بســم اللّـه الرّحمـن الرّحيــم

الحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين. سيِّدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިއަދު އަޅުގަނޑު ރާއްޖޭގެ ދެކުނުގެ، އެންމެ ދެކުނުގައިވާ ދެ އަތޮޅަށް މި ކުރާ ދަތުރުގައި، އަޅުގަނޑުގެ ދަތުރުގެ އެންމެފަހުގެ މަންޒިލަކަށް މިވީ ހުޅުދުއާއި މީދޫ. އެހެންކަމުން، މިއަދު މިތަނަށް އައިސް، މީދޫގެ ލޮބުވެތި ރައްޔިތުންނާއި އަދި ހުޅުދޫގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމުގައި ދަންނަވަންޖެހޭ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެތެރެއަށް، އަޅުގަނޑަށް ވެވުނުވަރަކަށް މިގެންދަނީ ދަތުރުކުރަމުން. ތިޔަބޭފުޅުންގެ މި ދެ ރަށަށް އާދެ، މީދުއަށާއި ހުޅުދުއަށްވެސް އަޅުގަނޑަށް މިހާރު މި މަޤާމުގައި ހުރެގެން 7 ފަހަރު ޒިޔާރަތް ކުރެވިއްޖެ. މިއީ 8 ވަނަ ފަހަރު. ރާއްޖެތެރޭގެ ރަށްރަށަށް ޒިޔާރަތްކުރުމަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތުން، އާދެ، އަޅުގަނޑުމެންގެ ޤައުމަކީ، މާސިންގާ ކަނޑުގެ ތެރޭގައި އޮންނަ ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށްވާތީ، އަދި ދަތުރުފަތުރު ކުރުމުގެ ގޮތްތައް އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި ފެންވަރުން، ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރުމަކީ ފަސޭހަކަމެއްނޫން. ވަރަށް ދިގު މުއްދަތެއްވެސް ބޭނުންވާ ކަމެއް.

އާދެ، އަޅުގަނޑު މި މަޤާމާ ޙަވާލުވެގެން އެންމެ ފުރަތަމަ ޤަޞްދުކުރީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރަން. އެ ރަށްރަށުގެ އަހުލުވެރިންނާ ބައްދަލުކޮށް، އެ މީހުންގެ ޙާލު އަޙުވާލު އަޅުގަނޑުގެ އަމިއްލަ ލޮލުން ދެކިލަން. އެ މަސައްކަތް އަޅުގަނޑަށް ނިންމުނީ ފުރިހަމަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި. 200 ރަށަށް ގޮސް، އެ ތަންތާނގެ ކަންތައްތައް ބަލައިލުމަށް ހަތަރު އަހަރުގެ ދިގު މުއްދަތު ބޭނުންވި. އެހެންވީމާ، އެއީ މާގިނަގިނައިން ކުރެވޭ ޒާތުގެ ކަމަކަށްނުވޭ. އެހެންނަމަވެސް، އަޅުގަނޑަށް ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން އަޅުގަނޑު މި ކުރަނީ ރާއްޖެތެރެއަށް ދިޔުމަށް. ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ނާއިބު ޑޮކްޓަރ މުޙައްމަދު ލަޠީފް އެ ވިދާޅުވި ފަދައިން، ރާއްޖެތެރެއަށް ދިޔުމަކީ އަޅުގަނޑު ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. އާދެ، އެއީ އަޅުގަނޑަށް ލިބޭ އެހާމެ ބޮޑު އުފަލެއްމެ. އަޅުގަނޑުހިތުން ރާއްޖޭގެ ރައީސްކަމާ ޙަވާލުވެގެން ހުންނަ މީހަކު މާލޭގައި ހުރެގެން އަދި ރާއްޖެތެރޭގެ ކަންތައްތައް ހުރިނެތްގޮތް، ދެވަނަ ފަރާތެއްގެ ޚަބަރުދިނުމަކުން އޮޅުންފިލުވާ މީހަކަށް، އެކަމެއް އެންމެ ފުރިހަމަކޮށެއް ނުކުރެވޭނެ. ރާއްޖެތެރެއަށް ޒިޔާރަތްކޮށް، ރާއްޖެތެރޭގައި ކަންތައްތައް ހުރިނެތްގޮތް، އެ މީހަކު އަމިއްލައަށް ބަލައިލާންޖެހޭނެ. އަދި ރާއްޖެތެރޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދިމާވާ ދަތިތައް އޮޅުންފިލުވައި، އެ ދަތިތައް ޙައްލުކުރެވޭނީ ކިހިނެއްކަން ބަލައި، އެކަންކަމުގައި ސަރުކާރުން އެހީވެސްވާންޖެހޭނެ.

