بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيِّدنا محمّد وعلـى آلـه وَصَحْبِـهِ أجمـعـين.
އަޅުގަނޑު މިއަދު ފާދިއްޕޮޅުގެ ބައެއް ރަށްރަށަށް ކުރާ ދަތުރެއްގައި ހިންނަވަރަށް އައިސް، ހިންނަވަރުގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެއް. ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެފަދައިން، އަޅުގަނޑު އެއްފަހަރަށްވުރެ ގިނަފަހަރު ހިންނަވަރަށް ޒިޔާރަތްކޮށްފިން. ހިންނަވަރުގެ ރައްޔިތުންގެ ޙާލުއަޙުވާލު ދެކިލުމަށް އަދި ހިންނަވަރުގެ ރައްޔިތުން ތަރައްޤީގެ މަގުގައި ކުރައްވާ މަސައްކަތްތައް ބަލައިލައި، އެކަމުގެ މަޢުލޫމާތު ހޯދުމަށް. އޭގެ އިތުރުން، ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތަކަކީ ކޮބައިތޯ އޮޅުންފިލުވައި، އެ ކަންތައްތައް ޙައްލުކުރުމުގައި ސަރުކާރުން އެހީވެވޭނެ ގޮތްތަކެއް ހޯދުމަށް. މި މަޤްޞަދުގައި އަޅުގަނޑު ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށަށް، ތެދުތެދަށް ދަންނަވަންޏާ، މީހުން އުޅޭ ކޮންމެ ރަށަކަށް އަޅުގަނޑު ވަނީ ޒިޔާރަތްކޮށްފައި. އެ ދަތުރުތަކުގެ ސަބަބުން، ރާއްޖެތެރެއާ ބެހޭގޮތުން ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް އަޅުގަނޑަށް ދަނީ ލިބެމުން. އަދި އެ މަޢުލޫމާތުތަކުގެ އަލީގައި، ރާއްޖެތެރެއަށް އިތުރު ކުރިއެރުމާއި، ތަރައްޤީ އަންނާނެ ގޮތްތައް ރޭވުމަށް ސަރުކާރަށް ވަރަށްބޮޑެތި ފަސޭހަތަކެއްވެސް ވަނީ ލިބިފައި.
އާދެ، ރާއްޖެތެރެއަށް މި އަންނަމުންދާ ބަދަލުތައް ތިޔަބޭފުޅުންނަކަށް ވަންހަނާވެގެނެއް ނުވާނެ. މިހާރު، ކުރިން އޮތްގޮތާ ރާއްޖެތެރެ ވަރަށް ތަފާތު. ތަޢުލީމުގެ އެއްވެސްކަހަލަ އަސަރެއް ކުރިން ނެތް ރަށްރަށުގައި މިހާރު ތަޢުލީމު އެކަށީގެންވާ ފެންވަރަކަށް ދެވެމުން އެބަދޭ. ތިޔަބޭފުޅުންގެ މިރަށް، ހިންނަވަރަކީ މިހާރު ތަޢުލީމީގޮތުން ބަލާއިރު ވަރަށް އެދެވޭ ކުރިއެރުމެއް ހޯދާފައިވާ ރަށެއް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ. އާދެ، ފާދިއްޕޮޅު އަތޮޅު ތަޢުލީމީ މަރްކަޒު ހިނގަމުންދަނީ މި ރަށުގައި. އަދި އެ މަރްކަޒުން ތަޢުލީމު ޙާޞިލްކުރަމުންދާ ކުދިންގެ ޢަދަދު 800 އަށްވުރެ ގިނަ. އަދި އަޅުގަނޑަށް އެނގިފައިވާގޮތުގައި، މި އަހަރު ޘާނަވީ 9 ވަނަ ކްލާހާ ހަމައަށް އެ ތަޢުލީމީ މަރްކަޒުގައި ކިޔަވައިދެވެމުން އެބަގެންދެވޭ. މި އަންނަ އަހަރު ގްރޭޑް 10ގެ ފެންވަރުގެ ކުދިން ތިބިކަމަށްވަންޏާ، ގްރޭޑް 10 މި ރަށުގައި ފެށޭނެ.
