بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام عـلى أشرف المرسلين، سـيِّدنا محمّد وعلـى آلـه وَصَحْبِـهِ أجمـعـين.

މިއަދު އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމަށް ދެކެނީ، މިއަދު ތިޔަބޭފުޅުންގެ ލޮބުވެތި ރަށް، ހުވަދުއަތޮޅު އުތުރުބުރީ ވެރިކަންކުރާ ރަށް ވިލިނގިއްޔަށް އައުމުން، މި ރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން.

އަޅުގަނޑު މި ރަށަށް އައުމުން ފެނިގެން މިދިޔައީ، ވަރަށްވެސް އުފާވެރި މަންޒަރުތަކެއް. އާދެ، ރަށުގެ ވެރިންނާއި، ރަށްކުރިއަރުވާ ކޮމިޓީގެ މެންބަރުންނާއި، އަންހެނުން ކުރިއަރުވާ ކޮމިޓީގެ މެންބަރުންނާއި އަދި ރަށުގެ ޢާންމު ރައްޔިތުން މިއަދަށްޓަކައި ރަށް ތައްޔާރުކުރައްވާފައިވާ މަންޒަރު. އަޅުގަނޑު ރާއްޖޭގެ ރަށަކަށް ޒިޔާރަތްކުރާ މުނާސަބަތުގައި، ފަހަރެއްގައިވެސް އެ ރަށެއްގައި ވަކިކަހަލަ ކަންތައްތަކެއް ހަމަޖެހިފައި ހުރުމަކީ، ނުވަތަ އެ ރަށް ތައްޔާރުކުރެއްވުމުގެ ގޮތުން، ރަށުގެ ރައްޔިތުން މާބޮޑެތި މަސައްކަތްތަކެއް ކުރައްވާފައި ހުރުމަކީ، އަޅުގަނޑު އެދޭގޮތެއް ނޫން. އެހެންނަމަވެސް، އެ ކަންތައްތައް ރައްޔިތުން އެ ކުރައްވަނީ އިޚްލާޞްތެރިކަމާއެކީގައިކަން އަޅުގަނޑަށް ފާހަގަކުރެވޭތީ އަދި ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އޮންނަ ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުގައިކަންވެސް އަޅުގަނޑަށް ފާހަގަކުރެވޭތީ، ތިޔަބޭފުޅުން މި ކުރައްވާފައިވާ މަސައްކަތްތައް އަޅުގަނޑު ބަލައިގަނެ، އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

މީގެކުރިންވެސް ވިލިނގިއްޔަށް އައުމުގެ އުފާ އަޅުގަނޑަށް ވަނީ އެތައްފަހަރަކު ލިބިފައި. އެންމެފަހުން އަޅުގަނޑަށް މި ރަށަށް އާދެވުނީ ވޭތުވެދިޔަ އަހަރު. އާދެ، 1992 ވަނަ އަހަރުގެ ޖަނަވަރީ މަހުގެތެރޭގައި. އެފަހަރުވެސް އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށްލި ހަނދާންވޭ. އަދި އޭގެކުރިންވެސް އަޅުގަނޑަށް ވަނީ މި ރަށަށް އެތައްފަހަރަކު ޒިޔާރަތްކުރެވިފައި.

ޝައްކެއްނެތް، ވިލިނގިއްޔަކީ ހުވަދުއަތޮޅު އުތުރުބުރީގައި އޮތް އެންމެ ޚާއްޞަ ރަށް. އެ އަތޮޅުގެ ވެރިކަންކުރާ ރަށް. އަދި އެ އަތޮޅުގައި އާބާދީގެ ގޮތުން ބަލާއިރު، މީހުން އެންމެ ގިނައިން އުޅޭ ރަށްވެސްމެ. ހަމަ އެހެންމެ، ރަށަކީ މަސްވެރި ރަށެއް.

މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ބިންގާ ކަމަށްވާތީ، ވިލިނގިލީގެ ރައްޔިތުން އެ ކުރައްވާ މަސައްކަތުގެ އަގު ސަރުކާރުން ވަޒަންކުރާ ވާހަކަ މި ދަންނަވާލަނީ، ވަރަށް ޚާއްޞަ އުފަލަކާއެކު.

