بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޚާއްޞަކޮށް ދިރިއުޅުއްވާ ރައްޔިތުން، ހުޅުމާލޭގެ ރައްޔިތުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ މި ބޭއްވެނީ، ފޭސް 2 ގައި ބޭއްވޭ ބައްދަލުވުން. އާދެ، ތިޔަބޭފުޅުން ވަގުތު ހުސްކުރައްވައި، މިތަނަށް ވަޑައިގެން ތިއްބެވި ކަމަށްޓަކައި، ލޮބުވެތި ހުރިހާ ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މިރޭގެ މި ބައްދަލުވުމަކީ، ތިޔަބޭފުޅުން ވިދާޅުވާން ބޭނުންފުޅުވާ ކަންކަން ވިދާޅުވުމަށް ޚާއްޞަ ކުރެވިފައިވާ ބައްދަލުވުމެއް. އެހެންކަމުން، އަޅުގަނޑު ފުރަތަމަ މާގިނަ ވާހަކަތަކެއް ނުދައްކާ، އަޅުގަނޑު އެދެނީ، ތިޔަބޭފުޅުން ވިދާޅުވެލައްވަން ހުރި ކަންތައްތައް، އެއީ ކަންބޮޑުވުމެއް ކަމުގައިވިޔަސް، މައްސަލައެއް ކަމުގައިވިޔަސް، ޚިޔާލެއް ކަމުގައިވިޔަސް، މަޝްވަރާއެއް ކަމުގައިވިޔަސް، ކޮންމެ ކަމެއް ކަމުގައިވިޔަސް ވިދާޅުވުމަށް. އަދި އޭގެފަހުން، ތިޔަބޭފުޅުން ވިދާޅުވާ ކަންކަމަށް އަލިއަޅުވައިލެވޭތޯ އަޅުގަނޑު ބަލާނަން.
ޖުމްލަކޮށް ދަންނަވާލަން ބޭނުންވަނީ، ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް، ވީ އެންމެ ރަނގަޅު ޙައްލެއް ގެނެސްދިނުމަކީ، އަޅުގަނޑުމެންގެ މި މަސައްކަތުގެ ބޭނުމޭ. ރައްޔިތުން ފާޅުކުރައްވާ ކޮންމެ ޚިޔާލަކީ، މަޝްވަރާއަކީ ހަމަ މުހިންމު ކަމެއް. އެހެންވީމާ، މިވަގުތު އަޅުގަނޑު ކުރުކޮށްލާފައި، ފުރަތަމަ ތިޔަބޭފުޅުންނަށް ފުރުޞަތު އަރުވާނަން.
ވަރަށް ބޮޑަށް ޝުކުރިއްޔާ!
ބައްދަލުވުން ނިންމަވަމުން ދެއްކެވި ވާހަކަފުޅު:
ވަރަށް ގިނަ ބޭފުޅުން އަދިވެސް ފުރުޞަތަށް އެބަ އެދިވަޑައިގަންނަވާ. މިހާރުވެސް ވާހަކަފުޅު ދެއްކެވި ބޭފުޅުންނަށްވުރެ މާގިނަ، ވާހަކަފުޅު ދައްކަވަން އެދިވަޑައިގެންފައި ތިއްބެވި ބޭފުޅުންގެ އަދަދު. އެހެންނަމަވެސް، އަޅުގަނޑު ހިތުން މިހާރު 12 ވެސް ޖަހާތީ، ވަރަށް ލަސްވެގެން މިދަނީ.
