بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ހުޅުމާލޭގެ ފޭސް 1 ގައި ދިރިއުޅުއްވާ ލޮބުވެތި އެންމެހައި ރައްޔިތުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ
މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރުމަށް ކޮންމެ އަވަށެއްގައި ބައްދަލުވުމެއް ބޭއްވުމުގެ ސިލްސިލާގެ ތެރެއިން އެންމެފަހު ބައްދަލުވުން މިރޭ މި ސްކޫލްގައި މި ބޭއްވެނީ، ފޭސް 1 ގެ ރައްޔިތުންނާ އެކީގައި.
އާދެ، ތިޔަބޭފުޅުން އެހާ ބުރަކޮށް އުޅުއްވަމުންވެސް، ވަގުތު ހުސްކުރައްވައި، މި ބައްދަލުވުމަށް ވަޑައިގެންނެވި ކަމަށްޓަކައި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، މި ބައްދަލުވުންތަކުގެ މަޤްޞަދަކީ، ރައްޔިތުން ބޭނުންފުޅުވެވަޑައިގަންނަވާ ވާހަކަފުޅުތައް، އެ ބޭފުޅަކު ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަކަށް ވިދާޅުވުމުގެ ފުރުޞަތު އެރުވުން. އަދި އެއްވެސްކަހަލަ މަޢުލޫމާތެއް، ނޫނީވިއްޔާ ލިޔުމެއްވިޔަސް ވަކިން އަޅުގަނޑާ ޙިއްޞާ ކުރައްވަން ބޭނުންފުޅުވާނަމަ، އެ ފުރުޞަތުވެސް އެރުވުން.
އާދެ، މިގޮތުން މި ދެންނެވި ފަދައިން، މިހާތަނަށް އައިއިރުގައި، ވަރަށްގިނަ ރައްޔިތުންގެ ޚިޔާލާއި ޝުޢޫރު، މަޝްވަރާ، ކަންބޮޑުވުން، ޝަކުވާ، މި ހުރިހާ ކަމެއްވެސް ވަނީ ޙިއްޞާ ކުރައްވާފައި. ތިޔަބޭފުޅުން ވިދާޅުވެލައްވަން ބޭނުންވާ ކޮންމެ ކަމަކަށްވެސް، މިރޭ ވަގުތު ތަންދިން އެންމެ ފުޅާމިނަކަށް އިރާދަކުރެއްވިއްޔާ ފުރުޞަތު ލިބިގެންދާނެ.
އާދެ، އަޅުގަނޑު ކުރިންވެސް ދަންނަވާލަމުން މި އަންނަނީ، ކޮންމެ ބޭފުޅަކުވެސް ވިދާޅުވެލައްވާ ވާހަކަފުޅަކީ ހަމަ ވަރަށްވެސް މުހިންމު ވާހަކަފުޅެކޭ. އެ ވާހަކަފުޅަކީ ސަމާލުކަން އެކަމަކަށް ސަރުކާރުން ދޭނެ ވާހަކަފުޅެކޭ. ޤާނޫނާއި ގަވާއިދު ތަންދޭ އެންމެ ފުޅާމިނެއްގައި. އަދި އެކަމެއްގެ ގޮތުން އެންމެ މަޞްލަޙަތު ރަނގަޅު ގޮތަކީ، ހެދިފައިވާ ޤާނޫނާއި ގަވާއިދު ބަދަލުކުރުން ކަމުގައިވަންޏާ، އެކަން ކޮށްގެންވެސް އެކަމަކަށް، އެ ރައްޔިތަކު އެ އެދިވަޑައިގެންނެވި ކަންތައް އެއީ، އެންމެ މަޞްލަޙަތު ހުރި ރަނގަޅު ގޮތަކީ އެކަން ކުރުން ކަމުގައިވާނަމަ، އެކަމަކަށް ފުރިހަމަގޮތުގައި އިޖާބަދިނުމުގެ ވިސްނުމުގައޭ އަޅުގަނޑު މަސައްކަތް މި ކުރަނީ.
އާދެ، މިއަދާ ހަމަޔަށް އައިއިރުގައި، މިގޮތުން ވަރަށްގިނަ ރައްޔިތުން ވަރަށްގިނަ ކަންކަން ފާހަގަކުރައްވާފައިވޭ.
އާދެ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ ވާހަކަފުޅުތަކަށް ފުރުޞަތު ދިނުމުގެ ކުރިން، އަޅުގަނޑު ހިތަށްއެރީ މިއީ ފަހު ބައްދަލުވުން ކަމުގައިވާތީ، އަޅުގަނޑު ބައެއް ކަންކަން، ފުރަތަމަ ދަންނަވާލަން. އެއަށްފަހުގައި ތިޔަބޭފުޅުންނަށް އަޅުގަނޑު ހުޅުވާލާނަން. ތިޔަބޭފުޅުން ވިދާޅުވާން ބޭނުންވާ ކަންކަން ވިދާޅުވުމަށްފަހު، ހަމަ އަޅުގަނޑު ބަލާނަން، ސަމަރައިޒްކޮށް ޚުލާޞާ ގޮތެއްގައި، ތިޔަބޭފުޅުން ވިދާޅުވެލެއްވި ކަންކަމަށްވެސް ކޮންމެވެސް ގޮތަކަށް ޖަވާބެއް އެރުވޭތޯ.
އާދެ، މިއަދާ ހަމަޔަށްއައިއިރު، އަޅުގަނޑަށް ލިބިފައިވާ ސިޓީތަކަށް، އެކިކަހަލަ ރިކްއެސްޓްތަކަށް، ވަރަށްގިނަ ކަންކަމަށް، ވަރަށްގިނަ ޙައްލުތައް ގެނައުމަށް މަސައްކަތްތައްވެސް ފެށިފައިވޭ. ވަރަށްގިނަ ބޭފުޅުންނަށް މިހާރުވާނީ އިޝާރާތްވެފައި، ޚަބަރުވެފައި. އެކި ކަންކަން އެކި މަރުޙަލާތަކުގައި ކުރިއަށް އެބަދޭ. އެއީ، ޕަރސަނަލް ލެވެލްގެ ކަންކަން ކަމުގައިވިޔަސް، އަދި ޖުމްލަކޮށް ހަމަ މުޅި މާލެއާ ގުޅިފައިވާ ކަންކަން، ނޫނީވިއްޔާ ހުޅުމާލެ ކަމަށްވަންޏާ، ހުޅުމާލެއާ ގުޅިފައިވާ ކަންކަން ކަމުގައިވިޔަސް، އެގޮތަށް އެބަ ހިނގާ.
އާދެ، މިގޮތުން ބައެއް ކަންކަން އަޅުގަނޑު ފާހަގަކޮށްލާނަން. ތިޔަބޭފުޅުން ވިދާޅުވެލައްވާފައި، މި ދެންނެވީ ޖުމްލަކޮށް މާލޭގެ ރައްޔިތުން، މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުން ވިދާޅުވެލައްވާފައި ހުރި ކަންކަމަށް ބަލާއިރު، މިހާތަނަށް ސަރުކާރުން ކުރަމުން އައިސްފައި ހުރި ކަންކަމުގެ ތެރެއިންވެސް ބައެއް ކަންކަން ރަނގަޅުކޮށްލުމަށާއި، އިތުރު ގިޔަރަކަށްލުމަށް ފޯކަސް ދިނުމަށް ކުރެވިފައި ހުރި ކަންކަންވެސް އެބަހުރި، ތިޔަބޭފުޅުންގެ މަޝްވަރާއާ އެކީގައި.
އެއްކަމަކަށް އަޅުގަނޑު ފާހަގަކޮށްލާނަން، އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ނޭދެވޭގޮތެއްގައި ހިނގާ ކަމެއް، ސެލޫންތަކުގެ ނަމުގައި މަސާޖް ޕާލާތައް، ޤާނޫނާއި ގަވާއިދާ ޚިލާފަށް، ދީނީ ހަމަތަކަށް އެއްގޮތަކަށްވެސް ނުފެތޭގޮތަށް ހިނގަމުންދާ ތަންތަނުގެ ވާހަކަ. މިއީ ހުރިހާ ސަރުކާރަކުންވެސް އަބަދުވެސް ވަރަށް ސީރިއަސްކޮށް ނަގާކަމަށް ބުނެފައި ހުރި ކަންކަން. އެ ތަންތަނަށް ގޮސް، އެ ތަންތަން ބަންދުކުރާ ވާހަކަ އަޑުއިވޭ ތަންތަން. ދުވަހަކުވެސް މަދެއްނުވޭ. ވަންޏާ ވަނީ ގިނަ. މި ވާހަކަ ވަރަށް ގިނަ ރައްޔިތުން ފާހަގަކުރެއްވި.
އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން. މިގޮތުން، މި މަޝްވަރާ ބައްދަލުވުންތައް ފެށުނު ފަހުން ލިބުނު ޝަކުވާތައް، ނޫނީވިއްޔާ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރުމުގެ ގޮތުން، އަޅުގަނޑުމެން އާ ފޯކަސްއެއް، ނޫނީ އިތުރު ހިތްވަރެއް، އިތުރު ރިސޯސްތައް ލައިގެން، ކަމާގުޅޭ ތިން އިދާރާ އެކުގައި، އިކޮނޮމިކް މިނިސްޓްރީ، އިމިގްރޭޝަން، ފުލުހުން ގުޅިގެން ޓާސްކްފޯހަކުން މި މަސައްކަތް ވަރަށްބާރު ސްޕީޑްގައި ގެންދަން ފެށިން، 9 ޑިސެންބަރުގައި. 9 ޑިސެންބަރުން 21 ޑިސެންބަރަށް، މިއަދަށް މިވީ ދުވަސްކޮޅުގެ ތެރޭގައި، 83 މަސާޖް ޕާލާ ބަންދުކުރެވިއްޖެ. 83 ތަން ބަންދުކުރެވިއްޖެ.
އާދެ، އަޅުގަނޑު ކުޑަކޮށް ދިރާސާ ހަދާލިއިރުގައި، ރާއްޖޭގެ ތާރީޚުގައިވެސް ދުވަހަކުވެސް ނެތް، މިއާ ގާތްކުރަން ކީއްކުރަންތޯ، މީގެ ބައިކުޅަބައެއްވެސް ބަންދުކޮށްފައި. ބައިކުޅަބައެއްވެސް ނެތް. އަބަދުވެސް އެ ތަނަކަށް ގޮސް، އިންޒާރެއް ދީފާނެ. ނޫނީވިއްޔާ ކޮންމެވެސްކަހަލަ ފިޔަވަޅެއް އަޅާފާނެ. "ބަންދު ބޯޑު" ޖަހާފައި، ބަންދުކޮށްފައެއް ނެތް. އަދި ބައެއް މީހުން އެބަ ހައްޔަރުވެސް ކުރަން. ބިދޭސީން ކަމުގައިވަންޏާ ހައްޔަރުކޮށް، އެ އޮންނަ އުޞޫލަކުން ޑީޕޯޓް ކުރުމުގެ މަރުޙަލާގައިވެސް އެބަތިބި ބައެއް މީހުން މިހާރުވެސް. އަޅުގަނޑު ބޭނުންވަނީ، ތިޔަ ލޮބުވެތި ރައްޔިތުން ބޭނުންވާހެން، މި މުޖުތަމަޢަކީ ސާފު މުޖުތަމަޢަކަށް ހަދަން ހުރިހާ މާނައެއްގައިވެސް. އެހެންވީމާ، ތިޔަ ދެއްވާ ޚިޔާލުފުޅާއި މަޝްވަރާއަށް އަޅުގަނޑުމެން ޢަމަލީ ސިފަ އެބަ ގެންނަން.
ދެވަނަ ކަމަކަށް، ވަރަށްގިނަ ރައްޔިތުން ފާހަގަކުރައްވާފައިވޭ. އަޅުގަނޑަށް ހަމަ ޔަޤީން، ތިޔަބޭފުޅުންވެސް ފާހަގަކުރައްވާނެ އެއްކަމަކަށް ވާނެ، ނުގަވާއިދުން ބިދޭސީން މިކުރާ މަސައްކަތްތައް. މި ހުޅުމާލޭގައި ވަރަށް ގިނައިން ހިނގާ ކަމެއް މިއީ، ވިޔަފާރިތައް. މިކަމަކީވެސް އަބަދުވެސް ސަރުކާރުތަކުން، ތިމަންނަމެން ވަރަށް ސީރިއަސްކަމެއް ދެމޭ ކިޔާ ކަމެއް. އެހެންނަމަވެސް، ޢަމަލީ ސިފަ ނާންނަ ކަމެއް. މިއީ ޤާނޫނުގައިވެސް ލިޔެވިފައި އޮންނަ ކަމެއް. އަޅުގަނޑުމެން މިކަމަށްވެސް ވަރަށް ސީރިއަސްކަމާ އެކީގައި އެޓެންޑްވާން ފެށީ، މި މަޝްވަރާ ބައްދަލުވުންތަކުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް، ޚިޔާލު ފާޅުކުރައްވަން ފެށުމާއެކީ. ކުރީގައިވެސް ކުރަން. މި ސަރުކާރުން މިދިޔަ ދެ އަހަރެއްހާ ދުވަސްތެރޭގައިވެސް، އޮންނަ އުޞޫލަކުން ކޮންމެވެސް މިންވަރެއްގައި ކުރަމުން އައި ކަމެއް. އެހެންނަމަވެސް، މިދިޔަ ތިން ހަފްތާތެރޭގައި އެކަނި 56 ވިޔަފާރިއެއް، ބިދޭސީން ނުގަވާއިދުން ކުރަމުންދިޔަ 56 ވިޔަފާރިއެއް ބަންދުކޮށްފިން. 56 ތަން، ތިން ހަފްތާތެރޭގައި. ތިން ހަފްތާ ނުވެއޭ އަދި އިނގޭތޯ. ތިންވަނަ ހަފްތާ މި ހިނގަނީ. ތިންވަނަ ހަފްތާތެރޭގައި ބަންދުކޮށްފައި މިއޮތީ.
އާދެ، އެހެންވީމާ، މިއީ ވަރަށްބޮޑު ދެ މައްސަލައަކަށް ޙައްލު ގެނައުމަށް ކުރެވުނު ކަންކަން. ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ، ނޫނީ ކަންބޮޑުވުންތަކާ ގުޅިގެން.
އަދި އޭގެއިތުރަށްވެސް، ވަރަށްގިނަ ކަންކަން އެބަ ކުރެވޭ. އަޅުގަނޑުމެން މިގެންދަނީ ހުރިހާ ކަމަކަށްވެސް ރައްޔިތުންގެ ވިސްނުންފުޅާ އެއްގޮތަށް، ރައްޔިތުންގެ ވިންދާއި އިޙްސާސާ އެއްގޮތަށް ކަންކަން ރަނގަޅުކުރުމަށް، މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ފިޔަވަޅުތައް އަޅަމުން.
އަޅުގަނޑު ހުރިހާ ކަމެއް މިރޭ މިތާނގައި ލިސްޓު ކިޔާކަށްނެތިން. އެކަމަކު މިހެންހުރި ކޮންމެ ކަމަކަށްވެސް އެބަ އެޓެންޑްވަން. ނޫނީވިއްޔާ އީޖާބީ ގޮތެއްގައި، ވަރަށް ޕޮޒިޓިވް ގޮތެއްގައި އެކަމެއް ރަނގަޅުކުރުމަށް، ރައްޔިތުންގެ އެކްސްޕެކްޓޭޝަނާ އެއްވަރަށް، ސަރުކާރަކުން ކަން ކުރަންޖެހޭގޮތަށް ކުރުމުގެ މަސައްކަތް އެބަ ކުރަން.
އާދެ، ސަރުކާރުގެ ޚަރަދުތައް ބޮޑުވާތީ، އެކިކަހަލަ ކަންކަން ރަނގަޅުކުރުމަށް އަޅުގަނޑުމެން އިކޮނޮމިކް އެޖެންޑާގެ ތެރެއިންވެސް ވަރަށްގިނަ ކަންކަން ކުރަން. މި އަންނަ އަހަރުގެ ބަޖެޓުގައިވެސް އެކަހަލަ މެޝަރޒްތައް ހުންނާނެ.
ދެން ރައްޔިތުންގެ ތެރެއިން ހަމަ އަންނަ އެއް ކަންބޮޑުވުމެއް. އަޅުގަނޑުމެން ޚާއްޞަކޮށް، މި ސަރުކާރުގައި އެކިކަހަލަ މުހިންމު މަގާމުތަކަށް އަޅުގަނޑު ހުންނާނެ ރިޓަޔަރޑް ބޭފުޅުން ޢައްޔަންކޮށްފައި. އެ ބޭފުޅުންނަކީ އަޚްލާޤީ ގޮތުން ރަނގަޅު، އިންޓެގްރިޓީ ހުރި، ހިންގުންތެރި، ޤާބިލް ބޭފުޅުން ކަމުގައިވާތީ، ސަރުކާރަކީ ޤާބިލް، ހިންގުންތެރި، ފަސްބައި ސާފު، ނަޒާހަތްތެރި ސަރުކާރަކަށް ހެދުމަށްޓަކައި، އެފަދަ ބޭފުޅުން ތަންތަނަށް އަޅުގަނޑު ޢައްޔަން ކުރަމުން މި އަންނަނީ. އެގޮތުން، އެފަދަ ބޭފުޅުން ޢައްޔަންކޮށްގެން އެބަ ހިންގަން. އަދި އެހެނިހެން ފުރުޞަތުތައްވެސް އެބަދެން. އެހެންނަމަވެސް، ރިޓަޔަރޑް ބޭފުޅުންނަށް ރިޓަޔަރޑް، އެ ލިބޭ އެލަވަންސެއް ލިބެމުންދާތީ، އަނެއްކާ މަގާމަކަށް އައިމަ ލިބޭ މުސާރަ ލިބުނީމަ ޚަރަދު ބޮޑޭ ވަނީ. މިއީ ރަނގަޅު ވާހަކަފުޅެއް. އެހެންވީމާ، މިކަމަށް ޙައްލެއް ގެނައުމަށް، ކަމާބެހޭ ހުރިހާ އިދާރާއަކަށް އަޅުގަނޑު މިހާރު އަންގާފައިވާނެ. މިހާރު ބައެއް ފަރާތްތަކުން، ފުލުހުން، ސިފައިން އަދި ސިވިލް ސަރވިސް ކޮމިޝަނުން އެ ބޭފުޅުންގެ ގަވާއިދުތައް އެ ބަދަލުކުރައްވަނީ. ކުރައްވައި ގެޒެޓް ކުރައްވަމުން ގެންދަވާނެ. ޢައްޔަންކުރާ މަގާމެއްގައި، ސަރުކާރުން ޢައްޔަންކުރާ އެއްވެސް މަގާމަކަށް ރިޓަޔަރޑް ބޭފުޅަކު ޢައްޔަންކޮށްފިނަމަ، ނޫނީވިއްޔާ އިންތިޚާބީ މަގާމަކަށް ރިޓަޔަރޑް ބޭފުޅަކު އިންތިޚާބު ވެއްޖެނަމަ، އެ މަގާމުގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި، އެ ރިޓަޔަރމަންޓަށް ލިބޭ އެލަވަންސް މެދުކެނޑޭގޮތަށް. އެހެންވީމާ، ޑަބަލްކޮށް ނުލިބޭގޮތަށް. އެކަން އިރާދަކުރެއްވިއްޔާ ހަމަޖެހޭނެ. މިއީވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް. އަދި އަޅުގަނޑުވެސް ހަމަ ވަރަށް ގަބޫލުކުރާ ހަމައެއް. އެހެންވީމާ، ޑަބަލްކޮށެއް ނުލިބޭނެ. އިލެކްޓަޑް މަގާމަކަށް، ނޫނީވިއްޔާ އެޕޮއިންޓަޑް މަގާމަކަށް އައިސްފިނަމަ، އެއީ މިނިސްޓްރީއަކަށްވިޔަސް، ކުންފުންޏަކަށްވިޔަސް އަދި ދައުލަތުގެ އެހެން މުއައްސަސާއަކަށް ކަމުގައިވިޔަސް، އެ މުއްދަތުގެ ތެރޭގައި މެދުކެނޑޭނެ. އެހެންވީމާ، އެކަންވެސް މި ކުރަނީ ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް.
ވަރަށްގިނަ ރައްޔިތުން ފާޅުކުރައްވާފައިވާ ކަމެއް. އަދި އަޅުގަނޑު މެނިފެސްޓޯގައި، ނޫނީ ވަޢުދެއްގެ ތެރޭގައިވެސް ހިމަނާފައި އޮތް ކަމެއް. 65 އަހަރުން މައްޗަށްދާއިރުގައިވެސް، ބައެއް ބޭފުޅުން ޞިއްޙީގޮތުން ރަނގަޅުވުމާއެކީގައި އަދި އިޖުތިމާޢީ ގޮތުންވެސް ގޭގައި ވަކިން ހުންނެވުމަށްވުރެ، މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވާތީ، އަޅުގަނޑު ވަޢުދުވި ކަމެއް، 75 އަހަރާ ހަމަޔަށް މަސައްކަތް ކުރެވޭނެގޮތް ހަދައިދިނުން. އެހެންވީމާ، މިހާރު ވާނެ މަޖިލީހަށް ފޮނުވާފައި ބިލެއް. އެ ބިލަށް ކިޔަނީ ރީއެމްޕްލޯއިމަންޓް ބިލް. މިހާރު މަޖިލީހުގައި ވާނެ. މަޖިލިސް މެންބަރުންނަށް އެނގިވަޑައިގަންނަވާނެ. ރީއެމްޕްލޯއިމަންޓް ބިލަކީ، 65 ން 75އާ ހަމަޔަށް އެ ބޭފުޅަކު މަސައްކަތް ކުރައްވަން ބޭނުންވާނަމަ، ޤާނޫނީ ހަމަތަކުގެ މަތިން މަސައްކަތްކުރުމުގެ ފުރުޞަތު ދިނުމަށްޓަކައި ހުށަހެޅި ބިލެއް. މަޖިލީހުން އެ ބިލު ފާސްކޮށްދެއްވީމާ، އެއަށް ޢަމަލުކުރަން ފެށުމާ އެކީގައި، އިރާދަކުރެއްވިއްޔާ މި ބިލު ފާސްވުމުގެ ކުރީގެ 7 އަހަރުން ފެށިގެން، އަޅުގަނޑު ހަނދާންވަނީ 7 އަހަރޭ އޭގައި އޮންނަނީ އަޅުގަނޑު ހިމަނާފައި. މިސާލަކަށް، މި އަހަރު ފާސްކުރީ. ކޮށްފިއްޔާ، މިވޭތުވެދިޔަ 7 އަހަރު ފެށުނު ހިސާބުން ފެށިގެން، ލާސްޓް ސެވަން އިޔަރސްތެރޭގައި ރިޓަޔަރކުރި، ނޫނީ 65 އަހަރުވި މީހުންވެސް ހިމެނޭހެން، 75 އަހަރު ވަންދެކަށް، އެ މީހަކަށް ވަޒީފާގައި ދެމިހުރުމުގެ ފުރުޞަތު ލިބޭނެގޮތް އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ. އެކަން އިރާދަކުރެއްވިއްޔާ ވާނެ.
މިއީވެސް ހަމަ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަން އިނގޭތޯ. ދެން ހަމަ މިކަހަލަ އެތައް ކަމެއް އެބަހުރި. އަޅުގަނޑު މާގިނަ ވަގުތު ހޭދަކޮށްފިއްޔާ ތިޔަބޭފުޅުންނަށް ފުރުޞަތު ލިބޭލެއްވެސް ކުޑަވާނެ. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއެރީ، އަޅުގަނޑު ވާނޭ މި ކުރެވުނު މަސައްކަތް، ނޫނީ މި ކުރެވެމުންދާ މަސައްކަތުގެ ރިޕޯޓް ބެކްވެސް ކުރަން. ތިޔަބޭފުޅުން ހުރިހާ ވަގުތެއް ހުސްކުރައްވައި، މިތަނަށް ވަޑައިގެން ޚިޔާލާއި މަޝްވަރާ ދެއްވާއިރު، ސަރުކާރުން ކީއްހޭ މި ކުރަނީ؟ އެ ސުވާލަށް ޖަވާބުދޭން ކަމަށް މި މަސައްކަތް ކުރަނީ.
