بســم اللّـه الرّحمـن الرّحيــم

الحَمْـدُ لِلّـهِ رَبِّ العَـالَمِـين، والصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އަޅުގަނޑު ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިކުރާ ދަތުރުގައި، އެންމެފަހުން މި އާދެވުނީ ތިޔަބޭފުޅުންގެ ރަށަށް އާދެ، ފީއައްޔަށް. އަޅުގަނޑު މިކުރާ ދަތުރަކީ މީގެކުރިން އަޅުގަނޑު ކުރި ދަތުރުތައް ފަދައިން، ރާއްޖެތެރޭގެ ރައްޔިތުންގެ ޙާލު އަޙުވާލު ބަލައިލުމަށްޓަކައި ކުރާ ދަތުރެއް. ރާއްޖެތެރޭގައި ކަންތައްތައް ހުރިނެތްގޮތާއި، ސަރުކާރުން ރާއްޖެތެރޭގެ ރައްޔިތުންނަށްދޭ ޚިދުމަތްތަކާ، އެ ކަންތައްތައް ވަމުންދާގޮތް ބަލައިލުމަށް ކުރާ ދަތުރެއް. މި ދަތުރުގެ މަޤްޞަދަކީ މި ދެންނެވީ. މިގޮތުން، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް އަޅުގަނޑު މިހާރުވަނީ ޒިޔާރަތްކޮށްފައި.

އާދެ، އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން، ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް އަޅުގަނޑަށް ޒިޔާރަތް ކުރެވިއްޖެ. ބައެއް ރަށްރަށަށް އެއްފަހަރަށްވުރެ ގިނަފަހަރު އަޅުގަނޑު ހިނގައްޖައިން. މި އަތޮޅަށްވެސް އެއްފަހަރަށްވުރެ ގިނަފަހަރު އަޅުގަނޑަށް އާދެވިއްޖެ. ފީއައްޔަށް އަޅުގަނޑަށް އާދެވޭ ތިންވަނަފަހަރު މިއީ. އެންމެ ފުރަތަމަފަހަރު އަޅުގަނޑު އައީ، އަޅުގަނޑު މި މަޤާމާ ޙަވާލުވުމުގެ ކުރިން، 1974 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި. ތެދުތެދަށް ދަންނަވަންޏާ އެއަހަރުގެ އެންމެފަހު ދުވަހު. އާދެ، ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު. އެއީ، އޭރުގެ ޕްރައިމް މިނިސްޓަރުގެ އޮފީހުގެ ޚާއްޞަ ވަކީލެއްގެ ޙައިޘިއްޔަތުން، މާލެއިން ދެކުނުގެ، މީހުން އުޅޭ ހުރިހާ ރަށަކަށް ސަރުކާރުން އަޅުގަނޑު ފޮނުއްވީމާ ކުރި ދަތުރެއް.

އޭގެފަހުން، 1981 ވަނަ އަހަރުގެ އެޕްރީލް މަހުގެ 25 ވަނަ ދުވަހު އަޅުގަނޑު ފީއައްޔަށް ޒިޔާރަތްކުރިން. އެއީ އޭރު، މ.ފ.ދ. މި ތިން އަތޮޅަށް އަޅުގަނޑު ކުރި ޒިޔާރަތުގެ ތެރޭގައި. އޭރާ މިހާރާ ރާއްޖެތެރެއަށް ވަރަށް ބޮޑު ތަފާތެއް އަތުވެއްޖެކަން ތިޔަބޭފުޅުންވެސް ޤަބޫލުފުޅުކުރައްވާނެ. އޭރު ނެތް ކިތަންމެ ކަމެއް މިހާރު ފެށިގެން ހިނގަމުން އެބަދޭ. ކުޑަކުޑަ މިސާލެއް ދަންނަވާ ކަމަށްވަންޏާ، ފ. އަތޮޅު އަތޮޅު މަދަރުސާ، އަޅުގަނޑުމެން މި ޖަލްސާކުރާ މަދަރުސާ މިއީވެސް މީގެ 10 އަހަރު ކުރިން ހުރިތަނެއް ނޫން. ރާއްޖެތެރޭގެ ވަރަށް ގިނަ ތަންތާނގައި މިހާރު ސަރުކާރުގެ ޚަރަދުގައި ޢިމާރާތްކޮށްފައިވާ އަތޮޅު ތަޢުލީމީ މަރުކަޒުތަކާއި އަތޮޅު މަދަރުސާތައް ހިނގަމުން އެބަދޭ. އަދި ރާއްޖެތެރޭގައި ސަރަޙައްދީ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތައްވެސް ހިނގަމުން އެބަދޭ. އަތޮޅުތަކުގެ އަތޮޅުއޮފީސްތައް އަލުން ޢިމާރާތްކޮށްދިނުމާއި، ބައެއް ތަންތަން މަރާމާތުކޮށްދިނުމާއި، ރަށްރަށުގެ ރަށުއޮފީސްތައް ޢިމާރާތްކޮށްދިނުމާއި، ނުވަތަ މަރާމާތުކޮށްދިނުމާއި، ވަރަށް ގިނަ ތަންތާނގައި އަލުން މިސްކިތް ޢިމާރާތްކޮށްދިނުމާ، މިކަހަލަ ވަރަށް ގިނަ ކަންތައްތަކެއް، މިވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ރާއްޖެތެރެއަށް ކޮށްދިން. އާދެ، އެކަންތައްތައް އެ ކޮށްދިނީ ރާއްޖެތެރެއާއި މާލެއާ ދޭތެރޭގައި އޮންނަ ތަފާތު ބޮޑުކަމުން، ސަރުކާރުގެ އެހީ ރާއްޖެތެރެއަށް ލިބެންޖެހޭނެ ކަމަށް ސަރުކާރަށް ފެނިގެން.

