بســم اللّـه الرّحمـن الرّحيــم
الحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين. سيِّدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ، މިއަދު އަޅުގަނޑު ތިޔަބޭފުޅުންގެ ލޮބުވެތި ރަށަށް އާދެ، އޭދަފުށްޓަށް އައިސް މިހިރީ ވަރަށް ކުއްލިގޮތެއްގައި. އަޅުގަނޑު އަންނަކަން އަޅުގަނޑުހިތުން މި އަތޮޅުގެ ކަންތައް ހިންގެވުމާ ޙަވާލުވެ ހުންނެވި ވެރިޔާއަށާއި އަދި މި ރަށުގެ ވެރިންނަށާއި ރައްޔިތުންނަށް އެނގިވަޑައިގެންފައި އޮންނާނީ، ވަރަށްފަހުން. އެކަން އެހެން އޮތްނަމަވެސް، އަޅުގަނޑު މި ރަށަށް އައިއިރު، މި ރަށުން ފެނިގެންދިޔަ މަންޒަރުތަކަކީ، އޭދަފުށީގެ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ފުރިހަމަކަން ހާމަކޮށްދޭ ދަލީލުތަކެއް އަދި މަންޒަރުތަކެއް.
އާދެ، މި ރަށަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކުރުމަށް އަޅުގަނޑަށް މި ލިބޭ ފުރުޞަތަކީ ވަރަށް ޚާއްޞަ އުފަލެއް އިޙްސާސްކުރެވޭ ފުރުޞަތެއް. މީގެކުރިންވެސް އަޅުގަނޑު އޭދަފުށްޓަށް ޒިޔާރަތްކޮށްފައިވާނެ. އާދެ، އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން ރާއްޖެތެރެއަށް ކުރި އެންމެ ފުރަތަމަ ދަތުރުގައި. އެއީ 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މާރޗް މަހުގެ 12ހާ ތަނަށް އަޅުގަނޑު ކުރި ދަތުރެއް. އެ ދަތުރު ނިންމާފައި މާލެއަށްދިޔަ މަގުމަތީގައި، އަޅުގަނޑު މިހާރު މިހުރި މަޤާމުގެ ޙައިޘިއްޔަތުން އެންމެ ފުރަތަމަ އޭދަފުށްޓަށް ޒިޔާރަތްކުރީ. އޭގެފަހުންވެސް ދެފަހަރެއްގެ މަތިން އަޅުގަނޑަށް އޭދަފުށްޓަށްވަނީ ޒިޔާރަތްކުރެވިފައި. އެންމެފަހުން އާދެވިފައިވަނީ މީގެ 9 އަހަރު ކުރިން. އާދެ، އަޅުގަނޑުވެސް އެއްބަސް، ވަރަށް ދިގު މުއްދަތެއް ފާއިތުވެގެން ހިނގައްޖެ، އެންމެފަހުން އަޅުގަނޑު ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށަށް ޒިޔާރަތް ކުރިފަހުން. އެހެންނަމަވެސް، އަޅުގަނޑުހިތުން ތިޔަބޭފުޅުންވެސް ގަބޫލުކުރައްވާނެ، މި މަޤާމުގައި ހުންނަ މީހެއްގެ މަސައްކަތްތައް ހުންނާނެގޮތް. އަދި މި ރަށަށް ނައިކަމުގައިވިޔަސް، ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް ދަތުރުކުރުމުގެ ޕްރޮގްރާމްތަކެއްގައި އަޅުގަނޑު ދިޔައީ ބައިވެރިވަމުން. އެހެންކަމުން، މިފަދަ އުފާވެރި ފުރުޞަތެއް، މިދިޔަ 9 އަހަރު ތެރޭގައި ލިބިފައިނުވިނަމަވެސް، މިއަދު މި އުފާވެރި ފުރުޞަތު ލިބުނުކަމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް އުފާކޮށް اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. ހަމަ އެއާއެކު، އޭދަފުށީގެ ވެރިންނާއި ކޮމިޓީތަކުގެ މެންބަރުންނާއި، ރައްޔިތުންނާއި، އޭދަފުށީގައި ވަޒީފާ އަދާކުރައްވާ ސަރުކާރުގެ މުވައްޒަފުންނާ ހުރިހާ ފަރާތްތަކަކުން އަޅުގަނޑަށް ތިޔަ ވިދާޅުވި މަރްޙަބާއަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ތިޔަ ހުރިހާ ބޭފުޅުންނަށް އަދި ތިޔަ ހުރިހާ ފަރާތްތަކަކަށް ޝުކުރު ދަންނަވަން.