އާދެ، މި މުހިންމު މަޤްޞަދު ޙާޞިލްކުރުމަށްޓަކައި، އަޅުގަނޑު ރާއްޖެތެރޭގައި ދަތުރުކުރަމުން މިގެންދަނީ. އަޅުގަނޑުގެ މި ދަތުރަކީވެސް ހަމަ އެ މަޤްޞަދުގައި ކުރެވޭ ދަތުރެއް. އާދެ، އަޅުގަނޑު މީދުއަށާއި ހުޅުދުއަށް އައުމުން އަޅުގަނޑަށް ފެނިގެންދިޔައީ ވަރަށްވެސް ކުލަގަދަ މަންޒަރުތަކެއް. އާދެ، މި ދެރަށުގެ ލޮބުވެތި ރައްޔިތުން، އަޅުގަނޑު އަންނަކަން އެނގިވަޑައިގެންފައި އޮތުމާއެކުގައި، މި ދެރަށްމެ ޒީނަތްތެރި ކުރައްވައި ތައްޔާރުކުރައްވާފައި ވަނީ ވަރަށް ފުރިހަމަގޮތެއްގައި. އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ، ފަހަރެއްގައިވެސް އެ ކަންތައްތައް އެގޮތުގެމަތިން ރައްޔިތުން ކުރައްވަން އަޅުގަނޑު އެދޭތީއެއްނޫން. ޝައްކެއްނެތް، އެފަދަ ކަންތައްތައް ކުރެއްވުމަށް ވަރަށްގިނަ ވަގުތުވެސް ހޭދަވާނެ. އަދި ޚަރަދުވެސް ހިނގާނެ. އެއީ، އަޅުގަނޑު އެދޭގޮތެއް ނޫން. އަޅުގަނޑު ބޭނުންވަނީ، ރާއްޖެތެރޭގެ ރައްޔިތުން، އެ މީހުންގެ އަމިއްލަ ކަންތައްތަކުގައި، އެ މީހުންގެ އަމިއްލަ ދިރިއުޅުން ތަރައްޤީކުރުމުގައި އަދި އެ މީހުންގެ ރަށްތަކުގައި ހިނގާ، ތަރައްޤީގެ މަޝްރޫޢުތަކުގައި އަބަދުމެ އަވަދިނެތި މަޝްޣޫލުވެގެން އުޅުން. އެހެންނަމަވެސް، މީދޫގެ ރައްޔިތުންނާއި، ހުޅުދޫގެ ރައްޔިތުން، އަޅުގަނޑު މި ދެންނެވި އުފާވެރި މަންޒަރުތައް ތައްޔާރުކުރައްވައި އަދި އެފަދަ ކުލަގަދަގޮތެއްގައި އަޅުގަނޑަށް މަރުޙަބާ ވިދާޅުވުމުގެ ކަންތައްތައް ރާއްވަވާފައި އެވަނީ، ތިޔަ އެންމެ ބޭފުޅުންގެ ހިތްޕުޅުގައި ދިވެހި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަމުންކަން އަޅުގަނޑަށް ރަނގަޅަށް ޤަބޫލުކުރެވޭތީ، ތިޔަބޭފުޅުން ތިޔަ ކުރައްވާފައިވާ ބުރަ މަސައްކަތްތައް ހިތުގެ އެންމެ އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ބަލައިގަނެ، ތިޔަބޭފުޅުންނަށް ޝުކުރު ތަކުރާރުކުރަން.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވިން، ރާއްޖެތެރެއަށް ދަތުރުކުރުމަކީ ދަތިކަމެކޭ. މިއަދު މި ދިމާވި ކަމަކީވެސް އޭގެ މިސާލެއްގެ ގޮތުގައި ފުދޭނެކަމެއް. އާދެ، ދަތުރު ރޭވިފައި އޮތްގޮތުން ހުޅުދުއަށާއި މީދުއަށް އަޅުގަނޑަށް ދާން ހަމަޖެހިފައި އޮތީ ހެލިކޮޕްޓަރގެ ޛަރީޢާއިން. ކުރިން ތިޔަބޭފުޅުން ތައްޔާރުކުރައްވާފައި ވަނީ މީދޫގެ ސަރަޙައްދެއް. އެހެންނަމަވެސް، އެތަން އެއީ ހެލިކޮޕްޓަރ ޖެއްސުމަށް އެންމެ އެކަށީގެންވާ ތަނެއް ކަމަކަށް، އެ ދުއްވާ މީހުންނަކަށް ނުފެނުނު. އެއީ ތަންކޮޅުގެ ކުޑަކަމުން. އަޅުގަނޑުމެން މިއަދު ފުވައްމުލަކުން ފުރިއިރުވެސް އެކަހަލަ ކުޑަކުޑަ މައްސަލައެއް ޖެހުނު. އެއީ، ތަންކޮޅު ކުޑަވީމާ، އެ މީހުންނަށް އެ ބޯޓު އުދުއްސާލަން ކުޑަވަރެއްގެ ދަތިކަމަކާ ކުރިމަތިލާންޖެހުނީ. އެހެންވީމާ، އަޅުގަނޑުހިތުން އެ ތަޖުރިބާއަށްވެސް ބަލާފައި، އެމީހުން ނިންމީ މި ތަނަށްވުރެ ފަސޭހަވާނީ އަދި ހުރިހާގޮތަކުންވެސް ސަލާމަތްކަން ބޮޑުވާނީވެސް ތަންކޮޅެއް ބޮޑު ތަނަކަށް ޖެއްސިއްޔާ ކަމަށް. އެގޮތުން، އެމީހުން ހުޅުދޫގެ، އެ ތައްޔާރުކޮށްފައި އޮތް ތަނަށް ހެލިކޮޕްޓަރ ޖެއްސީ. އެހެންވީމާ، އެކަން އެހެން ދިމާވިކަމަށްޓަކައި އަޅުގަނޑުވެސް ވަރަށް ދެރަވަން. އެއީ، ދެ ރަށުގެ ވެރިންނާއި ރައްޔިތުން މީދޫގެ އެ ސަރަޙައްދަށް އެއްވެވަޑައިގެން ތިއްބެވި ވަގުތެއްގައި އަޅުގަނޑަށް، އެހެން ދިމާޔަކަށް އާދެވުނީތީ. ކޮންމެއަކަސް އެކަން ހަމަ އެނގުނު ވަގުތުން އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކުރުމުގެ އުފާ ޙާޞިލްކުރީ.

އާދެ، ރާއްޖެތެރެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ތިޔަބޭފުޅުންނަށްވެސް އިޙްސާސް ކުރެއްވޭނެ. އައްޑުއަތޮޅަކީ އެފަދަ ބޮޑެތި ބަދަލުތައް އެންމެ އަވަހަށް އަންނަތަން. އައްޑުއަތޮޅަކީ ވަރަށް ގިނަ ގޮތްގޮތުން ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަތޮޅަކަށްވާތީ، ތަރައްޤީގެ މަސައްކަތްތައްވެސް އައްޑުއަތޮޅުގައި ވަރަށް ހަލުވިކަމާއެކު ކުރިއަށްދޭ. އެގޮތުން، ތިޔަބޭފުޅުންގެ މީދުއާއި، ތިޔަބޭފުޅުންގެ ހުޅުދުއަށްވެސް ބަދަލުތަކެއް އަންނަމުން އެބަދޭ. ސަރުކާރުންވެސް ތިޔަބޭފުޅުންނަށް ބައެއް ކަންތައްތައް ކޮށްދެމުން އެބަދޭ. ތަޢުލީމު ޙާޞިލްކުރުމުގެ ރޮނގުގައި އަޅުގަނޑުމެންގެ ޅަދަރީންނަށް ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ކުރާ މަސައްކަތްތަކުގެ ވާހަކަ އަޅުގަނޑު ނުދެންނެވިޔަސް، ތިޔަބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ.