އާދެ، މިރަށުގައި މިހާރު އެހެރަ މިސްކިތް އާދެ، މަސްޖިދުލް ފަލާޙު އެއީވެސް ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތްކޮށްދިން މިސްކިތެއް. މިކަންތައްތައް މިކުރަނީ ރާއްޖެތެރޭގެ ރައްޔިތުންގެ ޙާލަތު ކުރިއަށް ގެންދިޔުމަށްޓަކައި، ތަރައްޤީކުރުމަށްޓަކައި. އެމީހުންނަށް ބޭނުންވާ ކަންތައްތައް ސަރުކާރަށް ވެވުނު މިންވަރަކުން ކޮށްދިނުމުގެ ގޮތުން. އާދެ، މިކަހަލަ މަސައްކަތްތަކަކީ ހަމައެކަނި ސަރުކާރަކުން ކޮށްދެވޭނެ ކަންތައްތަކެއް ނޫން. އަމިއްލަ ފަރާތްތަކުންވެސް އަދި ރަށުގެ ރައްޔިތުންވެސް މިކަންކަމުގައި އެއްބާރުލައްވަންޖެހޭ. އަޅުގަނޑަށް ދަންނަވަންޖެހެނީ ރާއްޖެތެރޭގެ ހުރިހާ ތަނަކުންވެސް އެކަން ދަނީ އެގޮތަށޭ. ރާއްޖެތެރޭގެ ރައްޔިތުން ސަރުކާރަށް ވަރަށްބޮޑަށް އެއްބާރުލައްވައޭ. ސަރުކާރަށް އެހީތެރިކަން ބަހައްޓަވައޭ. އެގޮތުންނޭ ސަރުކާރުން ކުރަން ބޭނުންވާ ކަންތައްތައް ރާއްޖެތެރެއަށް މި ކޮށްދެވެނީ.

އާދެ! އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށްގިނަ ބަދަލުތަކެއް އަންނަމުން އެބަދޭ. ދުނިޔެ ބަދަލުވަމުންދާހެން، ޒަމާން ތަރައްޤީވަމުންދާހެން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައްވެސް ބަދަލުވަމުން، ތަރައްޤީވަމުންދާނެ. އާދެ، މީގެކުރިން ފީއަލީގެ ރައްޔިތުންވެސް ކުރެއްވި އެންމެ ބޮޑު މަސައްކަތަކީ މަސްވެރިކަން. ކަނޑުމަހުގެ މަސްވެރިކަން. އެހެންނަމަވެސް، މިހާރު އެކަން އެއޮތީ ބަދަލުވެފައި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާރު ފީއަލީގެ ފިރިހެނުން އެންމެ ގިނައިން ކުރާ މަސައްކަތަކީ ހުއިފިލަނޑާ ނެގުމާއި، ކަހަނބު ނެގުމުގެ މަސައްކަތް. އެއީވެސް ރަނގަޅު އިޤްތިޞާދީ މަސައްކަތެއް. އެއީ، ރައްޔިތުންނަށް ފައިދާ ލިބޭ ކަމަށްވަންޏާ، އެ މަސައްކަތް ކުރުމަކީވެސް ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑުމެން ވިސްނަންވީ ނުކުތާއަކީ، އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްވެސް، ވީ އެންމެ ރަނގަޅަކަށް ކުރެވޭތޯ ބެލުން. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުކުރެވޭތޯ ބެލުން. އެގޮތުން، އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްކުރެވޭނީ. އަދި އަޅުގަނޑުމެންގެ ރަށްވެސް ކުރިއަށް ގެންދެވޭނީ.

އާދެ، އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތަކަށް ވިސްނާލާއިރު، ކުރިންވެސް ދެންނެވިފަދައިން، ކުރިން ދިމާނުވާ ކަންތައްތަކެއް ދިމާވަމުންދޭ. އަދި ކުރިން އަޅުގަނޑުމެންގެ ރާއްޖޭގައި ނުކުރާ މަސައްކަތްތަކެއް މިހާރު ކުރަމުން އެބަ ގެންދަމު. އެއީ، ދުނިޔެ ބަދަލުވަމުންދާ ދިޔުމުގެ ތެރޭގައި ރާއްޖެއަށްވެސް އަންނަ ބަދަލުތައް. ރާއްޖޭގައި ކުރާ އެންމެ މުހިންމު އިޤްތިޞާދީ އެއް މަސައްކަތަކީ މިހާރު ޓޫރިޒަމް ކަމުގައި ވެއްޖެ. މަސްވެރިކަމާއި ޓޫރިޒަމް އެއީ، ރާއްޖޭގައި އިޤްތިޞާދީ ގޮތުން އެންމެ ފައިދާ ބޮޑު ދެ މަސައްކަތަކީ. އެ ދެ މަސައްކަތްވެސް ކުރިއަރުވައި ތަރައްޤީކުރުމަށް ސަރުކާރުންވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. މަސްވެރިކަން ތަރައްޤީކުރުމަށް ތަފާތު މަޝްރޫޢުތައް ރާވައިގެން ހިންގަމުން ގެންދަނީ. ޓޫރިޒަމް ތަރައްޤީކުރުމަށްވެސް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރޭ. އަދި މިނޫން މަސައްކަތްތައް ތަރައްޤީކުރުމަށްވެސް ސަރުކާރުން މަސައްކަތްތަކެއް ކުރޭ. ހަމައެފަދައިން، އަމިއްލަ ފަރާތްތަކުންވެސް އެފަރާތްތަކުން ކުރައްވާ މަސައްކަތްތައް ކުރިއަށް ގެންދެވުމަށްޓަކައި މަސައްކަތްކުރައްވާ. އަޅުގަނޑުމެންގެ ރާއްޖޭގެ ވަރަށްގިނަ ޢަދަދެއްގެ ބަޔަކު ބޯޓުފަހަރުގައިވެސް އުޅޭ. ބޭރު ބޯޓުފަހަރުގެ ވަޒީފާތަކަށްވެސްދޭ. އެއީވެސް ހަމަ ރަނގަޅު މަސައްކަތެއް. ބޭރުފައިސާ ލިބޭ މަސައްކަތެއް. މިހެންގޮސް އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތްތަކަކީ މިވަގުތަށް އަޅުގަނޑުމެންނަށް އެންމެ ފައިދާބޮޑު މަސައްކަތްތަކެއް ކަމުގައި އަޅުގަނޑުވެސް ދެކެން.