އާދެ، ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ނާއިބު ޑޮކްޓަރ މުޙަންމަދު ލަޠީފް އެ ވިދާޅުވިފަދައިން، އެންމެފަހުން ރައްޔިތުންގެ މަޖިލީހުން ބޭއްވެވި ޖަލްސާގެ ފަހުން އަޅުގަނޑު ރާއްޖެތެރެއަށް ކުރާ ފުރަތަމަ ދަތުރަކީ މިއީ. އާދެ، އެ ޖަލްސާއަކީ ތިޔަބޭފުޅުންވެސް އައްސަވާފައިވާނެ ފަދައިން، މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަން މަޖިލީހަށް ފެނިވަޑައިގަންނަވާ މީހަކު، އެ މަޖިލީހުގެ ސިއްރު ވޯޓުން ހޮއްވެވުމުގެ ޖަލްސާ. އެ ޖަލްސާ ހިނގައިދިޔަގޮތް ތިޔަބޭފުޅުންނަށް ޓެލެވިޜަންގެ ޛަރީޢާއިންނާއި، ދިވެހިރާއްޖޭގެ އަޑުގެ ޛަރީޢާއިން ވަގުތުން އޮންނާނީ ފިލާވަޑައިގެންފައި.
ކޮންމެއަކަސް، އެ ދުވަހު ރައްޔިތުންގެ މަޖިލީހުން އެ ނިންމެވި ނިންމެވުމާ ގުޅިގެން، އަޅުގަނޑަށް ވަރަށްގިނަ ފަރާތްތަކެއްގެ ހެޔޮއެދުންތައް ލިބެމުންދިޔަ. ވަރަށް ގިނަ ފަރާތްތަކަކުން ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ތަހުނިޔާއާއި މުބާރަކްބާދީ ވިދާޅުވަމުން ގެންދެވި. އޭގެތެރޭގައި، މާޅޮސްމަޑުލު ދެކުނުބުރީގެ އަތޮޅުއޮފީހުގެ ފަރާތުންނާއި، މި އަތޮޅުގެ ހުރިހާ ރަށްރަށުގެ، އެ ރަށްރަށުގެ އޮފީހުގެ ފަރާތުންނާއި، މި އަތޮޅުގެ ޢާންމު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ވަރަށް ތެދުވެރި އަދި އިޚްލާޞްތެރި ހެޔޮއެދުންތަކެއް ވަނީ ފޮނުއްވާފައި. އެހެންކަމުން، މި މުނާސަބަތުގައި މި އަތޮޅުގެ ކަންތައްތަކާ ޙަވާލުވެ ތިއްބެވި ވެރިންނަށާއި، މި އަތޮޅުގެ ރަށްރަށުގެ ވެރިންނަށާއި، ކޮމިޓީތަކުގެ މެންބަރުންނަށާއި، ޢާންމު ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދެންނެވުމަށް މި ފުރުޞަތުގެ ބޭނުންކުރަން.
ހަމަ އެއާއެކު، މިއީ އަޅުގަނޑު ކުރިން މި ދެންނެވި ޖަލްސާއަށްފަހުގައި އަޅުގަނޑަށް ޢާންމުކޮށް، ޢާންމު ތަނެއްގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބުނު ފުރަތަމަފަހަރު ކަމަށްވާތީ، އަޅުގަނޑު މި މުނާސަބަތުގެ ބޭނުން މި ކުރަނީ، އަޅުގަނޑަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން، ރާއްޖޭގެ ހުރިހާ އަތޮޅަކުން، މީހުން އުޅޭ ހުރިހާ ރަށަކުން ލިބުނު އިޚްލާޞްތެރި މަރްޙަބާއާއި ތަހުނިޔާގެ ޝުޢޫރުތަކަށްޓަކައި، އެ ހުރިހާ ފަރާތްތަކަކަށް ޝުކުރު ދެންނެވުމަށް.
