بســم اللّـه الرّحمـن الرّحيــم

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިރޭގެ މި ޙަފްލާއަކީ، ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ހިންގަމުން މިގެންދާ "މިލިއަން ގަސް ޕްރޮގްރާމް" މިހާތަނަށް ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޙަފްލާއެއް. އެހެންކަމުން، އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބެއްކަމަށް ދެކެނީ، މި ޕްރޮގްރާމަކީ މިހާ ކާމިޔާބު ޕްރޮގްރާމަކަށް ހައްދަވައިދެއްވި ފަރާތަށް އާދެ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ދިވެހިންނަކީ ޒަމާނުއްސުރެ ގަސްގަހަށް ލޯބިކުރާ ބައެއް. ގަސް އިންދައި ހައްދާ ބައެއް. އެމީހުންގެ ދިރިއުޅުމާ ގަހާ ވަރަށް ބޮޑަށް ގުޅިފައިވާ ބައެއް. އަޅުގަނޑަށް ހީވަނީ އެކަން އެހެންއޮތުމުގެ ސަބަބުން، މި ޕްރޮގްރާމަށް ވަރަށްބޮޑު އެއްބާރުލެއްވުމެއް ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ލިބެމުންދިޔަހެން.

އާދެ، އެއީ ހީއެއްނޫން. އެއީ ޔަޤީންކަމެއް. މި ޕްރޮގްރާމަށް އެހީވެދެއްވި ފަރާތްތަކުގެ ނަންތައް ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔައިރު، ރާއްޖޭގެ ހަމަ ހުރިހާ ފަރާތެއްވެސް އޭގެތެރޭގައި ހިމެނެއޭ ދެންނެވުމަކީ ދޮގަކަށްނުވާނެ. އާދެ، ރާއްޖޭގެ ރައްޔިތުން، ކުދިބޮޑު އެންމެން، ރާއްޖޭގެ މަދަރުސާތައް، ޖަމުޢިއްޔާތައް، ކުލަބްތައް، ރިޒޯޓުތައް، މިހެންގޮސް ދަންނަވަންޏާ ވަރަށްދިގު ލިސްޓަކުން ނޫނީ ނުދެންނެވޭހާ ގިނަ ފަރާތްތައް، މި ޕްރޮގްރާމް ކާމިޔާބުކުރުމުގައި ވަރަށްބޮޑު އެހީތެރިކަމެއް ދެއްވައި، ވަރަށް ބޮޑަށް ވަނީ ބައިވެރިވެވަޑައިގެންދެއްވާފައި. އެއީ، މި ޕްރޮގްރާމް މިހާ ކާމިޔާބުގޮތެއްގައި ހިންގުމުގެ އެންމެ މުހިންމު ސަބަބެއް ކަމުގައި އަޅުގަނޑު ދެކޭ ކަމަކީ.

އާދެ، މި ޕްރޮގްރާމް ހިންގަވައިދެއްވާ ފަރާތަކީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ. އަދި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ނުވަތަ އެ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ، މި ޕްރޮގްރާމާބެހޭ ކޮމިޓީ. އާދެ، ޕްރޮގްރާމް ރާވައި ހިންގުމުގައި ލަފާ ދެއްވައި، އެ ޕްރޮގްރާމް ހިނގާ ނުހިނގާގޮތް ބައްލަވައި އަދި ޕްރޮގްރާމް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ކޮމިޓީއެއް އެއީ. އެ ކޮމިޓީގެ ހުރިހާ ބޭފުޅުންނަށް މިރޭ ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އެ ބޭފުޅުން އެ ކަންތައްތައް އެ ކޮށްދެއްވީ އަދި މިހާރުވެސް ކޮށްދެއްވަމުން އެ ގެންދަވަނީ، އެއްގޮތަކަށްވެސް ސަރުކާރުން ޙަވާލުކުރި ކަމެއް ކުރެއްވުމުގެ ރޫޙެއްގައެއް ނޫން. އެ ބޭފުޅުންވެސް ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ، އަދި އަމިއްލަފުޅަށް، ކާމިޔާބު ކުރައްވަން ބޭނުންވާ ކަމެއްގެ ގޮތުގައި، އެ ބޭފުޅުން އެ ކަންތައްތައް ކޮށްދެއްވަމުން އެ ގެންދަވަނީ. އެހެންވީމާ، އެންމެ ފުރަތަމަ މިނިސްޓަރަށް އާދެ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލް ޙަސަން ޞާބިރު މިކަމަށް ދެއްވާ އަހަންމިއްޔަތާއި، ސަމާލުކަމުގެ ބޮޑުކަމަށްޓަކައި. އަދި އޭނާގެ ބެއްލެވުމުގެ ދަށުން، އެ މިނިސްޓްރީން އެކަމާ ގުޅޭގޮތުން ކަންތައްތައް ހިންގަވާ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދެންނެވުމާއެކު، މި ޕްރޮގްރާމުގެ ކޯޑިނޭޓިންގ ކޮމިޓީގެ މެންބަރުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އެ ބޭފުޅުން އެ ކުރައްވާ މަސައްކަތްޕުޅުތަކަށް ސާބަސްދެން.

