بســم اللّـه الرّحمـن الرّحيــم
اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
އާދެ، އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލަނީ ވަރަށް ކުޑަކުޑަ އެއްޗެއް ދަންނަވާލަން. އާދެ، އެއީ ތިޔަބޭފުޅުން ތިޔަ ކުރައްވާ ބުރަ މަސައްކަތް ސަރުކާރުން ވަޒަންކޮށް، ތިޔަބޭފުޅުންނަށް ޝުކުރާއި ތަޢުރީފު ރައްދުކުރެޔޭ، މިހެން ދަންނަވާލުން. އަޅުގަނޑު މިއަދު ފެލިވަރަށް މިއައީ، ފާދިއްޕޮޅުގެ ބައެއް ރަށްރަށަށް ކުރާ ދަތުރެއްގައި. މި ދަތުރު ރޭވިފައި މިއޮތީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަތުރުގެ ކަންތައްތައް ނިންމާލެވޭކަހަލަ ގޮތަކަށް. އެހެންވީމާ، މިކަހަލަ މަޤާމެއްގައި ހުރެގެން މާދިގު ވާހަކައެއް ދައްކާކަށެއް ފުރުޞަތެއް ނެތް. އެކަން ތިޔަބޭފުޅުން ޤަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން.
އާދެ، ފާދިއްޕޮޅަށް އަޅުގަނޑު މިކުރާ ދަތުރަކީ، މިހާރު މިހިސާބަށް ނާދެވޭތާ އެތައް އަހަރެއްވެފައިވުމާ އެކީގައި، ފާދިއްޕޮޅުގެ އެންމެ ގިނައިން މީހުން ދިރިއުޅޭ ދެރަށް ކަމުގައިވާ، ނައިފަރާއި ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކޮށްލައި، ތަރައްޤީގެ މަގުގައި އެ ދެ ރަށުގައި ކުރެވެމުންދާ މަސައްކަތްތައް ބަލައިލުމަށް ކުރާ ދަތުރެއް. މިއަދު ނައިފަރަށް އަޅުގަނޑު ޒިޔާރަތްކޮށްފިން. އަދި ފެލިވަރަށް އައި މަގުމަތީގައި، ވަރަށްކުޑަ ވަގުތުކޮޅަކަށް މާފިލާފުށްޓަށްވެސް ޒިޔާރަތްކޮށްލައިފިން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އެރަށަކީ ސަރުކާރުން އަލަށް އާބާދުކުރާ ރަށެއް. އަޅުގަނޑުމެންގެ އާބާދީގެ މައްސަލަތައް ޙައްލަކަށް ގެނެވޭތޯ ކުރާ މަސައްކަތްތަކުގެ ތެރެއިން ބައެއް. އަޅުގަނޑު ދެކޭގޮތުގައި، އެ މަޝްރޫޢު ކާމިޔާބުވުމަކީ، އާބާދީގެ މައްސަލަތައް ޙައްލުކުރުމުގައި އަޅުގަނޑުމެންނަށް މަގުފަހިވެގެންދާނެ ކަމެއް. އޭގެފަހުގައި އަޅުގަނޑު މިއައީ ފެލިވަރަށް. ފެލިވަރަކީ، ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، ރާއްޖޭގެ އިޤްތިޞާދުގައި ވަރަށް މުހިންމު ބައެއް އަދާކުރާ ތަނެއް. އެންމެފަހުން އަޅުގަނޑަށް ފެލިވަރަށް އައުމުގެ އުފާ ލިބިފައިވަނީ 1986 ވަނަ އަހަރު. އާދެ، އެއީ، ފެލިވަރުގެ އާ ޕްރޮޖެކްޓް އިފްތިތާޙުކުރުމުގެ މުނާސަބަތުގައި. އެދުވަހު އަޅުގަނޑު މި ރަށަށް އައިސް މިފަދަ ޖަލްސާއެއްގައި، ނުވަތަ މިއަށްވުރެ މާފުރިހަމަކޮށް، އެ މުނާސަބަތަށްޓަކައި ތައްޔާރުކުރެވިފައިވާ ޖަލްސާއެއްގައި ވާހަކަ ދެއްކިން.
މަސްވެރިކަމަކީ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެންމެ މުހިންމުބައި ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެ. އެހެން މި ދެންނެވީ، ޒަމާނުއްސުރެ ރާއްޖޭގެ މީހުން އެންމެ ރަނގަޅަށް ކުރާ، އަދި އެކަމަކުން އެންމެ ގިނަ ފައިދާތައް ޙާޞިލްކުރާ އިޤްތިޞާދީ މަސައްކަތަކީ މަސްވެރިކަން ކަމަށްވާތީ.
