بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى خاتم الأنبياء والمرسلين، وعلى آلـه وَصَحْبِـهِ أجمعـين.

މިއަދު އަޅުގަނޑު ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށް، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށް އައިސް މިހިރީ ވަރަށް އަވަސް އަދި ކުއްލި ދަތުރެއްގައި. މި ދަތުރުގެ ޕްރޮގްރާމް ހަމަޖެހިފައިވާ ގޮތުން، ތިނަދޫގައިވެސް އަޅުގަނޑަށް ހޭދަކޮށްލެވެން އޮތީ ވަރަށް ކުޑަކުޑަ ވަގުތުކޮޅެއް. އެކަމަށްޓަކައި އަޅުގަނޑު ހިތާމަކުރަން. އެހެންނަމަވެސް، ތިނަދުއަށް އައިސް ތިނަދޫގެ ޢިއްޒަތްތެރި ވެރިންނާއި ރައްޔިތުންނާ ބައްދަލުކޮށްލުމުން، އަޅުގަނޑަށް އިޙްސާސްކުރެވޭ އުފަލެއްގެ ބޮޑުކަމުން އަޅުގަނޑު މި ރަށުގައި ހޭދަކުރަން ލިބިފައިވަނީ ކިތަންމެ ކުޑަ ވަގުތުކޮޅެއް ކަމުގައިވިޔަސް، އަޅުގަނޑު މި ރަށަށް އައުމަކީ ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެން.

އާދެ، ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ ފަދައިން، މީގެކުރިން އެތައްފަހަރެއްގެ މަތިން އަޅުގަނޑަށް ވަނީ ތިނަދުއަށް ޒިޔާރަތް ކުރެވިފައި. އެންމެ ފުރަތަމަ، އަޅުގަނޑު މި މަޤާމާ ޙަވާލުވުމުގެ މާކުރިން އަޅުގަނޑު މި ރަށަށްއައިން. އޭގެފަހުން މިހާރު މިހުރި މަޤާމާ ޙަވާލުވިފަހުން، މީގެކުރިން ފަސްފަހަރަކު އަޅުގަނޑަށް ތިނަދުއަށް ޒިޔާރަތްކުރުމުގެ އުފާވަނީ ލިބިފައި. އޭގެތެރެއިން އެންމެފަހު ފަހަރަކީ، މިދިޔަ އަހަރު ޖަނަވަރީ މަހުގެ ތެރޭގައި އަޅުގަނޑަށް ލިބުނު ފުރުޞަތު. އާދެ، އެއީ ތިނަދޫ އަލަށް އާބާދުވުމަށް 25 އަހަރު ފުރުން ތިނަދޫގެ ރައްޔިތުން ފާހަގަކުރެއްވި މުނާސަބަތު. ވަރަށް ކުލަގަދަގޮތެއްގައި، ވަރަށް އުފާވެރިގޮތެއްގައި، އެ މުނާސަބަތު މި ރަށުގައި ފާހަގަވެގެންދިޔައީ. އެހެންކަމުން، އެ މުނާސަބަތުގައި ތިނަދުއަށް އައިސް، ތިޔަބޭފުޅުންނާ މުޚާޠަބުކޮށް އެއްޗެއް ދަންނަވާލުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި.

އާދެ، އަޅުގަނޑުމެން މި ދެކެމުންދާ ދުވަސްތަކަކީ ވަރަށް އާދަޔާޚިލާފު ބަދަލުތަކެއް މުޅި ދުނިޔެއަށްވެސް އަންނަމުންދާ ދުވަސްތަކެއް. އެ ބަދަލުތައް އަޅުގަނޑުމެންގެ ރާއްޖެއަށްވެސް އާދޭ. އެހެންކަމުން، އަޅުގަނޑުމެންނަށް ޖެހެނީ ދުނިޔެއަށް އަންނަ ބަދަލުތަކާއި އަދި އަޅުގަނޑުމެންގެ ރާއްޖެއަށް އަންނަ ބަދަލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅުގަނޑުމެންގެ ތަރައްޤީގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން.