ހަމަ އެފަދައިން، ޞިއްޙީ ޚިދުމަތްވެސް ރާއްޖެތެރެއަށް އެކަށީގެންވާ ފެންވަރެއްގައި ފޯރުވައިދެވޭތޯ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންގެންދޭ. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ހަތަރު ދިމާއެއްގައި ސަރަޙައްދީ ހަސްފަތާލު މިހާރު ހެދިފައި އެބަހުރި. އޭގެތެރެއިން އެއް ހަސްފަތާލު ހުރީ ތިޔަބޭފުޅުންގެ މި އަތޮޅުގައި. މި ދެންނެވި ހަސްފަތާލުތަކުގެ އިތުރަށް، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ޞިއްޙީ މަރުކަޒުތައްވެސް ޤާއިމްވެފައި އެބަހުރި. އާދެ، މި ރަށުގައިވެސް ހުޅުދޫގެ ރައްޔިތުންނަށާއި، މީދޫގެ ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭ ގޮތަށް ހަމަޖެހިފައިވާ ޞިއްޙީ މަރުކަޒެއް އެބަހުރި. މީގެ އިތުރުން، ރާއްޖެތެރެއަށް މިހާރު އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް ކަމުގައި ފާހަގަކުރެވެނީ، އިލެކްޓްރިކް ކަރަންޓުގެ ޚިދުމަތް ލިބުމާއި، ފަޅުފުންކުރުމާއި މި ދެ ކަންތައް. މި ދެ ކަންތަކަކީވެސް ރާއްޖޭގެ ހަމަ ކޮންމެ ރަށަކަށް ބޭނުންވެފައިވާ ކަމެކޭ އަޅުގަނޑަށް ދަންނަވަންޖެހޭ.

އާދެ، އެންމެ ފުރަތަމަ އިލެކްޓްރިކް ކަރަންޓުގެ ކަންތައް. އާދެ، އެއީ ޝައްކެއްނެތް، ކުރިއަށްދިޔުމުގައި ވަރަށް މުހިންމު ބޭނުންތަކެއް ހިފޭ ކަމެއް. އެކަމަކީ، ރާއްޖެތެރޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއްވެސްމެ. އެހެންނަމަވެސް، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން، މީހުން އުޅޭ ކޮންމެ ރަށެއްގައި ކަރަންޓްލެވޭގޮތަށް ހަމަޖެއްސުމަކީ ކުރެވޭވަރު ކަމަކަށްނުވޭ. އެކަން އެހެންއޮތުމާއެކީގައި، ބައެއް ރަށްރަށުގައި ސަރުކާރުގެ ޚަރަދުގައި ކަރަންޓްލައިދެމުން އެބަގެންދޭ. ވަކި ތަރުތީބަކުން އިސްކަންދެވޭ ރަށްތަކެއް ހޮވައިގެން، އެ ލިސްޓްގައިވާ ގޮތުގެ މަތީން. އަދި މީގެ އިތުރުން، ރައްޔިތުން އަމިއްލައަށް މަސައްކަތްކޮށްގެން އިންޖީނު ހޯދައިގެން ނުވަތަ ހޯދުމަށްޓަކައި ފައިސާ އެއްކޮށްގެން އެކަމުގައި ކުރިއަށްދާ ރަށްރަށަށް ފައިސާގެ ޚާއްޞަ ޢިނާޔަތެއްދޭ ގޮތަށްވެސް މިހާރުވަނީ ހަމަޖެހިފައި. އެ ވާހަކަ ފަހަރެއްގައި ތިޔަބޭފުޅުން އޮންނާނީ ރޭޑިޔޯއިން އައްސަވާފައި ކަމަށްވެސް އަޅުގަނޑަށް ލަފާކުރެވޭ.

