بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربِّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وصحبـه أجمـعـين.
މިއަދު ކޮލަމާފުށްޓަށް އައިސް ކޮލަމާފުށީގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް މި ލިބޭ ފުރުޞަތަކީ ވަރަށްވެސް އުފާވެރި ފުރުޞަތެއް. އާދެ، އެއްސަބަބަށްވުރެ ގިނަ ސަބަބަށްޓަކައި. އެންމެ ފުރަތަމަ ސަބަބަކީ، އަޅުގަނޑަށް މިފަދަ އުފާ ލިބުމަކީ އަޅުގަނޑަށް ލިބޭ ވަރަށް މުއްސަނދި ތަޖުރިބާއަކަށްވެސްވާކަން. ރާއްޖެތެރެއަށް ޒިޔާރަތްކޮށް، ރާއްޖެތެރޭގައި އެކި ރަށްރަށުގެ ރައްޔިތުން ދިރިއުޅެމުން ގެންދާގޮތް އަޅުގަނޑުގެ ލޮލުން ދެކި އަދި އެމީހުންނަށް ދިމާވާ ދަތިތައް އޮޅުންފިލުވައި، ކުރިއަށްދިޔުމުގައި އެމީހުންކުރާ މަސައްކަތްތައްވެސް، އޭގެ މަޢުލޫމާތު ހޯދައި، އެހެން ހެދުމަކީ އަޅުގަނޑުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަރަށްވެސް ބޮޑު ބާރެއް ލިބިދޭ ކަމެއް. އާދެ، އެއީ އަޅުގަނޑު ރާއްޖެތެރެއަށް މި ކުރާ ދަތުރުތަކުން އަޅުގަނޑަށް އެންމެ ޚާއްޞަ އުފަލެއް ޙާޞިލްކުރެވޭ ކަމަކީ.
ހަމަ އެއާއެކީގައި، ތިޔަބޭފުޅުންގެ ލޮބުވެތި ރަށް، ކޮލަމާފުށްޓަށް އަޅުގަނޑު މިއަދު މިއައީ، ވަރަށް މުހިންމު އެހެން ދެ މަޤްޞަދެއްވެސް ޙާޞިލްކުރުމުގެ ބޭނުމުގައި. އެއް މަޤްޞަދަކީ، ކޮލަމާފުށީގެ ވެރިންނަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ރައްދުކުރުން. ދެވަނަ މަޤްޞަދަކީ، މީގެކުރިން އަޅުގަނޑު ކުރި ދަތުރެއްގައި، އަޅުގަނޑު މިރަށަށް ޒިޔާރަތްކުރާނެ ކަމަށް މިރަށުގެ ވެރިންނާއި ރައްޔިތުން ތައްޔާރުވެވަޑައިގެން ތިއްބަވަނިކޮށް، މިރަށަށް އައުމުގެ ފުރުޞަތު އަޅުގަނޑަށް ނުލިބި އެނބުރި މާލެދާން ޖެހުނުކަން. އާދެ، އޭރު އަޅުގަނޑު ދަންނަވާފައި އޮންނާނީ، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި ކޮލަމާފުށްޓަށް ޒިޔާރަތްކުރާނަމޭ. އެ އުފާ މިއަދު އަޅުގަނޑަށް ލިބުނީތީ އެއީ، އަޅުގަނޑުގެ މި ދަތުރުގެ ދެވަނަ މަޤްޞަދު ޙާޞިލްވީކަމަށް އަޅުގަނޑު ދެކެން.
އާދެ، އަޅުގަނޑު ރާއްޖެތެރެއަށް ކުރާ ދަތުރުތަކުން ލިބޭ މަޢުލޫމާތުގެ އަލީގައި އަދި އަޅުގަނޑު ނޫނަސް ސަރުކާރުގެ ތަފާތު މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި، އެކިއެކި އޮފީސް ހިންގަވާ ވެރިންނާއި އަދި އެނޫންވެސް ބޭފުޅުން ރާއްޖެތެރެއަށް ކުރައްވާ ދަތުރުފުޅުތަކުން ލިބިވަޑައިގަންނަވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ރާއްޖެތެރެ ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދާތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ. އެ މަސައްކަތްތަކުގެ ނަތީޖާވެސް އެދެވޭގޮތެއްގައި ފެންނަމުންދާކަން ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ.