އާދެ، ހަމައެއާއެކީގައި، ބައެއް އަވަށު ބައްދަލުވުންތަކުގައި އައި ވާހަކަފުޅެއް. ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހެދުންއެޅުމުގެ މިންގަނޑުތައް މިހާރު އަޚްލާޤީ މިންގަނޑު، ނޫނީވިއްޔާ ސޯޝަލީ އެކްސެޕްޓަޑް މިންގަނޑަށްވުރެ ވަރަށް ދަށްވެއްޖެއޭ. ކުރީގައި ސިވިލް ސަރވިސްގެ ގަވާއިދުގައި އޮތީ ވަރަށް ރަނގަޅު މިންގަނޑެއް. އެގޮތަށް އޮއްވައި، ކޮންމެވެސް ސަބަބަކާހުރެ މިކަން ބަދަލުވެފައި މިހާރު މިއޮތީ. އަޅުގަނޑު މިހާރު އަންގައިފިން، ސިވިލް ސަރވިސް ކޮމިޝަނަށް. އަޅުގަނޑަށް ލިބިގެންވާ ޤާނޫނީ ހަމަތަކުގެ މަތިން، ލިބިގެން އޮންނަ އިޚްތިޔާރަކާއި ބާރެއްގެ ތެރެއިން ދަންނަވައިފިން. އަންގައިފީމެއް ނޫން، ދަންނަވައިފިން ސިވިލް ސަރވިސްގައި. ކުރީގައި އޮތްގޮތަށް އިޢާދަކޮށްދޭށޭ. ކުރީގައި އޮތްގޮތަށް ގަވާއިދު ބަދަލުކޮށްފައި، ގެޒެޓް ކުރައްވައިގެން ޢަމަލުކުރައްވަން ފަށްޓަވާށޭ. ސިވިލް ސަރވިސްގެ މުވައްޒަފުން، ސަރުކާރުގެ ރަސްމީ ގަޑީގައި މަސައްކަތް ކުރަންޖެހޭނީ، ކުރީގައި އޮތް ގަވާއިދުގެ މިންގަނޑަކަށް ކަމަށް. އެ ގަވާއިދު ރަނގަޅޭ މިހާރަށްވުރެ. އެހެންވީމާ، އެ މިންގަނޑަށް ބަދަލުކުރަން ދަންނަވައިފިން. އަޅުގަނޑު އުންމީދު ކުރަން، ސިވިލް ސަރވިސް ކޮމިޝަނުން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އެކަން ކޮށްދޭނެ ކަމަށް. އެހެންވީމާ، އެކަންވެސް ދަންނަވާލަން ބޭނުންވީ.
ސްކޫލްތަކުގައި ކުދިން ފޯނު ބޭނުންކުރާ ވާހަކަ. ގްރޭޑް 10ގެ ކުދިންނަށް، ގްރޭޑް 10ން ފެށިގެން ދަށަށް އެއީކީ ކުރެވޭނެ ކަމެއްނޫން. އެހެންނަމަވެސް، އިމްޕްލިމެންޓެއް ނުކުރޭ. މިހާރު އެކަން ބޮޑުވަމުން ބޮޑުވަމުން ބޮޑުވަމުން ދަނީ. ދެން ދިރާސީ އާ އަހަރު ފެށޭނެ ވަރަށް އަވަހަށް. މިހާރު މި ނިމެނީ. ދިރާސީ އާ އަހަރު ފެށިގެންދާއިރުގައި، ގްރޭޑް 10ން ދަށުގެ އެއްވެސް ކުއްޖަކަށް ސްކޫލަކަށް ފޯނެއް ނުގެންދެވޭނެ. ވަރަށް ސްޓްރިކްޓްލީ އިމްޕްލިމެންޓް ކުރާނެ އެކަންތައް. ސްކޫލްގެ ރަސްމީ ގަޑީގައި، ގްރޭޑް 10ން ދަށުގެ ކުދިންނަކަށް ފޯނެއް ބޭނުމެއްނުކުރެވޭނެ. ގްރޭޑް 11 އާއި 12ގެ ކުދިންނަށް ފޯނު ގެންދެވޭނެ. އެޑިޔުކޭޝަން މިނިސްޓްރީން ހޯއްދަވާ އެބަ ލޮކަރ ސިސްޓަމެއް. ސްކޫލްގެ ކްލާސްތަކުގައި ބަހައްޓަވާނެ އެ ލޮކަރ ސިސްޓަމް. ބެހެއްޓީމަ ކްލާސް ގަޑީގައި އެއްވެސް ކުއްޖަކަށް ފޯނެއް ބޭނުމެއްނުކުރެވޭނެ. އެ ލޮކަރަށްލައި ބަންދުކޮށްފައި، ކްލާސް ގަޑީގައި، ކިޔަވައިދެމުންދާ ގަޑީގައި ފޯނު ބޭނުންނުކޮށް، ކްލާސް ނިމުނީމަ އަތަށް ފޯނު ލިބޭގޮތަށް ބަދަލުކުރާނެ، ދިރާސީ އާ އަހަރު ފެށޭ ހިސާބުން ފެށިގެން. އެއީ، ގްރޭޑް 11، 12. އެ ކުދިންނަށް ފޯނު ބޭނުންކުރެވެންޖެހޭނެ. ހަމަ ކްލާސް ނިމިގެން، އިންޓަރވަލް ޕީރިއަޑްވެސް އަންނާނެ. ފްރީ ޕީރިއަޑްތައްވެސް އަންނާނެ. އެހެންވީމާ، އެ ކުދިންގެ އުމުރާ ގުޅޭގޮތުން ބަލާއިރުގައި، އެގޮތަށް ލިބެންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންނަމަވެސް، ކިޔަވައިދޭ ގަޑީގައި އަތުގައި ފޯނުއޮތުން ގަބޫލެއްނުކުރެވޭ. ވަރަށްގިނަ ޕޭރަންޓުން އެކަން ވިދާޅުވެފައި ވަނީ. އެހެންވީމާ، އެއަށްވެސް އަޅުގަނޑުމެން އެޓެންޑްވަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ދެން އާ އަހަރު ފެށޭއިރުގައި، ގްރޭޑް 11 އާއި 12ގެ ކުދިންގެ ކިޔަވައިދޭ ގަޑީގައި ފޯނު އޮންނާނީ ލޮކަރުގައި. ހަމަ ނިމުނީމަ ލިބޭނެ. އެކަމަކު ގްރޭޑް 10ން ދަށުގެ ކުދިންނަށް އެކީގައި މަނާވާނެ. އެހެންވީމާ، އެއީވެސް ހަމަ ރައްޔިތުންގެ ޚިޔާލު، ނޫނީ ކަންބޮޑުވުމުގެ ތެރެއިން އަންނަ ކަމެއް. އާދެ، އަޅުގަނޑު މިކަންކަން މި ދަންނަވާލީ.
ދެން ހަމަ ސްޕެސިފިކްކޮށް ހުރި ބައެއް ކަންކަން، ހުޅުމާލެއާ ގުޅޭ ކަންކަން، ފޭސް 2ގެ ބައްދަލުވުމުގައި އައި ކަންކަން. އިރާދަކުރެއްވިއްޔާ އެއަށް އަޅުގަނޑު އެބަ އެޑްރެސް ކުރަން. އެރޭ އަޅުގަނޑު ވާނީ އެކަންކަން ދަންނަވާލާފައި. ޖުމްލަކޮށް އަޅުގަނޑު ހަމަ ދަންނަވާލާނީ، ހިޔާ ފްލެޓް، ވިނަރެސް ފްލެޓް، މި ދެތަނުގައި ޚާއްޞަކޮށް އެ ބޭފުޅުން ވިދާޅުވެލެއްވި ކަންކަމަށް، ވީ އެންމެ ރަނގަޅަކަށް، ރަނގަޅު ޙައްލުތައް ގެންނަން މަސައްކަތް ކުރަމޭ. އަޅުގަނޑު އެރޭވެސް ބައެއް ކަންކަން ދަންނަވާލިން. ކުރިއަށް އޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުގެ ވުޒާރާ، ހައުސިންގ މިނިސްޓްރީއާއި، އެޗް.ޑީ.ސީ.އިން ދާނީ ބައެއް ކަންކަން އިޢުލާނުކުރަމުން. މި ފޭސް 1 ގައިވެސް އެބަހުރި ކަންތައްތައް. ތިޔަބޭފުޅުން މިރޭ ހަމަ ޔަޤީނުންވެސް އެކަންކަން ޙިއްޞާ ކުރައްވާނެ.
އަޅުގަނޑު އެއްކަމެއް ދަންނަވާލާފައި، މައިކް ބާއްވާލާނަން. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ކަމަކީ، ފޭސް 1 ގައި، މި ފޭސްގައި ޚާއްޞަ ކަމެއް ގޯތިތައް. ފޭސް 2 ގައިވެސް ގޯތި އެބަހުރި ދޫކޮށްފައި. އެހެންނަމަވެސް، ފޭސް 1 ގައި ގޯތިތައް، ޢާންމުކޮށް ކުރީގައި ސޯޝަލް ކެޓަގަރީގައި ހަމަ ގުރުއަތުލައިގެން، ނޫނީ ޕޮއިންޓް ލިބިގެން، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކޮށްފައި ހުންނާނީ. ފައިސާ ދައްކައިގެން އަމިއްލަކުރާގޮތަށް، މިލްކުވާގޮތަށް. މި ގޯތިތަކަށް މާލީގޮތުންނެއް އެއްވެސްކަހަލަ ލުޔެއް ލިބިފައެއް ނެތް. ސަރުކާރުތަކުން ދީފައެއް ނެތް.
އެހެންވީމާ، ސަރުކާރުން ގަސްދުކުރަނީ، ގޯތިތައް، މި ކިޔަނީކީއެއް ބިޑްކޮށް، ބީލަމުގެ އުޞޫލުން ގަނެފައި ހުރި ގޯތީގެ ވާހަކައެއް ނޫން. ގުރުއަތުލައިގެން، ނޫނީ ޕޮއިންޓް ސްކީމުން ގޯތި ލިބިފައި ހުރި ފަރާތްތަކަށް، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ލިބިފައި ހުރި ފަރާތްތަކުގެ އެގްރީމަންޓްގައި އޮންނަ އަގުގެ، ޖުމްލަ އަގުގެ 10 އިންސައްތައިގެ ޑިސްކައުންޓެއް އިރާދަކުރެއްވިއްޔާ ސަރުކާރުން ދޭން. އެހެންވީމާ، ބާކީ ދައްކަވަން އޮތް އަދަދުން އެބައި ކެނޑިގެންދާނެ. މިހާރު ވަރަށްގިނަ ފަރާތްތަކުން އަގު ދައްކަމުން ދައްކަމުން ގޮސް އެކީގައި ޚަލާޞްވާ ހިސާބަށް ގޮސްފައި އޮންނާނީ. އެހެންވީމާ، މުޅިއަގު، އެގްރީމަންޓްގައި އޮތް އަގުގެ ތެރެއިން 10 އިންސައްތަ އުނިކޮށްލައިދޭނަން. އުނިވެގެންދާނެ އިރާދަކުރެއްވިއްޔާ.
ދެވަނަ ކަމަކަށް، ފޭސް 1 އަށް އަދި ފޭސް 2 އަށްވެސް ކޮމަން ކަމެއް. ގޯތީގައި އިމާރާތްކުރެވޭ އުސްމިން. އާދެ، އިމާރާތްކުރެވޭ އުސްމިނަކީ، ތަނުގެ ޕްލޭނާވެސް ގުޅިފައި އޮތް ކަމެއް. އިންފްރާސްޓްރަކްޗަރއާވެސް ގުޅިފައި އޮތް ކަމެއް. ފެނާއި ނަރުދަމާއާވެސް ގުޅިފައި އޮތް ކަމެއް. ތަނެއް އާބާދުވެގެންދާއިރުގައި، އެ ތަނެއްގެ ލޭންޑް ޔޫސްއަށް ގެންނަ ބަދަލަކުން، ސަރުކާރުގެ ސިޔާސަތަކަށް އަންނަ ބަދަލަކުން ސަރުކާރުން ޖެހޭނެ، އެ އިންފްރާސްޓްރަކްޗަރވެސް ބަދަލުކުރަން، އެ ސިޔާސަތާ އެއްގޮތަށް. އެހެންވީމާ، މި ހުރިހާ ކަމެއްވެސް ހިމެނޭގޮތަށް، ސަރުކާރުން ކުރަންޖެހޭ އިންވެސްޓްމަންޓްވެސް ހިމެނޭގޮތަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ދެ ފިޔަވަހީގައިވެސް ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކުރެވޭ އުސްމިން، އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް 10 ބުރިއަށް އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަމޭ.
އެހެންނަމަވެސް، އަޅުގަނޑު ތަފްޞީލެއް ދަންނަވާލަން ބޭނުން. ޕާކިންގ މައްސަލަ، ވަރަށްބޮޑު މައްސަލައެއް. އެހެންވީމާ، މީގައި ކޮންޑިޝަން އެބަ ކުރަން. 10 ބުރިއަށް ނަންގަވާ ކަމަށްވަންޏާ، އެންމެ ތިރީ ފްލޯރގައި ޕާކިންގ އެއީ މަޖުބޫރު. ތިރީ ފްލޯރގައި ޕާކިންގ، އެ ގޭގެ މީހުންގެ ޕާކިންގ އެތަނުގައި މަޖުބޫރުވާނެ. އަދި އެއް ފްލޯރ، ނޮން ރެސިޑެންޝަލް ޔޫސްއަށް ބޭނުންކުރަން މަޖުބޫރުކުރާނަން. އެއީ، ކޮމާޝަލްވިޔަސް، ދިރިއުޅުން ނޫން ކޮންމެވެސް ބޭނުމަކަށް، ހަމަ އާމްދަނީ ހޯދޭނެ އެހެން ބޭނުމަކަށް، އެއް ފްލޯރ ކަނޑައަޅަންޖެހޭނީ. މާނަޔަކީ ބާކީ ދެ ފްލޯރ ގޭގައި ދިރިއުޅުމަށް، ނޫނީ އެހެން ފަރާތަކަށްވެސް ކުއްޔަށްދޭން.
އެހެންވީމާ، ހަތަރު ފްލޯރ ލިބޭއިރުގައި، އޭގެތެރެއިން އެއް ފްލޯރ، ގްރައުންޑް ފްލޯރ ކަނޑައަޅަންޖެހޭނީ، އެ ގޭގެ ބޭނުމަށް، ޕާކިންގއަށް. ދެން އިތުރު އެއް ފްލޯރ އާމްދަނީ ހޯދަން، ނޮން ރެސިޑެންޝަލް ޔޫސްއަކަށް ކަނޑައަޅަން. ދެން ބާކީ ދެ ފްލޯރ ރެސިޑެންޝަލް ޔޫސްއަށް ބޭނުންކުރެވިދާނެއޭ. އެހެންވީމާ، 10 ބުރިއަށް ނެގޭގޮތަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލު އިރާދަކުރެއްވިއްޔާ ގެނެސް، ދެ ފިޔަވަހީގެ ރައްޔިތުންނަށްވެސް އިރާދަކުރެއްވިއްޔާ އެ ފުރުޞަތު ލިބިގެންދާނެ. މި ފުރުޞަތު އިރާދަކުރެއްވިއްޔާ އަޅުގަނޑު ހުޅުވާލާނަން.
އާދެ، އަޅުގަނޑު މިހާ ހިސާބުން މެދުކަނޑާލާފައި، ތިޔަބޭފުޅުންނަށް ފުރުޞަތު ހުޅުވާލާނަން.
ބައްދަލުވުން ނިންމަވައިލައްވަމުން ދެއްކެވި ވާހަކަފުޅު:
އާދެ، އަޅުގަނޑު ގަބޫލުކުރަން، ވަރަށްގިނަ ބޭފުޅުން އަދިވެސް ފުރުޞަތު ބޭނުންފުޅުވާކަން. ހަމަ ކޮންމެ ބައްދަލުވުމެއްގައިވެސް ވަގުތުވީ އެންމެ ބޮޑަކަށް އަޅުގަނޑު މިދަނީ ދެމުން. އެހެންނަމަވެސް، ވަރަށްގިނަ ބޭފުޅުން ތިއްބަވާ. ވަރަށްގިނަ ވާހަކަފުޅުތައް ވިދާޅުވެލައްވަން ބޭނުންވާކަން. އެހެން ޙަޤީޤަތުގައި އެވަނީ މީގެކުރިން މިކަހަލަ ބައްދަލުވުންތައް ބޭއްވިފައި ނެތީމަކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، އެ ފުރުޞަތު ބޭނުންވެލައްވާވަރަށް ހަމަ ވީވަރަކުން މިދަނީ ދެމުން.
ދެން އަޅުގަނޑު ގަބޫލުކުރަން، ވަރަށް މުހިންމު ވާހަކަފުޅުތަކެއްކަން ތިޔައިން ކޮންމެ ބޭފުޅަކުވެސް ވިދާޅުވަނީ. މި ބައްދަލުވުމުގައިވެސް ތިޔަ ފާހަގަކުރެއްވި ކޮންމެ ކަމަކީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަމަކަށް ވަރަށް ސީރިއަސްކަމާއެކީ އެޓެންޑްވާނެ ކަންތައްތައް.
ދެން އެހެންނަމަވެސް، އަޅުގަނޑު ބޭނުން، މަޢުލޫމާތުގެ ބައެއް ކުށް، ބައެއް ބޭފުޅުންނަށް ވިދާޅުވެވިފައިވާތީ، އެކަންކަމާ ގުޅޭގޮތުން ބައެއް ކަންކަން ދަންނަވާލަން.
އެއްކަމަކަށް، މި ސަރުކާރުންނެއް އެއްވެސް މީހަކަށް ފްލެޓެއް ދީފައެއް އަދި ނުދީފައެއްވެސް ނުވާނެ، ޕާޓީއަށް ބަލާފައެއް. ޕާޓީގެ ގޮތުން، ނޫނީ އެހެން އެއްވެސް ގޮތަކުން ބަލައި، މީހެއްގެ ފްލެޓް އަތުލާފައެއްވެސް އަދި ދީފައެއްވެސް ނުވާނެ. ހަމަ ވަރަށް ސާފުކޮށް އެކަން އެއޮތީ ފެންނަން. ގަވާއިދުގެ ތެރެއިން، ނޫނީވިއްޔާ އިޢުލާނު ކުރެވިފައިވާ އުޞޫލުގެ ތެރެއިން އޮންނަ ގޮތަކަށް ނޫނީވިއްޔާ، އެއްވެސް ފަރާތަކަށް ފްލެޓެއް ހަމަޖެހިފައެއް ނޯންނާނެ. އެހެންވީމާ، އެކަމާ ގުޅޭގޮތުން އަޅުގަނޑު ވަރަށް ޔަޤީންކަމާއެކީ މި ވާހަކަ މި ދަންނަވާލަނީ.
އާދެ، ސަރުކާރުންދޭ ޔަޤީންކަމަކީ އިރާދަކުރެއްވިއްޔާ، ޤާނޫނާއި ގަވާއިދާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރުން ހަމަ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކީގައި ކަންކަން އަބަދުވެސް ކޮށްދެމުން މި ސަރުކާރުން ގެންދާނެކަން. މިތަނުގައި އެއްވެސް ބޭފުޅަކަށް ފުރުޞަތު ނުދިނުމަކަށް އަދި ދިނުމަކަށްވެސް އަޅުގަނޑު ނޯންނާނެ އިންސްޓްރަކްޝަނެއް ދީފައެއް. އަދި މިތަނުގައި ތިއްބެވި އެއްވެސް މުވައްޒަފަކުވެސް އަދި އެހީތެރިކަން ދެއްވި އެއްވެސް ބޭފުޅަކު، ވަކި ބޭފުޅަކު އެވޮއިޑްކުރާކަށްވެސް އަދި ވަކި ބޭފުޅަކު އިސްކުރާކަށްވެސް ކަމެއްނުކުރޭ. އަޅުގަނޑު މިކަން ކުރަމުން މިދަނީ ވަރަށް މާތް މަޤްޞަދެއްގައި. ހުރިހާ ރައްޔިތުންނަށްވެސް ވީ އެންމެ ގާތަކުން ބައްދަލުކޮށް، ވީ އެންމެ ރަނގަޅަކަށް ރައްޔިތުންނަށް ފުރުޞަތު ދިނުމަށްޓަކައި. އެހެންވީމާ، އެއްވެސް ބޭފުޅަކު އެހެން ވިސްނާވަޑައިނުގަތުމަށް އަޅުގަނޑު އެދެން. ވަކި ބޭފުޅަކަށް ނުދިނުމަކަށް ކޮށްފައި އޮތް އެއްވެސް ކަމެއް ނޯންނާނެކަން. އަދި ވަކިބޭފުޅަކު އިސްކުރަންވެސް ކަމެއް ނުކުރަންކަން. މި ހުރިހާ އަވަށު ބައްދަލުވުންތައް މި ބޭއްވިގެންދިޔައީ ހަމަ
މި އުޞޫލުން. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަން، ރައްޔިތުން މިކަން ގަބޫލުކުރައްވާނެކަން.
އަޅުގަނޑަށް އެނގޭ، މިހާރު ބާރަގަޑިބައިވެގެން މިދަނީ. ހަތަރުގަޑިއިރު ކޮންޓިނުއަސްކޮށް ދިޔައިރުގައިވެސް ހަމަ އެންމެ ބްރޭކެއްވެސް ނުނަގާ އެހެންނޫންތޯ. ކޮންމެ ބޭފުޅަކަށްވެސް ފުރުޞަތު ދެމުން މިދަނީ. އެހެންނަމަވެސް، ހަމަ ވަކި އަދަދަކަށް މި ވަގުތު ދެވެނީ. އަދި މިރޭ ކަމަށްވަންޏާ، މީގެކުރިން ބޭއްވުނު ހުރިހާ ބައްދަލުވުމަކަށްވުރެ އިތުރަށް ބައިގަޑިއިރުގެ ފުރުޞަތު، ރައްޔިތުން ވާހަކަފުޅު ދައްކަވަން ދެވިއްޖެ. ކޮންމެ ރެޔަކު 12 ޖެހުމުގެ ކުރިން އަޅުގަނޑު އެބަ ހުއްޓާލަން. ހުއްޓާލާފައި އަޅުގަނޑު ކޮންމެވެސް އެއްޗެއް ދަންނަވާލަނީ. އެހެންނަމަވެސް، މިރޭ އަޅުގަނޑު ހަމަ އިތުރަށްވެސް ފުރުޞަތު ދިނިން. އެހެންވީމާ، އަޅުގަނޑު އެދެނީ މިކަން ގަބޫލުކުރައްވަން. އެއްގޮތަކަށްވެސް ވަކިބޭފުޅަކަށް، ނޫނީ ވަކި ކަމެއް ވިދާޅުވުމަކަށް ހުރަހެއްނާޅަން.
ދެން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، ޖުމްލަކޮށް ބައެއް ކަންކަމާ ގުޅޭގޮތުން ވާހަކައެއް. އެއީ، މިރޭ މިއީ އެންމެފަހު ބައްދަލުވުމަށް، މި ސިލްސިލާގެ މިފަހަރު ބޭއްވޭ ފަހު ބައްދަލުވުމަށްވާތީ، ބައެއް ކަންކަން ދަންނަވާލާނަން. ދެންމެ ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން. އެއީ، ކޮންމެ ބޭފުޅަކަށް މިތާ ވާހަކަ ދައްކަވަން ފުރުޞަތު ލިބިވަޑައިނުގަތުމާއެކީގައި. ގިނަ ބޭފުޅުންގެ ކޮންސަރންސްއާ ގުޅޭ ކަންކަން ޙިއްޞާކުރެވިފައި، އަދި ތިޔަބޭފުޅުން ވިދާޅުވެފައި އޮތީމަ.
އާދެ، އެއްކަމަކަށް ފްލެޓްތައް، ނޫނީވިއްޔާ ދޫކޮށްފައި އޮންނަ ބޯހިޔާވަހިކަމުގެ ޖޫރިމަނާ މާފުކުރުމާ، މިކަހަލަ ކަންކަން މި ކުރަނީ އެއްވެސްވަރަކަށް ހަމަ ބެލުމެއްނެތި ކަމަށް ވިދާޅުވީމަ، އެއީކީ ޙަޤީޤީ ވާހަކައެއް ނޫން. ސަރުކާރުން ވަރަށް ވިސްނާފައި، ރައްޔިތުންގެ ހާލަތަށް ބަލާފައި، ރައްޔިތުންގެ ކޮންސަރންތައް އަޑުއަހައިގެން، ވަރަށް ރަނގަޅަށް ދިރާސާކޮށްފައި ނޫނީވިއްޔާ އެއްވެސް ކަމެއް ނުނިންމަން. އަދި އިޤްތިޞާދަށް ގެއްލުންވާގޮތަކަށް އަދި އަމުދުން ކަމެއް ނުނިންމަން. ސަރުކާރުން ބޭރުގެ ދަރަނި، އެތެރޭގެ ދަރަނި ދެއްކުމަށް އޮންނަ ޕްލޭނާ އެއްގޮތަށް އެކަން ކުރުމަށް ހުރަސްއެޅޭގޮތަކަށް އަޅުގަނޑުމެންނެއް އެއްވެސްކަހަލަ ލުޔެއް ނުދެން، ނޫނީވިއްޔާ ޖޫރިމަނާ މާފުކުރުމެއް ކަމުގައިވިޔަސް ނުކުރަން. އެހެންވީމާ، އެކަންކަން މި ކުރަނީ އެފޯޑް ކުރެވޭގޮތަށް، ރައްޔިތުންނަށްވެސް އޭގައި ބުރައެއް ޕާސްނުވާގޮތަށް. ހަމަ އެ އޮންނަ މިންގަނޑުތަކުގެ ތެރެއިން ކުރެވޭގޮތަށްކަން ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން. އެކަހަލަ ކަންބޮޑުވުމެއް ނުބޭއްވެވުން އަޅުގަނޑު އެދެން.