އާދެ، ހުޅުދުއާއި މީދޫގެ ކަރަންޓުގެ ކަންތައް އޮތްގޮތް ތިޔަބޭފުޅުންނަން އެނގިވަޑައިގަންނަވާނެ. ސަރުކާރުން ދެ އިންޖީނު ހޯދާދީފައިވޭ. އެހެންނަމަވެސް، އެ ހިންގާ ފަރާތްތަކުން ނަންގަވާ އަގަކީ، މި ރަށުގެ ރައްޔިތުންނަށް އަދާކުރެއްވޭވަރަށްވުރެ ބޮޑު އަގަކަށްވާތީ، އާދެ، މީގެ ކުރިން އޮތީ ފަސްރުފިޔާ. އެހެންވީމާ، އެ އަގު ތަންކޮޅެއް ކުޑަކުރުމުގެ ގޮތުން، ސަރުކާރުގެ ބަޖެޓުން ދެރުފިޔާ ލައިދީފައި، ތިޔަބޭފުޅުންގެ އަތުން ހަމަ ތިންރުފިޔާ އެކަނި ނަގާގޮތަށްވަނީ މިދިޔަ ޖޫންމަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖެއްސިފައި. އަޅުގަނޑަށް އެނގޭ، ތިންރުފިޔާއަކީވެސް މާކުޑަ އަގެއްނޫންކަން. އެހެންނަމަވެސް، މިވަގުތު ހަމަޖެއްސެން އޮތްވަރު އެއީ. މި އަތޮޅުގެ ހިތަދުއަށްވެސް ހަމަ އެގޮތަށް ހަމަޖެއްސިފައި ވަނީ. އިރާދަކުރެއްވިއްޔާ އުއްމީދުކުރެވެނީ، ހިތަދޫގެ ކަރަންޓުގެ މައްސަލަ ހަމަޖެހުމުން، އެމް.އީ.ބީ.އިން ހިތަދޫގެ ކަރަންޓާ ޙަވަލުވެވަޑައިގަތުމުން، އޭގެފަހުން މި ރަށަށް ސަރުކާރުގެ ޚަރަދުގައި ކަރަންޓްލައިދޭގޮތަށް. އާދެ، އެއީ މިހާރު ހިތަދޫގައި އެ ހިންގާ އިންޖީނުތައް މި ރަށަށް ބަދަލުކޮށްގެންނަމަވެސް، މި ރަށުގެ ރައްޔިތުންނަށް އެކަމުގެ ލުއިފަސޭހަ ހޯދައިދިނުމަކީ، ސަރުކާރުން ވަރަށްބޮޑަށް ވިސްނަމުން ގެންދަވާ ކަމެއް.

އާދެ، މި އަހަރުގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މީދޫގައިކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ޝައްކެއްނެތް، އެއީ ވަރަށް މުހިންމު ކަމެއް. މިދިޔަ އަހަރު ކާބޯތަކެތީގެ ދުވަސް ފާހަގަކުރެވުނީ، ހއ. އަތޮޅު ކެލާގައި. އާދެ، އެއީވެސް ދަނޑުވެރިކަމުގެ ގޮތުން ނަންކުރެވޭ ރަށަކަށްވާތީ. އެގޮތުން ރާއްޖޭގެ އެންމެ ދެކުނުގެ ރަށެއްގައި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރާގޮތަށް ސަރުކާރުން ހަމަޖައްސާފައިވާތީ، އިރާދަކުރެއްވިއްޔާ އެގޮތަށް މިހާރު ކަންތައްތައް ދާނެ. އެކަމަކީ، ޝައްކެއްނެތް، ވަރަށް މުހިންމު ކަމެއް. ދަނޑުވެރިކަމަކީ ކޮންމެގޮތަކުން ވިސްނިނަމަވެސް، އަޅުގަނޑުމެންގެ ރާއްޖެއަށްވެސް ވަރަށް ބޭނުންތެރި ކަމެއް. މިހާތަނާ ޖެހެންދެން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ބިމުގެ ބޭނުން އެންމެ އެދެވޭގޮތުގައި ކުރެވިފައިވެއެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. އެކަމަކު، އަޅުގަނޑުމެންގެ ބިންތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކޮށްގެން ދަނޑުހައްދައިގެން، ގަސްއިންދައިގެން އެ މަސައްކަތުން އަޅުގަނޑުމެންނަށް އާމްދަނީއެއް ހޯދޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް. އަދި