بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وَصَحْبِـهِ أجمـعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:

السّلام عليكم ورحمـة اللّـه وبركاته.

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އިޚްލާޞްތެރި ހެޔޮއެދުމާއި ތަހުނިޔާ ފޮނުވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އަދި ދިވެހިންގެ ޤައުމީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެއްވުމަށްޓަކައި، އަޅުގަނޑުމެންގެ ފަޚުރުވެރި ތާރީޚުގެ އެކިދުވަސްވަރު ޖިހާދުކުރެއްވި ޤައުމީ އަބްޠާލުންގެ ވަސްމީރު ޒިކުރާ އާކޮށް، އެ އަގުހުރި އަބްޠާލުންނަށް ހެޔޮދުޢާކުރުމަކީވެސް މިއަދު އަޅުގަނޑުގެ މަތިވެރި ވާޖިބެއް.

މާތް ﷲގެ ހެޔޮ ރަޙްމަތްފުޅުން ދިވެހި އުންމަތަށް ލިބިފައިމިވާ މިނިވަންކަމާއި، ފުރިހަމަ ސިޔާދަތާއި، ޤައުމީ އެއްބައިވަންތަކަމަކީ، ވަރަށް މަތިވެރި ނިޢުމަތްތަކެއް. އަޅުގަނޑުމެންގެ ޢަޒުމަކަށްވާންވާނީ، އެ ނިޢުމަތްތަކަށް ޝުކުރުވެރިވުން. އެ ނިޢުމަތްތައް ދެމެހެއްޓުމަށްޓަކައި ވަރުބަލިވުމެއްނެތި، އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރަމުން ގެންދިޔުން.

މިނިވަންކަމުގެ ތަނަވަސް ހިޔަލުގައި ދިވެހި ޤައުމު މި ހޭދަކުރި އުފާވެރި 34 އަހަރުގެ ތެރޭގައި، އެކަށީގެންވާ ކާމިޔާބީތަކެއް ރާއްޖެ ހޯދާފައިވާކަމާމެދަކު ޝައްކެއްނެތް. އެ ކާމިޔާބީތަކުގެ ބިންގަލުގެ މަތީގައި، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުން ގެންދިޔުމަކީ، މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށްބޮޑު މަސްއޫލިއްޔަތެއް. އެހެންކަމުން، ރާއްޖޭގެ މިނިވަންކަމަށާއި ސިޔާދަތަށް ދިމާވެދާނެ ނުރައްކަލަކަށް ހޭލައި ތިބުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ވަރަށް މުހިންމު ޤައުމީ ވާޖިބެއް.

މިގޮތުން، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުން 3 ވަނަ ދުވަހު، ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައާ ގުޅިގެން، ދިވެހިންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ އާ ރޫޙެއްވަނީ އުފެދިފައި. ހަމައެޔާއެކު، ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއިން މިގެންދަނީ، ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. މި މަސައްކަތަށް ވަރަށްގިނަ ޤައުމުތަކުގެ ތަރުޙީބު ލިބެމުންދޭ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، މި މައްސަލައިގައި އ.ދ. މަޖިލީހަށް ރާއްޖެއިން ހުށަހެޅި ޤަރާރުތައް ވަނީ، އދ.ގެ ޢާންމު މަޖިލީހުގެ އިއްތިފާޤުން ފާސްވެފައި.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ދުނިޔެ މިއަދު މިވަނީ، އާ ސާސްކަފަކާ ކުރިމަތިލާފައި. މިފަދަ ދަނޑިވަޅަކީ، ކޮންމެ އެއްހާސް އަހަރަކުން އެއްފަހަރު ނޫނީ އަންނާނެ ދަނޑިވަޅެއް ނޫން. އެހެންކަމުން، މި މުހިންމު އަދި ތާރީޚީ ދަނޑިވަޅުގައި، ވޭތުވެދިޔަތާނގެ ތަޖުރިބާއަށް ބަލައި، ކުރިމަގާމެދު ވިސްނައި، ދިވެހިރާއްޖެ ދަތުރުކުރުމަށް އަޅުގަނޑުމެން ބޭނުންވާ މިޞްރާބު ކަނޑައެޅުމަކީ، މިއަދު އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ވޭތުވެދިޔަ ޤަރުނުތަކުގެ ތެރޭގައި ރާއްޖެވަނީ މުއްސަނދި ތަޖުރިބާތަކެއް ކޮށްފައި. ގިނަގުނަ ފިލާވަޅުތަކަކާއި ޢިބްރަތްތަކެއް ޙާޞިލްކޮށްފައި. އަދި މިއަދުގެ ދިވެހިންނަކީ، ކުރިމަގު ބައްޓަންކުރުމުގެ ވިސްނުމާއި، ޢިލްމާއި ޤާބިލިއްޔަތު ލިބިފައިވާ ބަޔެއްވެސްމެ.

