بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيِّدنا محمّد وعلـى آلـه وأصحـابه أجمعـين.

އާދެ، މިއަދު ވަރަށް ކުއްލިގޮތެއްގައި އަޅުގަނޑު އައިސް މިހުރީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށް، ނައިފަރުގައި. އާދެ، ނައިފަރަށް ޒިޔާރަތްކުރުމަކީ އަޅުގަނޑަށް އަބަދުވެސް ލިބޭ ވަރަށްބޮޑު އުފަލެއް. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެފަދައިން، އަޅުގަނޑު މި މަޤާމާ ޙަވާލުވިފަހުން ނައިފަރަށް މިހާރު ވަރަށްގިނަފަހަރު ޒިޔާރަތްކޮށްފިން. އާދެ، ޖުމްލަ ހަތް ފަހަރަކު އަޅުގަނޑަށް މިހާރު ނައިފަރަށް އާދެވި، ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރުމުގެ އުފާވަނީ ލިބިފައި. އެންމެފަހުން އަޅުގަނޑަށް އާދެވިފައިވަނީ ތަންކޮޅެއް ކުރިން. އާދެ، 1986 ވަނަ އަހަރު. އެ އަހަރު ފެލިވަރުގެ ކާރުޚާނާގެ އާ މަޝްރޫޢު ނިމި، އެ މަޝްރޫޢު ހުޅުވައިދިނުމަށް ކުރި ދަތުރެއްގައި އަޅުގަނޑަށް އެފަހަރު ނައިފަރަށް ޒިޔާރަތްކުރެވިފައި ވަނީ. މި ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑަށް މި ރަށަށް ޒިޔާރަތް ނުކުރެވިވާކަމީ، އަޅުގަނޑުގެ ހިތަށްވެސް ވަރަށް ފުން އަސަރެއް ކުރާ ކަމެއް. އެހެންނަމަވެސް، ނައިފަރުގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުގެ މަޤާމުގައި، މި މަޤާމުގައި ހުންނަ މީހެއްގެ މަސައްކަތް ވަރަށްބުރަވާނެ. އެހެންކަމުން، މި މަޤާމުގައި ހުންނަ މީހަކު ބޭނުންވާހާ ގިނައެއްކޮށް ރާއްޖެތެރެއަށް ޒިޔާރަތްކޮށް، ރަށްރަށުގެ އަހުލުވެރިންނާ ބައްދަލުކުރުމުގެ ފުރުޞަތު ހޯދުމަކީ ދަތިކަމަކަށްވާނެ.

ކޮންމެއަކަސް އަޅުގަނޑު މި ރަށަށް، މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ނާންނަކަމުގައިވިޔަސް އަބަދުވެސް ނައިފަރުގެ ކަންތައްތައް ހުރިނެތްގޮތް އަޅުގަނޑު ބަލަމުން ގެންދިޔައިން. އަދި އެކިއެކި މިނިސްޓަރުން މިރަށަށް ޒިޔާރަތްކުރައްވައި، މި ރަށުގެ ރައްޔިތުން އެދޭ ކަންތައްތަކަކީ ކޮބައިތޯ އޮޅުންފިލުއްވައި، އެ މަޢުލޫމާތު އަޅުގަނޑާ ހަމައަށް ގެނެސްދެއްވައި ހައްދަވާ. އޭގެ އިތުރުން، މި އަތޮޅުގެ އަތޮޅުވެރިކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކުވެސް، އެ ބޭފުޅެއްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ގޮތުން، މުޅި އަތޮޅުގެ ޙާލު އަޙުވާލު އަޅުގަނޑަށް އަންގަވައިދެއްވާ. އަދި ރަށްރަށުގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކާއި، އެ މީހުންނަށް ދިމާވާ ދަތިތަކާއި، އެ މީހުން އެދޭ ގޮތްތައްވެސް އަޅުގަނޑާ ހަމައަށް ގެނެސްދެއްވާ. އެހެންކަމުން، މިވޭތުވެދިޔަ ތާނގައިވެސް ތިޔަ ބޭފުޅުންވެސް ޤަބޫލުކުރައްވާނެ ފަދައިން، ފާދިއްޕޮޅުގެ ތަރައްޤީގެ މަސައްކަތްތައް ދިޔައީ ހުއްޓުމެއްނެތި ކުރިއަށް. އަދި ނައިފަރަކީ ފާދިއްޕޮޅުގެ ވެރިކަންކުރާ ރަށް ކަމަށްވާތީ، މި ރަށުގެ ތަރައްޤީގެ މަސައްކަތްތައްވެސް ކުރިއަށް ގޮސްފައިވަނީ ވަރަށް ހަލުވިކޮށް.