އާދެ، އަޅުގަނޑުމެންގެ އެންމެ މުހިންމު އިޤްތިޞާދީ މަސައްކަތަކީ މަސްވެރިކަން ކަމަށްވާއިރު، މަސްވެރިކަން ކުރިއަރުވައި، މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިކަމުން ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކޮށް އަދި ޤައުމަށް ލިބޭ އިޤްތިޞާދީ ފައިދާތައްވެސް އިތުރުކުރުމަށްޓަކައި ވަރަށް ގިނަ މަޝްރޫޢުތަކެއް ރޭވިގެން ހިނގަމުން ގޮސްފައިވޭ. އޭގެތެރެއިން ބައެއް މަޝްރޫޢުތަކަކީ މުޅިން ނިމިފައިވާ މަޝްރޫޢުތަކެއް. އަނެއްބައި މަޝްރޫޢުތަކުގެ މަސައްކަތް މިހާރުވެސް ހިނގަމުން އެބަދޭ. އެގޮތުން، މި އަތޮޅު ކޫއްޑޫގައި ހިނގާ މަޝްރޫޢު އަޅުގަނޑު ފާހަގަކޮށްލަން.
އާދެ، ކޮލަމާފުށްޓަކީ މަސްވެރި ރަށެއް. މި ރަށުގެ ރައްޔިތުން ކުރައްވާ އެންމެ މުހިންމު މަސައްކަތަކީ މަސްވެރިކަން. އަދި ޚާއްޞަކޮށް، މިވަގުތު މި ރަށަށް މަސްވެރިކަމުގެ ތަނަވަސްކަން ލިބިފައިވާތީ، އާދެ، މިވަގުތަކީ މަސްވެރިކަން ރަނގަޅު ވަގުތަކަށްވާތީ، އެއީ އަޅުގަނޑުހިތުން ރަށުގެ ރައްޔިތުންވެސް އަދި އަޅުގަނޑުވެސް އަދި މިރަށަށް ހެޔޮއެދޭ އެންމެންވެސް ވަރަށްބޮޑަށް އުފާކުރާނެ ކަމެއް. މަސްވެރިކަމާ ބެހޭގޮތުން ވަރަށް މުހިންމު ޚަބަރެއް މިހާރު ވާނީ ތިޔަބޭފުޅުން އައްސަވާފައި. އާދެ، އެއީ މާދަމާއިން ފެށިގެން ސަރުކާރުން މަސްގަންނަ އަގު ބޮޑުވެގެންދާ ޚަބަރު. އެހެންވީމާ، އެވާހަކަ އިތުރަކަށް އަޅުގަނޑު ދަންނަވާކަށްނެތިން. އާދެ، ސަރުކާރުގެ މަޤްޞަދަކީ އަބަދުވެސް ރައްޔިތުންނަށް ފައިދާ ހޯދައިދިނުން. ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ފަހިކޮށްދިނުން. ރައްޔިތުންނަށް އިތުރަށް އާމްދަނީ ލިބި، އެމީހުންގެ ދިރިއުޅުން ތަރައްޤީކުރުމަށް މަގުފަހިވާނެ ކަންތައްތައް ކޮށްދިނުން. މިގޮތުން ބޭރުދުނިޔޭގައިވެސް މިވަގުތު މަހުގެ އަގަށް އައިސްފައިވާ ހެޔޮބަދަލެއްގެ ސަބަބުން، ސަރުކާރުން ދިވެހި މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު މާދަމާއިން ފެށިގެން ބޮޑުވެގެން މިދަނީ.