އާދެ، މި އަހަރުގެ މަސްވެރިކަން އަދި މާ ރަނގަޅު ނުވިކަމުގައިވިޔަސް، އަޅުގަނޑުގެ ދުޢާއަކީ މުސްތަޤްބަލުގައި، ވަރަށްކައިރި މުސްތަޤްބަލެއްގައި މަސްވެރިކަން ރަނގަޅުވުން. އަދި އެއިން ރައްޔިތުންނަށް ލިބޭ ތަނަވަސްކަމާއި އާމްދަނީ އިތުރުވެގެންދިޔުން. މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ތަފާތު މަޝްރޫޢުތައް ހިންގާކަން ތިޔަބޭފުޅުންނަށް ވަންހަނާވެގެނެއް ނުވާނެ. އެ މަޝްރޫޢުތަކުގެ ބޭނުމަކީ މަސްވެރިކަން ކުރިއެރުވުން. މަސްވެރިކަމުން ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކުރުން. އެއިން ޤައުމީ އިޤްތިޞާދަށް ލިބޭ ޙިއްޞާވެސް އިތުރުކުރަމުން ގެންދިޔުން. މިގޮތުން، މި އަތޮޅުގައި ވަރަށް ޚާއްޞަ ޕްރޮޖެކްޓެއް ހިންގުމަށް ވަނީ ކަނޑައެޅިފައި. އާދެ، އެއީ ކޫއްޑޫ ޕްރޮޖެކްޓް. އެ ޕްރޮޖެކްޓް ނިމުމަކަށް އައުމުންވެސް އަޅުގަނޑު ހިތުން މި އަތޮޅުގެ މަސްވެރިކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބޭނެ. މިފަދަ ކޮންމެ ޕްރޮޖެކްޓެއް ސަރުކާރުން މި ހިންގަނީ ވަރަށް ޚާއްޞަ، ވަރަށް ބޮޑެތި އުންމީދުތަކަކާއެކީގައި، އެ އުންމީދުތައް ޙާޞިލްވެއްޖެނަމަ، އޭގެ ސަބަބުން އެ ޕްރޮޖެކްޓްތައް ނުވަތަ މަޝްރޫޢުތައް ހިންގާ ތަންތަނަށް އިތުރު ދިރުމެއް ލިބޭނެތީ.

އާދެ، ވިލިނގިއްޔަކީ މަސްވެރި ރަށަކަށްވުމާއެކީގައި، މިއަދު ވަރަށް އުފާވެރި ޚަބަރެއްވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވާހިތްވޭ. އާދެ، މީގެކުރިން އަޅުގަނޑު ވާހަކަ ދެއްކި ރަށް ކަމުގައިވާ، މި އަތޮޅުގެ ދެކުނުބުރީ ވެރިކަންކުރާ ރަށް، ތިނަދޫގެ ރައްޔިތުންނާ މުޚާޠަބުކުރަމުންވެސް މިއަދު އެ ވާހަކަ އޮންނާނީ ދަންނަވާފައި. އާދެ، އެ ވާހަކައަކީ މާދަމާއިން ފެށިގެން ސަރުކާރުން މަސްގަންނަ އަގަށް ބަދަލުގެންނަ ވާހަކަ. އަދި މިހާރު ގަންނަ އަގަށްވުރެ ތަންކޮޅެއް ބޮޑު އަގަކަށް މާދަމާއިން ފެށިގެން ސަރުކާރުން މަސްގަންނަމުން ގެންދާނެ ވާހަކަ.