އާދެ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދީގެން ރާއްޖެތެރޭގެ ކަންތައްތައް ތަރައްޤީކުރަމުން މިގެންދަނީ. 1979 ވަނަ އަހަރުން ފެށިގެން އެ މަސައްކަތް ހުއްޓުމެއްނެތި، މެދުކެނޑުމެއްނެތި ސަރުކާރުން ކުރިއަށް މިގެންދަނީ. އޭގެ އަސަރުތައް ރާއްޖެތެރޭގެ ކޮންމެ ދިމާއަކުންވެސް މިއަދު ފެންނަން އެބަހުރި. އާދެ، މި މަޤާމާ ޙަވާލުވިފަހުން ރާއްޖެތެރެއަށް އަޅުގަނޑު އެންމެ ފުރަތަމަ ކުރި ދަތުރު، އެއީ 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އަޅުގަނޑު އެ ދަތުރަށްޓަކައި މާލެއިން ފުރީ. އެންމެ ފުރަތަމަ ދުވަހުވެސް ނައިފަރަށް އައުމުގެ އުފާ އަޅުގަނޑަށް ލިބުނު. އާދެ، އެއީ އެ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު. އެހެންކަމުން، މި ރަށުގެ ރައްޔިތުންގެ ބޭނުންތަކާއި، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތާއި، މި ކަންތައްތައް އަޅުގަނޑަށް އަބަދުވެސް އޮތީ، އޭގެ މަޢުލޫމާތު ލިބެމުން އައިސްފައި. އަޅުގަނޑުގެ އަމިއްލަ ދަތުރުތަކުން ލިބޭ މަޢުލޫމާތުތަކުގެ އިތުރަށް، ކުރިންވެސް މި ދެންނެވި ގޮތުގެ މަތިން، އެކިއެކި ވަޒީރުން ކުރައްވާ ދަތުރުފުޅުތަކުންނާއި އަދި މި އަތޮޅުގެ އަތޮޅުވެރިންނާއި، ރަށްރަށުގެ ވެރިންގެ ފަރާތްޕުޅުން އަތޮޅުގެ ޙާލަތާއި، އަތޮޅުގައި ކަންތައްތައް ހުރިނެތްގޮތް، އަޅުގަނޑަށް އަބަދުވެސްދިޔައީ އޮޅުންފިލަމުން.

ޝައްކެއްނެތް، ނައިފަރަކީ ވަރަށް ޚާއްޞަ ރަށެއް. ތަޢުލީމީގޮތުން ބަލާއިރު، ރާއްޖޭގެ ރަށްތަކުގެ ތެރެއިން ނައިފަރަށް ދެވެންޖެހެނީ ނުވަތަ ދޭންޖެހެނީ ވަރަށް މަތީ މަޤާމެއް. ރާއްޖެތެރޭގައި ހުރި އެންމެ ގިނަދުވަސްވީ މަދަރުސާއަކީ، އެ މަދަރުސާއެއްގައި އަޅުގަނޑުމެން މި ޖަލްސާކުރާ، މަދްރަސަތުލް އިފްތިތާޙު ކަމަށްވުމުން، ފާދިއްޕޮޅާއި އަދި ނައިފަރުގެ ތަޢުލީމީ ކަންތައްތައް ކުރިއްސުރެ ހިނގަމުން އައިސްފައިވާގޮތް އަޅުގަނޑުމެންނަށް ދޭހަވޭ. އާދެ، މި މަދަރުސާއަށް 50 އަހަރު ފުރުން ފާހަގަކުރީ، މީގެ 12 އަހަރު ކުރިން. އެ އުފާވެރި މުނާސަބަތުގައިވެސް އަޅުގަނޑު މި ރަށަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކުރުމުގެ އުފާ ވަނީ ޙާޞިލްކޮށްފައި. ނައިފަރަކީ ތަޢުލީމީގޮތުން ވަރަށް ފާހަގަކޮށްލެވޭ ރަށަކަށްވާކަން އެއީ، އަޅުގަނޑުވެސް ވަރަށް އުފާކުރާ ކަމެއް. މި ރަށުގައި މި މަދަރުސާގެ އިތުރަށް، ވަރަށް ޒަމާންވީ އަދި މިހާރުވެސް ހިނގަމުންދާ ދެ މަކްތަބު އެބަހުރި.