އާދެ، ތަރައްޤީގެ މަގުގައި ކޮލަމާފުށިވެސް ވަނީ ފިޔަވަޅުތަކެއް ކުރިއަށްއަޅާފައި. އޭގެތެރެއިން އެންމެ މުހިންމު އެއްފިޔަވަޅަކީ ކޮލަމާފުށީގެ ދަރީންނަށް އާދެ، ޅަދަރީންނަށް، ތަޢުލީމު ޙާޞިލްކުރާ ޢުމުރުގެ ކުދިންނަށް ތަޢުލީމު ލިބިދެވޭނެ އިންތިޒާމެއް ހަމަޖެހުން. އަޅުގަނޑުމެން މި ޖަލްސާ ކުރަމުންމިދާ، އަތޮޅު މަދަރުސާ މިއީވެސް މި ދެންނެވި ބަހުގެ ހެތްކެއް ކަމުގައި ފުދޭނެ. މިތަން އުފެދިގެން ހިނގަމުންދިޔުމުގެ ސަބަބުން، މިރަށުގެ ކިޔަވާކުދިންނަށް ތަޢުލީމު ޙާޞިލްކުރުމުގެ އެކަށީގެންވާ ފުރުޞަތެއް މިއޮތީ ލިބިފައި. އަދި އޭގެ ސަބަބުން ރަށުގެ ކުރިއެރުމަށް މުސްތަޤްބަލުގައި އިތުރު ހަލުވިކަމެއް އަންނާނެ ކަމަށް އަޅުގަނޑު ދެކެން. އެއީ، ކޮންމެ ކުރިއެރުމެއްގެވެސް އަޞްލަކީ ތަޢުލީމު ކަމަށްވާތީ. އާދެ، އޭގެ އިތުރުންވެސް، މި ރަށުގެ ތަރައްޤީއަށް ކުރެވެމުންދާ އެހެން މަސައްކަތްތައްވެސް އެބަހުރި. އޭގެތެރެއިން އެއްމަސައްކަތެއް، މި ރަށުގެ ފަޅުފުންކޮށްދިނުން. ރާއްޖެތެރެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްދަތި އެއީ. މިދެންނެވީ އެކި ރަށްރަށަށް ލަފައިފުރައި އުޅުމުގައި ރަށުގެ ރައްޔިތުންނަށް ދިމާވާ ވަރަށްބޮޑު ދައްޗެއް، ރަށުގެ ފަޅުގެ ދަތިކަން. އެކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް، ވަރަށްގިނަ ޚަރަދުކޮށްގެން ކުރަމުން އެބަގެންދޭ، އެއީ އެކި ރަށްރަށުގެ ފަޅުފުންކޮށްދިނުން.
ހަމަ އެއާއެކީގައި، ކަރަންޓުގެ ޚިދުމަތް ލިބުން އެއީވެސް ރާއްޖެތެރޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް. ޝައްކެއްނެތް، ކަރަންޓަކީ ކުރިއަށްދިޔުމުގެ ވަރަށްބޮޑު ވަސީލަތެއް. އެހެންކަމުން، މިހާރު ރާއްޖެތެރޭގެ ރަށްރަށުން ކަރަންޓުގެ ޚިދުމަތް ލިބެމުންދާތަން ފެންނަމުންދާކަން އެއީ، ހުރިހާ ދިވެހި ރައްޔިތުންވެސް ވަރަށް ބޮޑަށް އުފާކުރާނެ ކަމެއް. އެތައްގޮތަކަށް މިކަން ހިނގަމުން އެބަދޭ. އޭގެތެރެއިން އެއްގޮތަކީ ސަރުކާރުގެ ޚަރަދުގައި ކަރަންޓްލައިދިނުން. މިގޮތުން، މިހާރުވެސް 9 ރަށެއްގައި، ސަރުކާރުގެ ފަރާތުން ކަރަންޓުގެ ޚިދުމަތް ދެމުން އެބަގެންދޭ. އަދި އޭގެ އިތުރުން، ބައެއް ރަށްރަށުގައި ކަރަންޓްލުމުގެ މަސައްކަތް މިހާރު ހިނގަމުންވެސް އެބަދޭ. އަދި ކުރިއަށް އޮތް ތާނގައި އިތުރު ރަށްރަށުގައި، ސަރުކާރުގެ ޚަރަދުގައި ކަރަންޓްލައިދެވޭ ގޮތަށް ހަމަޖެހެމުންވެސް އެބަދޭ. އާދެ، އެހެންނަމަވެސް، ކަރަންޓްލައިދިނުމަކީ، 24 ގަޑިއިރު ރަށަކަށް ކަރަންޓް ލިބޭގޮތަށް އެ މަސައްކަތް ކުރުމަކީ، ވަރަށްބޮޑު ޚަރަދެއް ހިނގާ ކަމެއް. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުގެ ބަޖެޓަކީ މާ ތަނަވަސް ބަޖެޓެއް ނޫން. އެހެންކަމުން، ސަރުކާރުން ކިތަންމެ ބޭނުންވިޔަސް، ސަރުކާރުން އެކަމެއް ކުރަން އެދޭހާ އަވަހަކަށް އެއްވެސް ކަމެއް ކުރެވޭކަށެއްނޯވޭ. މިކަން މިހެން އޮތުމާއެކީގައި، ކުރިންވެސް މި ދެންނެވި އުޞޫލުން ސަރުކާރުގެ ޚަރަދުގައި ކަރަންޓްލައިދިނުމުގެ މަސައްކަތްކުރުމުގެ އިތުރުން، ބޭރުގެ ފަރާތްތަކުގެ އެހީ ހޯދައިގެންވެސް ސަރުކާރުން އެ މަސައްކަތް ކުރަމުން އެބަގެންދޭ. އެކަމުގެ ޚަބަރުތައް ތިޔަބޭފުޅުން އައްސަވާނެ. އަދި އޭގެ އިތުރުން، ރައްޔިތުން އަމިއްލައަށް ރައްޔިތުންގެ މަސައްކަތެއްގެ ގޮތުގައި ކަރަންޓްލަމުންގެންދާ ރަށްރަށަށް، ފުރަތަމަ އެހީއެއްގެ ގޮތުގައި ފައިސާގެ އެހީއެއް ދޭންވެސް މިހާރު ސަރުކާރުންވަނީ ޤަޞްދުކޮށްފައި. އާދެ، އެއީ ރައްޔިތުން އެ ކުރައްވާ މަސައްކަތަށް ހިތްވަރުދިނުމުގެ ގޮތުން ސަރުކާރުންދޭ ފައިސާއެއް. އެ ފައިސާ ދިނުމުގައި އުޞޫލެއް ކަމުގައި ބަލާފައި ވަނީ ރަށުގެ އާބާދީ. އާބާދީ ގިނަ ރަށްރަށަށް ތަންކޮޅެއް އިތުރަށް ފައިސާދޭގޮތަށްވަނީ ހަމަޖެހިފައި. އާދެ، އެއީ ގިނަ ބަޔަކަށް ކަރަންޓުގެ ޚިދުމަތް ލިބިދިނުމަށް ބޮޑު ޚަރަދު ހިނގާނެތީ. އެހެންވީމާ، އެ އުޞޫލުން ބަލާއިރު، އިރާދަކުރެއްވިއްޔާ ކޮލަމާފުށްޓަށްވެސް މި ދެންނެވި އުޞޫލުން ސަރުކާރުގެ ފައިސާގެ އެހީއެއް ވަރަށް އަވަހަށް ލިބޭނެ. އޭރުން އެ ފައިސާގެ ބޭނުންކުރައްވައިގެން، ރައްޔިތުންގެ ގޮތުގައި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތް މިހާރު ތިޔަގެންދަވާ ވަރަށްވުރެ ހަލުވިކޮށް އަދި ފުރިހަމަކޮށް ގެންދެވޭނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.