އާދެ، މިކަންތައް މިހެންހުރި ކަމުގައިވިޔަސް، އަޅުގަނޑުމެން ވިސްނަންވާނެ ނުކުތާތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމެއް، މިހާރު އަޅުގަނޑުމެންގެ ތިމާވެށްޓަށް މި އަންނަމުންދާ ބަދަލުތައް. އަޅުގަނޑުމެންގެ މާޙައުލަށް ދިމާވަމުން އަންނަ ނުރައްކާތައް. ތިޔަބޭފުޅުން އައްސަވާނެ، ޖައްވު ހޫނުވަމުންދާ ވާހަކަ. ކަނޑުގެ ލޮނުގަނޑު އުސްވަމުންދާ ވާހަކަ. އެއީ ކުއްލިއަކަށް ވަމުންދާ ކަމެއްނޫން. ނުވަތަ ކުއްލިއަކަށް ވާނެ ކަމެއްވެސް ނޫން. އެކަންތައްތައް އެއީ، ގިނަ ދުވަހުގެ ތެރޭގައި މަޑުމަޑުން ވަމުންދާ ނުވަތަ ވާނެ ކަންތައްތަކެއް. ސައިންޓިސްޓުން ހޯދާ ހޯދުންތައް ބުނާގޮތުގައި އެކަން ދަނީ އެހެންވަމުން. މުސްތަޤްބަލުގެ ކޮންމެވެސް ޒަމާނެއްގައި، މިސާލަކަށް، ވިއްސަކަށް އަހަރު ފަހުން ނުވަތަ ތިރީހަކަށް އަހަރު ފަހުން ނުވަތަ ފަންސާސް އަހަރު ފަހުންނަމަވެސް، ރާއްޖޭގައި އޭރަކު ތިބޭ ބަޔަކު އެކަންކަމާ ކުރިމަތިލާންޖެހޭނެ. އެކަމަކު މިހާރުއްސުރެ އެއްވެސް ފިޔަވަޅެއްނާޅައި، އެހާ ދުވަސްވަންދެން ތިބެއްޖެނަމަ، އޭރުތިބޭ ބަޔަކު އޭރުން ކުރާނެ މާބޮޑުކަމެއް ނޯންނާނެ. އޭރުން އޮންނާނީ ރާއްޖެއަށް ކުރިމަތިވާ ނުރައްކާތަކުން ދިފާޢުވެވޭނެ އެއްވެސްގޮތެއް ނެތިފައި.

އެހެންވީމާ، އެކަމާ ދޭތެރޭގައިވެސް ފިޔަވަޅު އަޅަންވީ ހަމަ މިހާރު. މިހާރުވެސް ލަސްވެއްޖެއޭ ދެންނެވޭނީ. އެހެންނަމަވެސް، މިހާރު މަސައްކަތް ފަށައިގެން ކުރަމުންގެންދާ ކަމަށްވަންޏާ، ﷲގެ ވާގިފުޅާއެކުގައި އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެންނަށް ސަލާމަތްކުރެވޭނެ. އަޅުގަނޑުމެންގެ ރަށްތައް އަޅުގަނޑުމެންނަށް ސަލާމަތްކުރެވޭނެ. އަޅުގަނޑުމެންގެ ރަށްތަކަކީ، ވަރަށް ފަސްގަނޑު ތިރި ރަށްތަކެއް. ތިން ފޫޓު ހަތަރު ފޫޓު މި ހުންނަނީ. ކަނޑުގެ ލޮނުގަނޑު ދެ ފޫޓު ނުވަތަ ތިން ފޫޓު އުފުލިއްޖެނަމަ، ދެން ވާނެގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އޭރުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށް ގިރާލައިގެން ހިނގައިދާނެ. ނުވަތަ ކަނޑުގެ އަޑިޔަށް ހިނގައިދާނެ. މިއީ އަޅުގަނޑުމެން ހިތަށް ގެންނަންވެސް ދަތި ނުރައްކާތެރި ކަމެއް. އެހެންނަމަވެސް، ސައިންޓިސްޓުން ބުނާގޮތުގައި، މިހާރުއްސުރެ ފިޔަވަޅު އަޅަމުން ނުދާކަމަށްވަންޏާ، މުސްތަޤްބަލުގައި މި ދެންނެވި ކަހަލަ ކަންތައްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް.

އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ރަށްތައް ސަލާމަތް ކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ކުރަން އެބަޖެހޭ. އެ ކަންތައްތަކުގެ ވާހަކަ ތިޔަބޭފުޅުންނަށް ރޭޑިއޯއިންވެސް އިވިވަޑައިގަންނަވާނެ. އަދި އެކިއެކި ބޭފުޅުން އެކިއެކި ޖަލްސާތަކުގައި ދައްކަވާ ވާހަކަފުޅުތަކުންވެސް އެނގިވަޑައިގަންނަވާނެ. އަޅުގަނޑަށްވެސް އެވާހަކަ އެތައްފަހަރަކު ވާނީ ދެކެވިފައި. ވަރަށް ކުރުގޮތަކަށް ދަންނަވަންޏާ، ރަށުގެ ފަސްގަނޑު ސަލާމަތް ކުރުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ ގަސް އިންދުން. ވީ އެންމެގިނައެއްކޮށް ރަށުގައި ރުއްގަސް ހައްދަންވީ. އަދި ޚާއްޞަކޮށް، ގޮނޑުދޮށް ސަލާމަތް ކުރުމަށްޓަކައި ހޭޅި ހައްދަންވީ. ކަމުގެ މާހިރުން ބުނަނީ، ރަށުގެ ވަށައިގެން ގަސްގަހާއި ރުއް ހެއްދުމުން، ފަސްގަނޑު ހިފެހެއްޓޭނެ ކަމަށް. އެހެންވީމާ، މުސްތަޤްބަލުގައި އަދި ރާޅުބޮޑުވިޔަސް، ކަނޑުގެ ލޮނުގަނޑު އުފުލިގެންދިޔަޔަސް، ފަސްގަނޑު ހިފެހެއްޓޭނެ ކަމަށްވަނީ.

ހަމައެއާއެކު، ދަންނަވަންޖެހެނީ އަޅުގަނޑުމެންގެ ފަރުފަރުވެސް ސަލާމަތް ކުރަންޖެހޭނެއޭ. އަޅުގަނޑުމެންގެ ދިރިއުޅުމަށްޓަކައި ވެއްޔާއި ގައު ނަގައި އެބަ ހަދަމު. ޚާއްޞަކޮށް، މިއަތޮޅުގެ ގިނަ ރަށްރަށުގެ މީހުންނަކީ ވެލި ގައު ނެގުމުގެ މަސައްކަތުގައި އުޅޭ މީހުން. އެހެންކަމުން، ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑުމެން އެ ނުކުތާއާ ދޭތެރޭގައި ވިސްނާލަންޖެހޭނެ. އަޅުގަނޑުމެންގެ ރަށާ ގުޅިފައި ހުންނަ ފަރު ނުވަތަ ކައިރީގައި ހުންނަ ފަރުފަރުން ގައު ނެގުމަކީ މުސްތަޤްބަލަށް ވިސްނާއިރު ވަރަށް ނުރައްކާ ކަމަކަށްވެދާނެ. އެ ފަރުފަރު އެގޮތަށް ހުރުމުން، އޭގެ ސަބަބުން އަޅުގަނޑުމެންގެ ރަށްތަކަށް ވަރަށް ބޮޑު ޙިމާޔަތެއް ލިބޭ. ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބޭ. އެހެންވީމާ، އަޅުގަނޑުމެންގެ ރަށްތައް މި ރައްކާތެރިކުރެވެނީ ފަރުފަރު އެގޮތަށް ހުރީމާ ކަމަށްވާތީ، އެ ފަރުތަކާ ނުކުޅެ، އެއިން މާގިނަ ޢަދަދަކަށް ގައު ނުނަގާ ބެހެއްޓުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް. މިހެން ދެންނެވި ކަމުގައިވިޔަސް، ރަށާ ދުރުގައި ހުންނަ ތަންތަނުން ގައު ނެގުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް. ވެލި ނެގުމަކީ އެންމެ ރަނގަޅު ކަމެއް. އޭގެ ސަބަބަކުން ތިމާވެށްޓަކަށް މާބޮޑު ނުރައްކަލެއް ކުރިމައްޗެއް ނުވާނެ.