އެހެންވީމާ، ތަޢުލީމުގެ ރޮނގުންވެސް ހިންނަވަރު ދަނީ އެކަށީގެންވާ ހަލުވިކަމަކާ އެކީގައި ކުރިއަށޭ، ވަރަށް އުފަލާއެކު އަޅުގަނޑު ދަންނަވަން. ހަމައެއާއެކީގައި، އެހެން ރޮނގުރޮނގުންވެސް ހިންނަވަރުގެ ރައްޔިތުންނަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާ ބައެއް. ޚާއްޞަކޮށް، އަޅުގަނޑުމެންގެ އެންމެ މުހިންމު މަސައްކަތް ކަމުގައިވާ، މަސްވެރިކަމުގެ ރޮނގުން. ހިންނަވަރަކީ ވަރަށް ކުރިއްސުރެ މަސްވެރި ރަށެއް. އަދި މިހާރުވެސް ހިންނަވަރުގެ އެންމެ ގިނަ މީހުން ކުރާ އަދި އެންމެ ގިނަ އާމްދަނީ މިރަށަށް ލިބޭ މަސައްކަތަކީ މަސްވެރިކަން ކަމުގައި އަޅުގަނޑަށްވަނީ އެނގިފައި.
ޝައްކެއްނެތް، މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ ވަރަށް މުހިންމު މަސައްކަތެއް. އެއަށްވުރެ މުހިންމު އެހެން މަސައްކަތެއް ނެތޭ ދެންނެވުންވެސް އެކަށީގެންވާފަދަ މުހިންމު މަސައްކަތެއް. އެހެން މި ދެންނެވީ، ޓޫރިޒަމުން މިވަގުތު އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަމުގައި ޙިއްޞާކުރާ މިންވަރު، މަސްވެރިކަމަށްވުރެ އިތުރުކަމުގައިވިޔަސް، މަސްވެރިކަމަކީ ޒަމާނުއްސުރެ، ދިވެހިން ކުރަމުން އައި މަސައްކަތެއް. އަދި އޭގެ ފައިދާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފެތުރިގެން ގޮސްފައިވާ މަސައްކަތެއް. އެހެންވީމާ، މިފަދަ މުހިންމު މަސައްކަތެއް ތަރައްޤީނުކޮށް އަޅުގަނޑުމެން ތިބޭކަށެއް ނުވާނެ. ތަރައްޤީކުރަންޖެހޭނެ. އެ މަސައްކަތުގައި ކުރިއަށްދާންޖެހޭނެ. އެއީ، އަޅުގަނޑުމެންގެ އިޤްތިޞާދު ތަރައްޤީކުރުމަށްޓަކައި. އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްކުރުމަށްޓަކައި، އަދި ދިރިއުޅުމުގެ ފެންވަރު އެއްދުވަހުން އަނެއްދުވަހަށް މަތިކުރުމަށްޓަކައި. އެހެންވީމާ، ހިންނަވަރުގެ ރައްޔިތުންނަކީ ވަރަށް ހީވާގިކަމާއި މުރާލިކަމާއެކު މަސްވެރިކަމުގެ މަސައްކަތް ތަރައްޤީކޮށް ކުރިއަރުވާ ބައެއް ކަމަށްވީތީ، އެކަމާމެދު އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ތަޢުރީފުގެ ޝުޢޫރުތައް، އިޚްލާޞްތެރިކަމާއެކު ހިންނަވަރުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ރައްދުކުރަން.
ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރިއަށްދާން ޖެހިފައިވާ ރޮނގުތައް ވަރަށްވެސް ގިނަ. ތަޢުލީމަކީ އޭގެ އެންމެ މުހިންމު އެއް ރޮނގު. ހުރިހާ ކުރިއެރުމެއް ބިނާވެފައިވަނީ ތަޢުލީމުގެ މައްޗަށް ކަމަށްވާތީ، އެކަމަށް ސަރުކާރުން ވަރަށް ކުރިއްސުރެ، ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުން މިގެންދަނީ. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެތެރޭގައި ވަރަށް ގިނަ ޢަދަދަކަށް އަތޮޅު ތަޢުލީމީ މަރްކަޒުތައް ނުވަތަ އަތޮޅު މަދަރުސާތައް މިހާރުވަނީ ޢިމާރާތްކުރެވި، އެތަންތާނގައި ކިޔަވައިދޭން ފެށިފައި. އަދި އޭގެތެރޭގައި ގިނައީ ވަރަށް ރަނގަޅަށް ހިނގަމުންދާ ތަންތަން. ތަޢުލީމު ކުރިއަށް ގެންދިޔުމުގައި އަޅުގަނޑުމެންނަށް ދިމާވާ ދަތިތަކެއް އެބަހުރި. އޭގެތެރެއިން އެންމެ ބޮޑު ދައްޗެއްކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ ކިޔަވައިދޭނެ، އެކަށީގެންވާ ޤާބިލް މުދައްރިސުން މަދުކަން. މުދައްރިސުން ބިނާކުރުމަކީ، ޝައްކެއްނެތްގޮތުގައި، ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ރާއްޖެއިން އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދޭނެ މުދައްރިސުންވެސް ލިބެންވާނެ. އެހެންވީމާ، އެ ރޮނގުގައި ސަރުކާރުން ކުރާ މަސައްކަތްތައްވެސް އަޅުގަނޑުހިތުން ތިޔަބޭފުޅުން ފާހަގަކުރައްވާނެ. އަދި މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައި، ބޭރުގެ މުދައްރިސުން ގިނަ ޢަދަދަކަށް ބޭނުންކުރަންޖެހިފައި އޮތްކަމުގައިވިޔަސް، އަޅުގަނޑު ދެކޭގޮތުގައި، މުސްތަޤްބަލުގައި ރާއްޖޭގައި ތިބެންޖެހޭނީ ހަމަ ރާއްޖޭގެ މުދައްރިސުން. އެއީ، އަޅުގަނޑުމެންގެ އާބާދީ އިތުރުވަމުންދާ ދިޔުމުގައި، އެކަށީގެންވާ ޢަދަދަކަށް ޒުވާނުންވެސް ތިބުމާއެކީގައި މިހެން މި ދަންނަވަނީ. ޒުވާނުންގެތެރޭގައި އުފެއްދުންތެރި މަސައްކަތްކުރާ ވަރަށްގިނަ ބަޔަކު ތިބިކަމުގައިވިޔަސް، އެއްވެސް މަސައްކަތެއް ނުކޮށް ތިބޭ، ބައެއް ޒުވާނުންވެސް އެބަތިބި. އެހެންވީމާ، އެއީ އަޅުގަނޑުމެން ވަރަށް ޚާއްޞަގޮތެއްގައި ވިސްނާލަންޖެހޭނެ ނުކުތާއެއް. އަޅުގަނޑުމެންގެތެރޭގައި މަސައްކަތްނުކޮށް ތިބޭ ޒުވާނުންނަކީ، އެމީހުންގެ ފަރާތުން ޤައުމަށް ލިބެންޖެހޭ ފައިދާ ނުލިބިވާ ބައެއް. އަދި ޤައުމަށް ފައިދާ ނުލިބުމުގެ އިތުރަށް، މަސައްކަތް ނެތް ނުވަތަ މަސައްކަތެއް ނުކުރާ ބައެއް މީހުންގެ ފަރާތުން ޤައުމަށް އެކިއެކި ގެއްލުންތައްވެސް ލިބެމުންދާކަން އަޅުގަނޑުމެން ފާހަގަކުރަންޖެހޭ.
އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ރާއްޖޭގެ ރައްޔިތުންގެތެރޭގައި އުފެއްދުންތެރި މަސައްކަތެއް ނުކުރާ އެކަކުވެސް ނެތުން. އެމީހެއްގެ ޞިއްޙަތާއި، އެމީހެއްގެ ޤާބިލިއްޔަތު ތަންދޭނަމަ، ކޮންމެވެސް މަސައްކަތެއް ކުރުމަކީ، އެމީހެއްގެ ވާޖިބެއްކަމުގައި ކޮންމެ ދިވެއްސަކުވެސް ދެކެންވާނެ ކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވޭ.