ބޭރު ދުނިޔެއަށް ނަޒަރު ހިންގާލާއިރު އިއްޔެއަކީ، ވަރަށް ޚާއްޞަ ގޮތެއްގައި މުސްލިމް ޤައުމުތަކަށް، މުޅި އިސްލާމީ އުންމަތަށް ފާހަގަކުރެވިގެންދާނެ ދުވަހެއް. ތިޔަބޭފުޅުންވެސް އައްސަވާފައި ވާނެ ފަދައިން، މެދުއިރުމަތީގެ ޞުލްޙައާބެހޭ މުޢާހަދާއެއްގައި އިއްޔެ ވޮޝިންގޓަންގައި ވަނީ ސޮއިކުރެވިފައި. އާދެ، އަޅުގަނޑުމެންގެ ރާއްޖެއަށް އެ ދިމާވީ ރޭގެ އިރާކޮޅުގެ ވަގުތަކާ. އެ ސޮއިކުރެވުނު މުޢާހަދާއަކީ ޝައްކެއްނެތްގޮތުގައި، ވަރަށް މުހިންމު އަދި ވަރަށް ތާރީޚީ މުޢާހަދާއެއް. އެއީ، އެއްގޮތަކަށްވެސް އެ މުޢާހަދާގެ ސަބަބުން މެދުއިރުމައްޗަށް ދާއިމީ އަދި ޢަދުލުވެރި ޞުލްޙައެއް މިހާރުންމިހާރަށް އަންނާނެތީއަކީނޫން. އެއާޚިލާފަށް، މެދުއިރުމައްޗަށް ޞުލްޙަ އައުން އޮތީ އަދިވެސް އެތައް މަސައްކަތްތަކެއް ކުރުމަށްފަހުގައި ކަމަށް އެންމެންވެސް ޤަބޫލުކުރޭ. އަޅުގަނޑުމެންގެ ރާއްޖޭގެ ފަރާތުން މި މުނާސަބަތު ފާހަގަކޮށް، ފަލަސްޠީނުގެ އުޚުއްވަތްތެރި އެކުވެރި ރައްޔިތުންނަށް ދިވެހިރާއްޖެއިން މުބާރަކްބާދީއާއި ތަހުނިޔާ ރައްދުކުރޭ. ސަބަބަކީ ވަރަށްގިނަ އަހަރުތަކެއް ވަންދެން ފަލަސްޠީނުގެ މުސްލިމް ރައްޔިތުން ކުރި ވަރުގަދަ ޖިހާދަށްފަހުގައި އެ މީހުންނަށް އަލިމަގެއް ފެނުމުގެ ކޮޅުމަތި އިއްޔެ ނުވަތަ ރޭ މި ސޮއިކުރެވުނު މުޢާހަދާގެ ސަބަބުން ފެނިގެންދިޔަ ކަމަށްވާތީ.

އާދެ، ދިވެހިރާއްޖެއިން އުއްމީދުކުރަނީ، އިއްޔެ މި ހިނގާދިޔަ މުހިންމު ޙާދިޘާގެ ސަބަބުން ވަރަށް އަވަސް މުސްތަޤްބަލެއްގެ ތެރޭގައި، ވަރަށް ކައިރި މުސްތަޤްބަލެއްގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުންނަށް، އެ މީހުންގެ ހުރިހާ ޙައްޤުތަކެއް ލިބިގެންދާނެ ކަމަށް. އެ މީހުންގެ ކިބައިން ވަކިނުކުރެވޭނެ، އެ މީހުންގެ އަސާސީ ޙައްޤުތައް އަދި އެ މީހުންގެ އަމިއްލަ ޤައުމީ ފަސްގަނޑުގައި އެ މީހުންގެ ވަޒަނެއް، ދައުލަތެއް ޤާއިމްކުރުމުގެ ފުރުޞަތު، މާލަހެއްނުވެ އެ މީހުންނަށް ލިބިގެންދާނެ ކަމަށް. މި އުއްމީދާ އެކީގައި އަޅުގަނޑުމެން ދިވެހިރާއްޖޭގެ ފަރާތުން މި ދެންނެވި މުޢާހަދާއަށް މަރްޙަބާ ކިޔަނީ. ފަހަރެއްގައިވެސް އަޅުގަނޑުމެން ހަނދާނެއްނުނެތޭ، އިސްރާއީލުގެ ފަރާތުން މުސްލިމުންނާ ދެކޮޅަށް ކުރި ހަނގުރާމަތަކާއި، މުސްލިމުންގެ އެތައްހާސް ބަޔަކު މަރަމުން، އެ މީހުންގެ ލޭއޮހޮރުވަމުން ގެންދިޔަކަމެއް. އެކަމަކީ ތާރީޚުގައި ލިޔެވިފައިވާ ކަމެއް. އަދި މިފަދަ މުޢާހަދާއެއްގައި ސޮއިކުރި ކަމުގައިވިޔަސް، މި ދެންނެވި ހިތާމަވެރި ޙާދިޘާތަކުގެ ހަނދާނެއް ފަލަސްޠީނުގެ ރައްޔިތުންގެ ހިތްތަކަކުންވެސް އަދި އިސްލާމީ އުއްމަތުގެ އެހެން މީހުންގެ ހިތްތަކަކުންވެސް ފިލައިގެނެއް ނުދާނެ. އެކަން އެހެން އޮތް ކަމުގައިވިޔަސް، ޞުލްޙައިގެ މަގުގައި އެޅޭ ފިޔަވަޅަކީ، އޭގެ ފަހަތުގައި އެއަށްވުރެ މަތިވެރި ކާމިޔާބީތަކަކާ ހަމަޔަށް ފަލަސްޠީނުގެ ރައްޔިތުންނަށްވެސް ދެވިދާނެ ފިޔަވަޅެއް ކަމަށް ދުނިޔޭގެ ވަރަށް ގިނަ ފަރާތްތަކުން ޤަބޫލުކުރާތީ، އަޅުގަނޑުމެންވެސް އެކަން ޤަބޫލުކޮށް، މި މުނާސަބަތަށްޓަކައި މަރްޙަބާ ކިޔަނީ.