އާދެ، އަޅުގަނޑުގެ ދަތުރު ހަމަޖެހިފައި އޮތްގޮތުން، މި ރަށުގައިވެސް މާގިނަ ވަގުތުތަކެއް ހޭދަކުރެވޭކަށް ނެތް. އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުގެ މި ދަތުރު ކުރަމުން މިގެންދަނީ ވައިގެ މަގުން. އެހެންވީމާ، ކޮންމެ ރަށެއްގައިވެސް ވަރަށްކުޑަ ވަގުތުކޮޅެއް ހޭދަކޮށްލާފައި ފުރައިގެން ދާންޖެހެނީ. އިރުއޮއްސުމުގެ ކުރިން، ދެންއޮތް މަންޒިލް މަޤްޞޫދަށް ދެވޭތޯ. އާދެ، އެހެންކަމާއެކީގައި، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަން. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރީގައި، ތިޔަބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރި ހެޔޮއެދުންތައް ރައްދުކުރަން. ހަމަ އެފަދައިން، މި ރަށަށް އަޅުގަނޑު އަންނަކަން އެނގިވަޑައިގަތުމާ ގުޅިގެން، މި ރަށުގެ ވެރިންނާއި، ރަށްކުރިއަރުވާ ކޮމިޓީގެ މެންބަރުންނާއި، އަންހެނުންގެ ކޮމިޓީގެ މެންބަރުންނާއި އަދި އާންމު ރައްޔިތުން ރަށުތެރެ ޒީނަތްތެރި ކުރައްވައި، ސާފުކުރައްވާފައިވާ މިންވަރު އަޅުގަނޑަށް ފެނިފައި، އެކަމާމެދު ވަރަށްބޮޑަށް އުފާކޮށް، ހުރިހާ ފަރާތްތަކަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އަދި ހަމަ އެހެންމެ، މި އަތޮޅަށް އަލަށް ޢައްޔަންކުރެވުނު އަތޮޅުވެރިޔާ އަލްފާޟިލް އަޙްމަދު ޞާލިޙް މިއަދު ވަޑައިގެން އެބަ އިންނެވި. އޭނާ މިފަހަރު އަދި އެ ވަޑައިގަތީކީ އަތޮޅުއޮފީހާ ޙަވާލުވެވަޑައިގަންނަވާކަށެއް ނޫން. މި ދަތުރުގައި މާލެ ވަޑައިގެންފައި، މާލަހެއްނުވެ މިކޮޅަށް ވަޑައިގަންނަވާނެ. އަލްފާޟިލް އަޙްމަދު ޞާލިޙަކީ ސަރުކާރުގައި ގިނަ އަހަރުތަކެއް ވަންދެން ތެދުވެރިކަމާއެކު ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއް. އަދި މިރަށަކީ، މަސްވެރި ރަށަކަށްވާތީ، ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަން. އޭނާއަކީ މަސްވެރިކަމުގެ ރޮނގުގައިވެސް ވަރަށް ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް. އާދެ، އެގޮތުން އެފަދަ ބޭފުޅަކު ހުންނެވުމުން، ތިޔަބޭފުޅުންނަށް ކުރިއެރުމުގެ ވަސީލަތްތައް ކުރިއަށްވުރެ ފަހިވެގެންދާނެކަމާމެދަކު ޝައްކެއްނެތް.
އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى ކޮލަމާފުށްޓަށް އަދި ކޮލަމާފުށީގެ ރައްޔިތުންނަށް ތަނަވަސްކަމާއި އުފާ ފާގަތިކަމާއި، ބާއްޖަވެރިކަން މިންވަރުކުރެއްވުން. ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަދި ދިވެހި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ނުވަތަ ރައްޔިތުން އަމިއްލައަށް ތަރައްޤީގެ މަގުގައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލައްވައި، އެ މަސައްކަތްތަކުގެ ހެޔޮނަތީޖާ އަވަސްމަގަކުން އަޅުގަނޑުމެންނަށް ދެއްކެވުން.
والسّـلام عليـكم ورحـمة اللّـه وبـركاتـه.