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ފުރުޞަތަކީ މިގޮތަށް އަޅުގަނޑުމެން ބާއްވާ ފުރަތަމަ ބައްދަލުވުންވީމާ، ހަމަ ޔަޤީނުންވެސް، ހުރިހާ ބޭފުޅުންވެސް ބޭނުންފުޅުވާނެ އެއްޗެއް ވިދާޅުވާން. އެއީ، މީގެ ކުރީގައި މިގޮތަށް އެއްވެސްކަހަލަ ފުރުޞަތެއް ލިބިފައި ނެތީމަ، ހުރިހާ ކަންބޮޑުވުންތައް ޙިއްޞާކޮށްލަން ހުރިހާ ބޭފުޅުންވެސް ބޭނުންފުޅުވަނީ. އަޅުގަނޑަށް ވަގުތުވީވަރަކުން، ދެން އެންމެ އަވަހަށް އަނެއްކާވެސް ދެވެންއޮތް ފުރުޞަތެއްގައި، މިކަހަލަ އިތުރު ބައްދަލުވުންތައް ބާއްވާނަން ފޭސް 2 ގައިވެސް އަދި އެހެން އަވަށްތަކުގައިވެސް. އެހެންވީމާ، މިހާރު އެއްޗެއް ވިދާޅުވެލައްވަން ތިއްބެވި ބޭފުޅުންނަށް ދަންނަވާލާނީ، އަޅުގަނޑު ހިތުން މިރޭ މިހާ ލަސްވެގެންދިޔައީމަ، އިތުރު ވަގުތު ނަގައިފިއްޔާ އެއީ، އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެއޭ. މިހާރުވެސް 100 އަށްވުރެ ގިނަ ބޭފުޅުން އަދިވެސް ވާހަކަ ދައްކަވަން އެބައޮތް އެދިވަޑައިގެންފައި. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކޮންމެ ބޭފުޅަކު ވިދާޅުވެލައްވާ ވާހަކައެއްވެސް ކަނުލައި އަޅުގަނޑު އެބަ އަޑުއަހަމޭ. ކޮންމެ ބޭފުޅަކު ވިދާޅުވެލައްވާ ކަމަކީވެސް، އެއީ ވަރަށް މުހިންމު، ވަރަށް ބޭނުންތެރި ވާހަކަފުޅުތަކެކޭ. އެހެންވީމާ، އެކަންކަމަށް ވަރަށް ސީރިއަސްކަމާއެކީގައި އެޓެންޑްވާނަމޭ. އަދި މި ބައްދަލުވުން ނިންމާފައި، އަޅުގަނޑާ އެއްވެސް އެއްޗެއް، ލިޔުމެއް ހަވާލުކުރައްވަން ބޭނުންފުޅުވާނަމަ، އެވެސް އަޅުގަނޑު ސީރިއަސްކަމާއެކީގައި ބަލައި، އޭގައި އޮންނަ ކަމަކަށް ދެވެން އޮތް އެންމެ ރަނގަޅު ޖަވާބެއް، ނޫނީވިއްޔާ ޙައްލެއް، ނޫނީވިއްޔާ އެދިވަޑައިގެންފައިވާ ކަމެއް ކޮށްދޭނަމޭ، ޤާނޫނާއި ގަވާއިދުގެ ތެރެއިން، އުސޫލުތަކުގެ ތެރެއިން، އެންމެ ރަނގަޅަކަށް، ކޮށްދެވެން އޮތް އެންމެ ފުރިހަމައަކަށް، އެންމެ އަވަސްމިނެއްގައި. އަދި ދެން އޮންނަ މިފަދަ ބައްދަލުވުމެއް ބޭއްވޭ ފަހަރަކުން، ހަމަ ޔަޤީނުންވެސް އިތުރު ބޭފުޅުންނަށް ފުރުޞަތު ލިބިގެންދާނެ. އެހެންވީމާ، އެއީ އަޅުގަނޑު ހިތުން މިތާނގައި އަޅުގަނޑު ދަންނަވާލަން ބޭނުން ވާހަކައެއް.