އާދެ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ އިސްލާމީ އުންމަތުގެ ބައެއް. އިސްލާމީ އުންމަތުގައި ހިނގާ ކޮންމެ ކަމަކާ ބެހޭގޮތުން އަޅުގަނޑުމެންގެ ހިތްތަކުގައި ޚާއްޞަ ޝުޢޫރުތަކެއް އުފެދިގެންދާނެ. އެކަމަކީ، އުފާވެރި ކަމެއް ކަމުގައި ވެއްޖެނަމަ، އަޅުގަނޑުމެންނަށްވެސް އެ އުފާ އިޙްސާސްކުރެވޭނެ. އެކަމަކީ ހިތާމަވެރި ކަމަކަށް ވެއްޖެނަމަ، އަޅުގަނޑުމެންގެ ހިތްތަކަށްވެސް އެކަމުގެ ސަބަބުން ލިބިގެންދާނީ ހިތާމައިގެ ޝުޢޫރުތައް. އާދެ، އިސްލާމީ ޤައުމެއްގެ ޙައިޘިއްޔަތުން އަޅުގަނޑުމެން ކުރިއަށްދާއިރު، އަޅުގަނޑުމެން ވިސްނަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑުމެންގެ ޙަޔާތުގެ ކަންތައްތައް ދީނުގެ އުޞޫލުތަކާ އެއްގޮތަށް ގެންދިޔުން، ދީނީ ހަމަތަކާ ޚިލާފުނުވާ ގޮތެއްގެމަތީން އަޅުގަނޑުމެން ތަރައްޤީގެ މަގުގައި މަސައްކަތް ކުރަމުން ގެންދިޔުން. އަޅުގަނޑުމެންނަކީ، އެއްބަނޑުއެއްބަފާ ބައެއްކަން ހަނދާންކޮށް، އަޅުގަނޑުމެންގެ މެދުގައި، ﷲ ކަނޑައަޅުއްވާފައިވާ ފަދަ މަތިވެރި އުޚުއްވަތްތެރި ކަމުގެ ރޫޙެއް ފެތުރިގެންދިޔުމަށް އަބަދުވެސް އަޅުގަނޑުމެން ބާރުއަޅަންޖެހޭނެ. އަޅުގަނޑުމެންނަކީ މިހާތަނާ ޖެހެންދެންވެސް ވަރަށް އެކުވެރި، ވަރަށް ހަމަޖެހޭ ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފާހަގަވެފައިވާ ޤައުމެއް. އެ މަތިވެރި ނަޞީބު އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެބޮޑު ސަބަބަކީ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމުގައިވުންކަން ކަށަވަރު. އެހެންކަމުން، އެ މަތިވެރި ދީނުގެ ހިދާޔަތުގައި ހިފަހައްޓައިގެން، އެ މަތިވެރި ދީނުގެ މަތިވެރި އިރުޝާދުތަކުގެމަތިން އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަމުންގެންދާ ކަމުގައިވަންޏާ، މުސްތަޤްބަލުގައިވެސް ރާއްޖެއަށް ލިބެމުންދާނީ އިތުރު ކުރިއެރުމާއި ތަރައްޤީކަން ކަށަވަރު.

އާދެ، މިއަދުގެ މި ދަތުރަކީ، ކުރިންވެސް ދެންނެވި ފަދައިން، ވަކިގޮތަކަށް ހަމަޖެހިފައިވާ ދަތުރަކަށްވާތީ، އަޅުގަނޑަށް މާދިގުކޮށް މިތާނގައި ވާހަކަ ދައްކާކަށް ހުރެވޭކަށެއް ނެތް. އެހެންނަމަވެސް، ދެތިން ކަމެއްގެ ވާހަކަ އަޅުގަނޑަށް ދަންނަވާލަންޖެހޭ.

އާދެ، އެންމެ ފުރަތަމަ ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑު މިއަދު މިތަނަށް މިއައީ، ތިނަދުއަށް މިއައީ އަދި ހުވަދުއަތޮޅު ދެކުނުބުރިއަށާއި ހުވަދުއަތޮޅު އުތުރުބުރިއަށް މި ޒިޔާރަތް ކުރަނީ ހަމަ އެންމެ މަޤްޞަދެއްގައޭ. އާދެ، އެ މަޤްޞަދަކީ ދިވެހި ސަރުކާރުގެ ހިތުގައި ދިވެހި ރައްޔިތުންނާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ޝުޢޫރުތައް ތިޔަބޭފުޅުންނަށް ހާމަކޮށްދިނުން. އަބަދުވެސް ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންގެ ތަރައްޤީއަށާއި، ރައްޔިތުންގެ ކުރިއެރުމަށާއި، ރައްޔިތުންގެ ހަމަޖެހުމަށްކަން ތިޔަބޭފުޅުންނަށް ޔަޤީންކޮށް އެރުވުން.