އާދެ، ކޮންމެ ކޭސްއެއްގައިވެސް މި ނިންމާ ނިންމުމުގައި، އޭގެ ޑީޓެއިލްސްއަށް ދާއިރު އެނގިވަޑައިގަންނަވާނެ، އެއީ އަޅުގަނޑުމެންނަށް މި ދެންނެވި ގޮތަށް ނިންމޭކަހަލަ ކަންތައްތައްކަން. މިސާލަކަށް، ހިލޭ އެހީގައި އަޅާފައި ހުރި ފްލެޓެއްތޯ، ނޫނީވިއްޔާ އެ ފްލެޓުގެ ލޯނުގެ ޓަރމްސްތައް އޮތީ ކިހިނެއްތޯ. މި ހުރިހާ ކަމަކަށް ބަލާފައި، މި ޖޫރިމަނާ މާފުކުރި ކަމުގައިވިޔަސް، ލުޔެއް ދިންކަމުގައިވިޔަސް، އަޅުގަނޑުމެން މިކަންކަން މި ކުރަނީ. އަދި ރާއްޖޭގެ އެހެން ރަށްރަށުގައި އަޅާފައި ހުރި ބޯހިޔާވަހިކަންވެސް ވާނީ އަޅުގަނޑު ވަޢުދުވެފައި އޮތްގޮތަށް، ހަމަ ހުރިހާ ރަށެއްގައި އަގު ކުޑަކޮށްދީފައި. މިތަނުން ބޭފުޅަކު ފާހަގަކުރެއްވި، ހަމައެކަނި މާލޭގައި ނުކުރާށޭ. ރާއްޖޭގައި ކޮންމެ ރަށެއްގައިވެސް އަޅާފައި ހުރި ސޯޝަލް ހައުސިންގ ޔުނިޓުތައް އެވަނީ މިހާރު އަޅުގަނޑުމެން އަގުކުޑަކޮށްފައި. އަގުކުޑަކުރީ ވަކި އުޞޫލެއްގެ މަތިން. ވަކި މިންގަނޑެއްގެ ތެރެއިން. ހުރިހާ ރައްޔިތުން ހަމަހަމަ. އެއްވެސް ރައްޔިތަކު ތަފާތެއްނުކުރާނެ މި ސަރުކާރަކުންނެއް.
އެހެންވީމާ، ތިޔަބޭފުޅުން ފާހަގަކުރެއްވި އެއްވެސް ކަމެއްގައި، ކޮންސަރންވާ ކަމެއްގައި އަޅުގަނޑުމެން ހަމަ ދުލެއްނުކޮށްލާނަން އެއްވެސް ކަމެއް ނުބަލާ. މައިކް ނަންގަވައިގެން ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް، އަދި އަޅުގަނޑު އަތަށް ލިޔުމެއް ދެއްވާ ބޭފުޅެއް ކަމަށްވިޔަސް، އެއިން ކޮންމެ އެއްޗެއްގައި ކޮންމެ ވާހަކަފުޅެއްގައި އޮތް ކަމެއް އަޅުގަނޑުމެން އެބަ ބަލަން ވަކިވަކިން. މިދިޔަ ހުރިހާ ބައްދަލުވުންތަކުގައިވެސް އެގޮތަށް ވިދާޅުވެފައި ހުރި ކަންކަން، ހަމަ ކޭސްތައް ވަކިން އެބަ ބަލަން. ހަމަ ވަކިން ޒީރޯއިން ފެށިގެން ބަލާގޮތަށްވެސް. މި ދެންނެވީ ކުރިން ބަލާފައި އޮތް ކަމެކޭ ކިޔާފައި ދުލެއްނުކޮށްލަން. ހަމަ ކޮންމެ ކަމެއް ވަކިން ބަލާފައި، އެއަށް އެންމެ ރަނގަޅަކަށް އެޓެންޑްވެވެން އޮންނަ ގޮތަކަށް އެޓެންޑް ކުރަން. އެހެންވީމާ، އެއްގޮތަކަށްވެސް ކަންބޮޑުވެނުލައްވާތި. ތިޔަބޭފުޅުން ވިދާޅުވާ އެއްވެސް ކަމަކާ އަޅުގަނޑުމެން އަޅައިނުލައި ދުލެއްނުކޮށްލާނަން.
އާދެ، މިތަނުގައި އެއް ބޭފުޅަކު ފާހަގަކުރެއްވި، މި ވާނުވާ މައްސަލައިގައި، އަޅުގަނޑު ކުރިން ރެޔަކު ވަރަށް ތަފްޞީލުކޮށް މިކަން ކިޔައިދިނިން. ދެން މިރޭ ހަމަ ދަންނަވާލަން ބޭނުންވަނީ، އެޓަރނީ ޖެނެރަލްގެ އޮފީހަށް މިހާރު ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ކޯޓުތަކުގެ ތެރޭގައި މިހާރު ހިނގާ މައްސަލަތަކަށް ބަލައި، އެޓަރނީ ޖެނެރަލް ވިދާޅުވަނީ، އެ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާ މަޢުލޫމާތަށްވެސް ބައްލަވައި، މި އަންނަ މާރިޗު މަސް ނިމެންވާއިރަށް، އެއް އަހަރަށްވުރެ ގިނަދުވަސް ވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް، ކޯޓު މަރުޙަލާތައް ނިމޭނެކަމަށް. އެއް އަހަރަށްވުރެ ގިނަދުވަސް ވެފައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް. ދެން އެއަށްފަހު، ބާކީތިބި ހުރިހާ އެންމެންގެ ކަންތައްވެސް ކުރިއަށްދާނެ ކަމަށް އޭ.ޖީ.އަށް މަޢުލޫމާތު ލިބިފައިވާތީ. އެ ވާހަކަ މި ދަންނަވާލީ، މިއީ އެތައް އަހަރެއް ވެފައި ހުރި ކަންކަން.
އަޅުގަނޑު ކުރީ ރެޔަކު ތަފްޞީލު ދެންނެވިން. ކޮބައިކަން މީގައި ހުރި ތަފްޞީލުތަކަކީ. ޑީޓެއިލްސްތައް. އެހެންވީމާ، އެހެންނަމަވެސް، މީގެތެރޭގައި އެއް އަހަރަށްވުރެ ގިނަދުވަސް ވެފައި ތިބި ހުރިހާ އެންމެން ކުރިއަށް އޮތް ތިންމަހެއްހާ ދުވަހުގެ ތެރޭގައި، އެކީގައި އެ ކޯޓު މަރުޙަލާތައް ނިމި، ކޮންމެވެސް ގޮތެއް ނިމޭ އެބަ. އެހެންވީމާ، ބާކީހުރި މައްސަލަތައްވެސް ނިމޭނެ. އެހެންވީމާ، މާގިނަ ދުވަހެއް ދެން މިކަމުގައި ނުވާނެ. ދެން ހަމަ އިރާދަކުރެއްވިއްޔާ، ވީ އެންމެ ރަނގަޅަކަށް، ސަރުކާރުގެ ތެރެއިން އޭ.ޖީ. ކޮށްދެއްވަންޖެހޭ ކަމެއްވިއްޔާ ކޮށްދެއްވާނެ. އަދި އޭ.ޖީ.ގެ ފަރާތުން ހަމަ ޕީ.ޖީ.އަށްވެސް، އޮންނަ އުޞޫލުން ދަންނަވަންޖެހޭ ކަންތައްތައް ދަންނަވަމުން ގެންދަވާނެ. އާދެ، އެހެންވީމާ، އެކަން އަޅުގަނޑު ފާހަގަކޮށްލީ.
ދެން ހަމަ މި ފާހަގަކުރެވުނު ގިނަ ކަންކަމަކީ، އެޗް.ޑީ.ސީ.ގެ ފަރާތުން މި ހުޅުމާލޭގެ މުނިސިޕަލް ކަންކަމާ ގުޅިފައި ހުރި ކަންކަމާއި، ޑިވެލޮޕްމަންޓާ ގުޅިފައި ހުރި ކަންކަން. އެއިން ކޮންމެ ކަމެއް، ތިޔަ ފާހަގަކުރެއްވި ކަންކަން، އެޗް.ޑީ.ސީ. އަށް އަޅުގަނޑުމެން ދަންނަވާނަން، އެކަންކަން ބަލަން. އަދި މިހާރުވެސް ކުރިއަށްގެންދާ ކަންކަން، އެ އިތުރަށް ރަނގަޅު ކުރަންހުރި ކަންކަންވެސް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.
ދެން ފާހަގަކުރެއްވި ވަރަށްގިނަ ކަންކަމަކީ، މިހާރު މި ޕޭ ހާމަނައިޒޭޝަނާ ގުޅޭގޮތުން ފާހަގަކުރެވުނު ކަންކަން. އެކަންކަމާ ގުޅޭގޮތުންވެސް އަޅުގަނޑު ކުރިންވެސް އޮންނާނީ ވާހަކަ ދައްކާފައި. ދެން އެހެންނަމަވެސް، އެއްވެސް ޕެސިފިކް ކޭސްއެއްގައި، އެ ކަނޑައެޅިފައި އޮންނަ އުޞޫލާ ޚިލާފަށް ކަމެއް ގޮސްފައި އޮތް ކަމަށްވަންޏާ އެކަމެއް ބަލާނެ. އެއްވެސް ކޭސްއެއް އަޅުގަނޑުމެން ދުލެއްނުކޮށްލާނަން ނުބަލައެއް. އެއީ، ކޮންމެ ބޭފުޅަކުވެސް ފާހަގަކުރައްވަނީ، އެ ބޭފުޅުންނަށް ވަރަށް ކަންބޮޑުވެފައި ހުރި ކަންކަން ކަމުގައިވާތީވެ، އަޅުގަނޑުމެން ހަމަ ބަލައިދޭނަން. އެއިން ކޮންމެ ކޭސްއެއްގައިވެސް އެއްވެސްކަހަލަ ތަފާތުކުރުމެއް އޮތް ކަމަށްވަންޏާ، އެކަމެއް. އެ އޮންނަ އުޞޫލާ ޚިލާފަށް ގޮސްފައި އޮވެއްޖިއްޔާ. ވަރަށްގިނަ ބޭފުޅުން އެކި ކަންކަން ފާހަގަކުރެއްވި. އެހެންވީމާ، އެކަންކަން އަޅުގަނޑު މި ދަންނަވާލީ.
އާދެ، މީގެތެރެއިން އަޅުގަނޑު ދަންނަވާލަން ބޭނުން، އެއްކަމަކަށް މުނިސިޕަލް ޚިދުމަތް ހުޅުމާލޭގައި ކީއްވެތޯ އެޗް.ޑީ.ސީ.އިން ދެމުން އެގެންދަނީ. އަޅުގަނޑު ވަޢުދުވެފައި އޮތް ކަމެއް މިކަމަކީ. ކައުންސިލާ ހަވާލުކުރާނެ ކަމަށް. އަދި އެގޮތަށް ކުރުމަށް އަޅުގަނޑުމެން ސަރުކާރާއި، އެޗް.ޑީ.ސީ.އާއި، ސިޓީ ކައުންސިލާ އެކީގައި މަސައްކަތް ކުރަމުން އައި ކަމެއް މިއީ. އެހެންނަމަވެސް، ސިޓީ ކައުންސިލުން މިތަނުގެ މުނިސިޕަލް ހުރިހާ ޚިދުމަތްތަކާ ހަވާލުވާކަށް ބޭނުމެއްނުވި. ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތާ ހަވާލުވާން އެއްބަސްނުވީ. ނުވީމާ އެޗް.ޑީ.ސީ.އިން މިހާރު ވަގުތީގޮތުން އަދިވެސް އެ ބަލަހައްޓަނީ. އަޅުގަނޑު އުންމީދު ކުރަނީ، މާލަސްތަކެއްނުވެ ކައުންސިލްގެ ފަރާތުން އަނެއްކާވެސް އެ ނިންމުން ބަދަލުކޮށް ހަވާލުވެލައްވާނެ ކަމަށް. އަޅުގަނޑު މިހިރީ ވަޢުދު ފުއްދަން ތައްޔާރަށް. މިހާރުވެސް އެޗް.ޑީ.ސީ. އަދި ކަމާބެހޭ މިނިސްޓްރީތަކުން، ފިނޭންސް މިނިސްޓްރީއާއި، ސިޓީސް މިނިސްޓްރީއާ ހުރިހާ ފަރާތްތަކުން އެ ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިމިފައި، ކެބިނެޓުން ނިންމުންތައް ނިމިފައި އޮތް ކަމެއް މިއީ. އެހެންނަމަވެސް، ކައުންސިލުން އެކަމަށް، އެ ރެސްޕޮންސިބިލިޓީ ނަގަން ބޭނުންނުވާތީ، ނޫނީވިއްޔާ ތައްޔާރުނުވާތީ ކަމަށްވެދާނެ، ހަވާލުނުވެ އޮތީމަ، އެކަން އެއޮތީ ނުފުއްދިފައި. އެހެންވީމާ، އަޅުގަނޑުގެ ވަޢުދު ފުއްދަން ހަމަ މިހާރުވެސް ރެޑީގައި މިހިރީ.
