ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަން "އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް"ގެ ނަމަށް މިއަދުން ފެށިގެން ބަދަލުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

                   މި ބަދަލު ގެންނެވީ، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ނިޒާމު އެކަށައަޅައިފައިވާ ފަދައިން ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އިދާރާއަކުން ކުރާގޮތަށް ހަމަޖެއްސެވުމުގެ ބޭނުމުގައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

                   ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްއަށް ހަމަޖައްސަވައިފައިވާ ނަންބަރު 453 އެވެ.