އާދެ، މި ޕްރޮގްރާމާ ބެހޭގޮތުން މާދިގު ވާހަކައެއް މިރޭ އަޅުގަނޑު ދައްކާކަށް ނުޖެހޭކަންނޭނގެ. އެހެން މި ދެންނެވީ، ދެންމެ އަޅުގަނޑުމެންނަށް ފެނިގެން އެދިޔަ ވީޑިއޯގައިވެސް، އަޅުގަނޑުގެ، ވަރަށްދިގު ވާހަކަތަކެއް ހިމެނިގެން ހިނގައްޖެ. އެހެންވީމާ، އަޅުގަނޑު މިނިސްޓަރަށްވެސް، ކޮމިޓީއަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ ވާހަކަ މިރޭ ކުރުކޮށްލުމުގެ ވަރަށްބޮޑު ސަބަބެއް އަޅުގަނޑަށް ދެއްވީތީ.

އާދެ، ކޮންމެއަކަސް އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެކޭ. އަޅުގަނޑުމެން އެންމެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި، އެއް މިލިއަން ގަސް އިންދުމަށް ކަނޑައަޅައި، އެ ޕްރޮގްރާމް ހިންގަމުން ގެންދިޔައިރު، އަހަރު ދުވަސްވެސް ނުވަނީސް، ގާތްގަނޑަކަށް މުޅި ޢަދަދު އާދެ، ނުވަލައްކައަށްވުރެ ގިނަ ގަސް އޮތީ އިންދިފައި. އެހެންވީމާ، ވަރަށްބޮޑު ކާމިޔާބީއެއް، ފުރަތަމަ އަހަރުތެރޭގައިވެސް ޙާޞިލްކުރެވުނީ. އޭގެ ސަބަބުން، ދެ މިލިއަން ގަހުގެ ޕްރޮގްރާމަކަށް ހަދަންޖެހުނީ. އެއީ، ތިން އަހަރު ދުވަހުގެ މުއްދަތުގައި، މިހާރު އަދި އެއްއަހަރު ބާކީއޮއްވައި، 1.4 މިލިއަން ގަސްވަނީ އިންދިފައި. އެހެންވީމާ، ދެންއޮތް ޢަދަދަކީވެސް މާބޮޑު ޢަދަދެއް ނޫން. އިރާދަކުރެއްވިއްޔާ، އެ މުއްދަތު ހަމަވުމުގެ މާކުރިން އެ ޢަދަދު ފުރިހަމަވެ ނިމޭނެ.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެންމެ މުހިންމު ނުކުތާއަކީ، އަޅުގަނޑުމެން ގަސް އިންދީމާ، އެ ނިމުނީކަމުގައި ބަލައިގެންނެއް ނުވާނެއޭ. ގަސް އިންދުމަށްފަހުގައި އަދި ކުރަންޖެހޭ މަސައްކަތް މާބޮޑުކަންނޭނގެ. އާދެ، ގަސް ހެދޭތޯ ނެހެދޭތޯ ބަލައި، އެއަށް ދޭންޖެހޭ ސަމާލުކަންދީ، ފެންދީ ބަލަހައްޓާ ހެދުން. އެކަމަކީ ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާރު އެކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން، ހުރިހާ ފަރާތްތަކަކުންވެސް އެކަން ކުރައްވަމުން އެބަ ގެންދަވާ. އަދި ވަރަށް އުފާވާކަހަލަ ކަމެއް އަޅުގަނޑުމެންނަށް މިހާރު ފެންނަމުން އެބަދޭ. އެއީ، އަޅުގަނޑުމެން މި އިންދާ ގަސްތައް މާލޭގައިވެސް އަދި ރާއްޖެތެރޭގައިވެސް ވަރަށް ރަނގަޅަށް ބެލެހެއްޓެމުންދާ ތަން. އެ ގަސްތައް ވަރަށް ރަނގަޅަށް ރޯވެގެން ދިރެމުންދާ ތަން.