އާދެ، މިހާރު ދެ ކިލޯއިން ފެށިގެން މަތީގެ މަސް، ސަރުކާރަށް ގަންނަ އަގަކީ، ކިލޯއެއް 2/50 ރުފިޔާ. އެ އިރާދަކުރެއްވިއްޔާ މާދަމާއިން ފެށިގެން 2/80 ރުފިޔާއަށް ބަދަލުވާނެ. 1.5 ކިލޯއާއި 2 ކިލޯއާ ދެމެދުގެ މަސް މިހާތަނަށް ގަންނަމުންދިޔައީ -/2 ރުފިޔާއަށް ކިލޯއެއްގެ މަގުން. އެ އަގުވެސް 30/- ލާރި އިތުރުވެ، މާދަމާއިން ފެށިގެން 2/30 ރުފިޔާއަށް ބަދަލުވާނެ. އަދި މީގެކުރިން ސަރުކާރުން ނުގަންނަވަރުގެ ކުދިމަސް މިހާރު ގަންނަގޮތަށް ވަނީ ހަމަޖެހިފައި. މީގެކުރިން 1.5 ކިލޯއަށްވުރެ ދަށުގެ މަސް ގަންނަމަކުން ނުގެންދޭ. އެއީ، އެފަދަ މަހުން ސަރުކާރަށް ލިބޭ މާބޮޑު ފައިދާއެއް ނޯންނާތީ. އަދި ސަރުކާރުން އެ މަސް ގަންނަ ފަރާތަކީ އެސް.ޓީ.އޯ. ކަމަށްވެފައި، އެސް.ޓީ.އޯ.އަކީ ވިޔަފާރީގެ އުޞޫލުން ކަންތައް ގެންދަވަން ޖެހިފައިވާ ފަރާތެއް ކަމަށްވާއިރު، ފައިދާނުވާގޮތަކަށް ކަމެއް ކުރުމަކީ ހަމަޖެހޭ ކަމަކަށްނުވާތީ. މީގެކުރިން މި ދެންނެވި ބަރުދަނަށްވުރެ ކުދިމަސް އެސް.ޓީ.އޯ. އިން ބައްލަވައިނުގަންނަވާ ގޮތަށް އޮތީ. އެހެންނަމަވެސް، މާދަމާއިން ފެށިގެން އެއްކިލޯ ބައި، 1.5 ކިލޯއަށްވުރެ ދަށުގެ މަސްވެސް ސަރުކާރަށް ގަންނަގޮތަށް މިހާރުވަނީ ހަމަޖެހިފައި. އެހެންނަމަވެސް، ކުރިންވެސް ދެންނެވި ފަދައިން، އެއީ އެއިން މާބޮޑު ފައިދާއެއްވާ މަހަކަށްނުވާތީ، އޭގެ އަގު އަދި އުޅޭނީ ތަންކޮޅެއް ކުޑަކޮށް. އާދެ، ކިލޯއެއް 75/- ލާރިއަށް.

އާދެ، ސަރުކާރުން މަހުގެ އަގު ބަދަލުކުރަނީ، ބޭރު ދުނިޔޭގައި މަސް ހުންނަ އަގަށް ވިސްނާފައި. އަދި ސަރުކާރުން ކުރަންޖެހޭ ޚަރަދުތަކާއި، އެކަމަކީ ދެކޮޅުޖެހޭ ކަމެއްގެ ގޮތުގައި ހެދުމަށްޓަކައި ބަލަންޖެހޭ ބެލުންތަކެއްވެސް ބަލާފައި. މަހުގެ އަގަކީ ބޭރު ދުނިޔޭގައި އެކިއިރު އެކިވަރަށް ހުންނަ އެއްޗެއް. ބައެއްފަހަރަށް ތަންކޮޅެއް ރަނގަޅުކޮށް ހުރެދާނެ. އަނެއްބައިފަހަރަށް ވަރަށް ދަށްވެގެންވެސް ހިނގައިދާނެ. އަޅުގަނޑުމެންގެ ނަޞީބު ރަނގަޅުކަމުން، މިވަގުތު ބޭރުގައި މަހުގެ އަގު ތަންކޮޅެއް ރަނގަޅު. އެކަން އެހެން އޮތުމުން، މާދަމާއިން ފެށިގެން މަހުގެ އަގު މައްޗަށް ޖައްސާގޮތަށް، ސަރުކާރަށް މިކަން ކުރުމުގެ މަގުފަހިވެގެން މިދިޔައީ.

އާދެ، ތަރައްޤީގެ މަގުގައި ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. އެ މަސައްކަތްތަކުގެ ނަތީޖާ މިހާރުވެސް ދަނީ ފެންނަމުން. މީގެ ފަނަރަ، ވިހި އަހަރު ކުރިއާ އަޅައިބަލާއިރު، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ މިހާރު އެތައް ގުނައެއް އިތުރުވެގެން ހިނގައްޖެކަން، ކޮންމެ ދިވެހި ރައްޔިތަކަށްވެސް އިޙްސާސް ކުރެވޭނެ. އަދި ރާއްޖެއިން އަދި ޚާއްޞަކޮށް، ރާއްޖެތެރެއިން މީގެކުރިން ލިބެން ނުހުންނަ، އެތައް ޚިދުމަތެއް މިހާރު ލިބެމުންދާކަންވެސް ރާއްޖެތެރޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ފާހަގަކުރެއްވޭނެ.