އާދެ، އަދިވެސް އެބައޮތް އަޅުގަނޑުމެން މުސްތަޤްބަލުގައި ވިސްނަން ބޭނުންވާނެ، ވަރަށް މުހިންމު ނުކުތާއެއް. އެއީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި އެބައޮތް، މީހުން އުޅޭ 200 ރަށް. ގިނަ ރަށްރަށަކީ ވަރަށް ކުދިކުދި ރަށްތައް. ތިޔަބޭފުޅުންގެ މި ރަށް، ފީއައްޔަކީވެސް ބިމުގެ ގޮތުން ބަލާއިރު ވަރަށް ކުޑަކުޑަ ރަށެއް. އަދި ބައެއް ރަށްރަށުގައި ވަރަށް މަދު ޢަދަދަކަށް މީހުން އުޅެނީވެސް. 200 މީހުން، 300 މީހުން އުޅޭ ރަށްރަށް ރާއްޖެތެރޭގައި ވަރަށް ގިނަ. އަޅުގަނޑުމެން ވިސްނަންވީ މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ރަށްތައް ސަލާމަތްކުރަން ބޭނުންވާ ކަމަށްވަންޏާ، ކުދި ރަށްރަށުން ބޮޑެތި ރަށްރަށަށް މީހުން ބަދަލުވުން. އެއީވެސް އަޅުގަނޑުމެން ކުރަންޖެހިދާނެ ކަމެއްކަމަށް މިހާރުއްސުރެ ވިސްނަންޖެހޭނެ. އާދެ، އަޅުގަނޑަށްވެސް އެނގޭ، އެއްވެސް މީހަކަށް ފަސޭހަކަމަކަށް ނުވާނެ، އެމީހެއްގެ އަމިއްލަ ރަށް ދޫކޮށްލާފައި ދިޔުން އެއީ. އެހެންނަމަވެސް، ރަށް ސަލާމަތްކުރުމަށްޓަކައި، ތިމާގެ އަމިއްލަ ނަފްސާއި ޢާއިލާ ސަލާމަތް ކުރުމަށްޓަކައި، އެކަންތައްވެސް އެއީ، ކުރަން ޖެހިއްޖެނަމަ، ހަމަ ކުރަންޖެހޭނެ ކަމެއް. މުސްތަޤްބަލުގައި އަޅުގަނޑުމެން ވިސްނަންޖެހޭނެ، އެއީ 200 ރަށް ސަލާމަތްކުރުމަށްވުރެ، އެއަށްވުރެ މަދު ޢަދަދެއްގެ ރަށްތަކެއް ސަލާމަތްކުރުން މާފަސޭހަވާނެ. އެކަމަށް ހިނގާނެ ޚަރަދުވެސް ކުޑަވާނެ. ކުރަންޖެހޭ މަސައްކަތްވެސް ކުޑަވާނެ. އެހެންވީމާ، މުސްތަޤްބަލުގައި ބޮޑެތި ރަށްރަށަށް މީހުން ޖަމާވެ، އެތަންތާނގައި ތަންކޮޅެއް ބޮޑެތި ޖަމާޢަތްތަކުގައި މީހުން އުޅުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް އިތުރު ރައްކާތެރިކަމެއް ލިބޭނެ ކަމެއް.

އާދެ، ކޮންމެއަކަސް މި މައްސަލަތައް، މި ކަންތައްތައް ހުރިގޮތަށް ވަރަށް ސާފުކޮށް ތިޔަބޭފުޅުންނަށް އަޅުގަނޑު މި ދެންނެވީ. އެއްވެސް ކަމެއް ނުފޮރުވާ. އެއީ އަޅުގަނޑުމެންނަށް ޙަޤީޤަތް އެނގިގެން އެކަންކަމާ ކުރިމަތިލާން އެނގޭނީ. ރައްޔިތުން ޖެހިލުންވެދާނެތީ، ނުވަތަ ރައްޔިތުން ހާސްވެދާނެތީ، އެއްވެސް ކަމެއް ފޮރުވާފައި ބާއްވައިގެން، ސަރުކާރުން އެކަންކަން ވަންހަނާކޮށްފައި ބާއްވައިފިނަމަ، އޭގެ ނަތީޖާ މާނުބައިވާނެ. ރައްޔިތުންނަށް ޙަޤީޤަތް އޮޅުންފިލަންޖެހޭނެ.