ދެން މިތަނުގެ ތަރައްޤީއަށް ހުރި ހުރިހާ ކަމެއްގައި ވިދާޅުވި ކޮންމެ ކަމަކަށް، ވަގުތު ލަސްވެފައި ހުރީމަ އަޅުގަނޑު ނުދިޔަސް، އަޅުގަނޑު ހަމަ ކޮންމެ ކަމެއް، ތިޔަ ވިދާޅުވި ހުރިހާ ކަމެއް ކުރިއަށް ގެންދާނަން. އެއް ކަމަކަށް ޞިއްޙީ ދާއިރާ އަޅުގަނޑު ފާހަގަކޮށްލާނަން. މިތަނުގައި ހުރި ހޮސްޕިޓަލަށް ވަރަށް ގިނަ ޚިދުމަތްތައް އިތުރުކުރެވިއްޖެ. އެތަނުގެ މުވައްޒަފުންގެ އަދަދު އިތުރުކުރެވި، އެތަނުގެ ޚިދުމަތްތައް އިތުރުކުރެވި، އިންފްރާސްޓްރަކްޗަރ ވައިސް، އެތައް ކަމެއް ގެނެވިއްޖެ. މިތަނުން ބޭފުޅަކު ފާހަގަކުރައްވައިފި، އެއްކަމެއްވެސް ނުވެއޭ. އެއީ ޙަޤީޤަތެއް ނޫން. ހަމަ ޙަޤީޤަތުގައިވެސް އެއީ ޙަޤީޤަތެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެން ގެންދަން އޮތް މިންގަނޑު އަދި ދާންއޮތް ހިސާބު ވަރަށްމަތި. ސަރުކާރުގެ ސްޓޭންޑަޑް ވަރަށްމަތި، އަދިވެސް ގެންދަން އޮތް. ހުޅުމާލޭގެ ޚިދުމަތްތައް. ޞިއްޙީ ޚިދުމަތް. އެހެންވީމާ، އިތުރު ކަންކަން އެހެރީ ކުރެވިފައި. އަދި އެހެންނަމަވެސް، ކުރިއަށް އޮތް އަހަރަށް، މި އަންނަ އަހަރަށް އަޅުގަނޑުމެން ފާސްކޮށްފައި އޮތް ހެލްތު ދާއިރާގެ ބަޖެޓުގައި، ނިއު ޕޮލިސީ އިނީޝިއޭޓިވް، އާ މަޝްރޫޢުތަކުގެ ގޮތުގައި މަޝްރޫޢުތަކާއި އަދި ޕްރޮގްރާމްތަކުގެ ތެރޭގައިވެސް އެންމެ ގިނަވާނީ ޞިއްޙީ ދާއިރާގައި ކުރަންހުރި ކަންކަން. އަދި އޭގައި އެންމެ އާބާދީ ބޮޑީ މި ސަރަޙައްދު، މާލެ ކަމަށްވާތީ، މާލެ، ހުޅުމާލެ، ވިލިމާލޭގައި އެންމެ ގިނަވާނީ ޞިއްޙީ ދާއިރާގެ މަސައްކަތް، މި އަންނަ އަހަރު އާ ބަޖެޓުގައި އާ މަޝްރޫޢުތަކުގެ ތެރޭގައިވެސް. އިތުރު ވަރަށްގިނަ ސަރވިސްތައް އަންނާނެ. އަދި އިންފްރާސްޓްރަކްޗަރ ގޮތަށް އިތުރު އިމާރާތްތައް އެޅުން. ފޭސް 1 ގައި އަދި ފޭސް 2 ގައިވެސް. މަލްޓި ސްޕެޝަލިޓީ ދެ ހޮސްޕިޓަލް އެޅުން އަޅުގަނޑުމެން މިއޮތީ ޕްލޭންކޮށްފައި. މަލްޓި ސްޕެޝަލިޓީ ދެ ހޮސްޕިޓަލް. މި ތަނުގައި ހުރި ހޮސްޕިޓަލަށް އިތުރު އިމާރާތެއް އެޑްކުރުމާއި، އަދި ފޭސް 2 ގައި މުޅިން އަލަށް ހަމަ އާ އިމާރާތެއް އެޅުން، މި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މި އަމްބްރެއްލާ ތެރޭގައި. އެހެންވީމާ، މި ހުޅުމާލޭގައި ދެ ލައްކައެއްހާ ރައްޔިތުން، ނޫނީވިއްޔާ ދޮޅުލައްކައަށްވުރެ ގިނަ ރައްޔިތުން މިހާރުވެސް ދިރިއުޅޭ. ކުރިއަށް އޮތްތާ ދެ ލައްކައެއްހާ ރައްޔިތުން އުޅޭއިރުގައި، މިތަނުގައި ހުންނަންޖެހޭ ފެންވަރަށް ޞިއްޙީ ޚިދުމަތް ގެންދިޔުމަކީ، ސަރުކާރުން ނިންމާފައި އޮތްގޮތް. އެއާ އެއްގޮތަށް ތައްޔާރުވެފައި ބަޖެޓުގައިވެސް އެއޮތީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރު ވެގެންދާނީ، މީގެ ގިނަ މަސައްކަތްތަކެއް ހިނގަމުންދާ އަހަރަކަށް.
ހަމަ އެގޮތުން ބަލާއިރު، ކުޅިވަރުގެ ދާއިރާއިންވެސް އަޅުގަނޑުމެން މި އަންނަ އަހަރު ކުޅިވަރުގެ ވަރަށްގިނަ މަޝްރޫޢުތައް ގެންދަން ނިންމާފައި އޮތް އަހަރެއް އެއީ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން ސްޕޯޓްސް ކޮމްޕްލެކްސްތައް އެބަ އަޅަން. ސްޕޯޓްސް ކޮމްޕްލެކްސްތައް އަޅާއިރުގައި، ހުޅުމާލޭގައި ކޮންމެވެސްވަރަކަށް ވަކިވަކިން އެބަހުރި، ކޯޓުތަކާއި ދަނޑުތައް. އެހެންނަމަވެސް، އެއީ އެކަށީގެންވާ އަދަދެއް ނޫން. އެހެންވީމާ، ހުޅުމާލެ ފޭސް 1 ގައި އެއް ސްޕޯޓްސް ކޮމްޕްލެކްސް، ފޭސް 2 ގައި އެއް ސްޕޯޓްސް ކޮމްޕްލެކްސް މި އަންނަ އަހަރު އަޅަން އަޅުގަނޑުމެން ނިންމާފައި މިއޮތީ. އެހެންވީމާ، ކުޅިވަރުގެ ދާއިރާއިންވެސް ވަރަށްގިނަ ކަންކަން. އަދި ރާއްޖޭގެ ނޭޝަނަލް ސްޓޭޑިއަމް، މިހާރު ގަލޮޅުގައި އެއޮތް ގަލޮޅު ދަނޑު، އެ ދަނޑުގެ ބަދަލުގައި ޤައުމީ ނޭޝަނަލް ސްޓޭޑިއަމްވެސް ހުޅުމާލޭގައި މި ފޭސް 1 ގައި އަޅަން އަޅުގަނޑުމެން ނިންމާފައި، ބިން އެއޮތީ ކަނޑައަޅައި ހުރިހާ ކަމެއްވެސް ނިމިފައި. އެހެންވީމާ، ކުޅިވަރުގެ ދާއިރާއިންވެސް ވަރަށްގިނަ ކަންކަން. މިކަމަށް އަޅުގަނޑުމެން ބޭރުގެ އެހީއަކަށް މަސައްކަތް ކުރަމުންދާ ކަމެއް މިއީ. ބޭރު ޤައުމެއްގެ ހިލޭ އެހީއަށް މަސައްކަތް ކުރަމުންދާ ކަމެއް. ވަރަށް އެޑްވާންސް ސްޓޭޖެއްގައި އޮތް ކަމެއް މިއީ. ނިމުނީމަ އެކަންވެސް އިޢުލާނުކުރާނަން އަޅުގަނޑުމެން.
ދެން އެގޮތަށް މިސްކިތްތަކަށް ބެލިނަމަވެސް. މިހާރު އެ އަޅަމުންދާ މިސްކިތްތަކުގެ އިތުރަށް އަދި މި އަންނަ އަހަރުގެ ބަޖެޓްތެރެއިންވެސް އަދި ހެޔޮއެދޭ އެތައް ފަރާތްތަކެއްގެ ދީލަތި އެހީގެ ތެރެއިންވެސް ހަމަ އާ މިސްކިތްތައް، ދެ ފޭސްއަށްވެސް އެބައޮތް. ހަދަމުންދާ ބައެއް މިސްކިތްތައް ރޯދައަށް ނިންމުން. އަދި ރޯދައިގެ ފަހުންވެސް އަހަރުތެރޭގައި ހުޅުވިގެންދާ ގިނަ މިސްކިތްތަކެއްވެސް، އަދި އަލަށް ފަށާ މިސްކިތްތައްވެސް އެބަހުރި.
ހަމަ އެގޮތަށް، ތަޢުލީމީ ދާއިރާއިންވެސް އިތުރު ސްކޫލްތައް އެޅުމާ، މިކަންކަންވެސް އެބައޮތް. އާދެ، އެޑިޔުކޭޝަން މިނިސްޓްރީން އެ ގެންދަވަނީ ވަރަށްގާތުން ބައްލަވަމުން. މިތާނގައި ފޭސް 1 ގައި ބައްދަލުވިނަމަވެސް، ފޭސް 2ގެ ވާހަކަ ފާހަގަކޮށްލީ. ފޭސް 2 އަށް އެ ބަދަލުވެލައްވާ، އެފް.ޑީ.ސީ.ގެ ފްލެޓްސްއަށް ބަދަލުވެލައްވާ ވަރަށްގިނަ ފަރާތްތަކުގެ ރިކްއެސްޓަށް އެދަނީ ހަމަ ކޭޓަރ ކުރަމުން. ރިކްއެސްޓް ކޮށްފައި ހުރި ގާތްގަނޑަކަށް ހުރިހާ ފަރާތްތަކަށް، އަލަށް ހުޅުވާ ސްކޫލަށާއި، އެހެން ސްކޫލްތަކަށް ޖާގަ ދެއްވާފައިވާ ކަމަށް އަޅުގަނޑު ގާތު ވިދާޅުވެފައިވަނީ.
ދެން މިތާ ފާހަގަކުރެއްވި ހަމަ ގިނަ ކަންކަން. އަޅުގަނޑު އެވްރީ ސިންގަލް ތިންގއަކަށް ދާކަށް ވަގުތެއް ނެތްކަންނޭނގެ. އެހެންނަމަވެސް، ކޮންމެ ކަމެއް އަޅުގަނޑުމެން ނޯޓުކޮށް، އެއިން ކޮންމެ ކަމަކަށް މަސައްކަތް ކުރެވެމުންދާނެ ކަންކަން އެހެރީ.
ދެން ހަމަ އަޅުގަނޑު ފާހަގަކޮށްލާނަން. މުޅި ރާއްޖެއާ ގުޅޭ ބައެއް ކަންކަން މިތާ ފާހަގަކުރި. މިސާލަކަށް، ތަރައްޤީގެ ޕްލޭނެއް ނެތޭ. އެއްވެސް ކަހަލަ ކަންކަމެއް، ރޭވުމެއް ނެތޭ. ނޫން، އެހެނެއްނޫން މިދަނީކީ. މެނިފެސްޓޯ އިޒް އަ ޕްލޭން. އޭގައި އޮންނާނެ، ވަރަށް ސާފުކޮށް ފުރަތަމަ ދުވަހު ހަމަ ހުޅުމާލޭގައި މެނިފެސްޓޯ އިޢުލާނުކުރީވެސް ދޮގެއްތޯ؟ ހުޅުމާލޭގައި މެނިފެސްޓޯ އިޢުލާނުކުރި ދުވަހުވެސް ޕްލޭނާ އެކީގައި އިޢުލާނުކުރީ. ސަރަޙައްދީ ތަރައްޤީއަކީ މައިގަނޑު ސިޔާސަތޭ. ސަރަޙައްދީ ތަރައްޤީއަކީ ކޮބައިތޯ؟ މާލެއަށް ތޮއްޖެއްސުމެއް ނޫން. މާލެ ސަރަޙައްދު ތަރައްޤީކުރުމާ އެއްވަރަށް ރާއްޖޭގެ އެކި ސަރަޙައްދުތައް ތަރައްޤީކުރުމޭ. އެންމެ އުތުރުން ހަތަރު އަތޮޅު އެކީގައި، އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއް ހަދާ ވާހަކަ. އެންމެ ދެކުނުން ހަތަރު އަތޮޅު އެކީގައި، އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްޤީކުރާ ވާހަކަ. މި ދެ ސަރަޙައްދުގައިވެސް މާލެއާ އެއް ފެންވަރުގެ ޚިދުމަތްތަކެއް ދޭން. އެހެރީ މަސައްކަތްތައް ފެށިފައި. ހަމަ އެގޮތަށް 7 އަރބަން ސެންޓަރު. ޑިކްލެއަރ ކޮށްގެން މަސައްކަތް ފަށާފައި. މިއީ ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތައް. މިއީ ޕްލޭނެއް އޮވެގެން ކުރާ ކަންކަން. މީގެއިތުރަށް، އެތައް ކަމެއް. އެތައް ކަމެއް. މިރޭގެ ވަގުތު ހަމަ އެ މައުޟޫޢަށް އެކަނި އަޅުގަނޑު މިތާ ވާހަކަ ދައްކަންވެސް ދެ ގަޑިއިރުވެސް މަދުވާނެ. އެހާގިނަ ކަންކަން ޕްލޭންކުރެވި، މަސައްކަތްތައް ކުރެވެމުން އެދަނީ.