މާތްވެގެންވާ އިސްލާމްދީނުގައި އޮންނަގޮތުންވެސް ދިރިއުޅުމަށް ތިމާގެ އަތުން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް. އެއީ އެކަމުން ޘަވާބުވެސް އަޅުގަނޑުމެންނަށް ލިބޭ ކަމެއް. އެކަން އެހެން އޮތުމުން އަޅުގަނޑުމެންނަށް އެނގެނީ އެއީ، އަޅުގަނޑުމެންގެ މި ދުނިޔޭގެ ދިރިއުޅުން ތަރައްޤީކުރުމަށް އެޅޭ ބާރަކަށްވުމުގެ އިތުރަށް، އެއީ އަޅުގަނޑުމެންނަށް އާޚިރަތުގައިވެސް ﷲ ޘަވާބު ދެއްވާނެ ކަމެއްކަން. އެއާ ޚިލާފަށް، މަސައްކަތްނުކޮށް ތިބުމަކީ އިސްލާމްދީން ރުހޭ ކަމެއްނޫން. އެހެންވީމާ، ދީނީ ނަޒަރަކުން ބެލިކަމުގައިވިޔަސް ނުވަތަ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމުގެ ލޮލަކުން ބެލިކަމުގައިވިޔަސް، ކޮންމެވެސް އުފެއްދުންތެރި މަސައްކަތެއް ކުރުމަކީ، ވަރަށް މުހިންމު ކަމެއްކަމުގައި ޤަބޫލުކުރަންޖެހޭ.
މިއަހަރަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ފާހަގަކުރެވޭ އަހަރު. އެހެންކަމާއެކީގައި، މި ވާހަކަ އަޅުގަނޑު މިހެން މި ދަންނަވަނީ. ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ރާއްޖެއިން އެކްސްޕޯޓް ކުރެވޭ މުދާވެސް އިތުރުކޮށް، އަޅުގަނޑުމެންނަށް ލިބޭ ބޭރުފައިސާ އިތުރުވަމުންދިޔުމަކީ، އަޅުގަނޑުމެންގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް. އެހެންކަމުން، އަޅުގަނޑުމެން މިއަހަރު ޢަޒުމް ކަނަޑައަޅަންޖެހޭނީ، އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް. މިހާރުވެސް މަސައްކަތްކުރާ މީހުން، އެމީހުން އެކުރާ މަސައްކަތް މިހާރަށްވުރެ އުފެއްދުންތެރިކަން ބޮޑުގޮތެއްގައި ކުރެވޭތޯ ބެލުމަށް ބާރުއަޅަންވާނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ. ހަމައެއާއެކީގައި، މަސައްކަތެއް ނުކޮށް އެއްވެސް މީހަކު ނުހުރެ، ކޮންމެ މީހަކީވެސް މުޖުތަމަޢުގެ ފައިދާއަށްޓަކައި މަސައްކަތްކުރާ މީހެއްކަމުގައިވުމަކީ، ޤައުމީގޮތުން ބަލާއިރު ވަރަށް ބޭނުންތެރި ކަމެއް.
އާދެ، ސަރުކާރުން ރައްޔިތުންނަށްދޭ ޚިދުމަތްތަކުގެ ތެރޭގައި، ތަޢުލީމުގެ އިތުރަށް، ޞިއްޙީ ޚިދުމަތްވެސް ހިމެނޭ. ޞިއްޙީ ޚިދުމަތަކީ ވަރަށް މުހިންމު ޚިދުމަތެއް. ފުރިހަމަ ޞިއްޙަތަކާ ނުލައި އަޅުގަނޑުމެންނަށް އުފެއްދުންތެރި ޙަޔާތެއް ވޭތިކުރުމުގެ މަގު ތަނަވަސްވެގެނެއް ނުދާނެ. ބޭނުންތެރި މުވާޠިނަކަށް ވެވޭނީވެސް ފުރިހަމަ ޞިއްޙަތެއް ހުރެގެން. އަދި ބަލިބަލިން ރައްކާތެރިވެފައިވާ މުޖުތަމަޢެއްގައި ދިރިއުޅޭ ބަޔަކަށްވެގެން. އެހެންކަމުން، ޞިއްޙީ ރޮނގުން ހޭލުންތެރިކަން އިތުރުކޮށް، ޞިއްޙީ ޚިދުމަތްތައް އިތުރުކޮށް، ދިވެހި ރައްޔިތުންނަކީ އެކަށީގެންވާ ޞިއްޙަތެއްގައި ދިރިއުޅެމުންދާ ބަޔަކަށްވުމަކީ، ސަރުކާރުން ވަރަށްބޮޑަށް އެކަން ޙާޞިލް ކުރުމަށްޓަކައި މަސައްކަތް ކުރަމުންގެންދާ ކަމެއް. މިހާރު ރާއްޖެތެރޭގައި ބައެއް ދިމަދިމާގައި ސަރަޙައްދީ ހަސްފަތާލުތައް ވަނީ ހެދިފައި. އަދި