ޝައްކެއްނެތް، ތަރައްޤީގެ މަގުގައި ރާއްޖެވެސް ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފައި. އޭގެތެރެއިން ވަރަށްގިނަ ފިޔަވަޅުތައް މިހާރުވަނީ ކާމިޔާބުވެސް ވެފައި. އަނެއްބައި ފިޔަވަޅުތަކުގެ މަސައްކަތްތައް ކުރިއަށްދަނީ. މިހުރިހާ ކަމެއް ކުރަމުންދާއިރު އަޅުގަނޑުމެންގެ ރާއްޖެތެރެއަށް މި އަންނަމުންދާ ދިރުމާއި، ރާއްޖެތެރެއަށް ލިބެމުންދާ ތަރައްޤީއާއި ކުރިއެރުމަކީ، އަޅުގަނޑުމެން އެންމެންވެސް އުފާކުރުން ޙައްޤު ކުރިއެރުމަކާއި ތަރައްޤީއެއްކަން ކަށަވަރު.

ތިނަދުއަކީ މާޒީގައި ޚާއްޞަ ގޮތްތަކެއް މެދުވެރިވެފައިވާ ރަށެއް. އެކަން ސަރުކާރުން ޤަބޫލުކުރޭ. ތިނަދޫގެ ރައްޔިތުންނަށް މީގެކުރިން ދިމާވެފައިވާ ހިތްދަތިކަމާއި ހިތާމަވެރިކަމުގައި ސަރުކާރުން ބައިވެރިވޭ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ތިނަދުއަށް ޚާއްޞަ ގޮތްތަކެއް ހަމަޖައްސައިދިނުމަށްވެސް ވަނީ ސަރުކާރުން ޤަޞްދުކޮށްފައި. އެ މައްސަލައަކީ ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ ފަދައިން، ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅި، ރައްޔިތުންގެ މަޖިލީހުންވެސް އެކަމާ ބެހޭގޮތުން ޤަރާރުތަކެއް ފާސްކުރައްވާފައިވާ ކަމެއް. އާދެ، އޭގެ އަލީގައި ތިނަދުއަށް ވަރަށްގިނަ ޚިދުމަތްތައް ސަރުކާރުން ކޮށްދެމުން އެބަގެންދޭ. އޭގެތެރެއިން އެއްކަމެއް ތިނަދޫގެ ފަޅުފުންކުރުން. ﷲގެ ވާގިފުޅާއެކު، އިރާދަކުރެއްވީތީ އެކަން މިއޮތީ ނިމިފައި. އަދި ތިނަދުއަށް ކަރަންޓްލައިދިނުން. އެކަންވެސް މާތްﷲގެ ވާގިފުޅުން މިއޮތީ ނިމިފައި. ދެން މި ދެކަންތަކާ ގުޅިގެން ނުވަތަ ފަޅުފުންކުރުމާ ގުޅިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ މަސައްކަތެއް އިރާދަކުރެއްވިއްޔާ މިއަދު ފެށޭނެ. އާދެ، އެއީ ތިނަދޫގައި އޮތް ޗަސްބިމަށް ވެލިއަޅައި އެތަން ހިއްކުމުގެ މަސައްކަތް. އެކަމާބެހޭ ހުރިހާ ތައްޔާރުތަކެއް ވަނީ، ކޮށް ނިމިފައި. އިރާދަކުރެއްވިއްޔާ މި ޖަލްސާއަށްފަހުގައި އަޅުގަނޑު އެހިސާބަށް ގޮސް އެ މަޝްރޫޢު ފަށައިދިނުމުގެ އުފާ ލިބިގަންނާނަން.

އާދެ، މިރަށާ ވަރަށް ކައިރީގައި ހިނގާ، ތަރައްޤީގެ ވަރަށްބޮޑު މަސައްކަތެއް މިހާރު ނިމުމަކާ ހަމަޔަށް ވަނީ އައިސްފައި. އާދެ، އެއީ ކާޑެއްދޫގެ އެއަރޕޯޓް. އިރާދަކުރެއްވިއްޔާ އެ އެއަރޕޯޓުގެ ޚިދުމަތް މިހިސާބުގަނޑުގެ ރައްޔިތުންނަށް މި އަހަރުގެ ތެރޭގައި، މި އަހަރުގެ ފަހުކޮޅު ލިބެން ފެށޭވަރުވާނެކަމަށް އަޅުގަނޑު އުއްމީދު ކުރަން. އެއަރޕޯޓެއް ހުޅުވުމަކީ، ޝައްކެއްނެތްގޮތުގައި، އެ އެއަރޕޯޓެއް އޮންނަ ސަރަޙައްދަކަށް ލިބޭނެ ވަރަށްބޮޑު ދިރުމެއް. ވަރަށްބޮޑު ކުރިއެރުމެއް. އެހެންކަމުން، އިރާދަކުރެއްވިއްޔާ ކާޑެއްދޫ އެއަރޕޯޓް ހުޅުވުމުގެ ސަބަބުން ތިނަދޫގެ ރައްޔިތުންނަށާއި، ހުވަދުއަތޮޅުގެ ދެބުރީގެ ރައްޔިތުންނަށް އިތުރު ފަހިކަމާއި އިތުރު ކުރިއެރުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަން.