އާދެ، ޝައްކެއްނެތް، ރައްޔިތުންނާއި ސަރުކާރާ ދޭތެރޭގައި އޮންނަ ގުޅުމަކީ ވަރަށް ބާރުގަދަ، ވަރަށް މުހިންމު ގުޅުމަކަށްވާންޖެހޭ. ސަރުކާރުން ކަންތައް ކުރަންޖެހެނީ ރައްޔިތުންނަށް ފައިދާހުރިގޮތުގައި. ސަރުކާރެއް އުފެދިފައި އޮންނަނީ ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި. އޭގެ މުޤާބިލުގައި ރައްޔިތުންގެ ހިތްތަކުގައިވެސް ސަރުކާރާ ދޭތެރޭގައި އިޚްލާޞްތެރިކަމުގެ ޝުޢޫރުތަކެއް އޮންނަންޖެހޭ. މި ދެންނެވި ގުޅުން ބަދަހިގޮތެއްގައި އެއްވެސް ޤައުމެއްގައި އޮވެއްޖެނަމަ ޝައްކެއްނެތް، އެއީ އެ ޤައުމަކަށް ލިބޭނެ ވަރަށްބޮޑު ހަމަޖެހުމެއް. ސިޔާސީ ގޮތުންނާއި، އިޖުތިމާއީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން އެފަދަ މުހިންމު ގުޅުމެއް ފުރިހަމަގޮތެއްގައި، އިޚްލާޞްތެރިގޮތެއްގައި ބަދަހިވެފައި އޮތުމަކީ އަޅުގަނޑުހިތުން އަޅުގަނޑުމެން އެންމެންނަށްވެސް ގަބޫލުކުރެވޭގޮތުގައި ނުވަތަ ގަބޫލުކުރެވެންޖެހޭނެ ގޮތުގައި ވަރަށް މުހިންމު ކަމެއް. ތަނެއްގެ ކުރިއެރުން ބިނާވެފައި އޮންނާނީ އެ ތަނެއްގައި އޮންނަ ހަމަޖެހުމެއްގެ މައްޗަށް. ޚާއްޞަކޮށް، ސިޔާސީ ހަމަޖެހުމަކީ ހުރިހާ ކުރިއެރުމެއްގެ ބިންގާ. އެއީ އަޅުގަނޑުމެން ގަބޫލުކުރަން ޖެހިފައިވާ ޙަޤީޤަތެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ވަށައިގެންވާ ޤައުމުތަކުގައި ހިނގާ ކަންތައްތަކަށް ބަލައިލިނަމަވެސް އަދި ދުނިޔޭގެ އެހެން ތަންތާނގައި ހިނގާ ކަންތައްތަކަށް ބަލައިލިނަމަވެސް، އަޅުގަނޑު މި ދެންނެވި ބަހުގެ ތެދުކަން ތިޔަބޭފުޅުންނަށް އިޙްސާސް ކުރެއްވޭނެ. ޤައުމެއްގައި ހަމަނުޖެހުމާއި ފިތުނަވެރިކަމާއި ދެކޮޅުވެރިކަން އުފެދިއްޖެނަމަ، އެ ޤައުމެއްގެ ކަންތައްތައް ދާނީ އެއްދުވަހުން އަނެއްދުވަހަށް ދަށަށް. ކުރިއެރުމުގެ ބަދަލުގައި އެ ޤައުމެއް ދާނީ ފަހަތަށް. މިއީ ޝައްކެއްއޮތް މަޤާމެއްނޫން. އެހެންކަމުން، އަޅުގަނޑުމެންގެ ރާއްޖެއަށް މާތްﷲ ދެއްވާފައިވާ އެންމެ ބޮޑު ނަޞީބަކީ، އެންމެ ބޮޑު ނިޢުމަތަކީ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވެފައި، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާކަން ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. މިފަދަ އެކުވެރި އެއްބަނޑުއެއްބަފާ ރައްޔިތެއް ދިރިއުޅޭ ޤައުމަކީ ޝައްކެއްނެތްގޮތުގައި، އެ ޤައުމަކުން ތަރައްޤީގެ މަގުގައި އަޅާ ކޮންމެ ފިޔަވަޅެއްގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވާނެ ޤައުމެއް. އެހެންކަމުން، އެ މަތިވެރި ނަޞީބު އަޅުގަނޑުމެން ގަބޫލުކޮށް، އަޅުގަނޑުމެންގެ މެދުގައި އޮންނަ ހަމަޖެހުމާއި އެކުވެރިކަން އެއްދުވަހުން އަނެއްދުވަހަށް ބަދަހިކޮށް ތަރައްޤީކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.