އާދެ، އެގޮތުން އަދި ދަންނަވާލަން ބޭނުންވާ އެހެން ވާހަކައެއްވެސް އެބައޮތް. އެއީ، މިހާރު ގަލްފުގެ މައްސަލަ އުޅޭގޮތުން، ގަލްފުގައި ހަނގުރާމައެއް ފެށުމަކީ ކައިރީގައި އޮންނާނެ ކަމެއްކަމަށް ވަރަށް ގިނަ ފަރާތްތަކުން ބުނޭ. އާދެ، ހަނގުރާމައެއް ފެށޭނެކަމުގެ ޔަޤީންކަމެއް އެއްވެސް މީހަކަށް ނެތް. އެއްވެސް މީހަކަށް ކަނޑައެޅިގެން ބުނާކަށް ނޭނގޭނެ. އެހެންނަމަވެސް، ތިޔަބޭފުޅުންވެސް ޚަބަރުތައް އައްސަވާކަމަށްވަންޏާ އެނގިވަޑައިގަންނަވާނެ. ދުނިޔޭގެ ގިނަ ފަރާތްތަކުން ދެކޭގޮތުގައި ގަލްފުގައި ހަނގުރާމައެއް ފެށުމަކީ އެއްގޮތަކަށްވެސް މިހާރު ދުރުގައި އޮތްކަމެއްނޫން. އެފަދަ ހަނގުރާމައެއް ގަލްފުގައި ފެށިއްޖެނަމަ، އޭގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެއަށް ކުރާނީ ކޮންކަހަލަ އަސަރެއްތޯ އެއީ، މިހާރު އަޅުގަނޑުމެން ވިސްނަންވެއްޖެ ކަމެއް. އެންމެ ފުރަތަމަ ކުރާނެ އަސަރެއްކަމަށް ސަރުކާރަށް ފެންނަނީ ތެލުގެ ދަތިކަން އިޙްސާސް ކުރަންޖެހުން. އެއީ ގަލްފަކީ ތެޔޮ އުފައްދާ ޤައުމުތަކެއް އޮންނަ ސަރަޙައްދެއް. ދުނިޔޭގައި ވަރަށް ގިނަ ޢަދަދަކަށް ތެޔޮ އުފައްދާ ޤައުމުތަކެއް އެހިސާބުގަނޑުގައި އޮތީ. އެހެންވީމާ، އެތާނގައި ހަނގުރާމަ ފެށިއްޖައީވިއްޔާ، އެތަންތަނުން މުޅި ދުނިޔެއަށް ތެޔޮލިބޭ ލިބުމަށް ހުއްޓުމެއް އަރާފާނެ. އަޅުގަނޑުމެން ތެޔޮ އެތެރެކުރަނީ ސީދާ ގަލްފަކުންނެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެން އެ ތެޔޮ އެތެރެކުރާ ތަންތަނަށް ތެޔޮހޯދަނީވެސް، އޭގެ ބޮޑުބައި ގަލްފުން. އެހެންވީމާ، އަޅުގަނޑުމެން އެ ގެންނަ ތެޔޮގަތުމަށް ހުރަސްއެޅޭ ގޮތްތަކެއް ދިމާވެދާނެ. އަދި ތެޔޮލިބޭ ކަމަށްވިޔަސް، އޭގެ އަގު މިހާރަށްވުރެ މާބޮޑުތަން އިތުރުވެގެންދިޔުން އެއީވެސް އެކަށީގެންވާ ކަމެއް. އެހެންކަމުން، މިހާރުއްސުރެ އަޅުގަނޑުމެން ވިސްނަންވެއްޖެ، ތެލުގެ ބޭނުންކުރުން މަދުކުރެވޭތޯ ބަލަން. މިހާރު ބޭނުންކުރާވަރަށްވުރެ މަދުން ތެލުގެ ބޭނުންހިފޭތޯ ބަލަންވެއްޖެ. ތެލުގެ ބޭނުމަކީ ވަރަށް ގިނަ ކަންތައްތަކުގައި އަޅުގަނޑުމެންވެސް މިހާރު ބޭނުންކުރަން ޖެހިފައިވާ އެއްޗެއް. އަޅުގަނޑުމެންގެ އިންޖީނު ދޯނިފަހަރު ދުއްވަނީވެސް ތެލުން. އަޅުގަނޑުމެންގެ ރަށްރަށުގައި ހުންނަ އެކިއެކި ޖަނަރޭޓަރުތައް މި ހިންގަނީވެސް ތެލުން. އަދި މާލެއާއި ޓޫރިސްޓް ރިޒޯޓްތަކާ، މިތަންތާނގައި ހުންނަ ދިއްލުންތަކާއި، ބޭނުންވާ ހުރިހާކަމެއްހެން، ދިރިއުޅުމަށް އެއަށް ބޭނުންވާ ހަކަތަ މި ހޯދަނީ ތެލުން.