އޭގެއިތުރުން، ކޮންމެ އަތޮޅެއްގައިވެސް ޞިއްޙީ މަރްކަޒެއް، އެންމެ މަދުވެގެންވެސް އެއްތަން، ކޮންމެ އަތޮޅެއްގައިވެސް ހުންނާނެ. ބައެއް އަތޮޅުތަކުގައި އެއަށްވުރެ ގިނަ ތަންތަން އެބަހުރި. އެތަންތާނގައިވެސް މަސައްކަތް ކުރާނެ މީހުން އުފެއްދުމުގެ މަސައްކަތް، ސަރުކާރުން ވަރަށް ކުރިއްސުރެ ކުރަމުން އެބަ ގެންދަން. ވަރަށް ގިނަ ތަންތާނގައި އެކަށީގެންވާ ފެންވަރަކަށް ޞިއްޙީ ޚިދުމަތްތެރިން ތިބޭ. އޭގެއިތުރުން، ޑަކްޓަރުންގެ ޚިދުމަތްވެސް ރާއްޖެތެރެއަށްވެސް ވަނީ ބޭނުންވެފައި. މިކަން ސަރުކާރަށް އިޙްސާސްކުރެވޭތީ، މިހާރު ހަމަޖެހިފައިވަނީ، ސަރަޙައްދީ ހަސްފަތާލުތައް ނުހުންނަ އަތޮޅުތަކުގައި، 2000 މީހުންނަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށް ހުންނަ އަތޮޅުތަކަށް ޑަކްޓަރެއްގެ ޚިދުމަތް ލިބޭގޮތަށް ހަމަޖެއްސުމަށް. އެ މަސައްކަތް މިހާރު ކުރެވެމުން އެބަދޭ. އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، މި އަތޮޅުގައިވެސް ޑަކްޓަރެއްގެ ޚިދުމަތް ލިބޭގޮތަށް ހަމަޖެހޭނެ.
އާދެ، ޞިއްޙީ ޚިދުމަތުގެ އިތުރަށްވެސް، އަޅުގަނޑުމެން ވިސްނާލަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. އޭގެތެރޭގައި، ތިމާވެށީގެ މައްސަލަ. ތިމާވެށްޓަކީ އަޅުގަނޑުމެން ވަރަށްބޮޑަށް އެކަމާދޭތެރޭގައި ވިސްނަންޖެހިފައިވާ ކަމެއް. އަޅުގަނޑުމެންގެ ދިރިއުޅުމަށް އަންނަ ބަދަލުތައް އެ އަންނަނީ، ބައެއްފަހަރަށް ތިމާވެށްޓަށް އަންނަ ބަދަލުތަކެއްގެ ސަބަބުންކަން އަޅުގަނޑުމެންނަށް އެނގޭ. ޚާއްޞަކޮށް، ރާއްޖެފަދަ ކުޑަކުޑަ ޤައުމަކަށް، ފަސްގަނޑު ތިރި ޤައުމަކަށް، ދުނިޔޭގެ ތިމާވެށްޓަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑު ހިތުން ހިންނަވަރުގެ ރައްޔިތުންނަށްވެސް މިކަން އެނގިވަޑައިގަންނަވާނެ. އެހެންކަމުން، އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރެވެންޖެހޭ. އޭގެތެރޭގައި، އަޅުގަނޑުމެންގެ ފަސްގަނޑު ދިފާޢުކުރުން. އަޅުގަނޑުމެންގެ ރަށްތައް ފެހިކުރުން. އަޅުގަނޑުމެންގެ ގޮނޑުދޮށްތަކާއި، މޫދުތަކާއި، ފަރުފަރު ސާފުކުރުން. ސާފުތާހިރުކޮށް ބެހެއްޓުން. މިކަންކަމަކީ އޭގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ފައިދާތަކެއް ޙާޞިލްވެގެންދާނެ ކަންތައްތަކެއް.
އާދެ، ތިމާވެށީގެ ކަންތަކުގެ އިތުރަށްވެސް، ޒުވާނުންގެ މައްސަލަތައް އެއީވެސް އަޅުގަނޑުމެން ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހިފައިވާ ކަމެއް. ޒުވާނުންނަކީ ކުރިންވެސް ދެންނެވިފަދައިން، އުފެއްދުންތެރި މަސައްކަތްތަކެއް ކުރަންޖެހޭނެ ބައެއް. އެހެންކަމުން، ޒުވާނުން އިޞްލާޙުކޮށް، ޒުވާނުންނަކީ ޤައުމަށް ފައިދާހުރި ހަރުދަނާ ބައެއްކަމުގައި ހެދޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އެބަގެންދޭ. އެ މަސައްކަތްވެސް ކާމިޔާބުވާނީ ހުރިހާ ރައްޔިތުންވެސް ސަރުކާރާއެކީގައި އެއްބާރުލައިގެން.