އާދެ، މިއަދު ވަރަށް ކުއްލިގޮތެއްގައި އަޅުގަނޑު މާޅޮސްމަޑުލު ދެކުނުބުރީގެ ދެ ރަށަކަށް ޒިޔާރަތް މިކުރީ ޚާއްޞަ ސަބަބެއްވެސް އޮވެގެން. އާދެ، ފުރަތަމަ އަޅުގަނޑު ދިޔައީ ދަރަވަންދުއަށް. އެއީ ދަރަވަންދޫގެ، ރަށްގިރާކަން، މީގެ އެތައް އަހަރެއްގެ ކުރިން ސަރުކާރަށްވަނީ އެނގިފައި. އަދި ސަރުކާރުގެ ފަރާތުން އެކަން ބަލައި، އެކަމާ ދޭތެރޭގައި އެޅެންއޮތް ފިޔަވަޅެއް ބެލުމަށްޓަކައި ތަފާތު ވަފުދުތައްވަނީ އެ ރަށަށް ޒިޔާރަތްކޮށްފައި. ދާދިފަހުން ދަރަވަންދޫގެ ރައްޔިތުންގެ ވަފުދެއް ވަޑައިގެން އަޅުގަނޑާ ބައްދަލުކުރައްވައި، ވަރަށް ތަފްޞީލުކޮށް އެ ވާހަކަ ދެއްކެވި. އަދި އެ ބޭފުޅުން އެދިވަޑައިގަތީ ރަށްގިރާ ތަން އަޅުގަނޑުވެސް އައިސް ބަލައިލަދޭން. އެހެންކަމުންނާއެކީގައި އަޅުގަނޑު ހިތަށްއެރީ މި ފުރުޞަތުގެ ބޭނުންކުރާނީއޭ. އެހެންވެ، މިއަދު އެންމެ ފުރަތަމަ ދަރަވަންދުއަށް ގޮސް އެތަންތަން ބަލައިލައި އަދި އެކަމާ ބެހޭގޮތުން މިހާރު ކަންތައް ހިނގާފައިވާ ގޮތް އަޅުގަނޑު ރައްޔިތުންނަށް ވަރަށް ކުރުގޮތެއްގައި ހާމަކޮށްދިނިން. ހަމަޖެހިފައިވަނީ އިރާދަކުރެއްވިއްޔާ، މާ ލަސްނޫން މުސްތަޤްބަލެއްގައި، ބޭރުގެ ކަމާބެހޭ މާހިރަކު ރާއްޖެދުރުވެ، އޭނާވެސް ދަރަވަންދުއަށް ދުރުވެ، އެތަން ބައްލަވާފައި، އޭނާއަށް ފެނިލައްވާ ގޮތެއް ހުށަހެޅުއްވުމަށް. އޭގެފަހުގައި، ސަރުކާރުން ކުރެވެން އޮތް މަސައްކަތްތަކެއް ކުރާގޮތަށް.
