﷽
اَلْحَمْدُ لَّلهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى سَيِّدنَا مُحَمَّدٍ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އެންމެހައި ދަރިވަރުން، އެންމެހައި ޢިއްޒަތްތެރީން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، މި އުފާވެރި ޖަލްސާ، އަޑުއައްސަވާ، ބައްލަވާ އެންމެހައި ލޮބުވެތި ރައްޔިތުން.
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ
އަޅުގަނޑު އެންމެ ފުރަތަމަވެސް މިރޭގެ ޖަލްސާގައި އެކިއެކި ވަނަތައް ހާސިލުކުރި ލޮބުވެތި ދަރިވަރުންނަށް އަދި އާންމު ފަރާތްތަކަށް، ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްދުކުރަން. އަދި މިރޭ ނަތީޖާ ފާޅުކުރެވުނު އެންމެހައި މުބާރާތްތަކުގެ ހުރިހާ ބައިވެރީންނަށްވެސް، އަދި އެ ބައިވެރިއެއްގެ ހުނަރާއި ފަންނުގައި ކާމިޔާބީއަށް އެދެން. ހަމަ މި ނުކުތާގައި މުބާރާތްތަކަށް ބައިވެރީން ތައްޔާރުކޮށްދިނުމުގައި އެހީތެރިވި ބެލެނިވެރީންނަށާއި، މުދައްރިބުންނަށާއި، އެންމެހައި ފަރާތްތަކަށް ޝުކުރާއި ސާބަސް ރައްދުކުރަން.
އާދެ! ޝައްކެއް ނެތް. އަދަބިއްޔާތަކީ ޤައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް. ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ، ޤައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު. އިންތިހާޔަށް ބޭނުންތެރި ދެ ފަންނު. މި ދެ ފަންނު އުފެދެނީ ސަގާފަތާއި ތަރިކައިގެ ތެރެއިން. އެހެންވީމާ، ޤައުމެއް ކުރިއަރައި ދިޔުމުގައި އެ ބައެއްގެ ސަގާފަތް އިސްލާހުވާން ޖެހޭ. އެ ބައެއްގެ ތަރިކަތަކަށް އިޙްތިރާމުކުރެވެން ޖެހޭނެ. އެއާއެކު އެ ބައެއްގެ ފިކުރާއި ޚިޔާލުތައް ފުންވެ އުފެއްދުންތެރި، އަޚުލާޤު ރަނގަޅު ހަރުދަނާ ބަޔަކަށްވާންޖެހޭ. އޭރުން އަޅުގަނޑުމެންނަށް ހާސިލުވާނީ ހަމަޖެހުން، ތަރައްޤީ، އަދި ރައްކާތެރިކަން.
ވީމާ، ދިވެހި ތަރިކައިގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތްކުރަމުން. މި ކަމަށްޓަކައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ޚިދުމަތްތަކަށް ވަކި ވުޒާރާއެއް އުފެއްދީ. މި ކަމަށްޓަކައި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއް އުފެއްދީ. މި ކަމަށްޓަަކައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފެއްދީ. މި ކަމަށްޓަަކައި ދިވެހި ބަހުގެ އެކަޑެމީ ފަދަ، ދިވެހި ޤައުމީ ދާރުލްއާސާރު ފަދަ ގުޅުން ހުރި މުއައްސަސާތަކުގެ ޚިދުމަތް ދިނުމުގައި، ވުޒާރާއާ އެކީ، އެއްކުޑައެއްގެ ދަށަށް ގެނެވުނީ. އެއީ، ދިވެހި ތަރިކައިގެ ދާއިރާ ވަކި އެއް ދާއިރާއެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި. ދިވެހި ޤައުމަށް
މި ގޮތުން ޢިލްމީ، އަދަބީ، އަޚުލާޤީ އަދި ސަގާފީ އިންޤިލާބީ ބަދަލެއް ގެނައުމަށް އަޅުގަނޑު ބޭނުންވާތީ.
