް ސަރުކާރުގެ މަސައްކަތްތައް ބަދަލުކޮށްލައިފިއްޔާ، ކުރިއަށް އޮތް ތާނގައި ވަރަށް ބޮޑުތަން ފަސޭހަވާނެ. އަދި އަޅުގަނޑުމެން އެންމެ އިސްކަންދޭންޖެހޭ ކަންތައްތަކަށް އިސްކަންދެވި، އެ މަސައްކަތްތައްވެސް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ކުރިއަށް ގެންދެވިދާނެހެން.
އެހެންވީމާ، އަޅުގަނޑު މިއަދު މި މަޖިލީހަށް މިއައީ، މިއީ ތަންކޮޅެއް ބޮޑު މައްސަލަޔަކަށްވާތީ، އެވާހަކަ ދަންނަވައިލުމަށްޓަކައި. އަދި މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތީން، މި މައްސަލަ އަވަހަށް ނިންމަވައިދެއްވުންވެސް އަޅުގަނޑު އެދޭތީ. މައްސަލަ ނިމިގެން، ވީހާ އަވަހަކަށް މިކަންކަމަށް ޢަމަލީ ސިފަ ގެނައުމަކީ އަޅުގަނޑު ހިތުން މިހާރު ބޭނުންވެފައިވާ ކަމެއް.
والسّلام عليكم ورحمـة اللّـه وبركاته.