އާދެ، އޭގެފަހުގައި އަޅުގަނޑު މިއައީ އޭދަފުށްޓަށް. އޭދަފުށްޓަކީ މި އަތޮޅުގެ ވެރިކަންކުރާ ރަށް. އަދި ތަރައްޤީގެ ގޮތުގައި މުޅި ރާއްޖެއިންވެސް ވަރަށް ފާހަގަކޮށްލެވޭ ރަށެއް. އެހެންކަމުން، މި ރަށަށް އައުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމުގައި އަދިވެސް އެއްފަހަރު ދަންނަވާލަން. މި ރަށުގެ ރައްޔިތުންނަކީ ވަރަށް ހީވާގި، ވަރަށް މުރާލި، ރަށުގެ ތަރައްޤީއަށް ވަރަށްބުރަ، އިޚްލާޞްތެރި މަސައްކަތްތަކެއް ކުރައްވާ ބައެއްކަން އަޅުގަނޑު އަބަދުވެސް ދަންނަން. އަދި މި އަތޮޅަކީވެސް ވަރަށް އެކުވެރި، ވަރަށް ހަމަޖެހޭ އަތޮޅެއްކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑު މި ރަށަށް އައި އައުމުގައި، މި އަތޮޅުގެ ކަންތައް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލް މުޙަންމަދު ޝަރީފް އަޅުގަނޑު ގާތުގައި ވިދާޅުވީ، މިއީ ވަރަށް ފަސޭހަ އަތޮޅެކޭ. އެ ވާހަކަ ވިދާޅުވީމާ އަޅުގަނޑު ވަރަށްބޮޑަށް އުފާވި. އޭގެ މާނައަކީ ކޮބައިތޯ؟ އޭގެ މާނައަކީ ރައްޔިތުންގެމެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮތުން. ރައްޔިތުންނަކީ ވެރިންނާ ގުޅިގެން މަސައްކަތްކުރާ ބަޔަކަށްވުން. އެއްވެސްކަހަލަ ނޭދެވޭ މައްސަލަތަކެއް އުފެދިފައި ނެތުން.
ކުރިންވެސް ދެންނެވިފަދައިން، މިފަދަ އޮމާން އަދި ރަނގަޅު ގުޅުމެއް ވެރިންނާއި ރައްޔިތުންނާ ދޭތެރޭގައި ބަދަހިވެފައި އޮތުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް. އެހެންވީމާ، އަޅުގަނޑު އޭނާ އެ ވިދާޅުވި ބަސްފުޅަށް ވަރަށް އުފާކޮށް، އެ ބަސްފުޅުގެ ތެދުކަން އަޅުގަނޑަށްވެސް އިޙްސާސް ކުރެވޭތީ، މި އަތޮޅުގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. މި ރަށުގެ ރައްޔިތުންނަކީ މި ރަށް ތަރައްޤީކުރެއްވުމުގައި ތަފާތު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ރައްޔިތެއް. އާދެ، މިހާރުވެސް އަޅުގަނޑުމެންނަށް މި ރަށުގެ ރައްޔިތުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް، ބަލައިލި ކޮންމެ ދިމާއަކުން ފެންނަން އެބަހުރި. މި ރަށުގެ ރައްޔިތުން މި ރަށުގައި އެ ބިނާކުރައްވާ ބޮޑު އަދި ފުރިހަމަ މިސްކިތް. މި ރަށުގެ ރަށުއޮފީހާއި ރަށުކޯޓުގެ މަސައްކަތް. އަދި މިނޫންވެސް ރަށުގެ ތަރައްޤީއަށް ތަފާތު މަސައްކަތްތަކެއް މި ރަށުގެ ރައްޔިތުން ކުރައްވަމުން އެބަ ގެންދަވާ. މީގައި އަޅުގަނޑު އެންމެ އުފާކުރާ ކަމަކީ، އެ ހުރިހާ މަސައްކަތެއް ކުރައްވަނީ ރަށުގެ ރައްޔިތުން ކަމަށްވާކަން. އާދެ، ބޭރުން އެއްވެސް މީހަކު ގެންނަންނުޖެހި، ކުރަންޖެހުނު ކޮންމެ މަސައްކަތެއް، އޭދަފުށީގެ ރައްޔިތުން އަމިއްލައަށް ކުރައްވާކަން. ޝައްކެއްނެތް، އެއީ އަޅުގަނޑުމެން ވަރަށް އުފަލާއެކީގައި ފާހަގަކޮށްލަންޖެހޭނެ ކަމެއް.