ތަޢުލީމުގެ ކަންތައްތައް. އާދެ، އަޅުގަނޑުމެން މި ޖަލްސާކުރަމުން މިދާ މި އަތޮޅު ތަޢުލީމީ މަރުކަޒަކީ، މި ދައުރު ފެށުމުގެ ވަރަށް ކުރީކޮޅު ހުޅުވުނު މަރުކަޒެއް. މިތާނގައި ވަރަށްގިނަ ޢަދަދަކަށް ކުދިން ތަޢުލީމު ޙާޞިލްކުރަމުން އެބަގެންދޭ. އަދި މި ތަޢުލީމީ މަރުކަޒުގައި ވަނީ ޘާނަވީ ތަޢުލީމުގެ މަރުޙަލާވެސް އުފެދިފައި. މި އަހަރު މިހާރު ގްރޭޑް 10 ގައިވެސް މި ތަޢުލީމު މަރުކަޒުގައި ކިޔަވައިދެއްވަމުން އެބަގެންދެވޭ. އެކަމުން ދޭހަވަނީ ރާއްޖެތެރޭގައިވެސް ތަޢުލީމުގެ ޚިދުމަތް ކުރިއަށްދާ މިންވަރު.

އާދެ، ރާއްޖެތެރޭގައި ކުރިއަށްދަނީ ހަމައެކަނި ތަޢުލީމުގެ ޚިދުމަތެއް ނޫން. ޞިއްޙީ ޚިދުމަތްވެސް އެއްދުވަހުން އަނެއް ދުވަހަށް ދަނީ ކުރިއަށް. އަދި އެނޫން ކަންތައްތައްވެސް ކުރިއަށްދާކަމުގެ ނިޝާންތައް، ބަލައިލި ކޮންމެ ދިމާއަކުން އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. ޞިއްޙީ ޚިދުމަތާ ބެހޭގޮތުން ދަންނަވާލަންޖެހެނީ، މި ރަށުގައި ހުރި ޞިއްޙީ މަރުކަޒުގެ މާބޮޑު ޚިދުމަތެއް މީގެކުރިން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަމުން ގޮސްފައި ނުވިކަމުގައިވިޔަސް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ވަރަށް އެކަށީގެންވާ ޚިދުމަތްތަކެއް އެ މަރުކަޒުން ލިބިގެންދާނެ ކަމަށް.

އާދެ، މިހާރު ސަރުކާރުން ހަމަޖައްސާފައިވާ ގޮތުން، ސަރަޙައްދީ ހަސްފަތާލުތައް ނުހުންނަ އަތޮޅުތަކުގައި، އެއް ރަށެއްގައި ދެހާސް މީހުންނަށްވުރެ ގިނަމީހުން އުޅޭ އަތޮޅުތަކުގައި ޑަކްޓަރަކު ބަހައްޓާގޮތަށް ވަނީ ހަމަޖެހިފައި. އެހެންވީމާ، ތިޔަބޭފުޅުންގެ މި ރަށް، އާދެ، ވިލިނގިލީގައިވެސް ސަރުކާރުގެ ފަރާތުން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޑަކްޓަރަކު ބަހައްޓައި، އެ މީހާގެ ނުވަތަ އެ ޑަކްޓަރުގެ ޚިދުމަތް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަމުންދާނެ.