އާދެ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، 40 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އެ ދެ މަކްތަބު ވަނީ ހިނގަމުން އައިސްފައި. އަދި މިއަދަކީ ބައިނަލްއަޤްވާމީ ލިޔަންކިޔަންދަތުމުގެ ދުވަސްކަމަށްވީކަން އެއީވެސް އަޅުގަނޑުހިތުން މި ރަށަށް ވަރަށް ޚާއްޞަ މުނާސަބަތަކަށްވާނެ. އެހެން މި ދެންނެވީ، ޢިލްމާއި މަޢުލޫމާތުގެ މުއްސަނދި ދުނިޔެއަށް ވަންނަ ދޮރަކީ ލިޔަންކިޔަންދަތުން ކަމަށްވާތީ. އެ ދޮރުން ވަދެގެން އަޅުގަނޑުމެންނަށް ޢިލްމު އުނގެނެވެނީ. އަޅުގަނޑުމެންނަށް ބޭނުންވާ މަޢުލޫމާތުތައް ޙާޞިލްކުރެވެނީ.

އެ މަޢުލޫމާތުތަކަކީ އަޅުގަނޑުމެންގެ މާތްވެގެންވާ ދީނާބެހޭ މަޢުލޫމާތުތަކެއް ކަމުގައިވިޔަސް ނުވަތަ އަޅުގަނޑުމެންނަށް ބޭނުންވާ އެހެން ރޮނގުރޮނގުގެ މަޢުލޫމާތު ކަމުގައިވިޔަސް، އެ މުއްސަނދި މަޢުލޫމާތުގެ ދުނިޔެއަށް އަޅުގަނޑުމެންނަށް ވާޞިލްވެވެނީ ލިޔަންކިޔަންދަތުމުގެ ދޮރުންލާފައި. އެހެންކަމުން، ލިޔަންކިޔަންދަތުމަކީ ޝައްކެއްނެތްގޮތުގައި، ވަރަށް މުހިންމު ކަމެއް. ކުރިއަށްދާން އެދޭ ކޮންމެ ޤައުމަކަށްވެސް އެންމެ މުހިންމު ވަސީލަތަކަށް ވެފައި އޮންނަނީ ތަޢުލީމު ޙާޞިލްކުރުން. އެކަމަށް ސަރުކާރުންދޭ އަހަންމިއްޔަތާއި، ކުރަމުންގެންދާ މަސައްކަތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އާދެ، ވަރަށް ކުޑަކުޑަ މިސާލެއް ދަންނަވާ ކަމަށްވަންޏާ، 1979 ވަނަ އަހަރު ދިވެހި ސަރުކާރުގެ ބަޖެޓުން ތަޢުލީމަށް ޚަރަދުވެފައިވަނީ، އެއްތިރީސް މިލިޔަން ރުފިޔާ ކަމަށްވާއިރު، 1992 ވަނަ އަހަރު އާދެ، މިދިޔަ އަހަރު ރާއްޖޭގެ ތަޢުލީމަށް ދިވެހި ސަރުކާރުގެ ބަޖެޓުން 219 މިލިޔަން ރުފިޔާ ޚަރަދުވެފައިވާކަން، އެ ޙަޤީޤަތް އަޅުގަނޑުމެން ދެނެގަތުމުން، ސަރުކާރުން ތަޢުލީމަށްދޭ އަހަންމިއްޔަތު ޝައްކެއްނެތްގޮތުގައި ހާމަވެގެންދާނެ.