ޖުމްލަކޮށް، ހިޔާ ފްލެޓް، އަދި ވިނަރެސް، ދެންހުރި ފްލެޓްތަކުގެ ރައްޔިތުންވެސް އެ ފާހަގަކުރެއްވީ، ވަރަށް މުހިންމު ވާހަކަތަކެއް. މި ފޭސް 2 ގައި މިހިރީ ވަރަށް ގިނަ މައްސަލަތަކެއް. ވަރަށް ގިނަ ކަންތައްތަކެއް ޙައްލުނުކުރެވި، މީގެކުރީގައި އެ ކަންތައްތަކަށް މާބޮޑު ސަމާލުކަމެއް ނުދެވުމުގެ ސަބަބުން ޙައްލުނުކުރެވި، ގިނަވެފައި ހުރި ކަންތައްތަކެއް. އެހެންވީމާ، ވަރަށް ގިނަ ބޭފުޅުން އެކަންކަން އެވަނީ ފާހަގަކުރައްވާފައި. ނަމަވެސް، އެޗް.ޑީ.ސީ.އިންނާއި، ސަރުކާރުގެ ތެރެއިން މިދަނީ ރަނގަޅުކުރުމަށްޓަކައި އެކިކަހަލަ ކަންތައްތައް ކުރަމުން. ދިރިއުޅުން ފަސޭހަކުރުމަށްޓަކައި މަސައްކަތްތައް ކުރަމުން. މަގުމަތީގައި ހިނގާ ބިނގާވެ އުޅުންވިޔަސް، ދުއްވުމަށްޓަކައިވިޔަސް، އަދި ޕާކުކުރުމާ ގުޅޭގޮތުން ކަމުގައިވިޔަސް، މިހެންހުރި ކޮންމެ ކަމެއް، އިޖުތިމާޢީ ގޮތުން މިހެން ހުންނަ ނުރައްކާތެރި އެކިކަހަލަ ކަންތައްތައް ކަމުގައިވިޔަސް، ކްރައިމްއާ ގުޅިފައި ހުރި ކަންކަމުގައިވިޔަސް، ޑްރަގާ ރިލޭޓެޑް ކަންތައްތައް ކަމުގައިވިޔަސް، އެކަންކަން ޙައްލުކުރުމަށްޓަކައި މަސައްކަތްތައް ކުރަމުން މިދަނީ. ޚާއްޞަކޮށް، ފޭސް 2 ގައި މި މައްސަލަ ބޮޑުވެފައި އޮތްވަރު، އަޅުގަނޑުމެން އެންމެންނަށް އެބަ އެނގޭ. އެހެންވީމާ، އެކަންކަން ޙައްލުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރަން. ކުރިއަށް އޮތް ތާނގައި، އޭގެ ނަތީޖާވެސް އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަންތައްތައް އެއީ.
އާދެ، މިސާލަކަށް ހިޔާ، އަދި އެހެން ޓަވަރުތަކުގައިވެސް ކޯޕަރޭޓިވް ސޮސައިޓީ، ނޫނީވިއްޔާ ކޯޕަރޭޝަން ހެދުމުގެ ކަންތައް، އެކަންވެސް މިހާރު އެޗް.ޑީ.ސީ.އިން ހައުސިންގ މިނިސްޓްރީއާއި، ކަމާބެހޭ ފަރާތްތަކާ އެކީގައި ކުރައްވަމުން އެބަ ގެންދަވާ. އަޅުގަނޑު ބަލާނަން، އެކަން އަވަސްކުރުމަށް ބާރުއަޅައި، އެކަން އަވަސްކުރުމަށް. އަދި ހިޔާގެ ބޭފުޅުން މިތަނުގައި އެ ފާހަގަކުރެއްވި އެކި ކަންތައްތައް. މިސާލަކަށް، އަޅުގަނޑު ދަންނަވާފައި އޮންނާނެ، ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދިނުމުގެ ކަންތައް. އެކަންވެސް އަޅުގަނޑު ދެންނެވި ގޮތަށް އެކަން ކުރުމަށްޓަކައި، އެޗް.ޑީ.ސީ.ގައި މިހާރު އަޅުގަނޑު އޮންނާނީ ދަންނަވާފައި. އެހެންވީމާ، ތިޔަބޭފުޅުންގެ އެގްރީމަންޓް ބަދަލުވެގެންދާއިރު، މިހާރު ތިޔަ ވިދާޅުވި ކަންބޮޑުވުންތައް އެއީ، އަޅުގަނޑު ބަލާނެ ކަންތައްތައް. އެ ދެ ލައްކަ ރުފިޔާ އަޅުގަނޑު ދެންނެވި ގޮތަށް، އެކަން އުނިކުރުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް ކޮށްދޭނަން.