އެއިން ލިބޭ އެއްޗެއް އަޅުގަނޑުމެން ބޭނުންކުރަމުންގެންދާ ކަމުގައިވަނީނަމަ، އަޅުގަނޑުމެންގެ ޚަރަދުވެސް އެތައްތަނެއް ކުޑަވެގެންދާނެ. އަޅުގަނޑަށް މިހާރުވެސް އެނގޭ، މި އަތޮޅުގައިވެސް ކޮންމެވެސްވަރަކަށް އެކަން އެހެން ހިނގާކަން. އަދި ފުވައްމުލަކުގައި ވަރަށް ގިނަ ޢަދަދަކަށް އޮޅުއަލަ ހައްދައިގެން ނުވަތަ ފަލަމަޑީގެ އެހެން ބާވަތްތައް ހައްދައިގެން، އެ ރަށުގެ ރައްޔިތުން އާމްދަނީވެސް ހޯދާ. އަދި އެމީހުން ކުރަންޖެހޭ އެހެން ޚަރަދުތައް ކުޑަވެސްކުރޭ. އާދެ، އެއީ އަޅުގަނޑުމެން މުސްތަޤްބަލަށްޓަކައި ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް. ހުރިހާ އެއްޗެއް ބޭރުން އެތެރެކޮށްގެން ބޭނުންކުރުމުގެ އުޞޫލަކީ، ތަނުގެ އިޤްތިޞާދަށް ވިސްނާއިރު، ރަނގަޅު އުޞޫލެއް ނޫން. މި ރޮނގުން އެއްޗެއް ދަންނަވާއިރު، ކުޑަކުޑަ ވާހަކައެއް ދަންނަވާލަން ބޭނުންވޭ.

އާދެ، ހެލިކޮޕްޓަރުގައި މިއަދު އަޅުގަނޑު މީދުއަށާއި ހުޅުދުއަށް މިއައި އައުމުގައި އަޅުގަނޑަށް ފެނުނީ، އެއްވެސް މަސައްކަތެއް ނުކުރެވި، މީދޫގެ ވަރަށް ބޮޑު ބައެއް ދޫކޮށްލެވިފައިވާ ތަން. އާދެ، ވާވެފައި ނުވަތަ މާވިނަ ކަހަލަ ގަސްތަކެއް ހެދިފައި. އެހެންނަމަވެސް، އެއްވެސް އެދެވޭ ބޭނުމެއް ނުހިފި އޮތް، ވަރަށް ބޮޑު ސަރަޙައްދެއް، ބިމުގެ ވަރަށްބޮޑު ބައެއް އަޅުގަނޑަށް ފެނުނު. އަޅުގަނޑުހިތުން މި ރަށުގެ ރައްޔިތުންނަށް އާދެ، މީދޫގެ ރައްޔިތުންނަށް އެކަން އިޙްސާސް ކުރެއްވޭނެ. އަޅުގަނޑު ހިތަށްއަރަނީ، އެ ބޮޑުބިން ކޮންމެވެސް ރަނގަޅު އުޞޫލެއްގެ މަތިން އެއިން ފައިދާއެއްވާގޮތަށް މި ރަށުގެ ރައްޔިތުން ބޭނުންކުރައްވައިފިއްޔާ ހާދަ ރަނގަޅުވާނޭ. އާދެ، އަޅުގަނޑު މި ޚިޔާލު ދޫކޮށްލާނީ ތިޔަބޭފުޅުންނަށް. ތިޔަބޭފުޅުން އެކަމާ ދޭތެރޭގައި ވިސްނަވާފައި، ކޮންމެވެސް ގޮތެއް ރާއްވަވައިގެން ކުރިއަށް ގެންދެވޭތޯ ބެއްލެވުމަކީ އަޅުގަނޑުގެ ވަރަށް ޚާއްޞަ އެދުމެއް. ތިޔަބޭފުޅުން އެ ކުރައްވާ މަސައްކަތުގައި ސަރުކާރުން އެހީވެދެވެން އޮތްވަރަކަށް އެހީވެދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

އަދިވެސް ވަރަށް މުހިންމު މުނާސަބަތެއް މީދުއަށް އެބައާދޭ. އާދެ، އެ މުނާސަބަތަކީ، މީދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތު. އެއީ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި އަހަރުގެ ޑިސެމްބަރު މަހުގެ އޮނަތިރީސް ވަނަ ދުވަސް. އެ މަދަރުސާއަކީ، އަލްޤާޟީ މުޙަންމަދު ޝަމްސުއްދީން ސްކޫލް. އެއީ، މީދޫ ރައްޔިތުން ހިންގަވާ މަދަރުސާއެއް. 50 އަހަރު ފުރުމާއެކީގައި، އިރާދަކުރެއްވިއްޔާ އެއީ، ސަރުކާރުން ހިންގާ ސްކޫލެއްގެ ގޮތުގައި ހަމަޖެހޭނެ.