އާދެ، 1979 ވަނަ އަހަރު ސަރުކާރުން ތަޢުލީމަށް ޚަރަދުކުރިވަރުގެ 7 ގުނަ ނުވަތަ 7 ގުނައަށްވުރެވެސް އިތުރަށް ވަނީ 1992 ވަނަ އަހަރު ތަޢުލީމަށް ޚަރަދުކޮށްފައި. 1979 ވަނަ އަހަރު ތަޢުލީމަށް ޚަރަދުކުރި މިންވަރު އެއީ، ދައުލަތުގެ ބަޖެޓުގެ ސަތޭކައަކުން އަށެއް. އެ މިންވަރު މިހާރު އޮތީ، މިދިޔަ އަހަރު ދެގުނައަށް ގޮސްފައި. އާދެ، މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުގެ ސަތޭކައަކުން 16.5 ވަނީ ތަޢުލީމަށް ޚަރަދުކުރެވިފައި. އޭގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ތަޢުލީމުދޭ މަރުކަޒުތައް، ކުރިއަށްވުރެ މާ ރަނގަޅަށް ހިނގަމުން އެބަދޭ. އަޅުގަނޑުމެން އެންމެ ފުރަތަމަ ފަށައިގަތީ، ފަށާ ތަޢުލީމު ރާއްޖެއަށް އާންމުކުރުމުގެ މަސައްކަތް. އެ މަސައްކަތް، ވަރަށް ކާމިޔާބު ގޮތެއްގައި ނިމުމަށްފަހު، އިރާދަކުރެއްވިއްޔާ ޘާނަވީ ތަޢުލީމު ރާއްޖެތެރެއަށް ވާޞިލްކުރުމުގެ މަސައްކަތްތައް މިހާރު ކުރެވެމުން މިދަނީ. މިހާރުވެސް މާލޭގެ އިތުރަށް، ރާއްޖެތެރޭގައި ޘާނަވީ ތަޢުލީމުދޭ 17 ތަން އެބަހުރި. އޭގެތެރެއިން ހަތަރު ތަނެއްގައި މި އަހަރު ގްރޭޑް 10 އަށް އެބަ ކިޔަވައިދޭ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި، ނައިފަރުގެ މަދްރަސަތުލް އިފްތިތާޙުގައިވެސް، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ގްރޭޑް 10 އަށް ކިޔަވައިދެވެން ފެށޭނެ.