ތިނަދޫގެ ރައްޔިތުންނަކީ ވަރަށް ހިއްމަތްތެރި، ވަރަށް މަސައްކަތްތެރި ބައެއް. ތިޔަބޭފުޅުންގެ ތެރެއިން އެންމެގިނައީ މަސްވެރިން. ތިނަދުއަކީ މަސްވެރި ރަށެއް. މަސްވެރިކަމަކީ، އޭގެ މައްޗަށް އަޅުގަނޑުމެންނަށް މާބޮޑު ބާރެއް ފޯރުވެން އޮތް މަސައްކަތެއް ނޫން. އެއީ އިލާހީ ކަމެއް. ބައެއްފަހަރަށް މަސްވެރިކަން ރަނގަޅުވާނެ. އަނެއްބައިފަހަރަށް ދެރަވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ކުރަންޖެހޭނީ މަސައްކަތް. އެކަން ތަރައްޤީކޮށް ކުރިއަރުވައި، މަސްވެރިކަމުން އަޅުގަނޑުމެންނަށް ލިބެމުންދާ އާމްދަނީ އިތުރުވޭތޯ މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއް.

އާދެ، މިދޭތެރެއަކުން މަސްވެރިކަން ކުޑަކޮށް ދަށަށްގޮސްލާފައި އޮވެފައި، މިދުވަސްކޮޅު ތިނަދުއަށް މަސްވެރިކަން ރަނގަޅުވެފައިވާ ވާހަކަ އަޅުގަނޑު އެހީ ވަރަށް އުފާވެރި ހިތަކައިގެން. އާދެ، މަސްވެރިކަން ރަނގަޅުވުމަކީ ރައްޔިތުންނަށް ލިބޭނެ ކުރިއެރުމެއް. ތަނަވަސްކަމެއް. އެހެންކަމުން، މަސްވެރިކަން ރަނގަޅުވާނެ ކަމުގެ ފުރިހަމަ އުއްމީދުގައި އަދި އެކަމަށްޓަކައި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑު އެދެނީ، ތިނަދޫގެ ރައްޔިތުންނަށް އަބަދުވެސް ކުރިއަށްވުރެ ތަނަވަސް އަދި ބާއްޖަވެރި މުސްތަޤްބަލެއް.

އާދެ، މަސްވެރިކަމާ ބެހޭގޮތުން ވާހަކަ ދައްކާއިރު، މިއަދު ތަންކޮޅެއް އުފާވެރި ޚަބަރެއްވެސް އަޅުގަނޑު ދޭން ބޭނުން. އަދި ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ނުވަތަ އައްސަވާފައިވާނެ ފަދައިން، މަހުގެ އަގު ކަނޑައެޅުމާބެހޭ ރިޔާސީ ކޮމިޓީއެއް ވަނީ މިދިޔަ އަހަރުން ފެށިގެން އުފެދިފައި. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ އެންމެ އިސްވެރިން. އޭގެތެރެއިން، އެއްބޭފުޅަކު މިއަދު އަޅުގަނޑުމެންނާ އެކުގައި މި ޖަލްސާގައި އެބަ ބައިވެރިވެވަޑައިގަންނަވާ. މި ދެންނެވި ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކުވެސް ހިމެނޭ. އަދި ރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ބޭފުޅަކުވެސް ހިމެނޭ. އެހެންކަމުން، މި ކޮމިޓީއަކީ އަޅުގަނޑު ދެކޭގޮތުގައި، އޭގެ ބޭނުން ވަރަށް އެކަށީގެންވާ ގޮތެއްގައި ހިފިދާނެ ކޮމިޓީއެއް. ކޮންމެއަކަސް މި ކޮމިޓީގެ ބައްދަލުވުމެއް ދާދިފަހުން ބާއްވަވާފައި، އެ ކޮމިޓީން މިހާރު ސަރުކާރަށް ހުށަހަޅުއްވާފައިވަނީ މަހުގެ އަގު ބަދަލުކުރުމަށް.