މޯލްޑިވްސް 2.0 އަކީވެސް ތަރައްޤީގެ ޕްލޭންގެ ތެރޭގައި ވަރަށް މާނަފުން، ވަރަށް ވަރަށް ބޮޑު އިންޤިލާބީ ބަދަލެއް އަޅުގަނޑުމެންގެ ހިންގުމުގެ ނިޒާމަށް، އަޅުގަނޑުމެންގެ ޑޭ ޓު ޑޭ ލައިފަށް ގެންނާނެ ކަމެއް. މިހެންގޮސް އެތައް ކަމެއް އެބަހުރި. މިކަމަށްޓަކައި ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއްގެ މަސައްކަތް މި ކުރަނީ. އެއަށް ޤާނޫނީ ބާރު ދިނުމަށްޓަކައި ބިލެއްވެސް ޑްރާފްޓް ކުރެވޭ ކަމެއް މިކަމަކީ.
އެހެންވީމާ، މިކަހަލަ އެތައް ކަމެއް މި ކުރަނީ ހަމަ ޕްލޭން ކުރެވިގެން. ޕްލޭނެއްގެ ތެރެއިން ރާއްޖެ ތަރައްޤީ ކުރަން. 2040އާ ހަމަޔަށްދާއިރަށް، މި 20 އަހަރުގެ މާސްޓަރ ޕްލޭނެއް ހަދާއިރު، އޭގެތެރޭގައި 2040 އަންނާނެ. އަންނައިރަށް ރާއްޖެއަކީ ޑިވެލޮޕް ސްޓޭޓަކަށް ހެދުމަށްޓަކައި ޖީ.ޑީ.ޕީ. ވައިސް، އެހެން ހުރިހާގޮތަކުންވެސް ގެންދިޔުމަށްޓަކައި އެއޮތީ ޕްލޭން. އެއޮތީ ދާންވާ މިޞްރާބު. އެހެންވީމާ، ޕްލޭން ކުރެވިގެން ކުރާ ކަންކަން މިއީ. މިކަންކަން ކުރުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދު މިހާރު ވެއްޓިފައި އޮތް އަނދަވަޅުން ނަގައި ކޮޅަށްޖެހުމަށްޓަކައި ކުރާ މަސައްކަތްވެސް ކުރަމުން، ޑިފޯލްޓްނުވެ، ފައިސާ ޗާޕުނުކޮށް، ރާއްޖޭގެ އިޤްތިޞާދު ނަގައި ކޮޅަށްޖަހައި، ރާއްޖޭގެ ދަރަނިތައް އަދާކުރަމުން، ރާއްޖޭގެ އެތެރޭގެ ދަރަނިތަކާއި، ބޭރުގެ ދަރަނިތައް އަދާކުރަމުން، ހުރިހާ ކަމެއް ކުރަމުން މިގެންދަނީ.
އެހެންވީމާ، މިކަންކަން ކުރަމުން މިގެންދާއިރުގައި، ތަރައްޤީގެ މަޝްރޫޢުތައް ތާވަލުކޮށްގެން މިގެންދަނީ. މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ހައުސިންގ މަޝްރޫޢުތައް ނުފަށާހާ އަވަހަށް މި ސަރުކާރުން ފަށައިފި. މި އަހަރުގެ ތެރޭގައި، މިހާރުވެސް އެއޮތީ ރާއްޖޭގެ އެކި ރަށްރަށުގައި އެކި މަޝްރޫޢުތަކުގައި ސޮއިކޮށްފައި. އަދި މި މަސް ނިމޭއިރަށް، މާލޭ ސަރަޙައްދުގައިވެސް މަޝްރޫޢުތަކެއް ފެށުމަށްޓަކައި އެދަނީ ސޮއިކުރުމަށް ތައްޔާރުވަމުން. ތިންހާސް ފްލެޓެއްގެ މަޝްރޫޢު.
އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތްތައް މިކުރަނީކީއެއް އިންތިޚާބެއް، ރިޔާސީ އިންތިޚާބު އަންނަން ކައިރިވީމަ، އެހެން ސަރުކާރުތަކުން ކަންކަން ކޮށްފައި އޮތް ގޮތަކަށް ނޫން. އިޚްލާޞްތެރިކަމާއެކީގައި، މި މައްސަލަ ޙައްލުކުރުމަށްޓަކައި. މިހާރު މި އަހަރު ނިމެންވާއިރަށް ސޮއިކޮށްގެން މި ސަރަޙައްދުގައިވެސް މަސައްކަތް މި ފަށަނީ. ފަށާއިރުގައި، މި މަޝްރޫޢުތައް ނިމިގެންދާއިރުގައި، މާލޭގައިވެސް އަދި މާލޭ ސަރަޙައްދުގައިވެސް، މުޅި ރާއްޖޭގައިވެސް ބޯހިޔާވަހިކަމަށް އޮންނާނީ ދާއިމީ ޙައްލު އައިސްފައި. އަޅުގަނޑު ވީ ވަޢުދު ފުއްދުމަށްޓަކައި.
ދެން ބިން ހިއްކަނީ ހަމަ އެކަން ޕްލޭންކޮށްފައި އޮތްގޮތަށް. އެއީ އަޅުގަނޑުމެން އެއްވެސް ތަނެއް އިސްފަސްކޮށްގެނެއް ނޫން. ރަސްމާލެ އިސްކުރީކީނޫން، ގިރާވަރުފަޅަކަށްވުރެ. ގިރާވަރުފަޅު ކީއްވެތޯ ނުހިކުނީ. އަޅުގަނޑު ކުރީ ރެޔަކު ބައްދަލުވުމުގައި އެ ވާހަކަ ދެންނެވިން. ގިރާވަރުފަޅު، ހުޅުމާލެ ފޭސް 3 ކީއްވެތޯ ލަސްވެފައި މިއޮތީ. އެއީ، އެއްގޮތަކަށްވެސް "ކުރީ ސަރުކާރު" އެ ބަސް ބޭނުންކުރާކަށް ނޫން. އެކަމަކު ޙަޤީޤަތް ބަޔާންކުރަން. މިދިޔަ ސަރުކާރުން ސޮއިކޮށްފައި އޮތް އެގްރީމަންޓް އޮތީ ރައްޔިތުންގެ ވަރަށްބޮޑު ޙައްޤެއް ނިގުޅޭގޮތަށް. ފޭސް 3 ހިއްކީމަ، ފޭސް 3ގެ ބިމުން ބޮޑު ބައެއް، އެ ހިއްކާ ކުންފުންޏަށް، ބޭރުގެ ކުންފުންޏަކަށް ދޭންޖެހޭ އެތައް އަހަރަކަށް. ގިރާވަރުފަޅު ހިއްކީމަ، ގިރާވަރުފަޅާ ނުބެހޭ އެތައް ތަނަކުން، ފަޅުފަޅާއި ބިންތައް ދޭންއޮތީ އެގްރީމަންޓް ހަދާފައި. އެހެންވީމާ، މި ނުބައި އެގްރީމަންޓުން، މި ލޮކްސައިޑަޑް އެގްރީމަންޓުން ނުކުންނަން އެތައް ދުވަހެއް ނެގި. ނެގީމަ އެތަންތަން ފަހަތަށްދިޔައީ. ނެގީމަ ފަހަތަށްދިޔައީ. އެހެންނަމަވެސް، ހުރިހާ ކަމެއް ޙައްލުކޮށް، މިހާރު އެވަނީ މަސައްކަތް ހަވާލުކުރެވިފައި. އިސްފަސްކޮށްފައެއް ނޫން މިހިރީކީއެއް. އިސްފަސްކޮށްފައެއް ނޫން. މިހާރު ފޭސް 3 ހިއްކައި ނިމެމުން ދާތަން އެ ފެންނަނީ. ބޮޑު ދެ ޑްރެޖަރު އެއްފަހަރާ ޖައްސައިގެން. ދުވަހަކުވެސް ރާއްޖޭގައި ކުރި ކަމެއް ނޫން މިއީކީއެއް. އެކަމަކު އެ އިސްކަންދީގެން އެތަން ނިމެނީ. އިރާދަކުރެއްވިއްޔާ، ހަމަ ވަރަށް އަވަހަށް ނިމޭތަނުން ހަމަ އެ ދެ ޑްރެޖަރު ދާނެ ގިރާވަރުފަޅު ހިއްކަން. މިއީ އަޅުގަނޑު ތަފްޞީލުތައް ކިޔައިދީފައި ހުރި ކަންކަން. އެހެންވީމާ، ކުރިއަށް އޮތް ދެތިން މަހަކީ އިރާދަކުރެއްވިއްޔާ، ފޭސް 3 ނިމިގެން، ގިރާވަރުފަޅު ނިމޭނެހާ މުއްދަތު. ނިމޭއިރުގައި މި ތަންތަނުން ގޯތިތައް ލިބިގެންދާނެ. ގުޅީފަޅު ހިއްކާފައި އޮތް ތަނުން، ގިރާވަރުފަޅުގެ ފަޅުން ނިމިގެން ގޮސް ކަނޑުންނާ އެކީގައި ގޯތިދީފައި ތިބި ހުރިހާ އެންމެންގެ ތެރެއިން، ގިރާވަރުފަޅުގައި ގޯތިދެވޭވަރަށް ޖާގަނެތި ގޯތިދިން އެންމެން މިހާރު އެވަނީ ގުޅީފަޅަށްވެސް ބަދަލުކޮށްފައި. އެހެންވީމާ، އެ މީހުންނަށް އެދަނީ ގޯތިތައް ހަވާލުކުރަމުން.
އެހެންވީމާ، އަޅުގަނޑުމެން މިގެންދަނީ މިކަން ކުރެވޭނެ އެންމެ ރަނގަޅުގޮތް ބަލައި، ތަރުތީބުކޮށްގެން ވަރަށް އަވަސްމިނުގައި ގެންދެވޭނެ ގޮތަށް. ރަސްމާލެ މިއީ، ހަމަ މީޑިއަމް ޓު ލޯންގް ޓަރމް ޕްލޭނެއްގައި ހިންގާ ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢު. ތަރައްޤީގެ ޕްލޭންގެ އެންމެ މުހިންމު މަޝްރޫޢު. އެތަން ހިއްކާއިރުގައި މާލޭގައި ޚާއްޞަކޮށް، މާލޭގެ ރަށްވެހިންގެ ތެރެއިން ބޯހިޔާވަހިކަން ނެތް، ގޯތިނެތް ހަމަ އެންމެންނަށްހެން ޙައްލުވާނެ މަޝްރޫޢެއް އެއީ. ފުރަތަމަވެސް ފަނަރަހާސް ގޯތީގެ ތެރެއިން ދިހަހާސް ގޯތި މި ލިބެނީ މާލޭގެ ރަށްވެހިންނަށް. މާލޭގައި އެކިގޮތްގޮތަށް ރަށްވެހިންގެ ކެޓަގަރީއަށް ލެވޭ ހުރިހާ އެންމެން ހިމެނޭހެން. ދެން މާލޭގައި ގިނަދުވަސްވީ ރައްޔިތުންނަށް ތިންހާސް ގޯތި. ދެން މިހެންގޮސް އެކި ފަރާތްތަކަށް ޓޯޓަލް ފަނަރަހާސް ގޯތި ލިބިގެންދާއިރުގައި، މި ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ޙައްލެއް އެބައާދޭ. އެހެންވީމާ، މިކަން ކުރިއަށް މިގެންދަނީ މިކަން އެންމެ ރަނގަޅަށް، އަޅުގަނޑުމެންގެ މި ދެންނެވިހެން އިޤްތިޞާދުގައި މިއޮތް އަނދަވަޅުން ނަގައި ކޮޅަށްޖަހައިގެން ގެންދެވޭނެ އެންމެ ރަނގަޅަށް.
ދެން މިތާނގައި ފާހަގަކުރެއްވި ވަރަށްގިނަ ކަންކަން އެބަހުރި. އަޅުގަނޑު ހަމަ ބައެއް ކަންކަން މި ފާހަގަކޮށްލަނީ، ދެންހުރި ކަންކަން އެއްގޮތަކަށްވެސް ދޫކޮށްލާކަށް ނޫން. އެއީ، އަޅުގަނޑު ބޭނުން ހަމަ މިކަންކަން އޮޅުންފިލުވައިދޭން. އެހެންނޫނީވިއްޔާ ބައެއް ފަރާތްތަކަށް އޮޅުންއަރާފައި އޮންނާނެތީ. މީގެތެރެއިން އަޅުގަނޑު ފާހަގަކޮށްލާނަން. މިތަނުގައި ބޭފުޅަކު ފާހަގަކުރެއްވި، އަޅުގަނޑާވެސް ސީދާ ގުޅޭގޮތަށް ފާހަގަކުރި ކަމެއް.