ތިޔަބޭފުޅުންގެ ތެރޭގައި، މިސާލަކަށް ފައިސާ ނުދެއްކި، ބެކްލޮގް އަރާފައި އޮތީމަ، ބޮޑު އަދަދެއް އަރާފައި އޮތީމަ، އެކަން ބެލުންވެސް އަޅުގަނޑު މިހާރު ހަވާލުކޮށްފިން. ދެން، އެ މަޢުލޫމާތު ލިބުނީމާ އަޅުގަނޑު ބަލާނީ، އޭގައި ކޮބައިތޯ އޮތްގޮތަކީ ކުރިއަށްދިޔުމަށް. ގައިމުވެސް ދެލައްކަ ރުފިޔާގެ ކަންތައް އެއީ، އަޅުގަނޑު ދެންނެވި ގޮތަށް ޙައްލުވާނެ ކަމެއް.
ދެން، އޭގެއިތުރަށްވެސް، ވަރަށް ގިނަ ކަންތައްތައް ފާހަގަކުރައްވައިފި. ސެކިއުރިޓީއާ ގުޅޭ ކަންތައްތައް ކަމުގައިވިޔަސް، އަދި އެހެން ކަންތައްތައްވެސް. އަދި އަގުގެ ކަންތައް. ކުލީގެ ކަންތަކުގައިވެސް ފާހަގަކުރެއްވި ކަންތައްތައް، އަޅުގަނޑު ވަރަށް ސީރިއަސްކަމާއެކީގައި ބަލައިދޭނަން. އެއީ، މަހުން މަހަށް ދައްކަންޖެހޭވަރު، ކޮންމެ މަހަކުވެސް އަޅުގަނޑު ވަޢުދުވެފައިވާ ވަރަށް ދެއްކޭނެ ގޮތަށް އެގްރީމަންޓް ބަދަލުކޮށްދޭނަން. މިހާރު ތިޔަ ވިދާޅުވާހެން އޮތީ، ވަކި އަދަދަކަށް ދިޔައީމަ، ހަތް އަހަރު ފަހުން ބޮޑުވާކަހަލަ ގޮތަކަށް، ނޫނީވިއްޔާ ވަކި އަދަދެއްވީމާ ބޮޑުވާކަހަލަ ގޮތަކަށް. އެ ނިޒާމު، ނޫނީވިއްޔާ އެ ސިސްޓަމެއް ކަމަކުނުދޭ. އެހެންވީމާ، އަޅުގަނޑު ބަލައިދޭނަން، ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް، އެ ހުރިހާ ކަމެއްވެސް، މަހުން މަހަށް ދައްކަންޖެހޭވަރުވެސް، އަދި ޓޯޓަލް އަގުގެ މައްސަލަވެސް ޙައްލުކޮށްދިނުމަށް.
ހަމައެއާއެކީގައި، މީގައި އެބަހުރި ބޭންކުތަކުން ލޯނު ނަގާފައި ތިބި ފަރާތްތައް. ބީ.އެމް.އެލް.ގައި ވެއްޖިއްޔާ، ބީ.އެމް.އެލް.ގެ ފަރާތުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެހީތެރިކަމެއް އެބަ ދެއްވާ. ތިޔަބޭފުޅުން ނަންގަވާފައި އޮތް ލޯނުގެ އެކިކަހަލަ ލުއިތައް ދެއްވައިފި. އެމް.އައި.ބީ.އާ ވާހަކަ ދައްކައިގެން އަޅުގަނޑު ބަލާނަން، އެ ބޭފުޅުންގެ އެ އޮންނަ އުސޫލުތަކުގެ ތެރެއިން، ކޮބައިތޯ ގެނެވޭނެ ޙައްލުތަކަކީ. އެހެންވީމާ، އެކަމަށްވެސް މަސައްކަތް ކޮށްދޭނަން.