އާދެ، ދިރިއުޅުން ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ވަރަށް މުހިންމު ވަސީލަތެއް، ކަރަންޓުގެ ޚިދުމަތް އެއީ. މި ރަށުގައި އަމިއްލަ ފަރާތްތަކުން ދެއްވާ ކަރަންޓުގެ ޚިދުމަތް، 24 ގަޑިއިރު ލިބެމުންދާކަން އަޅުގަނޑަށްވަނީ އެނގިފައި. މި ދޭތެރެއަކުން ބޭރުގެ އެހީއެއްގެ ދަށުން ރާއްޖޭގެ ބައެއް ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ލިބިދެވޭތޯ ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ބައެއް ރަށްރަށަށް އެ ޚިދުމަތް ލިބޭނެކަމުގެ މަޢުލޫމާތު މިހާރުވަނީ ލިބިފައި. ސަރުކާރުން އިސްކަންދިނުމުގައި ބަލަމުންގެނައީ، އާބާދީ ގިނަ ތަންތަނަށް ކުރިން ކަރަންޓް ލައިދިނުމުގެ އުޞޫލު، އެއީ އުޞޫލެއް ކަމުގައި. އެއީ، އެހެން ހެދުމުން ގިނަ ބަޔަކަށް އޭގެ ފައިދާ އެއްފަހަރާ ލިބޭނެތީ. އެގޮތުން، ސަރުކާރުން ހުށަހެޅި ރަށްތަކުގެ ތެރޭގައި ހިންނަވަރުވެސް ހިމެނޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެހީވެދޭ ފަރާތުން ގެންގުޅޭ އުޞޫލުން ބަލާއިރު، އެމީހުން ހިންނަވަރަށް މިފަހަރު މި ބުރުގައި ކަރަންޓް ދޭކަށް ޤަބޫލެއްނުވޭ. އެމީހުން ބުނާގޮތުގައި، މިރަށުގައި މިހާރުވެސް ކޮންމެވެސް ފެންވަރަކަށް ކަރަންޓުގެ ޚިދުމަތް ލިބެމުން އެބަދޭ. އެހެންވީމާ، އެމީހުން ބޭނުންވަނީ، ރާއްޖޭގެ އެނޫން ބައެއް ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދޭން.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ނުކުތާއަކީ، މި މައްސަލަ، ޖަޕާނުގެ އެހީގައި ކަރަންޓުގެ ޚިދުމަތް ލިބޭ ރަށްތަކުގެ ތެރޭގައި، މި ރަށް ނުހިމެނުނު ކަމުގައިވިޔަސް، އެކަމާދޭތެރޭގައި ހިންނަވަރުގެ ރައްޔިތުން މާބޮޑަށް ހިތާމަކުރައްވާނެ ކަމެއްނެތޭ. އެއީ، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި ރާއްޖޭގެ އެހެން ރަށްރަށަށްވެސް ސަރުކާރުގެ ފަރާތުން ކަރަންޓުގެ ޚިދުމަތްދެވޭތޯ މަސައްކަތްކުރަމުން މިގެންދަނީ. މިހާރުވެސް ރާއްޖޭގެ ބައެއް ދިމަދިމާގައި، ބައެއް ރަށްރަށުގައި ސަރުކާރުން ކަރަންޓް ދެމުންގެންދޭ. އޭގެއިތުރުން، އެހެން ރަށްރަށުގައިވެސް ކަރަންޓް ދެވޭގޮތަށް އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި ހަމަޖެހޭނެ. އަޅުގަނޑުމެންގެ އަމިއްލަ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ނުވަތަ ބޭރުގެ އެހީ އިތުރަށް ހޯދައިގެންނަމަވެސް، ރާއްޖޭގެ އެހެން ރަށްރަށަށްވެސް ކަރަންޓުގެ ޚިދުމަތް ދިނުމަކީ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ ކަމެއް.