އިޤްތިޞާދީ ގޮތުން ރާއްޖެތެރެ ކުރިއަށްދިޔުމުގައި ހުރަސްއެޅޭ، ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން އެންމެބޮޑު އެއްކަމަކީ، ގިނަ ރަށްރަށުގެ ފަޅުގެ ދަތިކަން. އެ ބޮޑު މައްސަލަ ޙައްލުކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި ހޭދަތަކެއް މިހާރު ގެންދަނީ ކުރަމުން. އާދެ، މިހާރުވެސް ސަރުކާރުން 18 ރަށެއްގެ ފަޅު ފުންކޮށްދީ ނިމިއްޖެ. އިތުރު 8 ރަށެއްގައި މަސައްކަތް ކުރެވެމުން އެބަދޭ. އެހެންވީމާ، ޖުމްލަ 26 ރަށެއްގައި މި މަސައްކަތް ކުރެވި ނުވަތަ ކުރެވެމުން މިހާރު އެބަދޭ. އާދެ، ތިޔަބޭފުޅުންގެ ރަށް، ވިލިނގިއްޔަކީ މިކަމުގެ ފައިދާވެސް މިހާރު ޙާޞިލްވެފައިވާ ރަށެއް. މި ރަށުގެ ފަޅު ވަނީ ސަރުކާރުން ފުންކޮށްދީފައި. އެހެންވީމާ، އެއީވެސް އަޅުގަނޑުހިތުން ރާއްޖެތެރެއަށް މި އަންނަމުންދާ ބަދަލުތައް ދައްކައިދޭ، ވަރަށް އެކަށީގެންވާ މިންގަނޑެއް. ހަމަ އެއާއެކީގައި، ނެރު ފުންކުރުމުގެ މައްސަލަ. ނެރުގޮއްވުން އެއީވެސް ވަރަށްގިނަ ރަށްރަށަށް ބޭނުންވެފައިވާ ކަމެއް. މިހާތަނަށް ގާތްގަނޑަކަށް އަށްޑިހަ އެތައް ރަށެއްގެ ނެރު ސަރުކާރުން ގޮއްވައިދީ، އެ ނެރުގެ ދަތިކަން މިހާރު ވަނީ ކޮންމެވެސްވަރަކަށް ފިލުވައިދެވިފައި. އެ މަސައްކަތް ކުރުމުގައި ސަރުކާރަށް އެހީވެދޭ ބޭރުގެ ޖަމާޢަތްތަކެއްވެސް އެބަތިބި. ޔޫ.އެން.ޑީ.ޕީ. ފޯ ރޫޓް، ވީ.އެސް.އޯ.، ބޭރުގެ މިކަހަލަ ބައެއް ފަރާތްތަކުން ލިބޭ އެހީއާއެކީގައި. އަދި އެފަރާތްތަކުން އެހީ ނުލިބުނަސް، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެންވެސް ބައެއް ރަށްރަށުގައި މިކަން މިހާރު ވަނީ ކޮންމެވެސްވަރަކަށް ޙައްލަކަށް، މި ދެންނެވި ރަށްރަށުގައި ގެނެވިފައި. ރާއްޖެތެރޭގައި ފަޅުގެ ދަތިކަން އިޙްސާސްކުރަން ޖެހިފައިވާ ރަށްރަށުގެ ފަޅު، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ މިހާރުވެސް މިގެންދާ އުޞޫލުން ގެންގޮސްދޭނެ. އަދި ނެރުގޮއްވުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ހަލުވިކަމާއެކު ކުރިއަށްދާނެ.

ރާއްޖެތެރޭގެ ތަރައްޤީއަށް އެޅިފައިވާ އެންމެބޮޑު އަނެއް ހުރަހަކީ، ކަރަންޓުގެ ޚިދުމަތް ލިބެން ނުހުންނަކަން. އެއީވެސް ވަރަށްބޮޑު މައްސަލައެއް. ވަރަށްގިނަ ފައިސާވެސް ޚަރަދުވާ ކަމެއް. އެހެންނަމަވެސް، އެއީ ކޮންމެހެން ބޭނުންވާ ވަސީލަތަކަށްވާތީ، ސަރުކާރުން މިގެންދަނީ އެކަންތައްވެސް ކޮށްދެމުން. އާދެ، ތިޔަބޭފުޅުންގެ ރަށުގައި، ވިލިނގިލީގައި ވަރަށް އަވަހަށް އެ މަސައްކަތް ފެށޭނެ. އިރާދަކުރެއްވިއްޔާ ސަރުކާރުގެ ޚަރަދުގައި މި ރަށުގައި 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތް ލިބޭގޮތަށް އެ މަސައްކަތް ރޭވިގެން ވަރަށް އަވަހަށް ހިނގަން ފަށާނެ.