އޭގެއިތުރަށްވެސް، ދެންހުރި އެކިއެކި މައްސަލަތައްވެސް ފާހަގަކުރެއްވި. ފަހިދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓްތައް ލިބިލެއްވި ފަރާތްތައް، މިހާރު އެ ތަންތަން ލިބެމުން އެދަނީ. މާނައަކީ، އެތަނަށް ވަދެވޭގޮތް ވަމުންނޭ އެދަނީ. ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ގާތްގަނޑަކަށް ހުރިހާ ފްލެޓެއްގެ ހުރިހާ ކަންތައްތަކެއް ނިމި، އެ ތަންތަން ލިބުނު ފަރާތްތަކަށް އެ ތަންތަން ހަވާލުވެގެން އެދަނީ. ދެން، މިހާރު އެއްކަމަކީ، އެތަނަށް އެޑްވާންސް ޕޭމަންޓެއް ދައްކަންޖެހޭ ވާހަކަ. ތިން ކޮޓަރީގެ ފްލެޓް ލިބުނު ފަރާތްތައް، 25,000 ރުފިޔާ ދައްކަންޖެހޭ ވާހަކަ. ނޫނީވިއްޔާ އެގޮތަށް އޮތީ. އަދި ދެ ކޮޓަރި ލިބިފައި ހުރި ފަރާތްތައް، އަޅުގަނޑު ހިތުން 15,000 ރުފިޔާ މިވަގުތު މިއޮތީ ދައްކަން. ދެން، މި ހުރިހާ ކަމަކަށް، އިރާދަކުރެއްވިއްޔާ ލުއިތަކެއް ގެނެސްދޭން އަޅުގަނޑުމެން މިހާރު މިވަނީ ނިންމާފައި. އޭގެތެރެއިން އެއްކަމަކީ، ތިން ކޮޓަރި ލިބިފައި ހުރި ފަރާތްތަކުގެ މިހާރު މަހުން މަހަށް އޮންނަ އަގާއި، އަދި މެއިންޓެނަންސާއި، ހުރިހާ އެއްޗެއް އެކީގައި މިއޮތީ ޓޯޓަލް އަގަކަށް. އަދަދަކަށް މިހާރު މި އޮންނަނީ، 10,500. އެ އަދަދު 10,000 ރުފިޔާއަށް ކުޑަކޮށް، އަދި އެޑްވާންސް ޕޭމަންޓް 25,000 ރުފިޔާ، 8,000 ރުފިޔާއަށް ކުޑަކުރެވިގެންދާނެ. ދެން، ހަމައެއާއެކީގައި، 7,000 ރުފިޔާ ދައްކަން މި އޮންނަނީ، އެފް.ޑީ.ސީ. ފްލެޓްތަކުގެ ދެ ކޮޓަރީގެ ފަރާތްތަކުގެ އެ އަދަދު ކުޑަކުރެވިގެން މިދަނީ، 6,000 ރުފިޔާއަށް ކުޑަކުރެވި، ޓޯޓަލް މިހާރު ދައްކަންޖެހޭ އަދަދުން، 1,000 ރުފިޔާ ކުޑަވެގެންދާނެ. ހަމަ އެއާއެއްގޮތަށް، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާ އަދަދުވެސް، އެއް މަހުގެ ކުއްޔަށް ވާވަރަށް، ނޫނީވިއްޔާ އެއްމަހު ދައްކަންޖެހޭ އަދަދަށް ކުޑަވެފައި އޮންނާނީ. އެހެންވީމާ، އެގޮތަށް އެފް.ޑީ.ސީ.ގެ ފަރާތުން އެ ފްލެޓްތައް ލިބިފައިވާ ފަރާތްތަކާ އެކީގައި އެގްރީމަންޓް އާކޮށް، ރިވައިސް ކުރާނެ.