އާދެ، އަޅުގަނޑުމެންގެ މަހުގެ އަގު ނުވަތަ ސަރުކާރުން މަސް ގަނެފައި މަސްވެރިންނަށް ދޭ އަގު ބިނާވެފައި އޮންނަނީ، ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ލިބޭ އަގުގެ މައްޗަށް. ބޭރުދުނިޔޭގައި މަހުގެ އަގަކީ ވަރަށް އަވަސް އަވަހަށް ބަދަލުވަމުން އަންނަ އެއްޗެއް. އެއްބައިފަހަރަށް ވަރަށް ދަށަށްދޭ. އަނެއްބައިފަހަރަށް ތަންކޮޅެއް މައްޗަށްދޭ. އަޅުގަނޑުމެންގެ ނަޞީބު ދިމާކުރިގޮތުން ނުވަތަ ނަޞީބު ހެޔޮކަމުން މިވަގުތު މަހުގެ އަގު ރާއްޖެއިން ބޭރުގައިވެސް ވަނީ ކުޑަތަންކޮޅެއް ރަނގަޅުވެފައި. އެކަން އެހެންދިމާވުމުގެ ސަބަބުން ދިވެހި ސަރުކާރަށް މިހާރު ގަންނަ މަހުގެ އަގު ކުޑަތަންކޮޅެއް ބޮޑުކޮށްދިނުމަކީ ވެވިދާނެ ކަމެއް ކަމުގައި ފެނޭ. އެގޮތުން، އިރާދަކުރެއްވިއްޔާ މާދަމާއިން ފެށިގެން އާދެ، ސެޕްޓެމްބަރ 15އިން ފެށިގެން ސަރުކާރުން މަހުގެ އަގަށް ބަދަލެއް އެބަގެނޭ. އެއީ، މިހާރު ދެކިލޯއިން މަތީގެ މަސް، ސަރުކާރަށް މި ގަންނަނީ 2/50 ރުފިޔާއަށް. މާދަމާއިން ފެށިގެން ދެކިލޯއިން މަތީގެ މަހުގެ އަގަކީ، ކިލޯއެއް 2/80 ރުފިޔާއަށް ކަމަށް ހަމަޖެހުން. އާދެ، އަދި 1.5 ކިލޯއާއި ދެކިލޯއާ ދޭތެރޭގެ މަހުގެ އަގު މިހާތަނަށް އޮތީ ކިލޯއަކަށް -/2 ރުފިޔާ. އެވެސް 30/- ލާރި ބޮޑުވެ، އެ މަހުގެ އަގު ކިލޯއަކަށް 2/30 ރުފިޔާގެ މަގުން މާދަމާއިން ފެށިގެން ސަރުކާރުން މަސް ގަންނަން ފަށާނެ. އަދި މީގެކުރިން ސަރުކާރަކަށް ކުދިމަސް ނުގަނޭ. އެކަންވަނީ މަސްވެރިންނަށް ލިބޭ ދެރައަކަށް. އެހެންކަމުން، އެކަމާ ދޭތެރޭގައިވެސް ސަރުކާރުން ވިސްނާފައި، މިހާރު ހަމަޖައްސާފައި މިއޮތީ މާދަމާއިން ފެށިގެން އިރާދަކުރެއްވިއްޔާ 1.5 ކިލޯއަށްވުރެ ދަށުގެ މަސްވެސް ސަރުކާރަށް ގަންނަގޮތަށް. އެހެންނަމަވެސް،

އެ މަހަކީ، ވިޔަފާރީގެ އުޞޫލުން ބަލާއިރު، މާބޮޑު ފައިދާއެއް ސަރުކާރަށްވެސް ވާނެ މަހެއް ކަމަށްނުވާތީ، މި ވަގުތު އަދި އަގު ހަމަޖެއްސެން އޮތީ ތަންކޮޅެއް ކުޑަކޮށް. އެއީ، ކިލޯއަކަށް -/75 ލާރި. އާދެ، މަހުގެ އަގަށް ބަދަލުއައުމަކީ އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް. މިފަހަރު މި ބަދަލު މިއައީ، ކުރިންވެސް ދެންނެވި ރިޔާސީ ކޮމިޓީގެ ބައްދަލުވުމަކަށްފަހުގައި، އެ ކޮމިޓީން ސަރުކާރަށް ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެން. އެ ކޮމިޓީ އުފެދިފައި އެވަނީ ރާއްޖޭގެ މަސްވެރިކަމާބެހޭ 3 ވަނަ މަޝްރޫޢުގެ ދަށުން ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާ ދޭތެރޭގައި ކުރެވިފައިވާ، ތަރައްޤީގެ އެއްބަސްވުމުގެ 4 ވަނަ ތާވަލުގެ ދަށުން. މި ކޮމިޓީގެ ބައްދަލުވުންތައް އަބަދުވެސް ކުރިއަށްދާނެ. އެވަގުތަކަށް ރާއްޖެއިން ބޭރަށް މަސްވިއްކޭ އަގަށް ބަލާފައި އަދި އެކަމަށް ހިނގާ ޚަރަދުތަކާ ދޭތެރޭގައި ވިސްނާފައި، އެ ކޮމިޓީން ނިންމާނީ އެ ވަގުތަކަށް އެންމެ ރަނގަޅަށް. އެންމެ ހެޔޮކޮށް މަސްވެރިންނަށް ދެވެންއޮތް އަގަކީ ކޮބައިތޯ ބަލާފައި، އެ އަގެއް އެއީ ސަރުކާރުން މަސްގަންނަ އަގު ކަމުގައި ހަމަޖައްސާގޮތަށް ކޮމިޓީގެ މަސައްކަތް ހަމަޖެހިފައިވަނީ. އާދެ، އަޅުގަނޑު ހިތުން މިގޮތަށް މިކަން ހަމަޖެހުމުން، މުސްތަޤްބަލުގައި މަސްވެރިންނަށް އިތުރު ހަމަޖެހުމެއް ލިބިގެންދާނެ.