އެހެންވީމާ، ކުރިއަށް އޮތް ޤަރުނުގައި ރާއްޖެ އޮންނާނެގޮތުގެ ތަޞައްވުރެއް، އަޅުގަނޑުމެން ކަނޑައެޅުމަކީ، ރާއްޖޭގެ ތަރައްޤީއަށް ވިސްނާއިރު، ވަރަށް މުހިންމު ކަމެއް.

ކުރިމަގުގެ މިފަދަ ތަޞައްވުރެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާތާ މިހާރު ދުވަސްތަކެއް ވެއްޖެ. 2020 ވަނަ އަހަރު، އެ ޤައުމެއް އޮންނާނެ ގޮތުގެ ތަޞައްވުރަކީ، ނުވަތަ ވިހިވިހީގެ ތަޞައްވުރަކީ، މިހާރު ބައެއް ޤައުމުތަކުގައި އިޢުލާނުކޮށްފައިވާ އެއްޗެއް. އެހެންކަމުން، މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތަކީ، މިވޭތުވެދިޔަ ދުވަސްތަކުގައި ކުރެވުނު މަސައްކަތުގެ ނަތީޖާ، އާދެ! ދިވެހިރާއްޖެ، 2020 ވަނަ އަހަރު އޮންނާނެ ގޮތުގެ ތަޞައްވުރުގެ ނުވަތަ އަޅުގަނޑުމެންގެ ވިހިވިހީގެ ތަޞައްވުރުގެ ޚުލާޞާއެއް، ތިޔަބޭފުޅުންނާ ޙިއްޞާކޮށްލުމަށް ވަރަށް އެކަށީގެންވާ މުނާސަބަތެއް ކަމަށް އަޅުގަނޑު ދެކެން.

އަޅުގަނޑުމެން މިދެކޭ ދިވެހިރާއްޖޭގެ ވިހިވިހީގެ ތަޞައްވުރުގައި، ދިވެހިރާއްޖެއަކީ، މާތް ﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުފަންތީގެ އެންމެކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްފައިވާ ޤައުމަކަށްވާނެ. ހަމައެހެންމެ، ފުރިހަމަ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި، އަދި އެކަންކަން ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ ޤާބިލިއްޔަތު ލިބިފައިވާ ޤައުމަކަށްވާނެ.

ދިވެހިރާއްޖޭގެ ވިހިވިހީގެ ތަޞައްވުރުގައި، ހުރިހާ ދިވެހިންނަކީ، މާތް ﷲގެ ވާގިފުޅާއެކު، އިސްލާމްދީނުގެ މާތް އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޢަޤީދާއާއި ޢަމަލާއި އަޚްލާޤު ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބޭ ބަޔަކަށްވާނެ. ދިވެހިންނަކީ، އެއްދީނެއްގެ އަހުލުވެރި، އެއްބަހަކުން ވާހަކަދައްކާ، އެއްބައިވަންތަ މުޖްތަމަޢެއްގެ ގޮތުގައި ދެމިތިބޭ ބަޔަކަށްވާނެ.