އާދެ، ދެންމެ އެ ވީޑިއޯއިން ފެނުނު ގޮތުގެމަތިން، މި ވޭތުވެދިޔަ ގާތްގަނޑަކަށް އެއްއަހަރާއި ދިހަވަރަކަށް މަސްދުވަހުގެ ތެރޭގައި ނުވަތަ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 15 އިން ފެށިގެން މިހާތަނާ ޖެހެންދެން މިކުރި މަސައްކަތުގައި، ތަފާތު މުނާސަބަތުތަކުގައި މާލޭގެ އެތަން މިތާނގައިވެސް ގަސްވަނީ އިންދިފައި. އަމީނީ މަގުގައި، މާވެޔޮ މަގުގައި، ބޮޑުތަކުރުފާނު މަގުގައި އަދި މާލޭގެ އެހެން ތަންތާނގައިވެސް ވަނީ ގަސް އިންދިފައި. އެ ހުރިހާ ތަނެއްގައި އިންދިފައި ހުރި ގަސްތައްވެސް ވަރަށް ރަނގަޅަށް ރޯވެގެން، ހެދެމުންދާ މަންޒަރު އަޅުގަނޑުމެންނަށް ދެންމެ ފެނުނު ވީޑިއޯއިންވެސް ފެނުނު. އަދި އަޅުގަނޑުމެން މާލެތެރޭގައި މި އުޅެލާ އުޅެލުމުގައިވެސް އެ މަންޒަރު ދަނީ ފެންނަމުން. އިންދާ ގަސް ހަލާކުކުރުމުގެ ކަންތައްތަކެއްވެސް ތަންކޮޅެއް ކުރިން ހިނގަމުންދިޔަ. އެހެންނަމަވެސް، މިހާރު އެކަހަލަ އެއްވެސް ކަމެއް ނުފެނޭ. އަޅުގަނޑު ހިތުން އެއީ، އަޅުގަނޑުމެން މިކަމަށްދޭ އަހަންމިއްޔަތު ވަރަށް ބޮޑަށް ފެނިގެންދާ ކަމެއް. އަޅުގަނޑުމެންގެ ރައްޔިތުންގެ އަދި ޚާއްޞަކޮށް، ކުޑަކުދިންގެ ހޭލުންތެރިކަން އިތުރުވަމުންދާކަމުގެ ނިޝާނެއް. އެއީ، އަޅުގަނޑުހިތުން އަޅުގަނޑުމެން އެންމެންވެސް އެކަމާމެދު ވަރަށް ބޮޑަށް އުފާކުރާނެ ކަމެއް.

އާދެ، އެހެންވީމާ، ދެން އަޅުގަނޑު މި ދަންނަވަނީ މި ރޫޙު ދަމަހައްޓަމާތޯއޭ. އަޅުގަނޑުމެން އިންދާ ގަސް ހައްދައި ބެލެހެއްޓުމުގެ ރޫޙު، އެ ވަމުންދާގޮތް ބަލައި އަދި އިތުރަށް ގަސް އިންދަމުން ގެންދިޔުން. މި ޕްރޮގްރާމް ތިން އަހަރު ދުވަހުގެ ތެރޭގައި ނިމުނު ނަމަވެސް، މިއީކީ ނިމިގެންވާނެ ޕްރޮގްރާމެއް ނޫން. އޭގެފަހުންވެސް ކުރިއަށް ގެންދަންޖެހޭނެ. އެއީ، ގަހަކީ އަޅުގަނޑުމެންގެ ޙަޔާތުގެ އެއްބައި. ގަހާނުލައި އަޅުގަނޑުމެންނަކަށް ދިރިއެއްނޫޅެވޭނެ. އެހެންވީމާ، އެ ގަސް ހައްދައި ބެލެހެއްޓުމަކީ އަބަދުވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

އާދެ، މިއާ ގުޅިގެން ދަންނަވާލަންޖެހެނީ، އަޅުގަނޑުމެން ދާދިފަހުން ފަށައިގެން، ހިންގައިދިޔަ ޕްރޮގްރާމެއްގެ ވާހަކަ. އެ ޕްރޮގްރާމަކީ، "މިނިވަން ދިވެހިރާއްޖެ، ސާފު ދިވެހިރާއްޖެ" ޕްރޮގްރާމް. އެ ޕްރޮގްރާމުގެ ދަށުން، އަޅުގަނޑުމެން ވަރަށް ތަފާތު ގިނަގުނަ މަސައްކަތްތަކެއް މާލޭގައިވެސް، ރާއްޖެތެރޭގައިވެސް ކުރަމުން ގެންދިޔައިން. ވަރަށް ރަނގަޅު ނަތީޖާއެއްވެސް ފެނުނު. އެހެންނަމަވެސް، މިހާރު މާލޭގެ ބައެއް ދިމަދިމާއަށް ބަލައިލީމާ، އެ ޕްރޮގްރާމުގެ އަސަރު ފެންނަމުންދެއެކޭ ނުދެންނެވޭނެ. ބައެއް ތަންތަން މިހާރު ހުރީ އަޅުގަނޑުމެން ހިތްހަމަނުޖެހޭ ފެންވަރަކަށް ހަޑިވެފައި. އަޅުގަނޑަށް ހީވާގޮތުގައި، ރާއްޖެތެރޭގައިވެސް ކަންތައް ހުންނާނީ، ހަމަ އެހެން. އެހެންވީމާ، އެއީކީ މާ ރަނގަޅު ގޮތެކޭ ނުދެންނެވޭނެ. އަޅުގަނޑުމެން ފަށާ ކަމެއް ރަނގަޅަށް ނިންމަންޖެހޭނެ. އަދި އެކަން ދެމެހެއްޓޭތޯ ބަލަންޖެހޭނެ.