މި ރަށަށް ދިމާވެފައިވާ އެހެން ދައްޗެއްގެ ވާހަކަވެސް އަޅުގަނޑަށް ވަނީ އެނގިފައި. އާދެ، އެއީ މި ރަށުގައި އެކަށީގެންވާ މިސްކިތެއް، ހުކުރު މިސްކިތެއް ނެތުމުގެ މައްސަލަ. އިރާދަކުރެއްވިއްޔާ އެކަންވެސް އޮތީ ހަމަޖެހޭގޮތަށް. މުސްތަޤްބަލުގައި މާލަހެއްނުވެ އެ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް ފެށޭނެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެ މިސްކިތް އަޅަން މި ރަށުގެ ރައްޔިތުން ޤަޞްދުކުރައްވާ ސަރަޙައްދު މިހާރުވަނީ ސާފުކުރައްވައި ނިމިފައި.

އާދެ، މި ހުރިހާ ކަމެއް ސަރުކާރުން ކުރަމުން މިގެންދަނީ ރާއްޖެތެރޭގައި ދިރިއުޅޭ، ރާއްޖެތެރޭގެ ރައްޔިތުންގެ ފައިދާއަށާއި، އެ މީހުންގެ ތަރައްޤީއަށާއި ކުރިއެރުމަށްޓަކައި. މިކަންތައްތައް އެކަށީގެންވާ ގޮތެއްގައި ކާމިޔާބުވާނީ ރައްޔިތުންނާއި ސަރުކާރާ އެއްބާރުލައިގެން މަސައްކަތްކުރި މިންވަރަކުން. އަޅުގަނޑު ޔަޤީންކުރާގޮތުގައި، ވިލިނގިލީގެ ރައްޔިތުންނާއި، ވިލިނގިލީގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާ، މި ހުރިހާ ފަރާތްތަކަކުން ސަރުކާރުން މި ހިންގާ ކަންތައްތަކަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެންދާނެ. އެފަދަ އެއްބާރުލުމެއް ލިބިއްޖެނަމަ، ސަރުކާރުން ކުރާ ކޮންމެ މަސައްކަތެއްވެސް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކާމިޔާބުވާނެ. އަދި އޭގެ ނަތީޖާ ރައްޔިތުންނަށް ލަހެއްނުވެ ފެންނަމުންދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަދި ދެ ވާހަކައެއް ދަންނަވާލަން ބޭނުންވޭ. އާދެ، އެއް ވާހަކައަކީ، އެއްގޮތަކުން ބަލާއިރު، މިއަދު އަޅުގަނޑު ވިލިނގިއްޔަށް މި ކުރާ ދަތުރަކީ ވަރަށް ޚާއްޞަ ދަތުރެކޭ ދަންނަވާލުން. އެއީ މީގެކުރިން އެއްވެސްފަހަރެއްގައި، އަޅުގަނޑު ރާއްޖެތެރެއަށްދިޔަ އެއްވެސްފަހަރެއްގައި އެ އަތޮޅަކާ ޙަވާލުވެވަޑައިގަންނަވާ އަތޮޅުވެރިން ގޮވައިގެން އެ ރަށަކަށްދިޔަ ހަނދާނެއްނުވޭ. އެހެންނަމަވެސް، މިއަދު އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް މި ލިބެނީ، މި އަތޮޅުގެ އާ އަތޮޅުވެރިން އަލްފާޟިލް އަޙްމަދު ޞާލިޙް ގޮވައިގެން އަޅުގަނޑަށް މި ރަށަށް އާދެވުނުކަން.