އާދެ، ދަތުރުގެ ޕްރޮގްރާމް ހަމަޖެހިފައިވާ ގޮތުން، އަޅުގަނޑަށް މާދިގުކޮށް ވާހަކަ ދައްކަން ހުރެވޭކަށް ނެތް. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، އަޅުގަނޑު އަދާކުރަންޖެހޭ ވާޖިބެއް އެބައޮތް. އެއީ، ހުޅުދުއާއި މީދޫގެ ރައްޔިތުންނާއި ވެރިންގެ ފަރާތްޕުޅުން އަދި މި އަތޮޅު ހިންގަވަން ތިއްބެވި އިސްވެރިންގެ ފަރާތްޕުޅުން، ޚާއްޞަކޮށް، އަތޮޅުވެރިން އަލްފާޟިލް ހައިވަކަރު އަޙްމަދުފުޅުގެ ފަރާތްޕުޅުންނާއި އަދި އެނޫންވެސް އަތޮޅުގެ އިސްވެރިންގެ ފަރާތްޕުޅުން އަޅުގަނޑަށް މި ލިބުނު ހޫނު މަރުޙަބާއާއި މެހްމާންދާރީއަށްޓަކައި އެ ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ، އަލްފާޟިލް ހައިވަކަރު އަޙްމަދުފުޅަކީ، ސަރުކާރަށް ވަރަށް އިޚްލާޞްތެރި، ވަފާތެރި އަދި ވަރަށް މުރާލި ބޭފުޅެއް. އޭނާގެ ޚިދުމަތްތަކުގެ ސަބަބުން މި އަތޮޅުގެ ރައްޔިތުންނަށް އެކަށީގެންވާ ކުރިއެރުން ލިބޭނެކަމަށް އުންމީދުކުރަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى، އެކަލާނގެ ފޮނުއްވި މާތް ދީން އާދެ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ހިފެހެއްޓުމުގެ މަތިވެރި ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އެ ދީނުގައި އަންގަވާފައިވާ ގޮތުގެމަތީން އަޅުގަނޑުމެންގެ، ދުނިޔޭގެ ކަންތައްތައް ގެންދިޔުމަށް އަޅުގަނޑުމެންނަށް ވާގިވެރިވެދެއްވުން. ހަމަ އެއާއެކީގައި، އަޅުގަނޑުމެންގެ އަމިއްލަ ތަރައްޤީއަށާއި، މުޅި ޤައުމުގެ ތަރައްޤީއަށް ސަރުކާރާއި ރައްޔިތުން ގުޅިގެން ނުވަތަ ރައްޔިތުން އަމިއްލައަށްނަމަވެސް ކުރަމުންގެންދާ މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތް ލައްވައި، އެ މަސައްކަތްތަކުގެ ހެޔޮނަތީޖާ އަވަސްމަގަކުން އަޅުގަނޑުމެންނަށް ދެއްކެވުން.

والسّلام عليكم ورحمةالله وبركاته.