ހަމައެއާއެކު، ދިވެހިން ތިބޭނީ، ހަރުދަނާ ދީމުޤްރާޠީ ނިޒާމެއްގެ މަތީގައި، ޢަދުލު އިންޞާފާއި، ހަމަހަމަކަމާއި، ޞުލްޙަމަސަލަސްކަމާއި، އަމާންކަމުގެ ހިޔާވަހިކަމުގައި.

ވިހިވިހީގެ ދިވެހި މުޖްތަމަޢަކީ، އަންހެނުންނާއި ފިރިހެނުން، ހަމަހަމަކަމާއެކު ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ މައިދާނުގައި ޙަރަކާތްތެރިވާ މުޖްތަމަޢަކަށްވެސް ވާނެ.

އަމިއްލަ ދިރިއުޅުމުގަޔާއި މަސައްކަތުގައި، ހަމަ ގަބޫލުކުރާ، އަދި މަސްއޫލިއްޔަތު އުފުލާ، ޒިންމާދާރު ބައެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ވިހިވިހީގެ ތަޞައްވުރުގައި ދިވެހިން ދެމިތިބޭނެ. މިހާރަށްވުރެ ބޮޑަށް، ޢާއިލީ ގުޅުންތައް ބަދަހި، އޯގާތެރި މުޖްތަމަޢެއް ކަމަށްވެސްވާނެ.

ދިވެހި ޒުވާނުންނަކީ ޤައުމުގެ ތަރައްޤީގައި ފުރިހަމައަށް ޙިއްޞާކުރާ، އަދި އެމީހުންގެ ކުރިއެރުމަށް ބޭނުންވާ ފުރުޞަތުތައް ލިބިފައިވާ ބަޔަކަށްވާނެ.

ވިހިވިހީގެ ދިވެހިރާއްޖެއަކީ، އިރާދަކުރެއްވިއްޔާ، ރަށްވެހިކަން ކުރިއަރައި، އެންމެންނަށް، އެކަށީގެންވާ ހިޔާވަހިކަމެއް ލިބުމުގެ މަގު ތަނަވަސްވެފައިވާ ޤައުމަކަށްވާނެ.

ދިވެހިރާއްޖޭގެ އާބާދީއަކީ، ޞިއްޙީގޮތުން މިހާރަށްވުރެވެސް ހޭލުންތެރި، އަދި ޞިއްޙީ ރަނގަޅު އާދަކާދަތަކަށް އަހުލުވެރި ބަޔަކަށްވެސްވާނެ. ރާއްޖޭގެ ކޮންމެ މީހަކީވެސް، އެމީހަކު ދިރިއުޅޭ ސަރަޙައްދަކުން، ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދްމަތް ލިބުމުގެ ފުރުޞަތު ފަހިވެފައިވާ މީހަކަށްވާނެ. އަދި ޞިއްޙީ ފަރުވާ ހޯދުމުގެ ޚަރަދު ހަމަޖައްސައިދޭ ނިޒާމެއްގައި، ލުއިފަސޭހަ ގޮތެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވާ މީހަކަށްވެސްވާނެ.

ހަމައެހެންމެ، ދިވެހިންނަކީ، ދުނިޔޭގެ ތިމާވެށްޓަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ފިޔަވަޅު އަޅަމުންގެންދާ، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތިމާވެށްޓާ ރައްޓެހި ދިރިއުޅުމެއް އުޅެމުންގެންދާ ބަޔަކަށްވާނެ.