އާދެ، މި ރަށުގައި ތަރައްޤީގެ އެހެން ވަރަށްގިނަ ކަންތައްތައްވެސް ވަނީ ހިނގާފައި. އޭގެތެރޭގައި، އަތޮޅު ތަޢުލީމީ މަރުކަޒު މި ރަށުގައި ޤާއިމުވެފައިވާކަން ފާހަގަކޮށްލެވޭ. މިހާރު ޘާނަވީ ތަޢުލީމުވެސް ދެމުންގެންދާ ތަނެއް އެއީ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ގްރޭޑް 9 އާ ހަމަޔަށް އެތާނގައި މިހާރު ތަޢުލީމު ޙާޞިލްކުރަމުން އެބަގެންދޭ. ނުވަތަ އެހިސާބަށް ކިޔަވައިދެމުން އެބަގެންދެވޭ. މި ރަށުގެ ކިޔަވާކުދިންގެ ޢަދަދަކީ ވަރަށްގިނަ ޢަދަދެއް. 1100 އަށްވުރެ ގިނަ ކުދިން، ރަށުގައި ކިޔަވާކުދިންގެ ގޮތުގައި މިހާރު ރަށުގެ ތަޢުލީމީ މަރުކަޒަށާއި، އެނޫން މަދަރުސާތަކަށާއި މަކްތަބުތަކަށް އެބަދޭ. ޝައްކެއްނެތް، އެއިން އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ، މުސްތަޤްބަލުގައި ރަށަށް ލިބޭނެ ކުރިއެރުން. ތަޢުލީމަކީ ކޮންމެ ތަރައްޤީއެއްގެވެސް އެންމެ ފުރަތަމަ ހަރުފަތް. އެންމެ ވަރުގަދަ ބިންގާ. ރަނގަޅު ފެންވަރެއްގައި ތަޢުލީމު ޙާޞިލްކުރެވޭނެ މަގު، އެއްވެސް ތަނެއްގައި ހަމަޖެހިފައިވާނަމަ، އެތަނެއްގެ މުސްތަޤްބަލް އަލިވެގެންދާނެކަމާމެދަކު ޝައްކެއްނެތް.

އާދެ، އަޅުގަނޑުގެ މި ދަތުރަކީ ހަމައެކަނި ތިނަދުއަށް ކުރާ ދަތުރެއް ނޫން. ޙަޤީޤަތުގައި ހުވަދުއަތޮޅު ދެކުނުބުރިއަށާއި ހުވަދުއަތޮޅު އުތުރުބުރިއަށް ކުރާ ދަތުރެއް. އަދި މިރަށަށް އައި އައުމުގައި ހުވަދުއަތޮޅު ދެކުނުބުރީގެ އެހެން ރަށްރަށުގެ ވެރިންނާ ބައްދަލުވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނުކަންވެސް އެއީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމުގައި އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ދަންނަވަން. އެހެންކަމުން، އަޅުގަނޑު ދެކެނީ، އަޅުގަނޑުގެ މި ދަތުރަކީ މުޅި އަތޮޅަށް ކުރެވުނު ދަތުރެއް ކަމުގައި.

އާދެ، ތަރައްޤީގެ މަގުގައި ކުރިއަށްދާއިރު، މައްސަލަތަކާވެސް ދިމާވާނެ. ބައެއްކަހަލަ މައްސަލަތަކަކީ، ތަރައްޤީގެ ސަބަބުން ދިމާވާ މައްސަލަތަކެއް ކަމުގައިވެސް އޮންނަނީ ފާހަގަކުރެވިފައި. އޭގެ އަނެއްކޮޅުން ތަރައްޤީގެ މަގުގައި ހަލުވިކަމާއެކު ކުރިއަށްދާ ކަމަށްވަންޏާ، ތަރައްޤީގެ ސަބަބުން ނުކުންނަ މައްސަލަތައްވެސް ހައްލުކުރެވިގެންދާނެ. މުސްތަޤްބަލާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައި، އެކިގޮތްގޮތް ރާވާއިރު، މި ދެންނެވި ނުކުތާއަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ. މުސްތަޤްބަލުގައި އަޅުގަނޑުމެން މަސައްކަތް ގެންދަންވީ ކިހިނެއްތޯ، އަޅުގަނޑުމެންނަށް ކުރިއެރުވެން އޮތީ ކޮންކަހަލަ މަސައްކަތްތަކެއްތޯ ބަލައި އަދި އޭގެ ސަބަބުން ރައްޔިތުންނަށާއި ޤައުމަށް އެންމެ ފައިދާހުރި މަސައްކަތްތައް ކުރިއެރުވޭތޯ ބެލުމަކީ، މި ދެންނެވި އުޞޫލުން ބަލާއިރު ވަރަށް މުހިންމު ކަމެއް. މި އުޞޫލުން ރާއްޖޭގެ އެކްސްޕޯޓް އިތުރުކުރުމަކީ، ރާއްޖެއިން ބޭރުކުރެވޭ މުދާ އިތުރުކުރުމަކީ، ރާއްޖެއަށް ލިބޭ ވަރަށްބޮޑު ތަރައްޤީއަކަށްވާނެތީ، އެކަން އިތުރުކުރެވޭނެ ގޮތެއް އޮތްތޯ ސަރުކާރުން އަބަދުވެސް ވިސްނަމުންގެންދޭ. އަދި މުދާ އެކްސްޕޯޓްކުރާ ފަރާތްތަކަށް ސަރުކާރުން ހިތްވަރުދީ، އެކިއެކި ޢިނާޔަތްތައްވެސް ދެމުންގެންދޭ.