އާދެ، އޭގެއިތުރުންވެސް، ރާއްޖެތެރޭގެ ރަށްރަށަށް ދަތިވެފައިވާ ކަންތައްތައް ޙައްލުކޮށްދެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުންގެންދޭ. އޭގެތެރޭގައި، ވަރަށް މުހިންމު ކަމެއް، ފަޅުފުންކުރުން. ނެރުގޮއްވުން. މި ކަންތައްތައް ހިންނަވަރަށްވެސް ވަނީ ހަމަޖެހިފައި. އެހެންވީމާ، އެއީވެސް އަޅުގަނޑު ހިތުން ހިންނަވަރަށް ލިބޭނެ ކުރިއެރުމެއް. އަދި ދާދިފަހުން، ހިންނަވަރަކީ މީހުން އިތުރަށް ގޯތި ބޭނުންވާ ރަށަކަށްވެފައި، ނައިފަރުވެސް ހަމަ އެފަދަ. ކުރިން މަނާވެފައި އޮތް ކަމެއް، މިހާރު ސަރުކާރުން ހުއްދަކުރާގޮތަށްވަނީ ހަމަޖެހިފައި. އެއީ، ބާޑީ ދޫކުރުން. އަޅުގަނޑު ހިތުން އެގޮތަށް އެކަން ހަމަޖެއްސުމުން އެއީ، ހިންނަވަރުގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވެސް ވާނެ. އަދި ކުރިއެރުމަކަށްވެސް ވާނެ.
ސަރުކާރުގެ މަޤްޞަދަކީ، ރައްޔިތުންނަށް ކަންތައްތައް ފަސޭހަކޮށްދިނުން. ދިރިއުޅުމުގެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި ސަރުކާރުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ވާގޮތަކީ އަޅުގަނޑުމެންގެ ރާއްޖެއަކީ ކުޑަ ޤައުމަކަށްވެފައި، އަޅުގަނޑުމެންނަށް އާމްދަނީ ލިބޭ މަގުތައް މަދުވެފައި، ލިބޭ އާމްދަނީ ކުޑަކަމުން، އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް އެއްފަހަރާ ކުރަން ދަތިވަނީ. އެކަން އެހެން އޮތުމާއެކީގައި، ވަކި އުޞޫލެއް ހަމަޖައްސައިގެން، ވަކި ކަންތައްތަކަކަށް އިސްކަންދީގެން އަދި އިސްކަންދޭ ކަންތައްތައްވެސް، އިސްކަންދެވޭ ރަށްރަށެއްގައި ފުރަތަމަ ހަމަޖައްސައިގެން، ވަކި ތަރުތީބަކުން ގެންދަން އަޅުގަނޑުމެންނަށް އޮންނަނީ މަޖުބޫރުވެފައި. އެކަން އެހެން އޮތުމާއެކީގައި، މި ދެންނެވި ކަންތައްތައް، އާދެ، ރާއްޖޭގެ ރައްޔިތުން ވަރަށް ބޭނުން ދެކަމެއްގެ ވާހަކަ މި ދެންނެވީ. އެއީ، ކަރަންޓުގެ ޚިދުމަތާއި، ފަޅުފުންކުރުން. ވަރަށް ގިނަ ރަށްރަށަށް މި ކަންތައްތައް ވަނީ ބޭނުންވެފައި. އެހެންނަމަވެސް، ސަރުކާރުން ވަކި އުޞޫލަކުން އެކަންތައް ކުރަން މަޖުބޫރުވެފައިވަނީ، މި ދެންނެވި ސަބަބުތަކަށްޓަކައި. ސަރުކާރުން މިހާރުވެސް ވަނީ ވަރަށްގިނަ ރަށްރަށުގެ ފަޅު ފުންކޮށްދީފައި. އަދި އިތުރު ވަރަށްގިނަ ރަށްރަށުގައިވެސް އެ މަސައްކަތް ކުރެވެމުން އެބަދޭ. މުސްތަޤްބަލުގައިވެސް އިރާދަކުރެއްވިއްޔާ، އެ މަސައްކަތް ކުރަމުން ގެންދެވޭނެ.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަދި އެއްވާހަކަ ދަންނަވާލަން ބޭނުންވޭ. އެއީ، އަޅުގަނޑުމެންގެތެރޭގައި އޮންނަ އެކުވެރިކަން އާލާކުރުމުގެ މައްޗަށް ދަންނަވާލަންޖެހޭ ވާހަކައެއް. ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ، ޤުރްއާނުގެ އާޔަތްތަކުގެ ތެރޭގައިވެސް، އަޅުގަނޑުމެންނަށް އެއިން ޢިބްރަތެއް ޙާޞިލްވާންޖެހޭކަހަލަ އާޔަތްތަކެއް އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. "وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ". (آل عمران 103). "ތިޔަބައިމީހުން މާތްﷲގެ ދީނުގައި އެކަލާނގެ ހިދާޔަތުގައި ގަދަޔަށް ހިފަހައްޓާށޭ. އަދި ތިޔަބައިމީހުން ބައިބައިވެގެންނުދާށޭ." އެއީ، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ އިލާހީ އިރްޝާދެއް. އިލާހީ ވަޞިއްޔަތެއް. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، އަޅުގަނޑުމެންވާންޖެހޭނެ އެއްބަނޑުއެއްބަފާ ބަޔަކަށް. އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ އެކުވެރިކަމާއި އެއްބާރުލުން. އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ މެދުގައި ފިތުނަފަސާދަ އުފެދިގެނެއް ނުވާނެ. ހަމަނުޖެހުން އުފެދިގެނެއް ނުވާނެ. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ދިވެހިރާއްޖޭގައިވެސް އަބަދުވެސް ހަމަޖެހުމާއި އެކުވެރިކަން އޮންނާނެ ގޮތެއްގެ މަތިން ހުރިހާ ފަރާތްތަކަކުންވެސް ޢަމަލުކުރަމުން ގެންދިޔުން.
އާދެ، އަޅުގަނޑުގެ ޕްރޮގްރާމް ލިޔެފައި އޮތްވަރަށްވުރެ ތަންކޮޅެއް ލަހުން ހިނގަމުންދާގޮތް މެދުވެރިވެފައި އޮތުމާއެކީގައި، ނަމާދުވަގުތު ޖެހުނުއިރު މި ޖަލްސާ އަދި ނިމުމަކާ ހަމައަކަށް ނާދޭ. އާދެ، އެހެންކަމުން، އަޅުގަނޑުގެ ވާހަކަ ދެން މާދިގުކުރާކަށް ނެތިން. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރިއަށްދާއިރުވެސް، އަޅުގަނޑުމެން އަބަދުވެސް އަޅުގަނޑުމެންނަކީ މުސްލިމުންކަމާއި، އަޅުގަނޑުމެންނަކީ އަޚުންތަކެއްކަން ހަނދާންކުރަންޖެހޭނެއޭ. އަޅުގަނޑުމެންގެ މެދުގައި އަބަދުވެސް އޮންނަންޖެހޭނީ އެކުވެރިކަމާއި އެއްބާރުލުމޭ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. އެއްވެސް ސަބަބަކާހުރެ އަޅުގަނޑުމެންގެ މެދުގައި ފިތުނައެއް، ހަމަނުޖެހުމެއް، ދެކޮޅުވެރިކަމެއް، ބައިބައިވުމެއް އުފެދިގެނެއް ނުވާނެއޭ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެ ވާޖިބަކަށްވެސް ވާންވާނީ، އެމީހެއްގެ ބާރުފޯރާ ހިސާބުން އެކުވެރިކަން އާލާކޮށް ކުރިއަށްގެންދިޔުމުގެ މަސައްކަތްކުރުމަށޭ. އާދެ، އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އެމީހެއްގެ ވާޖިބެއްކަމުގައި ދެކެންޖެހޭނެ ކަމަކީ.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ހިންނަވަރުގެ ރައްޔިތުންނަށް ހުރިހާގޮތަކުންވެސް މިއަދަށްވުރެ ތަނަވަސް އުފާވެރި މާދަމައެއް ދެއްކެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން. އަދި ދިވެހިރާއްޖެއަށްވެސް ހުރިހާގޮތަކުން އަމާން އަދި އޮމާން އަދި ޞުލްޙަވެރި މުސްތަޤްބަލެއް އެކަލާނގެ މިންވަރުކުރެއްވުން އެދި ދުޢާކުރަމުން. އަދި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި އަޅުގަނޑުމެން އެންމެން ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު މާތްﷲ އަޅުގަނޑުމެންނަށް ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އިބްތިހާލު ކުރަމުން.
والسّلام عليكم ورحمـة اللّـه وبركاته.