ވިހިވިހީގެ ދިވެހިރާއްޖެއަކީ، އިރާދަކުރެއްވިއްޔާ، އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް އެންމެފަހި މާޙައުލު ޤާއިމުވެފައިވާ، މިނިވަން ވިޔަފާރީގެ ސަރަޙައްދީ ނާރެސްކަމުގައިވާނެ. ރާއްޖެއަކީ، އެކްސްޕޯޓަށް އަމާޒުކޮށްގެން ހިންގޭ އެކިއެކި ޚިދްމަތުގެ ވިޔަފާރިއާއި، ރާއްޖޭގައި ކުރިއެރުވިދާނެ ޞިނާޢީ މަސައްކަތްތަކުގެ މައްޗަށް އިޤްތިޞާދު ފުޅާވެފައިވާ ޤައުމަކަށްވާނެ. އަދި ރާއްޖެއަށް ލިބިފައިވާ އިޤްތިޞާދީ ކުރިއެރުމުގެ ފައިދާ، ފުޅާ ދާއިރާއެއްގައި ޙިއްޞާކޮށް، ރާއްޖޭގެ ކޮންމެ މީހަކަށްވެސް އެކަށީގެންވާ ވަޒީފާއެއް އަދާކުރުމުގެ ފުރުޞަތު އޮތް ޤައުމަކަށްވާނެ.

އާދެ! މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން، ވިހިވިހީގައި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު، މާތް ﷲގެ ރަޙްމަތްފުޅުން، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުފަންތީގެ އެންމެ ކުރީ ސަފުގައިވާ ޤައުމުތަކާ އެއްވަރުވާނެ.

މިކަންކަމުގެ މުގުލުގައި، ޝައްކެއްނެތްގޮތުގައި ތިބެންޖެހޭނީ، ޤާބިލް ރައްޔިތެއް. އެހެންކަމުން، ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގަޔާއި، އަޅުގަނޑުމެންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގައި، ޤާބިލް ރައްޔިތެއް ބިނާކުރުމަކީ، ވަރަށް މުހިންމު ކަމެއް. މިގޮތުން، ވިހިވިހީގެ ރާއްޖެއަކީ، އިރާދަކުރެއްވިއްޔާ 10 އަހަރުގެ ރަސްމީ ތަޢުލީމު ޢާންމުވެފައިވާ ޤައުމަކަށްވާނެ. އަދި އެކަށީގެންވާ މިންވަރަކަށް، ޔުނިވަރސިޓީ ތަޢުލީމު ލިބެން ހުންނަ ޤައުމަކަށްވެސްވާނެ. މީގެއިތުރުން، ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ ޙާޞިލްކުރުމަށާއި ދެމެހެއްޓުމަށް ބޭނުންވާ، ޢިލްމީ ހުނަރުވެރިކަން ލިބިދެވޭނެ ގޮތްތައްވެސް، ރާއްޖޭގައި ހުންނާނީ ހަމަޖެހިފައި.

މީގެއިތުރުން، ވިހިވިހީގެ ދިވެހިރާއްޖެއަކީ، ފުޅާ ދާއިރާއެއްގައި ޓެކްނޯލޮޖީ ބޭނުންކުރާ، އަދި އޭގެ ސަބަބުން، ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ކުރިއެރުމާއި ލުއިފަސޭހަކަން ހޯދަމުންގެންދާ ޤައުމަކަށްވާނެ.

އާ ސާސްކަފަކަށް މަރްޙަބާ ކިޔާ މި ދަނޑިވަޅަކީ، ބައިނަލްއަޤްވާމީ ގުޅުންތަކުގެ މައިދާނުގައި، އާ ނިޒާމުތަކެއް ޤާއިމުކުރެވެމުންދާ ދުވަސްވަރެއް. އިރާދަކުރެއްވިއްޔާ، ވިހިވިހީގެ ރާއްޖެ ވާނީ، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖެ ގަބޫލުކުރާ އުޞޫލުތަކާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތެއްގައި ދުނިޔޭގެ މަސްރަޙުގައި ޙަރަކާތްތެރިވަމުންދާ ޤައުމެއް ކަމުގައި.