އާދެ، ސަރުކާރުން މުހިންމުކަންދެނީ ހަމައެކަނި ތަޢުލީމަކަށް ނޫން. ތަޢުލީމަކީ ތަރައްޤީގެ ބިންގާ ކަމަށްވާތީ، އެއަށް ވަރަށް މުހިންމު މަޤާމެއް ސަރުކާރުން ދޭންޖެހޭ. އޭގެއިތުރުން، ރައްޔިތުންނަށް ބޭނުންވާ އެހެން ޚިދުމަތްތައްވެސް ސަރުކާރުން މިދަނީ އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކުރެވޭތޯ ބަލަމުން. އޭގެތެރެއިން، އެންމެ މުހިންމު އެއް ޚިދުމަތަކީ ޞިއްޙީ ޚިދުމަތް. މި ރަށުގައި ރަނގަޅު ފެންވަރަކަށް ހެދިފައިވާ ޞިއްޙީ މަރުކަޒެއް ހުރިކަން އަޅުގަނޑު މިއަދު އުފަލާއެކު ފާހަގަކޮށްލަން. އަދި އެ މަރުކަޒުގައި އެކަށީގެންވާ ބޭފުޅުން ޚިދުމަތް ކުރައްވަމުން އެބަ ގެންދަވާ. މިހާރު ސަރުކާރުން ހަމަޖައްސާފައިވަނީ ސަރަޙައްދީ ހަސްފަތާލު ނުހުންނަ އަތޮޅުތަކުގެތެރެއިން، 2000 މީހުން ހަމަވާ ރަށްރަށް ހުންނަ އަތޮޅުތަކަށް، މި އަހަރުގެތެރޭގައި ޑޮކްޓަރަކު ހަމަޖައްސައިދޭ ގޮތަށް. އަޅުގަނޑުހިތުން އެކަން އޮންނާނީ ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައި. މިހާރު އަޅުގަނޑު ވާނީ މިނިސްޓްރީ އޮފް ހެލްތުގައި ދަންނަވާފައި. ސަރަޙައްދީ ހަސްފަތާލުތައް ނުހުންނަ އަތޮޅުތަކުގެ ތެރެއިން 2000 މީހުން ހަމަވާ ރަށްރަށް ހުންނަ ކޮންމެ އަތޮޅަކަށް މި އަހަރުގެ ނިޔަލަށް، ޑޮކްޓަރެއްގެ ޚިދުމަތް ސަރުކާރުގެ ޚަރަދުގައި ލިބޭގޮތް ހައްދަވައިދެއްވުމަށް މިހާރު ވާނީ ހެލްތު މިނިސްޓްރީގައި ދެންނެވިފައި. އެހެންވީމާ، އަޅުގަނޑު ލަފާކުރާގޮތުގައި، އިރާދަކުރެއްވިއްޔާ ވަރަށް އަވަސް މުސްތަޤްބަލެއްގައި މި ރަށުގެ ޞިއްޙީ މަރުކަޒުގައިވެސް ޑޮކްޓަރެއްގެ ޚިދުމަތް ލިބެން ހުންނާނެ.

އާދެ، މީގެއިތުރުން، އިޤްތިޞާދީ ގޮތުން އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތްތައް ތަރައްޤީކުރުމަށްވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރަންޖެހިފައި. އޭގެތެރޭގައި، މަސްވެރިކަން ތަރައްޤީކުރުމަށް ހިންގިފައިވާ އަދި މިހާރުވެސް ހިންގަމުން ގެންދެވޭ މަޝްރޫޢުތައް ހިމެނޭ. ނައިފަރަކީ މަސްވެރި ރަށެއް. ވަރަށްގިނަ ޢަދަދަކަށް މަސްދޯނިފަހަރު ގެންގުޅޭ އަދި މަސްވެރިކަމުން ރަށަށް ތަނަވަސްކަން ހޯދަމުންގެންދާ ރަށެއް. އެހެންވީމާ، ނައިފަރުގެ ރައްޔިތުންނަށް މިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ދެކެން. މި އަތޮޅުގައި ސަރުކާރުން ހިންގާ، ދަޅުގައި މަސް ބަންދުކުރުމުގެ ކާރުޚާނާވެސް ހިނގަމުންދިޔުމާއެކު، މި އަތޮޅަކީ މަސްވެރިކަން ތަރައްޤީކުރުމަށް ވަރަށް ޚާއްޞަ އަތޮޅަކަށްވަނީ ވެފައި.