އާދެ، އަލްފާޟިލް އަޙްމަދު ޞާލިޙަކީ އަދި ތިޔަބޭފުޅުންނަށް މާރަނގަޅަށް އެނގިވަޑައިނުގަންނަވާ ބޭފުޅަކަށްވުން އެކަށީގެންވޭ. އެހެންނަމަވެސް، އޭނާއަކީ ރާއްޖެތެރެ ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް. ރާއްޖެތެރޭގައި ވަރަށްގިނަ ދުވަސް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް. ވަރަށް ޚާއްޞަ ދާއިރާއެއްގައި. އާދެ، އެއީ މަސްވެރިކަމުގެ ދާއިރާ. އެ ދާއިރާއަކީ މި ރަށަށްވެސް އެންމެ މުހިންމު ދާއިރާ. "މިޔަވާލި ޕްރޮޖެކްޓް" ހިންގުމުގައި އެންމެ އިސް ބޭފުޅަކަށް އުޅުއްވާފައިވަނީ އަޙްމަދު ޞާލިޙް. އެހެންކަމުން، އޭނާއަށް އެ ރޮނގުން، ރާއްޖޭގެ މަސްވެރިކަމާބެހޭ ރޮނގުން ވަނީ ވަރަށްގިނަ މަޢުލޫމާތުތަކަކާއި ތަޖްރިބާތަކެއް ލިބިވަޑައިގެންފައި. އަދި އޭނާއަކީ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ފަދައިން، ޒުވާން ބޭފުޅެއް. އެހެންކަމާއެކީގައި، އަޅުގަނޑު އުއްމީދުކުރަނީ، އޭނާގެ ފަރާތްޕުޅުން ވިލިނގިއްޔަށް އަދި ހުވަދުއަތޮޅު އުތުރުބުރިޔަށް ވަރަށް ޚާއްޞަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް.

ހަމައެފަދައިން، މި ދަތުރުގައި އަޅުގަނޑާއެކީ ވަޑައިގަންނަވާ ނުވަތަ ވަޑައިގެންނެވި އަނެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލިސްގައި މި އަތޮޅު ތަމްސީލުކޮށްދެއްވާ ބޭފުޅަކު ކަމުގައިވީކަން އެއީވެސް އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބިދޭ ކަމެއް. އާދެ، އަޅުގަނޑު މި އިޝާރަތްކުރަނީ އަލްފާޟިލާ ފާޠިމަތު ޝީރީނަށް. އޭނާއަކީ ހުވަދުއަތޮޅު އުތުރުބުރީގެ ދެ މެންބަރުންކުރެ، ރައްޔިތުންގެ މަޖިލީހަށް މި އަތޮޅުގެ ރައްޔިތުން ހޮއްވަވާފައިވާ ދެ މެންބަރުންކުރެ އެއް މެންބަރެއް. އޭނާއަކީ ސަރުކާރަށްވެސް ވަރަށްގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. ޚާއްޞަކޮށް، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ނަން، ރާއްޖެތެރޭގެ މީހަކަށް އިވިގެން ހިނގައްޖެނަމަ، އަޅުގަނޑުހިތުން ޝީރީންގެ ނަންވެސް އެއާއެކީގައި އިވިގެންދާނެ. މިނިސްޓްރީގެ ފަރާތުން ހުރިހާ އަތޮޅުތަކާ ގުޅުއްވައި، މިނިސްޓްރީން އަތޮޅުތަކަށް ދެއްވަން ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ދެއްވުމުގައި އެންމެ އިސްކޮށް މާލޭގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވަނީ އަލްފާޟިލާ ފާޠިމަތު ޝީރީން. އެހެންކަމުން، އޭނާ މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވިކަން އެއީވެސް އަޅުގަނޑުހިތުން ތިޔަބޭފުޅުންވެސް އުފާކުރައްވާނެ ކަމެއް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލެވެން އަންނަނީ، އަދި އެއް ވާހަކަ ދަންނަވާލާފައި. އާދެ، އެއީ މި ރަށުގެ ކުޑަކުދިން ގިނަކަމުގެ ވާހަކަ. އަޅުގަނޑު ބަލައިލިއިރު، މި ރަށުގެ އާބާދީގެ ސަތޭކައަކުން ފަންސާސް ހަތަރެއް އެއީ، ދިހަ އަހަރު ނުފުރޭ ކުޑަކުދިން. އެއީ ވަރަށްމަތީ ނިސްބަތެއް. އަދި އަޅުގަނޑުމެންގެ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނު ބުނާގޮތުން، ކުޑަކުދިންނަކީ ޢުމުރުން 16 އަހަރު ނުފުރޭ ކުދިން ކަމަށްވާތީ، މި ރަށުގައި ތިބި 11 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންވެސް މަދުވާނެ ކަމަކަށް ހީއެއްނުވޭ. އެހެންކަމާއެކީގައި، ކުޑަކުދިންގެ ގޮތުގައި ޤާނޫނީގޮތުން ބަލަންޖެހޭ ޢުމުރުގެ ކުދިން، އާދެ، 16 އަހަރު ހަމަނުވާ ކުދިން މި ރަށުގައި އަދި ކުރިން ދެންނެވި ނިސްބަތަށްވުރެވެސް މާ މަތިވާނެކަން އެނގޭ. އެހެންކަމުން، އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކޭ އަޅުގަނޑަށް ދަންނަވާލަންޖެހެނީ. އެއީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުޑަކުދިންނަށް އަޅުގަނޑުމެންގެ ފަރާތުން އާދެ، މައިންބަފައިންނާއި، ސަރުކާރާއި، ޓީޗަރުންނާއި، މުޖްތަމަޢުގެ ފަރާތުން ވެދޭންޖެހޭ އެހީތަކާއި، ބަހައްޓަންޖެހޭ ޢިނާޔަތްތައް އެއީ ވަރަށް މުހިންމު އެހީތަކަކާއި ޢިނާޔަތްތަކެއް.