ތެޔޮލިބުން ދަތިވެއްޖެނަމަ، މި ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން ޢަމަލީ ފިޔަވަޅުތަކެއް އަޅަންޖެހޭނެ. މާލޭގެ ކަރަންޓަށްވެސް ބަދަލެއް އަތުވެދާނެ. ހަނގުރާމަ ފެށިއްޖިއްޔާ، މާލޭގެ މީހުންނަށް ކަރަންޓް ލިބޭ ގަޑި މިހާރަށްވުރެ މަދުކުރަންޖެހިދާނެ. އެއީ، ތެޔޮ ރައްކާތެރިކުރުމުގެ ގޮތުން. ތެލުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން. އެހެންވީމާ، އަޅުގަނޑުމެން އަމިއްލައަށްވެސް، އަޅުގަނޑުމެން ދޯނިފަހަރު ދުއްވާ މީހުންނާއި، ކަރަންޓް އުފައްދަން ނުވަތަ އެނޫން ކަންކަމުގައި ތެލުގެ ބޭނުންކުރާ މީހުން، މިހާރުން ފެށިގެން ތެލުގެ ޚަރަދު ކުޑަކުރެވޭތޯ، ތެޔޮ ބޭނުންކުރެވޭވަރު ކުޑަކުރެވޭތޯ ބަލަންވެއްޖެ. އެއީ، އަޅުގަނޑުމެންނަކީ އަދި ތެޔޮ އުފައްދާ ޤައުމެއް ނޫން. އަޅުގަނޑުމެންނަށް ބޭނުންވާ ހުރިހާ ތެލެއް މިގެންނަނީ ބޭރުން. ހަމައެއާއެކުގައި، އަޅުގަނޑުމެން ޚަރަދު ކުޑަކުރެވޭތޯވެސް ބަލަންޖެހޭނެ. އެއީ، ހަނގުރާމައެއް ފެށިގެން، އޭގެ ދަތިކަން ދުނިޔެއަށް ފޯރަމުންދާ ކަމަށްވަންޏާ، ތަކެތީގެ އަގުބޮޑުވުމަކީވެސް އެކަށީގެންވާ ކަމެއް. އެއީ، އެތަކެތި އުފައްދާ އުފެއްދުމުގެ އަގުބޮޑުނުވިޔަސް، އުފެއްދުމުގެ އަގުވެސް ބޮޑުވެދާނެ. އެއީ، ތެލުން ހިނގާ ފެކްޓްރީތައް ނުވަތަ ތަންތަނުން އުފައްދާ އެއްޗެތި ކަމަށްވަންޏާ، އޭގެ އަގުބޮޑުވުމަކީ އެކަށީގެންވާ ކަމެއް. ކޮންމެގޮތެއްގައިވެސް ނާލު މައްޗަށްދާނެ. ނާލު މައްޗަށްދިޔައިމާ، ބޭރުދުނިޔެއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުބޮޑުވާނެ. އެހެންވީމާ، އަޅުގަނޑުމެން އަތުގައި ފުދޭވަރަކަށް ފައިސާ ހުރެގެން މުސްތަޤްބަލުގައި އެއްޗެތި ގަނެވޭނީ. މި ދަންނަވަނީ ހަނގުރާމަ ފެށިއްޖިއްޔާ ވާނެގޮތް. ނުވަތަ ހަނގުރާމަ ފެށިގެން ދިގުލާކަމަށްވަންޏާ ވާނެގޮތް. ހަނގުރާމައެއް ނުފެށި، ﷲގެ ވާގިފުޅާއެކު، މިންވަރުފުޅާއެކު، ހަނގުރާމައެއް ނުފެށި މައްސަލަ ޙައްލުވެގެން ހިނގައްޖައީވިއްޔާ، މިއިން އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ކުރިމައްޗެއް ނުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ބަލަންޖެހޭނީ ހަނގުރާމައެއް ފެށިދާނެ ކަމަށް. އެކަމަށްޓަކައި މިހާރުއްސުރެވެސް ވާނެ ތައްޔާރުވާން.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އިރާދަކުރެއްވިއްޔާ ކާޑަކަށް ނުޖެހޭނެ. ގަލްފުގައި ހަނގުރާމައެއް ފެށުނަސް، ރައްޔިތުންނަށް ބޭނުންވާ ކާޑު އިރާދަކުރެއްވިއްޔާ ލިބެން ހުންނާނެ. ކާޑުގެ ބާވަތްތައް، މިހާރުވެސް ރާއްޖޭގައި ފުދޭވަރަށް އެބަހުރި. އަދި މުސްތަޤްބަލަށް ވިސްނާއިރުވެސް، ކާޑުގެ ބާވަތްތައް ގެނައުމަށް މިހާރުވެސްވަނީ އެގްރިމެންޓް ކުރެވިފައި. އެހެންވީމާ، އެކަމަށް ބުރޫއަރާނެ ކަމަކަށް އެއްގޮތަކަށްވެސް ނުފެނޭ. އެކަމާ އަޅުގަނޑުމެން ހާސްވާކަށްނުޖެހޭ. މާކުރިން ކާޑުގެ ގިނަ ޢަދަދުތަކެއް އަޅުގަނޑުމެން ގަނެގެން، ގޭގޭގައި ރައްކާކޮށްފައި ބަހައްޓާކަށް ނުޖެހޭ. އެހެން ހެދުމުން ފަހަރެއްގައި ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ. ދެން އޭރަކުން ރައްޔިތުންނަށް ބޭނުންވާ ކާޑު، ރައްޔިތުންގެ އަތުގައި ހުރި މިންވަރެއް ސަރުކާރަކަށް ނޭނގޭނެ. ރައްޔިތުންގެ އަތުގައި ހުރި މިންވަރު އެނގުނީމާތާ، އެނގޭނީ އިތުރަށް އިމްޕޯޓްކުރަން. އިތުރަށް ކާޑު ގެންނަންވީވަރެއް.