ހަމައެފަދައިން، ރާއްޖެތެރޭގެ ރަށްރަށުގެ މީހުންނަށް ދިމާވާ ބޮޑެތި ދަތިތައް ޙައްލުކޮށްދިނުމަށްވެސް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކަކާއި ހޭދަތަކެއް މިގެންދަނީ ކުރަމުން. އޭގެތެރެއިން އެއްކަމެއް، ފަޅު ފުންކުރުން. ނައިފަރުގެ ފަޅުވެސް ވަރަށް ބޮޑު މަސައްކަތެއް ކޮށްގެން ސަރުކާރުންވަނީ ފުންކޮށްދީފައި. އަދި ކަރަންޓް އެއީ، ކުރިއެރުމަށް ވަރަށް ބޭނުން ވަސީލަތަކަށްވާތީ، ރާއްޖެތެރެއަށް ކަރަންޓް އާންމުކުރުމަށްވެސް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް މިދަނީ ދެމުން. އާދެ، އޭގެ ނަތީޖާއެއްގެ ގޮތުން މިހާރުވެސް ރާއްޖެތެރޭގެ 9 ރަށެއްގައި ސަރުކާރުގެ ފަރާތުން ކަރަންޓްލައިދީގެން، އޭގެ ޚިދުމަތް ރައްޔިތުންނަށް ލިބެމުން އެބަދޭ. މިހާރު ހަމަޖެހިފައިވާ ގޮތުން، ތިޔަބޭފުޅުންނަށްވެސް އޮންނާނީ އިވިވަޑައިގެންފައިކަންނޭނގެ، ޖަޕާން ސަރުކާރުގެ އެހީގައި ރާއްޖެތެރޭގެ ބައެއް ރަށްރަށަށް ކަރަންޓްލައިދޭގޮތަށް ވަނީ ހަމަޖެހިފައި. އޭގެތެރެއިން އެންމެ ފުރަތަމަ ރަށަކީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށް، ނައިފަރުކަމަށްވާކަން އަޅުގަނޑުހިތުން އެއީ، ތިޔަބޭފުޅުންވެސް ވަރަށް އުފާކުރައްވާނެ ކަމެއް. އާދެ، ބޭރުގެ އެހީގައި އަޅުގަނޑުމެންނަށް މިކަންތައް ކުރެވެން އަންނަނީ ވަރަށްމަދު ރަށަކަށް. އެހެންނަމަވެސް، ދެންހުރި ރަށްރަށުގެ މަތިން ސަރުކާރުން ހަނދާންނައްތައެއްނުލާ. ހަނދާންނައްތައެއްނުވެސްލާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަދި ބޭރުގެ އެހީން ނޫންކަމުގައިވިޔަސް، ސަރުކާރުގެ ތަނަވަސްކަންހުރި މިންވަރަކުން ކަރަންޓުގެ ޚިދުމަތް ރާއްޖެތެރެއަށް ފޯރުވައިދިނުމަކީ، ސަރުކާރުން އަބަދުވެސް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދޭނެ ކަމެއްކަމުގައި އަޅުގަނޑު ދަންނަވާލަން.

އާދެ، މި ކަންތައްތައް ކުރުމަކީ، ރާއްޖެތެރެ ތަރައްޤީކޮށް، ރާއްޖެތެރޭގެ ރައްޔިތުންނަށް ފަސޭހަގޮތްތައް ހޯދައިދިނުމަށްޓަކައި ވަރަށް މުހިންމު ކަންތައްތަކެއް. އެ ކަންތައްތައް އެގޮތުގެމަތިން ކުރިއަށް ގެންދެވޭނީ، ސަރުކާރާއި ރައްޔިތުންނާ ގުޅިގެން، އެއްބާރުލައިގެން މަސައްކަތް ކުރުމުންކަން ތިޔަބޭފުޅުންވެސް ގަބޫލުކުރައްވާނެ. މިހާތަނަށްވެސް ނައިފަރުގެ ވެރިންނާއި، ކޮމިޓީތަކާއި އަދި ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބިފައި ވަނީ ވަރަށް މަތިވެރި އެހީތެރިކަމެއް. އެ އެހީތެރިކަމާއި އެ އެއްބާރުލެއްވުން އެގޮތުގެމަތިން ދެމިއޮންނާނެ ކަމުގައިވަނީނަމަ، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި ތިޔަބޭފުޅުންގެ ދިރިއުޅުއްވުންވެސް މިހާރަށްވުރެ މާބޮޑަށް ތަރައްޤީވެ، ހުރިހާ ކަންތައްތަކެއް ފަހިވެގެންދާނެ.