ދެން ހަމައެއާއެކީގައި، ދެންހުރި ފްލެޓްތަކުގެވެސް އަގުތައް، ހިޔާ ފްލެޓްތަކުގެ އަގު ކުޑަވެގެންދާއިރުގައި، މި ދަންނަވާ ދެ ލައްކަ ރުފިޔާ އަގު ކުޑަކުރެވި، ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު ކުޑަވެގެންދިޔައީމަ، ވަރަށް ބޮޑު ލުޔެއް ވާނެ.
ދެން އޮތް ތަނަކީ، ވިނަރެސް ފްލެޓުތައް. އެ ތަނުގައި އެހެރީ، އެކި ފަރާތްތަކުން އެކި ލޯނުތައް ނަގާފައި. އަޅުގަނޑު ދެންނެވި ފަދައިން، ބީ.އެމް.އެލް.އިން ލުއިތަކެއް އެބަ ދެއްވާ. އަޅުގަނޑު ކުޑަކޮށްދިން އަގާ އެއްވަރަށް، އެކަމަށް ޙައްލެއް ގެނެސްދޭން އެ ބޭފުޅުން އެ މަސައްކަތް ކުރައްވަނީ.
އާދެ، ޖުމްލަކޮށް ފްލެޓުތަކާ ގުޅޭގޮތުން، އަގުތަކާ ގުޅޭގޮތުން މި ދެންނެވި ވާހަކަ އަޅުގަނޑު މި ފާހަގަކޮށްލީ. އޭގެއިތުރަށް، ދެންހުރި ކަންކަމަކީ، މުޅި މުޖުތަމަޢާ ގުޅިފައި ހުރި ކަންތައްތައް. މަގުތަކާ ގުޅޭ ކަންކަން، މޫދަށްއެރޭ ތަން ނެތުމުގެ މައްސަލަ، ނޫނީވިއްޔަ ޕާކުތަކާއި، މިހެންގޮސް، ސޯޝަލް އެކިކަހަލަ ބޭނުންތަކަށް ބޭނުންކުރާނެ ތަންތަނާ، މިހެން ހުރި ކަންކަން އަޅުގަނޑުމެން ވީހާވެސް އަވަހަކަށް ރަނގަޅުކުރުމުގެ މަސައްކަތް ކުރާނެ.
ނެހެދިފައި ހުރި މަގުތައް ހެދުމަށްވެސް މިހާރު މަސައްކަތްތަކެއް އެވަނީ ފެށިފައި. އަދި އޭގެއިތުރަށް، ސެކިއުރިޓީ ވައިސް ރަނގަޅު ކުރުމަށްޓަކައި، މިހާރު އެވަނީ އެޗް.ޑީ.ސީ.އިން ވަކި މަސައްކަތްތަކެއް ފަށާފައި. އިތުރަށް ސެކިއުރިޓީ ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އެގެންދަނީ. އެހެންވީމާ، ކުރިއަށް އޮތް ތާނގައި، މިހާރު ހުރި ހުރިހާ މައްސަލައެއް އެއީ، ރައްކާތެރިކަމުގެ ގޮތުން ކަމުގައިވިޔަސް، އަދި މެއިންޓެނަންސްގެ ގޮތުން ކަމުގައިވިޔަސް، މި ހުރިހާ ކަމެއް ރަނގަޅުކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.