އެހެންވީމާ، އަޅުގަނޑު އެދެނީ، އަޅުގަނޑުމެން މިކުރާ ކަންތައްތައް މާޒީވެގެންދިޔަ ކަމެއްގެ ގޮތުގައި ނުބަލައި، އެ ކަންތައްތައް ދެމެހެއްޓުން. "މިނިވަން ދިވެހިރާއްޖެ، ސާފު ދިވެހިރާއްޖެ" ޕްރޮގްރާމްވެސް އަދިވެސް ކުރިއަށްދާންޖެހޭނެ. ކުރިން ސާފުކުރި ތަންތަން މިހާރު ހަޑިވެފައިވަންޏާ، އަލުން ސާފުކުރަންޖެހޭނެ. އެކަންވެސް ޖެހޭނެ ދަމަހައްޓަން. އެއީ، ހުރިހާ ކަމެއްވެސް ކާމިޔާބުވުމުގެ ސިއްރަކަށްވާނެ ކަމަކީ.

އާދެ، މި ޕްރޮގްރާމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާއިރު، ވަރަށް ޚާއްޞަކޮށް، ފާހަގަކޮށްލަންޖެހޭ ދެތިން ފަރާތެއް އެބައޮތް. އާދެ، އޭގެތެރޭގައި އެއްފަރާތަކީ، ދެންމެ އެކިއެކި ހަނދާނީ ލިޔުން މި ޙާޞިލްކުރެއްވި ފަރާތްތައް. އަޅުގަނޑު ހަނދާންވާގޮތުގައި، ތިލަދުންމަތީ ދެކުނުބުރި (ހދ. އަތޮޅު) އަދި މިލަޑުންމަޑުލު އުތުރުބުރި (ށ. އަތޮޅު) އަދި އ. އަތޮޅު އުތުރުގޮފި، މިތިން އަތޮޅުން ވަނީ، އެންމެ ގިނަ ގަސް އިންދުމުގެ ކާމިޔާބު ޙާޞިލްކުރައްވާފައި. ހަމައެހެންމެ، ގަސް އިންދުމުގެ ކަންތައްތަކަށް ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައި، ދިވެހިރާއްޖޭގެ އަޑުން އެ ކުރައްވާ މަސައްކަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ އަޑަށްވެސް ވަނީ މިރޭ ހަނދާނީ ލިޔުމެއް ލިބިފައި. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވައި، ޝުކުރު ރައްދުކުރަން.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުގެ ވާހަކައިގެ ވަރަށްބޮޑު ބައެއް، ވީޑިއޯއިން ފެނިގެންދިޔުމާއެކު، މިހާތަނަށް ކުރުކޮށްލަން ޤަޞްދުކުރަނީ. އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން އެދި އެކަލާނގެ ޙަޟްރަތަށް ދުޢާ ދަންނަވަމުން. ދިވެހި ރައްޔިތުންނާއި ސަރުކާރާ ގުޅިގެން ކުރާ، ފައިދާހުރި ހުރިހާ މަސައްކަތްތަކަކީ، ކާމިޔާބު މަސައްކަތްތަކެއް ކަމުގައި ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އިބްތިހާލުވަމުން. އަދި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލް ޙަސަން ޞާބިރަށާއި، މި ޕްރޮގްރާމް ހިންގަވައިދެއްވާ ކޮމިޓީގެ ހުރިހާ މެންބަރުންނަށާއި އަދި މި ޕްރޮގްރާމަށް އެހީތެރިވެދެއްވާ، އޭގައި ބައިވެރިވެވަޑައިގެންދެއްވި އަދި ދެއްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށާއި، ޢާންމުކޮށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މިލިއަން ޝުކުރު ދަންނަވަމުން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.