އާދެ! ދިވެހީން ދިވެހީންނަށްވަނީ ދިވެހި ބަހުގެ ސަބަބުން. ދިވެހިބަސް އެއްޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭން އޮތް ފުރުސަތަށް ބަލާއިރު، ކުޑަކުދީން ކިޔާނެ ދިވެހި ފޮތްތައް ބޭނުންވޭ. ކުޑަކުދީންނަށާއި، ޒުވާނުންނަށާއި އަދި އެ ނޫންވެސް ފަރާތްތަކަށް ބޭނުންވާ ދިވެހިބަހުގެ ފޮތްތައް ލިޔުއްވަން ބޭނުންފުޅުވާ އަދި މިހާރުވެސް އެ މަސައްކަތްކުރައްވާ އެތައް ބޭފުޅުންނެއްވެސް އެބަ ތިއްބެވި. ނަމަވެސް ފޮތް ޗާޕުކުރުމުގެ ޚަރަދުބޮޑުވުމުގެ ސަބަބުން އެ މަސައްކަތަށް ވަރަށް ބޮޑެތި
ހުރަސްތައް އެބަހުރި ކަމުގެ ކަންބޮޑުވުން އެތައް ބޭފުޅުންނެއް ފާހަގަކުރައްވާ.
މިއީ، ޤައުމީ މައްސަލައެއް. މިއީ، އަޅުގަނޑު އަޅާނުލައި ދޫކޮށްލާނެކަމެއް ނޫން. އަޅުގަނޑުމެންގެ ޅަދަރީންނަށާއި ޒުވާނުންނަށް އަޅުގަނޑުމެންގެ ދިވެހި މާދަރީބަސް ފޯރާނެ މަގުތައް ތަނަވަސްވެފައި އޮންނަން ޖެހޭނެ. ވީމާ، ދިވެހިބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތްޗާޕުކުރުމުގައި ކުރިޔަށް އޮތް ތާނގައި، ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދޭނަން.
އާދެ! ހަމައެއާއެކު، ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ތާރީޚު، ކުދީންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުންވެސް މުހިންމު. ހަމައެކަނި ލިޔެފައިވާ ފިލާވަޅުތަކަކަށް ހަނިކުރެވިފައި އޮތް އޮތުން ރަނގަޅެއް ނޫން. ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭންވެސް ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުން އެބަދޭ. އެ ގޮތުން ބަލާއިރު ރާއްޖޭގައި ކުޑަކުދީން ބަލާނެ ކާޓޫނު ފިލްމު، ޤައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުން އެއީ، ބައެއް ބޭފުޅުން ފާހަގަކުރައްވާކަމެއް. ވަކިން ޚާއްޞަކޮށް ރާއްޖެއިން ބޭރުގައި އުޅުއްވާ ދިވެހި އާއިލާތަކާއި އަދި ރާއްޖޭގައިވެސް ބެލެނިވެރީން އޮފީހުގައި ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާ ހާލަތްތަކުގައި ކުޑަކުދީންނަށް ފައިދާހުރި ވަގުތުތަކަށް އެ ވަގުތުތައް ބަދަލުކޮށްލައްވަން ބެލެނިވެރީން ބޭނުންފުޅުވޭ. އެކަމަކު އެ ފަދަ ވަގުތަކުވެސް ކުޑަކުއްޖަކަށް ދައްކާލެވޭނެ ވީޑިއޯ ނުވަތަ ގޭމް ފަދަ ތަކެތި ނެތްކަމުގެ ހަމަ އިޚްލާޞްތެރި ކަންބޮޑުވުން ވަރަށް ގިނަ ބެލެނިވެރީން ފާޅުކުރައްވާ! އަޅުގަނޑު ބޭނުންވަނީ މި ބޮޑު ޤައުމީ އުދާސްތަކަށް ހައްލެއް ގެންނަން. އެހެންވީމާ، އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީޚާއި އަދި ތަރިކައިގެ ދާއިރާއިން ކުޑަކުދީންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާއެކީގައި ހުޅުވާލާނަން.
އާދެ! މިރޭ ނަތީޖާ ފާޅުކުރެވުނު މުބާރާތްތަކުގެ ތެރޭގައި ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތް ފާހަގަކުރެވޭ. އާދެ! އެ މި މުބާރާތް މިހާތަނަށް ހިނގަމުން މި އައީ ރައީސުލްޖުމްހޫރިއްޔާގެ އިނާމު ލިބޭ މުބާރާތެއްގެ ގޮތުގައެއް ނޫން. ނަމަވެސް އަޅުގަނޑު ގަސްދުކުރީ މިކަން އިސްލާހުކުރަން. އެގޮތުން މި ފަހަރު ތާނައިގެ އަތުލިޔުމުގެ މުބާރާތަށްވެސް އެހެން މުބާރާތްތަކެކޭ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އިނާމު އެ ލިބިވަޑައިގަތީ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ތާނައަކީ ދިވެހީންގެ ފަޚުރެއް. ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮންނަ ފަދައިން ދިވެހީންގެ އަމިއްލަ އަކުރެއް އޮތުމަކީ އެއީ ވަރަށް ބޮޑު ޝަރަފެއް. އަދި ޤައުމެއްގެ ނިސްބަތުން ބަލާއިރު، އަމިއްލަ އަކުރެއް އޮތުމަކީ އެ ޤައުމެއްގެ ސަގާފީ ސިޔާދަތު އެތައް ގުނަޔަކަށް މަތިވެގެންދާ ކަމެއް. މި ސަބަބަށްޓަކައި އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ، ޤައުމީ ފެންވަރުގައި ވަޒަންކުރެވޭ، ޤައުމީ މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދިޔުމަށް އަޅުގަނޑު ނިންމި ވާހަކަ އިޢުލާނުކުރަން.