މަސްވެރިކަމުގެ އިތުރަށް މިއަދު އަޅުގަނޑުމެންގެ ރާއްޖެވަނީ ޓޫރިޒަމްގެ ދުނިޔެއަށް ވަދެފައި. ޓޫރިޒަމަކީވެސް ވަރަށް މުހިންމު އިޤްތިޞާދީ މަސައްކަތެއް. މިހާރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމަށް ބަލާއިރު، މަސްވެރިކަމަށްވުރެ ޓޫރިޒަމުން ޙިއްޞާކުރާބައި ވަނީ އިތުރުވެފައި. އެކަން އެހެން އޮތްކަމުގައިވިޔަސް، ޒަމާނުއްސުރެ އަޅުގަނޑުމެން ކުރަމުންއައި މަސައްކަތަކީ މަސްވެރިކަން ކަމަށްވެފައި، އަޅުގަނޑުމެންނަށް މުސްތަޤްބަލުގައިވެސް އިޤްތިޞާދީ ރަނގަޅު ބިންގަލެއްގެ މަތީގައި ކުރިއަށްދެވޭނީ، މަސްވެރިކަން ތަރައްޤީކޮށް ކުރިއަރުވައިގެން ކަމަށްވާތީ، މަސްވެރިކަމަށް އަޅުގަނޑުމެން ދޭންޖެހޭ އަހަންމިއްޔަތު އެންމެ ތަންކޮޅެއްވެސް ކުޑަވެގެނެއްނުދޭ. އަޅުގަނޑަށް ދަންނަވަންޖެހެނީ، މުސްތަޤްބަލުގައި އަދި އަޅުގަނޑުމެން މަސްވެރިކަމަށްދޭ އަހަންމިއްޔަތު މިހާރަށްވުރެވެސް ބޮޑުވާންޖެހޭނެއޭ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މަސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި، އަދި އެކަމުން ޤައުމަށް، ދިވެހި އިޤްތިޞާދަށް، ދިވެހި މަސްވެރިންނަށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ތަފާތު ގިނަ މަޝްރޫޢުތަކެއް ރޭވިގެން މިހާރުވެސް ހިނގަމުން އެބަދޭ. އަދި މީގެ ކުރިންވެސް ވަރަށް ގިނަ މަޝްރޫޢުތައް ވަނީ ހިންގިފައި. އަދި މުސްތަޤްބަލްގައިވެސް އެފަދަ އެތައް މަޝްރޫޢުތަކެއް، އަޅުގަނޑުމެންނަށް މިއޮތީ ހިންގަން ޖެހިފައި. އާދެ، އެހެންކަމުން ފެލިވަރުގެ މުހިންމު ބައި އެއްދުވަހަށްވުރެ އަނެއް ދުވަހެއް ކުރިއަށްދިޔުމަކީ، އަޅުގަނޑުމެންގެ މަސްވެރިކަމަށް ވަރަށްބޮޑު ތަރައްޤީއެއް ލިބޭނޭ ކަމެއް. ހަމައެފަދައިން، ރާއްޖޭގެ ތަރައްޤީއަށްވެސް، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ވަރަށް މަތިވެރި ޙިއްޞާއެއް އެކަމުން ލިބިގެންދާނެ ކަމެއް.
އާދެ، ފެލިވަރުގެ ކަންތައްތައް ހިންގަވާ ފަރާތްތަކުން ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ތިޔަބޭފުޅުންވެސް ގަބޫލުކުރައްވާނެ. އެސް.ޓީ.އޯ.އާއި، އެފް.ޕީ.އައި.ޑީ.ގެ ފަރާތުން. އެހެންކަމުން، އެސް.ޓީ.އޯ.ގެ ވެރިންނަށާއި، އެފް.ޕީ.އައި.ޑީ.ގެ ވެރިންނަށް، އަދި ފެލިވަރު ޕްލާންޓް ހިންގެވުމާ ޙަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންނަށާއި، އެހެން ހިންގުންތެރިންނަށާއި އަދި ފެލިވަރުގެ ކާރުޚާނާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭކަލުންނަށާއި، ބޭކަނބަލުންނަށް މިއަދުގެ މި މުނާސަބަތުގައި، އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ފެލިވަރުގެ މަސައްކަތަކީ ވަރަށް ޚާއްޞަގޮތެއްގައި، ހަމައެކަނި ރާއްޖެއަކު ނޫން، ބޭރުދުނިޔޭގައިވެސް ފާހަގަކުރެވޭ ކަމެކޭ، އަޅުގަނޑަށް ދަންނަވާލަންޖެހޭ. އެއީ، ފެލިވަރުގެ ކާރުޚާނާގައި ތައްޔާރުކުރާ ދަޅުމަހަކީ، ބޭރު ދުނިޔޭގައި ވަރަށް މަޤްބޫލު އެއްޗަކަށްވާތީ. ވަރަށް ރަނގަޅު ފެންވަރަކަށް، ވަރަށް މީރުކޮށް ތައްޔާރުކުރެވޭ މަހެއް އެއީ. އެހެންވީމާ، އެކަމުގެ ފަޚުރު އަޅުގަނޑުމެންނަށް މިހާރުދަނީ ލިބެމުން.