އަޅުގަނޑު މި ޚުލާޞާކޮށްލި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި، އަޅުގަނޑުމެން، ދިގު މުއްދަތުގެ މަޝްރޫޢުތަކެއް ރާވައި ހިންގަންޖެހޭނެ. އަޅުގަނޑުމެން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނީ އޭރުން.

މިގޮތުން ރާވާ މަޝްރޫޢުތަކުގެ ތެރޭގައި، ދިވެހި ޤައުމިއްޔަތުގެ ރުކުންތައް ހަރުދަނާކުރުމާއި، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގެ ދުވެލި ހަލުވިކުރުން ހިމެނޭނެ. އަދި ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމާއި، ސަރުކާރުގެ އިދާރީ ހިންގުން، ޒަމާނީ ގޮތްތަކުގެ އެހީގައި ކުރިއެރުވުންވެސް ހިމެނޭނެ.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

މި އުފާވެރި މިނިވަންދުވަހުގެ މުނާސަބަތުގައި، އަޅުގަނޑު މި ހުށަހަޅާލި ވިހިވިހީގެ ތަޞައްވުރަކީ، ތިޔަ ލޮބުވެތި ރައްޔިތުންގެ މަސައްކަތްތެރިކަމާއި، ހީވާގިކަމާއި، ކެރުމާއި ޢަޒުމުގެ ވަރުގަދަކަމުން، މާތް ﷲގެ ތައުފީޤާއެކު، ޙަޤީޤަތަކަށް ހެދިދާނެ ތަޞައްވުރެއްކަން ކަށަވަރު.

އަޅުގަނޑުމެންގެ ކާބަފައިންގެ ޖިހާދާއި، މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ ދެމެހެއްޓުމަށް ދިވެހި ރައްޔިތުން ކުރައްވާފައިވާ ހިންމަތާއި މިންނަތުން ހިތްވަރު ލިބި، ރާއްޖޭގެ ވިހިވިހީގެ ތަޞައްވުރު ޙާޞިލްކުރުމަށް އަޅުގަނޑުމެން އެންމެން އަތުކުރިއޮޅާލުމަށް އަޅުގަނޑު ގޮވާލަން.

މި މުހިންމު ޤައުމީ ދަތުރުގައި އަޅުގަނޑުމެންނަށް މަގުދައްކާ ފަރާތަކީ، އަޅުގަނޑުމެންގެ މާތް ދީނާއި، ދިވެހިވަންތަކަމުގެ ޤައުމީ ޝުޢޫރުކަމަށްވުން ލާޒިމު.

އާދެ، މާތް ﷲގެ ޙަޟްރަތުން މަދަދާއި ވާގިއެދިތިބެ، ދިވެހިންގެ ބަދަހި ސަފުތައް، އިތުރަށް ހަރުދަނާކޮށް، ދިވެހި މޫނުތައް، ވިހިވިހީގެ އުންމީދުން ފުރިގެންވާ އުފާވެރި ތަޞައްވުރާ ދިމާއަށް އުފުލާލަމާތޯ!

މާތް ﷲ، މާތްވެގެންވާ އިސްލާމްދީނުގެ އަލިގަދަ ނޫރުން، ދިވެހި އުދަރެސް އަބަދަށް އަލިކޮށްދެއްވާށި! ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދެއްވައި، ރާއްޖެއަށް އަމަންއަމާންކަމާއި ހަމަޖެހުން މިންވަރުކޮށްދެއްވާށި! އަޅުގަނޑުމެންގެ އުންމީދުގެ ލޯތަކުން މިއަދު މިދެކޭ ކުރިމަގުގެ އުޖާލާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގެ ބާރާއި، ކުޅަދާނަކަމާއި، ތައުފީޤު އަޅުގަނޑުމެންނަށާއި އަދި ދިވެހިންގެ އަންނަން އޮތް ޖީލުތަކަށް ދެއްވާށި! އާމީން.

والسّلام عليكم ورحمـة اللّـه وبركاته.