ލޮބުވެތި ދަރިވަރުން!
ތިޔަ ކުދީން ވާދަކުރީ މޮޅު މަޒުމޫނު ލިޔުންތެރިޔަކަށް ވާން! ތިޔަ ކުދީން ވާދަކުރީ މޮޅު ވާހަކަލިޔުންތެރިޔަކަށް ނުވަތަ މޮޅު ޅެންވެރިޔަކަށްވާން! ތިޔަ ކުދީން ވާދަކުރީ ވަރަށް ދޫ ފަސޭހަ ކުޅަދާނަ މޮޅު ވާހަކަދެއްކުންތެރިޔަކަށްވާން! ތިޔަ ކުދީން ބުރަކޮށް މަސައްކަތްކުރީ މި ފަދަ އެތައް އެތައް ހުނަރެއް ހޯދާން! ތިޔަ ކުދީންގެ ކިބައިގައިވާ ތިޔަ ހުނަރަކީ ވަރަށް ބޮޑު އަމާނާތެއް. އަދި އެހާމެ މަތިވެރި ނިޢުމަތެއް.
ތިޔައީ ތިޔަ ހުނަރުތައް ދެއްވި ކަމަށްޓަކައި މާތްﷲއަށް ޙަމްދުކުރުމާއެކު، ވަރަށް ޒިންމާދާރުކަމާއެކީ ބޭނުންކުރަންވާނެ ވަސީލަތެއް. އެހެންވީމާ، ކޮންމެ ކުއްޖަކުވެސް އެ ކުއްޖަކަށް ލިބިފައިވާ އަދަބީ ޤާބިލުކަން އަބަދުވެސް ދިވެހި ޤައުމާ އެއްކޮޅަށް ބޭނުންކުރަން އަޅުގަނޑު ތިޔަކުދީންނަށް ގޮވާލަން. އެއީ، ދީނީ ގޮތުންނާއި ޤައުމީ ގޮތުން މަޞްލަޙަތު ހުރި ލިޔުންތައް ލިޔުން.އެ ގޮތަށް ވާހަކަދެއްކުން. ފަސާދަޔަށް ނޫނެކޭ ބުނުން. އުފެއްދުންތެރި އާ ވިސްނުންތައް ވިސްނައި ޚިޔާލުތައް އާންމުކުރުން. ދޭދޭ ޤައުމުތަކުގެ ގުޅުންތަކާއި، ދިވެހި ޤައުމުގެ ސަލާމަތާއި، އިޖުތިމާޢީ އަދަބުތަކާއި ބަހުގެ ހަމަތަކަށް ފިސާރި ފަރުވާތެރިވުން. ދިވެހި ޤައުމަށް އެންމެ ފައިދާހުރި ގޮތަށް ކޮންމެ ފޮޅުވަތެއްވެސް ލިޔުން. ކޮންމެ ވާހަކައެއްވެސް ޙަޤީޤަތާ މަޞްލަޙަތާ އެއް ގޮތަށް ބުނުން. އަޅުގަނޑު ތިޔަކުދީންގެ ކިބައިން އެދެނީ، ތިޔަކުދީންގެ މި ލޯބިވެތި ވަޠަން ދެކެ އަބަދުވެސް ހިތުގެ އެންމެ ފުންމިނުން ލޯބިވުމަށް.
އޯގާވަންތަ ﷲ އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮ ވިސްނުން ދެއްވާށި! ދިވެހީންނަށް އަދަށްވުރެ ފަހި އުޖާލާ މާދަމާއެއް މިންވަރު ކުރައްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ ތާއަބަދުމެ ދަމަހައްޓަވާށި! އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيب
والسلام عليكم ورحمة الله وبركا ته