އާދެ، މިއަދުގެ ޕްރޮގްރާމް ހަމަޖެހިފައިވާ ގޮތުން، މި ފުރްޞަތުގައި މާ ދިގުކޮށް ވާހަކަދެއްކޭކަށް ނެތް. އެހެންކަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑާއެކުގައި މި ދަތުރުގައި މި އަތޮޅުގެ ވަރަށް ޢިއްޒަތްތެރި ދެ ބޭފުޅަކު އާދެ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބު އަލްފާޟިލް ޢަބްދުލްޙަމީދު ޢަބްދުލްޙަކީމާއި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙަންމަދު އިބްރާހީމް ބައިވެރިވެވަޑައިގަންނަވާކަން ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލަން. އެ ދެ ބޭފުޅުންނަކީ އެ ދެ ބޭފުޅުންގެ ދާއިރާގައި ވަރަށް އަވަދިނެތިކޮށް އުޅުއްވާ، ވަރަށް އަގުހުރި ޚިދުމަތްތަކެއް ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ދެ ބޭފުޅުންކަން އަޅުގަނޑު ހަނދާންކޮށް، އެ ދެ ބޭފުޅުންނަށް ޝުކުރާއި ތަޢުރީފު ރައްދުކުރަން.

އާދެ، އަޅުގަނޑު ވަރަށް ކުއްލިގޮތެއްގައިނަމަވެސް، ނައިފަރަށް އައުމުގެ މުނާސަބަތުގައި، ނައިފަރުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވީ ވަރަށްވެސް ހޫނު މަރުޙަބާއެއް. އެކަމަށްޓަކައި ވަރަށްބޮޑަށް އަޅުގަނޑު އުފާކުރަން. އަދި އަޅުގަނޑު މިކުރާ ދަތުރުތަކަށްޓަކައި ރަށްރަށުގެ ރައްޔިތުން އެކިއެކި ބުރަ މަސައްކަތްކޮށް، ރަށުތެރެ ޒީނަތްތެރިކޮށްހެދުމަކީ، އަޅުގަނޑު އެދޭ ކަމެއްކަމުގައި ނުވިޔަސް، މި ރަށުގެ ރައްޔިތުންވެސް ވަރަށް ފުރިހަމަގޮތެއްގައި ރަށުތެރެ ޒީނަތްތެރިކުރައްވައި ހައްދަވާފައިވޭ. އެކަމުން އަޅުގަނޑަށް ލިބޭ އިޙްސާސަކީ، މި ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަން. އެހެންކަމުން، އެކަމަށްޓަކައި މި ރަށުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުގެ މި ޝުކުރުގައި މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިން އަލްފާޟިލް އިބްރާހީމް ރަޝާދާއި، އަދި އަތޮޅުވެރިޔާގެ އިސްއެހީތެރިންނާއި، އަތޮޅުއޮފީހުގެ އެހެން މުވައްޒަފުންނާއި އަދި މި ރަށުގެ ވެރިންނާއި، ސަރުކާރުގެ މުވައްޒަފުންނާއި، ރަށްކުރިއަރުވާ ކޮމިޓީގެ މެންބަރުންނާއި، އަންހެނުން ކޮމިޓީގެ މެންބަރުންނާއި އަދި މަދްރަސަތުލް އިފްތިތާޙާއި، މި ރަށުގައި ހިނގަމުންދާ އަނެއް ދެ މަކްތަބުގެ އިސްވެރިންނާއި، މުދައްރިސުންނާއި، މި މަދަރުސާއާއި، އެ ދެ މަކްތަބުގެ ޠާލިބުންނާއި ޠާލިބާއިންވެސް ޝާމިލްކޮށް، އެ ހުރިހާ ފަރާތްތަކަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށް، އެ ދީނުގެ ހިދާޔަތު ޤަބޫލުކޮށް، އެ ދީނުގައި ދެމިތިބުމުގެ މަތިވެރި ތައުފީޤު ދެއްވުން. އަދި އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީކޮށް، އިތުރު ކުރިއެރުން ޙާޞިލްކުރުމަށްޓަކައި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން، އަދި ސަރުކާރުގެ އާންމު ސިޔާސަތުގެ ދަށުން، އާންމު ރައްޔިތުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް އެއީ، ކާމިޔާބު މަސައްކަތްތަކެއް ކަމުގައި ލެއްވުން. އަދި ދިވެހިރާއްޖެއަށް އަމަންއަމާންކަމާއި، އުފާފާގަތިކަމާއި، ތަރައްޤީ، އެކަލާނގެ މިންވަރު ކުރެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.