އާދެ، އަޅުގަނޑު މިއަދު މިތަނަށް މިއައީކީ މާގިނަ ވާހަކަތަކެއް ދައްކާކަށެއްނޫން. އަޅުގަނޑުގެ ހިތުގައި މާޅޮސްމަޑުލު ދެކުނުބުރީގެ ރައްޔިތުންނާއި އަދި އޭދަފުށީގެ ރައްޔިތުންނާ ދޭތެރޭގައި އުފެދިފައިވާ ލޯތްބާއި އިޚްލާޞްތެރިކަން ހާމަކޮށްލުމުގެ ގޮތުންނާއި އަދި އަޅުގަނޑަށް ލިބިފައިވާ ތަހުނިޔާއާއި މުބާރަކްބާދީގެ މެސެޖްތަކުގެ ޖަވާބު އަޅުގަނޑުގެ އަމިއްލަ ދުލުން ތިޔަބޭފުޅުންނަށް ރައްދުކޮށްދިނުމުގެ ބޭނުމުގައި މިއަދު މިތަނަށް އައިސް މި މަޤާމުގައި މި ހުއްޓުނީ. އެހެންކަމުން، އެ މަތިވެރި ވާޖިބު އަދާކުރުމަށްފަހުގައި، އަޅުގަނޑު މިއަދުގެ ޕްރޮގުރާމް ހަމަޖެހިފައިވާ ގޮތުންނާއެކީގައި ދައްކާނެ މާގިނަ ވާހަކަތަކެއް ނެތް.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ އަދި ކުރަމުންގެންދާނީ ރައްޔިތުންގެ ފައިދާއަށޭ. ރައްޔިތުންނަށް އެކި ކަންތައްތައް ފަހިކޮށްދީ، ދިރިއުޅުމުގެ މަގުތައް ތަނަވަސްކޮށްދީ، ރައްޔިތުންނަށް އާމްދަނީ އިތުރުވާގޮތެއް ބަލައިގެން އެގޮތަކަށޭ. އަދި ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތައް ހައްލުކޮށްދީ، ރައްޔިތުންނަށް ހަމަޖެހޭ، ބާއްޖަވެރި ދިރިއުޅުމެއް ފެންނާނެގޮތަކަށޭ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ. އެގޮތުން، ތަޢުލީމާއި، ޞިއްޙަތާއި އަދި އިޤްތިޞާދީ މުހިންމު މަސައްކަތްތައް ކަމުގައިވާ މަސްވެރިކަމާއި، ޓޫރިޒަމާއި، ދަނޑުވެރިކަމާއި، ވިޔަފާރިއާ، މި ހުރިހާ ކަމެއް ކުރިއެރުވުމަށް ސަރުކާރުން ވަރަށް ޚާއްޞަ މަސައްކަތްތަކެއް މިހާރުވެސް ގެންދަނީ ކުރަމުންނޭ. އަދި އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައިވެސް އެ މަސައްކަތްތައް ކުރަމުންގެންދާނަމޭ. އެހެން އަޅުގަނޑު ހަމައެކަނި ދަންނަވާލަން ބޭނުންވަނީ. ސަރުކާރުގެ އެހެން އެއްވެސް މަޤްޞަދެއް ނެތް. އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި މިފަދަ މަސައްކަތްތައް މިހާރަށްވުރެވެސް ހަލުވިކޮށް ގެންދެވޭނެ މަގު ﷲ އަޅުގަނޑުމެންނަށް ތަނަވަސްކޮށްދެއްވާނެ. އަޅުގަނޑު މިހެން ދަންނަވާއިރު، އަޅުގަނޑަށް އެނގޭ އަޅުގަނޑުމެންގެ ރާއްޖެއަކީ ކުޑަކުޑަ ރާއްޖެއެއްކަން. އަޅުގަނޑުމެންގެ އަތްމަތީގައިވާ ތަނަވަސްކަމަކީވެސް ވަރަށް ކުޑަކުޑަ ތަނަވަސްކަމެއްކަން. ސަރުކާރުގެ ބަޖެޓަކީވެސް މާބޮޑު ބަޖެޓެއްނޫންކަން. އެހެންވީމާ، ޚަރަދުކުރެވެން އޮންނާނީވެސް ވަކި މިންވަރަކަށް. އެކަން ސަރުކާރުން ދަނެގެން ޚަރަދުކުރަމުން ގެންދަނީ. އެކަން އެހެން އޮތްކަމުގައިވިޔަސް، ރާއްޖެތެރެއަށް ސަރުކާރުންދޭ އަހަންމިއްޔަތަކީ ވަރަށްބޮޑު އަހަންމިއްޔަތެއް. ރާއްޖެތެރޭގެ ތަރައްޤީއަށް ވަރަށް ބުރަ މަސައްކަތްތަކެއް ސަރުކާރުން މިގެންދަނީ ކުރަމުން. އަދި މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ އެއަށްވުރެ ގިނަ މަސައްކަތްތައް ކުރެވޭނެ. އެކަމުގެ މަގު ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފަހިކޮށްދެއްވާނެ.
އާދެ، ރާއްޖެތެރެއަށް ބޭނުންވާ، ވަރަށް ގިނަ ޚިދުމަތްތަކެއް އެބަހުރި. ކުރިން މި ދެންނެވި ޚިދުމަތްތަކުގެ އިތުރަށް، ކަރަންޓުގެ ބޭނުން ރާއްޖެތެރެއަށް ވަރަށްބޮޑު. އެއީ އިޤްތިޞާދީ ގޮތުންވެސް އަދި އެހެން ގޮތްގޮތުންވެސް ކުރިއަށްދިޔުމަށް ވަރަށް ބޮޑަށް ބޭނުންވާ އެއްޗެއް. ހަމަ އެއާއެކީގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ގިނަ ރަށްރަށަކީ ފަޅުގެ ދަތިކަން އިޙްސާސްކުރަން ޖެހިފައިވާ ރަށްތަކެއް ކަމަށްވާތީ، ފަޅު ފުންކުރުމަކީވެސް ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމެއް. މިހާރުވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ވަރަށް ގިނަ ރަށްރަށުގެ ފަޅު ފުންކުރެވެމުން އެބަދޭ. 28 ރަށެއްގައި މަސައްކަތް ނިމި، މިހާރުވެސް ބައެއް ރަށްރަށުގައި މަސައްކަތް ކުރެވެމުން އެބަދޭ. އެއްފަހަރާ 9 ރަށެއްގައި މަސައްކަތް ކުރެވެމުން އެބަދޭ. އެއީ، ވަރަށް ބޮޑު ޚަރަދެއް. ވަރަށް ބުރަ މަސައްކަތެއް. އެހެންނަމަވެސް، އެކަމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށްވާތީ، ސަރުކާރުން އެ މަސައްކަތް ކުރަމުން ގެންދަނީ. ހަމަ އެފަދައިން، ކަރަންޓުގެ ކަންތައްވެސް އެކިފަހަރު އެކި ރަށަށް ސަރުކާރުގެ ޚަރަދުގައި ކަރަންޓްލައިދެމުން މިގެންދަނީ. ނުވަތަ ސަރުކާރު މެދުވެރިވެގެން ބޭރުގެ ފަރާތްތަކުގެ އެހީ ލިބިގެން، އެ އެހީގައި އެކަން ކުރަމުން މިގެންދަނީ. ކޮންމެގޮތެއްގައިވެސް އެކަމަކީ އިރާދަކުރެއްވިއްޔާ ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދީގެން މުސްތަޤްބަލުގައި ސަރުކާރުގައި ކުރަމުންގެންދާނެ މަސައްކަތެއްކަން މި ފުރުޞަތުގައި އަޅުގަނޑު ތިޔަބޭފުޅުންނަށް ހާމަކޮށް އަރުވަން.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެ ފޮނުއްވި މާތް ހިދާޔަތުގައި އާދެ، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި އަޅުގަނޑުމެން ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު ދެއްވުން އެދި ދުޢާކުރަމުން. އަދި ދިވެހިރާއްޖެއަށް ތަނަވަސްކަމާއި ފާގަތިކަން މިންވަރުކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވަމުން. އަދި ދިވެހި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ތަރައްޤީގެ މަގުގައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލައްވައި، އެ މަސައްކަތްތަކުގެ ހެޔޮނަތީޖާ ވަރަށް އަވަސް މުސްތަޤްބަލެއްގައި އަޅުގަނޑުމެންނަށް ފެންނާނޭގޮތް މިންވަރުކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އިބްތިހާލުކުރަމުން.
والسّلام عليكم ورحمـة اللّـه وبركاته.