އާދެ، މި އަހަރަކީ އަޅުގަނޑުމެންގެ އުފެއްދުންތެރިކަމުގެ އަހަރު. އެހެންކަމުން، ރާއްޖޭގެ އުފެއްދުންތެރިކަމަށާއި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މި އަހަރު ވަނީ ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހިފައި. އެއީ، ހަމައެކަނި މި އަހަރު ދޭންޖެހޭ އަހަންމިއްޔަތެއް ނޫން. ތަނެއްގެ އިޤްތިޞާދީ ކުރިއެރުމަކީ، އެތަނެއްގެ ތަރައްޤީގެ އެންމެ މުހިންމު ބައި. އެހެންކަމުން، އިޤްތިޞާދީ ކުރިއެރުމަށް އަޅުގަނޑުމެން މިހާރު މިދޭފަދަ އަހަންމިއްޔަތެއް ނުވަތަ މިއަށްވުރެވެސް ބޮޑު އަހަންމިއްޔަތެއް މުސްތަޤްބަލުގައި ދޭންޖެހޭނެ. އަޅުގަނޑުމެންގެ ރާއްޖެއަކީ ކުޑަ ޤައުމަކަށްވެފައި، އަޅުގަނޑުމެންގެ ތަނަވަސްކަން އެއީވެސް މާބޮޑު އެއްޗަކަށް ނުވާތީ އަދި އަޅުގަނޑުމެންގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަކީވެސް ދުނިޔެއާ އަޅައިބަލާއިރު، މާމަތީ ފެންވަރަކަށް ނުވާތީ، އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންޖެހެނީ އަޅުގަނޑުމެންގެ އިޤްތިޞާދީ ތަރައްޤީއަށް. މި ކުރާ މަސައްކަތް ވާންޖެހޭނީ ޤައުމީ ޚިދުމަތަކަށް. އަދި އެ މަސައްކަތުގައި އަމިއްލަ ފަރާތްތަކުން އެ ކުޅުއްވާ ބައި އެއީ، ވަރަށް މުހިންމު ބައެއްކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ. ސަރުކާރުން އެފަދަ ފަރާތްތަކަށް ހިތްވަރުދީ،
އެފަރާތްތަކުން އެ ކުރާ މަސައްކަތް ތަރައްޤީކޮށް، އެ މަސައްކަތްތަކުން އިތުރު ފައިދާ ލިބޭނެ ގޮތްތައް ސަރުކާރުން ހޯދައިދޭންޖެހޭނެ. ސަރުކާރުގެ ފަރާތްތަކުން މިހާރު ގެންދަނީ އެ މަސައްކަތް ކުރަމުން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑާ އެކީގައި މި އަތޮޅުގެ ވަރަށް ޢިއްޒަތްތެރި ދަރިއެއް، އާދެ، ވަރަށް ހަރުދަނާ ޚިދުމަތްތެރިއެއް، އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގ އަލްފާޟިލް އަޙްމަދު ޒާހިރު ވަޑައިގެން އިންނެވިކަން ވަރަށް އުފަލާ އެކީގައި އަޅުގަނޑު ފާހަގަކޮށްލަން. އެ މަނިކުފާނަކީ އެ މަނިކުފާނާ ޙަވާލުކުރެވުނު ކޮންމެ ކަމެއް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ކުރައްވަމުން ގެންދަވާ ބޭފުޅެއް. މިހާރު ކެބިނެޓްގެ މެންބަރަކަށްވުމުގެ އިތުރަށް، އާދެ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ މަގާމު ފުރުއްވުމުގެ އިތުރަށް، އެ މަނިކުފާނަކީ ރައްޔިތުންގެ މަޖިލީހަށް، މި އަތޮޅުގެ ރައްޔިތުން ހޮއްވަވާފައިވާ ޢިއްޒަތްތެރި މެންބަރެއްވެސްމެ. އެހެންކަމުން، އަޅުގަނޑުގެ މި ދަތުރުގައި އޭނާ ބައިވެރިވެވަޑައިގެންނެވިކަން އަޅުގަނޑު ދެކެނީ އެއީ، ހުރިހާގޮތަކުންވެސް މި އަތޮޅުގެ ރައްޔިތުން އުފާފުޅު ކުރައްވާނެ ކަމެއް ކަމުގައި.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މާތްﷲ އަޅުގަނޑުމެންނަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ އަލީގައި ކުރިއަށްދިޔުމުގެ ތައުފީޤު ދެއްވުން އެދި ދުޢާކުރަމުން. އަދި ތިނަދޫގެ ރައްޔިތުންނަށާއި، ހުވަދުއަތޮޅު ދެކުނުބުރީގެ ހުރިހާ ރަށްރަށުގެ ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަމާއި ތަރައްޤީ މިންވަރުކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވަމުން، ދިވެހިރާއްޖެއަށް އަމާން އަދި އޮމާން މުސްތަޤްބަލެއް އެކަލާނގެ ދެއްކެވުން އެދި އެކަލާނގެ ޙަޟްރަތުގައި އިބްތިހާލްކުރަމުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.