އެހެންނަމަވެސް، އަޅުގަނޑުމެން ދަޅުގައި މަސްބަންދުކޮށްގެން، އެ އެކްސްޕޯޓް ކޮށްގެން، އެކަމުން އަޅުގަނޑުމެންނަށް ލިބޭ ފައިދާ އިތުރުކުރުމަށް ބަލާއިރު އެއީ ވަރަށްގިނަ، އެހެން ކަންތައްތަކެއްގެ މައްޗަށް ބިނާވެގެންވާ ކަމެއްކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރަންޖެހޭ. އާދެ، އެންމެ ފުރަތަމަ މަސް ލިބުން. ދެންމެ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން އެ ވިދާޅުވިފަދައިން، މަސް ނުލިބޭ ކަމަށްވަންޏާ މިތާނގެ މަސައްކަތް އޮންނާނީ ހުއްޓިފައި. މަސް ލިބުން އެއީ އެންމެ މުހިންމު ކަންތައް. އޭގެއިތުރުން، މިތާނގެ މަސައްކަތް ހަލުވިކޮށް ހިނގަމުންދިޔުން. ހަމައެއާއެކީގައި، ބޭރުދުނިޔޭގައި އަޅުގަނޑުމެންގެ މަހަށް އެކަށީގެންވާ އަގެއް ލިބުން. މި ކަންތައްތައް މިހެން ހަމަޖެހިފައި ހުރެގެން، ފެލިވަރުން ރާއްޖޭގެ އިޤްތިޞާދަށް އަދި ރާއްޖޭގެ ރައްޔިތުންނަށް އެއިން ލިބެންޖެހޭ ފައިދާ ލިބެމުންދާނީ. އާދެ، އަޅުގަނޑުމެންނަށް ކުރެވޭނީ މަސައްކަތް. މަސައްކަތް ކުރުމަށްފަހުގައި، އޭގެ ނަތީޖާ އަޅުގަނޑުމެން ވަކީލުކޮށްލަންޖެހޭނީ، ހުރިހާ ކަމެއްވެސް އަޅުގަނޑުމެން ވަކީލުކުރާ ފަރާތަށް. اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް.
އެހެންވީމާ، އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ތިޔަބޭފުޅުން ހިތްވަރާއެކު މަސައްކަތް ކުރައްވާށޭ. ތިޔަބޭފުޅުން ވަގުތަށް ރައްކާތެރިވެވަޑައިގަންނަވާށޭ. ތިޔަބޭފުޅުން ކުރައްވާ މަސައްކަތުގައި އިތުރަށް ކުރިއަށް ވަޑައިގަތުމަށް ޢަޒުމް ކަނޑައަޅުއްވާށޭ. މިއީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރު. އެހެންވީމާ، ތިޔަބޭފުޅުންގެ އުފެއްދުންތެރިކަންވެސް އެއްދުވަހުން އަނެއްދުވަހަށް އިތުރުކުރެއްވޭތޯ ބައްލަވާށޭ. އާދެ، ތިޔަބޭފުޅުންގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖޭގެ މީހުންނޫން އެހެން ބައެއް ޤައުމުތަކުގެ މީހުންވެސް ހިމެނޭ. އެހެންކަމުން، އެބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އެބޭފުޅުންނަށް ސަރުކާރުގެ ހެޔޮއެދުންތައް ރައްދުކުރަން. އަޅުގަނޑުމެން އެންމެން މިކުރަނީ އެއް މަސައްކަތެއް. އެ މަސައްކަތުގައި އެއުޅެނީ ދިވެހިން ކަމުގައިވިޔަސް، ބޭރުމީހުން ކަމުގައިވިޔަސް، އޭގެ ފައިދާ ލިބެނީ ޙަޤީޤަތުގައި ދިވެހި ސަރުކާރަށް. ދިވެހި ޤައުމަށް. ދިވެހި ރައްޔިތުންނަށް.
