ފްލެޓްތަކުގެ ކުއްޔާއި ސަލާމަތީ ކަންކަން ހިމެނޭހެން ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް، އެއީ ވަކިވަކި ފަރުދުންނާ ގުޅިފައިވާ ކަންކަން ނުވަތަ މުޅި މުޖުތަމަޢާ ގުޅިފައިވާ ކަންކަންކަމުގައި ވީ ނަމަވެސް، ވީ އެންމެ ރަނގަޅަކަށް، އަދި އެންމެ ފުރިހަމައަށް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ، އެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ޔަޤީންކަންދެއްވާ، ވާހަކަފުޅުދައްކަވާފައި މި ވަނީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނާއެކު، ޞަލާޙުއްދީން ސްކޫލު ހޯލުގައި މިރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ރައްޔިތުން ޙިއްޞާކުރެއްވި ޚިޔާލާއި މަޝްވަރާ، އަދި ފާޅުކުރެއްވި ކަންބޮޑުވުންތައް އަޑުއައްސެވުމަށްފަހު ރައްޔިތުންނާ މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ، އެންމެ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތަކާ ގުޅިފައިވާ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ދާއިރާއަށެވެ. މީގެ ކުރިން ކަންހިނގާ ދިޔަގޮތުން ހައްލު ނުކުރެވި، ގިނަވެފައި ހުރި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާ ވާހާކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންގެ ދިރިއުޅުން ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުރިއަށްގެންދެވޭނެ މަގު ތަނަވަސްކޮށްދެއްވުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިންނާއި، ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އިންވެސް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމުގެ ޔަޤީންކަންދެއްވާފައެވެ.

އިޖުތިމާޢީ މައްސަލަތަކާއި، އެކިކަހަލަ ބޮޑެތި ކުށްކުށުގެ މައްސަލަ ފޭސް 2 ގައި ބޮޑުވެފައި އޮތް މިންވަރު ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަންކަމަށް ހައްލު ހޯދުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ކުރިއަށް އޮތްތަނުގައި ފެންނަ ނަތީޖާ ރަނގަޅުވާނެކަމުގައެވެ.

ފޭސް 2 ގެ ފްލެޓްތަކުގައި ދިރިއުޅުއްވާ ރައްޔިތުންގެ ކަންބޮޑުވުމެއްގެ ގޮތުގައި، ކޯޕަރޭޓިވް ސޮސައިޓީތައް ހެދިފައި ނެތްނެތުން ފާހަގަކުރެއްވިއިރު، އެކަމަށް ނިމުމެއްގެނައުމަށްޓަކައި އެޗް.ޑީ.ސީއާ ހައުސިންގް މިނިސްޓްރީން މިހާރުވެސް މަސައްކަތްކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ހިޔާ ފްލެޓްތަކުގެ މިލްކުވެރިންނަށް 2 ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދެއްވުމަށް ވިދާޅުވިކަން ތަކުރާރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކަން އެގޮތަށް ކުރެއްވުމަށް އެޗް.ޑީ.ސީއަށް ދަންނަވާފައިވާނެ ކަމަށާ، އެކަމަށްޓަކަައި އެގްރީމަންޓަށް ގެންނަ ބަދަލާއެކު، 2 ލައްކަ ރުފިޔާ އުނިކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން މިރޭ ދެއްވާފައެވެ. ފައިސާ ޚަލާސް ނުކުރެވި ހުރި ފަރާތްތަކުގެ ތަފްސީލުތައް ލިބިވަޑައިގެންނެވިހާ އަވަހަށް، އެކަމުގައި ކުރިއަށް ދެވޭނެ ގޮތެއްވެސް ބައްލަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ)ގެ ފްލެޓްތައް ލިބިވަޑައިގެންނެވި ފަރާތްތަކުން ފާހަގަކުރެއްވި ކުއްޔާއި އެޑްވާންސް ޕޭމަންޓްގެ ޝަކުވާތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. މިކަންކަމަށް ލުއިގެނެސްދެއްވަން ނިންމަވާފައިވާކަމަށާ، އެގޮތުން މެއިންޓަންސްއާއި ކުލި ހިމެނޭހެން 3 ކޮޓަރީގެ ފްލެޓަކުން މަހުން މަހަށް މިހާރު ދައްކަން އޮތް 10500 ރުފިޔާ، 10000 ރުފިޔާއަށް ކުޑަކޮށްދެއްވާ، އަދި 2 ކޮޓަރީގެ ފްލެޓްތަކުން މިހާރު މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ އަގުން 1000 ރުފިޔާ އުނިކުރެވިގެންދާނެކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި 3 ކޮޓަރީގެ އިތުރުން 2 ކޮޓަރީގެ ފްލެޓްތަކުގެ އެޑްވާންސް ފައިސާގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީވެސް އެ ފްލެޓްތަކުގެ އެއް މަހުގެ ކުއްޔަށްވާ ފައިސާ ކަމުގައި ކަނޑައެޅިފައި އޮންނާނެކަމުގައި ވިދާޅުވިއެވެ.

ކުލީގެ މައްސަލަތަކާ ގުޅިގެން ރައްޔިތުން ފާޅުކުރެއްވި ކަންބޮޑުވުންތައް ސީރިއަސްކަމާއެކު ބައްލަވާދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މަހުން މަހަށް ފައިސާ ދައްކަންޖެހޭ މިންވަރު، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށާ، ރައްޔިތުން އެދިވަޑައިގަތް ގޮތަށް، މަހުން މަހަށް ދައްކަންޖެހޭ މިންވަރާއި، އަގުގެ މައްސަލަވެސް ހައްލުކޮށްދެއްވޭތޯ ބައްލަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފޭސް 2 ގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިގެން ބައެއް ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެއްވިއިރު، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ވަރުގަދަކުރުމަށް، އެޗް.ޑީ.ސީއިން މިހާރުވެސް މަސައްކަތްތަކެއް ފައްޓަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން، ހަމަ އެގޮތުގައި ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށްދެއްވާފައެވެ. އަދި ހުރިހާ ރައްޔިތުން ފާހަގަކުރައްވާ ހުރިހާ ކަމަކީވެސް ސީރިއަސްކަމާއެކު ރިޢާޔަތްކުރައްވާނެ ކަންކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.