އެހެންވީމާ، ފޭސް 2 ގައި މިހިރަ ހުރިހާ މައްސަލަތަކަކީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި، ވީ އެންމެ ރަނގަޅަކަށް ޙައްލުވެގެންދާނެ ކަންތައްތައް. އެއީ، ޕާކުތައް ހެދުން ކަމުގައިވިޔަސް، އަދި ދެންހުރި ހުރިހާ ކަމެއް ކަމުގައިވިޔަސް. އެހެންވީމާ، އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ ހުޅުމާލޭގެ ފޭސް 2 ގައި މިހިރަ ހުރިހާ މައްސަލަތަކެއް، އެއީ އަމިއްލަ އިންޑިވިޖުއަލް ކަންކަން ކަމުގައިވިޔަސް، ފްލެޓުތަކާ ގުޅޭ ކަންތައްތައް ކަމުގައިވިޔަސް، އަދި ޖުމްލަކޮށް، މުޖުތަމަޢާ ގުޅޭ މައްސަލަތައް ކަމުގައިވިޔަސް، ޙައްލުކުރުމަށްޓަކައި ތިޔަބޭފުޅުން ތިޔަ ވިދާޅުވި ކަންކަމާއި، އަދި ދެންހުރި މައްސަލަތައް ޙައްލުކުރުމަށް ވަރަށް ރަނގަޅަށް، ވީ އެންމެ ފުރިހަމައަކަށް މަސައްކަތް ކޮށްދޭނެ ކަމުގެ ޔަޤީންކަން. އެ ޔަޤީންކަން ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އަރުވަން.
އާދެ، އަޅުގަނޑު މިކަންކަން މި ފާހަގަކޮށްލީ، މިސާލަކަށް ޕާކިންގ ބިލްޑިންގ އެޅުމަށްވެސް، ފޭސް 2 ގައި ޕާކިންގ ބިލްޑިންގގެ ތިން ބިލްޑިންގ އެޅުމަށް މިހާރު އެގްރީމަންޓް ހެދިފައި އެބައޮތް. ކުރިއަށް އޮތް ތިންމަސް ތެރޭގައި އެ ބޭފުޅުން އެ މަސައްކަތް ފަށްޓަވާނެ.
އަދި ހަމައެއާއެކީގައި، މިހާރު ހަރުކުރަމުންދާ ލިފްޓްތައްވެސް އެދަނީ ނިމެމުން. 6 ޓަވަރެއްގައި ނިމިއްޖެ. ދެން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތިން، ހަތަރު މަހެއްގެ ތެރޭގައި އެކީގައި ނިމޭނެ ކަމަށް މި އުންމީދުކުރަނީ. މިހާރު އޮތް ޝެޑިއުލްގައި އޮތްގޮތުންވިއްޔާ، އެޕްރީލް މަހުގެ ނިޔަލަށް. އެއީވެސް އަޅުގަނޑު ވެފައި އޮތް ވަޢުދެއް.
އެހެންވީމާ، މިގޮތަށް ހުރި ހުރިހާ ކަމެއް ރައްޔިތުން ވިދާޅުވެލައްވާފައި ހުރިގޮތަށް، އަދި އަޅުގަނޑު ވަޢުދުވެފައި ހުރިގޮތަށް ޙައްލުކުރުމުގެ ކަންތައްތައް، އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ހުރިހާ ބޭފުޅުންނަށް އަރުވަން.
އާދެ، ވަރަށް ގިނަ ބޭފުޅުން ވާހަކަ ދައްކަވަން ބޭނުންފުޅުވި. އެހެންނަމަވެސް، އަޅުގަނޑު ހިތުން އެހާ ގިނަ ބޭފުޅުން އެދިވަޑައިގަތީމަ، މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއްޗެއް ވިދާޅުވާން ފުރުޞަތު ނުދެވުނީ. އެހެންނަމަވެސް، ހުރިހާ ބޭފުޅުން ބޭނުންފުޅުވާ ކަންކަމަށް، މިހާރު ވިދާޅުވި ކަންކަމަށް އަޅުގަނޑު ވަރަށް ސީރިއަސްކަމާއެކީގައި، ޙައްލު ގެނެސްދޭނެ ކަމަށް ދަންނަވަން. އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުން ވަޑައިގެންނެވީތީ، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
وَالسَّلَامُ عَلَيْكُمْ.