މުސްތަޤްބަލަށް ވިސްނާއިރު، އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފައިދާކުރާނީ، އަޅުގަނޑުމެންގެ ރާއްޖެއިން އެކި ކަންކަމަށް މީހުން ލިބިގެންކަމާމެދަކު ޝައްކެއްނެތް. ފެލިވަރުގައިވެސް މުޅިން ދިވެހިން ތިބެގެން މަސައްކަތްކުރާ ދުވަހެއް އަންނާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. އަދި ރާއްޖޭގެ އެހެން ތަންތާނގައި ހިންގާ ކާރުޚާނާތަކުގައިވެސް، މަސައްކަތްތަކުގައިވެސް ދިވެހިން މަސައްކަތް ކުރާނެ ދުވަހެއް، މި ދެންނެވީ ގިނަ ޢަދަދަކަށް ދިވެހިން މަސައްކަތް ކުރާނެ ދުވަހެއް އައުމަކީ، އަޅުގަނޑު ހިތުން ކޮންމެ ދިވެއްސަކުވެސް އެދޭނެ ކަމެއް. މަސައްކަތަށް ފުރަގަސްދިނުމަކީ، ފަހަރެއްގައިވެސް އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއްނޫން. އެހެން މި ދެންނެވީ، ރާއްޖޭގެ ބައެއް ޒުވާނުންގެ ތެރޭގައި މާބޮޑު މަސައްކަތެއް ނުކޮށް ތިބޭ މީހުން ތިބޭކަން އެނގިފައިވާތީ. އެއީ އަޅުގަނޑުހިތުން އެއްގޮތަކަށްވެސް ރަނގަޅުގޮތެއް ނޫން. އަޅުގަނޑުމެން ވިސްނަނީ އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުން ތަނަވަސްކުރުމަށް ކަމުގައިވިޔަސް، ނުވަތަ ޤައުމަށް ފައިދާހުރިގޮތެއް ހޯދޭތޯ ބަލަން ކަމުގައިވިޔަސް، ކޮންމެ މީހަކުވެސް ދިރިއުޅުމަށްޓަކައި މަސައްކަތެއް ކުރަންޖެހޭނެ. އެމީހެއްގެ ޙިއްޞާ ޤައުމަށް އަދާކުރަންޖެހޭނެ. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަނީ، ރާއްޖޭގެ ޒުވާނުންގެ ތެރެއިންނާއި އަދި ހަރުމީހުންގެ ތެރެއިންވެސް އެކިއެކި މަސައްކަތްކުރުމަށް، އެކަށީގެންވާ ޞިއްޙަތެއް ހުރި ކޮންމެ މީހަކުވެސް ފައިދާހުރި މަސައްކަތެއް ކުރުމަށް. އެއީ، އަޅުގަނޑުހިތުން ޤައުމު ބިނާކުރުމުގައި، ޤައުމު އެއްދުވަހުން އަނެއްދުވަހަށް ކުރިއަށްދިޔުމުގައި ވަރަށް މުހިންމު ކަމެއް.
އާދެ، ކުރިންވެސް ދެންނެވިފަދައިން، މިއަދަކީ މާ ދިގުކޮށް ވާހަކަދެއްކެން އޮތް ދުވަހެއް ނޫން. އެހެންކަމާއެކު، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނީ. އެހެންނަމަވެސް، އޭގެކުރިން އަދިވެސް އެއްފަހަރު، ފެލިވަރުގެ ކަންތައް ތަރައްޤީކުރައްވާ ފަރާތްތަކަށް، އާދެ، އޭގެތެރޭގައި އިދާރީ ކަންތައްތައް ހިންގަވާ ފަރާތްތަކާއި، ޓެކްނިކަލް ކަންތައްތައް ހިންގަވާ ފަރާތްތައްވެސް ހިމެނޭގޮތުން، އެ ހުރިހާ ފަރާތްތަކަކަށް އަދި ފެލިވަރުގެ ކާރުޚާނާގައި ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން، އަދި ތިޔަބޭފުޅުންނަށް ބާއްޖަވެރި މުސްތަޤްބަލަކަށް އެދެމުން، އަޅުގަނޑު ވަކިވެލާނަން.
والسّلام عليكم ورحمـة اللّـه وبركاته.