ކުޑަކުދިންނަކީ އަޅުގަނޑުމެންގެ މުސްތަޤްބަލް. އަޅުގަނޑުމެންގެ މުސްތަޤްބަލް އުޖާލާވާނީ އަދި އެ މުސްތަޤްބަލުން އަޅުގަނޑުމެން އުންމީދުކުރާ ފައިދާތައް އަޅުގަނޑުމެންނަށް ޙާޞިލްވާނީ އަޅުގަނޑުމެންގެ ކުޑަކުދިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކޮށް، އެ ކުދިންނަށް ފައިދާހުރި ތަޢުލީމެއް ޙާޞިލްކުރެވޭނެ ފުރުޞަތު ހޯދައިދީ އަދި އެ ކުދިންނަކީ މުސްތަޤްބަލުގައި އެ ކުދިންގެ ރަށަށާއި ޤައުމަށް ފައިދާކުރަނިވި މުވާޠިނުންތަކެއް ކަމުގައި ހެދިގެން. މި މުހިންމު މަސްއޫލިއްޔަތު އެޅިފައިވަނީ އަޅުގަނޑުމެންގެ ކޮނޑުގައި.

އާދެ، ސަރުކާރުން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ރަށްރަށުގެ ވެރިން ކުރައްވަންޖެހޭ ކަންތައްތަކެއް އެބަހުރި. އަދި އެ ކުދިންގެ މައިންބަފައިން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އެ ކުދިންނަށް ކިޔަވައިދޭ މުދައްރިސުން، އެ ކުދިން ތަޢުލީމު ޙާޞިލްކުރަންދާ ތަޢުލީމީ މަރުކަޒުތަކާއި މަދަރުސާތަކުގެ ހެޑްމާސްޓަރުންނާއި، ނާޡިރުންނާއި، މުދައްރިސުން ކުރައްވަންޖެހޭ ކަންތައްތަކެއް އެބަހުރި. އަދި ޢާންމުކޮށް، މުޖްތަމަޢުގެ އެންމެން ކޮށްދޭންޖެހޭ ކަންތައްތަކެއްވެސް އެބަހުރި. މި ހުރިހާ ކަމެއްވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނުގައި ކަނޑައެޅިފައި. އެހެންކަމުން، އެ ޤާނޫނުގައި އެ ބުނާ އެއްޗެއް އަޅުގަނޑުމެން ރަނގަޅަށް ދެނެގަނެ އަދި ކުޑަކުދިންނަށް ބަހައްޓަންޖެހޭ އެހީތެރިކަން ބެހެއްޓުމަކީ، ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑަށް ދަންނަވާލަންޖެހޭ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް އަބަދުވެސް ރަނގަޅު ގޮތްތައް މެދުވެރިކޮށްދެއްވުން. އަޅުގަނޑުމެންނަށް އިތުރު ތިޔާގިކަން މިންވަރުކޮށްދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަދި ސަރުކާރާއި ރައްޔިތުން ގުޅިގެން އަދި ރައްޔިތުން އަމިއްލައަށްވެސް ތަރައްޤީގެ މަގުގައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވައި، އޭގެ ފޮނި ނަތީޖާ އަޅުގަނޑުމެންނަށް އަވަސް މަގަކުން ދައްކަވައިދެއްވުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.