އާދެ، އެ މައްސަލައިގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެ ބޭފުޅާ ފާހަގަކުރެއްވީ، އެ ބޭފުޅާގެ ދަރިފުޅާބެހޭ މައްސަލައިގައި އެއީ ޖިނާއީ މައްސަލައެއްކަން. އެ މައްސަލައިގައި ހިމެނޭ މީހާ ދޫކޮށްލާފައި ހުރި ކަމުގެ މަޢުލޫމާތު މީޑިއާއިން ފެނުމާއެކު، އެ މައްސަލައިގެ ތަޙުޤީޤު އަޅުގަނޑު ހޯދިން. އަޅުގަނޑު ލިޔެގެން މި ކިޔަނީ. މިއީ ލީގަލް ކޭސްއަކަށްވާތީ، ލީގަލީ މިކަން އޮންނަންވީގޮތް ރަނގަޅަށް ބުނުމަށްޓަކައި.
އާދެ، އެ ވަގުތު އެމީހާ ދޫކޮށްލެވިފައި ހުރި ނަމަވެސް، އޭނާ ހައްޔަރުކުރެވި، އޭނާގެ މައްޗަށް ވަނީ ތަޙުޤީޤު ކުރިއަށް ގެންދެވި، ޖިނާއީ ދަޢުވާ މިހާރު ކޮށްފައި. އަދި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުންވެސް މިހާރުވަނީ ބޭއްވިފައި. ކުޑަކުދިންނަށް އެކިގޮތްގޮތުން ލިބޭ އަނިޔާ އަދި ފުރައްސާރައިގެ މައްސަލަތަކަކީ، އަޅުގަނޑު ހަމަ ވަރަށް އިސްކަމެއްދޭ ކަމެއް. އެއްވެސް ކުއްޖަކު އަޅުގަނޑު ތަފާތެއްނުކުރަން. އެހެންވީމާ، ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންނެއް މިކަމުގެ ތެރޭގައި ނެތް އެއްވެސްކަހަލަ އިހުމާލެއް ވެފައެއް. މިހާރު އެ މައްސަލަ އެދަނީ ކޯޓުގައި ހިނގަމުން. ފުރަތަމަ އަޑުއެހުންވެސް އެވަނީ އިއްވިފައި. އެހެންވީމާ، އެކަން އަޅުގަނޑު ހަމަ ސާފުކޮށްލަދިނީ. އަޅުގަނޑުގެ ކުއްޖެކޭ، އެހެން މީހެއްގެ ކުއްޖެކޭ މިކަމުގައި އަޅުގަނޑުމެން ތަފާތެއްނުކުރާނަން. އަދި އަޅުގަނޑުގެ އަންހެނުންވެސް ތަފާތެއްނުކުރާނެ. އެހެންވީމާ، މިގޮތަށް އެއްވެސް ކަމެއްގައި، އިމޯޝަނަލީ ވިޔަސް، ކަންކަން އޮންނަގޮތް އަޅުގަނޑު ހިތުން ނޭނގި އޮވެއްޖިއްޔާ، އެ ވިދާޅުވެލެއްވި ކަމަކާ ގުޅޭގޮތުން ފަހަރެއްގައި އޮޅުންއަރާފާނެތީ، އަޅުގަނޑު މިކަން މި ދަންނަވާލީ.
އާދެ، ދެންހުރި ކަންކަމަށް ބަލާއިރުގައިވެސް، އަޅުގަނޑު ދަންނަވާލަން ބޭނުން. މިތަނުގައި ފާހަގަކުރެއްވި، ޓެސްޓުތައް ހެދުމުގައިވެސް މިހާރު ވަރަށް އުނދަގުލޭ. އެހެނެއްނޫން، ހަމަ އަޅުގަނޑު ހިތުން އެއީވެސް މަޢުލޫމާތުގެ ކުށެއް. ޙަޤީޤަތުގައި މިހާރު ފިޒިކަލީ ނުޖެހޭނެ ހާޒިރުވާކަށް. ހަމަ ވަރަށް ފަސޭހައިން އެ އޮންނަނީ އެޕޮއިންޓްމަންޓް، ނޫނީ ފޮލޯއަޕް އެޕޮއިންޓްމަންޓް ލިބޭގޮތަށް ހަމަޖައްސައިދެވިފައި. އެހެންވީމާ، އަޅުގަނޑު ހިތުން އެ މަޢުލޫމާތުވެސް އެވަނީ ކުޑަކޮށް އޮޅުންއަރާގޮތަށް ބަޔާންކުރެވިފައި.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުން، މިތަނުގައި މި ފާހަގަކުރެވިގެންދިޔަ ބައެއް ކަންކަމުގެ ތެރެއިން އަދިވެސް ބައެއް ކަންކަން. އާދެ، މީގެތެރެއިން ހުޅުމާލޭގެ ފަޅުތެރޭގައި މި ދިމާވާ މައްސަލައާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންތަކުގައި، އެޗް.ޑީ.ސީ.ގެ ފަރާތުން މިހާރު މި ބިން ހިއްކުމާ ގުޅިގެން ކުޑަކުޑަ ދުވަސްކޮޅަކަށް ރައްޔިތުންނަށް ދަތިވާގޮތަށް ކަންކަން އޮތް ނަމަވެސް، މިހާރު އެ ބޭފުޅުން އެގެންދަވަނީ އެކަމަށްޓަކައި ވަރަށް ރަނގަޅު ޕްލޭނެއް ހައްދަވައިގެން، ޑިންގީތަކާއި، އެކިކަހަލަ އޮޑިފަހަރާއި ދޯނިފަހަރާއި، ލޯންޗްފަހަރަށް ރަނގަޅު ހާބަރ ނިޒާމެއް، ހުޅުމާލޭ ފަޅުތެރެއިންނާއި، އަދި ކައިރި އެހެން ފަޅަކުންވެސް އެ ޖާގަ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން ޙައްލުވެގެންދާނެ.
އާދެ، މިތަނުގައި ފާހަގަކުރެވުނު ބައެއް ކަންކަމަށް ބަލާއިރުގައި، ބިން ހިއްކުމާ ގުޅޭގޮތުން ވަރަށް ޙަޤީޤަތާ ޚިލާފު ވާހަކަފުޅެއް ބޭފުޅަކަށް ވިދާޅުވެވުނު. ބިން ހިއްކަނީ ކުނިއަޅައިގެންނޭ. ނޫން. ކުނިއަޅައިގެނެއް ނޫން ހިއްކަނީ. ހަމަ ކެޓަގަރިކަލީ އަޅުގަނޑު ދަންނަވަން. ކުނިއަޅައިގެނެއް ނުހިއްކާނެކަން. މިހާރު މި ދިމާވެގެން އުޅޭ ކަމަކަށް އަޅުގަނޑަށް ލަފާކުރެވެނީ އަދި އެޗް.ޑީ.ސީ.ގެ އެމް.ޑީ.ވެސް ވިދާޅުވި، ފަރުކޮޅުފުށި ކައިރިން ހިއްކިއިރުގައި، އެތާހުރި ކުނިތައް ނެގި. ނަގާފައި އެތަނަށް ގާކުނޑިއެޅީ. އެތަންކޮޅު ކައިރިއަށް ގާކުނޑިއެޅި. އަޅާފައި ދެން އޭގެ ދުރަށް ހަމަ ފުލް، އެހެންޏާވެސް ހިއްކާގޮތަށް ބިން ހިއްކަން ވެލިއަޅައިގެން ހިއްކާއިރު، އެހިސާބުގަނޑުގައި މަސައްކަތް ހިނގިއިރުގައި ފަހަރެއްގައި ހީފުޅުވެދާނެ، އެތަނަށް އެޅީ ކުންޏޭ. ކުނި އަޅައިގެންނެއް އެއްވެސް ތަނެއް ނުހިއްކާނެ. އެއީއެއް ސަރުކާރުން އެކަން ކުރާ ގޮތެއްނޫން. މިއީ، އިންޓަރނޭޝަނަލް ކޮންޓްރެކްޓްތައް މި ހުންނަނީ. އިންޓަރނޭޝަނަލް ކޮންޓްރެކްޓަރުންނަށް މަސައްކަތް ދެނީ. އީ.އައި.އޭ ހަދައިގެން ދެނީ. އެއްގޮތަކަށްވެސް އެކަހަލަ ކަމެއް އަޅުގަނޑުމެން ނުއެއްކުރާނަން. އެހެންވީމާ، އެކަން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވީ.
ދެން ފާހަގަކުރި ކަންކަމަށް ބަލާއިރުގައިވެސް މިއިން ކޮންމެ ކަމެއްގައިވެސް އަޅުގަނޑު ހިތުން މަޢުލޫމާތުގައި ކުށްހުރި ބައެއް ކަންކަންވެސް އެބަހުރި ފާހަގަކުރެވިފައި.
ދެން ސްކޫލާ ގުޅޭގޮތުން ފާހަގަކުރެއްވި، ޣާޒީ ސްކޫލް ކަންތައް، އެޑިޔުކޭޝަން މިނިސްޓްރީގައި އަޅުގަނޑު ދަންނަވައިގެން، އޭގައި ރަނގަޅު ޙައްލެއް، ކަންބޮޑުވުމަށް އިރާދަކުރެއްވިއްޔާ ޙައްލެއް ގެނެސްދޭނަން. ޕްލޭ ގްރައުންޑް ނުގެއްލޭ ކަހަލަ ގޮތަކަށް އެކަން ކުރެވޭނެގޮތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލައިދޭނަން. ކިހިނެއްތޯ ހަދާނީ.
އާދެ، އެހެންވީމާ، އެކަންކަން އަޅުގަނޑު މި ފާހަގަކޮށްލީ. ދެންހުރި ކަންކަންވެސް ޖުމްލަކޮށް އަޅުގަނޑު މި ދަންނަވާލި ގޮތަށް ކުރިއަށްގެންދާނަން.
އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ. ހުރިހާ ބޭފުޅުންވެސް ތިޔަ ދެއްވި ވަގުތަށާއި އަދި ހުރިހާ ކަމެއް ހަމަ ބަހައްޓަވާފައި މިތަނަށް ތިޔަބޭފުޅުން ވަޑައިގެން، ތިޔަ ކޮންސަރންތައް ޙިއްޞާ ކުރެއްވުމަށް ތިޔަ ވިދާޅުވި ކަންކަމަށް ވަރަށް ބޮޑަށް އަދިވެސް ޝުކުރު ދަންނަވަން.
އަޅުގަނޑު އިރާދަކުރެއްވިއްޔާ ވަގުތުވީވަރަކުން ހަމަ ކުރިއަށް އޮތްތާވެސް މިކަހަލަ ބައްދަލުވުންތައް ބާއްވަމުން ގެންދާނަން. އަޅުގަނޑު ވަރަށް ބޮޑަށް ހަމަ އަދިވެސް ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުން ވިދާޅުވި ކޮންމެ ކަމަކަށް ސަމާލުކަން ދޭނަމޭ. މި ބައްދަލުވުމުގައި ވިދާޅުވި ކޮންމެ ކަމެއްވެސް ހަމަ އިރާދަކުރެއްވިއްޔާ، ވީ އެންމެ އަވަހަކަށް، ސިޓީއަކުން ވިދާޅުވިޔަސް، އަދި މިތަނުގައި ވިދާޅުވި ކަމެއްވިޔަސް އެޓެންޑްވާނަން. ޤާނޫނާއި ގަވާއިދުގެ ތެރެއިން ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނަން. އަދި އޮންނަ އުޞޫލުގެ ތެރެއިން އިރާދަކުރެއްވިއްޔާ މަގުފަހިކޮށްދެވެންހުރި ކަންކަން އަޅުގަނޑުމެން ކުރާނަން. އަދި ޤާނޫނާއި ގަވާއިދަށް ބަދަލެއް ގެންނަންޖެހޭވަރުގެ ބޮޑު ކަމެއްވިއްޔާ، އެކަންވެސް އަޅުގަނޑުމެން ހަމަ އޮންނަ އުޞޫލުގެ ތެރެއިން ކުރާނެ. އެއީ، އަޅުގަނޑުމެން ބޭނުންވަނީ، ރާއްޖޭގައި ހުރި، ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރަން. ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ރަނގަޅުކުރަން.
އެހެންވީމާ، ތިޔަބޭފުޅުން ތިޔަ ވިދާޅުވާ ކަންކަމަކީ، ސީރިއަސް ކަންތައްތައް ގޮތުގައި އަޅުގަނޑު ބަލައިގަންނާނަން. އެގޮތަށް ކުރިއަށްގެންދާނަން.
އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ.
وَالسَّلَام عَلَيْكُمْ.