އެހެންވީމާ، ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރިއްޔާ ވާނެގޮތަކީ އަބަދުވެސް އެނގޭނެ. ސްޓޮކް ބެލެހެއްޓޭނެ. މިހާރު ހުރީ މިތައްމަހުގެ ކާޑުކަން އެނގޭނެ. އެހެންވީމާ، މިހާރު އޯޑަރުދޭންވެއްޖެކަން ނުވަތަ ނޫންކަން އެނގޭނެ. އެހެނެއްނޫން، މީސްމީހުން ގަނެގެން ހުރިހާ ކާޑު އެއްފަހަރާ ގެންގޮސް، އެމީހުންގެ ގޭގޭގައި ނުވަތަ އެހެން ތަންތާނގައި ފޮރުވާފައި ބަހައްޓާ ކަމަށްވަންޏާ، އެއްގޮތަކަށްވެސް ނޭނގޭނެ ހުރިވަރެއް. އެހެންވީމާ، ސަރުކާރަށް އެއީ ވަރަށް ބޮޑު ދައްޗަކަށްވާނީ.

އެހެންވީމާ، އަޅުގަނޑުގެ ނަސޭހަތަކީ، ސަރުކާރުން އެ އަންގާ ގޮތަކަށް، ހުރިހާ ރައްޔިތުންވެސް ކަންތައް ކުރެއްވުން. އޭރުން އިރާދަކުރެއްވިއްޔާ މި އަންނަ ދަތި ވަރަށް ފަސޭހައިން ފިލައިގެން ހިނގައިދާނެ. އެނޫންގޮތަކަށް ކަންތައް ކުރަންޏާ ސަރުކާރުން ފިޔަވަޅު އަޅަންޖެހޭނެ. މިހާރު ތިޔަބޭފުޅުން އައްސަވާނެ، ކަރާސީނު ތެލުގެ އަގު، ސަރުކާރުން ކޮންޓްރޯލް ކުރި ވާހަކަ. އެހެން ހަދަންޖެހުނީވެސް، މި ފަހަކަށްއައިސް މީހުން ކަރާސީނު ތެޔޮ މާގިނަ ޢަދަދަކަށް ގަނެ، ނުވަތަ ބައެއްމީހުން އެކަށީގެންނުވާ ބޮޑު އަގަކަށް ވިއްކަމުން ގެންދާތީ. ރައްޔިތުންގެ ސަލާމަތަކަށްޓަކައި އަގު ކޮންޓްރޯލް ކުރަންޖެހުނީ. މިކަހަލަ ކަންތައް ކުރަންޖެހޭނެ، ނޭދެވޭގޮތަކަށް ކަންތައްތައްދާ ކަމަށްވަންޏާ. އެއާ ޚިލާފަށް، ސަރުކާރުން ކެނޑިނޭޅި ރޭޑިޔޯއާއި ޓީ.ވީ. މެދުވެރިކޮށް، އަދި ނޫސްތައް މެދުވެރިކޮށް، ރައްޔިތުންނަށް މި އިރުޝާދުދޭ ކަންތައްތައް، އެގޮތަށް ރައްޔިތުން ކުރައްވަމުން ގެންދަވާ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތައްވެސް ވަރަށް އޮމާންކަމާއެކު ފާއިތުވެގެން ހިނގައިދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށްނެތިން. މިރަށަށް އާދެވުނުކަން އެއީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި ދަންނަވަންޖެހޭ. އަދި ފީއަލީގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ކިޔުއްވި މަރުޙަބާއަށްޓަކައި ފީއަލީގެ ވެރިންނަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ، މިއަދު އަޅުގަނޑު މިރަށަށް އަންނާނެކަން އެނގިވަޑައިގެންފައި އޮތުމާއެކު، ވަރަށް ފުރިހަމަގޮތަކަށް ރަށްވަނީ ތައްޔާރުކުރައްވާފައި. ގިޑިގެ ހައްދަވައި، ވަރަށް ގިނަ ޢަދަދަކަށް ދިދަ ނަންގަވައި، ދިދަފަތި ދަންމަވައި، މަރުޙަބާގެ އެކިއެކި ލިޔުންތައްވެސް ދަންމަވައި ހައްދަވާފައި އެބަހުރި. ވަރަށް ރަނގަޅަށް ރަށުތެރެ ސާފުކުރައްވާފައިވެސް އެބަހުރި. އާދެ، އެކަހަލަ ކަންތައްތައް އެއީ، ކޮންމެހެން ރައްޔިތުން ކުރައްވަންޖެހޭނެ ކަންތައްތަކެއް ނޫން. އެއްވެސް ރަށަކަށް އަޅުގަނޑުދާތީ، އެރަށުގެ ރައްޔިތުން އެކަހަލަ ބުރަ މަސައްކަތްތަކެއް ކުރެއްވުމަކީ، ޙަޤީޤަތުގައި އަޅުގަނޑު އެދޭ ކަމެއްވެސް ނޫން. އެހެންނަމަވެސް، މި ކަންތައްތައް ރައްޔިތުން މި ކުރައްވަނީ، ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ ދޭތެރޭގައި އޮތް އިޚްލާޞްތެރިކަމެއްގެ ބޮޑުކަމުންކަން އަޅުގަނޑަށް ވިސްނޭތީ، އެކަމާ ދޭތެރޭގައި އެއްޗެއް ނުދަންނަވައި، ހިތުގެ އަޑިން ޝުކުރުވެރިކަމާއެކު އެކަން މި ޤަބޫލުކުރަނީ.

ކޮންމެއަކަސް، މިއަދު ފީއައްޔަށް އައުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަދި ފ. އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށަކަށް އިއްޔެއާއި މިއަދު ޒިޔާރަތްކުރުން، މިއީވެސް އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބިދިން ކަމެއް. މި އަތޮޅާބެހޭ ވަރަށް ގިނަ މަޢުލޫމާތު، މި ދަތުރުން އަޅުގަނޑަށް ލިބިއްޖެ. އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި މިހާރަށްވުރެވެސް ބޮޑަށް ސަރުކާރުގެ އެހީ އެކިކަންކަމުގައި ލިބެމުންދާނެ. މިހެން ދެންނެވިޔަސް، ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވަންވާނެ. ސަރުކާރަށްވެސް އެހީވެވޭނީ އެވަގުތަކަށް ވެވެން އޮންނަ މިންވަރަކަށް. އެއީ، އަޅުގަނޑުމެންގެ ރާއްޖެއަކީ މާ މުއްސަނދި، ތަނަވަސް ރާއްޖެއެއް ނޫން. ސަރުކާރަށް ލިބޭ ފައިސާވެސް އެއީ މާބޮޑު އެއްޗެއް ނޫން. ޚާއްޞަކޮށް، ޚަރަދުތައް، އެއްއަހަރުން އަނެއް އަހަރަށް ގިނަވަމުންދާއިރު، ލިބޭ އެއްޗެއް ޚަރަދުކުރާއިރުވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ. އެކަން އެހެން އޮތް ކަމުގައިވިޔަސް، ކިރިޔާވެސް ސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއްގެ އެހީއެއް ވެވެންއޮތިއްޔާ ނުވެއެއްނުދާނެ.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެން އެންމެންނަށް، ރާއްޖެއަށް، ރާއްޖޭގެ ރައްޔިތުންނަށް އަމާންކަމާއި ޞުލްޙަވެރިކަން މިންވަރުކުރެއްވުން. އަޅުގަނޑުމެންނަށް ބާއްޖަވެރި، އުފާވެރި ދުވަސްތަކެއް ދެއްކެވުން. އަދި އަޅުގަނޑުމެންގެ އަމިއްލަ ޤައުމުގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލެއްވުން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑާ އެކީގައި މި ދަތުރު ފެށުނީއްސުރެ އުޅުއްވި ފ. އަތޮޅު އަތޮޅުވެރިޔާގެ އިސްއެހީތެރިޔާ އަލްފާޟިލް މުޙައްމަދު ތައުފީޤަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭނާއަށާއި އަދި އަތޮޅުއޮފީހުގެ އެހެން މުވައްޒަފުންނަށާއި، މި އަތޮޅުގެ ހުރިހާ ރަށްރަށުގެ ވެރިންނަށްވެސް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.